بســماللّـهالرّحمـنالرّحيــم

މިނިސްޓަރ އޮފް ހޯމް އެފެއާޒް، އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި ފިނޭގެ އެންމެހާ ލޮބުވެތި ރައްޔިތުން:
 
السّـلام عليـكم
 
އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީއްސުރެ އަދި ގިނަ ބަސްތަކަކުން ދަންނަވަނީނަމަ ހަވާލުވުމުގެ ކުރީގައިވެސް، މި ސަރުކާރުން އައީ، ޕާޓީއެއްގެ ސިފައިގައި ވަރަށްގިނަ ފަރާތްތަކަކާ މަޝްވަރާކޮށް ވާހަކަ ދައްކަމުން. ޚާއްޞަކޮށް ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް، ގެއިން ގެއަށް ދޮރުން ދޮރަށް ޒިޔާރަތްކުރެވި، އެރައްޔިތުންނާ އަޅުގަނޑުމެންނާ ވާހަކަ ދައްކަމުން ގެންދެވުނު. އެރައްޔިތުން ހާމަކުރި ނުކުތާތަކެއް އަޑުއެހިވާހަކަތަކެއް އަޅުގަނޑުމެން ހަނދާނެއް ނުނެތޭ. އަދި އޭގެ ކުރިން ރައްޔިތުން ނޫން ކަމުގައިވިޔަސް އެކިއެކި ގޮތްގޮތުން ރާއްޖެއާ ގުޅޭގޮތުން، ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އެކިއެކި މުއައްސަސާތަކުން ދެކެވިފައި ހުރި ވާހަކަތައް، ކުރެވިފައިހުރި ދިރާސާތައް ވަރަށްގިނަ.
 
އަޅުގަނޑުމެންނަށް ފާހަގަވި އެއްކަމަކީ، ހަމަ ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން އިންސާނީ ތަޖުރިބާ ދައްކާފައި ހުރި ޙަޤީޤަތްތަކެއް އެބަހުއްޓޭ. ޤައުމެއް ތަރައްޤީވެ ދިޔުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި އިރެއްގައި، ވަކި ގޮތަކަށް އެބަކުރަންޖެހެއޭ. އަޅުގަނޑުމެންގެ ހާލަތު، ރައްޔިތުންގެ ހާލަތު އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވެ ދިޔުމަށް، އެބަދަލު ގެނައުމަށް ހިންގަންޖެހޭ ވަކި ބާވަތެއްގެ ކަންތައްތަކެކޭ. އޭގެތެރެއިން، އަބަދުވެސް ފާހަގަވެފައި އޮންނަ އެއް ކަމަކީ، ރައްޔިތުންގެ ކަންކަން ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުން ރައްޔިތުންގެ އިޙްސާސްތަކާއި ރައްޔިތުންގެ އެދުންތަކާއި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ގެންދެވޭނޭ އިންތިޒާމެއް ކޮންމެހެން ހޯދަންޖެހެއޭ.
 
ރަށު ކައުންސިލްތަކުގެ އިންތިޚާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިދެންނެވި ބިންގާ އަޅައިދޭނެ. އަދި ހަމައެހެންމެ. ތަރައްޤީއަށްޓަކައި އުފައްދަންޖެހޭ ނިޒާމެއްގެ ތެރޭގައި ރައްޔިތުންނަށް ބިރުވެރިކަމެއްނެތި ޚިޔާލު ފާޅުކުރެވެން ޖެހޭނެ. އެ ރައްޔިތުންގެ ޝުޢޫރު ހާމަކުރެވެންޖެހޭނެ. އެއްވެ އުޅެވެންޖެހޭނެ. އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގެން ޖެހޭނެ. މިދަންނަވާ އަސާސްތައް ފުރިހަމަވެގެން މެނުވީ ޤައުމުތައް ތަރައްޤީވެފައި ހުއްޓާ ފެންނަނީ ވަރަށް މަދު ފަހަރަކު. އަދި ޤައުމެއްގައި ކުރު މުއްދަތަކަށް ތަނަވަސްކަމެއް ލިބުނު ކަމުގައިވިޔަސް ދާދި އަވަހަށް ޚަރާބާއި ހަލާކުގެ ތެރެއަށް ޤައުމުތައް ވެއްޓިދޭ. އަޅުގަނޑުމެންގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތުގައި އަޅުގަނޑުމެން ތަރައްޤީކުރުން.
 
މި ސަރުކާރު ހިންގުމާ ހަވާލުވުމުގެ ކުރީގައިވެސް އަޅުގަނޑު ދެންނެވިހެން ސަރުކާރަށް ފާހަގަވެފައި އޮތް އެއްކަމަކީ، އަޅުގަނޑުމެން ރާއްޖޭގެ ރަށްތަކުގައި އަދި އަތޮޅުތަކުގައިވެސް މާލޭގައިވެސް ދެވެމުން އަންނަ ޞިއްޙީ ޚިދްމަތުގެ ފެންވަރު ވަރަށް ދެރަ ކަމަށް ނުވަތަ އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރަށް ނުލިބޭކަން. އެކަންކަން ރަނގަޅުކުރަންޖެހިފައި އޮތް ކަމަކީ އަދި މިހާރުވެސް އެކަން ނުވެ އޮތްކަން އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރަން. މިކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރުގައި އަދި އިތުރަށް އަޅުގަނޑުމެންނަށް ލިބިފައި އޮތް އަނެއް ޙަޤީޤަތަކީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހަކުން ތެރެއިން އެކަކީ ނިކަމެތި ފަޤީރެކޭ. އޭނާއަށް މި ދަންނަވާ ކަމުނުދާ ފެންވަރު ދެރަ  ޞިއްޙީ ޚިދްމަތަށްވެސް އަތްނުފޯރައޭ.
 
ރާއްޖޭގެ ނިކަމެތިންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުމަކީ މިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވެގެން، ސަރުކާރުން މިއެކުލަވާލީ މަދަނައިގެ ވިއުގަ. އަޅުގަނޑުމެން އުފާވޭ އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި މިރަށުގެ      60 އަށްވުރެގިނަމީހުން މިހާރުވަނީ މަދަނައިގައި ރަޖިސްޓަރީ ކުރެވިފައި. އެހެންވީމާ، އެޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ އެއަހަރު ކޮށްދެވޭނެ. އެހެންވީމާ، ފިނޭ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށް ސަރުކާރުން ހަމިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ އެއްކައިރި ކުރެވިފައިވާކަމީ ސަރުކާރުން ހިތްހަމަޖެހޭ ކަމެއް.
 
 ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ދޮށީ އުމުރުގެ މީހުންނާ އަޅާލެވޭނެ އިންތިޒާމެއް ހަމަޖެއްސުން. ކިތަންމެ ބޭނުމެއް އެބަހުރި. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިރާއްޖެ ތަރައްޤީ ކުރުމުގައި އަދި މިރާއްޖެ އަޅުގަނޑުމެންނަށް ލިބިފައި މިއޮތް ގޮތަށް ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މިހާރު އުމުރުން ދުވަސްވީ މީހުން. އެމީހުން މަހަށްދިޔައީތީ، އެމީހުން ފަރަށް ދިޔައީތީ، އެމީހުން ރުކަށް އެރީތީ، ރިސޯޓް ފަހަރު ހެދީތީ، ވަޑާން ކުރީތީ އަޅުގަނޑުމެންގެ ރާއްޖެ މިގޮތަށް މިއޮތީ. ދެން މިއަދު އަޅުގަނޑުމެން ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ވިސްނާއިރުގައި      އެޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރަން އިން މީހާކަމަށް، އެއީ އެއްގޮތަކަށްވެސް ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ޕާޓީ ބަލައިގަންނަ ފަލްސަފާއެއް ނޫން. އެޕާޓީން ނިންމީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ސިޔާސަތު ތަންފީޒު ކުރާއިރު ކޮންމެ އުމުރުން ދުވަސްވީ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭންޖެހޭނެއޭ.
 
އެ ޕެންޝަން ދިނުމުގެ އަނެއް ބޭނުމަކީ، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މައިންބަފައިންނާއި ގާތްތިމާގެ މީހުން ތަނަވަސްކަންމަތީ ނުވަތަ ހަމަޖެހިގެން އުޅޭތަން އުޅެލީމާ ދެން ޒުވާން ޖީލަށް އަދި މަސައްކަތް ކުރެވޭ މިންވަރު، އިތުބާރާ އެކީގައި މަސައްކަތް ކުރެވޭ ވަރު މާ އިތުރޭ. ސަރުކާރު ހިތްހަމަޖެހޭ ކަމެއް އެއީ މިރަށުގެ 30 މީހުންނަށް މިދެންނެވި ޕެންޝަން މިހާރު ދެވެމުން ގެންދެވޭ. އަޅުގަނޑުމެން އުފާވާ ކަމެއް އެއީ، މިރަށަށް ފަސްދޮޅަސް ހާސް ރުފިޔާ މަހަކު މި ޕެންޝަނަށް ސަރުކާރުން ޚަރަދު ކުރަމުން އަންނަކަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. އެއީ ޔަތީމު ކުދިންނަށްވެސް، އެކަނިވެރި މައިންނަށްވެސް އަދި ނުކުޅެދޭ ކުދިންނަށްވެސް މީހުންނަށްވެސް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި     މި މިސްރާބު ހުރީ ރަނގަޅަށް. އަޅުގަނޑުމެން މިދަނީ ހަމަ ހުރިހާ ވަރަށްގިނަ މީހުންނަށް މިދެންނެވި ޚިދްމަތްތައް ދެވެމުން. އަޅުގަނޑުމެން މިދެކެނީ އަޅުގަނޑުމެންގެ މި ތިން އަހަރު ކުރިއަށް އޮތް މި ދައުރުގެ ތިން އަހަރު ނިމޭއިރު، އަޅުގަނޑުމެން އަމާޒުކޮށްފައިމިވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް މިރާއްޖޭގައި ފުރިހަމައަށް ތަންފީޒުކޮށް އިރާދަކުރެއްވިއްޔާ ނިންމާލެވޭނެއޭ.
 
ސަރުކާރުގެ އަނެއް ވަރަށްބޮޑު އަމާޒެއް އެއީ، ކުދިންނަށް ކިޔަވާދޭން ރަނގަޅު ތަޢްލީމެއް ދަރިންނަށް ދީ، ހަމައެކަނި މިސަރުކާރެއް ނޫން ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި އެކިއެކި ވެރިން އެކިއެކި ގޮތަށް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމެއް. ފިނޭ އަކީ ކިތަންމެ ކުޑަރަށަކަށްވިޔަސް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މިރަށުގެ ދަރިންނަކީ ސިކުނޑި ފުޅާ، ވިސްނުން ތޫނު ބައެއްކަން. އެމީހުންނަށް ތަޢްލީމެއް ލިބުނީމާ، ކިރިޔާވެސް ފުރުސަތެއް ލިބުނީމާ، ކުރިއަރައިގެންދަނީ ނުވަތަ ފާހަގަވެގެންދަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި ނުވަތަ މުޅި ރާއްޖެ ދަންނަ މިންވަރަށް ފާހަގަވާ މީހުންކަން. ސަރުކާރުގެ އަމާޒަކަށްވީ ރައްޔިތުންނަށް ވަށާޖެހޭ، ދަރިވަރުންނަށް ވަށާޖެހޭ ތަޢްލީމެއް ދިނުން. އެހެންވީމާ، އެއް ދަންފަޅިއަށް ނުވަތަ ކްލާސްރޫމްތަކެއް އެބަ އުފައްދަންޖެހޭ. އަޅުގަނޑުމެން އުފާވޭ، ހިތްހަމަޖެހޭ އިރާދަކުރެއްވިއްޔާ މިއަންނަ ދިރާސީ އަހަރު ފެށޭއިރުގައި މިރަށުގައި އެއްދަންފަޅިއަށް ކިޔަވާދެވި ކުދިންނަށް ތަންކޮޅެއް ރަނގަޅު މަދަރުސާއެއް ލިބޭނެ ކަމަށް.
 
 ހަމައެހެންމެ، އަޅުގަނޑުމެންނަށް ހިތްހަމަޖެހޭ އަނެއް ކަމަކީ މިތިބޭ ދަރިވަރުންނަށް ތަޢްލީމަށް ފޮތް، ފަންސުރު، ގަލަން އަދި ޔުނީފޯމް ގަތުމަށާއި މިބާވަތުގެ ކަންކަމަށް ނުވަދިހަ ވަރަކަށް ހާސް ރުފިޔާ ސަރުކާރުން އެބަ ޚަރަދުކުރޭ. މިރަށު ދަރިވަރުންނަށް އެބަދެވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ދާނީ އެ އެހީތެރިކަން ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ ބޭނުމަކީ ދަރިވަރުން ރަނގަޅަށް ކިޔެވުން. އަޅުގަނޑުމެން އެދެނީ، ސަރުކާރުގެ އުންމީދަކީ ކުދިންނަށް ހަމަ ކޮންމެ ދުވަހަކުވެސް ކުދިންގެ ކިޔެވުމުގެ ކަންތައް މަންމައިންވެސް އަދި ޚާއްޞަކޮށް ބައްޕައިންވެސް އެކިޔެވުމުގެ ކަންތައް ބަލައި، ކުދިންނަށް ރަނގަޅަށް، ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރުން.
 
މިރަށަކީ ބިންބޮޑު، ބިން ރަނގަޅު ތަނަވަސް، ޤުދުރަތީ ވަސީލަތްތައް ގިނަ ރަށެއް. މިރަށުން އިޤްތިޞާދީ ތަރައްޤީ ހޯދޭނެކަމީ އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި އޮތް ޙަޤީޤަތެއް. އެކަން ހިންގުމަށްޓަކައި ސަރުކާރުން އެހީތެރިކަން އެބަ ފޯރުކޮށްދޭންޖެހޭ. އެހެންވީމާ، މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ލުއިލޯނު އެކިއެކި ވިޔަފާރިތަކަށް، ލުއިލޯނުގެ ފުރުސަތުތަކެއް ހުޅުވާލެވޭނެ. އެއީ، ފަންގިވިނަންވިޔަސް، ރޯނުވަށަންވިޔަސް، ދަނޑުވެރިކަމަށްވިޔަސް އަދި އެހެންވެސް އުފެއްދުންތަކަށް ފަހިވާގޮތަށް ހިންގާ ވިޔަފާރިތަކަށް ލޯނުގެ ފުރުސަތުތަކެއް ހުޅުވާލެވޭނެ. އޭގެތެރޭގައި، ފިނޭއަށްވެސް މިފުރުސަތު އިރާދަކުރެއްވިއްޔާ ހުޅުވިގެން މިއަންނަ އަހަރުދާނެ.
 
މިރަށުގައި އުފައްދާ ތަކެތި ރަނގަޅަށް މާކެޓް ކުރެވި، އެވިޔަފާރީގެ ފައިދާ މިރަށު ކުދިބޮޑު ރައްޔިތުންނަށް ލިބުމަކީ ތަރައްޤީއަށް އެންމެބޮޑަށް އަޅުގަނޑުމެން ހިންގަންޖެހޭ މަސައްކަތަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމަސައްކަތް ހިންގާނެ. އެމަސައްކަތް ހިންގުމުގެ ވަރަށްބޮޑު ބައެއް މިހާރު އެއޮތީ ފުރިހަމަވެފައި. އެއީ، ބަނދަރު އިރާދަކުރައްވައިގެން އެ އޮތީ ހެދިފައި. ދެން އެބަ ބޭނުންވޭ ދަތުރުފަތުރު ކުރުމުގެ ނިޒާމު ވަރަށްބޮޑު ތަނުން ފުރިހަމަ ކުރަން. ސަރުކާރުން ބެލީ 7 އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ރަނގަޅު، އެކަށީގެންވާ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް އުފެއްދިދާނެ ކަމަށް. ފުރަތަމަ 2 އަހަރުގެ ތެރޭގައި އަސާސީ ޚިދްމަތްތަކެއް އެނިޒާމުގެ ތެރެއިން ދެވިދާނެ ކަމަށް. މިއަސާސީ ޚިދްމަތް ދިނުމުގައިވެސް އެކިއެކި އަތޮޅު ތަފާތު އަނެއް އަތޮޅާ. އެނގިވަޑައިގަންނަވާނެ މިމަސައްކަތް ހިންގަމުން މިދަނީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން. ފިނޭއަށް އަޅުގަނޑަށް އެނގޭ އަދި މިހާރު ހަފްތާއަކު ދެފަހަރުކަން ދަތުރު އޮތީ. އެކަމު އަޅުގަނޑުމެން މިއުންމީދު ކުރަނީ 2011 ވަނަ އަހަރު އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކުވެސް ފިނޭއަށް ދަތުރުގެ ޚިދްމަތް ލިބިގެންދާނެ.
 
އަޅުގަނޑުމެން ދެކެން ޖެހޭނީ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނީ، އެއްވެސް ޤައުމެއްގައި، އެއްވެސް ތަނެއްގައި ސަރުކާރަކަށް، މުޅި ހުރިހާ ރައްޔިތުންނަކަށް ވަޒީފާގެ ފުރުސަތުތަކެއް ކަށަވަރެއް ނުކޮށްދެވޭނެ ސަރުކާރުގެ ވަޒީފާގެ ގޮތުގައި. އެހެންވީމާ، އަމިއްލަ ވިޔަފާރިއާއި، އަމިއްލަ ފަރާތްތަކުގެ ހަރުދަނާ، އިތުބާރު ހުރި ވަޒީފާތަކެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށް ބޭނުންތެރި ކަމެއް. އެވަޒީފާތައް އުފެއްދުމަށްޓަކައި މިދަންނަވާ ވިޔަފާރީގެ ފުރުސަތުތައް ސަރުކާރުން މިހުޅުވާލަނީ. އަޅުގަނޑު އުންމީދުކުރާނީ ވީހާވެސް ގިނަ ރައްޔިތުންނެއް އެ ވިޔަފާރީގެ ފުރުސަތުތަކުގައި ބައިވެރިވެލައްވާނެ ކަމަށް. އޭގެ ތެރޭގައި ސަރުކާރަށް ފާހަގަކުރެވޭ އަދި އިތުރު ވިޔަފާރިއެއް އެބަވޭ.
 
އެނގިވަޑައިގަންނަވާނެ، ޓުއަރިޒަމްގެ މަސައްކަތަކީ ވަރަށް ރަނގަޅު ފައިދާ، ވަރަށް ރަނގަޅު ނަފާ އޭގައި ހުރި ކަމެއް. މިއީ ވަރަށް ރީތި ރަށެއް. އެހާމެ ސާފުތާހިރު ރަށެއް. އަދި ހަމަ އަޅުގަނޑަށް ޔަޤީން، ރައްޔިތުންވެސް އެހާ ހިތްހެޔޮ ރަށެއް. އަޅުގަނޑުމެންނަށް މިރަށުގައި ޓުއަރިސްޓުންނަށް ޚިދްމަތްދީ، އެމީހުންގެ ޗުއްޓީ ހޭދަކުރެވޭނެ ގޮތެއް ފަހިކޮށްދެވިއްޖިއްޔާ ސަރުކާރުން އެކަން ކޮށްދިނުމަށް ތައްޔާރަށް އެބަތިބިން. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި ސަރުކާރުން އިތުރު ހިތްވަރަކާއި ބާރެއް ލާނެ، މިރަށުގައި މިދެންނެވި ވިޔަފާރި ފަހި ކުރުމަށް.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް ޖީބަށް ވަންނަ އެއްޗެއް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެގެން ދިޔުން. ދިވެހި ރައްޔިތުންނަށް މިއަދު ލިބުނު އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނޭ ގޮތަކަށް ސަރުކާރުގެ ސިޔާސަތާއި މަސައްކަތްތައް ތަންފީޒުވަމުން ދިޔުން. މިދެންނެވި ކަންކަން ހިންގުމަށްޓަކައި ސަރުކާރަށްވެސް އަދި އިންސާނީ ތަޖުރިބާ ދައްކާފައި އޮތް އެންމެ ބޮޑު އެއް ޙަޤީޤަތަކީ، މިކަންކަން ހިންގުމަށްޓަކައި އެބަ ބޭނުންވެއޭ، މި ކައުންސިލުތަކުގެ އިންތިޚާބާއި އަދި ކައުންސިލުތައް އުފެއްދުން. އިރާދަކުރެއްވިއްޔާ ފެބްރުއަރީ 5 ގައި        މި ކައުންސިލްތަކުގެ ބިންގަލެއް އަޅުގަނޑުމެންނަށް އެޅޭނެ. އެއަށްފަހު، އެކައުންސިލްތައް މެދުވެރިކޮށް ރަށުގެ ތަރައްޤީގެ މަސައްކަތްތައް މިހާރަށްވުރެ މާ ބާރަށް ހިންގޭނެ ކަމަށް އަޅުގަނޑުމެން ދެކެން. އަޅުގަނޑުމެން ދެކޭ ގޮތުގައި ހުޅުވާލެވިގެން އެއްބަޔަކާ އަނެއްބަޔަކާ މުޢާމަލާތް ކުރެވިގެން ނޫނިއްޔާ ރަށެއްގެ، ޤައުމެއްގެ ތަރައްޤީއެއް ނުހޯދޭނެ.
 
އަޅުގަނޑުމެންގެ ދުޢާއަކީ މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުމެންގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.     
    
والحمد للّـه. والسّـلام عليـكم

_______________________