ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި، ޓެލެމެޑިސިންގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި     މި ޤާއިމް ކުރެވުނު ޓެލެމެޑިސިންގެ ނިޒާމަކީ، ރާއްޖޭގެ މުވާޞަލާތީ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ދިރާގުން ސަރުކާރަށް ހަދިޔާކުރައްވާފައިވާ ނިޒާމެކެވެ. މި ނިޒާމް އިފްތިތާޙް ކޮށްދެއްވުމަށްޓަކައި މިއަދު ހަވީރު ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ނިޒާމަކީ، ލާމެހިފައިވާ ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެއް ކަމުގައި ވިދާޅުވިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ނިޒާމް ހަދިޔާކޮށްދެއްވިކަމަށްޓަކއި، ދިރާގަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޚިދުމަތުގެ ސަބަބުން، ދިރާގުފަދަ މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކަށް ލިބެން އޮތް ފައިދާއާއި މުސްތަޤްބަލް ވަރަށް ބޮޑުކަމަށާއި، މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ދަތުރުފަތުރެއް ބަދަލުވެގެންދަނީ "ނަރެއްގެ" ތެރެއަށް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެހެން މުވާޞަލާތީ ކުންފުނިތަކުންވެސް މި ކަމުން އެ ފަރާތްތަކަށް ލިބެން އޮތް ފައިދާ ދެނެގަނެ، މި ވިޔަފާރީގައި ސަރުކާރާއެކު ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.
 
މި ޚިދުމަތުގެ ތެރެއިން، ރާއްޖޭގެ ރަށްރަށުގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުވައިދިނުމަށް ކުރިމަތިވެފައި އޮތް ދަތިކަމުން އަރައިގަނެވިދާނެ ކަމަށާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިހާ ބަލިތަކަކަށް ފަރުވާދެވޭ ޑޮކްޓަރުން ބޭތިއްބުމުގެ ބަދަލުގައި، މި ނިޒާމް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި، އެތަންތާނގެ ޑޮކްޓަރުންގެ އެހީ، ރާއްޖޭގެ ބަލިމީހުންނަށް ލިބިގެންދާނެ މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

ދިރާގުގެ އެހީގައި ތިނަދޫގައި މިއަދު މި ޤާއިމް ކުރެވުނު ނިޒާމްގެ އިތުރުން، ރާއްޖޭގެ 34 ރަށެއްގައި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި ޚިދުމަތް ޤާއިމް ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި 34 ރަށުގައި މި ޚިދްމަތް ޤާއިމު ކުރެވޭނީ އަބޫދާބީގެ ޚަލީފާ ފައުންޑޭޝަންގެ އެހީގައެވެ.