ފެބްރުއަރީ 5 ވަނަ ދުވަހު ރާއްޖޭގައި ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން، ރާއްޖޭގައި އުފެދޭ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަކީ، ރައްޔިތުންގެ ގާތުން ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުމާ އެއްގޮތަށް ރައްޔިތުންގެ ވެރިކަމެއް ކުރުމަށް އެޅޭ ބިންގަލެއް ކަމަށާއި، މިއުފެދޭ ކައުންސިލްތައް ވަރުގަދަކޮށް، ހަރުދަނާ ކުރަމުން ގެންދިއުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެމަސްއޫލިއްޔަތު ސަރުކާރުން އަދާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ދެކުނު އަތޮޅުތަކުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޙަޤީޤީ ތަރައްޤީއަށް އޮތް އެންމެ މުހިންމު ކަމަކީ، ރައްޔިތުމީހާގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުންކަން ފާހަގަކުރައްވަމުން، ސަރުކާރުގެ އެންމެ މުހިންމު މަޝްރޫޢަކީ، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، އިންސާނީ ޙައްޤުތަކާއި އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

ކަނޑުހުޅުދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު ނަރުދަމައެއް އެޅުމަށްވެސް، ރަނގަޅު ހޮސްޕިޓަލެއް އެޅުމަށްވެސް ބޭނުންވަނީ ރަނގަޅު ވެރިކަމުގެ ނިޒާމެއް ކަމަށާއި، ދެފުށް ފެންނަ ގޮތަށް އަދި އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި ކަންކަން ކުރެވޭނެ ފުރިހަމަ ވެރިކަމުގެ ނިޒާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި، ސަރުކާރަށް މިހާތަނަށް ހޯއްދެވިފައިވާ ކުރިއެރުމާއި، މިކުރިއެރުންތަކުގެ ސަބަބުން، ކަނޑުހުޅުދޫ ރައްޔިތުންނަށް ސީދާގޮތުން ލިބެމުންދާ ފައިދާތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެކުނު އަތޮޅުތަކުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑުއަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ހުވަދުއަތޮޅު އުތުރުބުރީ ދާންދުއަށް ވަޑައިގަތީ ރޭގައެވެ. ދާންދުއަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ޢާންމު ޙާލަތު ބައްލަވާލައްވައި، އަދި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ދާންދުއަށް ލިބެމުންދާ ތަރައްޤީއާއި ފައިދާތަކުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.