ސާކް ސަމިޓުފަދަ ބައިނަލްއަޤްވާމީ ސަމިޓްތަކާއި، ތަފާތު ބޮޑެތި ބައްދަލުވުންތައް ރާއްޖޭގެ ކަންކޮޅުތަކުގައި އިންތިޒާމް ކުރެވި، އޭގެ ފައިދާއާއި ރީތިނަމާއި ޝަރަފް ދިވެހިންނަށް ލިބިދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން އަބަދުވެސް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑުއަތޮޅު ހިތަދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙް ކޮށްދެއްވައި، ހިތަދޫ ބޮޑުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ކުރިން ހިނގާދިޔަ ގޮތަށް ކަންކަން ބަދަލުވެ، ރައްޔިތުންގެ މިނިވަންކަމާއި ބާރު، ކުރުގަޅުވާލުމުގެ ވިސްނުމަކީ މިހާ އަވަހަށް މުޅިން ނެތިދާނެ ވިސްނުމެއްނޫނެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހެޔޮ އަސަރު، ދާޚިލީ ކަންކަމަށް ފޯރުވައިދިނުމަކީ ހެޔޮވެރިކަމެއް ހިންގާއިރު ކުރަންޖެހޭނެ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި އައްޑޫސިޓީގެ ތަފާތު މަޝްރޫޢުތަކަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ 2011 ގައި ޕްރޮގްރާމް ކުރެވިފައިވާއިރު، މި ޕްރޮވިންސްގައި މިއަހަރު ބޭއްވޭ ސާކްސަމިޓްގެ ކޮންވެންޝަން ސެންޓަރަށް އެކަނިވެސް 110 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި ވަރަށް ސާފު ޢިބާރާތުން ބަޔާންކުރެވިފައިވާނެ ކަމަށާއި، އެ މެނިފެސްޓޯ މިހާރު ބަދަލުވެފައިވަނީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑަށް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެ މެނިފެސްޓޯގެ ދަށުން ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި، އަދި އެ މަސައްކަތްޕުޅުތަކުގެ ސަބަބުން އައްޑުއަތޮޅުގެ ތަރައްޤީއަށާއި އެއަތޮޅުގެ ރައްޔިތުންނަށް ލިބުނު އަދި ލިބެމުންދާނެ ފައިދާތަކާއި ފަސޭހަތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އަދި މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތް ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށާއި، ޒުވާނުންގެ ތަރައްޤީއަށް ރާއްވަވާފައިވާ އެކިއެކި ޕްރޮގްރާމްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މި ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރު ނުކުންނަން ޖެހުނީ، އަޅުގަނޑުމެންގެ މިޖީލު ސަލާމަތުގެ އައްސޭރިއަކަށް ވާޞިލު ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި، ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި މިޤައުމު އާރާސްތު ކުރުމަކީ، ސަރުކާރުގެ ބޮލުގައި އެޅިފައި އޮތް މަސްއޫލިއްޔަތަކަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން  މަސްތުވާތަކެއްޗާ ދެކޮޅަށް މިސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް މިވަނީ ދުވަހުން ދުވަހަށް އިތުރުކުރެވިފައި ކަމަށާއި، މަސައްކަތުގެ ނަތީޖާ ނެރުއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހުއްޓަވާނުލައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންގެ ފަރުވާގެ ނިޒާމު އިތުރަށް ވަރުގަދަ ކުރެއްވުމަށް 50 މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރެއްވުމަކީ، 2011 ވަނަ އަހަރު ސަރުކާރުން އައްޑޫގައި ކުރައްވާނެ ކަމެއްކަން ހާމަކުރެއްވިއެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ފަރުވާދޭ ތަންތަނުގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރެއްވުމަކީ، 2011 ވަނަ އަހަރު ކުރައްވާނެ ކަމެއް ކަމަށާއި، މިއަހަރުގެ ބަޖެޓުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އައްޑޫ ސިޓީއަށް އެކަނި ޚަރަދު ކުރުމަށް 2.5… މިލިއަން ރުފިޔާ ހިމަނުއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަރައްޤީގެ ހުރިހާކަމަކީވެސް ޒުވާނުންގެ ޙިއްޞާ، އޮންނަންޖެހޭނެ ކަމެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، ޒުވާނަކަށްވީތީ ތިމާއަށް ލިބޭނެ އެންމެބޮޑު ފަޚުރަކީ، އޭނާގެ ޒުވާން ޢުމުރުގައި އަތްއުރާލައިގެން ނުހުރެ ކުރާނެ މަސައްކަތަކާއެކު، މުޖުތަމަޢުގައި ޚިދުމަތްކުރުމުގެ ފުރުޞަތުލިބުންކަން ބަޔާންކުރެއްވިއެވެ. އަދި މާޒީގައި ދެކެފައިނުވާފަދަ ޢަދަދަކަށް އައްޑޫ ސިޓީގައި ވަޒީފާގެ ފުރުޞަތު އިރާދަކުރެއްވިއްޔާ އުފެދިގެންދާނެކަމުގެ ޔަޤީންކަން އައްޑުއަތޮޅު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިގުމުއްދަތުން ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން ގެދޮރު ދިނުމުގެ ސިޔާސަތު މުޅިން އަލަށް، ފުރަތަމަ ފަހަރަށް ސަރުކާރުން މިވަނީ ފަށްޓަވާފައި ކަމަށާއި، އުފާވެރި ދިރިއުޅުމަކަށް އިންތިޒާރުކުރާ މީހާ މާޔޫސްކޮށްލުމަކީ މި ސަރުކާރުން ކުރައްވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. މިއުޞޫލުން ކަންކަން ކުރައްވަން ނިންމަވާފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާރުވަނީ ހައުސިންގ ލޯނުގެ ޕްރޮގްރާމެއް ފަށްޓަވާފައި ކަމަށާއި، މިޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީންވެސް އެތައްބަޔަކަށް ލޯނުގެ ފުރުޞަތު ލިބެމުން އަންނަކަމީ، އުފާކުރައްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުރިހާ އާރަކާއި ބާރަކާއި ކާރޫބާރޫއެއް މާލެއަށް ބޮނޑިކޮށް ޖަމާކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަން ރައީސުލްޖުމްހުރިއްޔާ ހާމަކުރައްވަމުން، ވެރިކަން ކުރާ ރަށަށް ފަހި ވެށްޓެއް ހޯދައިދީ، ވެރިކަމުގެ ބާރުތަކުގައި މުޅި ރާއްޖެ ޝާމިލްކޮށް ތަނަވަސްކަމާއި ތަރައްޤީގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ޙިއްޞާ ކުރުވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި ވިދާޅުވިއެވެ. "އަމާޒުތަކާއި ސިޔާސަތުތައް ތަންފީޛު ކުރުމުގައި ވަރަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ދިމާވި. އުފާވާ ޒަމާނާއި ޙަޤީޤީ ތަރައްޤީގެ ބޮޑު މަންޒަރު ޙާޞިލުވިޔަ ނުދިނުމަށް އެޅި ހުރަސްތައް ކިތަންމެހާވެސް ގިނަ. އެހެން ނަމަވެސް، އަޅުގަނޑުމެން މިކުރަނީ ހަމަ އެންމެ ކަމެއް. އެއީ، ރައްޔިތުންނަށް ޚިދްމަތް ކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އައްޑުއަތޮޅު ހިތަދޫ ބޮޑުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފަށްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މުޅިން އަލަށް އިވެމުންދާ ވަރަށްގިނަ ބަސްތަކަކީ، ރާއްޖޭގެ ރައްޔިތުން ގެނެސްފައިމިވާ ސިޔާސީ ބޮޑު ބަދަލާ ގުޅިފައިވާ ބަސްތަކެއް ކަމުގައިވެސް ވިދާޅުވިއެވެ. "ހެޔޮވެރިކަމާއި އޯގާތެރި ސަރުކާރުފަދަ ބަސްތަކަކީ، މީގެކުރިން އަޑުއިވުނު ބަސްތަކެއް ނޫން. ހެޔޮވެރިކަމުގެ ސިޔާސަތުގެ ދަށުން މީގެކުރިން ހަމައެކަނި މާލޭގެ ވުޒާރާތަކާއި އޮފީސްތަކުން ދިން ގިނަ ޚިދްމަތްތަކެއް ޕްރޮވިންސް އޮފީސްތަކަށް މިވަނީ ބަދަލުކުރެވިފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.