بســماللّـهالرّحمـنالرّحيــم

 
 
                މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، އަދި ސްޓޭޓް މިނިސްޓަރުގެ ނާއިބު، އަދި ނޮޅިވަރަމްގެ ކައުންސިލަރއަދި އޭގެ އިތުރުން، އަޅުގަނޑުގެ ރަޙްމަތްތެރި ލޮބުވެތި ދަރިވަރުންގެ އެންމެހާ ރައްޔިތުން.
 
السّـلام عليـكم
 
                އަޅުގަނޑުމެން މީގެކުރީގައި ވަރަށް ފާހަގަވާ ގޮތެއްގައި ފާހަގަކުރަމުން އައި ނުކުތާތަކެއް، އަޅުގަނޑަށް ފެންނަ ފެނުމުގައި އަލުން އަނބުރާ އަނެއްކާ އެނުކުތާތައް ހާމަކުރުމަކީ، މުނާސަބު ކަމެއް. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުންދިޔަ އެއް ޙަޤީޤަތަކީ، ޤައުމެއް ތަރައްޤީވުމަށް ރައްޔިތެއްގެ ހާލަތު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވުމަށް، އަޅުގަނޑުމެންނަށް މިލިބޭ އާމްދަނީ މިހާރަށްވުރެ ރަނގަޅަށް ލިބުމަށް، އަޅުގަނޑުމެންގެ ޙަޔާތް މިއަދަށްވުރެ ފާގަތިވުމަށް އިންސާނީ ތަޖުރިބާ ދައްކާފައިހުރި ޙަޤީޤަތްތަކެއް އެބަހުރި. އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، ތަރައްޤީއަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް ވަކި އިރެއްގައި ވަކި ގޮތަކަށް ކުރާން އެބަޖެހޭކަން.
 
ތަރައްޤީއަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވާންޖެހޭ. އަޅުގަނޑުމެންނަށް ވަރަށްގިނަ ފަހަރަށް ފެނިފައި މިއޮންނަނީ އަދި ގަބޫލުކުރެވި، ދެކެވިފައި މިއޮންނަނީ ތަރައްޤީއަކީ ހަމައެކަނި ވަރަށް ބޮޑެތި މަޝްރޫޢުތަކެއްގެ ގޮތުގައި ހިންގޭ ކަންކަމޭ. ތަރައްޤީއަކީ ބަނދަރެއް ހެދުން ނުވަތަ ތަނެއްގެ ވަށާފާރު ލުން ނުވަތަ މިނޫންވެސް މިބާވަތުގެ އިމާރާތް ކުރުމުގެ ކޮންމެވެސް ކަމެއް ހިންގުމޭ. އަޅުގަނޑުމެންނަށް މިއަށްވުރެ ބޮޑަށް ގަބޫލު ކުރެވޭ ޙަޤީޤަތަކީ އަދި އިންސާނީ ތަޖުރިބާ މިދުނިޔެއަށް ދައްކާފައި އޮތް އެއް ޙަޤީޤަތަކީ، ޙަޤީޤީ ތަރައްޤީއަކީ، ތިމަންނާމެންގެ ޖީބަށް ވަންނަ އެއްޗެއް ތިމަންނާމެންގެ މިއަދުގެ އާމްދަނީއަށްވުރެ ރަނގަޅު އާމްދަނީއެއް ތިމަންނާމެންނަށް މާދަމާ ލިބޭނެގޮތެއް މެދުވެރިވުން. ޙަޤީޤީ ތަރައްޤީ ހޯދުމަށްޓަކައި އަޅުގަނޑުމެން ފާހަގަކުރަމުން އައިން ވަކި ޚާއްޞަ ކަންތައްތަކެއް އެބަ ކުރާންޖެހެއޭ. ޤައުމެއް ތަރައްޤީވެ ދިޔުމަށް އެޤައުމެއްގެ ރައްޔިތުންގެ ގާތުން ރައްޔިތުންގެ އިޙްސާސްތަކއި ރައްޔިތުންގެ އެދުމާ އެއްގޮތަށް އެރައްޔިތެއްގެ ވެރިކަން ހިންގޭނެ ގޮތް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.
 
ރައްޔިތަކު ހުޅުވާލެވެން ޖެހޭނެ. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތަކަށް ލިބިގެން މެނުވީ އެރައްޔިތެއް ތަރައްޤީވެ ކުރިއަރާފައެއް ނުވޭ. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަންކަން ކުރުމަށް އެކިއެކި ދަރަޖައިގައި ރައްޔިތުންނަށް ބަސް ބުނެވޭ މުއައްސަސާތައް، އޮފީސްތައް، ކައުންސިލްތައް ޤާއިމުވެފައި ހުންނަން އެބަޖެހޭ. އިރާދަކުރެއްވިއްޔާ ފެބްރުއަރީ 5 ގައި އަޅުގަނޑުމެންނަށް ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އަދި ސިޓީ ކައުންސިލުތަކުގެ އިންތިޚާބުތައް ބޭއްވި މިދެންނެވި މުއައްސަސާތަކުގެ ބިންގަލެއް އެޅޭނެ. ރަށު ކައުންސިލްތައް މިހޮވަނީ އެއްވެސް ހާލެއްގައި މީގެ ކުރީގައި އަޅުގަނޑުމެންނަށް ފެނިފައިމިވާ ރަށްކުރިއަރުވާ ކޮމިޓި ނުވަތަ އަންހެނުންގެ ކޮމިޓީ ނުވަތަ ރަށުގެ އެކިއެކި ރޫޙާއި، އެކިއެކި ޖަމާޢަތްތަކާ މިބާވަތުގެ ކަންކަމާ އެއް އުޞޫލަކުންނެއް ނޫން. ސަރުކާރުގެ ވަރަށްބޮޑު ޒިންމާއެއް އެއީ، މިކައުންސިލް އުފެދުމަށްފަހުގައި އެ ކައުންސިލް މެދުވެރި ކޮށްގެން ތިޔަބޭފުޅުންގެ ކަންކަން ތިޔަބޭފުޅުން އެދޭގޮތަށް ނިންމޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުން. އަޅުގަނޑުމެންނަށް އަބަދުވެސް ފެނިފައިއޮތީ ތަރައްޤީ މިލިބެނީ މިދަންނަވާ މަގުން ކަންކަން ހިންގުނީމައޭ. އަޅުގަނޑުގެ އުންމީދަކީ މިރަށުގެ ހުރިހާ ރައްޔިތުންވެސް ކައުންސިލް އިންތިޚާބަށް އަހުލުވެރިވެ، ހޭލެވި އަދި އެ އިންތިޚާބު އެއީ، ކާމިޔާބު އިންތިޚާބަކަށް ހެއްދެވުމަށް ގަދައަޅާ މަސައްކަތް ކުރެއްވުން.
ކައުންސިލް އިންތިޚާބަށްފަހު ދެން އެ އޮންނަ ކައުންސިލް ހިންގުމުގައި ސަރުކާރުން މިކައުންސިލްތަކަށް ސިޔާސަތުތަކެއް އެބަކަނޑައަޅަންޖެހޭ. މިދެންނެވި ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި އެކުލެވިފައި އޮންނާނީ ބަޖެޓުގައި. އެހެންވީމާ، މިއަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ދާއިރާތަކުގެ، ރަށްރަށުގެ ބަޖެޓް އެބަޖެޓް ތަންފީޒު ކުރުމުގައި، ރަށްރަށުގެ ބަޖެޓް ތަންފީޒުކުރާ ގޮތް، މީގެކުރީގެ އަހަރުތަކާއި، ކުރިއަށް މިއޮތް އަހަރާ ވަރަށް ބޮޑުތަނުން ތަފާތުވާނެ. އެނގިވަޑައިގަންނަވާނެ، މިއިން ކުރީގެ އަހަރެއްގައި މިސާލަކަށް ނޮޅިވަރަމްގެ ރަށު އޮފީހުގެ ޚަރަދާއި އަދި މިސްކިތްތަކާއި މަދަރުސާތަކާއި ހެލްތް ސެންޓަރުތަކާއި މިހުރިހާ ޚަރަދެއް އެންމެހާ ޚަރަދު މުސާރައާއި ހުރިހާ ކަމަކަށް ސަރުކާރުން ޚަރަދު ކުރަމުން އައީ ގާތްގަނޑަކަށް 12، 13 މިލިއަން ރުފިޔާ. އެހެންނަމަވެސް، މިފަހަރު އަޅުގަނޑު މިދަންނަވާ އުޞޫލުން ސަރުކާރުން ބަޖެޓް ތަންފީޒުކުރާއިރު، ތޭވީސް މިލިއަން ދެލައްކަ ސާޅީސް ފަސްހާސް ދުއިސައްތަ ހަތްދިހަ ދެރުފިޔާ ނޮޅިވަރަމުގެ ކައުންސިލަށް ޕްރޮގްރާމްތައް ހިންގުމަށް ކަނޑައެޅިފައި އޮންނާނެ.
 
ކައުންސިލްގެ ބޭނުމަކީ މިދެންނެވި ބޮޑު މަސްއޫލިއްޔަތު އަދާކުރުން. ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ރައްޔިތުންނަށް ފައިދާވާނެ ގޮތަށް، ރައްޔިތުންގެ ރުހުމާއެކީގައި ތަންފީޒު ކުރަމުން ގެންދާނެ އިންތިޒާމުތަކެއް ހަމަޖެއްސުން. މި ސަރުކާރުން ރައްޔިތުންނަށް ވަޢުދުތަކެއް ވެފައިވާނެ. ޚާއްޞަކޮށް އަޅުގަނޑުމެން ދައްކަމުން ގެންދިޔަ މުހިންމު ވާހަކަތަކެއް ހުންނާނެ.
 
އަޅުގަނޑުމެން ބުނަމުން ދިޔައިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަން މިއުޅޭ އުޅުން، ނިކަމެތިކަންމަތީގައި އެ އާދޭސް ކުރަމުންދާ ދިޔުން، އެކަމަށް ހުއްޓުމެއް ގެނައުމަށް އަޅުގަނޑުމެން ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާނަމޭ. ސަރުކާރުން ވަރަށް ރަނގަޅަށް ގަބޫލުކުރޭ، މިދިޔަ 30 އަހަރާއި އަދި މިދިޔަ 2 އަހަރުވެސް މިރާއްޖޭގެ ޞިއްޙީ ޚިދްމަތްދޭ އެކިއެކި ތަންތަން ހެލްތް ޕޯސްޓަކަށްވިޔަސް، ހެލްތް ސެންޓަރަކަށްވިޔަސް، އަތޮޅު މަދަރުސާއަކަށްވިޔަސް، އަތޮޅު ހޮސްޕިޓަލަކަށްވިޔަސް، ސަރަޙައްދީ ހޮސްޕިޓަލަކަށްވިޔަސް، އަދި މާލޭ ހޮސްޕިޓަލަށްވިޔަސް، މިތަންތަނުގައި ފަރުވާދެމުން މިގެންދެވެނީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ބޭނުންވާ އެދޭ މިންވަރަކަށެއް ނޫން. އެކަންކަން ރަނގަޅު ކުރުން އެއީ، އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް.
 
 އެކަން އެހެން އޮތްއިރު، ސަރުކާރު އަދި އަޅުގަނޑުމެންގެ ސަރުކާރު ތަންފީޒުކުރާ، ހިންގާ ޕާޓީއަށް އިންތިޚާބުގެ ކުރީގައިވެސް ފާހަގަވެފައި އޮތް އެއް ޙަޤީޤަތަކީ، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހަކުން ކުރެ އެކަކީ މިދެންނެވި ކަމުނުދާ، މިދެންނެވި ފުރިހަމަނުވާ ޞިއްޙީ ޚިދްމަތްތަކަށްވެސް އަތްނުފޯރާ މީހުންނޭ. ރާއްޖޭގެ ވަރަށްގިނަ މީހުންނަކީ ފަޤީރުންނޭ، އެމީހުންނަށް ދުވާލަކަށް ބާރަ ރުފިޔާ ނުޖެހޭ މީހުންނޭ، ކޮންމެ ތިން މީހަކުންކުރެ އެކަކީ. ސަރުކާރުގެ އަމާޒަކަށްވީ މިދެންނެވި ފަޤީރުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން. އެމަސައްކަތުގެ ތެރެއިން މަދަނައިގެ ވިއުގަ ޤާއިމުކުރެވުނީ. އަޅުގަނޑު ވަރަށް އުފާވޭ، މިނޮޅިވަރަމްގެ 278 ރައްޔިތަކަށް މިހާރު މިވަނީ މަދަނައިގެ ޚިދްމަތް ލިބެން ފަށާފައި. މިދެންނެވި 278 ރައްޔިތުންނަށް ޚާއްޞަ ކުރެވިފައި ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާއަށްޓަކައި މިރަށަށް 23.8 މިލިއަން ރުފިޔާ އެއްކައިރި ކުރެވިފައި އޮތްކަމީ އަޅުގަނޑުމެން އުފާވާ ކަމެއް. އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް. އެހެންނަމަވެސް އަޅުގަނޑު ގާތު ބަޔަކު އަހާފާނެ ރައީސޭ 23.8 މިލިޔަން ރުފިޔާ، މިރަށު ސަހަރާ ވަށާ ފާރެއް ރާނަން ބަޖެޓެއް ނެތޭ ކިޔައި ނުކޮށް ނުވަތަ މިރަށުގެ މަގުތަކުގައި ބައްތި ނުދިއްލައި، ނުވަތަ މިރަށުގެ ބަނދަރު ނެރުމަތިން ފުންނުކޮށް ނުވަތަ މިރަށުގެ ދަނޑުވެރިކަމުގެ ކަންކަމަށް އަޅާނުލައި، މިފައިސާ ކިހިނެއްވެގެންހެއްޔޭ މިގޮތަށް ޚަރަދު ކުރަން އަޅުގަނޑުމެން މިނިންމަނީ.
 
 އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭ ގޮތުގައި ތިޔަބޭފުޅުން އަޅުގަނޑުމެން ގާތުގައި ވިދާޅުވީ އަޅުގަނޑުމެންނަށް ދިމާވެފައި އޮތް އެންމެބޮޑު އުނދަގުލަކީ ބޭސްސިޓީއަށް ސަލާން ޖަހަން ޖެހުމޭ. މިއީ 2006 ވަނަ އަހަރުވެސް، 2007 ވަނަ އަހަރުވެސް އަދި 2008ވަނަ އަހަރުވެސް އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގާ، ރައްޔިތުންނާ ވާހަކަދައްކާ، އަޅުގަނޑުމެންނަށް އޮޅުންފިލާފައި އޮތް ޙަޤީޤަތަކީ. އެންމެބޮޑު ތަކުލީފަކީ މިއީއޭ. ބޭސްކޮޅު ލިބޭނޭ ގޮތެއް ނެތޭ. ލާރިއެއް ނެތޭ. އެހެންވީމާ، މީހެއް ކައިރިއަށްގޮސް އާދޭހޭ ކުރަންޖެހެނީ.
 
މާލޭގައި ވިޔަފާރިވެރިން ގާތު އަޅުގަނޑުމެން ބައެއްފަހަރަށް މިހާރު އެބަ އަހަމު، ކޮބާ މީގެ ދެއަހަރު ކުރީގައި ބޭސްސިޓީ ހިފައިގެން ފިހާރައަށް މި ސިޓީއަށް ބޭސްނަގަން އެބަޖެހެޔޭ، ތިމަންނާއަށް އެހީއެއް ވެވިދާނެހެއްޔޭ، އެހެންބުނެ އައި އަދަދަށް މިހާރު އެބައާދޭތޯ. މާލޭ މީހުން ބުނަނީ ނާދެއޭ. އަޅުގަނޑަށް ޔަޤީން، މިރަށުގެ ވިޔަފާރިވެރިންވެސް ހަމަ މިޖަވާބު ދެއްވާނެ. އަޅުގަނޑުމެންގެ އެންމެބޮޑު އެއް އުންމީދަކީ މިރާއްޖޭގައި އިޖްތިމާޢީ ރައްކާތެރިކަން ވީހާވެސް ގިނަ ބަޔަކަށް ހޯދައދިދިނުން. ހަމަ އޭގެ ތެރޭގައި މިނޮޅިވަރަމް އެންމެންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން އެގޮތަށް ކުރާނަން.
 
އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި އުމުރުން ދޮށީ 65 އަހަރުން މަތީގެ އެތައްއެތައް ބަޔަކު ވަރަށް ދަތި ހާލުގައި މީގެކުރީގައި އުޅެމުން ދިޔަކަން. އަނެއްކާވެސް އަޅުގަނޑުމެން ހަމަ މިރަށަށާއި މިއަތޮޅުގެ އެހެން ރަށްރަށާއި އަދި މުޅި ރާއްޖޭގެ ރަށްރަށަށް ކުރި ދަތުރުތަކުގައި ވަރަށްބޮޑަށް ސާފުވި. އެމީހުންގެ ހާލު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެނގުނު. އަޅުގަނޑުމެންނަށް ޔަޤީންވި، މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، ދޮށީ އުމުރުގެ މީހުން އެދުވަހު ކުރި މަސައްކަތުންނޭ. އެމީހުން ފަރަށް ދިޔައީތީ. އެމީހުން މަހަށް ދިޔައީތީ. އެމީހުން ރުކަށް އެރީތީ. އެމީހުން އޮޑިދޯނި ފަހަރު ބަނީތީ. ރިސޯޓުފަހަރު އެޅީތީ. އެމީހުން މިރާއްޖެ ބިނާކުރީތީ. އެހެންވީމާ، މިއަދު އަޅުގަނޑުމެން ޕެންޝަނެއް ދިނުމަށް ވިސްނާއިރުގައި އެކަނި ޙައްޤީ ހަމައެކަނި ސަރުކާރުގެ މޭޒެއްގެ ދޮށުގައި މަސައްކަތް ކުރަން ހުރި މީހާކަމަށް ދުށުމަކީ ހަމަގައިމުވެސް އަޅުގަނޑު ތަމްސީލުކުރާ ޕާޓީ އެއްގޮތަކަށްވެސް ގަބޫލުކުރާ ފަލްސަފާއެއް ނޫން. އެހެންވީމާ، ސަރުކާރުގެ ސިޔާސަތަކަށްވެގެންދިޔައީ، ކޮންމެ 65 އަހަރުން މަތީގެ މީހަކަށް ދެހާސް ރުފިޔާއެއްގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑު އުފާވޭ މިރަށު 81 ރައްޔިތަކަށް މިދެންނެވި ޕެންޝަން ލިބެމުންދާތާ ދެއަހަރުވެއްޖެ. މިއަހަރު ތެރޭގައި އަޅުގަނޑުމެން ހިތްހަމަޖެހޭ މިރަށަށް 19.4 މިލިޔަން ރުފިޔާ ޕެންޝަންގެ ގޮތުގައި ދެވިފައިވާތީ.
 
 
އަޅުގަނޑުމެންނަށް ޕެންޝަންގެ ގޮތުގައި ފައިސާދެމުން އަންނަނީ އަދި އެހެންވެސް އިޤްތިޞާދީ ކިތަންމެ ބޭނުމަކަށްޓަކައި. ދަރިންނަށް މަސައްކަތް ކުރަން ދަތިވާނެ މައިންބަފައިންގެ ހާލަތު ޔަޤީންނުވާ އިރެއްގައި. އަޅުގަނޑުމެން ދެކޭ ދެކުމުގައި ދޮށީ އުމުރުގެ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވުނީމާ، ދެން ޒުވާން ޖީލު މަސައްކަތް ކުރާލެއް އަދި މިހާރަށްވުރެ ބާރުވާނެ، ވަރުގަދަވާނެ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުވާނެ، އާމްދަނީ އިތުރުވާނެ، މިޤައުމު ތަރައްޤީވުމަށް މަގުފަހިވާނެ.
 
ވަށާޖެހޭ ތަޢްލީމެއް ދިނުމާއި އަދި ދަރިވަރުންގެ ފެންވަރު މައްޗަށް ޖެއްސުމަކީ ސަރުކާރުގެ އަބަދުވެސް ވަރަށްބޮޑު އަމާޒެއް. މިކަން މިހެން ކުރުމަށްޓަކައި މިދިޔަ އަހަރުވެސް އެނގިވަޑައިގަންނަވާނެ، ނޮޅިވަރަމުގައި ސަރުކާރަށްވަނީ މަސައްކަތްތަކެއް ހިންގިފައި. އޭގެ ތެރެއިން ޚާއްޞަކޮށް އަޅުގަނޑުމެންނަށް ފާހަގަވާ އެއް ނަތީޖާއަކީ، މިރަށުގެ ނަތީޖާ. ސްކޫލްގެ ނަތީޖާ ކުރީ އަހަރުތަކާ އަޅާ ބަލާއިރު މިވަނީ 5 ޕަސަންޓަށް މައްޗަށް ގޮސްފައި. އެއީ، އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް. އަދި މިރަށުގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ހޯދައިދިނުމަށްޓަކައި ސަރުކާރަށްވަނީ ތިންލައްކަ ތިރީސް ހަތްހާސް އެއްސަތޭކަ ހަތްދިހަ އެއްރުފިޔާ ޚަރަދުކުރެވިފައި. އެއީ، ސަރުކާރު އުފާވާ ކަމެއް. އަދި މިރަށުގެ ދަރިވަރުންނަށް ކޯސްތަކުގައި ނުވަތަ އިމްތިޙާނުތަކުގައި ބައިވެރިވުމަށް ދެވޭ ފީގެ ގޮތުގައި ސަރުކާރުން މިރަށުގެ ދަރިވަރުންނަށް ނުވަދިހަ ތިންހާސް ރުފިޔާ ޚަރަދުވެފައިވީކަމަކީ ސަރުކާރުން ހިތްހަމަޖެހޭ ކަމެއް، އުފާވާ ކަމެއް.
 
 އަޅުގަނޑުމެންނަށް ދެން އިތުރަށް އެނގިފައި އޮތް ޙަޤީޤަތަކީ، ދަރިވަރުންނަށް ކިޔަވައިދިނުން އެންމެ ރަނގަޅީ އެއްދަންފަޅިއަށް އެކަން ކުރީމާއޭ. އެހެންވީމާ، މިރަށަށް އެކަމަށް ބޭނުންވާ ކްލާސްރޫމް، މިއަހަރުގެ ބަޖެޓުގައި އެފައިސާވަނީ ހިމެނިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް ވާއިރަށް މިރަށުގެ ސްކޫލް ފުރިހަމައަށް، މިދެންނެވި އުޞޫލުން ވަށާޖެހޭ ތަޢްލީމެއް ދެވެމުންދާނެ.
 
 ޤައުމެއް ތަރައްޤީވެ ދިޔުމަށްޓަކައި އަޅުގަނޑުމެންނަށް، ސަރުކާރަށް ފާހަގަވެފައިވާ އަނެއް މުހިންމު ކަމަކީ، އެއްތަނުން އަނެއްތަނަށް މުދަލާއި ފަސިންޖަރުން ބަދަލުވާނެގޮތް، އިންތިޒާމު ހަމަޖެހިފައި އޮތުން. ދަތުރުފަތުރުކުރުމުން ނޫން ގޮތަކަށް ވިޔަފާރި ކުރިއަރާނެ ކަމަކަށް ވިޔާފާރީގެ އެއްވެސް ހަމައެއް ނުބުނޭ. އެހެންވީމާ، ސަރުކާރުން ނިންމީ      7 އަހަރު ދުވަހުގެ ތެރޭގައި މިރާއްޖޭގައި ފުރިހަމަ، އެކަށީގެންވާ ރަނގަޅު ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމުކުރަން. ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި އޭގެ އަސާސީ ޚިދްމަތެއް ފަށައިގަންނަން. އެ އަސާސީ ޚިދްމަތް އެނގިވަޑައިގަންނަވާނެ މިހާރުވަނީ ފެށިފައި. އަދި އަޅުގަނޑު ހިތްހަމަޖެހޭ މިރަށުގެ ރައްޔިތުންގެ ތެރެއިން މަދުން ނަމަވެސް 118 މީހުން ވަނީ މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ދަތުރަށް އަރާފައި. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ އުންމީދަކީ ދަތުރުފަތުރުކުރުމުގެ ކަންތައް މިހާރަށްވުރެ އަދި ކިތަންމެ ތަނެއް ފުރިހަމަކޮށް، އެ ނިޒާމު ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުން.
 
ދަތުރުފަތުރާ ހަމައެކީގައި އަދި ތަރައްޤީއާ އެކީގައި ގުޅިފައިވަނީ ރަށު ތެރޭގައިވެސް އެއްތަނުން އަނެއްތަނަށް ދެވޭނޭގޮތް ވަލުތެރެއަށް ނުވަދެ، ފަސޭހައިން ތަކެތި އުފުލޭނޭ ގޮތްތައް ހަމަޖެހުން. އެގޮތުން އަޅުގަނޑުމެންނަށް ފެނުނު ނޮޅިވަރަމުގެ މަގުތައް ހެދުމަކީ، މުހިންމު ކަމެއްކަން. އެހެންވީމާ، ނޮޅިވަރަމްގެ ބައެއް މަގު މިހާރުވަނީ ހެދިފައި. އަދި އިތުރަށް މަގުހަދައި، އަދި އޭގެ އިތުރުން ހަމަ އަޅުގަނޑުމެންގެ އިންތިޒާމުތަކުގައި، އަޅުގަނޑުމެންގެ ޕްލޭންތަކުގައި ވާގޮތަށް ދަނޑުތަކަށް ކަރަންޓް ދެވޭނޭ ގޮތްތަކެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.
 
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ނިސްބަތުން ރައްޔިތުން ބިންވެރިކުރުމާއި، ރައްޔިތުންނަށް ގޯތިގެދޮރު ހޯދައިދިނުމާއި، އަދި ހަމައެހެންމެ ރައްޔިތުންނަށް ގެވަޅު ހޯދުމުގެ އިތުރުން، އެތަނުގައި ގެއެއް އަޅައި، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެއީ، ސަރުކާރުގެ އަމާޒެއް. ސަރުކާރުގެ ވަޢުދެއް. އެވަޢުދު ފުއްދުމުގައި ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. އަދި މިހާތަނަށް ސަރުކާރަށް ހިންގިފައި ހުރި މަސައްކަތައް ބަލާ އަޅުގަނޑުމެންނަށް ލަފާކުރެވެނީ އަޅުގަނޑުމެންގެ އަމާޒަށް އިރާދަކުރެއްވިއްޔާ 2013ވަނަ އަހަރަށް ސަރުކާރު ކަނޑައަޅާފައި އޮތް އަމާޒަށް ފުރިހަމައަށް ވާސިލުވެވޭނޭ ކަމަށް.
 
ހަމަ މީގެއިތުރުން މިދިޔަ މަހު، މީގެ ކުރީގައި ހައުސިންގ ލޯނު ނުވަތަ ގެދޮރު ޢިމާރާތް ކުރުމަށް ދޫކުރާ ލުއިލޯނު ދޫކުރެވެނީ، ވަރަށް މަދު ފަހަރެއްގައި ނޫނީ ހަމައެކަނި މާލެއަށް. މިހާރުވާނީ އެޗް.ޑީ.އެފް.ސީ.ގެ އައުޓްރިޖް ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އެޚިދްމަތް ލިބޭނޭ އުޞޫލުތަކެއް ހަމަޖެހިފައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މިއަތޮޅުންވެސް ކިތަންމެ ބައެއް މިހާރުވަނީ އެޕްރޮގްރާމްގައި ބައިވެރިވެފައި.
 
ޙަޤީޤީ ތަރައްޤީ، އަޅުގަނޑު މިދަންނަވާހެން ހޯދުމަށްޓަކައި އަޅުގަނޑުމެންގެ އެންމެބޮޑު އެއް އަމާޒަކަށް ވާންޖެހޭނީ، ވަޒީފާގެ ފުރުސަތު އިތުރުކުރުން. އިތުބާރާއެކީގައި ވަޒީފާ ދެމެހެއްޓެނިވި ގޮތެއްގައި ތިމާއަށް ލިބެން އޮތް ހަމައެކަނި ތަނަކީ، ސަރުކާރުގެ ގޮތުގައި ދެކިގެނެއް އަޅުގަނޑުމެންނަކަށް ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. އަމިއްލަ ވިޔަފާރިތަކުގެ، އަމިއްލަ ކުންފުނިތަކުގެ ހަރުދަނާ ވިޔަފާރީގެ ތެރެއިން އުފެދިފައި ހުންނަ ހަރުދަނާ ވަޒީފާ ރަށްރަށުގައި އުފެއްދުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެގޮތުން ސަރުކާރުން މިއަހަރު ނޮޅިވަރަމަށްވެސް، ނޮޅިވަރަމުގެ ދަނޑުވެރިންނަށް ލުއިލޯނު ދޫކުރަން އިރާދަކުރެއްވިއްޔާ މިވަނީ ބަޖެޓުގައި ހިމެނިފައި. އަދި އެ ލޯނުތަކުގެ އިންތިޒާމުތައް މިބަޖެޓް ތަންފީޒުވެގެންދާއިރުގައި ތިޔަބޭފުޅުންނަށް        އެ އިންތިޒާމުތައް ހަމަޖެއްސިގެން ކައުންސިލްގެ ތެރެއިން އެކަން ކުރަމުން އިރާދަކުރެއްވިއްޔާ ގެންދެވޭނެ. އަދި ސަރުކާރުގެ އަމާޒަކީ، މިދެންނެވި ލުއި ލޯނުތައް ބޭންކް މެދުވެރިކޮށް މިރަށުގެ ރައްޔިތުންނަށްވެސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް މިއޮތް އަހަރު ތެރޭގައި އެމަޝްރޫޢު ފަށާނެ. އަދި މިރަށުގައި އެކަށީގެންވާ ރަނގަޅު އިތުބާރު ހުރި ވަޒީފާތައް އުފެއްދުމުގެ ފުރުސަތުތައް ހުޅުވާލެވޭނެ. ވަޒީފާ ގިނަވެ އާމްދަނީ އިތުރުވެގެން މެނުވީ އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މިއެދޭ ބަދަލެއް ނުހޯދޭނެ. އަދި އަޅުގަނޑުމެން މިއެދޭ ތަނަވަސް ދިރިއުޅުމެއްވެސް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.
 
 އަޅުގަނޑަށް ޔަޤީން ތިޔަ އެންމެ ބޭފުޅުންގެވެސް އަމާޒަކީ، ތިޔަ އެންމެ ބޭފުޅުންގެވެސް ބޭނުމަކީ ތިޔަބޭފުޅުންގެ ޙަޔާތް ބަދަލުވުން. ތިޔަބޭފުޅުންނަށް ފަހި ގޮތްގޮތް މެދުވެރިވުން. އެގޮތްގޮތަކީ ކޮބައިތޯ ދެނެގަތުމުގައި އަޅުގަނޑުމެން އެންމެންވެސް އެބަ ބަޙުޘްކުރަން. ބައެއްފަހަރު އަޅުގަނޑުމެންނަށް އެބަހީވޭ، އެންމެބޮޑު ކަމަކަށް އޮތީ، މިރަށުގައި ނުވަތަ އެހެން ރަށެއްގައި ވިޔަސް މިވެނި އެވެނި ކަމެއް ކުރުމޭ. އެކަން ކުރީމާ ރަށަށް ކުރާ ސީދާ އަސަރު އަޅުގަނޑުމެން އެބަ މިނާންޖެހޭ. މިނާފައި އެއީ، ސީދާ ރައްޔިތުންނަށް އެންމެންނަށް އަދި ރަށުގެ ތަރައްޤީއަށް އެހީތެރިވެދޭ ކަމެއްތޯ އަޅުގަނޑުމެންގެ ހިތާހިތުން އެބަ ގަބޫލުކުރަންޖެހޭ. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ކައުންސިލަރުވެސް އަދި ރަށު އޮފީހުގެ ހުރިހާ މުވައްޒަފުންވެސް އަދި ސަރުކާރުގެ އެންމެހާ މުވައްޒަފުންނާއި މިރަށުގެ އަމިއްލަ ފަރާތްތަކުން ހަމަ ބޭނުންވާނީ މިރަށް ތަރައްޤީ ކުރަން. އަޅުގަނޑުމެންގެ އެންމެންގެވެސް އެދުމަކީ އެއީ.
 
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
          
والحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ.