بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހޯމްއެފެއާރޒް އޮނަރަބްލް ޙަސަން ޢަފީފް، އުތުރު ޕޮރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި އެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، ނައިވާދޫ ކައުންސެލަރ، ނައިވާދޫ ކަތީބު އަދި ނައިވާދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން:
 
السّـلام عليـكم
 
އަޅުގަނޑު މީގެ ކުރީގައި، އަޅުގަނޑުމެންގެ ސަރުކާރުން ބައެއް ވާހަކަތަކެއް ތަކުރާރުކޮށް ދައްކަމުން ގެންދިޔައިން. އަޅުގަނޑަށް ފެންނަ ފެނުމުގައި އަލުން އަނބުރައި ނައިވާދޫގައި މިވާހަކަ ދައްކާލުމަކީ އަދި ވަރަށް މުހިންމުކަމެއް. އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަ ކުރެވިފައިއޮތް، ޤައުމެއް ތަރައްޤީވުމަށް، ރައްޔިތެއްގެ ޙާލަތު އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަށް، އަޅުގަނޑުމެންގެ އާމްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ ދިއުމަށް، ވަކި ޚާއްޞަ ކަންތައްތަކެއް ވަކިގޮތަކަށް އެބަ އަޅުގަނޑުމެން ހިންގާންޖެހެއޭ. އޭގެތެރޭގައި އެންމެބޮޑަށް ފާހަގަވެފައި މިއޮތްކަމަކީ ރައްޔިތުންގެފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ރުހުމާ، ރައްޔިތުންގެ އިޙްސާސްތަކާއެކީގައި ރައްޔިތުންގެ ވެރިކަމެއް ކުރެވޭނޭ އިންތިޒާމެއް އެބަ ހޯދަންޖެހެއޭ. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުމަށް، އަޅުގަނޑުމެގެ ޖީބަށްވަންނަ އެއްޗެއް ދުވަހުންދުވަހަށް، މަހުންމަހަށް އިތުރުވެދިއުމަށް އަޅުގަނޑުމެންގެ ރަށް، އަޅުގަނޑުމެންގެ އަތޮޅު، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވެދިއުމަށް އަޅުގަނޑުމެން އެބަ ހުޅުވާލެވެންޖެހެއޭ. އަޅުގަނޑުމެންގެ ވިސްނުން އެބަ އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް، އަތޮޅުދުނިންވެސް ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އެބަގެންދާންޖެހެއޭ.
 
ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތު ހުރިހާ އެންމެންނަށްވެސް އެބަ އޮންނާންޖެހެއޭ. ޝުޢޫރު ފާޅުކުރުމުގެ ފުރްޞަތު ހުރިހާ ފަރާތަކަށްވެސް އެބަ ލިބެންޖެހެއޭ. އެއްވެއުޅުމުގެ ޙައްޤު އެއީ، އަސާސީ ޙައްޤެއްގެ ގޮތުގައި ރައްޔިތުންނަށް އެބަ މިލްކުކޮށްދޭން ޖެހެއޭ. މި އެންމެ ކަންތައްތައް ފުރިހަމަކުރަމުންދާއިރުގައި ކޮންމެ ނިޒާމެއްގެވެސް ހަމަ އެންމެބޮޑު ބޭނުމަކީ، އެނިޒާމެއް މެދުވެރިކޮށްގެން ހެޔޮގޮތުގައި ވެރިކަންކުރެވި ރައްޔިތުންނަށް އޭގެފައިދާ ލިބުން. ރައްޔިތުންނަށް ފައިދާލިބޭ ވެރިކަމުގެނިޒާމު، އިންސާނީ ތަޖުރިބާ ދައްކާފައިއޮތް ރަނގަޅު ނިޒާމެއް އެއީ، ޑިމޮކްރަސީގެ ނިޒާމް.
 
 އަޅުގަނޑުމެން މިހާރު ޤާއިމުކުރަންވެފައި މިއޮތީ މީގެ އެންމެ މުހިންމު އެއް އަސާސް. އެއީ، ރަށުދަރަޖައިގެ ކައުންސިލްތައް. އިރާދަކުރެއްވިއްޔާ ފެބްރުއަރީ ފަސްވަނަދުވަހު މިދެންނެވި ކައުންސިލްތަކުގެ އިންތިޚާބު ބޭއްވި، މިކައުންސިލްގެ ބިންގާ އެޅޭނެ. ރަށުގެ ތަރައްޤީ ކުރިޔަށްގެންދެވޭނީ މިކައުންސިލްތައް މެދުވެރިކޮށްގެން. ސަރުކާރަކަށް އަދި ޚާއްޞަކޮށް މިސަރުކާރަކަށެއްނެތް، ކައުންސިލް އިންތިޚާބުވުމުން ހަމަވެގެން އަތް ދޫކޮށްލެވޭކަށް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް، އަޅުގަނޑުމެންގެ ވާޖިބެއް އެއީ، އެ މުއައްސަސާ، އުފެދޭ ކައުންސިލް މެދުވެރިކޮށްގެން މިރަށުގެ ނައިވާދޫގެ ތަރައްޤީ ނައިވާދޫ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ އެކަން. އެކަން އެގޮތަށް ކުރުމަށް. އެހެންވީމާ، މިފަހަރުގެ ބަޖެޓު ސަރުކާރުން އެކުލަވާލިއިރު ކުރީފަހަރުތަކާ ޚިލާފަށް ރަށްރަށަށް ކަނޑައެޅިފައިހުރި ފައިސާގެ އަދަދު އެތައްއެތައް ގުނައަކުން އިތުރުވާނެ.
 
މީގެކުރީގައި މިސާލަކަށް، މިރަށުގެ މުސާރައާ އެންމެހާ ކަންކަމަށް ޚަރަދުކުރެވިފައި އޮންނާނީ ތިންހަތަރު މިލިއަނެއްހާ ރުފިޔާ. އިރާދަކުރެއްވިއްޔާ މިފަހަރުގެ ބަޖެޓުގައި އަޅުގަނޑުމެންނަށް އެބައޮތް އޭގެ ދެގުނަ ކުރެވިފައި. އަދި އޭގެ އިތުރުން ބައެއް ޕްރޮގްރާމްތައް ހިންގުމާ މިފަދަ ކަންކަންވެސް ކައުންސިލް މެދުވެރިކޮށް ހިންގޭނެ އުސޫލުތައް ހުންނާނީ ކަނޑައެޅިފައި. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ ކައުންސިލުން އަޅުގަނޑުމެން ބޭނުންވާ ކަންކަން ފުރިހަމަވާނެ އުސޫލުތަކެއް ލިބުން. އެއީ ރަށުގެ ބޯޅަކުޅޭ ދަނޑު ކަމުގައިވިޔަސް، އެއީ ރަށުގެ ސަހަރާއެއްގެ ވަށާފާރު ކަމުގައިވިޔަސް އަދި އެއީ، މަދަރުސާއެއްގައި އިތުރަށް ކްލާސްރޫމްބަރި ޢިމާރާތްކުރުން ކަމުގައިވިޔަސް އަދި މިހެންގޮސް މިބާވަތުގެ ޢުމްރާނީ ކޮންމެކަމެއް ކަމުގައި ވިޔަސްވެސް އަދި އޖްތިމާޢީކަމެއް ކަމުގައި ވިޔަސްވެސް، އިޤްތިޞާދީ ކަމެއް ކަމުގައި ވިޔަސްވެސް މިދަންނަވާ ކައުންސިލް މެދުވެރިކޮށް ހިންގޭންހުރި ކަންކަން ވަރަށްގިނަވާނެ. ސަރުކާރަށްވެސް ސީދާ އިތުބާރާއެކީގައި ރައްޔިތުންގެފަރާތުން ވަކާލާތުކުރާ ބައެއް. އޮޅުމެއްނުވާގޮތުގައި ސަރުކާރަށް އެބަޔަކާއެކީގައި ސާފުކޮށް މަސައްކަތްކުރަން ލިބުނީމާ ސަރުކާރަށް ހިންގޭންހުރި ކަންތައްތައްވެސް ގިނަވާނެ. އަދި ރައްޔިތުންނަށް ލިބޭފައިދާވެސް ބޮޑުވާނެ.
 
މިސަރުކާރު ދެމި މި އޮންނަނީ އަޅުގަނޑު އަބަދުވެސް ބުނަން ހަމަ އެންމެ ބޭނުމަކަށޭ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށޭ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތްކުރުމަށޭ. މިސަރުކާރުން ވެފައިވާ ވަޢުދުތަކުގެތެރޭގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ތަރައްޤިއަށް އެންމެބޮޑަށް ބާރުއަޅައިދޭ އެއްކަމަކީ، ރައްޔިތުން ބޭސް ސިޓީއަށް ނުވަތަ ރައްޔިތުންގެ ޞިއްޙީ ކަންކަން ކުރިއެރުވިފައިނެތުމާއި، އިޖްތިމާޢީ ރައްކާތެރިކަމެއް ރައްޔިތުންނަށް ލިބިފައިނެތުން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައި ވަރަށްގިނަ މަޢުލޫމާތު އެއްކުރީމު. 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް، 2008 ވަނަ އަހަރުވެސް ގެއިންގެއަށް، ދޮރުންދޮރަށް އަޅުގަނޑުމެން ހިނގައި އަޅުގަނޑުމެން މަޢުލޫމާތު ހޯދައިހެދީމު. ސަރުކާރަށް ސާފުވާ އެއް ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ ނިކަމެތި ފަޤީރުންނޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ތިން މީހުންކުރެ އެކަކީ އެމީހަކަށް ދުވާލެއްގެމައްޗަށް 10 ރުފިޔާވެސް ނުލިބޭ ، އަދި އޭނާގެ އަމިއްލަ ކަންކަން އޭނާއަށް ޙައްލު ނުކުރެވޭ، އޭނާއަށް ނުފުއްދޭފަދަ ނިކަމެތިންނޭ.
 
އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް އަބަދުވެސް މިހުރީ، މިހާރަށްވުރެ މާބޮޑުތަނުން ރަނގަޅުކުރާން ވެފައިކަން. މިދިޔަ 30 އަހަރުވެސް މިދިޔަ ދެއަހަރުވެސް، ހެލްތް ސެންޓަރުތައްވެސް، ހެލްތް ޕޯސްޓްތައްވެސް، އަތޮޅު ހޮސްޕިޓާތައްވެސް، ސަރަޙައްދީ ހޮސްޕިޓާތައްވެސް އަދި މާލޭގެ ހޮސްޕިޓާތައްވެސް މިއޮތީ ކިތަންމެތަނަކުން ފުރިހަމަކުރާންވެފައި. އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތެއް. މިދެންނެވި ފުރިހަމަކުރުމުގެ މަސައްކަތް މިހެން ކުރަމުންދާއިރުގައި އަޅުގަނޑުމެންނަށް އެނގިފައި މިއޮތް އަނެއް ޙަޤީޤަތަކީ މިރާއްޖޭގެ އާބާދީ ކޮންމެ ތިންމީހުންކުރެ އެކަކަށް މިދެންނެވި ކަމުނުދާ ޚިދްމަތަށްވެސް އަތް ނުފޯރައޭ. ރާއްޖޭގެ އެއްލައްކަ މީހުންނަށް ބޭސްފަރުވާއަށް ސަލާންޖަހަން ޖެހިފައި އޮތް މިންވަރު، މިދިޔައީ 2008 އާ ހަމައަށް ޖެހުނުއިރު ވަރަށްބޮޑުތަނުން ބޮޑުވެފައޭ. އެހެންވެގެން، މިސަރުކާރުން މަދަނައިގެ ވިއުގަ އުފެއްދީ. އަޅުގަނޑު އުފާވާ ކަމަކީ، މިރަށުގެ، ނައިވާދޫގެ 136 ރައްޔިތަކު މިހާރުވަނީ މި މަދަނައިގެ ޚިދްމަތުގައި ބައިވެރިވެފައި. އެހެންވީމާ، މިރަށުގެ މިދެންނެވި     136 މީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ބަލިވީމާ އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކޮށްދެވޭނެ. އެހެންވީމާ، ސަރުކާރަށްލިބޭ ހިތްހަމަޖެހުން އެއީ، 13 މިލިޔަން ރުފިޔާ މިކަމަށް އެއްކައިރި ކުރެވިފައި އޮތްކަން. އަޅުގަނޑުމެންގެ ސަރުކާރުގެ ބޭނުމަކީ، މިރަށުގެ ހުރިހާ އެންމެންނަށް މިދެންނެވި ޚިދްމަތް ފޯރުކޮށްދިނުން. މަދަނައިގެ ޚިދްމަތް މަދަނައިގައި ހުރިހާ ބޭފުޅުންވެސް ރަޖިސްޓަރީވާނެ އިންތިޒާމެއް، އުސޫލެއް ހަމަޖެއްސުން. އަދި ހުރިހާ ރައްޔިތުންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.
 
މި ސަރުކާރުގެ ވަރަށްބޮޑު ވަޢުދެއް އެއީ، އަދި އަޅުގަނޑުމެން ވަރަށްބޮޑަށް ކުރާން ބޭނުންވެފައި އޮތްކަމެއް އެއީ، ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނަށް ކުރީގައި އެ އަޅާލެވޭ މިންވަރަށްވުރެބޮޑަށް އަޅާލެވޭނެ ގޮތެއް ހޯދުން. މީގައި، މިކަން މިހެން ކުރުމުގައި ދެސަބަބެއް ސަރުކާރަށް ފެނޭ. ފުރަތަމަ ވަރަށް މުހިންމު ސަބަބަކީ، މި ސަރުކާރަށްވެސް އަދި އަޅުގަނޑު ތަމްސީލުކުރާ ޕާޓީއަށްވެސް، ނިސްބަތްވާ ޕާޓީއަށްވެސް، ރާއްޖޭގައި ޕެންޝަނެއް ޙައްޤީ ކޮންބަޔަކަށްތޯ އަޅުގަނޑުމެން ފިކުރުކުރާއިރު، އެ ޕެންޝަން ޙައްޤުކަމަކަށް އަޅުގަނޑުމެންނަކަށެއް ނުފެނޭ، އެއީ، ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ޙައްޤުވާ އެއްޗެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް މިރާއްޖެ މިގޮތަށް ލިބިފައި މިއޮތީ، މީގެކުރީގެ ޖީލުތަކުގައި، މީގެކުރީގައި އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން ކިތަންމެ މަސައްކަތެއް ކުރީތީވެ. އެމީހުން މަހަށް، ފަރަށް، ހޮޅަށް ފުރީތީވެ، އެމީހުން ގާނެގީތީވެ، އެމީހުން ރޭނީތިވެ، ވަޑާން ކުރީތީވެ، ރެޒޯޓުފަހަރު ހެދީތީވެ. އެމީހުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާތީވެ.
 
އެހެންވީމާ، މިއަދު ރާއްޖޭގައި ޕެންޝަނެއް ޙައްޤީ ކޮންބަޔަކަށްތޯ ވިސްނާއިރުގައި ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް ގަބޫލުކުރެވެނީ އެއީ، ރާއްޖޭގެ 65 އަހަރުންމަތީގެ ހުރިހާ އެންމެންނަށް ޙައްޤުވާ އެއްޗެކޭ. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ، މިރަށުގެ 44 މީހަކަށް  އެ ޕެންޝަން، 65 އަހަރުން މަތީގެ ޕެންޝަން ދެވެމުން އަންނަކަން. އަދި އެހެންވީމާ، މިރަށުގައި މަހެއްގެމައްޗަށް 88 ހާސްރުފިޔާ ސަރުކާރުން މިރަށަށް ދެވޭކަމީ އެއީ، މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.
 
މިނޫންވެސް އަދި އެހެންވެސް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް، މަސައްކަތްތައް ސަރުކާރުން މިގެންދަނީ ހިންގަމުން. އަޅުގަނޑު މާލޭގައި ބައެއް ވިޔާރިވެރިންގެ ގާތުގައި އަހަން، މިހާރު މާލޭގައި ބޭސް ސިޓީ ހިފައިގެން މީހުން އެއަށް ބޭސް ނެގުމަށް އެހީއެއް ހޯދުމަށް އަންނަ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ. މާލޭ ވިޔަފާރިވެރިން ބުނޭ، ވާކަމަށް. އަޅުގަނޑަށް ޔަޤީން، މި ނައިވާދޫ ވިޔަފާރިވެރިންވެސް ހަމަ އެގޮތަށް އެއްބަސްވާނެކަން. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަކީ އެމީހުންގެ އަމިއްލަ ޙާލަތުގައި އެހެންބަޔަކަށް ބަރޯސާނުކޮށް، އަމިއްލައަށް އުޅެވޭނޭ ބައެއްގެގޮތުގައި ހެދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ނައިވާދޫ ކޮންމެ ރައްޔިތަކީވެސް ޝަޚްޞެއްގެގޮތުގައި ކޮޅަށްތެދުވެ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިފައިވާ މީހެކޭ ބުނެވި، އޭނާއަށް ރަށުގެ ތަރައްޤީގައި އުޅެވޭނެ އިންތިޒާމެއް، އުޅެވޭނެ ގޮތްތަކެއް ހޯދުން.
 
ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ސިޔާސަތެއް އެއީ، ރަނގަޅު ފުރިހަމަ ތަޢްލީމެއް ރާއްޖޭގެ ދަރިވަރުންނަށް ރައްޔިތުންނަށް ދެވޭނެގޮތެއް ހޯދައިދިނުމަކީ. މިގޮތުން ސަރުކާރުގެ އެއް އަމާޒަކީ، ވަށާޖެހޭ ތަޢުލިމެއް ދިނުން. އަޅުގަނޑަށްއެނގޭ، ނައިވާދޫ ސްކޫލްގައި އަދިވެސް  ދެ ދަންފަޅިއަށްކަން ކިޔަވަނީ. އެހެންނަމަވެސް، އަޅުގަނޑުމެން މިހާރު އަމާޒުކޮށްފައި މިއޮތްގޮތުން އިރާދަކުރެއްވިއްޔާ 2011 ނިމި 2012 ގައި މަދަރުސާ ހުޅުވޭއިރުގައި މިތަން އެއްދަންފަޅިއަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ. އަޅުގަނޑުމެންނަށްލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް އެއީ، ނައިވާދޫ މަދަރުސާގައި ކިޔަވާކުދިންނަށް ފޮތް ފަންސުރު ގަލަމާއި އަދި އެބާވަތުގެ ސާމާނު ހޯދުމަށް، މިއަހަރުވެސް 83 ހާސް ރުފިޔާ މިރަށުގެ ދަރިވަރުންނަށް ދެވިފައިއޮތްކަމަކީ ސަރުކާރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް. އަދި މިރަށުގެ ދަރިވަރުންގެތެރެއިން އިމްތިޙާނުތަކުގައި ބައިވެރިވުމަށް ކޯސްފީގެގޮތުގައި ސަރުކާރަށް 38 ހާސްރުފިޔާ ފޯރުކޮށްދެވިފައި އޮތްކަމަކީ މިސަރުކާރަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް.
 
 ސަރުކާރުން އަބަދުވެސް ދެކެމުން މިއަންނަނީ އިންސާނީ ތަޖްރިބާ ދައްކާފައިއޮތް ޙަޤީޤަތަކީ ޤައުމެއް، ރައްޔިތަކު ތަރައްޤީވެދާނީ ވިޔަފާރި ފުޅާވެގެންނޭ. ވިޔަފާރި ފުޅާކުރުމަށްޓަކައި މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހޭނެއޭ. މުދަލާ ފަސިންޖަރުން ބަދަލުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލީ ދަތުރުފަތުރުކުރުމުގެ ނިޒާމެއް. ސަރުކާރުގެ އަމާޒަކަށްވީ 7 އަހަރު ދުވަހުގެތެރޭގައި ފުރިހަމަ ރަނގަޅު ނިޒާމެއް ޤާއިމުކުރުން. އަދި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި އޭގެ އަސާސީ ޚިދްމަތްތަކެއް ދޭންފެށޭނޭ ގޮތްތަކެއް ހޯދުން. މިހާރު މިވަނީ އޭގެ އަސާސީ ޚިދްމަތްތައް ބައެއް އަތޮޅުތަކުގައި ދެވިފައި. އަޅުގަނޑަށްވެސް އެނގޭ، މިސަރަޙައްދުގައި މިޚިދްމަތްދިނުން އަދި މިއޮތީ ވަރަށް އަރައި ނުގަނެކަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިމަސައްކަތް ބާރަށް ކުރިޔަށް ގެންދެވޭނެގޮތެއް ހޯދުން. އަދި އިރާދަކުރެއްވިއްޔާ މި 2011 ވަނަ އަހަރުގެ ތެރޭގައި ޚިދްމަތް މާބޮޑަށް ފުޅާވެ މާގިނަގިނައިން މިރަށަށް އައިސް، މާގިނަގިނައިން މިރަށުމީހުންނަށް އެހެން ރަށްރަށަށް ދެވޭގޮތް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ.
 
ސަރުކާރުގެ އަނެއް ވަޢުދަކަށްވީ ނުވަތަ އެހެން އަމާޒަކަށްވީ އެކަށީގެންވާ ރަނގަޅު ސިޔާސަތެއް ތަންފީޒުކޮށްގެން ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ މަސްވެރިން ބަނާ މަހަށް ކުރީގައި ލިބުނު އަގަށްވުރެ ރަނގަޅު އަގެއް ލިބޭނޭގޮތެއް ހޯދުން. އެނގިވަޑައިގަންނަވާނެ، ކުރީގައި    މަސް ކިލޯއެއް ލިބެނީ ގިނަވެގެން މަސް ކިލޯއަކަށް، ކިރީމާ މި ލިބެނީ 5 ރުފިޔާ. އެހެންނަމެވެސް ސިޔާސަތު ބަދަލުކޮށް، މަސްވެރިކަން ހުޅުވާލުމުން ގިނަ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވޭގޮތްވުމުން، އެނގިވަޑައިގަންނަވާނެ، މިހާރު މަސްކިލޯއަކަށް 10 ރުފިޔާ ލިބޭ. ސަރުކާރުގެ ބޭނުމަކީ މަސްވެރިންގެ އާމްދަނީ އިތުރުކުރުން. މަސްވެރިންނަށް ރަނގަނޅު އެއްޗެއް ލިބި އެމީހުންގެ އާމްދަނީ އިތުރުވެ، އެމީހުން ރަށްރަށުން ވިޔަފާރިކުރަން ފެށީމާ ރަށްރަށް ތަރައްޤީވެގެން މިދަނީ.
 
ރަށެއް ތަރައްޤީކުރުމަށް ކޮންމެހެން ބޭނުންކަމަކީ އެރަށެއްގެ އާމްދަނީ އިތުރުކުރުން. ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން. އެރަށަކުން އުފައްދާ އެއްޗެހި އިތުރުކުރުން. އެހެންވީމާ، ސަރުކާރުގެ މިއަހަރުގެ ބަޖެޓްގެ އެންމެބޮޑު އެއް އަމާޒަކީ، ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުން. ވަޒީފާއަކީ ހަމައެކަނީ ސަރުކާރުން ފޯރުކޮށްދެވޭ ކަމެއްނޫން. ސަރުކާރަކަށް އެކަނި އިތުބާރުހުރި ވަޒީފާތަކެއް މުޅިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިނުމަކީ އެއްވެސް ސަރުކާރަކަށް އެއްވެސް ޤައުމެއްގައި އެކަން ކުރެވެންއޮތް ގޮތެއްނޫން. އަދި ކުރާ ގޮތެއްވެސްނޫން. އަދި ޤައުމީ ތަރައްޤީއަށް މަގުފަހިވާ ގޮތެއްވެސްނޫން. އެއާޚިލާފަށް، އަޅުގަނޑުމެން މިޖެހެނީ އަމިއްލަ ފަރާތްތަކުގެ އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރި ފުޅާކޮށް، އެ ވިޔަފާރިވެރިންނަށް ސަރުކާރުން އެހީތެރިވެ، އެވިޔަފާރިވެރިންނަށް ސަރުކާރުން ލުއި ލޯނުދެވި އަދި މިނޫންވެސް މިބާވަތުގެ ޕްރޮގްރާމްތައް ހިންގައިގެން އެ ވިޔަފާރިވެރިން މެދުވެރިކޮށްގެން ރަނގަޅު ވަޒީފާތައް، އިތުބާރުހުރި ވަޒީފަތައް ރަށްރަށުގައި އުފެއްދޭނޭ ގޮތްތައް ހަމަޖެއްސުން. މިފަހަރުގެ ބަޖެޓުގައި ވަރަށްބޮޑު އަމާޒަކަށްވެފައި އޮންނާނީ، އަމިއްލަ ވިޔަފާރިތަކަށް 350 މިލިއަން ރުފިޔާއާ ހަމައަށް ލޯނުގެ ގަރަންޓީ ދޫކުރުން. އޭގެތެރޭގައި ނައިވާދޫގެ ވިޔަފާރިކުރާ ފަރާތްތަކަށްވެސް މިފުރްޞަތު ހުޅުވާލެވޭނެ. އަދި އަޅުގަނޑުމެން އުންމީދުކުރަނީ އެބޭފުޅުން މިފުރްޞަތުތަކުގައި ބައިވެރިވެ، މިފުރްޞަތުތަކުގެ ބޭނުން ހިއްޕަވައި، އެ ދެރަށުގައިވެސް މިރަށުގެ ވިޔަފާރި ފުޅާކޮށް ތަރައްޤީގެ ކަންތައް މިޔަށްވުރެބާރަށް ކުރިއަށް ގެންދެވޭނެގޮތެއް ހޯއްދަވާނެކަމަށް.
 
އަޅުގަނޑުމެންގެ ހަމަ ބޭނުމަކީ، އެއްވެސް ޙާލެއްގައި އިތުރުބަޔަކާ ޖަދަލު ކުރުމެއްނޫން. އަޅުގަނޑުމެންގެ ބޭނުމެއްނެތް، އެހެންބަޔަކާ ޒުވާބުކުރުމެއްވެސް. ސަރުކާރުގެ އޮތީ ހަމަ އެންމެ ބޭނުމެއް. މިރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެން ޙާޞިލްކުރުމަށް ކުރާންހުރި މަސައްކަތްތައް ކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ހަމަގައިމުވެސް އަޅުގަނޑެއް ތިޔަބޭފުޅުންގެ އެންމެ ފައިސާފޮއްޗެއްގައެއްވެސް ނުޖެހޭހެނަން. މިރާއްޖޭގެ މުއްސަނދިކަމަކީ ތިޔަބޭފުޅުންގެ މުއްސަނދިކަން. އެމުއްސަނދިކަން އަޅުގަނޑުމެން ބޭނުންކުރާން މިޖެހެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގެފައިދާ ވާގޮތަށް. ބައެއްރަށްރަށް ކުޑަވެފައި އަނެއްބައިރަށްރަށް ބޮޑު. އަނެއްބައި ރަށްރަށުގައި ބައިބޯ. އަނެއްބައި ރަށްރަށުގައި ބައިތުނި. އެހެންނަމަވެސް، އަޅުގަނޑުމެން އަބަދުވެސް އަމާޒުކުރަންޖެހޭނީ ހުރިހާރަށަކަށް. ހުރިހާ ރައްޔިތަކަށް ފައިދާހުރި ގޮތަކަށް. ކޮންމެރަށެއްގައިވެސް ދިރިއުޅެނީ ޢާއިލާތަކެއް. ބައެއް ރަށްރަށުގައި ދިރިއުޅޭ ޢާއިލާތައް މަދީ. އަޅުގަނޑުމެންނަކަށްނެތް، ރަށްރަށުގެ މިން އެޅޭކަށް އެރަށުގެ އާބާދީގެ ސައިޒަކުންނެއް. ހަމަކޮންމެ ރަށެއްގައިވެސް އެބަތިބޭ ޢާއިލާތަކެއް، އެ ޢާއިލާތަކުގެ ދަރިންތަކެއް. އަދި އުންމީދުތަކެއް. ސަރުކާރުގެ އަމާޒަކަށް ވާންޖެހޭނީ އެ އުންމީދުތަކެއް އެރައްޔިތުންނަށް ޙަޤީޤަތަކަށް ހަދައިދިނުމަށް ކުރާންހުރި މަސައްކަތްތައް ކުރުން.
 
އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން، މިރަށުގެ ތަރައްޤީއާއި މިރަށުގެ ކަންތައްތަކަށް ސަރުކާރުން ވީ މިންވަރަކުން އަޅާލަމުންގެންދާނެ. އަޅުގަނޑުމެންނެއް އިރާދަކެރެއްވިއްޔަކާއެއް މިރަށް ހަނދާންނައްތާލައި ފަހަށްޖައްސައެއް ނުބާއްވާނެ. މިރާއްޖެއަކީ ޖަޒިރާ ޤައުމެއް. މިރާއްޖޭގައި ދިރިއުޅެނީ ކުދި ރަށްރަށުގައި ބައެއްފަހަރަށް ބައިމަދުކޮށް. އަނެއްބައިފަހަރަށް ބޮޑެތިރަށްރަށުގައި ބައިމަދުކޮށް، އަނެއްބައިފަހަރަށް ބޮޑެތި ރަށްރަށުގައި ބައި ގިނަކޮށް. މިހެންގޮސް ކިތަންމެގޮތަކަށް އެބަ ރައްޔިތުން ދިރިއުޅެމުން އެބަދޭ. ރަށެއްގެ މުހިންމުކަމާއި، ރަށެއްގެ ބޭނުންތެރިކަމާއި، ތަރައްޤީއަށް ރަށަކަށް އެރަށަކުން އެހީތެރިވެދޭނެ މިންވަރު ކަނޑައެޅުމަކީ، ހަމައެކަނި ބޮލުގެ އަދަދަކުންކުރެވޭނެ ކަމެއްނޫން. އެރަށެއްގެތިބި ރައްޔިތެއްގެ ހީވާގިކަމާއި، އެރައްޔިތެއްގެ ކުޅެދުންތެރިކަމާއި، އެރައްޔިތެއް ބޭނުންކުރާ ޤުދްރަތީ ވަސީލަތްތަކުގެ އަދަދާއި، އެރަށަކުން ލިބެންހުރި މުއްސަނދިކަމާ މިއެންމެ ކަންކަމުގެމައްޗަށް ބިނާކޮށް، ރަށެއްގެ ތަރައްޤީ އެނބުރިގެން މިއަންނަނީ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއްގޮތަކަށްވެސް ހީނުކުރައްވާށޭ، ބައިމަދުވީމާ އެއީ، އެހާ ބޮޑު އުނިކަމެއް އަތުވެދާނެ ކަމެއްކަމަކަށް. ދުނިޔޭގައި މިކަން ސާބިތުކޮށްދީފައިހުރި ޤައުމުތައް ބައިވަރު. އެތަންމިތަނުގައި ތިބި ކުދިކުދި އާބާދީތައް، ކުދިކުދި ވިލެޖުތައް ހަމަ ވަރަށްފުރިހަމަ ޚިދްމަތްތަކާއެކީގައި ޚާއްޞަކޮށް އެކަންކަން އެމީހުން ޙާޞިލްކޮށްފައިހުރީ ރަނގަޅު ފުރިހަމަ ދަތުރުފަތުރުކުރުމުގެ ނިޒަމުތައް ޤާއިމުކޮށްގެން. އެއްވެސް ޤައުމެއްގައި އެއްވެސް ރަށެއްގައި ރާއްޖޭގައިވެސް ކޮންމެ ރަށަކީ ވަކިޤައުމަކަށް ނުހެދޭނެ. ކޮންމެ ރަށެއްގައި ހުރިހާއެއްޗެއް، ހުރިހާކަމެއް ލިބޭގޮތަކަށް ފައްކާކޮށްފައެއް ނުބެހެއްޓޭނެ. އެހެން ހަދަންޏާ އަޅުގަނޑުމެން ބޭނުންވާނެ، 198 ދިވެހިރާއްޖެ. 8 ޤައުމު އެހެންނޫނީ އެ އެންމެންނަކަށް މިރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. އަޅުގަނޑުމެންނަށް ރާއްޖޭގެ ތަރައްޤީ ހޯދޭންއޮތް މަގުން އަޅުގަނޑުމެންނަށް ރާއްޖޭގެ ތަރައްޤީ ހޯދޭނީ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.        
          
اَلحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________