بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހޯމް އެފެއާޒް، އޮނަރަބަލް ޙަސަން ޢަފީފް، މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި އެޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، ކުރިނބީގެ ކައުންސިލަރ، ކުރިނބީގެ ކަތީބު އަދި ކުރިނބީގެ އެންމެހާ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑު މިރަށުގައި، އަޅުގަނޑުމެންގެ މައިގަނޑު ފިކުރުތަކާއި އަދި މިސަރުކާރުގެ މައިގަނޑު އަމާޒުގެ ވާހަކަތައް ކުރިއަށް ގެންދިއުމުގެ ކުރީގައި އަޅުގަނޑު ހަމަ ހަނދުމަފުޅުކޮށް އަރުވަން ބޭނުން، މި ޕާޓީއާއި މި ސަރުކާރު އަދި ޚާއްޞަކޮށް އަޅުގަނޑުވެސް މިދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި ތަކުރާރުކޮށް ދައްކަމުން ގެންދިޔަ ބައެއް ވާހަކަ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެވާހަކަތައް ތަކުރާރު ކުރުމަކީ މުނާސަބު ކަމެއް. އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ، އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ޙާލަތު މިހާރު މިއޮތް ޙާލަތުން އެހެން ޙާލަތަކަށް ބަދަލުވުން. އަޅުގަނޑުމެން ބޭނުންވަނީ ރަށުގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވުން.
 
އަޅުގަނޑުމެން މިބޭނުންވާ ބޭނުންތައް ފުއްދުމަށްޓަކައި މިރަށުގެ ތަރައްޤީއާއި، މިއަތޮޅުގެ ތަރައްޤީއާއި، މިރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެން ހޯދުމަށްޓަކައި އިންސާނީ ތަޖުރިބާ ދައްކާފައި ހުރި ޙަޤީޤަތްތަކެއް އެބަހުރި. އަޅުގަނޑުމެންނަށް އެބަ އެނގޭ، ޤައުމެއް ތަރައްޤީވެ މިދަނީ ރައްޔިތަކު އެއް ޙާލަތަކުން އަނެއް ޙާލަތަށް ބަދަލުވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި ގޮތަކަށް، ވަކި އިރެއްގައި ކުރީމާކަން. އޭގެ ތެރޭގައި، އެންމެ ބޮޑަށް ފާހަގަވެފައި މިހުރި ކަންތައްތަކަކީ ރައްޔތުން ހުޅުވެން އެބަޖެހެޔޭ. ރައްޔިތުންގެ ވިސްނުން އެބަ ހުޅުވެންޖެހެޔޭ. އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން، އަދި އަތޮޅުގެ ބެރިން އަދި އޭގެ އިތުރުން، ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ވިސްނުން އެބަ ހުޅުވާލަންޖެހެޔޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ، އެއްވެ އުޅުމުގެ ޙައްޤާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޖާގަ އެއީ، ކޮންމެ މުޖުތަމަޢެއްގެ ތެރޭގައިވެސް ފުރިހަމައަށް މިނިވަންކަމާއެކީގައި ރައްޔިތުންނަށް ކުރެވޭކަމަކަށް ވާން ޖެހޭނެއޭ. މިކަންކަން ހިގައިގެން ރައްޔިތުން ބާރުވެރިވެގެން، ކޮންމެ ކުރިނބީ ރައްޔިތަކީވެސް، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ހަލާލު ފައިސާއިން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ، ތިމަންނާ ރިވެތި ދިރިއުޅުމެއް އުޅޭ މީހެކޭ ބުނާ ފަޚުރުވެރި، ޤަދަރުވެރި، ޢިއްޒަތްތެރި ކުރިނބީ ރައްޔިތެއް ބިނާކުރުން މިސަރުކާރުގެ އަމާޒަކީ.
 
 ސަރުކާރުގެ މިއަމާޒަށް ވާސިލުވުމަށްޓަކައި އަދި ރާއްޖެ އަޅުގަނޑުމެން މިބޮޑު މަންޒަރެއްގެ ގޮތުގައި ދެކޭ މަންޒަރާ ދިމާއަށް ބަދަލުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެންމެ އަސާސީ އެއްކަމަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމޭނޭ އުޞޫލުތަކެއް ހޯދުން. ލޯކަލް އިންތިޚާބަކީ ރަށު ކައުންސިލުގެ އިންތިޚާބަކީ ރައްޔިތުންނާ ގާތުން، ރައްޔިތުން ބާރުވެރި ކޮށްދޭނޭ އިންތިޚާބެއް. އެކައުންސިލް އުފެދުނީމާ، އޭރުން އަޅުގަނޑުމެންނަށް އެއުފެއްދުނީ މިދެންނެވި ބާވަތެއްގެ އިންތިޒާމެއްގެ ބިންގާ. ސަރުކާރަކަށް ނެތް އެހިސާބަކުން ހުއްޓާލެވޭކަށް. ސަރުކާރުގެ ވާޖިބެއް އެއީ، މަސްއޫލިއްޔަތެއް އެއީ، އެ މުއައްސަސާ، އެކައުންސިލް އެއީ، ހަރުދަނާ ކައުންސިލަކަށްވެ، އެކައުންސިލް މެދުވެރިކޮށް ރާއްޖޭގެ ތަރައްޤީ އަދި މިރަށުގެ ތަރައްޤީ ޚާއްޞަ ގޮތެއްގައި މިރަށަށް ލިބޭނޭ ގޮތްތަކެއް ހޯދުން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން އެމަސައްކަތުގައި ކުރިއަށްދާނެކަން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މިކަމުގައި އަވަދިނެތި އުޅުއްވާނެކަން.
 
އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނިފައި އޮތް އިތުރު ޙަޤީޤަތަކީ ޤައުމެއް، ރަށެއް، އާބާދީއެއް، ތަރައްޤީވެ ދިޔުމަށްޓަކައި ވިޔަފާރި އެބަ އިތުރުވާންޖެހޭކަން. މުދަލާއި ފަސިންޖަރުން ފަސޭހަ ގޮތުގައި އެއްތަނުން އަނެއްތަނަށް އެބަ ބަދަލުވާންޖެހޭކަން. އެބަދަލު ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްޗަކީ، ރަނގަޅު ދަތުރުފަތުރުކުރުމުގެ ނިޒާމެއް. ރަނގަޅު ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ސަރުކާރުންވަނީ 7 އަހަރު ދުވަހުގެ މަޝްރޫޢެއް އެކުލަވާލާފައި. 2009 ވަނަ އަހަރުގެ ކުރީކޮޅުގައި ސަރުކާރުން މިމަޝްރޫޢު ފެށީ. ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރީ ވަރަށް އަސާސީ ޚިދްމަތްތަކެއް ހުރިހާ ތަނެއްގައިވެސް ދެވޭތޯ ބެލުމަށް. ބައެއް އަތޮޅުތަކުގައި މި އަސާސީ ޚިދްމަތްތައް ތަންކޮޅެއް ރަނގަޅަށް އެބަދެވޭ. އަނެއްބައި ތަންތަނުގައި އެކަށީގެންވާ މިންވަރަކަށެއް ނުދެވޭ. އެހެންނަމަވެސް ސަރުކާރުގެ އަމާޒަކީ، މި ޚިދްމަތް ރަނގަޅު ގޮތުގައި ބާރަށް ގެންދިއުން. މި ޚިދްމަތް ކުރިނބިއަށް ވިސްނާއިރުގައި ރަނގަޅު ގޮތުގައި ދިނުމަށް އެންމެ ބޮޑަށް ބޭނުންވާ އެކައްޗަކީ މިރަށުގައި ބަނދަރެއް އޮތުން. އަޅުގަނޑަށް އެނގޭ، އެއީ އަޅުގަނޑުމެން މިރަށުގައި ބަނދަރެއް ހެދުމަށް ތިޔަބޭފުޅުން ބޭނުންވާ މިންވަރާއި އަދި އޭގެ އިތުރުން، އަޅުގަނޑަށް އެނގޭ އެއްޗަކީ އަޅުގަނޑުމެން މިރަށުގައި ބަނދަރެއް ހެދުމަށް ބޭނުންވާ މިންވަރު. ހަމައެކަނި ކުރިނބީ ރައްޔިތުންނެއް ނޫން އެކަމަށް އެދެނީކީއެއް. އަޅުގަނޑުމެންނަށް މިރާއްޖެ ބަދަލު ކުރުމަށްދާއިރުގައި ކުރިނބީ ރައްޔިތުން މީގައި ޝާމިލުނުވެ ވަރަށް ބޮޑު ގޮތެއްގައި ޝާމިލުނުވެ އެއީކީއެއް އަޅުގަނޑުމެންނަށް ހާސިލުކުރެވޭނޭ ކަމެއް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަހަރުގެ ބަޖެޓުގައި މިހާރު އޮންނާނީ ކުރިނބީގެ ބަނދަރުގެ ފައިސާ ހިމެނިފައި. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްގޮތަކީ މިހާރުވެސް ބަނދަރު ހަދަން ފެށުން. އެއީ، ބަޖެޓް ހަމަ ފާސްވުމާއެކީގައި ބަނދަރުގެ މަސައްކަތް ފެށިދާނެ. އެހެންނަމަވެސް އަޅުގަނޑު ބޮޑަށް އެދޭނީ ކައުންސިލް މެދުވެރިކޮށްގެން އެފައިސާ ކައުންސިލުން ބަލަހައްޓައިގެން، ކައުންސިލްގެ ތެރެއިން ހެދޭތޯ ބެލުން. ދެން ހަމަ މިހެން ދަންނަވާއިރުގައި ބަނދަރެއް ހެދުމުގެ މަސައްކަތަކީ ފުދޭ ވަރަކަށް ބޮޑު މަސައްކަތެއް. ވަރަށްގިނަ އިންޖިނިއަރިން ބޭނުންވޭ. އަދި ޚާއްޞަކޮށް ކުރިނބީ ކަހަލަ ރަށެއްގައި ބަނދަރެއް ހެދުމުގެ މަސައްކަތަކީ ވަރަށް ބުރަ، ވަރަށްބޮޑު މަސައްކަތެއް. ކުރިނބީއަކީ، ފަޅު ކުޑަ ރަށެއް. އެހެންވީމާ، މިތަނުގައި ބަނދަރެއް ހަދާއިރުގައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި ރަށުތެރެ ކަނޑައިގެން ހަދަން މިޖެހެނީ. މިބޮޑު މަސައްކަތަކަށްވެގެންދާނެ. އެހެންނަމަވެސް މިމަސައްކަތް މިބާވަތުގެ ކިތަންމެ ރަށެއްގައި މިހާރު ކާމިޔާބު ކަމާއެކީގައި ކުރެވިފައިހުރި ތަން އެބަފެނޭ. އެހެންވީމާ، މިމަސައްކަތް މިރަށުގައިވެސް ރީތި ގޮތުގައި ކޮށް ނިންމާލުމަކީ މާބޮޑު އުނދަގޫ ކަމަކަށް ނުވާނެ. އަޅުގަނޑު މިދެކެނީ 2011 ވަނަ އަހަރުގެ ވަރަށް ކުރީކޮޅުގައި ޢަމަލީ މަސައްކަތް ފެށި އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެންނަށް އޭގެ މަސައްކަތް ނިންމާލެވޭނެ.
 
ބަނދަރަކީ އެއްވެސް ބޭނުން ހުރި އެއްޗެއް ނޫން، ބަނދަރަކީ އެއްވެސް ބޭނުންހުރި އެއްޗެއް ނޫން، އެބަނދަރު ބޭނުން ކޮށްގެން ވިޔަފާރި ނުހިންގެންޏަކާއެއް. ބަނދަރެއްގެ ބޭނުމަކީ ހަމައެކަނި އެބަނދަރެއް ހަދާލާފައި އޮތުމެއް ނޫން. ބަނދަރެއްގެ ބޭނުމަކީ ބަނދަރު ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް މުދަލާއި ފަސިންޖަރުންނަށް ދެވޭނޭގޮތް ހޯދުން. އެހެންވީމާ، ބަނދަރެއް އަދި އޮވެމެ، އެކަމެއް ނުހިނގާނެ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑު ދެކެނީ، މިބަނދަރު މެދުވެރިކޮށްގެން ކުރިނބީ ރައްޔިތުންނަށް ކިތަންމެ ގިނަ މަސައްކަތެއް ހިންގޭނެ ކަމަށް. ޚާއްޞަކޮށް މަސްވެރިކަންވެސް އަދި އޭގެ އިތުރުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރުކޮށް އުޅުމުގެ ފަސޭހަކަންވެސް.
 
 ސަރުކާރުން އަބަދުވެސް ދެކެމުން އައި ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ، އަޅުގަނޑުމެންގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދިގެންނޭ. މިރާއްޖޭގެ ރައްޔިތުންގެ ކޮންމެ ތިން މީހަކުން ތެރެއިން އެކަކީ ފަޤީރެކޭ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ނިކަމެތިން. އެމީހުންނަކީ އެމީހުންނަށް ދުވާލެއްގެ މައްޗަށް ދިހަރުފިޔާވެސް އާމްދަނީގެ ގޮތުގައި ނުލިބޭ މީހުން. އެމީހުންނަށް ރައްކާތެރިކަމެއް ހޯދައިދިނުމަކީ ކޮންމެހެން މުހިންމު ކަމެއް. އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލު ކުރަން، މިދިޔަ 30 އަހަރުވެސް އަދި މިދިޔަ ދެއަހަރުވެސް ރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް ފޯރުކޮށްދޭ ތަންތަން ހެލްތް ޕޯސްޓް، ހެލްތް ސެންޓަރު، އަތޮޅު ހޮސްޕިޓާ އަދި ސަރަޙައްދީ ހޮސްޕިޓަލާ، މާލޭގައި ހުންނަ ހޮސްޕިޓާވެސް، މިތަންތަން ހިނގަމުން މިއަންނަނީކީއެއް އަޅުގަނޑުމެން އެންމެ އެދޭ މިންވަރަކަށެއް ނޫން. އަޅުގަނޑުމެންނަށް އެކަންތައް ރަނގަޅު ކުރަން މިއޮތީ ވަރަށް ބޮޑަށް ޖެހިފައި.
 
ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެބައެދޭ އެރަށެއްގައި ތިބެގެން ހުރިހާ ޚިދްމަތެއް އެރައްޔިތަކަށް ލިބުން. ރާއްޖޭގައި 198 ރަށް އޮންނަ އިރުގައި ކޮންމެ ރަށަކީ ޤައުމެއްގެ ގޮތުގައި ތަރައްޤީ ކުރުން އެއީ، ވަރަށް އުނދަގޫ ކަމަކަށްވެސްވާނެ. މިދެންނެވި ދަތި އުނދަގޫ ކަންތައް މިހެން އޮވެ، އެކަމާ އަޅުގަނޑުމެން އަޅާލަމުންދާއިރުގައި، ސަރުކާރަށް ވިސްނުނީ އެއަށްވުރެ މިދެންނެވި ކަމުނުދާ، ފުރިހަމަނޫން ޞިއްޙީ ޚިދްމަތްތަކަށްވެސް ރާއްޖޭގެ އެއްލައްކަ މީހުންނަށް ނުވަތަ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަށް އަތްނުފޯރައޭ. އެޚިދްމަތްތަކެއް އެމީހުންނަކަށް ނުލިބެޔޭ. އަޅުގަނޑުމެންނަށް ފެނުނީ ރާއްޖޭގެ ވަރަށްގިނަ ބަޔަކު، ވަރަށްގިނަ ރައްޔިތުން ބޭސް ސިޓީއެއް ހިފައިގެން އެއްފިހާރައިން އަނެއް ފިހާރައަށް، އެއް ގެއިން އަނެއް ގެއަށް އެސިޓީއަށް ބޭސް ލިބޭތޯ އެހީއަކަށް އެދި ހިނގަމުން ދިޔަތަން. އަޅުގަނޑުމެންނަށް 2005ވަނަ އަހަރުވެސް، 2006ވަނަ އަހަރުވެސް، 2007ވަނަ އަހަރުވެސް، 2008ވަނަ އަހަރުވެސް ފެނިގެންދިޔަ މިމަންޒަރާ ގުޅޭގޮތުން އަޅުގަނޑުމެން ވަރަށް އަޑުގަދަ ކުރިން. ފޮތް ލިސްޓަށް ސަލާން ޖެހުމާ ބޭސްސިޓީއަށް ސަލާން ޖެހުން. މިދެވާހަކަ އެއީ ކެނޑިނޭޅި އަޅުގަނޑުމެން ދެއްކި ވާހަކަ. އެހެންވީމާ، އެކަމުން ރައްޔިތުން މިންޖު ކުރުމަށްޓަކައި، ބޭސްސިޓީއަށް ސަލާން ޖެހުން ހުއްޓުވާލުމަށްޓަކައި މަދަނައިގެ ވިއުގަ އުފެދިގެން އައީ. އަޅުގަނޑު އުފާވާ ކަމެއް އެއީ، މިރަށުގެ 119 ރައްޔިތަކު މަދަނައިގައި ބައިވެރިވެފައިވާކަން. އަދި އެހެންވީމާ، ސަރުކާރުން ހިތްހަމަޖެހޭކަމެއް އެއީ، ޖުމްލަ 11 މިލިއަން ރުފިޔާ މިރަށުގެ މަދަނައިގައި ބައިވެރިވެފައިވާ ރައްޔިތުންނަށް އެކަހެރިކޮށްފައި، ފޮރުވިފައި އެއްކައިރި ކޮށްފައި މިފަހަރުގެ ބަޖެޓުގައި ބެހެއްޓިފައި ހުރިކަން. އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
އަޅުގަނޑު މާލޭ ބައެއް ވިޔަފާރިވެރިންގެ ގާތުގައި އަހަން މިހާރު މީގެ ދެއަހަރު ކުރީގައި ތިޔަބޭފުޅުން އަރިހަށް ބޭސް ސިޓީ ހިފައިގެން ރައްޔިތުން އައި މިންވަރަށް މިހާރު އެބަ އާދޭތޯ. މާލޭ ވިޔަފާރިވެރިން އަޅުގަނޑު ގާތުގައި ބުނަނީ އަންނަ މިންވަރު ވަރަށް ބޮޑުތަނުން މަދުވެއްޖެޔޭ. އަޅުގަނޑަށް ޔަޤީން، މި ކުރިނބީ ރައްޔިތުންވެސް އަދި ކުރިނބީ ވިޔަފާރިވެރިންނަށްވެސް ހަމަ މިޙަޤީޤަތް ފެންނާނެ. އަޅުގަނޑުމެންނަށް މިދަނީ ވަރަށްގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެމުން. މިއަހަރުގެ ތެރޭގައި، މިހިނގާ އަހަރުގެ ތެރޭގައި، މަދަނައިގެ އެހީތެރިކަން ރަނގަޅު ސާޅީސް ހާސް މީހުންނަށް ދެވިއްޖެ. އަޅުގަނޑު މަދަނައިގެ ވާހަކަ، މިހާ ބާރަށް ދައްކާއިރުގައި އެ ނިޒާމު ހިންގަނީ މިރަށު ދަރިއެއް. އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި ސާޅީސް ހާސް ރައްޔިތުންނަށް މި ޚިދްމަތުގެ އެހީތެރިކަން ފޯރުކޮށްދެވިއްޖެ. މީގެކުރީގައި، ވެލްފެއަރއިން ނުވަތަ ތީމުގޭ ވެލްފެއަރއިން އެނގިވަޑައިގަންނަވާނެ، އަހަރެއްގެ މައްޗަށް އެއްހާސް މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްނުދެވޭނެ. އެ އެހީތެރިކަމަކީ ވަރަށް މަދު ބަޔަކަށް، ވަކި ބަޔަކަށް ވާން އޮންނަ ކަމެއް. އަޅުގަނޑުމެން މި ނިޒާމު ފުޅާކޮށް، މިހާރު ވީހާވެސް ގިނަ ރައްޔިތުންނަކަށް މިޚިދްމަތް ދެމުން މިގެންދަނީ. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.
 
އަޅުގަނޑުމެން އަދިވެސް ދައްކަމުން އައި ވާހަކައެއް، ފާހަގަކުރަމުން އައި ނުކުތާއެއް އެއީ، މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ މިރާއްޖޭގެ ދޮށީ އުމުރުގެ މީހުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރީތީއޭ، އެމީހުން ފަރަށް ދިޔައީތީއޭ، އެމީހުން މަހަށް ދިޔައީތީއޭ، އެމީހުން ގަލަށް ދިޔައީތީއޭ، ވެއްޔަށް ދިޔައީތީއޭ، ރުކަށް އެރީތީއޭ، ވަޑާން ކުރީތީއޭ، އޮޑިދޯނި ފަހަރު ބަނީތީއޭ، ރިސޯޓް ފަހަރު ހެދީތީއޭ، އެމީހުން މަސައްކަތް ކުރީތީއޭ. މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ މިއަދުގެ ދޮށީ އުމުރުގެ މީހުންގެ ވަރަށްގިނަ ގުނަ މަސައްކަތުންކަން ކަށަވަރު. ދެން މިއަދު އަޅުގަނޑުމެން ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކޮންބަޔަކަށްތޯ އަޅުގަނޑުމެން ވިސްނާއިރުގައި އެޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި ތިއްބެވި ބޭފުޅުން ކަމަށް އެއީ، އެއްވެސް ހާލެއްގައި ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް ގަބޫލުކުރެވުނު ފަލްސަފާއެއް ނޫން. އެހެންވީމާ، މިސަރުކާރުން ނިންމީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ކޮންމެ 65 އަހަރުން މަތީގެ ރައްޔިތަކަށްވެސް 2000 ރުފިޔާގެ ޕެންޝަނެއް ދިނުން. އަޅުގަނޑު އުފާވާ ކަމެއް އެއީ، އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް އެއީ، މިރަށުގެ، ކުރިނބީގެ 35 މީހަކަށް މިޕެންޝަން މިހާރު ދެމުންދޭ. އެހެންވީމާ، އަޅުގަނޑުމެން ހިތްހަމަޖެހޭ މަހެއްގެ މައްޗަށް މިރަށަށް އެކަމަށް ހަތްދިހަ ހާސް ރުފިޔާ ޚަރަދު ކުރެވޭކަން.
 
 މިރަށު ރައްޔިތުން އަޅުގަނޑު ގާތުގައި އަހާދާނެ ރައީސޭ، ތިޔަ ހުރިހާ ލާރި މިދެއަހަރު ޚަރަދު ކުރީއޭ ތިޔަ ބަނދަރު ނުހަދާ. ބަނދަރެއް ނޫންހެއްޔޭ، އެންމެންވެސް ބުނަމުން އައީ މުހިންމު ކަމަށް. ބަނދަރެއް މުހިންމު. އެހެންނަމަވެސް، އެބަނދަރަށް އަރާފައިބާނެ މީހުން ބަނޑަށް ތިބީމަކާއެއް އަޅުގަނޑެއް ނުދެކެން މިރާއްޖޭގެ ޙަޤީޤީ ތަރައްޤީއެއް އެމަގުން ފެނިދާނެ ކަމަކަށް. އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިނުދީ ދެން އެހެން އެއްވެސް ކަމެއް ކުރަން ނުކުތްނަމަ އަޅުގަނޑަށް ފެނުނު ގޮތުގައި، އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނު ގޮތުގައި އަޅުގަނޑުމެންނަށް އޭރުން އެކުރެވުނީ ކަންކަން ރަނގަޅު ތަރުތީބަކުން ނޫން. އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން އައިން، ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ވަކި ތަރުތީބަކުންނޭ. އެތަރުތީބު އަޅުގަނޑުމެން އޮޅުވާލައިގެން ނުވާނެއޭ. އަޅުގަނޑަށް އެނގޭ، މިރަށުގެ ވަރަށްގިނަ ޒުވާނުންނާއި އަދި ވަރަށްގިނަ ރައްޔިތުން ހިތްހަމަނުޖެހޭކަން އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި މިރަށު ބަނދަރު ހަދާން ނުފެށީތީވެ. އަޅުގަނޑުވެސް ހިތްހަމައެއް ނުޖެހޭ. އަދި އެހެންނަމަވެސް ހަމަ ދަންނަވަން އޮތް ވާހަކައަކީ، މަޑުކުރީވެސް ހަމަ އަޅުގަނޑޭ. އަޅުގަނޑަށް ފެނުނު ގޮތުގައި، އަޅުގަނޑުމެން ކުރަން ހުރި ކަންތައްތައް އެކުރަން ހުރި ތަރުތީބުގައި ނުކޮށްފިއްޔާ ދެން ފަހުން ލިބޭ ގެއްލުން، ޙަޤީޤީ ބަދަލު އަޅުގަނޑުމެންނަށް ނުލިބި އެބަދޭ. މިމަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ އަޅުގަނޑުމެންނަށް ލިބިހުރި ތަޖުރިބާއަކާއި، އަޅުގަނޑުމެންނަށް ލިބިހުރި ޢިލްމަކާއި، އަޅުގަނޑުމެންނަށް މިކަމާ ގުޅޭގޮތުން އެނގިފައި ހުރި މަޢްލޫމާތާއި އެނގިފައިހުރި ފަލްސަފާތަކުގެ މައްޗަށް. އަޅުގަނޑެއް ނުދެކެން، އަޅުގަނޑުމެންގެ ކިބައިގައި މިކަމުގެ ޤާބިލުކަން ނެތްކަމަކަށް. އަޅުގަނޑުމެންނަށް އަދި މިސަރުކާރަށް މިރާއްޖެ ތަރައްޤީ ކުރެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ މިކުރިންބާއި މިރާއްޖެ އަޅުގަނޑުމެންގެ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބަދަލު ކުރާނަން.
 
އެންމެ މުހިންމީ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން. އެންމެ މުހިންމީ އަޅުގަނޑުމެންނަށް ތަންދޮރު، ކަނޑުފަޅު އެނގުން. ތިމަންނާއަށް އެއްޗެއް އެނގިފައި ހުރުން. ތަޢްލީމު އެންމެ މުހިންމީ. ތަޢްލީމު ތަރައްޤީ ކުރުމަށް އެއްދަންފަޅިއަށް ކިޔަވައި ދިނުމާއި، ވަށާޖެހޭ ރަނގަޅު ތަޢްލީމެއް ދިނުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އެމަސައްކަތް މިދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހިންގަމުން. އިރާދަކުރެއްވިއްޔާ މިރަށުގައިވެސް ވަށާޖެހޭ ފުރިހަމަ ތަޢްލީމެއް އަޅުގަނޑުމެން ދޭނެ. އެކަމުގައި އަޅުގަނޑުމެންނެއް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެންގެ ވަރަށްގިނަ މުދައްރިސުންނަކީވެސް މިރަށުގެ ރައްޔިތުން އަދި މިރަށަށް ނިސްބަތްވި މީހުން. އަޅުގަނޑުމެންނަށް އެނގޭ މިރަށުގެ ރައްޔިތުންނަށް މިރަށުގެ ރައްޔިތުންގެ ތޫނުފިލިކަން. އަދި އެމީހުންނަށް ރަނގަޅު ތަޢްލީމެއް ދެވުނީމާ އެމީހުންގެ އަމިއްލަ ތަރައްޤީއާއިގެން ނުކުންނާނެ މިންވަރާ އަދި އޭގެ ސަބަބުން މިރާއްޖެ ބަދަލުވެގެންދާނެ މިންވަރު. މިސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް އެއީ ފޮތް، ފަންސުރު، ގަލަމާއި، ފޮތް ލިސްޓު ގަނެދިނުމަށް، މި ހިނގާ އަހަރުގެ ތެރޭގައި ސަރުކާރުން ނުވަދިހަ އެއްހާސް އެއްސަތޭކަ ނުވަދިހަ ހަރުފިޔާ މިރަށަށް ޚަރަދުކުރެވިފައި އޮތް ކަމަކީ އަޅުގަނޑުމެން އުފާވާ ކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. ހަމައެހެންމެ، އެއާއެކީގައި މިރަށުގެ ދަރިވަރުން އިމްތިޙާނު ހެދުމަށް، އިމްތިޙާނު ކޯސް ފީ ދެއްކުމަށްޓަކައި އަށާރަހާސް ރުފިޔާ ސަރުކާރުން ދެވިފައިވާކަމީ         މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ މަދަރުސާއާއި ތިޔަބޭފުޅުންގެ ދަރިން، މި ކުރިނބީ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމުގައި ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން އަބަދުވެސް ތިބޭނީ ތައްޔާރަށް.
 
ޤަބޫލުފުޅު ކުރައްވާތި ޙަޤީޤީ ތަރައްޤީއެއް ލިބޭނީ އާމްދަނީ އިތުރުވެގެން. ޖީބަށް ވަންނަ ފައިސާ އިތުރުވެގެން. އާމްދަނީ އިތުރުވާނީ ވިޔަފާރި ރަނގަޅަށް ހިނގައިގެން. އާމްދަނީ އިތުރު ކުރުމަށްޓަކައި މިސަރުކާރުގެ އެންމެ މުހިންމު އެންމެ ބޮޑު އެއް ސިޔާސަތަކަށްވީ މަސްވެރިކަން ހުޅުވާލުން. ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވުމުގެ ކުރީގައި  2008 ވަނަ އަހަރާ ޖެހެނުއިރުވެސް، އެނގިވަޑައިގަންނަވާނެ މަސްކިލޯއެއްގެ އަގު، ރޯމަސްކިލޯއެއްގެ އަގު ކިރަން މިލިބެނީ ގިނަވެގެން ފަސްރުފިޔާއަށް. ޢާންމުކޮށް ދެރުފިޔާ ބަޔާއި، އެއްރުފިޔާ ފަންސަވީސް ލާރިއަށް. ކިލޯ ހަމަނުވީމާ އަދި މާ އަގުހެޔޮކޮށް. އަޅުގަނޑުމެން ވަކާލާތު ކުރަމުން އައީ، ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ ރާއްޖޭގެ ގިނަ ބައިވަރު މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބެން ފެށީމައޭ. އެމީހުންގެ މަހަށް ރަނގަޅު އަގު ލިބެން ފެށީމައޭ. އަޅުގަނޑު މިއަދު ބުނެދޭކަށެއް ނުޖެހޭނެ މަސްވެރިކަން ހުޅުވާލުމުން އެލިބޭ ފައިދާ މިއަދު އެންމެ ހެޔޮކޮށްވެސް މަސްކިބައެއްގެ އަގަކީ ދިހަރުފިޔާ. ތިޔަބޭފުޅުންނަށް ކޮންމެ ބޯޓަކަށްވެސް ދިހަރުފިޔާއަށް ކިރޭނެ. އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ އިރާދަކުރެއްވިއްޔާ ބައިނަލްއަޤްވާމީ މާރުކޭޓުގައި އެއިރެއްގައި މަސްހުރި އަގެއްގައި ދިވެހި މަސްބެހެއްޓުން. އަޅުގަނޑުމެން މިދެކެނީ، މިރާއްޖޭގެ ތަރައްޤީއަށް ތިޔަބޭފުޅުންގެ އާމްދަނީއާއެކީގައި، އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ކަމަށް.
 
އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އަދި މި ސަރުކާރު އަޅުގަނޑު އަބަދުވެސް ފާހަގަކުރަން ދެމި އޮންނަނީ ހަމަ އެންމެ ބޭނުމަކަށްޓަކައޭ. އެއީ، އަޅުގަނޑުމެން ފުއްދާފައިވާ ވަޢުދުތައް، އަޅުގަނޑުމެން ކޮށްފައިވާ ވަޢުދުތައް ފުއްދުމަށްޓަކައޭ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައޭ. އެނޫން އެއްވެސް ބޭނުމެއް މިސަރުކާރު ދެމިއޮތުމުގައެއް ނެތް. މިއީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަޣްލަބިއްޔަތު ލިބުނީތީވެ، އެޕާޓީ އުފައްދާފައި އޮތް ސަރުކާރެއް. އެ ސަރުކާރުގެ ބޭނުމަކީ، އެޕާޓީގެ ފަލްސަފާއާއި އަދި އެޕާޓީ އެދޭގޮތަށް އެޕާޓީގެ ވިސްނުމާއި އެއްގޮތަށް މިރާއްޖެ ތަރައްޤީކުރުން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ އަދި      މާ ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
           والحمد للّـه. والسّـلام عليـكم
 
_______________________