بســماللّـهالرّحمـنالرّحيــم

  
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ދައުލަތުގެ ވަޒީރުން. މާލޭ މުނިސިޕަލްޓީގެ ރައީސް. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި އެހެންވެސް މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.
 
السّـلام عليـكم
 
ބޯހިޔާވަހިކަމުގެ ދަތިކަމަކީ، ރާއްޖޭގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ތަޙައްމަލް ކުރަމުން އަންނަ އުނދަގުލެއް. ދައްޗެއް. މާލޭގައި ޚާއްޞަކޮށް، މިކަން ބޮޑުވެފައި އޮތް މިންވަރު، އަޅުގަނޑަށް ފެންނަ ފެނުމުގައި، އިތުރަށް އަޅުގަނޑުމެން ފާހަގަކޮށްދޭކަށް ނުޖެހޭ. މާލޭގެ ތޮއްޖެހުމަށް ޙައްލެއް ގެނައުމަށް ކުރެވޭންހުރި ކަންކަމަކީ ކޮބައިތޯ، އަޅުގަނޑުމެން ވިސްނަމުން ގެންދިޔައިން. އެކަމާ ގުޅޭގޮތުން މާލޭގެ އެތައްއެތައް ރައްޔިތުންނަކާ ވާހަކަ ދައްކައި މަޝްވަރާކޮށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެތައް ޒަމާނެއް ވަންދެން އޮތީ ހަދާފައި. އެއަށްފަހު، އަޅުގަނޑުމެނަށް މިކަމަށް ޙައްލެއް ގެނައުމަށް އެކުލަވައިލާނޭ ސިޔާސަތުތަކެއް ކަނޑައެޅުނު. އެ ސިޔާސަތުތައް ހިންގުމުގެ މަރްޙަލާތަކަކަށްފަހު، މިއަދު އިރާދަކުރައްވައިގެން، އަޅުގަނޑުމެނަށް މި ކުރިމަތިލެވެނީ، ޢަމަލީ ގޮތުން މިމަސައްކަތް ކުރެވޭނެ ގޮތަކަށް.
 
މަސައްކަތް ރޭވިފައި އޮތް ގޮތުން، އެނގިވަޑައިގަންނަވާނެ، ފުރަތަމަ ފިޔަވަހީގައި ހިނގާނޭ އެންމެ މުހިންމު އެއްމަސައްކަތަކީ، މާލޭގެ ރައްޔިތުންގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މާލެއިން ބިންކޮޅެއް ދޫކޮށްލުމަށް އެއްބަސްވެލައްވާ ރައްޔިތުންނަށް ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިދިނުމުގެ ފުރްޞަތު ސަރުކާރުން މިދެނީ. މީގައި އަޅުގަނޑުމެންނަށްވެސް، ސަރުކާރަށްވެސް ވަރަށް ސާފު. އަދި ހަމަ މާލޭގައި ދިރިއުޅޭ އެހެން ކިތަންމެ ބައެއް އެބައުޅޭ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ. އެއްގޮތަކަށްވެސް ސަރުކާރުން އެފަރާތްތަކުގެ، އެބޭފުޅުންގެ މަތިން ހަނދާން ނެތުނީކީއެއް ނޫން. މި ފިޔަވަހި ހިނގަމުންދާއިރުގައި، ދެން އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނީ، ހަމަ މާލޭގައި ދިރިއުޅޭ އެންމެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމެއް ބޭނުންވާ ރައްޔިތުންނަށް ގޯތިގެދޮރުގެ ފުރްޞަތު ފޯރުކޮށްދިނުން.
 
އެނގިވަޑައިގަންނަވާނެ، މިހާރު ހުޅުމާލޭގައި އެއްހާސް ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އަދި މާލޭގައި ފައްސަތޭކަ ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތުގެ އެކިއެކި މަރްޙަލާގައި އަޅުގަނޑުމެން މިއުޅެނީ. ހަމަ އޭގެއިތުރުން، ގުޅީފަޅު ތަރައްޤީ ކުރެއްވުމަށް މިހާރު މިދަނީ ވަރަށް ބާރު ސްޕީޑެއްގައި. ހަމަ ހުޅުމާލޭގައި އަދި މިދެންނެވި އެއްހާސް ފްލެޓްގެ އިތުރުން، ޕެރުކްސާއިން އަޅަމުން އަންނަ އެތައް ފްލެޓެއް އަދި އެބަވޭ. އޭގެ ފުރަތަމަ ފިޔަވަހީގައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ހަތްސަތޭކަ ފަންސާސް ފްލެޓް، ހައުސިންގ ޔުނިޓް ހިމެނޭނެ. އަޅުގަނޑުމެން އަމާޒުކުރި ދިހަހާސް ހައުސިންގ ޔުނިޓް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަޅައި ނިންމޭނެ. މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ސާފުކޮށް އެތަން.
 
މާލޭގެ ތޮއްޖެހުމަށް ޙައްލެއް ގެނައުމަށް އަޅުގަނޑުމެން އާ ވިސްނުމަކާ އެކީގައި ނުކުންނައިރު، އަޅުގަނޑަށްވެސް ހަމަ ފެނޭ، ކިތަންމެ ގޮންޖެހުމަކާވެސް ކުރިމަތިލާން ޖެހިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން މިދެކެނީ، މިމަގުން ހިނގާފައި ގޮސް، މާލެ ކިތަންމެ ތަނަކުން ލުއިކުރެވިދާނެއޭ. މާލެއަށް ބާރުބޮޑުވެފައި އޮތް އޮތުން، އެތައް ދަރަޖައަކަށް ފަސޭހަ ކުރެވިދާނެއޭ. އަޅުގަނޑުމެންނަށް ވަރަށްބޮޑު ޔަޤީންކަމަކާއެކު އަދި ކަރުދާހުގައި މިކަމާ ގުޅޭގޮތުން ކުރަހާންޖެހޭ ހުރިހާ ކުރެހުމެއް ކުރެހުމަށްފަހު، ޓެކްނިކަލް ކޮމިޓީތަކުންނާއި، ކަމާބެހޭ މާހިރުންނާއި އަދި އެންމެ ވިސްނުންތެރިންނާއެކުގައި ވަރަށްގިނަ މަޝްވަރާ ކުރުމަށްފަހުގައި، އަޅުގަނޑުމެންނަށް މި ޕްރޮގްރާމް އެކުލަވައިލެވިފައި މިއޮތީ.
 
މި ޕްރޮގްރާމް އެކުލަވައިލެވި ހިނގަމުންދާއިރުގައިވެސް، އަޅުގަނޑު އަބަދުވެސް ދެކެނީ، މާލެއަށް ޙައްލެއް ގެނައުމަށް އޮތް ހުރިހާ ގޮތަކުން އެންމެ ރަނގަޅު އެއްވެސް ގޮތެއްނެތޭ. މިކަން މާލޭގެ ތޮއްޖެހުމާއި، މާލޭގެ މައްސަލަތައް ހައްދުފަހަނަޅާފައި ހުރި މިންވަރަކީ، އަޅުގަނޑުމެންނަށް ކުރެވޭނީ އެންމެ ރަނގަޅު ކަންތައް. އެއީ، އަދި ސަތޭކައިން ސަތޭކަ އެންމެ ފުރިހަމަ ކަންކަމަށް ނުވެދާނެ. އެހެން ނަމަވެސް، ކުރެވޭންހުރި ކަންތައްތަކުގެ ތެރެއިން ސަރުކާރުން ހިންގަން މި ނިންމަނީ، ކުރެވެން އޮތް އެންމެ ރަނގަޅު ކަންތައް. މިކަންތައް އަޅުގަނޑުމެން ކުރީމާ، އަޅުގަނޑުމެން މިދެކެނީ، މާލޭގެ ބިމުން އެތައް ޖާގައެއް، މި އުންމީދު ކުރަނީ، އެންމެ މަދުވެގެން ތިން ހަތަރު ހެކްޓަރގެ ޖާގަ، މާލޭގެ ބިމުން ހުސްކުރެވޭނެ ކަމަށް. އެ ހުސްކުރެވުނީމާ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތަނަވަސްކަމެއް ހޯދައިދެވޭނެ ކަމަށް.
 
މާލޭގެ އިތުރުން ހަމަ ތޮއްޖެހިފައި ހުރި ރާއްޖޭގެ ކިތަންމެ ރަށެއް އެބަހުރި. އެނގިވަޑައިގަންނަވާނެ،       މިއަހަރުގެ ތެރޭގައި، މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުން 7 ރަށެއްގައި ބިން ބޮޑުކޮށްފި. ދިއްގަރުގައި، މަޑުއްވަރީގައި، އޭގެއިތުރުން ތިމަރަފުށީގައި. އަދި އޭގެއިތުރުން އެނގިވަޑައިގަންނަވާނެ، 4 ރަށުގައި. އެއީ ހިންނަވަރާއި، ތުޅާދުއާއި، ދިއްދުއާއި، ވެލިދޫ. އަދި އޭގެއިތުރުން ކުޅުދުއްފުށި. މިއިން ކޮންމެ ރަށަކީވެސް ބައްލަވައިފިނަމަ، ވަރަށް ބައިބޯ އަދި ވަރަށް ބޮޑަށް ތޮއްޖެހިފައި ހުރި ރަށްރަށް. އެރަށްރަށުގެ ރައްޔިތުންނަށް މި ތޮއްޖެހުމުން ސަލާމަތްވެވޭނެ، ބިމުގެ މުއްސަނދިކަމެއް ފޯރުކޮށްދެވޭނެ ގޮތްތަކަކަށް ސަރުކާރުގެ ސިޔާސަތު، މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔައިން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، މިދެންނެވި ރަށްރަށުގައިވެސް، އެރަށްރަށުގެ ވެށި މިހާރަށްވުރެ ތާޒާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ހިންގާނެ.
 
އަޅުގަނޑުމެންގެ މި ޕްރޮގްރާމަކީ، އަޅުގަނޑުމެން ވަރަށް އުންމީދާއެކީގައި ފަށާ ޕްރޮގްރާމެއް. އަޅުގަނޑުމެންނަށް ވަރަށްބޮޑު އުފާވެރިކަމެއް ލިބެނީ، ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބެނީ، މާލޭގެ މައްސަލަތަކަށް އަޅުގަނޑުމެންނަށް ޙައްލެއް ހޯދޭ މަގު ފެންނާތީ. އަދި އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ އެންމެބޮޑު އެއްކަމަކީ، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް، އަޅުގަނޑުމެންނަށް ފުރިހަމައަށް ފުއްދެމުން ގެންދެވޭކަން.                  
 
އަޅުގަނޑުގެ އުންމީދަކީ، މިއަދަށްވުރެ އަދި މާ ފާގަތި، ފަހި މާލެއެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
 والحمد للّـه.والسّـلام عليـكم