بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހޯމްއެފެއާޒް، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން. އަދި ތިމަރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު. މިދައުލަތުގެ އެންމެހާ ޢިއްޒަތްތެރި ވެރިން. އަދި އަޅުގަނޑުގެ އަޚުން. އަޅުގަނޑުގެ އުޚުތުން. އަޅުގަނޑުގެ ލޯބިވާ ކިނބިދޫ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން އަބަދުވެސް ހާމަކުރަމުން އައި ވަކި ޚާއްޞަ ނުކުތާތަކެއް އެބަހުރި. އަނެއްކާ މިއަދުވެސް އަޅުގަނޑުމެން ހަމަ އެނުކުތާތަކުގެ މައްޗަށް ބުރަވެ، އަޅުގަނޑުމެންގެ ރަށްތަކާއި، އަޅުގަނޑުމެންގެ އަތޮޅުތަކާއި، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީ، އެމަގަށް ބައްޓަން ކުރުމަކީ، އެމަގަށް އަޅުގަނޑުމެން ފަހިވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންގެ ލަނޑުދަނޑިތައް، އަޅުގަނޑުމެންގެ އަމާޒުތައް އަޅުގަނޑުމެންނަށް ހިފެން އޮތް ހަމައެކަނި ގޮތް. ޤައުމެއް ތަރައްޤީވެ ދިޔުމަށް ރައްޔިތެއްގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެދިޔުމަށް އިންސާނީ ތަޖުރިބާ ދައްކާފައި ހުރި ޙަޤީޤަތެއްވެސް އެބަހުރި. އަޅުގަނޑުމެންނަށް ލިބިދީފައިވާ ޢިބްރަތްތަކެއް އެބަހުރި. އަޅުގަނޑުމެން މި އެދޭ ކަންކަން އަޅުގަނޑުމެންނަށް ފުރިހަމަވުމަށްޓަކައި، ފުރިހަމަކުރުމަށްޓަކައި އަޅުގަނޑުމެން ހިނގާންވީ މަގު، އިންސާނާ އަދި އަޅުގަނޑުމެންގެ ޙަޔާތުގެ އެންމެހާ ކަންކަން އަޅުގަނޑުމެންނަށް ދައްކައިދީފައި މިވަނީ، ވަރަށް ރިވެތި މިސާލާއި އުޞޫލުތަކެއް.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ރައްޔިތަކު ވަޒަންވުމަށް، ރައްޔިތަކު ތަނަވަސްވުމަށް، ރައްޔިތަކު ތަރައްޤީވުމަށް، އެ ރައްޔިތެއްގެ ގާތުން އެ ރައްޔިތުންގެ ކަންކަން ނިންމޭނެ އިންތިޒާމެއް، އެ ރައްޔިތުން އެދޭގޮތަށް، އެ ރައްޔިތުންގެ ރުހުމާއި، އެ ރައްޔިތުންގެ ވިސްނުމާ އެކީގައި އެކަންކަން ނިންމޭނޭ ރިވެތި އުޞޫލެއް ޤާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އިރާދަކުރައްވައިގެން، ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެންނަށް މި ޤާއިމް މިކުރެވެނީ، މިދަންނަވާ އުޞޫލުގެ ތަރަޙަ. އޭގެ ބިންގާ. ރަށު ކައުންސިލްގެ އިންތިޚާބުގެ ބޭނުމަކީ، މިރަށަށް، މިއަތޮޅަށް އަޅުގަނޑުމެންގެ މި ރާއްޖެ ތަރައްޤީ ކުރުމަށް، އޭގެ ސީދާ ޙިއްޞާދާރުންނަށް އެ ޙިއްޞާ ދޫކޮށްލުން. އޭގެ ސީދާ ވެރިންނަށް ބާރުވެރިކުރުވުން. އެނގިވަޑައިގަންނަވާނެ، އަދި ކިނބިދޫ ރައްޔިތުންނަށް އެންމެ ސާފުކޮށް އެކަން އެނގިވަޑައިގަންނަވާނެ.
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައި އެއް ޙަޤީޤަތަކީ، އަޅުގަނޑުމެން ފުރަތަމަ ބޭނުމީ، ރަށު ކައުންސިލް އިންތިޚާބޭ. ދެން އަޅުގަނޑުމެން ބޭނުމީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބޭ. ދެނޭ އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބު ބޭނުމީ. އެހެންނަމަވެސް، ކަންވެ ދިޔައީކީއެއް އަބަދު އަޅުގަނޑުމެން އެދޭ ގޮތަކަށެއް ނޫން. ކަންތައް ދިޔައީކީއެއް އަދި ކިނބިދޫ ރައްޔިތުން ނުހަނު މަސައްކަތްކުރީ ހަމަ ސީދާ މަގަށް ކަމުގައިނުވިނަމަވެސް، ކިނބިދޫ ރައްޔިތުން ހޯދާފައިވާ ކާމިޔާބު އެއީ، ދުވަހަކުވެސް މި ރާއްޖޭގެ ތާރީޚުން ފޮހެވިގެންދާނޭ ކަމެއް ނޫން. އަދި ހަމައެއާއެކީގައި އަޅުގަނޑު ދަންނަވަން ބޭނުން، މި ސަރުކާރާއި އަޅުގަނޑު، ކިނބިދޫއާ އަޅާނުލައި، ކިނބިދޫ ދެކެ، ކިނބިދޫ ރައްޔިތުންދެކެ ލޯބިވުމާއި، ކިނބިދޫ ރައްޔިތުންނާއެކީގައި އުޅެވޭތޯ ބެލުން އެއީ ދުވަހަކުވެސް އަޅުގަނޑު ހުއްޓާލާނެ ކަމެއް ނޫން. އަޅުގަނޑަކަށް ހުރަހެއް ނާންނާނެ. އަޅުގަނޑު ތިޔައިން ބޭފުޅެއްދެކެ ރުޅިއެއް ނާންނާނެ. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ބައެއްފަހަރު އަޅުގަނޑާ ހިތްހަމަނުޖެހޭނެކަން. އަޅުގަނޑުމެންނަށް އަބަދުވެސް އެކަން ވިސްނިފައި އޮތް. އެހެން ނަމަވެސް، މިއަދުވެސް މާދަންވެސް އަޅުގަނޑު ހުންނާނީ ހަމަ އިއްޔެވެސް ތިޔަބޭފުޅުންނާއެކީ ހުރިގޮތަށް. އަޅުގަނޑުގެ މަސައްކަތް އަބަދުވެސް އަމާޒުވެފައި ހުންނާނީ، ތިޔަބޭފުޅުންނާއެކު މި ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެ މަގެއް ހޯދުމަށްޓަކައި.
 
ލޯކަލް އިންތިޚާބު އަޅުގަނޑުމެންނާ ކުރިމަތިވާއިރުގައި، އަޅުގަނޑު މިރަށުގައިވީމާ، މީގެ މަސްތަކެއް ކުރިއަށް ހަމަ ގޮސްލާން ބޭނުން. އަޅުގަނޑުމެންގެ ފަރާތުން، އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން، ޚާއްޞަކޮށް، ކިނބިދޫ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާން ތިބީ ކޮންބައެއްތޯ، އަޅުގަނޑުމެންނަށް އަބަދުވެސް ސާފުކޮށް އެނގެން އެބަޖެހޭ. އެ ވަކާލާތު ކުރާން ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނާ ބައިވެރިވެ ނުވަތަ އަޅުގަނޑުމެންނާއި ސަރުކާރާއެކީގައި މަޝްވަރާކޮށް، ސަރުކާރާއެކުގައި މިކަން ކުރުމަށް ތައްޔާރަށް ނެތުނީމާ، ދެން އަޅުގަނޑަކީ އެކަހެރި މީހެއް، ތިޔަބޭފުޅުން ނެތިއްޖިއްޔާ. އަޅުގަނޑަށް އޭރުންވާނީ އަޅުގަނޑު އެކަނިވާވަރެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެކަނިވާވަރުވެސް ކުރުމުގައި، އަޅުގަނޑު ދެމިހުންނާނެ ކަމަށް ކިނބިދޫ ހުރިހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން.
 
ތިޔަބޭފުޅުންގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުގައި އަޅުގަނޑު ފޯނުން ފޯނުކޮށް ދެންނެވީމާވެސް، އަޅުގަނޑަށް މިއުޅެނީ އެބޭފުޅުންނާ ބައްދަލުކޮށް، ތިޔަބޭފުޅުންގެ ތަރައްޤީގެ ފުރްޞަތުތަކުގެ ވާހަކަ، ތިޔަބޭފުޅުންނަށް ހުރި ކަންކަމުގެ ވާހަކަ އަދި ތިޔަބޭފުޅުންގެ ރަށް ކުރިއަށް ގެންދެވޭނެ މަޝްވަރާ މިއޮންނަނީ ނުކުރެވިފައި. ރައީސަކު މި ނިޒާމުގައި ކިތަންމެ ބޮޑަކަށް ކަމެއް ކުރާން އެދުނެއްކަމަކު، އެ ރައްޔިތެއްގެ ވަކީލުން އެކަމަށް ސާބަސް ނުދެނީނަމަ، އެ ރައްޔިތެއްގެ ތެރެއިން އެކަމަށް އެހީތެރިކަން ނާންނަނީނަމަ، ދެން އަޅުގަނޑުމެންނަށް މިބާވަތުގެ ކަންކަން ކުރުމަށް އަބަދުވެސް ވަރަށް އުނދަގޫވާނެ. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަދި އަޅުގަނޑަށް އިތުބާރު އެބައޮތް. ކިނބިދޫ ރައްޔިތުންނަކީ ފަސޭހަ ކަންތައް ކުރާ ބައެއް ނޫން. އަޅުގަނޑަކީވެސް ހަމައެކަނި ކުރެވޭން ހުރި ކަން އެކަނި ހޯދައިގެން، އެކަން ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑަށް، އަޅުގަނޑަށް އެނގޭ، ކިނބިދޫ ރައްޔިތުންނާއެކީގައި، ކިނބިދޫގެ އުނދަގޫ ކަންތައްތައްވެސް އަދި މިއަތޮޅާއި މި ރާއްޖޭގެ އަދި މިދުނިޔޭގެ އުނދަގޫ ކަންކަންވެސް ޙައްލު ކުރުމުގައި، އަޅުގަނޑުމެންނަށް ކުރެވޭނެކަން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަންކަން ކާމިޔާބު ކުރެވޭނެ.
 
މީގެކުރީގައި އަޅުގަނޑުމެންގެ ރަށެއްގައި، މިސާލަކަށް، ކިނބިދޫފަދަ ރަށެއްގައި، ރަށުގެ ތަރައްޤީއާއި މުޅި ރަށް ހިންގުމަށް، މުޅި ޖުމްލަކޮށް، ގިނަވެގެން ކަނޑައެޅިފައި މި އޮންނަނީ، ގާތްގަނޑަކަށް ހައެއްކަ މިލިއަން ރުފިޔާ. މުސާރައާއި އަދި އެހެނިހެން ކަންކަމާއެކީގައި، ހަމަ މުޅި ޖުމްލަ މިވަނީ ރަނގަޅު އަހަރެއްގައި ހަތް މިލިއަން ރުފިޔާ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މިއީކީއެއް ރަށެއްގެ ތަރައްޤީއަށް ކުޑަކޮށްވެސް އެހީތެރިވެދެވޭނޭ ފައިސާގެ ޢަދަދެއް ނޫންކަން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެންގެ މުއްސަނދިކަން މިނޫން ގޮތަކަށް ބަދަލުކޮށްގެން މެނުވީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބޭނެކަން. ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަދި އެއަށްފަހު، އެ އުފައްދާ ކައުންސިލް ބަލާ ބޮޑުކުރުމާއި، ގެންގުޅުމާއި، އެއާ އަޅާލުމާ، އަޅުގަނޑުމެންކުރި މިންވަރަކަށް، އަޅުގަނޑުމެން މަސައްކަތްކުރި މިންވަރަކަށް ނޫނިއްޔާ، އެ ކައުންސިލެއް ތަރައްޤީއެއް ނުވާނެ. އެހެންވީމާ، މިފަހަރުގެ ބަޖެޓް އެކުލަވައިލެވިފައި މިއޮތީ، އެހެން ފަހަރުތަކާ ވަރަށް ތަފާތުކޮށް. މިފަހަރުގެ ބަޖެޓްގައި، ކިނބިދުއަށް އިރާދަކުރެއްވިއްޔާ، ސަރުކާރުން ބާރަ މިލިއަން ރުފިޔާ އެބައޮތް ކަނޑައެޅެން. އެހެންވީމާ، މިފަހަރުގެ ބަޖެޓުން ކިނބިދޫއަށް ކަންތައްތަކެއް ކުރެވޭނެ.
 
ކިނބިދޫގައި މި ސަރުކާރުން ކުރާން ވަޢުދުވެފައި ހުރި ކަންތައް ބައިވަރު. ތިޔަހެންވީމާ، ކިނބިދޫގައި މި ސަރުކާރުން ކުރާނެ ކަންތައްތައް ބައިވަރު. ކިނބިދޫގައި މި ސަރުކާރުން ކުރާ ހުރިހާ ކަމެއްވެސް ކުރާނީ އުނދަގުލުން. ކިނބިދޫގެ ކައުންސިލްގެ ތެރެއިން. އެ ކައުންސިލްގެ އަޣްލަބިއްޔަތު އޮތް، އެކައުންސިލްގެ ބަޙުޘާއި، އަދި ބައެއްފަހަރު އެ ކައުންސިލްގެ އަރާރުމާއި، ނަންބޯޑުތަކާއި، ފިލާގަނޑުތަކާ، މިހުރިހާ ކަމެއްގެ ތެރެއިން.
 
އަޅުގަނޑު މިއަދަށްވުރެ ވަކި އުފާވާ ދުވަހެއް ނެތް. އަޅުގަނޑު ކިނބިދުއަށް އައީމާ އަޅުގަނޑުމެންނަށް ޑިމޮކްރަސީގެ ރޫޙާއެކީގައި، އަޅުގަނޑު ދެކެނީ ތިޔަބޭފުޅުންގެ ރުޅިވެރިކަން ނޯންނާނެ ކަމަށް، އަޅުގަނޑު ޔަޤީން ކުރަނީ. އަޅުގަނޑުގެ ރުޅިވެރިކަމެއް ހަމަގައިމުވެސް ތިޔައިން އެއްވެސް ބޭފުޅަކަށް ނޯންނާނެ. އަޅުގަނޑުމެންނަށް އުނދަގޫވާނެ، ދެވޭނެ، ޙަޤީޤީ ކިނބިދޫ އަނެއްކާވެސް މުޅި ރާއްޖެއަށް ދައްކާނަން. އަނެއް ފަޚުރުވެރި ރިވެތި މިސާލު. ކިނބިދޫގެ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނެ. ކިނބިދޫ އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ. އެބަދަލަކީ އެކަންވާއިރުގައި ސީދާ ދެމެހެއްޓެނިވި އަޞްލު ޙަޤީޤީ ތަރައްޤީއަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ.
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައިން، ދެކެމުން އައިން، ޤައުމެއް ތަރައްޤީވެދިޔުމަށް އަޅުގަނޑުމެންގެ ޢާންމު ޙާލަތު މިއަށްވުރެ ރަނގަޅުވުމަށް. އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް ދުވަހުން ދުވަހަށް އިތުރުވެގެން ދިޔުމަށް ވަކި ޚާއްޞަ ކަންތައްތަކެއް އެބަ ކުރާންޖެހެއޭ. އަޅުގަނޑުމެން ދުށް އެންމެ ޚާއްޞަ އެއްކަމަކީ، މުދަލާއި ފަސިންޖަރުން ފަސޭހަކަމާއެކީގައި އެއްތަނުން އަނެއްތަނަށް ބަދަލުކުރެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަންޖެހޭނެއޭ. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އަބަދުވެސް ދުށީމު. މިހާރުވެސް ދެކެން. އެމަގަށް އަޅުގަނޑުމެން މަސައްކަތްވެސް ކުރަން ޖެހެނީ. އަޅުގަނޑުމެންނަށް        މި 5 އަހަރު، އެނގިވަޑައިގަންނަވާނެ، 2009 ވަނަ އަހަރުގެ ތެރޭގައި މިވަނީ މިދެންނެވި ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ފުރަތަމަ ފިޔަވަހި ފަށައިގަނެވިފައި. މި ސަރުކާރުން އަދި ތިޔަބޭފުޅުން ނިންމެވި ނިންމެވުމަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމު، 7 އަހަރު ދުވަހުގެ ތެރޭގައި ފައްކާކޮށް ނިންމަން.        އެ މެނިފެސްޓޯ، އަޅުގަނޑުމެންގެ ވަޢުދުތައްވީ ތިޔަބޭފުޅުން. އެވަޢުދުތައްވީ ވަކި ޚާއްޞަ ތާވަލެއްގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރުމަށް. ތިޔަބޭފުޅުން ނިންމަވާފައި އޮތް އެއް ނިންމުމަކީ، ދެއަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ޖެހޭނެއޭ، އެންމެ އަސާސީ ޚިދްމަތް، ދަތުރުފަތުރުގެ ތެރޭގައި ފަށްޓަން. އަޅުގަނޑު މިއަދު އުފާވޭ، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި، ކިނބިދޫ 2229 މީހުންނަށް ދަތުރަށް އެރުވުނު ކަމާއި، އަދި ކިނބިދޫ 2379 މީހުން ކިނބިދުއަށް ދަތުރު ނިންމިކަން. މިއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ކިނބިދޫގެ ރައްޔިތުންނަށާއި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ފުރިހަމަ ކާމިޔާބީއެއް.
 
ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި ނިޒާމު ވަރުގަދަ ކުރުމުގައި، މިރަށުގައި ހަދަންޖެހޭ ފެރީ ޓަރމިނަލާއި، މިރަށުގައި ކުރަންޖެހޭ އެހެން ކަންކަން އަޅުގަނޑުމެން ކުރާނެ. އަޅުގަނޑަށްވެސް އެނގޭ، މިރަށުގެ ބަނދަރު ހެދުމުގައި ވަރަށްބޮޑުތަން ލަސްވެގެންދާކަން. އެއީ، އަޅުގަނޑު ދަންނަވާނީ، މިރަށުގެ ބަނދަރު ހެދުން ލަސްވެގެން މިދަނީ އަޅުގަނޑާ ހުރެއޭ. އެކަން އެހެންނުވެ އެދަނީ. އަޅުގަނޑު ބޭނުމެއް ނޫން، މިރަށުގައި ހަދާ ބަނދަރު އެއީ ހަމަ ކޮންމެ ބަނދަރަކަށްވާކަށް. އަޅުގަނޑު ބޭނުން، މިރަށުގައި ހަދާ ބަނދަރާއި، ވޭމަންޑުއާއި އޮމަދުއާއި އަދި ކިނބިދުއާއި، އެލައާ، މިހުރިހާ ރަށެއް އެއްފަޅުގައި އޮތްއިރުގައި، އަޅުގަނޑު ބޭނުން ބަލަން، އަޅުގަނޑުމެންނަށް ކޮންގޮތަކަށްތޯ، މި ޤުދްރަތީ މުއްސަނދިކަން އެންމެ ރަނގަޅަށް ބޭނުންކުރެވެން އޮތީ. އަޅުގަނޑެއް ބޭނުމެއް ނޫން، އަޅުގަނޑަށް އެންމެ ޕްރެޝަރ ހުރި ކަންކަން، އެންމެ ފަސޭހަކޮށް ނިންމާލެވެން އޮތް ކަންތައް ކުރާކަށް. އަޅުގަނޑުމެން މިއުޅެނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް، ވަކިއިރެއްގައި ކުރަން. އަޅުގަނޑުމެންނަށް އެނގޭ، އޭރުންކަން އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ.
 
އަޅުގަނޑުމެން ކިނބިދޫ ބަނދަރު ހަދާނެ، އެކަމަކާ އެއްވެސް ޝައްކެއްނެތް. އެކަން އަޅުގަނޑުމެން ކުރާނީ، އަޅުގަނޑުމެންނަށް، މި ސަރުކާރަށް ލިބިފައި އޮތް އެންމެބޮޑު އެއްރައުސްމާލަކީ  ކިނބިދޫ. އަޅުގަނޑުމެންނަށް މި ކިނބިދޫގައި ނުހޯދުނު އެއްޗެއް، އަޅުގަނޑުމެންނަށް މި ކިނބިދޫން ނޭނގުނު އެއްޗެއް މިރާއްޖެއަކުންނެއް ނޭނގޭނެ. އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވިފަހުން އެންމެ ގިނައިން އަންނަ އެއްރަށަކީ މިއީ. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ، އެންމެ ގިނައިން އަންނާނެ ރަށަކީ މިއީ. އަޅުގަނޑެއް މިރަށެއް ދުލެއް ނުކުރާނަން. އެކަމެއް އިރާދަކުރެއްވިއްޔަކާއެއް އެއްވެސް ބަޔަކަށް ނުކުރެވޭނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުންނާނީ ކިނބިދޫ ރައްޔިތުންނާއެކުގައި.
 
އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި އެއް ޙަޤީޤަތެއް އެއީ، އަދި އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައި ކަމެއް އެއީ، މި ރާއްޖޭގެ ޞިއްޙީ ޚިދްމަތް ވަރަށްދެރައޭ. އަޅުގަނޑުމެންގެ ހެލްތް ޕޯސްޓްތައް ގޯހީ. އަޅުގަނޑުމެންގެ ހެލްތް ސެންޓަރުތައް ގޯހީ. އަޅުގަނޑުމެންގެ ސަރަޙައްދީ ހޮސްޕިޓާތަކުގެ ޚިދްމަތެއް ނުލިބެއޭ. މާލޭގައި ހުރި ހޮސްޕިޓަލަކުންވެސް އަޅުގަނޑުމެން ބޭނުންވާ ކަންކަމެއްނުވެއޭ. އެއީ އަޅުގަނޑުމެން މިއަދުވެސް ޤަބޫލުކުރާ ޙަޤީޤަތެއް. އެ ޙަޤީޤަތް އެހެން އޮއްވައި، އަޅުގަނޑުމެން ގެއިން ގެއިން ހިނގީމާ، އަޅުގަނޑުމެން ދޮރުން ދޮރަށް ދިޔައީމާ، 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް، 2008 ވަނަ އަހަރުވެސް އަޅުގަނޑުމެންނަށް އެނގުނު ޙަޤީޤަތަކީ، މި ރާއްޖޭގެ ކޮންމެ ތިންމީހަކުންކުރެ އެކަކު، މިދެންނެވި ދެރަ، ގޯސް، ކަމުނުދާ ޚިދްމަތްތަކަށްވެސް އަތްނުފޯރައޭ. މި ރާއްޖޭގެ ކޮންމެ ތިންމީހެއް ތެރެއިން އެކަކީ ނިކަމެތި ފަޤީރެކޭ. އެއިން މީހަކަށް ދުވާލަކަށް 12 ރުފިޔާވެސް ނުލިބެއޭ. އެހެންވީމާ، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ، ތިޔަބޭފުޅުން ނިންމެވީ، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ، މިރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް މަދަނައިގެ ޚިދްމަތެއް ނުވަތަ ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް އޮތް އިންތިޒާމެއް ޤާއިމްކުރުމޭ. އެހެންވީމާ، އަޅުގަނޑުމެން ޤާއިމްކުރީ މަދަނައިގެ ވިއުގަ. އަޅުގަނޑު، މިރަށުގެ ވިޔަފާރިވެރިންނާއި އަދި މިއަތޮޅުގެ ވިޔަފާރިވެރިންނާއި އަދި މާލޭގެ ވިޔަފާރިވެރިން ގާތުންވެސް އަހާލަން ބޭނުންވަނީ، މިދިޔަ މަހު ކިތައް މީހުން ބޭސް ސިޓީއެއް ހިފައިގެން، ތިޔައިން ބޭފުޅެއްގެ ގާތަށް ބޭސް ނަގަން ބޭނުމޭ ކިޔައި އައިސްފައި އޮތްތޯ. މީގެ ތިންއަހަރު ކުރީގައި، ހަމަ މިދުވަހު އެސުވާލު އަޅުގަނޑު އެހިނަމަ، އަޅުގަނޑަށް ޔަޤީން، މިތާތިބި ގިނަ ވިޔަފާރިވެރިން ނުވަތަ މިތާނގައި ފައިސާ ފޮއްޗެއް އަތުގައި އޮތް މީހެއްނަމަ ބުނާނެ، އިއްޔެގައި މިވެނި ގޯތި އެވެނި މީހަކު ނުވަތަ އެވެނި ގެއެއްގެ އަނެއް މީހަކު ތިމަންނާ ގާތަށް މިކަމަށް އައޭ. އަޅުގަނޑު އަހާލަން ބޭނުން، ވިޔަފާރިވެރިން ގާތުން، އެމަސައްކަތް، އެކަންތައް، އެމައްސަލަ ހުރީ ކޮންމިނެއްގައިތޯ؟ އަޅުގަނޑު އުފާވާ ސަބަބަކީ ކިނބިދޫގެ 237 މީހުން މަދަނައިގައި މިހާރުވަނީ ރަޖިސްޓްރީ ކުރެވިފައި. އެހެންވީމާ، މި 2010 ވަނަ އަހަރު 23.7 މިލިއަން ރުފިޔާ، ކިނބިދޫގެ މަދަނައިގައި ދައްކާފައި ތިބި މީހުންނަށް ޚަރަދު ކުރުމަށް ސަރުކާރުންވަނީ އެއްކައިރި ކުރެވިފައި. އެމީހުންނެއް ސަލާންޖަހާކަށް އިރާދަކުރެއްވިއްޔަކައާއެއް ނުދާނެ.
 
ތިޔަބޭފުޅުން ވިދާޅުވެދާނެ، އައްސަވާލާ، ރައީސޭ 23 މިލިއަން ރުފިޔާއަށް ރީތިކޮށް ބަނދަރެއް އެޅުނީހެއް ނޫންހެއްޔޭ؟ ތެދުފުޅެއް، އެހެންވެގެން އަޅުގަނޑުމެން ފާހަގަކުރީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް އަޅުގަނޑުމެން ކުރީމައޭ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ. އަޅުގަނޑުމެން 23 މިލިއަން ރުފިޔާ ޚަރަދު ކުރަން ބޭނުންވީ، ބިކަ ހާލުގައި ތިބި މީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް.
 
ހަމަ މި ސަރުކާރު، ހަމަ ތިޔަބޭފުޅުން ކަނޑައެޅުއްވި އަނެއް ސިޔާސަތަކީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަކީ އިންޞާފެކޭ. މި ރާއްޖޭގެ ތަރައްޤީ، މި ރާއްޖެއަށް މިއަދު ލިބިފައިމިވާ ކުރިއެރުމެއް އަޅުގަނޑުމެން ފާހަގަކުރަމުން ދިޔައިން، ލިބެމުން އައީ ދޮށީ ޢުމުރުގެ މީހުން، އެމަސައްކަތްތައް އެގޮތަށް ކުރީމާއޭ. އެހެންވީމާ، މިއަދު ޕެންޝަނެއް ޙައްޤީ ހަމައެކަނި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ނޫންކަން އަޅުގަނޑުމެންނަށް ސާފު. ސީދާ 65 އަހަރުން މަތީގެ ޕެންޝަންގެ ވިސްނުމާއި އެނިންމުން އަޅުގަނޑުމެން ނިންމި ހިނދުގައި، އަޅުގަނޑު ހަނދާން އެބަހުއްޓޭ، އަޅުގަނޑުމެން އެދުވަހަށްފަހު ނިންމީ، އަޅުގަނޑުމެން ގާތުގައި އެންމެން ބުނީ، "ނޫން ތިޔަކަމެއް ނުވާނެއޭ". އަޅުގަނޑު މިއަދު ޒުވާނުންނާއި ދުވަސްވީ މީހުންނަށާއި، އުފާވަނީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ދޮށީ ޢުމުރުގެ މީހުންނަށް، 65 އަހަރުން މަތީގެ މީހުންނާއި، އޭގެތެރޭގައި، އަޅުގަނޑު އެންމެ އުފާވާ ސަބަބަކީ، ކިނބިދޫން 66 މީހުންނަށް މިދިޔަ އަހަރު 2.7 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ދެވިފައިވާތީ. އަނެއްކާވެސް އައްސަވާފާނެ، އެފައިސާއަށް ރައީސް ކީއްތޯއޭ ބަނދަރެއް ހެދިއްޔާ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ވަކިއިރެއްގައި ކުރީމާ ލިބޭ އެއްޗެކޭ.
 
އަޅުގަނޑުމެންނަށް އެކަނިވެރި މައިންނަށާއި، ޔަތީމު ކުދިންނަށާއި، އަދި ނުކުޅެދޭ މީހުންނަށް، އިޖްތިމާޢީ ރައްކާތެރިކަން މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭން މަޖުބޫރު. އެރައްކާތެރިކަން ފޯރުކޮށްދިނީމާ ނޫނީ، އަދި އަޅުގަނޑުމެންނަކަށް ރައްޔިތަކު ނުއުފެއްދޭ. ރައްޔިތަކު ލިބިގެން އަޅުގަނޑުމެންނަށް ކޮޅަށް ތެދުވެވޭނީ. އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ މީހަކުވެސް، ކިނބިދޫ ކޮންމެ ރައްޔިތަކީވެސް، ތިމަންނާއަކީ ތިމަންނާގެ ޙަލާލު މަސައްކަތުން ފައިސާ ހޯދައި، ތިމަންނާގެ އަނބިދަރިންނާއި ޢާއިލާ ބަލަހައްޓާ މީހެކޭ ބުނެވޭނެ ޤަދަރާއި ޢިއްޒަތް، ބާރުވެރިކަން ކިނބިދޫ ރައްޔިތުންނަށް ދިނުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކިނބިދޫގައި އެކަން ކުރާނަން.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގެ ރައްޔިތުން އުޅޭ ޙާލު، އުޅޭގޮތް. ކިނބިދޫ އެހާގިނަ ރައްޔިތުން ރިޒޯޓެއްގައި އެހެން އުޅެފައި ނެތިދާނެ. އެހެން ނަމަވެސް، ހަމަ އެދަތުރު ކޮށްފައި އޮންނާނީ ބޯޑެއްގައި. އަލަތު ކައިވެންޏާ އެކީގައި އަޅުގަނޑުމެން މިފަށްޓަނީ ގެއެއް އަޅަން. ފުރަތަމަ އަހަރު ބިންގަލެއް އަޅާލެވިދާނެ. ދެވަނަ އަހަރު އަޅުގަނޑުމެންނަށް ފަހަރެއްގައި ހަތަރުފާރު ރާނާލެވިދާނެ. އަންނަ ރޯދައަށް ހިޔާކޮށްލެވިދާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. ގެއެއް އަޅައި ނިމޭއިރު، އަޅުގަނޑުމެން އާދައިގެ މީހެއްގެ ޢުމުރު މިއޮންނަނީ ނެތި ގޮސްފައިކަން އަޅުގަނޑުމެން އެންމެންނަށް، އެ ޙަޤީޤަތް އެނގޭތާ ދުވަސްތަކެއްވެއްޖެ. އެހެންވީމާ، ތިޔަބޭފުޅުންގެ ސިޔާސަތުގައި، ތިޔަބޭފުޅުން ކަނޑައެޅުއްވީ، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބޯހިޔާވަހިކަން، ފްލެޓް ދިނުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެކޭ. އަޅުގަނޑު ކުރީ ދުވަހަކުވެސް ދަންނަވައިފިން، އަޅުގަނޑަކީ ފްލެޓް ދޮންބެއޭ. އަޅުގަނޑު ޔަޤީންކޮށް އަރުވަން، މި ފްލެޓް ދޮންބެ މިކަން ނުކޮށް، އަޅުގަނޑުމެން، އަޅުގަނޑެއް ތިޔަބޭފުޅުން ދޫކޮށެއްނުލާނަން.
 
މިމަގުން އެކަން ކުރި ހިސާބަކީ، އެނގިވަޑައިގަންނަވާނެ، ޗައިނާ ސަރުކާރުންނާއި ސައުތު ކޮރެއާ ސަރުކާރުންނާއި، އިންޑިޔާ ސަރުކާރުންނާއި އަދި ދިވެހި ދައުލަތުގެ ބަޖެޓުންނާއި އަދި އަޅުގަނޑުމެންގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދިހަހާސް ގެ އެޅޭނެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ މިއަންނަނީ ހަމަޖެހެމުން. އަޅުގަނޑުވެސް ގަބޫލުކުރަން، އަޅުގަނޑުމެން ބޭނުންވި އަވަސް މިނެއްގައި، އަޅުގަނޑުމެން ބޭނުންވި ގޮތަކަށް އެކަމެއްނުވި. މިހުރިހާ އެއްޗަކީ އަޅުގަނޑުގެ އަމިއްލަ ރޮނޑަކަށްނުވީސް. އަޅުގަނޑުމެން ބޭނުންހާ ގޮތަކަށް ހަމެއް ނުދެމޭނެ. އަޅުގަނޑުމެންނަށް ހުރި ހުރަސް މަދެއް ނޫން. އަޅުގަނޑުމެން ޖަވާބުދާރީވެސް ކުރުވަންޖެހޭނެ. އަދި އަޅުގަނޑުމެން އަމިއްލައަށްވެސް އަޅުގަނޑުމެން ކުރާ ކަންކަމާމެދު ވިސްނަންޖެހޭނެ. ޝައްކު އުފައްދާންޖެހޭނެ. އަޅުގަނޑުމެން އަމިއްލައަށް، އަޅުގަނޑުމެން އެކަކު އަނެކަކަށް ސުވާލުކުރަންޖެހޭނެ. އަޅުގަނޑު ދަންނަވާނީ، ކިނބިދޫގައި ތިޔަކަން ކުރަމުން ތިޔަގެންދަނީ ރަނގަޅަށޭ.
 
ރާއްޖޭގައި ހަކަތަ، ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެ، ހަމަގައިމުވެސް އަޅުގަނޑުގެ ލޮލުން ދެކޭތާ، އަޅުގަނޑު ދަންނަވަން، އިންޖީނުގެ، ކިނބިދޫ އިންޖީނުގެ އެންމެ ފުރަތަމަ އުފެދިގެން އައިއިރުގައި، އަޅުގަނޑު އޭނައަށް ކިޔަނީ އިންޖީނު މުޙަންމަދު. ތިޔަބޭފުޅުން އޭނަ ވަރަށް ރަނގަޅަށް ދަންނާނެ. އަށްޑިހައިގެ މެދުތެރޭއްސުރެ ފަށައިގެން، މިމަސައްކަތެއް ކިނބިދޫގައި މަޑުމަޑުން މަޑުމަޑުން ކުރަމުން އަންނަތާ 25 އަހަރުވީއިރުގައި، މިރަށުގައި އަލިކަމެއް ނުދެވުނޭ ނުހުއްޓި. ސަރުކާރުން މިކަމުގެ ތެރެއަށް ބައިވެރިވެގެން، ސަރުކާރުގެ އިންތިޒާމެއްގެ ތެރެއިން ނޫނިއްޔާ، މިކަން ކުރެވޭނެ ގޮތެއް ނެތްކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނުނީމާ، ޔުޓިލިޓީ ކުންފުނިތައް އަޅުގަނޑުމެން އުފެއްދީ. މީހެއް ގައިގައި އެއްވެސް ބޭފުޅަކު އަޅައިނުގަތުމަށް އަޅުގަނޑު އާދޭހާއެކު ދަންނަވަން. އުޞޫލަށް ވަޑައިގަންނަވާށޭ. އަޞްލަށް ބައްލަވާށޭ. ކަމެއް ކުރެވޭނެ ގޮތަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަންނަންވާނެއޭ. އެކަން ކުރެވެން އޮތް ގޮތަށް އަޅުގަނޑުމެން އެކަން ކުރީމާ ނޫނިއްޔާ، އަޅުގަނޑުމެން ބޭނުން މި އިންތިޒާމްތައް، އަޅުގަނޑުމެން ބޭނުން މިގޮތްތައް އަޅުގަނޑުމެންނަކަށް ފުރިހަމަވެގެނެއް ނުދާނެ.
 
ހަމަ އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑު މިތަނުންދާއިރުގައި، ޔުޓިލިޓީ ކުންފުންޏާ ޙަވާލުވެ ހުރި އެއްބޭފުޅަކީ ނަޝީދު. އަޅުގަނޑު ބޭނުމީ ހަމަ މިރަށު އިންޖީނުގެ ޔުޓިލިޓީ ކުންފުންޏަށް ދެއްވަން. ހަމަ ދެއްވަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑު ބޭނުމެއް ނޫން މިއަދަށްފަހު، އަޅުގަނޑު ބޭނުން ކިނބިދޫ ރައްޔިތުންނަށް ހުއްޓުމެއްނެތި ކަރަންޓްދޭން. ދެން ތިޔަބޭފުޅުންނަށް އެނޫން ގޮތަކަށް އެކަން ހިންގެން އޮތް ކަމަށް އަޅުގަނޑަށް ހިސާބު ދައްކައިދެއްވައިފިއްޔާ އެގޮތް އަޅުގަނޑު ގަބޫލުކުރާނަން. އެހެން ނަމަވެސް، މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާން މިފެށީ، މިނޫން ގޮތެއް އޮތް ކަމަށް އަޅުގަނޑުމެންނަށް ނުފެނުނީތީވެ. އަޅުގަނޑު ބޭނުމެއް ނޫން، އަޅުގަނޑެއް ނޭދެން، ކިނބިދޫ އެއްބައެއްގެ ރައްޔިތުން އަނެއް ބަޔަކަށް ހަޅޭއްލަވައި، ދިމާކޮށް، ނަފްރަތުވެ ނުރުހި އުޅޭކަށް. އެއީކީ އަޅުގަނޑުމެން އެދޭނެ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުމީ އެކުގައި އޮތް ކިނބިދޫއެއް. އަޅުގަނޑުމެން ބޭނުމީ މި ކިނބިދޫ ކުރިއަރަން. އަޅުގަނޑުމެން ބޭނުމީ މި ކިނބިދޫގެ ތަރައްޤީ.
 
އަޅުގަނޑު ޝަކުވާއަކަށް ދަންނަވަންޏާ، އަޅުގަނޑު ދަންނަވަން އޮތް އެއްވާހަކައަކީ، ހަމަ އެއްކަމެއް އަޅުގަނޑަށް ކުރެވޭކަށްނެތޭ، ހަމަ ޝަކުވާއާ އެކީގައި އަޅުގަނޑު ދަންނަވަންޏާ، އަޅުގަނޑު ހަމަ ދަންނަވަން އޮތް ވާހަކައަކީ އެއީ. އަޅުގަނޑު މިރަށުގައި، އަޅުގަނޑު މިރަށަށް ވަކިން އަމާޒުކޮށްގެން، ވަކިން އެބަ ކަންކަން ބަލައިގެން ކުރެވޭތޯ ބަލަން. ހަމަ ކޮންމެ ކަމެއްގައި ތިޔަބޭފުޅުންގެ ބަޙުޘް އެބަ ވަރަށްގިނަވޭ. ދެން އަޅުގަނޑު އެކަމާ އަނެއްކާ އުފާވޭ. ދެން އެހެން ނަމަވެސް، އެކަމުގެ ތެރޭގައި ގޮސް ތާށިވުން އެއީ، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑަށް، އަޅުގަނޑުމެންނަށް، ކިނބިދޫ ރައްޔިތުންނަށް މިވަގުތު ކުރެވެން އޮތް ހޭދައެއް ނޫނޭ. މިވަގުތު އަޅުގަނޑުމެން ބޭނުންވަނީ، ވަޒީފާގެ ޔަޤީންކަން. މިވަގުތު އަޅުގަނޑުމެން ބޭނުންވަނީ ކަނޑައެޅިގެން އިތުބާރާ އެކީގައި އޮންނަ އާމްދަނީއެއް. މިވަގުތު އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ޖީބަށް އިއްޔެ ވަންވަރަށްވުރެ އިތުރަށް ފައިސާ ވަންނަން. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން މިރަށުގައި ވިޔަފާރީގެ ފުރްޞަތުތައް ފަހިކުރާން އެބަޖެހޭ. އިރާދަކުރެއްވިއްޔާ، މިފަހަރުގެ ބަޖެޓަކީ، ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަށް އަމާޒު ކުރެވިފައި ހުރި ބަޖެޓެއް.
 
މިރަށަކީ ރާއްޖޭގައި ދަތުރުކޮށް، ބޯޓްދަތުރުކުރާ މީހުން އެންމެ ގިނަ އެއްރަށްކަމުން، އަޅުގަނޑުމެންގެ އަބަދުވެސް އަމާޒެއް އެއީ، ކިނބިދޫގައި ބޯޓްދަތުރުކުރާ މީހުންނަށް ހެދޭނޭ ނުވަތަ ތަޢްލީމު ދެވޭނޭ ތަނެއް، ތަމްރީނު ދެވޭނޭ ތަނެއް އަޅުގަނޑުމެން މިތަނުގައި ޤާއިމްކުރުމަކީ. އަޅުގަނޑަކަށް އެމަސައްކަތެއް ފަސޭހައެއް ނޫން. އަޅުގަނޑަކަށް އެމަސައްކަތެއް ބާރަށް ކުރިއަށް ގެންދެވޭކަށެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންނެއް އެމަސައްކަތް ކުރުން ހުއްޓައެއްނުލާނަން. އަޅުގަނޑަށް އެނގޭ، އެއީ މިރަށަށް ބޭނުންތެރި ކަމެއްކަން. އަޅުގަނޑަށް އެނގޭ، އެއީ މިރާއްޖެއަށް މުހިންމު ކަމެއްކަން. އަޅުގަނޑަށް އެނގޭ، މިރަށް މެދުވެރިކޮށްގެން ނޫނިއްޔާ، ޙަޤީޤަތުގައި  މި ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ނުހޯދޭނެކަން.
 
އަޅުގަނޑުމެންގެ އަނެއް އަމާޒަކަށްވީ، ރަނގަޅު ތަޢްލީމީ ދަރިންތަކެއް އަޅުގަނޑުމެން އުފެއްދުން. ރަނގަޅު ވަށާޖެހޭ ތަޢްލީމެއް މިރަށުގައި ހިންގުން. މި ތަޢްލީމު ދިނުމަށްޓަކައި އަޅުގަނޑުމެންގެ ގިނަގުނަ މަސައްކަތްތަކެއް މިރަށުގައި ހިނގަމުންއެބަދޭ. އަޅުގަނޑާއެކުގައި މިއަދު ވަޑައިގެން އެއިންނެވީ އާ އެޑިޔުކޭޝަން މިނިސްޓަރ. އަދި އަޅުގަނޑަށް ހަމަ ޔަޤީން، ތިޔަ އެންމެ ބޭފުޅުންވެސް، ކިނބިދޫ ރައްޔިތުންގެ ސަތޭކައިން ސަތޭކަ ރުހުން، އަޅުގަނޑުމެންގެ ކުރީގެ މިނިސްޓަރ ޑޮކްޓަރ ލުޠުފީއަށްވެސް އޮންނާނެކަން. އަޅުގަނޑަށް ހަމަ ޔަޤީން، ތިޔަބޭފުޅުންނަށް އެކަމުގައި ކުޑަ ޝައްކެއްވެސް ހިނގާފައި ނޯންނާނެކަން. އަޅުގަނޑުމެން އުފާވޭ، ފޮތް ފަންސުރު، ގަލަން ގަތުމަށާއި، އެކިއެކި މިބާވަތުގެ ތަޢްލީމާބެހޭ ކަންކަމަށް މިދިޔަ އަހަރުގެ ތެރޭގައި، އެއްލައްކަ ތިރީސް އަށްހާސް ރުފިޔާ، ކިނބިދޫ ދަރިވަރުންނަށް ދެވިފައި އޮތްކަމީ، މި ސަރުކާރު ހިނިތުންވާ ކަމެއް. އަޅުގަނޑު އުފާވާ ކަމެއް.
 
މިސްކޫލްގެ، ކިނބިދޫ ސްކޫލްގެ 18 ދަރިވަރަކަށް، އެކުދިންނަށް ބޭރު އިމްތިޙާނުތަކުގައި ބައިވެރިވުމަށް ބޭނުންވާ އެއްތިރީސް ހާސް ރުފިޔާގެ ފީ ދެއްކުނުކަމަކީ ސަރުކާރުން އުފާވާ ކަމެއް. އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް. އަދި ކިނބިދޫ ސްކޫލްގައި ކްލާސްރޫމް އެޅުމަށް މިހާރު މިވަނީ މަސައްކަތް ފެށިފައި. އެއްލައްކަ ފަންސާސް ހާސް ރުފިޔާ އެކަމަށްވަނީ ޚަރަދު ކުރެވިފައި. އަދި މިރަށުގެ އިންޓަރނެޓް ލައިނަށް ބިލް ދައްކައިދިނުމަށް އަޅުގަނޑު ގާތުގައި ކުރީފަހަރު އެދުނު. އެހެންވީމާ، އަޅުގަނޑު އުފާވޭ، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެއީ ތިރީސް ނުވަހާސް ނުވަސަތޭކަ ފަންސާސް ރުފިޔާއޭ އަޅުގަނޑު ހަނދާންވަނީ. ހަމަޖެހި، އެފައިސާ ދެއްކި، އެ އިންޓަރނެޓްގެ ބިލް މިރަށުގައި ދެކެވި، އަދި މިހާރު ނެޓްގެ ޚިދްމަތް މިރަށުގައި ލިބެމުންދާނެތީ.
 
އަޅުގަނޑު ޙަޤީޤަތުގައި މާގިނަ ވާހަކަ ދައްކާކަށް ނޫން. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ އެއްވަރަށް ދެރަވޭ. އަޅުގަނޑުމެން ބޭނުން ހަމަޖެހުމާއެކީގައި ތަރައްޤީ. އަޅުގަނޑުމެން ބޭނުން ހަމަޖެހުމާ އެކީގައި ވަޒީފާގެ ފުރްޞަތުތައް. އެއްބޭފުޅަކާއި އަނެއް ބޭފުޅަކާ، އެއް މެންބަރަކާއި އަނެއް މެންބަރަކާ، އެއްރައްޔިތަކާއި އަނެއް ރައްޔިތަކާ ދެމެދު ނަފްރަތު، ރުޅިވެރިކަން އުފެދުމުގެ އަޞްލަކީ، ހަމަ އަޅުގަނޑަށް އެނގޭ ވަޒީފާކަން، ފައިސާކަން، އާމްދަނީކަން. އެއިން އަޅުގަނޑުމެންނަށް އަރައިގަނެވެން އޮތީ ހަމަ އެންމެ މަގަކުން. އެއީ، ގިނަ ވަޒީފާގެ ފުރްޞަތު ހުޅުވާލައިގެން. ސަރުކާރުގެ މިފަހަރުގެ ވަރަށްބޮޑު، މިހާރުގެ އަމާޒެއް އެއީ، ޚާއްޞަކޮށް، އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ނުވަތަ ފަޅާއި ފަރުގެ އާމްދަނީ ރާއްޖޭގައި އިތުރުކުރުން. އަދި އެބާވަތުގެ ކަންކަން އިތުރުކުރުމަށް އެންމެ ރަނގަޅު އެއް މާޙައުލެއް އޮތް ތަނަކީ މިފަޅުތެރެ. ރާއްޖޭގައި މިއަށްވުރެ ވަކި ބޮޑު ފަޅެއް ނެތް. އަޅުގަނޑު އުންމީދު ކުރަން، މިމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މިރަށުގެ ރައްޔިތުންގެ ތެރެއިން ނުވަތަ މިރަށުގެ ކުންފުނިތަކުގެ ތެރެއިން ކޮންމެވެސް އެއްބައެއް، ލޯނެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް. ސަރުކާރުންވާނީ މިބާވަތުގެ މަސައްކަތްތަކަށް ލުއިލޯނު ދިނުމަށާއި، ލޯނު ގަރަންޓީ ކުރުމުގެ ފުރްޞަތުތަކެއް، މަޝްރޫޢުތަކެއް، ސިޔާސަތުތަކެއް ހިންގަން ފަށާފައި. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު އުންމީދު ކުރަން، މިރަށު ރައްޔިތުން ހީވާގިކަމާއެކު ގަދަބާރުލައި އަނެއްކާވެސް މަސައްކަތް ކުރައްވާނެ ކަމަށް.
 
އަޅުގަނޑު މިއަދު ނިންމާލުމުގެ ކުރީގައި އަމިއްލަ ވާހަކައެއް ދަންނަވާލަން އެބައޮތް. އެއީ، އަޅުގަނޑުގެ އަންހެނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ވެދުން ދެންނެވި.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمد للّـه. والسّـلام عليـكم. 
 
                _______________________