بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ. އެޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު. މިރަށުގެ ކައުންސިލަރ. އަދި ހިރިމަރަދޫގެ އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، އެމަސައްކަތަށް އަޅުގަނޑުމެން ސަރުކާރެއް ހިންގުމަށް ތައްޔާރުވަމުން އައި އައުމުގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް، ވަރަށްގިނަ ތަންތަނަށް، ވަރަށްގިނަ މީހުންނާ ވާހަކަ ދައްކައި ހެދުނު.            މި ވާހަކަތަކުންނާއި އަދި އޭގެކުރީގައި ރާއްޖޭގެ އެކިއެކި ޙަޤީޤަތްތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހާމަކޮށްފައި ހުރި ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މި ސަރުކާރު ހިންގުމުގެ ސިޔާސަތެއް ސަރުކާރުން އެކުލަވައިލީ. އެ ސިޔާސަތަކީ، މިހާރު އަޅުގަނޑުމެން މިދެކޭ ޤައުމީ ތަރައްޤީގެ އޮނިގަނޑު. ތަރައްޤީގެ އެންމެހާ މަޝްރޫޢުތައް ހިންގެމުން މިދަނީ، މިދެންނެވި ތަރައްޤީގެ އޮނިގަނޑަށް ބެލިގެން. އަޅުގަނޑުމެންނަށް ފާހަގަވަނީ، ތަރައްޤީ ލިބުމަށްޓަކައި އަޅުގަނޑުމެންގެ ޢާންމު ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ވަކިއިރެއްގައި ކުރާން އެބަޖެހެއޭ.
 
އޭގެތެރޭގައި، އަޅުގަނޑުމެން ފާހަގަކުރާ އެއްކަމަކީ، ފަސޭހައިން އެއްތަނުން އަނެއް ތަނަށް ރައްޔިތުންނަށް ދަތުރުފަތުރުކޮށް އުޅެވޭނެ ނިޒާމެއް ޤާއިމްކުރުން. ހަމަ އެނިޒާމުގެ ތެރޭގައި ހިމެނެންޖެހޭނެ، ލަފާފުރުމުގެ ފަސޭހަކަމާއި އަދި ގިނަގިނައިން އަވަސް އަވަހަށް މިރަށުން ފުރައިގެން، ގާތުގައި ހުރި އެހެން ރަށްރަށަށް ދެވޭނެ ދަތުރުތައް. އެހެންވީމާ، މިމަސައްކަތް ސަރުކާރުން ހިންގުމަށް ކަނޑައެޅީ، ވަކިމުއްދަތެއްގެ ތެރޭގައި އެކަންކުރާ ގޮތަށް. ސަރުކާރުން ނިންމާފައި އޮތީ، 7 އަހަރު ދުވަހުގެ ތެރޭގައި، މިދެންނެވި މަޝްރޫޢުގެ ޢަމަލީ ހުރިހާ ކަމެއް ނިމި، ރާއްޖޭގައި ރަނގަޅު ނިޒާމެއް ޤާއިމް ކުރުން. ދަތުރުފަތުރު ކުރުން، ލަފާފުރުން، މިނިޒާމުގެ ތެރެއިން ހިނގަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. އޭގެތެރޭގައި، ހިރިމަރަދޫފަދަ ރަށްރަށުގެ ލަފާފުރުމުގެ ދަތިކަމުން ފަސޭހަވުން މުހިންމު. މިދެންނެވިހެން ސަރުކާރުން ރޭވިފައި އޮތީ، 7 އަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމުމަށް. ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އޭގެ ވަރަށް އަސާސީ އޮނިގަނޑެއް ޤާއިމްކުރުން. އަޅުގަނޑަށް އެނގޭ، ހަމަ އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރަން، ހިރިމަރަދުއަށް ލަފާފުރުމުގެ ދަތިކަން ވަރަށްބޮޑުކަން. އަދި ބަނދަރެއް ބޭނުންކަން.
 
އަޅުގަނޑަކީ ކަންއޮތް ގޮތަށް އަބަދުވެސް ބުނާ މީހެއް. އަޅުގަނޑަށް ދެންނެވެން އަންނަނީ، ސަރުކާރުން ރާވާފައި އޮތީ 2012 ވަނަ އަހަރު ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށޭ. 2011 ގައި ސަރުކާރުން ހިންގާނީ، އެއަށް ބޭނުންވާ ސަރވޭ ކުރުމާއި، ކުރެހުމާއި، ޓެންޑަރ ކުރުމާ، މިކަންތައްތަކޭ. މީގެ ޢަމަލީ މަސައްކަތެއް އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ކިތަންމެ ބާރަށް ކުރާން އުޅުނަސް ކުރެވޭވަރުވާނީ، 2012 ގައި. އެހެންވީމާ، އަޅުގަނޑަށްވެސް އެނގޭ ލަސްކަން. އަޅުގަނޑަށްވެސް އެނގޭ، މިއޮއްހާ ދުވަހު ތިޔަބޭފުޅުން ކެތްތެރިކަމާއެކީގައި ތިއްބަވައިފިކަން. އަދި އެފަދަ ފަސޭހައެއް ލިބިއްޖިއްޔާ، ރަށުގެ ތަރައްޤީއަށާއި އަދި އެހެންވީމާ ޚާއްޞަކޮށް، ހުރިހާ ރައްޔިތުންގެވެސް ޢާންމު ޙާލަތަށް ހެޔޮބަދަލުތަކެއް އަންނާނެ. އެހެންވީމާ، ސަރުކާރުން މިކަން އަޅުގަނޑެއް ހަމަގައިމުވެސް ދެނެއް ހުއްޓައެއްނުލާނަން.
 
އަޅުގަނޑުމެންނަކަށް މި ސަރުކާރަކަށް ނުހުރެއޭ ކޮންމެހެން ކުދި ރަށްރަށާއި ބޮޑެތި ރަށްރަށެއް. ހައްތަހާވެސް ހުންނަނީ އާއިލާތައް، ގެތައް. ގެއެއްގައި މައިންބަފައިންނާއި، އަނބިދަރިންނާއި، ކާފައިންނާއި، މާމައިންނާއި ބޮޑު ޢާއިލާއެއް އެކީގައި މިއުޅެނީ. ސަރުކާރުގެ މަސްއޫލިއްޔަތަކީ، ވާޖިބަކީ އެ ޢާއިލާތައް ބެލެހެއްޓޭނެ އިންތިޒާމުތަކެއް ފަހިކުރުން. ސަރުކާރަށް އަބަދުވެސް، އަދި އަޅުގަނޑު ތަމްސީލުކުރާ އަޅުގަނޑު ނިސްބަތްވާ ޕާޓީއަށް އަބަދުވެސް ފާހަގަވެފައި އޮންނަ އެއް ޙަޤީޤަތަކީ، ރާއްޖޭގެ އާބާދީގެ ވަރަށްގިނަ މީހުންނަކީ، ވަރަށް ނިކަމެތިންނޭ. މި ރާއްޖޭގެ ކޮންމެ ތިންމީހެއްގެ ތެރެއިން އެކަކީ ފަޤީރެކޭ. 2008 ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރު، އަޅުގަނޑުމެންގެ ކަންފަތުގައި ޖެހެމުން އައި އެއްވާހަކައަކީ، ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ވާހަކަ. ހާލުގައި އުޅެންޖެހޭ ވާހަކަ. ހަމައެއާއެކީގައި ތެދުފުޅެއް، އަޅުގަނޑުމެން އަޑުއަހަމުން އައީ، ހޮސްޕިޓާތަކާއި، ހެލްތް ސެންޓަރުތަކާއި، ހެލްތް ޕޯސްޓްތަކާ، މިތަންތަނުގެ ޚިދްމަތްވެސް ދެރަކަން. އަދި މިހާރުވެސް އެޚިދްމަތްތައް ދެރަކަން. އަޅުގަނޑުމެން އަނެއްކާވެސް ހަމަ އެވާހަކަވެސް ގަބޫލުކުރަން. ބަލައިގަންނަން. މިކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާއިރުގައި، ސަރުކާރަށް ވިސްނިފައި އޮތީ، އެންމެ މުހިންމު ކަމެއް ދޭންވީ، މިހާރު ތިބި ފަޤީރުންނަށް، ނިކަމެތީންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ދިނުމަށް. އެހެންވެ، ސަރުކާރުން މަދަނައިގެ ވިއުގައެއް ތަޢާރުފްކުރީ. އަޅުގަނޑު އުފާވޭ، މިރަށުގެ 345 މީހަކު، ރައްޔިތަކު މިވަނީ މަދަނައިގައި ރަޖިސްޓްރީ ކުރެވިފައި. އެހެންވީމާ، މިރަށުގެ ރައްޔިތުންގެ ބޭސްފަރުވާއަށް ވަރަށްގިނަ އަދަދެއްގެ ފައިސާ ރައްކާކުރެވިފައި، 34 މިލިއަން ރުފިޔާ ރައްކާކުރެވިފައި، އެއްކައިރި ކުރެވިފައި ހުންނާނެ. ބޭނުމަކީ، މަދަނައިގައި ބައިވެރިވާ ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ރައްކާކޮށްފައި ބެހެއްޓިގެން ނޫނީ، މުޅި މަދަނައިގެ ނިޒާމް ނުހިންގުން. އެހެންވީމާ، އަޅުގަނޑު މިދެކެނީ މިރަށުގެ ގިނަމީހުންނަށް، 345 މީހުންނަށް ބޭސްފަރުވާގެ ކޮންމެވެސް އިންތިޒާމެއް، ފުރްޞަތެއް ހަމަޖެހިފައި އޮންނާނެ ކަމަށް. އަޅުގަނޑު އަހަން، މާލޭގައި އެކިއެކި ވިޔަފާރިވެރިން ގާތުގައި، ކުރީގައި ބޭސް ސިޓީ ހިފައިގެން މީހުން އަންނަ އުޞޫލުން މިހާރު އަންނަނީ ކިހާމިންވަރަކަށްތޯ؟ މީގެ ދެއަހަރު ކުރީގައި މިދުވަހު، އެހެން ނޫނީ މިމަހު އޭނާގެ ފިހާރައަށް ބޭހުގެ އެހީއަށް އައި ޢަދަދަށް މިހާރު އާދޭތޯ. އަޅުގަނޑަށް މާލެއިން ހަމަގައިމުވެސް ލިބޭ ޖަވާބަކީ، ނޫނެކޭ ވަރަށްމަދޭ. އަޅުގަނޑު ދެކޭނީ، މިރަށުގައިވެސް އަޅުގަނޑު ގަބޫލުކުރަނީ މިރަށުގައިވެސް ބޭސްކުރުމަށް ފައިސާ ނެތިގެން އެ ބޭސް ނުކުރެވި، ފަރުވާ ނުލިބި މިހާރު ތިބުން މަދުވާނެއޭ. އެއީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް.
 
 ހަމައެއާއެކީގައި ސަރުކާރުން ދުށީ، ދޮށީ ޢުމުރުގެ މީހުންނަކީ، އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންނަށް މިއޮތްގޮތަށް ރައްދުކޮށްދިން ޖީލޭ. އެމީހުން މަހަށް، ފަރަށް، ފަޅަށް، ރުކަށް އަރައި، ރިޒޯޓްފަހަރު އަޅައި، އޮޑިދޯނިފަހަރު ބަނދެ، ވަޑާންކޮށް ހެދީމައޭ، އަޅުގަނޑުމެންނަށް މިއަދު މިގޮތަށް މިރާއްޖެ ލިބިފައި މިއޮތީ. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން ޕެންޝަނެއް ދިނުން ޙައްޤީ ކޮންބައެއްތޯ ވިސްނާއިރުގައި، އެޕެންޝަން ޙައްޤުވަނީ ސަރުކާރުގެ ވަޒީފާތަކުގައި އުޅުއްވި ބޭފުޅުންނަށް އެކަނި ކަމަށް އެއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ޕާޓީން ބަލައިގެން ގޮތްތަކެއް ނޫން. އަޅުގަނޑު އުފާވޭ، މިރަށު 30 ބޭފުޅަކަށް، ކޮންމެ މަހަކު ފަސްދޮޅަސްހާސް ރުފިޔާ އެބަދެވޭ. އެއީ އަޅުގަނޑު މިދެކެނީ، ހަމައެކަނި ދޮށީ ޢުމުރުގެ މީހުންނަށް ދެވޭ ފައިސާއެއް ނޫން ކަމަށް. އަޅުގަނޑުމެންނަށް ފާހަގަވަނީ، މައިންބަފައިންނާއި އަދި ގާތްތިމާގެ މީހުންނާ އަޅާލަން ހެޔޮހާލުގައި އެމީހުން ތިބޭނެކަމުގެ ޔަޤީންކަމެއް ޒުވާނުންނަށް އޮތީތީވެ. ޒުވާނުންގެ މަސައްކަތްތެރިކަމާއި، އެމީހުންގެ ހިތްވަރާއި، އެމީހުންގެ ޢަޒުމްވެސް ވަރުގަދަވެގެންދެއޭ. އަޅުގަނޑުމެން އުންމީދު ކުރަނީ، ދިވެހިރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުވައިދިނުން.
 
ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، ޚާއްޞަކޮށް، މިދިޔަ ދެތިން ހަތަރުއަހަރެއްގެ ތެރޭގައި، ގޯތިދިނުމާއި، ބިންވެރިކުރުމާއި، ބިމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުން މަޑުޖެހިފައި އޮތީތީވެ، ވަރަށްގިނަ ޢާއިލާތައް މިވަނީ ގޯތިގެދޮރަށް ބޭނުންވެފައި. ބިމަށް ދަތިވެފައި. މި ސަރުކާރުގެ ސިޔާސަތެއް އެއީ، ރައްޔިތުން ބިންވެރިކުރުން. އަޅުގަނޑު ހިތްހަމަޖެހޭ މިރަށުގައިވެސް މި ދެންނެވި މަސައްކަތް ހިންގި، މިހާރު އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތްގޮތުގައި، ބައެއް ގެވަޅުވަނީ ދޫކުރެވިފައި.
 
އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، ދަރިންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދެވޭތޯ ބެލުން. ވަށާޖެހޭ ތަޢްލީމެއް ދިނުން. އެކަން ކުރުމަށްޓަކައި މަދަރުސާތަކުގައި ކިޔަވައިދިނުން އެއްދަންފަޅިއަކަށް އެބަ ހަދާންޖެހޭ. އަޅުގަނޑު ހިތްހަމަޖެހޭ، އަޅުގަނޑު އުފާވޭ، އިރާދަކުރައްވައިގެން، މިއަހަރުގެ ބަޖެޓްގައި، މިރަށުގައި 4 ކްލާސްރޫމް ޢިމާރާތް ކުރުން ހިމެނިފައި އޮތީތީވެ. އެހެންވީމާ އަޅުގަނޑު މިދެކެނީ މިއަހަރު މިރަށުގައި އެކަން ހިނގައިގަންނާނެ ކަމަށް. އަދި ހަމައެއާއެކީގައި މި 2010 ވަނަ އަހަރު މިރަށުގެ ދަރިވަރުންނަށް ފޮތް ފަންސުރާއި ޔުނީފޯމާ، މިފަދަ ތަކެތި ގަތުމަށް މިއަހަރު، މިހިނގާ 2010 ވަނަ އަހަރުގެ ތެރޭގައި، ފަންސާސް ހަހާސް ފައްސަތޭކަ ސޯޅަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީވެސް ސަރުކާރުން ހިތްހަމަޖެހޭ ކަމެއް. އަދި ހަމައެހެންމެ، މިރަށުގެ ދަރިވަރުންނަށް އިމްތިޙާނުގެ ފީ ދެއްކުމަށް ފަނަރަހާހެއްހާ ރުފިޔާ، ސަރުކާރުން ޚަރަދު ކުރުމުގެ ފުރްޞަތު ލިބުނުކަމީވެސް، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބުނު ކަމެއް.
 
އަޅުގަނޑުމެންގެ އަބަދުވެސް އެދުމަކީ، އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، އަޅުގަނޑުމެން ޢާންމު ރައްޔިތުންގެ ޢާންމު ޙާލަތު ބަދަލުކުރުން. މި ސަރުކާރު، އަޅުގަނޑަށް ފެންނަ ފެނުމުގައި ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށް. އެއީ ރައްޔިތުންނަށް ޚިދްމަތް ކުރުމަށް. ރައްޔިތުންގެ ފައިސާއެއްގައި އަޅުގަނޑެއް ނުޖެހޭނަން. ތިޔަބޭފުޅުންނަށް އެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑުމެންނަށް، މި ރާއްޖެއަށް، މިދައުލަތަށް ވީ މިންވަރަކުން އަދި     މި މަސައްކަތްތައް އަޅުގަނޑުމެންނަށް ހިންގޭ ހިންގުމަށް ފުރްޞަތު ލިބިގެން ދިޔައިމާ. އިރާދަކުރެއްވިއްޔާ، ތަރައްޤީގެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެންގެ އެބައޮތް ބޮޑު މަންޒަރެއް. އަޅުގަނޑުމެންގެ އުންމީދެއް އެބައޮތް. އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލެއް. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދިވެހި ރައްޔިތަކީ، ކޮންމެ ހިރިމަރަދޫ ރައްޔިތަކީ، ތިމަންނާއަކީ ތިމަންނާގެ ޙަލާލު ފައިސާއިން، ޙަލާލު މަސައްކަތުން ފައިސާ ލިބި، އެފައިސާއިން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ދިވެއްސެކޭ، ހިރިމަރަދޫ މީހެކޭ ބުނެ، ކޮޅަށް ތެދުވެ، ޤަދަރާއި ޢިއްޒަތް ލިބި، އަބުރުވެރިކަމުގައި ތިބޭ ރައްޔިތެއް މިރަށުގައިވެސް އުފެދުން. އަޅުގަނޑުމެންނަށް އެނގޭ އެބަ، ތަރައްޤީ ހޯދުމަށްޓަކައި އެބަ ކުރާންޖެހޭކަން ވަކިބާވަތެއްގެ ވަކި ޚާއްޞަ ކަންތައްތަކެއް. އޭގެތެރޭގައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ކަންކަން ނިންމަމުން ގެންދެވޭނެ އުޞޫލުތަކެއް އެބަ ހޯދަންޖެހޭ. އިރާދަކުރެއްވިއްޔާ، ފެބްރުއަރީ 5 ވަނަ ދުވަހު އިންތިޚާބު ކުރެވޭ ރަށު ކައުންސިލް މެދުވެރިކޮށް، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ތަރައްޤީގެ މަސައްކަތްތައް، މީގެކުރީގައި ހިންގި މިންވަރަށްވުރެ މާ ބާރަށް ހިންގޭނެ. އަދި މަސައްކަތް ހިންގުމަށްޓަކައި މިފަހަރު ސަރުކާރުން ބަޖެޓް ތަންފީޛު ކުރާއިރުގައި، ރަށު ކައުންސިލްތަކާއި، ރަށުއޮފީސްތަކުގެ ޢަދަދު، މީގެކުރީގައި އެ ޢަދަދު އޮތްވަރަށްވުރެ، މިންވަރަށްވުރެ ދެގުނަ އިރާދަކުރެއްވިއްޔާ އިތުރުވާނެ.   
 
އަޅުގަނޑުމެންގެ ހަމަ ހައްތަހާވެސް ބޭނުމަކީ، އަޅުގަނޑުމެން މިއެދޭ އަނެއް މަންޒިލް ހޯދުން. އަޅުގަނޑުމެންނަށް އިތުބާރު އެބައޮތް، އެއީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްކަން. އެ ކުރާންވީ ގޮތް، އެކަން ޙާޞިލްކުރާނޭ މަގުތައް މިހާރު މިވަނީ ކޮށިފައި. އެމަގުން ހިނގީމާ، އަޅުގަނޑު ދެކޭނީ ހިރިމަރަދުއަށްވެސް އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީ އަންނާނެއޭ.
 
އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެން އެންމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
          
اَلحَمْـدُ لِلّـهِ. والســّلام عليــكم.
_______________________