بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކަނޑުހުޅުދޫގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރީގައި މިރަށަށް އައިމު، 2008 ވަނަ އަހަރުގެ ތެރޭގައި. އަދި އޭގެކުރީގައި، އަޅުގަނޑު ހަނދާންވާ ގޮތުގައި، 2006 ވަނަ އަހަރުވެސް އަޅުގަނޑުމެން މިރަށަށް އައިން. އަޅުގަނޑުމެން އެދުވަހު ތިބޭފުޅުންނާ ދެއްކި ގިނަގުނަ ވާހަކަތަކާއި އަދި އަޅުގަނޑަށްވީ މިންވަރަކުން މިރަށުގެ ހުރިހާ ގެއަކަށްވެސް ވަދެވޭތޯ އަޅުގަނޑު ބެލިން. ތިބޭފުޅުންގެ ޙާލު އަޙުވާލު އޮޅުންފިލާތޯ އަޅުގަނޑުމެން ދިޔައީ އޭރުއްސުރެ ބަލަމުން. އޭރުގައި އަޅުގަނޑުމެންގެ ބޭނުމަކަށްވެފައި އޮތީ، މި ދިވެހިރާއްޖެ ބަދަލުކުރުން. އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމަށް. އަޅުގަނޑުމެންގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެދިޔުމަށް ކުރާންހުރި ކަންކަމަކީ ކޮބައިތޯ، އަޅުގަނޑުމެން ދެނެގަތުން، ސާފުކުރުން، އޮޅުންފިލުވުން. މިދެންނެވި މޭރުމުން، އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ދިޔައިމު. ވަރަށްގިނަ ގޭގެއަށް ދިޔައިމު. ވަރަށްގިނަ މީހުންނާ ވާހަކަ ދައްކައި ހެދީމު. ވަރަށްގިނަ ބަޙުޘް އަޅުގަނޑުމެން ކުރީމު.
 
އަޅުގަނޑުމެނަށް ސާފުވެފައި ހުރި ޙަޤީޤަތްތަކެއް އެބަހުރި. އަޅުގަނޑުމެނަށް އޭރުއްސުރެ އެނގެމުން އަންނަނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިންމީހަކުންކުރެ އެކަކު ނުވަތަ ތިންބައިކުޅަ އެއްބައި މީހުންނަކީ ނިކަމެތި ފަޤީރުންކަން. އެމީހުންނަކީ އ.ދ. އެ ބުނާ ހައިހޫނުކަމުގެ ރޮނގުގެ ތިރީގައި ތިބި މީހުންކަމާއި، އެމީހުންނަށް ރެޔަކާ ދުވާލެއްގެ މައްޗަށް ދިހަ ބާރަ ރުފިޔާވެސް ނުޖެހޭކަން. ހަމައެހެންމެ، އަޅުގަނޑުމެނަށް ސާފުވެގެން މިހާރުވެސް އެބަދޭ، އަޅުގަނޑުމެން ރާއްޖޭގައި ހުރި ޞިއްޙީ ޚިދްމަތްތައް އެއީ، އަދި އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް އެކަށައެޅިފައި ހުރި ކަންކަމެއް ނޫން.
 
އެކަންކަން ރަނގަޅު ކުރަމުން އަޅުގަނޑުމެންދާއިރުގައި، އަޅުގަނޑުމެނަށް ފާހަގަވާ އެންމެބޮޑު އެއް ޙަޤީޤަތަކީ، މިޤައުމު އަދި ކޮންމެ ޤައުމެއް ކަމުގައިވިޔަސް، ޤައުމެއް ތަރައްޤީ ކުރުމަށް އިޖްތިމާޢީ ރައްކާތެރިކަން، އެޤައުމެއްގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހެޔޭ. އެރައްޔިތުން ފަޤީރުކަމުން ނައްތާލެވިގެން ނޫނިއްޔާ، ނެގިގެން ނޫނިއްޔާ އަޅުގަނޑުމެނަށް، އަޅުގަނޑުމެންގެ ޙަޤީޤީ އިސްކޮޅަށް ހިންދަމާލެވި، ތިމަންނާއަކީ ކަނޑުހުޅުދޫ މީހެކޭ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން މަސައްކަތްކޮށް، ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ކަނޑުހުޅުދޫ ރައްޔިތު މީހާއޭ. އެހެން ބުނެވޭނެ ޤަދަރާއި ޢިއްޒަތާއި ޝަރަފް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އިޖްތިމާޢީ ރައްކާތެރިކަމެއް ރައްޔިތުންނަށް ލިބުނީމާ. މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިދެންނެވި ހިސާބުން. އަޅުގަނޑު މިއަދު އުފާވާ ސަބަބަކީ، މިރަށުގެ 130 ރައްޔިތުން މިހާރުވަނީ މަދަނައިގައި ޖެއްސިފައި. އަދި އެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މާލިއްޔާގައި ރައްކާކުރެވިފައި ހުންނަކަމީ، މި ސަރުކާރަށް، އަޅުގަނޑުމެނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އެއްވެސް ބޭފުޅަކަށް، އާދައިގެ ބޭހަށް، އެންމެ އަސާސީ ޚިދްމަތްތަކަށް އަތްނުފޯރާކަމުން، އެރައްޔިތުން އެކެއް ކައިރިން އަނެކެއް ކައިރިން ބޭސް ސިޓީ ހިފައިގެން ސަލާން ޖަހަމުން ހިނގަން ނުޖެހޭނެ ގޮތެއް ހޯދުން. އަޅުގަނޑު މާލޭގެ ވިޔަފާރިވެރިން ގާތުގައި އަހަން، މިހާރު މީގެ ދެތިން އަހަރު ކުރީގައި ބޭސް ސިޓީ ހިފައިގެން މީހުން އައި މިންވަރަށް، މިހާރުވެސް ސިޓީ ހިފައިގެން އާދޭތޯ. އެ ވިޔަފާރިވެރިން މިހާރު ބުނަނީ، ނޫނެކޭ އެކަމެއް މިހާރު އެވަރަކަށް ނުހިނގައޭ. އަޅުގަނޑަށް ޔަޤީން، މިރަށު ރައްޔިތުންނަށްވެސް އެކަން ސާފުވާނެ. މިތަނުގައިވެސް ބޭސްފަރުވާއަށްޓަކައި މަދަނައިގެ ޚިދްމަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް މިގެންދެވެނީ ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ ދެން އަމާޒަކަށްވާނީ، ހެލްތް ކޯޕަރޭޝަންތައް މެދުވެރިކޮށް، މިތަނުގެ ބޭސް ފިހާރައިން މަދަނައިގެ ޚިދްމަތް ލިބޭނޭގޮތް ހޯދުން. އެކަމަށްޓަކައި އަޅުގަނޑަށްވެސް އެނގޭ، ބޭސް ފިހާރަ އެބަ މާބޮޑުތަނުން ރަނގަޅުވާންޖެހޭނެކަން. އެމަސައްކަތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި 2011 ވަނަ އަހަރު އެނބުރޭނަން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ، ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.
 
އަޅުގަނޑުމެންގެ މިބައްދަލުވުމުގައި އަޅުގަނޑުމެނަށް ފާހަގަކުރަމުން މިގެންދެވޭ ބައެއް ކަންކަމުގެ ތެރޭގައި، އަޅުގަނޑަށް އެބަ ސާފުވޭ، ސީދާ ގޮތުގައި ތިބޭފުޅުންނާ ގުޅުން ހުންނަ ކަންކަން، އަޅުގަނޑުމެނަށް ހިނގައި ނުގޮސްދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރެވޭތޯ މިބަލަނީ، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެނަށް ލިބުމަށް، އެތައް ބައެއްގެ ކަންކަމާ އަޅުގަނޑުމެންގެ ކަންކަމާ ގުޅެން ޖެހޭނެއޭ. އެހެން ނޫނިއްޔާ، އަޅުގަނޑުމެނަށް އަޅުގަނޑުމެން މިއެދޭ ކުރިއެރުން އަޅުގަނޑުމެނަށް އޮންނާނީ ނުލިބިފައޭ.
 
އަޅުގަނޑުމެނަށް އެބަ އެނގޭ، އަބަދުވެސް ހަމަ އޭރުއްސުރެ ފަށައިގެން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކަތަކުގެ ތެރޭގައި، އެބަ ފާހަގަކުރަން، އަޅުގަނޑުމެން އޭރުވެސް އަދި މިހާރުވެސް ފެނޭ، ޢުމުރުން ދޮށީ މީހުންނަށް ކޮންމެހެންވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ވަރަށް ބޭނުންތެރިކަމެކޭ. އަޅުގަނޑުމެން އޭރުވެސް ގަބޫލުކުރަން، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމުގައި، މިއަދުގެ ދޮށީ ޢުމުރުގެ މީހުންގެ ޙިއްޞާއަކީ ވަރަށްބޮޑު ޙިއްޞާއެއް. އަދި އަޅުގަނޑުމެނަށް އަބަދުވެސް އެނގޭ، ދޮށީ ޢުމުރުގެ މީހުން ބިކަޙާލުވީމާ، އަދި ޒުވާނުން އެރައްޔިތުންނާ އަޅާނުލެވޭގޮތްވެސްވީމާ، ދެން ނުކުންނަ އިޖްތިމާޢީ މައްސަލަތަކާއި، އިޤްތިޞާދީ ހަމަނުޖެހުމާއި، މާލީނުހަމަކަން ވަރަށްބޮޑުވެގެންދާކަން. ތަރައްޤީއަށް އެއީ އެޅޭ ބޮޑު ހުރަހެއްގެ ގޮތުގައި އަބަދުވެސް އަޅުގަނޑުމެނަށް ފާހަގަވޭ. މިއަދު އަޅުގަނޑު އުފާވާ ސަބަބަކީ، މިރަށުގެ 26 ރައްޔިތަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ދެމުންދޭތާ މިހާރު ދެއަހަރު ހަމަވެގެން މިދިޔައީ. އެހެންވީމާ، މިރަށަށް ކޮންމެ މަހަކަށް އެބަ އިރާދަކުރައްވައިގެން، ފަންސާސްދެހާސް ރުފިޔާ ސަރުކާރުން އެބަ ހޭދަކުރެވޭ. އެއީ މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ވީހާވެސް ގިނަ ބައެއްގެ ސަލާމަތާއި ރައްކާތެރިކަން، ސަރުކާރުގެ އެހީތެރިކަމާއެކީގައިވެސް ހޯދޭތޯ މަސައްކަތް ކުރުން.
 
ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ރައްޔިތުންނާއި އަދި ޔަތީމު ކުދިންނާ، މިފަރާތްތަކަށް ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަންވެސް ސަރުކާރުން މިގެންދަނީ ފޯރުކޮށްދެމުން. އަޅުގަނޑުމެން ހިތްހަމަޖެހެނީ، މިރަށުން އެޕްރޮގްރާމްގައިވެސް 17 ބޭފުޅަކު ބައިވެރިވެފައިވާކަމުން. އަދި ހަމަ އެހެންވީމާ، އެރައްޔިތުންނަށް މިސަރުކާރުން އެޚިދްމަތް ދެވެމުން ގެންދެވޭކަން.
 
އިޖްތިމާޢީ ރައްކާތެރިކަން ސަރުކާރުން ފޯރުކޮށްދެނީ، އާބާދީގައި އަދި ރައްޔިތެއްގެ ތެރޭގައި ތިބި އެންމެ ނިކަމެތިންނާ އަޅާލެވޭނެ ގޮތް ހޯދުމުގެ ނިޔަތުގައި. އަޅުގަނޑު ގާތަށް ވަރަށްގިނައިން އާދޭ، ރައްޔިތުން އައިސް އަޅުގަނޑު ކައިރީގައި ބުނޭ، ރައީސް، މިރަށުގެ ބޭރު ތޮށްޓާއި އެއްގަމު ތޮށްޓާއި އަދި މިރަށުގެ ސަހަރާއާއި ސަހަރާގެ ވަށާފާރާއި ނުވަތަ މިސްކިތު ވަށާފާރާ، މިހެންގޮސް މިބާވަތުގެ ބައިވަރު ކަންތައްތައް ކުރުމަށް، ވަރަށްގިނައިން ވަރަށްގިނަ ފަހަރަށް އެބަ އެދޭ. ދެން އަޅުގަނޑުމެން އެކަންކަން ސަރުކާރަށްވީ މިންވަރަކުން ކުރަމުންނޭ މިދަނީ. ވަރަށްމަދު ފަހަރެއްގައި އެދެނީ، މިރަށުގެ ރައްޔިތުންނަށް ފަޤީރުކަމުން ސަލާމަތްވެވެން އޮތް ގޮތަކީ ކޮބައިތޯއޭ. އެކަން ކުރަން އަޅުގަނޑުމެން ހަދަންއޮތީ، ކުރަންއޮތީ ކޮންކަމެއް ހެއްޔޭ. އެކަންތައް ހޯދައި، އެކަމަށް އަޅުގަނޑުމެން ޙައްލެއް ހޯދަން އެބަޖެހޭ. އަޅުގަނޑަށް އަބަދުވެސް ގަބޫލުކުރެވިފައި އޮންނަނީ، ނިކަމެތިންގެ ބަސް، ނިކަމެތިންގެ އަޑު ވަރަށް މަދުންނޭ އިވޭނީ. ރަށްރަށުގެ ވެރީންވެސް އަދި ކުރިއަށް ތިއްބަވާ ބޭފުޅުންވެސް ވަރަށްމަދު ފަހަރެއްގައި ނޫނިއްޔާ، މިދަންނަވާ އަޑު، އަޅުގަނޑުމެންނަށް ވަރަށްގިނަ ފަހަރު އޮންނާނީ ނުއިވޭގޮތްވެފައި. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދީ، އެ ރައްޔިތުންނަށް އިޤްތިޞާދީ ޙަރަކާތަށް ނުކުމެވި، އަދި ކުރިއަރައި ދެވޭނެ ގޮތެއް ހޯދުން.
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް ފާހަގަކުރަމުން އެއައި އެއްކަމެއް އެއީ، ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުންނަކީ މަސްވެރިންނޭ. އެމީހުން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ، މި ސަރުކާރުން ކޮށްދޭނެ ކަމެކޭ. އަޅުގަނޑު މިއަދު އުފާވާ ސަބަބަކީ، މަސްވެރިކަން ދޫކޮށްލައި އަދި ވާދަވެރިކަމުގެ ތެރެއަށް މަސްވެރިކަން ދިޔައީމާ، އެކަމުގެ ވިޔަފާރި ގޮސް މިއަދު މިރަށު ރައްޔިތުންނަށް ކިލޯއަކަށް އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ދިހަރުފިޔާ، ނުވަރުފިޔާ ލިބޭނެ. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ކިލޯއެއް ހަމަނުވާ މަހަކަށް ގިނަވެގެން ލިބޭނީ އެއްރުފިޔާ ފަންސާސްލާރި ނުވަތަ ދެރުފިޔާ ނުވަތަ ބައެއްފަހަރަށް އެންމެބޮޑުވެގެންވެސް ފަސްރުފިޔާ. މިއަދު އިރާދަކުރައްވައިގެން، ތިބޭފުޅުންގެ އާމްދަނީ ތިހިރީ ދެގުނަވެފައި. އެ މަސްވެރިކަމުގެ ރޯދިވެސް، އޭގެ ހަމަ އަގު ހޯދުމަށްޓަކައި އަޅުގަނޑުމެން މިޖެހެނީ ސިޔާސަތަށް ބަދަލުގެންނަން. މިމަސައްކަތް މިހާރު ސަރުކާރުން ހިންގަމުންދާތާ ދުވަސްތަކެއްވެއްޖެ. އަޅުގަނޑު މިދެކެނީ އަދިވެސް ވާދަވެރިވެގެން ދިޔައިމާ، މަހުގެ އަގު އުފުލި، މިހާރަށްވުރެވެސް ރަނގަޅު އަގު އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ލިބޭނެއޭ. އަޅުގަނޑުމެންގެ ބޭނުމަކީ، ތިބޭފުޅުންގެ ޢާންމު ޙާލަތު ރަނގަޅުވުން. އަޅުގަނޑުމެން މިއެދެނީ، ތިބޭފުޅުންގެ ޖީބަށް މިއަދު ވަންނަ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ވަންނާނެ ގޮތެއް ހޯދުން.
 
އިންސާނާ ތަރައްޤީވެގެން ނޫނިއްޔާ، އަޅުގަނޑުމެނަށް ތަންދޮރުފިލައިގެން ނޫނިއްޔާ އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެނަކަށޭއް ނުލިބޭނެ. އަޅުގަނޑުމެން ތަރައްޤީވާން މިޖެހެނީ. ޢިމާރާތްތަކެއްވެސް ނޫން، ރަށެއްވެސް ނޫން، އަތޮޅެއްވެސް ނޫން، ރާއްޖެއެއްވެސް ނޫން. ތަރައްޤީވާން މިޖެހެނީ، ސީދާ ތިމާ. އެކަން ތިމާ ކުރާންވީ. އެކަން ކުރުމަށްޓަކައި ހަމަގައިމުވެސް ތިމާއަށް އެންމެބޮޑު އަދި ސަރުކާރުން އެކަމަށް ކުރާން އޮތް އެންމެ މުހިންމު އެއްކަމަކީ، ރަނގަޅު ތަޢްލީމެއް ދަރިންނަށް ދެވޭނެ ގޮތެއް ހޯދައިދިނުން. އެހެންވީމާ، އެއްދަންފަޅިއަށް މަދްރަސާތައް ބަދަލުކުރުމަށް ސަރުކާރުން ފަށައިގަތީ. އަދި ދަރިވަރުންނަށް ވަށާޖެހޭ ތަޢްލީމެއް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން ފެށީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިހާރު ސަރުކާރުން ހަދަމުންމިދާ މިރަށުގެ ސްކޫލްގެ އިތުރު ކްލާސްތައް ނިމުނީމާ، މި މަދްރަސާވެސް އެއްދަންފަޅިއަށް ބަދަލުވެގެން އިރާދަކުރެއްވިއްޔާ ދާނެ.
 
އަދި އޭގެއިތުރަށް އަޅުގަނޑުމެން ހިތްހަމަޖެހޭކަމަކީ، 2010 ވަނަ އަހަރު މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ހޯދައިދިނުމަށް އެއްލައްކަ އެއްހާސް ހަތަރުސަތޭކަ ހަތްދިހަ ތިންރުފިޔާ، ސަރުކާރަށް ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބި އުފާވާ ކަމެއް. އަދި ހަމައެހެންމެ، އިމްތިޙާންތަކުގައި ބައިވެރިވުމަށް ސަރުކާރުން ސާޅީސްތިންހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީވެސް މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެނަށް އުންމީދު އާވާކަމެއް. ތަޢްލީމީ އެކިއެކި ކަންކަމަށް ގެނެވުނު ބައެއް ބަދަލުތަކުގެ ނަތީޖާވެސް އެހާމެ ރަނގަޅު. އަދި ޚާއްޞަކޮށް، މިރަށުގައި ވަރަށްބޮޑުތަނުން ރަނގަޅުވެފައި އޮތީ. ކަނޑުހުޅުދޫގައި 5 މާއްދާއިން ފާސްވި ކުދިންގެ ޢަދަދު، 28 ޕަސެންޓަށް 2010 ވަނަ އަހަރު، 2009 ވަނަ އަހަރާ އަޅާބަލާއިރު މައްޗަށް ގޮސްފައިވަނީ. އެކަމަށް ތިބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން ބޭނުން. އަދި މިދެންނެވި ނަތީޖާ ތިބޭފުޅުން ނެރުއްވަމުން ގެންދަވާތީ، ސަރުކާރުން އެކަން ފާހަގަނުކޮށް، އެކަމާ އަޅާނުލައެއްވެސް އިރާދަކުރެއްވިއްޔާ ނުތިބޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ މަދްރަސާ ތަރައްޤީވުން. މިރަށުގެ ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއް ދެވޭނެގޮތް، ލިބޭނެގޮތް ހޯދުން.
 
އަޅުގަނޑުމެނަށް މިރަށުގެ ތަރައްޤީއަށްޓަކައި ދެން ކުރާންހުރި ކިތަންމެކިތަންމެ ކަމެއް ވަރަށް ބޮޑަށް ސާފު. އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ފަސޭހަ ގޮތުގައި ދަތުރުކުރެވޭނެ ގޮތް އިންތިޒާމް ކޮށްފައި އޮތުމަކީވެސް އެހާމެ ބޭނުންތެރި ކަމެއް. މިވަގުތު ތިބޭފުޅުންނަށް ދެވޭ ޚިދްމަތް، މިއަތޮޅުގައި ވަރަށް އާދައިގެ. ސަރުކާރުން ރާވާފައި އޮތީ 7 އަހަރު ދުވަހުގެ ތެރޭގައި، މީގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް ނިންމުން. ފުރަތަމަ ދެއަހަރު އަސާސީ ޚިދްމަތްތައްދޭން ފެށުން. އަޅުގަނޑުމެނަށް މިހާރު މި އަސާސީ ޚިދްމަތް މިރަށުގައި ކޮންމެވެސް ވަރަކަށް ދެމުން އެބަދޭ. އެހެން ނަމަވެސް، އެއީކީ އެއްވެސް ހާލެއްގައި މިކަން ރަނގަޅަށް ކުރިއަށްދާއިރުގައި މިކަން އޮންނާނެ މަގެއް ނޫން. އޮންނާނެ ގޮތެއްވެސް ނޫން. ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ، ވިޔަފާރި ކުރިނާރުވައެއް. ވިޔަފާރި ކުރިއަރާނީ، ފަސިންޖަރުންނާއި މުދާ، އެއްތަނުން އަނެއް ތަނަށް ބަދަލުވީމާ. އެހެންވީމާ، އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި އަދި އިތުރަށް ދަތުރުފަތުރުކުރުމުގެ ނިޒާމް ހަރުދަނާ ކުރާނެ، ފުޅާކުރާނެ. މިތަނަށް ބޯޓްފަހަރު، ދޯނިފަހަރު، ފެރީ އަންނަ ޢަދަދު ކިތަންމެ ތަނަކުން އިތުރުވެގެންދާނެ.
 
އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރާ އެއް ޙަޤީޤަތަކީ، ތަރައްޤީއަށް އޮތް އެންމެ މުހިންމު އެއްކަމަކީ، ރައްޔިތު މީހާ ދޫކޮށްލުން. އޭނާ ނުހިފެހެއްޓުމޭ، އޭނާ ބިރުނުގެންނެވުމޭ، އޭނާއަށް އަނިޔާ ނުކުރުމޭ. އަދި އޭނާއަށް ޖާގަދީފައި އޮތުމޭ. އޭނާއަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައި ބޭއްވުމޭ. އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައި ބޭއްވުމޭ. އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތުވެސް ފަހިވެފައި އޮތުމޭ. އިންސާނާ ދޫވެގެން ނޫނިއްޔާ، އިންސާނާއަކަށް ތަރައްޤީއެއް ނުހޯދޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް މަޝްރޫޢަކީ، އަބަދުވެސް ޑިމޮކްރަސީ. އިންސާނީ ޙައްޤު. އަދި އަސާސީ ޙައްޤުތައް. އަޅުގަނޑުމެނަށް ބައެއްފަހަރަށް ހަމަ މިކަން ރަނގަޅަށް ސާފުނުވެދޭ. ރަނގަޅު ނަރުދަމައެއް އެޅުމަށްވެސް، ރަނގަޅު ހޮސްޕިޓަލެއް އެޅުމަށްވެސް ބޭނުންވަނީ ރަނގަޅު ވެރިކަމުގެ ނިޒާމެއް. ދެފުށް ފެންނަ ގޮތަށް އަދި އިންޞާފުވެރިކަމާއި، އެދުންވެރިކަމާއެކީގައި ކަންކަން ކުރެވޭނެ ފުރިހަމަ ވެރިކަމުގެ ނިޒާމެއް. އެންމެ ފުރިހަމަ ނިޒާމެއް އެއްވެސް ބަޔަކަށެއް ނުހޯދޭނެ.
 
އަޅުގަނޑުމެން އެދޭ މިންވަރާއި އަޅުގަނޑުމެންނަށް ލިބޭ މިންވަރާ ދެމެދުގެ ފަރަޤަކީ އަބަދުވެސް އަޅުގަނޑުމެން ހިތްހަމަނުޖެހޭ ފަރަޤެއް. އަދި ލިބޭ މިންވަރަށް އަޅުގަނޑުމެންގެ އީމާންތެރިކަން ނެތްކަން. އަބަދުވެސް އަޅުގަނޑުމެނަކީ އިންސާނުންކަން އަޅުގަނޑުމެނަށް ހަނދާންވާ އަނެއް ކަންތައް. އަޅުގަނޑުމެނަށް ލިބުނު މިންވަރަކުން، ވީ މިންވަރަކުން އަޅުގަނޑުމެން ޖެހޭނީ، އަޅުގަނޑުމެންގެ ކަންކަން ރަނގަޅު ކުރަމުން ގެންދަން. އަޅުގަނޑު އުފާވޭ، ފެބްރުއަރީ 5 ވަނަ ދުވަހު މިރަށުގައިވެސް މިއުފެދޭ ލޯކަލް ކައުންސިލް އެއީ ރައްޔިތުންގެ ގާތުން، ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުމާ އެއްގޮތަށް، ރައްޔިތުންގެ ވެރިކަމެއް ކުރުމަށް އެޅޭ ބިންގަލެއް. މިފަހަރު އެބިންގާ އެޅުމަށްފަހު، ސަރުކާރަކަށް އަދިއެއް ނެތް، އަތްދޫކޮށްލެވޭކަށް. ސަރުކާރުގެ މަސްއޫލިއްޔަތެއް އެއީ، އަޅުގަނޑުމެން އެ ކައުންސިލް ވަރުގަދަ ކުރަމުން ގެންދިޔުން. ހަރުދަނާ ކުރަމުން ގެންދިޔުން. އެމަސްއޫލިއްޔަތު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަދާކުރާނަން. އަޅުގަނޑުގެ އުންމީދަކީ، މިރަށުގެ ކައުންސިލް މެދުވެރިކޮށްގެން، މިރަށުގެ ތަރައްޤީގެ މަޝްރޫޢުތައް، ތަރައްޤީގެ މަސައްކަތްތައް ބާރަށް ކުރިޔަށްދާނެ މަގު އަޅުގަނޑުމެނަށް ފެނުން.
 
އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ ތިޔަބޭފުޅުންނަށާއި އަޅުގަނޑުމެން އެންމެނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________