بســماللّـهالرّحمـنالرّحيــم

ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ހޯމްއެފެއާރޒް އޮނަރަބްލް ޙަސަން ޢަފީފް، އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، އަދި ހަމަ އެ ޕްރޮވިންސްގެ މިނިސްޓަރުގެ ނައިބު، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ދިއްދޫއަށް ކުރިމަތިލައްވާ އެންމެހާ ކެންޑިޑޭޓުންނާއި ދިއްދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން،
                                                                  
السّـلام عليـكم
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައި ނުކުތާތަކެއް އެބަހުރި. ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ބުނަމުން ގެންދިޔައިމު ޤައުމެއް ތަރައްޤީވެދާނީ ރައްޔިތެއްގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެ މިދަނީ ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކިގޮތަކަށް ކުރެވިގެންކަން އެއީ، އިންސާނީ ތަޖްރިބާ އަޅުގަނޑުމެންނަށް ދައްކާފައިއޮތް ޙަޤީޤަތެކޭ.
 
އަޅުގަނޑުމެން މިދެންނެވި ތަރައްޤީ ހޯދުމަށްޓަކައި ކުރާންޖެހިފައިވާ ޚާއްޞަ ކަންތައްތައް ފާހަގަކުރަމުންއައީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި. އަދި އޭގެފަހުން ޤައުމީތަރައްޤީގެ އޮނިގަނޑުގައި. އަދި މިހާރު ދިވެހިދައުލަތުގެ ބަޖެޓުގައި. އެނގިވަޑައިގަންނަވާނެ، ޤައުމެއް ތަރައްޤީ ވުމަށްޓަކައި އަޅުގަނޑުމެން ފާހަގަކުރަމުންގެންދިޔަ އެންމެ މުހިންމު އެއް ވަސީލަތަކީ، އެ ޤައުމެއްގެ ކަންތައް، އެ ރައްޔިތެއްގެ ކަންތައް އެރައްޔިތަކާ ގާތުން ހިންގޭނޭ އުސޫލުތަކެއް އެ ރައްޔިތެއްގެ އިޙްސާސްތަކާއި، އެ ރައްޔިތެއްގެ އެދުންތަކާ އެއްގޮތަށް ހިންގޭނޭ އުސޫލުތަކެއް ގާއިމު ކުރުން. އޭގެ ނިޒާމެއް އެކަށައެޅުން. އިރާދަކުރައްވައިގެން 5 ފެބްރުއަރީގައި އަޅުގަނޑުމެންނަށް މިކުރިމަތިލާން ލިބެނީ މިދެންނެވި ބާވަތުގެ ނިޒާމެއްގެ ބިންގާ ގާއިމު ކުރެވޭ ދުވަހަކަށް. ރައްޔަތުންގެތެރެއިން ނުކުންނަ ބަޔަކު އެރައްޔިތުންނާ ގުޅޭގޮތުން ކަންކަން ނިންމުމަށް މަގުފަހިވެގެން އިރާދަކުރެއްވިއްޔާ ދާނެކަން.
 
އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް، މި ސަރުކާރަކަށްވެސް އަދި އަޅުގަނޑު ނިސްބަތްވާ އެމް.ޑީ.ޕީ.އަކަށްވެސް ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުވުމުން ނުވަތަ އިންތިޚާބުވުމުން ހުއްޓާލެވޭކަށެއްނެތް. އަޅުގަނޑުމެން ކުރަންހުރި މަސައްކަތް ވަރަށްގިނަ.        އެ ކައުންސިލްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް މަގުފަހިކޮށްދޭނޭ ކައުންސިލް ތަކަކަށް ހެދުމުގެ މަސްއޫލިއްޔަތު، ޒިންމާ މިއަދު އަޅުގަނޑުމެން މިތިބީ އުފުލައިގެން. އަޅުގަނޑުމެން އެމައްޗަށް ތެދުވެ މިތިބީ، އެކަންކުރާން މިތިބީ އަޅުގަނޑުމެނަށް އެކަން ކުރެވޭނެކަމުގެ ވަރަށްބޮޑު އިތުބާރަކާ ޔަޤީންކަމާއެކު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދެންނެވި ނިޒާމު މެދުވެރިކޮށް، މި ރާއްޖޭގެ ތަރައްޤީ، މި ދިއްދޫގެ ތަރައްޤީ، މި ހއ.ގެ ތަރައްޤީ ހޯދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިރާއްޖެ އެކީއެކަށް ބަދަލުކުރާނަން.
 
ރާއްޖެ ބަދަލުކުރުމަށްޓަކައި ރާއްޖޭގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ފާހަގަކުރަމުންއައި ކިތަންމެކަމެއް އެބަހުރި. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން ގަބޫލުކުރަން، މިދިޔަ ދިގު 30 އަހަރާއި އަދި މިދިޔަ ދެ އަހަރުވެސް މިރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް ދިނުމަށް އެކަށައަޅާފައިވާ ހެލްތް ސެންޓަރުތައްވެސް، ހެލްތް ޕޯސްޓްތައްވެސް، ސަރަޙައްދީ ހޮސްޕިޓާތައްވެސް އަދި މާލޭ ހޮސްޕިޓާވެސް އެކަށީގެނެއްނުވޭ. އެއީ، އަޅުގަނޑުމެން ގަބޫލުކުރާކަމެއް. މިތަންތަން އެއީ އެކަށީގެންވާ ތަންތަނަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރުގައި އަޅުގަނޑުމެންނަށް ފާހަގަވެފައިވާ އެހެން ވަރަށްބޮޑު ޙަޤީޤަތެއް އެބައޮތް. އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލާފައި މިވަނީ، އައްޑޫން ކެލަޔަށް، ތުރާކުނުން އައްޑޫއަށް، ރާއްޖޭގެ އެންމެހާ ރަށްރަށަށް ވަރަށްގިނަ ގޭގެއަށް އަޅުގަނޑުމެން އެންމެންމެ ވަދެނުކުމެ ހިނގައި، ރައްޔިތުން ގާތުގައި އަހައި، މިރާއްޖޭގެ ރައްޔިތުންނަށް ބޭނުމީ ކޮންކަމެއްތޯ އަޅުގަނޑުމެން އޮޅުންފިލުވައި މިކަންކަމުގެ ތެރެއިން އަޅުގަނޑުމެން އެކުލަވަލާފައިވާ އަޅުގަނޑުމެންގެ މެނިފެސްޓޯއިން. އަޅުގަނޑުމެންނަށް އަބަދުވެސް އެނގެމުންއައި ޙަޤީޤތަކީ އަދި 2008 ވަނައަހަރާ ޖެހުނުއިރުވެސް މިރާއްޖޭގެ ކޮންމެ 3 މީހަކުގެ ތެރެއިން އެކަކީ ވަރަށް ފަޤީރު ނިކަމެތި މީހެއްކަން. އެމީހަކަށް ދުވަލަކަށް ހަމައަށް 10 ރުފިޔާވެސް އާމްދަނީގެ ގޮތުގައި ނުލިބޭ މީހެއްކަން. އެހެންވީމާ، މިރާއްޖޭގައި ހުރި ގޯސް އަދި ކަމުނުދާ ޞިއްޙީ ޚިދްމަތްތަކަށްވެސް ރާއްޖޭގެ ގިނަ ރައްޔިތުންނަށް އޮންނަނީ އަތް ނުފޯރާފައި. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކު ބޭސް ސިޓީއަށް ސަލާންޖަހަން އެ ސިޓީގައިހުރި ބޭސް ހޯދުމަށް އެކެއް ކައިރިން އަނެކެއް ކައިރިން ހިނގަމުންދާ ދިއުން އެއީ، އަޅުގަނޑުމެން ވަޢުދުވިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި މިރާއްޖެއިން ނައްތާލަދޭނަމޭ. މަދަނައިގެ ވިއުގަ ގާއިމުކުރެވެނީ އެހެންވެގެން. އަޅުގަނޑު މިރޭ އުފާވަނީ، މި ދިއްދޫގެ 644 މީހުން މަދަނާގައި ބައިވެރިވެފައިވާތީ. އަޅުގަނޑަށް މިރޭ ހިތްހަމަޖެހެނީ މިދިއްދޫގެ އެ 644 މީހުންނަށް ބޭސްފަރުވާ ދިނުމަށްޓަކައި ހަމަކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާ މުޅިޖުމްލަ 64.4 މިލިޔަން ރުފިޔާ އެއްކައިރި ކުރެވިފައި އޮތީތީވެ.
 
އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެންގެ ރާއްޖޭގައި، މިރާއްޖެ އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ އަޅުގަނޑުމެންގެ ކުރީގެ މިރާއްޖޭގެ ރައްޔިތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންކަން. ދޮށީ އުމުރުގެ މީހުން މިރާއްޖޭގައި މަހަށް ފުރީތީވެ، ފަރަށް ދިޔައީތީވެ، އަދި ރުކަށް އެރީތީވެ، ވަޑާން ކުރީތީވެ، ރެޒޯޓުފަހަރު ހެދީތީވެ. ގިނަގުނަ މަސައްކަތްތަކެއް ކުރީތީވެ އަޅުގަނޑުމެންގެ ރާއްޖެ މިގޮތަށް އަޅުގަނޑުމެންނަށް މިއަދު ލިބިފައި މިވަނީ. އަޅުގަނޑުމެންގެ ޕާޓީ އަބަދުވެސް ގަބޫލުކުރި ޙަޤީޤަތެއް އެއީ، މިރާއްޖޭގައި މިއަދު ޕެންޝަނެއްދިނުން ޙައްޤުވަނީ ކާކަށްތޯ ބަލާއިރު އެކަން ޙައްޤީ ހަމައެކަނީ ސަރުކާރުގެ އޮފީހެއްގައި މަސައްކަތްކުރި މީހާޔަށް ނޫންކަން، އެއީ އަޅުގަނޑުމެންގެ ޕާޓީ އަބަދުވެސް ގަބޫލުކުރާ ޙަޤީޤަތެއް. ސަރުކާރުން ވަޢުދުވިން، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް މަހަކު 2000 ރުފިޔާ ދިނުމަށް. މިރޭ އަޅުގަނޑު އުފާވާ ސަބަބަކީ، މި ދިއްދޫގެ 175 މީހަކަށް މަހަކު 2000 ރުފިޔާ ދެމުންގެންނަތާ މިހާރު މިވީ ދެއަހަރު. މިދެއަހަރު ތެރޭގައި ކޮންމެ މަހެއްގައިވެސް ތިންލައްކަ ފަންސާސްހާސް ރުފިޔާ      މި ދިއްދޫގެ ދޮށީ އުމުރުގެ ރައްޔިތުންނަށް އަޅުގަނޑުމެންނަށް މިދަނީ ދެވެމުން.
 
މަދަނާގެ ވިޔުގަ މިގޮތަށް ގާއިމުވެފައި އޮތުމާއެކީގައި، އަޅުގަނޑު ބައެއްފަހަރަށް މާލޭ ވިޔަފާރިވެރިންގާތުގައި އަހާ އުޅެން، މީގެ ދެއަހަރު ކުރީގައި މިދުވަހު ނުވަތަ މިމަހު ތިޔަބޭފުޅުން ގާތަށް މީހުން ބޭސް ސިޓީއެއް ހިފައިގެން އައި މިންވަރަށް އައި އަދަދަށް މިހާރު އެބަ އެކަން ހިނގާތޯ؟ ބައެއް ވިޔަފާރިވެރިން އަޅުގަނޑު ގާތުގައި ބުނަނީ މިހާރު ބޭސް ސިޓީ ހިފައިގެން އަންނަ މީހުންގެ އަދަދު ވަރަށް މަދޭ. އަޅުގަނޑަށް ހަމަ ޔަޤީން، މި ދިއްދޫ ވިޔަފާރިވެރިންވެސް އެހެން ބުނާނެކަން. އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑުމެންގެ ސިޔާސަތު އިރާދަކުރެއްވިއްޔާ މިދަނީ ކާމިޔާބުވަމުން. އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ހުރިހާ ފަޤީރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޯރުކޮށްދޭނަން. ނިކަމެތިންގެ ތެރެއިން ޔަތީމުކުދިންނާއި އަދި އެކަނިވެރި މައިންނަށް އަޅުގަނޑުމެން ދެމުންގެންދާ އެހީތެރިކަމާއި ސަބްސިޑީއާއި އިޖްތިމާޢީ ރައްކާތެރިކަން ކުރިޔަށް އޮތްތަނުގައި އަދި މިއަށްވުރެބޮޑަށް ފުޅާކުރުމަކީ އަޅުގަނޑުމެންގެ އަމާޒު، އަޅުގަނޑުމެންގެ މަޤްޞަދު.
 
ޤައުމެއް ތަރައްޤީވެދިއުމަށް ބޭނުންވާ ޚާއްޞަ ކަންކަމުގެތެރޭގައި ރަނގަޅު ތަޢުލީމީ ޖީލެއް އުފެއްދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވީމާ، އެއް ދަންފަޅިއަށް ކިޔަވައިދިނުމާއި ވަށައިޖެހޭ ތަޢުލީމެއް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ދިނުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްގެގޮތުގައި މިސަރުކާރު ދުށް. އަދި މިރާއްޖޭގެ ރައްޔިތުންނަށް އެ ތަޢްލީމު ފޯރުކޮށްދޭނެކަމަށް، ދަރިވަރުންނަށް    އެ ޚިދްމަތް ފޯރުކޮށްދޭނެކަމަށް، ދޭނެކަމަށް އަޅުގަނޑުމެން ވަޢުދުވީމު. އަޅުގަނޑު މިއަދު އުފާވާ ސަބަބަކީ، މި ރަށުގެ ރައްޔިތުންގެ ސްކޫލްކުދިންގެ ތެރެއިން ފޮތްފަންސޫރު ގަލަމާއި ސްކޫލްގެ އެހީއަށް މިއަހަރުގެތެރޭގައި 3,88000 ރުފިޔާ ޚަރަދުކުރެވިފައިވާތީ. އަދި ހަމަ މިރަށުގެ ދަރިވަރުންގެ ތެރެއިން ބޭރުގެ އިމްތިޙާންތައް ހެދުމަށް ފީދައްކަންޖެހޭ ކުދިންނަށް ސަރުކާރުން 90000 ރުފިޔާ ދައްކާދެވިފައިވާކަމީ މިސަރކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް. ދިއްދޫގައިހުރި ސްކޫލް, ހއ.އަތޮޅު ތަޢުލީމީމަރްކަޒު، މިމަރްކަޒު އެއްދަންފަޅިއަށް ހެދުމަށްޓަކައި ބިނާކުރަންޖެހޭ މަދަރުސާތައް، ކްލާސްތައް މިހާރު މިދަނީ ޢިމާރާތް ކުރެވެމުން. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށޭއިރު މިރަށުގެ ސްކޫލް އެއްދަންފަޅިއަށް ބަދަލުވެގެންދާނެ.
 
އަޅުގަނޑުމެން އަބަދުވެސް ދެކެން، ޤައުމެއް ތަރައްޤީވެދިއުމަށް ބޭނުންވަނީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވުންކަމަށް. އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދިއުންކަން. މިސަރުކާރު އައުމުގެކުރީގައި އަޅުގަނޑުމެން ވަކާލާތު ކުރަމުންދިޔައިން، މަސްވެރިކަން ހުޅުވާލެވި، ވާދަވެރި މަސްވެރިކަމަކަށް، ވާދަވެރި ވިޔަފާރިއަކަށް ރާއްޖޭގެ ރޯމަހުގެ ވިޔަފާރި ބަދަލުކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ރާއްޖޭގެ މަސްވެރިން އަތުން މަސްގަންނާނީ 10 ރުފިޔާއަށޭ. ކަންދިމާކުރިގޮތުން ދިއްދޫމީހުން މިހާރުވިއްކަނީ 12 އަށް. އަޅުގަނޑުމެންގެ ކުރީގައި އެމަސް ހަމަ ދިއްދޫމީހުން ވިއްކަމުންދިޔައީ ގިނަވެގެން 5 ރުފިޔާއަށް. އަޅުގަނޑުމެން މިއުންމީދުކުރަނީ ހުޅުވާލެވޭ ސިޔާސަތުގެތެރެއިން، ދިއްދޫއަށް ވަންނަ ފައިސާ ހައްތަހާވާނީ އިތުރޭ. އިރާދަކުރެއްވިއްޔާ މަހުގެ އަގު 14އަށް ގެންދެވޭނެކަމަށް އަޅުގަނޑުމެން މިހާރު އުންމީދުކުރަމު.
 
ޤައުމެއް ތަރައްޤީވެދިޔުމަށް އަޅުގަނޑުމެން ފާހަގަކޮށްފައިވާ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެމް.ޑީޕިގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާނީ، ކުރިޔަށްއޮތް 7 އަހަރު ދުވަހުގެ ތެރޭގައި މިދެންނެވި ނިޒާމު ފުރިހަމަ ކުރުމަށް. އަދި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި އަސާސީ ޚިދްމަތެއް ފެށުމަށް. އަޅުގަނޑުމެންނަށް      މި އަސާސީ ޚިދްމަތް މިހާރު ދިއްދޫގައި ވަނީ ފެށިފައި. އަޅުގަނޑުމެން އުފާވާ ސަބަބަކީ، މި ދިއްދޫގެ 1206 ރައްޔިތުން އެޚިދްމަތް މިދިޔަ ދެމަސްދުވަހުގެ ތެރޭގައި ބޭނުންކޮށްފައި ވާކަން. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިއަދަށްވުރެން އަދި މާރަނގަޅަށް އެކަންކުރުން. ގިނަ ރައްޔިތުންނަށް އަވަސްއަވަހަށް އެ ޚިދްމަތް ބޭނުން ކުރެވޭނެގޮތް ހޯދުން.
 
ސަރުކާރުގެ ސިޔާސަތަކީ، ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން. ރައްޔިތުން ބާރުވެރިކުރުވުން. ރައްޔިތުންނަކީ، ކޮންމެމީހަކީވެސް ތިމަންނާއަކީ ތިމަންނާގެ ޙަލާލު މަސައްކަތުން ލާރި ހޯދާ، ތިމަންނާގެ އަނބިދަރިންނާއި ޢާއިލާ ގޮވައިގެންއުޅޭ ދިއްދޫ މީހެކޭ ބުނެ، ހަމައިސްކޮޅަށް އެމީހާ ތެދުވާތަން ދެކުން އެއީ، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ. ބިންވެރިކުރުމަށް، މި ސަރުކާރުގެ ސިޔާސަތުތައް ތަންފިޒުކުރަމުން އެންމެބާރަށް އިރާދަކުރައްވައިގެން ގެންދެވިފައިވާ އެއް ރަށަކީ ދިއްދޫ. މި ދިއްދޫގައި އަޅުގަނޑުމެންނަށް ސަރުކާރުން މިހާރުމިވަނީ ބޮޑު ބިމެއް ހިއްކިފައި. އޭގެ ބޭނުމަކީ އެ ބިން ބޭނުންކުރުން. ބިމަކީ ގަނެ ވިއްކާ އެއްޗަކަށް މި ސަރުކާރު ދެކޭގޮތުގައި ވާންޖެހޭނެ. އުފެއްދުންތެރިކަމުގެ ތެރޭގައި ތަކެތި އުފެއްދުމަށް ބޭނުންކުރާ އެންމެ މުހިންމު އެންމެ ބޮޑު އެއް ވަސީލަތަކީ ބިން. ދެން ބޭނުންވަނީ ފައިސާއާއި މީހުންނާއި އަދި ވިޔަފާރީގެ ހުނަރު. ބިން އެފަދަ އެއްޗަކަށްވާއިރު އެ ބިމަކީ ފަސޭހަގޮތުގައި މުޢާމަލާތްކުރެވޭ އެއްޗަކަށް ނުވަނީނަމަ އަޅުގަނޑުމެން މިއެދޭ ތަރައްޤީ ހޯދަން އުނދަގޫވާނެ.
 
ސަރުކާރުގެ އަމާޒަކީ، ދިއްދޫގެ ބިން ދިއްދޫ ރައްޔިތުންނަށް ފަސޭހަކޮށް ލިބެނޭ އިންތިޒާމެއް ހަމަޖެއްސުން. އަދި ސަރުކާރުގެ އަމާޒަކީ ދިއްދޫއިން މިހިއްކި ބިމުގައި ގެ އަޅައި ދިއްދޫ ރައްޔިތުންނަށް ދިގުމުއްދަތުގައި ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން އެ ގެތައް ލިބޭނެގޮތް ހަމަޖެއްސުން. އަޅުގަނޑު އުފާވާ ސަބަބަކީ، މިރޭ އަޅުގަނޑަށް ލިބުނު ޚަބަރަކީ، މިހާރު ދިއްދޫގައި އަޅުގަނޑުމެންނަށް 2011 ވަނަ އަހަރު އަޅަން ރާވާފައިވާ 100 ގެ އެޅުމުގެ ހުރިހާ އިންތިޒާމެއް އިރާދަކުރެއްވިއްޔާ ވަނީ ހަމޖެހިފައޭ. ހަމަ އެގެ އަޅުގަނޑުމެން އަޅާނެ، ހއ. ގެ ހޯރަފުށީގައިވެސް، އިހަވަންދޫގައިވެސް، ބާރަށުގައިވެސް، ކެލާގައިވެސް އަދި އަޅުގަނޑުމެން ހަމަ އެގެ އަޅާނެ ކުޅުދުއްފުށީގައިވެސް، ނޮޅިވަރަންފަރުގައިވެސް. އަޅުގަނޑުމެން އެ ގެ އަޅާނެ ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް ހަމަ ސީދާ އަޅުގަނޑަކީ "ފްލެޓް ދޮންބެ".
 
އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް ބިން ވެރިކުރުމާ އަދި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން މިހާރު ހިންގަން ފަށާފައިވާ އަނެއް މަޝްރޫޢަކީ އެޗް.ޑީ.އެފް.ސީ.އިން ދިގުމުއްދަތަށް ދޭ ލުއި ލޯނު މިހާރުވަނީ ދޫކުރަން ފަށާފައި. އެނގިވަޑައިގަންނަވާނެ، އެޗް.ޑީ.އެފް.ސީ.ގެ އައުޓްރިޖް ޕްރޮގްރާމުގެ ތެރެއިން ދިއްދޫއަށް، ވަކީން ޚާއްޞަކޮށް ދިއްދޫއާއި މިފަދަ ޞިނާޢީ ރަށްރަށް ފާހަގަވެ، އެރަށްރަށަށް މިފަދަ ލޯނުތައް ލިބޭނޭ އިންތިޒާމު މިހާރު އެހެރީ ހަމަޖެހިފައި. އަޅުގަނޑުމެން އުންމީދުކުރަނީ މިރަށުގެ ގިނަ ރައްޔިތުން އެ ލޯނުތަކަށްއެދި އެކަމުގެ ފައިދާ އެރައްޔިތުން ހޯދާނެކަމަށް.
 
އަޅުގަނޑުމެން އަބަދުވެސް ދެކެން ޖެހޭނެ، ވަޒީފާގެ ފުރްޞަތުތައް އިތުބާރާއެކީގައި ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުންކަމަށް ދެކިގެންނެއް ނުވާނެ. އަމިއްލަ ވިޔަފާރިއާއި އަމިއްލަ ކުންފުނިތަކާއި އަމިއްލަ އުފެއްދުންތަކުގެ ތެރެއިން އުފެދޭ ވަޒީފާތައް އެއީ، އިތުބާރުހުރި ވަޒީފާތަކަކަށް ވާންޖެހޭނެ. އެކަން އެހެން ކުރުމަށްޓަކައި ސަރުކާރުން މިދަނީ މި 2011 ވަނަ އަހަރުގެ ތެރޭގައި ދިއްދޫގެ ވިޔަފާރިވެރިންނާއި އަދި ރާއްޖޭގެ އެންމެހާ ވިޔަފާރިވެރިންނަށް ލުއި ލޯނު އިތުރަށް ދޫކުރަމުން. ޚާއްޞަގޮތެއްގައި ކޮންމެރަށަކަށްވެސް އަދި އަމާޒުކުރެވޭ އަދަދެއް އެރަށުގެ ވިޔަފާރިވެރިންނަށް ދޫކުރަން މިފަހަރުގެ ބަޖެޓުގައި އޮންނާނީ ހިމެނިފައި. އަޅުގަނޑުމެން އުންމީދުކުރަނީ ދިއްދޫ ރައްޔިތުން އެ ފުރްޞަތުތައް ބޭނުންކުރާނެކަމަށް.
 
އަޅުގަނޑުގެ ވާހަކަ، އަޅުގަނޑަށް ދެމިނިޓުވީމަކާއެއް ނުވެއް އަންގާ. އެހެންނަމަވެސް، އަޅުގަނޑުވެސް ބަލަމުން މިގެންދަނީ އެގަޑިއަށް. އަޅުގަނޑުގެ ވާހަކަކޮޅު ފެއްތޭތޯ. އަޅުގަނޑު ދެރަވާކަމެއްގެ ވާހަކަ މިރޭ ދަންނަވާލަން ބޭނުން. އަޅުގަނޑު ހަމަގައިމުވެސް ދަންނަ، ދުއް އަދި އެމީހަކު ލިޔެފައިވާ އެއްޗެތި ކިޔާފައިވާ އެމީހަކު ދައްކާވާހަކައަޑުއަހާ އެންމެމޮޅު މީހަކީ އިޤްތިޞާދީ މާހިރަކީ މިރަށު ޢަލީ ހާޝިމު. އޭނާ އެއީ، އަޅުގަނޑުމެނަށް މިރާއްޖެ މިވެއްޓެމުންދިޔަ އަނދަވަޅުން ސަލާމަތްކޮށްދިން ބޭފުޅާ. އެބޭފުޅާއަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ރަނގަޅު އިޤްތިޞާދީ ހަމަމަގެއް ދައްކައިދިނުމަށް ވަރަށްރަނގަޅު މާހިރެއް. އެހެންނަމަވެސް، އެއްވެސް ސަބަބަކާނުލައި، އެއްވެސް ސަބަކާނުލައި އަޅުގަނޑުމެންނަށް މިވަނީ އެބޭފުޅާގެ ޚިދްމަތް މިޤައުމަށް މިއަދު ނުލިބޭގޮތްވެފައި. އަޅުގަނޑަކަށް އެއަށްވުރެ ވަކިބޮޑު އިތުރު ސަބަބެއްނެތް އަޅުގަނޑުމެން ދެން ކުރިޔަށްއޮތް އިންތިޚާބުތަކުގައި އަޣުލަބިއްޔަތު ދޫކޮށް ނުލާނެ.  އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެން ހޯދަނީނަމަ އަޅުގަނޑުމެންގެ ފިކުރުގައި، އަޅުގަނޑުމެންނާއެކުގައި މަސައްކަތްކުރާނެ ބައެއް އަޅުގަނޑުމެން ކޮންމެހެންވެސް ބޭނުން. މިސަރުކާރު މި ދެމިއޮންނަނީ ހަމަ އެންމެ ސަބަބަކަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށްޓަކައި. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި.
 
ދިއްދޫއަކީ، ރާއްޖެ ތަރައްޤީކުރުމަށް، ހއ. ގެ ބޮޑެތި ރަށްރަށަކީ، ހޯރަފުށްޓަކީ، އިހަވަންދުއަކީ، ދިއްދޫއަކީ، ބާރަށަކީ، ކެލަޔަކީ، މުޅި މި ރާއްޖެ ތަރައްޤީ ކުރުމަށް ކޮންމެހެން ބޭނުންތެރި ރަށްރަށް. އެ ރަށްރަށް ތަރައްޤީވެ، އެރަށްރަށުގެ އިންޖީނުގައި މެނުވީ އަޅުގަނޑުމެންގެ ރާއްޖެއިން އަނެއް ދިވެހިރާއްޖެއަކަށް އަނބުރައެއް ނުލެވޭނެ. އެ އެނބުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ. އަޅުގަނޑުމެންނަށް ބޮޑުމަންޒަރު ފެނޭ. ކަންކުރަންވީގޮތްވެސް އެނގޭ. އަދި ކުރެވޭނެކަމުގެ އިތުބާރުވެސް އެބައޮތް. ކުރެވެންހުރި ވަސީލަތްތައްވެސް އެބަހުރި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން މިރާއްޖެ ބަދަލުކުރާނެ، މިރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭނެ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.                 
  
 وَالْحمد لله. الســّلام عليــكم.