بســماللّـهالرّحمـنالرّحيــم

 
 
ދިވެހި ދައުލަތުގެ ވަޒީރުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި  މި ސިޓީގެ އިސްވެރިންނާއި، ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.
 
السّـلام عليـكم
 
އަޅުގަނޑުމެން މިއަދު މިފަށަނީ، އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ޞަފްޙާއެއް. މިއީ، ފުރަތަމަފަހަރަށް ދެކުނު ހެމިސްފިއަރގައި، އީކްއޭޓަރުން ތިރީގައި ސާކް ސަމިޓް ބޭއްވޭ ފަހަރު. ސާކަކީ ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ދެކެވިފައި މިއޮންނަނީ ހިންދުސްތާނުގައި އޮންނަ ކަމެކޭ. މާ އުތުރުގައި އޮންނަ ކަމެކޭ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ ވަރަށް ދެކުނުގައި، އިންޑިޔާ ކަނޑުގައި އައިސް، އައްޑުއަތޮޅަކީ އިންޑިޔާ ކަނޑުގެ މެދު. އިންޑިޔާ ކަނޑު، އަޅުގަނޑުމެންނަށް އިންޑިޔާ ކަނޑުގައި އަޅުގަނޑުމެން ޖަޒީރާއެއްގެ ގޮތުގައި އެތުރިފައި މިތިބޭ ތިބުން އެއީ، އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި، މި ރާއްޖޭގެ އެންމެބޮޑު މުއްސަނދިކަން. އަޅުގަނޑުމެންނަށް ޤުދްރަތީ ގޮތުން މި ރާއްޖެ އުފެދިފައި މިއޮތް ތަނުގެ ސަބަބުން ލިބޭ ނަފާއާއި މަންފާ، އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި، ކިތަންމެ ތަނެއް އިތުރުކުރެވެން އެބައޮތް. މިރާއްޖެއާ އެކީގައި ތަރައްޤީވުމަށް އެދޭ ބައިވަރު ޖަޒީރާ ޤައުމުތައް، އަޅުގަނޑުމެންގެ ވަށައިގެން އެބަތިބި. އަދި ޚާއްޞަކޮށް، އައްޑުއަތޮޅާ ވަރަށް ގާތުގައި އެބަތިބި. މި ސަމިޓް އައްޑޫގައި ބޭއްވުމުގެ ސަރުކާރުގެ އެންމެބޮޑު މަޤްޞަދަކީ، ދުނިޔޭގެ ޗާޓުގައި އައްޑޫ ވަރަށް ރަނގަޅަށް ފާހަގަވާނެ ގޮތެއް އަޅުގަނޑުމެން ހެދުން. އަދި ހަމަ އެހެންމެ، ދުނިޔޭގެ އިންޑިޔާ ކަނޑު، އިރުން އުތުރަށްވެސް، އިރުން ހުޅަނގަށްވެސް، ހުޅަނގުން އިރަށްވެސް ހުރަސްކުރާ ހުރިހާ ފަރާތްތަކަކަށް، މިއަތޮޅުގެ ފަހިކަން ލިބޭނޭ ގޮތްތަކެއް އަޅުގަނޑުމެން ފާހަގަކުރުން އަދި އިފްތިތާޙު ކުރުން.
 
އަޅުގަނޑުމެންނަށް، އެނގިވަޑައިގަންނަވާނެ، މިމަސައްކަތް މިކުރެވެނީ، ވާދަވެރި ބައެއް ސިޔާސީ ފަރާތްތަކުގެ ނުރުހުން ލިބިލިބި ވަނިކޮށް. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، އެބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، އަޅުގަނޑުމެން ހިންގާ މި މަސައްކަތަކީ، ޙަޤީޤަތުގައި ޚާރިޖީ މަސައްކަތެކޭ. އެހެންވީމާ، މީގެތެރެއަށް ސިޔާސީ ކަންކަން ވެއްދުން އެއީ، ބުއްދިވެރި ކަމެއް ނޫނޭ. މި ކޮންވެންޝަން ސެންޓަރ، މިތަނުގައި ޤާއިމްވީމާ، އޭގެ މަންފާއާއި ފައިދާ މިލިބެނީކީއެއް އެއްވެސް ހާލެއްގައި ހިތަދޫ މީހުންނަކަށެއް ނޫން. ދެން އަޅުގަނޑަށް ހަމަ އެއްގޮތަކަށްވެސް ހިތަދޫ ރައްޔިތުންނަށް މިއިން ލިބޭނެ ފައިދާއެއް ނުވެސް ވިސްނޭ. މިތަނުގައި ބޮޑު ކޮންވެންޝަން ސެންޓަރެއް ހުރީމާ، ތެދުފުޅެއް، ވަޒީފާގެ ފުރްޞަތުތައް އިތުރުވާނެ. އެހެން ނަމަވެސް، މިއިން މުޅި ރާއްޖެއަށް ލިބޭނެ ފައިދާ، އަޅުގަނޑަށް އަބަދުވެސް ސާފުކޮށް އެނގޭ. ހިތަދޫގަޔާއި އައްޑޫ ސިޓީގައި މި ބިނާ، ބިނާ މިކުރެވެނީ، މުޅި ރާއްޖޭގެ ލާބައާއި މަންފާއަށްޓަކައި. ވަކިރަށެއްގެ، ވަކި އަތޮޅެއްގެ، ވަކި ޕްރޮވިންސެއްގެ ނުވަތަ ވަކިބަޔެއްގެ ވަކިކުރިއެރުމަކަށް އަޅުގަނޑުމެން އަމާޒުކޮށްގެނެއް ނޫން.
 
މިތަނުގައި ޤާއިމް މިކުރެވެނީ، މިވަގުތު ރާއްޖޭގައި ބިނާކުރެވޭނެ އެންމެބޮޑު ކޮންވެންޝަން ސެންޓަރު. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ދަރުބާރުގެއަށްވުރެ މިތަން ދެގުނަ ބޮޑުވާނެ. އެހެންވީމާ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ވަކި ސައުތު އޭޝިޔާއަކު، މިއަށްވުރެންނެއް ވަކި ފުރިހަމަ ތަނެއް، މިތަން އަޅުގަނޑުމެންނަށް ބިނާކުރެވުނީމާ ނުހުންނާނެ.    އެ ފަޚްރު ހަމަ ޔަޤީން، އަޅުގަނޑުމެން އެންމެން އެކުގައި ލިބިގަންނާނެ. އޭގެތެރޭގައި، އައްޑޫ ސިޓީ ރައްޔިތުންނާއި އަދި އެހެންވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންވާނެކަން އަޅުގަނޑަށް ކަށަވަރު. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ތަރައްޤީ ހޯދޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރާން ތިބެނީ ހަމައެކަނި ސީދާ ވަކިކަމެއް ނޫން. ކިތަންމެ ކިތަންމެ އެހެން ކަންތައްތަކެއް ކުރާންޖެހެއޭ، އަޅުގަނޑު އަބަދުވެސް ދަންނަވަން. ކަމެއް ކުރާންވީމާ، ބައެއްފަހަރަށް އެހެން ކަމެއް އެބަ ކުރަމުން ކުރަމުން ކުރަމުން ގޮސް، އަޅުގަނޑުމެން އެދޭ ކަންތައްވާގޮތަށް، އެކަމެއްވީމާ، ދެނޭ އެއީ، ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެން އެދުނު ކަންތައް ހިނގަ ހިނގާ ހުންނާނެ އިންތިޒާމެއް އެ ހޯދުނީ.
 
އަޅުގަނޑަށް ފެންނަ ފެނުމުގައި، އައްޑުއަތޮޅަކީ މުހިންމު އަތޮޅެއްގެ ގޮތުގައި، އިންޑިޔާ ކަނޑުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެން އެބައޮތް. ކުރިއަށް މިއޮތް ސާކް ސަމިޓްގައި، ދުނިޔޭގެ ގިނަ ޤައުމުތަކުގެ ގިނަ ޚާރިޖީ ވަޒީރުން ވަޑައިގަންނަވާނެ. ސާކްގެ ހުރިހާ ވެރިން، ސާކް ޤައުމުތަކުގެ ހުރިހާ އެންމެމަތީ ވެރިން ވަޑައިގަންނަވާނެ. އަދި އޮބްޒަރވަރުންގެ ގޮތުގައި ސާކަށް ވަޑައިގަންނަވާ ބޭފުޅުންވެސް މަދެއްނުވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، މި ކޮންވެންޝަން ސެންޓަރ އެއީ، ސާކް ސަމިޓް ނިމުމަށްފަހުގައިވެސް، ކޮންވެންޝަނާއި އަދި ކޮންފަރެންސް، މިބާވަތުގެ ކަންކަން ބާއްވާ ސެކްޓަރެއްގެ ގޮތުގައި ތަރައްޤީކޮށް، އަބަދުވެސް ހިންގަމުން ގެންދިޔުން. އައްޑޫގެ ތަރައްޤީއަށްޓަކައި މި ކޮންވެންޝަން ސެންޓަރަށް، އެހެންވީމާ ވަރަށްބޮޑު އެހީތެރިކަމެއް ފަހުންވެސް ފޯރުކޮށްދެވިދާނެ. އަޅުގަނޑަށް ޔަޤީން، ހުރިހާ ބޭފުޅުންނަށްވެސް މިކަންކަން ސާފުކަން. މިކަމާ އިންކާރު ކުރެއްވިޔަސްވެސް، އަޅުގަނޑަށް ފާހަގަކުރެވޭ، އިންކާރު މިކުރައްވަނީ، މިކަމުގެ އަޞްލެއްގެ މައްޗަށް ބިނާކޮށްފައި ނޫންކަން. އެހެން ނަމަވެސް، ހަމަ ސިޔާސީ ފުރްޞަތަށްޓަކައި. އަޅުގަނޑު އެއީވެސް ވަރަށް ވިސްނާފައި އޮންނަ ކަމެއް. ސިޔާސީ ފުރްޞަތަށްޓަކައި މިނޫން އެހެން ކަންކަން ބޭނުންކޮށްގެން، އެ ފުރްޞަތުތައް ހޯއްދެވުން، އެއީވެސް އަޅުގަނޑުމެންނަށް ހިތްހަމަނުޖެހޭ ކަމެއްގެ ގޮތުގައެއް ނުދެކެން.
 
އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ބޭފުޅުންވެސް، ކޮންމެ ކަމެއް ކުރައްވާއިރުގައިވެސް، އެކަމަކުން ރައްޔިތުންނަށްވާނެ ގޮތް ބައްލަވައިލެއްވުން. މިއަތޮޅުގައި،       މި ސިޓީގައި މިފަދަ ކަމެއް ހިނގާއިރު، އަދި ރާއްޖޭގައި މިފަދަ ކަމެއް ހިނގާއިރު، އެއަށް ހުރަސް އެޅުމުގެ އެއްވެސް މާނައެއް އަޅުގަނޑަކަށެއް ނުވިސްނުނު. އެހެންވީމާ، ސަރުކާރު ހިންގުމުގެ      މި މަސައްކަތާއިގެން ކުރިއަށްދާން. އަޅުގަނޑު މިމަސައްކަތް އަޅުގަނޑުމެންނަށް މިހެން ކުރުމަށް މަގުފަހިކޮށްދިން ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާނަން. އޭގެތެރޭގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަދި ޚާއްޞަކޮށް، ޑޮކްޓަރ ޝަހީދު. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ނަސީމް. އަދި ހަމަ އޭގެއިތުރުން، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން. ޚާއްޞަ ގޮތެއްގައި، ބަޖެޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅުން. އޭގެތެރޭގައި، އަޅުގަނޑުމެންގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި ތިން މެންބަރުން، ބަޖެޓް ކޮމިޓީގައި މަސައްކަތް ކުރައްވާ އަސްލަމާއި، އިލްޔާސް އާއި، މޯޑް. އަދި އަޅުގަނޑުމެންނަށް އެބަ ފެނޭ، ބަޖެޓް ކޮމިޓީގައި، އޭގެއިތުރުންވެސް، އެމް.ޑީ.ޕީ.ގެ ހުރިހާ ބޭފުޅުން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ވަރަށްބުރަ މަސައްކަތް ކުރައްވައި، އަޅުގަނޑުމެންނަށް މި ބަޖެޓް މިގޮތަށް ފާސްކުރުމަށް އެހީތެރިވެދެއްވި ކަމަށްޓަކައި އަދި ވެދެއްވީތީވެ، އަޅުގަނޑުމެންނަށް މިއަދު މިމަސައްކަތް ބާރަށް ފުރްޞަތު ފަހިވެގެންދިޔައީ.
 
އަޅުގަނޑު މިދެންނެވި މޭރުމުން ވާހަކަ ދައްކާއިރުގައި، ބަޖެޓް ކޮމިޓީގެ ރިޔާސަތުގައި އިންނެވި ޤާސިމް އިބްރާހީމަށާއި އަދި އެކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވި އިބްރާހީމް މުޙަންމަދު ޞާލިޙަށްވެސް ހަމަ މިކަމުގައި ޝުކުރު ދަންނަވަން. އަދި ހަމަ އޭގެއިތުރުން، ޑީ.އާރު.ޕީ.ގެ ޒަޢީމް އަޙްމަދު ތަސްމީން ޢަލީއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
 
އަޅުގަނޑުމެންގެ އޮތީ ހަމަ އެންމެ ބޭނުމެއް. އަޅުގަނޑު ޑީ.އާރު.ޕީ.ގެ ޒަޢީމް އަޙްމަދު ތަސްމީން ޢަލީއަށްވެސް ދަންނަވާން އޮތީ އަދި އެމް.ޑީ.ޕީ.ގެ އިސްވެރިންނަށްވެސް އަޅުގަނޑު ދަންނަވާން އޮތީ، އަޅުގަނޑުމެންގެއެއް ނެތޭ ރާއްޖެ ތަރައްޤީ ކުރުން ނޫން އެހެން ވިސްނުމެއް.    އެ ނޫން ވިސްނުމެއްގައެއް، އަޅުގަނޑުމެން އެންމެ ބަހެއްވެސް ނުބުނަމޭ. އަދި އެންމެ ކަމެއްވެސް ނުކުރަމޭ.
 
އަޅުގަނޑުގެ އުންމީދަކީ، މިތަން ވީހާވެސް އަވަހަކަށް އަޅުގަނޑުމެން ބިނާކޮށް ނިންމުން. އަދި ވަރަށް ފުރިހަމަ ސާކް ސަމިޓެއް ރާއްޖޭގައި ބޭއްވުން.
 
 والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!