بســم اللّـه الرّحمـن الرّحيــم

ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން. އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން. މިބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެހްމާނުން.

السّـلام عليـكم

އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވެ، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެ، ޤައުމު ތަރައްޤީވުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރާންޖެހޭކަމީ، އިންސާނީ ތަޖްރިބާ ދައްކައިދީފައިވާ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ސިޔާސަތުތައް އެކުލަވައިލުމުގެ ކުރީގައި، ވެރިކަންކުރާ އެމް.ޑީ.ޕީ އިން ވަނީ މުޅި ރާއްޖޭގެ އަޑު އަހާފައި. ކިތަންމެ ރަށަކަށް ގޮސް، އެތައް ގެއަކަށްވަދެ، ކިތަންމެ މީހުންނަކާ ބައްދަލުކުރި. މަޝްވަރާ ކުރިން. ޚިޔާލުފާޅުކުރިން. އަޑުއުފުލިން. އަދި މުޒާހަރާވެސް ކުރިން. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ނުކުތީ ކުރާންހުރި ކަންކަން ތަރުތީބުންކޮށް، ދެނެގަނެ، ކިތަންމެހާވެސް ރަނގަޅަކަށް އެނގިތިބެ.

އަޅުގަނޑުމެން ރައްޔިތުންނަށްވީ ވަޢުދުތައް އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި ވަރަށް ސާފު ޢިބާރާތުން ބަޔާން ކުރެވިފައި އެބައޮތް. އެ މެނިފެސްޓޯ މިހާރު ބަދަލުވެފައި އެވަނީ، މި ރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. އެ އޮނިގަނޑު ތަންފީޒުކޮށް، އޭގައި ބަޔާންވެގެންވާ ތަރައްޤީ ލިބިދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާނެ ބަޔަކީ، ފެބްރުއަރީ 5 ގައި އުފަންވާ ލޯކަލް ކައުންސިލްތައް. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިސަރުކާރު ދެމިއޮންނަނީ، ހަމަ އެންމެ ބޭނުމަކަށް. އެއީ ރައްޔިތުންނަށް ޚިދްމަތްކޮށްދީ، އެވަޢުދުތައް ފުއްދައިދިނުމަށް. މެނިފެސްޓޯ ވަޢުދުތަކަކީ، މިރާއްޖެ ތަރައްޤީ ކުރުމަށް ކޮންމެހެން ކުރާންޖެހޭނެ ކަންތައްތަކެއްކަން ދިވެހި ރައްޔިތުންވަނީ ބަލައިގެންފައި. އެ މެނިފެސްޓޯގައިވާ ގޮތަށް އެކަންކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ޙައްޤު ރައްޔިތުންވަނީ ސަރުކާރަށްދީފައި. އެއީ އަޅުގަނޑުމެންގެ ރާއްޖެ އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުވާނެ ފުރިހަމަ މަގުޗާޓެއް. އޭގެ ސަބަބުން، އަޅުގަނޑުމެންގެ އާމްދަނީއާއި، އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެތި ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެ. މިކަންކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރާއިރު، އަޅުގަނޑުމެންނަށް އެނގޭ އަނެއް ޙަޤީޤަތަކީ، ރާއްޖޭގެ ވަރަށްގިނަ ކަންކަން ހުރީ އިޞްލާޙުކޮށް، ހަމަ މަގަށް ގެންނަން ޖެހިފައިކަން. ފުރިހަމަނުވެ އޮތް ގިނަގުނަ ޚިދްމަތްތަކަށްވެސް ރާއްޖޭގެ ރައްޔިތުންކުރެ ގިނަބަޔަކު މިހާތަނަށްވެސް ތިބީ އަތްނުފޯރާ. 2008 ވަނަ އަހަރުވެސް އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ މީހުންނަކީ ނިކަމެތި ފަޤީރުން. ރާއްޖޭގެ އާބާދީގެ ކޮންމެ ތިންމީހުންކުރެ އެކަކީ، އ.ދ. ބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. އެމީހުންނަށް ދުވާލެއްގެ މައްޗަށް ދިހަ ބާރަ ރުފިޔާގެ އާމްދަނީވެސް ނުލިބޭ ފަޤީރުން. އެހެންކަމުން، ތަރައްޤީއަށްޓަކައި އަޅުގަނޑުމެން އަޅާން ޖެހުނު ފުރަތަމަ ފިޔަވަޅަކީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ރާއްޖެއަށް ގެނައުން. މިސަރުކާރުގެ އަދި ވަކިން ޚާއްޞަކޮށް، މިފަހަރުގެ ބަޖެޓްގައި ހިމެނޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ބޭނުމަކީ، ފަޤީރުކަން ނައްތާލުން. މަދަނައިގެ ޚިދްމަތް ފަށައިގަނެވުނީ، މިދެންނެވި ބޭނުމުގައި، އެވިސްނުމުގައި. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބޭ ކަމަކީ، ހިނގާމިދިޔަ 2010 ވަނަ އަހަރުވެސް، މި އައްޑުއަތޮޅު 5598 މީހުން މަދަނައިގައި ރަޖިސްޓްރީވެފައިވާކަން. މިސަރުކާރު އުފާވަނީ، މިދެންނެވި މީހުންގެ ތެރެއިން 2010 ވަނަ އަހަރު ޚިދްމަތް ބޭނުންވި މީހުންނަށް ބައްތިރީސް މިލިއަން ހަތްލައްކަ ރުފިޔާގެ ބޭސްފަރުވާ ހާސްކަމެއްނެތި ކުރެވުނުކަން.

މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމަކީ، މަދަނައިގައި ރަޖިސްޓްރީ ވެފައިވާ އައްޑޫގެ ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މިބަޖެޓްގައި ރައްކާކުރެވިފައިވާކަމުން.ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަކީ މިސަރުކާރުން ވެފައިވާ ވަޢުދެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ބޭސް ނެގުމަށް ޑޮކްޓަރ ލިޔެދެއްވި ސިޓީ ހިފައިގެން، އެކަކު ގާތުން އަނެކަކު ގާތުން އަޅުގަނޑުމެންގެ ރައްޔިތުން ހިނގަމުންދިޔަތަން އަޅުގަނޑުމެންނަށް ވަނީ ފެނިފައި. މަދަނައިގެ ބޭނުމަކީ، އެ ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ އެންމެން އިތުބާރާ އެކުގައި ބޭސްފަރުވާގެ ބިލްތަކަށް ފައިސާ ދައްކައިދިނުން. ކޮންމެ މީހަކަށްމެ އެއްލައްކަ ރުފިޔާއާ ހަމައަށް ބޭސްކޮށްދިނުމަށް ފައިސާ ރައްކާކުރެވިފައިވާ ޕްރޮގްރާމަކީ، ތިޔަބޭފުޅުންގެ މަދަނައިގެ ބޭސްފަރުވާގެ ޕްރޮގްރާމް.

މާލޭގައި އުޅޭ ވިޔަފާރިވެރިން ގާތުގައި އަޅުގަނޑު ބައެއްފަހަރު އަހަން، މީގެ ދެ އަހަރެއް ކުރިން އެކިއެކި މީސްމީހުން ބޭސްފަރުވާގެ އެހީއަށް އައި ޢަދަދަށް މިއަދުވެސް އާދޭތޯ. އެބޭފުޅުން ވިދާޅުވަނީ، މިހާރު އެވަރަށް ނާންނަ ކަމަށް. އަޅުގަނޑަށް ޔަޤީން، އައްޑޫގެ ވިޔަފާރިވެރިންވެސް މިގޮތަށް މިވާހަކަ ބުނާނެ. ރައްޔިތުން ނިކަމެތިވެ އެހެން މީހެއްގެ ތައްޕާހަށް ދާންޖެހޭފަހަރު ގިނަވާނަމަ، އެ ރައްޔިތު މީހާއަށް ހިންދަމާލެވި، އަމިއްލަ ފައިމައްޗަށް ތެދުވެ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ދިރިއުޅޭ އައްޑޫ ރައްޔިތެކޭ ބުނަން އުނދަގޫވާނެ. ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންނަށް ޤަދަރާއި ޢިއްޒަތްދިނުން. ތިޔަބޭފުޅުން ބާރުވެރިކުރުން. ރައްޔިތުން ޤަދަރުވެރި ކުރެވިގެން މެނުވީ، ތަރައްޤީގެ ރާސްތާ އަލިވެ އުޖާލާވެގެނެއް ނުދާނެ.

ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދީ، އެ ރައްޔިތުން ބޭނުންކޮށްގެން، އަޅުގަނޑު ނިސްބަތްވާ ޕާޓީ އެމް.ޑީ.ޕީ އިން ވަޢުދުވީ ރާއްޖެ ތަރައްޤީ ކުރުމަށް. ސަރުކާރުން މިކުރަނީ އަޅުގަނޑުމެން ކުރާން ބުނި ކަންތައް.

އެއްރަށުން އަނެއް ރަށަށް، އެއްގެއިން އަނެއް ގެއަށް އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގިއިރު، އަޅުގަނޑުމެން ދުށީމު މަންޒަރުތަކެއް. ހިތާމަވެރި ކަންތައްތަކެއް. އަޅުގަނޑުމެން ދުށީމު، ރަށްރަށުގެ ހޮޅުއަށިތަކާއި، ގޮނޑުދޮށްތަކުގައި ޢުމުރުން ދުވަސްވެ، އަތްފައިގައި ކުރިން ހުރި ބާރުނެތި، އަމިއްލަ މަސައްކަތް ނުކުރެވި ތިބި އަޅުގަނޑުމެންގެ ރައްޔިތުންނާ ކިތަންމެ ވަރަކަށްވެސް އަޅުގަނޑުމެންނާ ބައްދަލުވި. އަޅުގަނޑުމެން ދުށީމު، މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން އައިސް، އެންމެ އެތެރެއަށް އޮންނަ ބައިގައި، މުސްކުޅި ބަދިގެ ހުރި ތަނުގައި ހުންނަ ކޮޅުފިލާގޮނޑިއެއްގައި، އަޅާނުލެވި ބިކަވެފައި އިން ދުވަސްވީ މީހާ. އެދުވަހު އަޅުގަނޑުމެން ބުނީމު، މިރާއްޖެ އަޅުގަނޑުމެންގެ އަތްމައްޗަށް ލިބިފައި މިވަނީ، މިއަދުގެ ދުވަސްވީ މީހުން ކުރި މަސައްކަތުން ކަމަށް. އެމީހުން މަހަށް، ފަރަށް ދިޔައީމާ ކަމަށް. އެމީހުން އޮޑިދޯނިފަހަރު ބަނދެ، ވަޑާންކޮށް، ރުކަށްއަރާ، ގެދޮރުއަޅާ، ރިޒޯޓްފަހަރު ހަދައި، ކިތަންމެ ކިތަންމެ ކަމެއް ކުރީމާ ކަމަށް. އެހެންވީމާ، މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ކުރެވޭ ސުވާލަކީ، ހަމަކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ވަރަށް ޖަވާބު ސާފު ސުވާލެއް.

އަޅުގަނޑުމެން ވަޢުދުވިން، ރާއްޖޭގެ ޢުމުރުން 65 އަހަރުން މަތީގެ އާމްދަނީ މަދު ކޮންމެ ރައްޔިތަކަށް ކޮންމެ މަހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. މި ސަރުކާރު އުފާވާ އަނެއް ކަމަކީ، މި އައްޑޫސިޓީގެ 1777 ރައްޔިތަކަށް ކޮންމެ މަހަކު މިދެންނެވި ދެހާސް ރުފިޔާ ދެމުން ގެންދާތާ ދެއަހަރުވެފައިވާކަން. މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި ޕެންޝަން ދިނުމަށްޓަކައި ކޮންމެ މަހަކުވެސް އައްޑުއަށް 3.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވޭކަން. މިފައިސާއިން މި އައްޑޫސިޓީގެ އެތައް ބައެއް، ކަންމަތީ ސްޓޯރަށް ދަރާފައިވާ މިންވަރުވަނީ ކުޑަކުރެވިފައި. މިފައިސާގެ ސަބަބުން ދުވަސްވީ މީހުންގެ ކިތަންމެ ދަރީންނަކަށް އެކަމުގެ ލުޔާއި ހިތްހަމަޖެހުން ލިބޭކަން އަޅުގަނޑަށް އެނގޭކަމީ، މި ސަރުކާރު އުފާވާ ކަމެއް.

ތަޢްލީމު

ޤައުމެއްގެ ތަރައްޤީއަށް ކޮންމެހެން ބޭނުމީ، އިންސާނާ ތަރައްޤީވުން. ރައްޔިތު މީހާއަށް ތަންދޮރު އެނގި ކުރިއަރައިދިޔުން. ދަރިވަރުންނަށް ވަށާޖެހޭ ތަޢްލީމެއް ފޯރުކޮށްދޭނެ ކަމަށް މިސަރުކާރުން ވަޢުދުވިން. އެކަން ކުރެވެމުންދާ މިންވަރާ މެދުގައި އަޅުގަނޑުމެން ހިތްހަމަޖެހޭ. އައްޑުއަތޮޅުގެ ސްކޫލްތަކުން 2009 ވަނަ އަހަރު 4 ސްކޫލެއްވަނީ އެއްދަންފަޅިއަށް ބަދަލުކުރެވިފައި. އަދި 2010 ވަނަ އަހަރު މި ލިސްޓަށް ސްކޫލެއް އިތުރުވެފައިވޭ. މިއަހަރުވެސް ހިތަދޫ ސްކޫލްގައި އަދި އިތުރު 6 ކްލާސްރޫމް އެޅުމަށްވަނީ ހަމަޖެހި ބަޖެޓް ކުރެވިފައި.

މި ސަރުކާރަށް ހިތްހަމަޖެހުން ލިބުނީ އައްޑޫސިޓީގެ ދަރިވަރުންނަށް 2010 ވަނަ އަހަރު ފޮތް ފަންސުރު އަދި މަދަރުސާއަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް 2.9 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާކަމުން. އަދި ދަރިވަރުންގެ އިމްތިޙާނު ފީ ދެއްކުމަށް ހަތަރުލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާކަމީ، އަޅުގަނޑުމެންގެ އުންމީދު އާވާ ކަމެއް.

މިމަސައްކަތުގެ ނަތީޖާ ދައްކާފައިވަނީ ވަރަށްވެސް އުޖާލާކޮށް، 2008 ވަނަ އަހަރާ އަޅާބަލާއިރު، 2009 ވަނަ އަހަރު އެވްރެޖްކޮށް، އައްޑޫ ކޮންމެ ސްކޫލަކުން 5 މާއްދާއިން ފާސްވާ ޢަދަދު ވަނީ 9.8 އިތުރުވެފައި. އަދި 2010 ގައި 3 މާއްދާއިން ފާސްވި ދަރިވަރުންގެ ޢަދަދު އިތުރުވެފައިވަނީ، ދަންނަވަންތޯ %23 އިން.

މިހިނދަށް އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާ އެކުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ޝުކުރު ދަންނަވަން. މި ކާމިޔާބީގެ އެންމެބޮޑު ސިއްރަކީ، ހަމަ އެބޭފުޅާގެއާއި އެމިނިސްޓްރީގެ އެންމެ މުވައްޒަފުންގެ މިންނެތް މަސައްކަތް. އެބޭފުޅާ އެޑިޔުކޭޝަން މިނިސްޓަރު ކަމުން ވަކިކޮށްފައި އެވަނީ އެއްވެސް ހަމައެއް، އިންޞާފެއް ނެތިކަން، މުޅި ރާއްޖޭގެ ގިނަ ދަރިވަރުންނާއި ބެލެނިވެރިން ހެކިވާނެ.

އައްޑޫސިޓީގެ އެކަނިވެރި މައިންނާއި ޔަތީމު ކުދިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ސަލާމަތީ ދަލެއް ފެތުރިގެންދާކަމީ، މިސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް. މި ސިޓީގެ މިފަދަ 404 ފަރާތަކަށް 2.3 މިލިއަން ރުފިޔާގެ އެހީތެރިކަން، މިދިޔަ 2010 ގައި ވެވިފައިވާކަމީ، މިސަރުކާރަށް ހިތްވަރުލިބި ދިރުން ލިބޭ ކަމެއް.

ކުރިއަށް އޮތް އަހަރުވެސް އަޅުގަނޑުމެންގެ އަމާޒަކަށްވާނީ، މި ސިޓީއާއި މިޕްރޮވިންސާއި، އަދި މުޅި މި ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. 2011 ވަނަ އަހަރުގެ ބަޖެޓް ރޭވިފައި އެއޮތީ، މިދެންނެވި ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އެބަޖެޓް ތަންފީޒުވުމުން، މި ސިޓީގެ ރައްޔިތުންގެ ހާސްކަން އެތަން ތަނަކުން ކުޑަވާނެކަން އަޅުގަނޑަށް ޔަޤީން.

މަސްތުވާތަކެއްޗާއި ޒުވާނުން

މުޖުތަމަޢުގައި އިންސާނާއަށްދޭންޖެހޭ ޤަދަރު ދިނުމާއި ޤައުމަށް ބޭނުންތެރި ޒުވާން ޖީލެއް އުފަން ކުރުވުމަކީ، މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތެއް. ކޮންމެ ޤައުމެއްގެ ޙަޔާތުގައިވެސް އަދި ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ހިނދުކޮޅުތަކެއް އަންނާނެ. މީހަކު ނުވަތަ ބަޔަކު ހަމަމަގުން ނެއްޓިގެންދާ ކޮންމެފަހަރަކީ، އެމަގުގައި ތާއަބަދަށް، އެމީހަކު ހުންނާނެ ކަމަށް ބަލަންޖެހޭނެ ކަމެއްނޫން. އެބަޔަކަށް ނުވަތަ މީހަކަށް އެނބުރި ހަމަމަގަށް އާދެވޭނެ މިޞްރާބެއް ދެއްކުމަކީ، މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތް.

މަސްތުވާތަކެއްޗާ ދެކޮޅަށް މިސަރުކާރު ނިކުންނަން ޖެހުނީ، އަޅުގަނޑުމެންގެ މިޖީލު ސަލާމަތުގެ އައްސޭރިއަކަށް ވާސިލްކުރުމުގެ ބޭނުމުގައި. ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި މިޤައުމު އާރާސްތު ކުރުމަކީ، އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް.  ހަމައެކަނި ކުރާންއޮތް ކަންތަކުގެ ނަންބޯޑު އަޅުވައިގެންހުރި، މީހަކަށްވާކަށް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑުމެންނަކީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރުލިބިގެން، ބިރު ފަހަނަޅައިގޮސް ކުރާން ނިކުންނަ ކަންތައް ކޮށްފައިނޫނީ ހުއްޓާލާ ބައެއްވެސް ނޫން. 

ވެރިކަމާ ޙަވާލުވީ ދުވަހުން ފެށިގެން މަސްތުވާ ތަކެއްޗާދެކޮޅަށް މިސަރުކާރުން ކުރަމުންދާ މަސައްކަތް މިވަނީ ދުވަހުން ދުވަހަށް އިތުރުކުރެވިފައި. މަސައްކަތުގެ ނަތީޖާ ނެރުމަށްޓަކައި އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތް ހުއްޓައެއްނުލަން. ނުވެސްލާނަން. އައްޑޫ ސިޓީގައި ކޮމިއުނިޓީ ސަރވިސް ސެންޓަރެއްވަނީ ޤާއިމް ކުރެވިފައި. މިސެންޓަރު މެދުވެރިކޮށް މުޖްތަމަޢަށް ބޭނުންހިފޭނެ ބަޔަކުނެރުމަކީ، މިސަރުކާރުން ވޭތުވެދިޔަ ކުރު މާޒީގައިވެސް އިސްކަންދީފައިވާ ކަމެއް. އަދި މިހާރުވެސް އެސެންޓަރުގެ ބޭނުންހިފާ ބަޔަކު އައްޑޫސިޓީގެ އިތުރުން މިސަރަޙައްދުގެ އެހެނިހެން ހިސާބުތަކުގައިވެސް އެބަތިބި. ހުޅުމީދޫގައި ޑިޓޮކްސް ސެންޓަރެއްވަނީ ޤާއިމްކުރެވިފައި. މިސެންޓަރު ހެޔޮގޮތުގައި ހިނގުމަކީ، މިސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތެއް.

މިހުރިހާ ކަމެއް ހިނގަމުންދާއިރު މަސްތުވާތަކެތީގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރާކަމަށް ތުހުމަތު ކުރެވޭ މީހުން ހިފައި ހައްޔަރު ކުރުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް އައްޑޫސިޓީގައިވެސް ވަނީ ހިންގިފައި. މި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރެވޭ މަޝްހޫރު ބަޔަކު ހައްޔަރު ކުރެވުނު. އެމީހުންގެ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް ފޮނުވި. އެހެންނަމަވެސް، މިއަދު އެމީހުން ވީއްލިފައި ތިބުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް. މި މައްސަލަ ޙައްލުކުރުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ކުރަން ޖެހިފައިވާ ކަމެއް. އަދި ފުލުހުންނަށް އެކިގޮތްގޮތައް ކުރެވުނު ރިޕޯޓްތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކާ ޢަދަދަށް ބަލާއިރު، 2009 ވަނަ އަހަރަށްވުރެ 2010 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރި މީހުންގެ ޢަދަދު، ސާޅީސް ހައެއް އިންސައްތަ ދަށް ކުރެވިފައިވާތީ އަޅުގަނޑު އުފާވޭ. އަދި އެއަށްވުރެ ބޮޑަށް އުފާވަނީ ކުޑަކުދިން މިވަބާގައި ޖެހޭ ނިސްބަތް މިދިޔަ އަހަރު %40 ދަށް ކުރެވިފައިވާކަމަށް ފުލުހުންގެ ރެކޯޑްތަކުން ފެންނާތީ. ޕޮލިސްގެ ރެކޯޑްތަކުން ދައްކާގޮތުން މިދިޔަ އަހަރު ހިފެހެއްޓުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 11 މިލިއަނަށް ވުރެ މަތި. މަސްތުވާތަކެތީގެ މައްސަލާގައި މީގެ ދެ އަހަރު ކުރިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިއަދު މިވަނީ %55 ދަށްކުރެވިފައި. މިއީ ޕޮލިސްގެ ސާފު ހިސާބު ކިތާބު މިކަމުގައި އޮތްގޮތް. ސަރުކާރުގެ މި ވަޢުދު ފުއްދުމުގައި ޕޮލިސްގެ މި ކާމިޔާބީގެ ވާހަކަ އެކަނި ބުނެލެވުމުންވެސް އަޅުގަނޑު އުފާވޭ. މިޤައުމުގައި ހިފައި ހައްޔަރު ކުރެވޭ މީހުންގެ މައްސަލަ ޝަރުޢީ ނިޒާމުގެ ތެރެއިންގޮސް، ކޮޅެއްގައި ޖެހުމަކީ ރައްޔިތުން ނުހަނު ބޭނުންވާނެ ކަމެއް. އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ތަޙުޤީޤުކުރާ ފަރާތްތަކަށް ބޭނުންވާ ޤާނޫނުތައް ފުރިހަމަކުރުމާއި، ހެކި ހޯދުމާއި، ހެކި ރައްކާ ކުރުމުގައި ފުލުހުންގެ ދައުރު ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތް ކުރުމަކީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިހާރުވެސް ކުރަން ޖެހިފައި އޮތް ކަމެއް. 

މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންގެ ފަރުވާގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ފަންސާސް މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ، 2011 ވަނަ އަހަރު ސަރުކާރުން އައްޑޫގައި ކުރާނެ ކަމެއް. މީގެއިތުރުން، މަސްތުވާތަކެތީގެ ފަރުވާދޭ ތަންތަނުގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަކީ 2011 ވަނަ އަހަރު އަޅުގަނޑުމެން ކުރާނެ ކަމެއް. މިއަހަރުގެ ބަޖެޓުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އައްޑޫ ސިޓީއަށް އެކަނި ޚަރަދު ކުރުމަށް 2.5… މިލިއަން ރުފިޔާ ހިމަނާފައިވޭ.

ޒުވާނުން މިދަނީ އިތުރުވަމުން. އެހެންކަމުން ޒުވާނުން ކުރިއެރުވުމަށް ޕްރޮގްރާމްތަކެއް ރޭވުމަކީ 2011 ވަނަ އަހަރު ސަރުކާރުން ނިންމަވާފައިވާ ކަމެއް. ނިމިގެންދިޔަ 2010 ވަނަ އަހަރު މަރަދޫފޭދޫގައި ޒުވާނުންގެ މަރުކަޒެއް ޤާއިމްކޮށް، އަމިއްލަ ފަރާތަކާ ހިންގުމަށް ވަނީ ޙަވާލުކުރެވިފައި. މިއަހަރު ހިތަދޫގައި ޒުވާނުންގެ މަރްކަޒެއް ޢިމާރާތްކޮށް، އިރާދަކުރެއްވިއްޔާ، މިމަހުގެ ތެރޭގައި އެތަން ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ހިތަދޫ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތަކީ ސަރުކާރުން މިއަހަރު ކުރާނެކަމެއް. މިވަރުން އައްޑުއަތޮޅުގެ ޒުވާނުންނަށް ކޮށްދޭންހުރި ކަންކަން ލިސްޓްކޮށް ނިމުނީކީއެއް ނޫން. ގަމުގައި ހުރި ޒުވާނުންގެ މަރުކަޒު ހިންގުން އަމިއްލަ ފަރާތަކާ ޙަވާލުކޮށް، އެތަނުގެ ޚިދުމަތް ފުޅާކުރުމަކީވެސް ސަރުކާރުން މިއަހަރު ކުރާނެކަމެއް. މިސަރުކާރުން ދެކޭގޮތުގައި ތަރައްޤީގެ ހުރިހާ ކަމަކީވެސް ޒުވާނުންގެ ޙިއްޞާ އޮންނަން ޖެހޭނެ ކަމެއް. ޒުވާނަކަށްވީތީ ތިމާއަށް ލިބޭނެ އެންމެބޮޑު ފަޚުރަކީ، އޭނާގެ ޒުވާން ޢުމުރުގައި އަތްއުރާލައިގެން ނުހުރެ ކުރާނެ މަސައްކަތަކާއެކު، މުޖުތަމަޢުގައި ޚިދްމަތް ކުރުމުގެ ފުރްޞަތު ލިބުން. އަޅުގަނޑު ޔަޤީންކޮށް މިއަރުވަނީ، މާޒީގައި ދެކެފައިނުވާފަދަ ޢަދަދަކަށް އައްޑޫސިޓީގައި ވަޒީފާގެ ފުރްޞަތު އިރާދަކުރެއްވިއްޔާ އުފެދިގެންދާނެ. 

ބޯހިޔާވަހިކަން

ދިރިހުރި ކޮންމެ މީހަކީވެސް ޙާޞިލްކުރަން ބޭނުންވާނެ އުންމީދުތަކެއް ގެންގުޅޭނެ މީހެއް. އަޅުގަނޑުމެން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންގެ ގާތަށް ދިޔައީމު. އޭނާ ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ އެހީމު، ބެލީމު. އެދުވަހު ތިޔަބޭފުޅުން ވިދާޅުވި އެއްވާހަކައަކީ، ތިމަންނާއަށް ބޯހިޔާވަހިކަން ބޭނުމޭ. އެހެން ވިދާޅުވި ސަބަބު ވަރަށްސާފު. ކަންހިނގަމުން އައިގޮތަކީ، ފެންނަން އޮތް މަންޒަރަކީ ކައިވެންޏެއް ކޮށްގެން، ދިރިއުޅުމެއް ފެށުމަށް ކުރާ މަސައްކަތުގައި ޢުމުރު ދެބައިވުމުގެ ކުރިން ގޭގެ ބިންގާގަނޑު ދަމާލެވިއްޖެނަމަ، ޖެހިގެން އަންނަ އަހަރުގެ ރޯދަމަހުގައި މަތިވަޑާންގަނޑު ފަހަރުގައި އެރުވިދާނެ. އަނެއް ރޯދައަށް އިރުމަތީބިތުގައި ސިމެންތި ޖަހާލެވިދާނެ. ޖެހިގެން އަންނަ ރޯދައަށް މެދުކޮޓަރީގައި ދޮރުފަތެއް ހަރުކުރެވިދާނެ. އަނެއް ޢީދަށް ފާޚާނާތަށި ބަހަށްޓާ މުށިގަނޑެއް ޖެހިދާނެ. ޙަޤީޤަތުގައި ދިރިއުޅުމެއް ފަށަން ދެމަފިރިން އެގެއަށް ވަންނައިރު ދެމީހުންގެ ޢުމުރު ދެބައިވުމުގެ އިތުރުން، މިދެންނެވި ކަންކަމާހުރެ، ފުނިޖެހުނު މައްސަލަތަކުގައި ދެމަފިރިން ވަކިވެ، ދަރިން ބިކަވެ، ދެމީހުން ތިބެނީ ދުނިޔެވީ މާޔޫސްކަމުގައި.

އަޅުގަނޑުމެންނަށް އެދުވަހު ފެނުނު މިދެންނެވި މަންޒަރު ބަދަލުކުރުމަށް މިދަނީ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިދަނީ އެއްބަސްވުންތަކުގައި ސޮއިކުރަމުން، ބިންހޯދާ، ބިންސާފުކޮށް ބިންގާ އަޅަމުން. އަޅުގަނޑަކީ ފްލެޓް ދޮންބެ. ދިގުމުއްދަތުން ފައިސާދައްކާ ޚަލާޞްކުރާ އުޞޫލުން ގެދޮރު ދިނުމުގެ ސިޔާސަތު މުޅިން އަލަށް، ފުރަތަމަފަހަރަށް އަޅުގަނޑުމެން މިވަނީ ފަށާފައި. ގެއެއް އަޅަން ބޭނުންވާ މީހާއަށް، ގެ އެޅުމުގައި މުޅި ޢުމުރު ވޭތުކުރާކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނުޖައްސާނަމު. އުފާވެރި ދިރިއުޅުމަކަށް އިންތިޒާރުކުރާ މީހާ މާޔޫސްކޮށްލުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. މިއުޞޫލުން ކަންކަން ކުރަން ނިންމާފައިވާއިރު، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާރުވަނީ ހައުސިންގ ލޯނުގެ ޕްރޮގްރާމެއް ފައްޓަވާފައި. މިޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީންވެސް އެތައްބަޔަކަށް ލޯނުގެ ފުރްޞަތު ލިބެމުން އަންނަކަމީ، އަޅުގަނޑުމެން އުފާކުރާ ކަމެއް…. 

ސަރުކާރުން މިހާރު ފަށްޓާފައިވާ، ދިހަހާސް ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ތެރެއިން، ހަތްހާސް ހައުސިންގ ޔުނިޓް އަޅަން ހަމަޖެހިފައިވަނީ އަތޮޅުތެރޭގައި. އޭގެތެރެއިން، ފަންސަވީސް ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރުވަނީ ފޭދޫގައި ފަށާފައި. އަދި ހިތަދޫގައި އަޅަން ހަމަޖެހިފައިވާ ދުއިސައްތަ ފަންސާސް ހައުސިންގ ޔުނިޓްގެ ތެރެއިން، ސަތޭކަ ހައުސިންގ ޔުނިޓްގެ މަސައްކަތް މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެށޭނެ. މިއީ އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދޭނެކަމުގެ ހެކި. އަޅުގަނޑު އަބަދުވެސް ބުނަމުން މި އަންނަނީ، މިސަރުކާރު ދެމިއޮތުމުގެ ބޭނުމަކީ، ރައްޔިތުންނަށް ވެފައިވާ ވަޢުދު ފުއްދުމޭ.

ދަތުރުފަތުރު

ޤައުމުތައް ތަރައްޤީވެ، ދުނިޔެ އާބާދުވެ އާރާސްތުވަނީ ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން ގުޅިގެން ކަމަށް އަޅުގަނޑުމެން ބުނީމު. އެއްސަހަރު އަނެއް ސަހަރާ، އެއްބައްރު އަނެއް ބައްރާ ގުޅިލާމެހުމަކީ ޙަޤީޤީ ތަރައްޤީގެ އަޞްލު. އަޅުގަނޑުމެންނާ ޖެހެންދެން ދިވެހިން ރަށު ބަންދުގައި ތިބި ނަމަވެސް، ދުނިޔޭގެ އެހެން ޤައުމުތަކުގެ ރައްޔިތުން ދަތުރުފަތުރުގެ ނިޒާމުން ގުޅި ލާމެހި ގުޅިފައިވާތާ އެތައް ޒަމާނެއްވެއްޖެ.

ކަމެއް ދަމެއް ބޮޑުވެ، ކުއްލިއަކަށް ފުރައިގެން ދާންޖެހޭ ހިނދު، ޙަޤީޤަތުގައި ދިމާވެފައިވާ ކަމަށްވުރެ ނުވަތަ ދަމަށްވުރެ ބޮޑު ކަމަކީ، ޖެހިގެން އޮތް ވެލި ފެންނަ ރަށުގައި ފައި ބީއްސާލުން. އެރަށަށް ނުދެވިގެން ދިމާވާ އުނދަގޫ ފަހުން އޮންނަނީ މާބޮޑުވެފައި. ލާހިކު އަގެއްގައި ފަސޭހަ ރަޙުމަތެއްގައި ތަނަކަށް ފަރާތަކަށް ނުދެވި ތިބި ދިވެހި ރައްޔިތުން ރަށު ބަންދުން ވީއްލުމުގެ މަސައްކަތް މިވޭތުވި ދެއަހަރު މިވަނީ ފެށިފައި.

އަޅުގަނޑު އުފާވާ ކަމަކީ، މި އައްޑޫގެ 16603 ރައްޔިތުން މިހާތަނަށް ފެރީ ދަތުރަށް އަރާފައިވާތީ. އަޅުގަނޑު ހިތްހަމަޖެހެނީ 37760 ރައްޔިތުން އައްޑޫގެ ބަސް ދަތުރުތަކުގެ ބޭނުން ހިފާފައިވާތީ. މުދަލާއި ޚިދްމަތާއި ފަސިންޖަރުން، އެއްތަނުން އަނެއް ތަނަށް، އެއްރަށުން އަނެއް ރަށަށް ބަދަލުވެގެން މެނުވީ، އަޅުގަނޑުމެން އެދޭ ތަރައްޤީ ނުލިބޭނެކަން އަޅުގަނޑުމެންޖެހި ހުރިހާ ހިސާބުތަކުންވެސް އޮތީ ފެންނަން. އަދި އެނޫން ގޮތެއް އިންސާނީ ތަޖްރިބާއިންވެސް ފެންނާކަށް ނެތް. ތަރައްޤީ ތޮއްޖެއްސުމަކީ ތަރައްޤީއެއް ނޫން. އެއީ ތަރައްޤީގެ ނަމުގައި އުފުލަންޖެހޭނެ ތަކުލީފެއް. މާލޭގެ މާޙައުލާއި، އެރަށުގެ ވެށިން ބޭރުކުރަމުން އެދާ މިދެންނެވި ތަކުލީފުގެ ބުރަ ނޭވާގެ އަޑު މިހާރު އެއްސެވިޔަސް އިވޭނެ.

އިޞްލާޙީ މަސައްކަތުގެ ތެރެއިން އައްޑޫގެވެސް އަދި މި ރާއްޖޭގެވެސް ވަރަށްގިނަ ރައްޔިތުން ދެނެވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެލެޒިނީ. އެއީ ޖުޑީޝަލް ސަރވިސަސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރުގެ ގޮތުގައި އަޅުގަނޑު ޢައްޔަންކޮށްފައި ހުންނަ ބޭފުޅެއް. ރޯމާ ދުވާލު މާލޭގެ މަގުމަތިން އިއްޔެ އޭނާއަށް ތޫނު ހަތިޔާރަކުން ޙަމަލާދީފި. އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީންވާ ކަމަކީ، މި މުޅި ރާއްޖެއާއި އައްޑޫގެ ރައްޔިތުން ތިޔަ ތިއްބެވި ވިންދުގެ ބާރުގައި އިރާދަކުރެއްވިއްޔާ، ވެލެޒިނީ ދެންވެސް ހުންނަވާނީ ހަމަ ނުކުންނަވާންކަން.

ހުރިހާ އާރަކާއި ބާރަކާއި ކާރޫބާރޫއެއް މާލެއަށް ބޮނޑިކޮށް ޖަމާކުރުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. ވެރިކަން ކުރާ ރަށަށް ފަހި ވެށްޓެއް ހޯދައިދީ، ވެރިކަމުގެ ބާރުތަކުގައި މުޅި ރާއްޖެ ޝާމިލްކޮށް ތަނަވަސްކަމާއި ތަރައްޤީގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ޙިއްޞާ ކުރުވުމަކީ އަޅުގަނޑުމެންގެ އަމާޒު. މިދިޔަ ޖުލައި 26 ގައި ސަރަޙައްދީ ބަނދަރުތަކަށް ބާލާ މުދަލުން ނަގާ ޑިއުޓީގެ %30 މާފުކުރުމަށް އަޅުގަނޑު ނިންމީ، އެކަމުގެވެސް ބޮޑު މަންޒަރު އަޅުގަނޑަށް ވަރަށް ސާފުކޮށް މާކުރިންވެސް ފެންނާތީ. ހިތަދޫ ސަރަޙައްދީ ބަނދަރަށް މިދިޔަ އަހަރު ބޭލީ ޖުމްލަ 69869 ޓަނުގެ މުދާ. އޭގެތެރެއިން އަހަރު ފެށުނީއްސުރެ ޖުލައި 26އާ ހަމައަށް ބޭލިފައިވަނީ ހަމަ އެންމެ 457 ޓަނު. ބާކީ 69412 ޓަނުގެ މުދާ މިބަނދަރަށް ފޭބީ ޖުލައި 26 ގައި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން. ހަމަ އެގޮތަށް ގަމުގެ ވައިގެ ބަނދަރަށްވެސް މިވަނީ މިދެންނެވި ހެޔޮ ބަދަލު އަންނަން ފަށާފައި. މިދިޔަ އޮކްޓޯބަރުގެ ނިޔަލަށް ގަމަށް އައި ބައިނަލްއަޤްވާމީ ފަސިންޖަރުންގެ ޖުމްލައަކީ ހަމަ އެންމެ 119. އެއީ މީގެކުރިން މިވީހާތައްދުވަހު އެކަން އޮތް ދެރަގޮތް. އެހެން ނަމަވެސް، މިއަދު އަޅުގަނޑު އުފާވާ ކަމަކީ، ފާއިތުވި ނޮވެމްބަރ އަދި ޑިސެމްބަރ މަހު އައި ބަދަލާއެކު ގަމަށް ފޭބި ބައިނަލްއަޤްވާމީ ފަސިންޖަރުންގެ ޢަދަދު ޖުމްލަ 1613 އަށް މައްޗަށް ގޮސްފައިވާކަން. ގަމާއި އައްޑުއާ މުޅި ރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވިގެންދާނެކަމާމެދު އަޅުގަނޑުގެ ކުޑަވެސް ޝައްކެއްނެތް.

އަޅުގަނޑުމެންގެ އަމާޒުތަކާއި ސިޔާސަތުތައް ތަންފީޛު ކުރުމުގައި ވަރަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ދިމާވި. އުފާވާ ޒަމާނާއި ޙަޤީޤީ ތަރައްޤީގެ ބޮޑު މަންޒަރު ޙާޞިލުވިޔަ ނުދިނުމަށް އެޅި ހުރަސްތައް ކިތަންމެހާވެސް ގިނަ. އެހެން ނަމަވެސް، އަޅުގަނޑުމެން މިކުރަނީ ހަމަ އެންމެ ކަމެއް. އެއީ ރައްޔިތުންނަށް ޚިދްމަތް ކުރުން. ތިޔަ ބޭފުޅުންނާ އަދި މި މުޅި ރާއްޖެ ބަދަލުކޮށް، އުފާފާގަތިކަން ފަތުރާލެވޭނެކަމާމެދު އަޅުގަނޑުގެ ހިތުގައި ޒައްރެއްގެ މިންވަރުވެސް ޝައްކެއް ނުހިނގާ. އުތުރާއި ދެކުނާމެދު ރާއްޖެތެރެއާއި މުޅި ރާއްޖެ ބަދަލުކުރީވެސް އަދި ކުރާނީވެސް އިރާދަކުރެއްވިއްޔާ، ހަމަ އަޅުގަނޑުމެން. އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރު މި އައްޑޫގެ މުހިންމު މަގުތައް ހަދާ، އެމަގުތަކުގައި ބަސް ސްޓޭންޑްތައް ޤާއިމު ކުރުމަށް ވަނީ ބަޖެޓް ކުރެވިފައި.

އަދި ހަމަ މި 2011 ގައި ހިތަދޫ، ފޭދޫ، މަރަދޫފޭދޫ އަދި ހުޅުމީދޫގެ ބަނދަރާއި، ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމް، އަޅުގަނޑުމެންގެ ޕްރޮގްރާމް ބަޖެޓްގެ ތެރެއިން ހިނގަމުންދާނެ. އަދި ހަމައެޔާއެކު ސަރަޙައްދީ ބަނދަރާއި ބައިނަލްއަޤްވާމީ އެއަރޕޯޓް އިތުރަށް ބައިނަލްއަޤްވާމީ ކުރެވޭނެ. ގަމުގެ ކޯޒްވޭއަށް ބޭނުންވާ މަރާމާތުވެސް މި 2011 ގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް ގެންގޮސް ނިންމާނަން.

އައްޑޫސިޓީގެ ފެނާއި ނަރުދަމާގެ ޚިދްމަތް ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށް 540 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އިރާދަކުރެއްވިއްޔާ، މި 2011 ގައި ފެށޭނެ. އެގޮތުން، ހިތަދޫގެ ފެނާއި ނަރުދަމާގެ ނިޒާމާއި، 2 ޑީސެލިނޭޝަން ޕްލާންޓް ޤާއިމް ކުރެވޭނެ. އަދި ހަމަ މިމަސައްކަތް، ގަމާއި، ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގައިވެސް އިރާދަކުރެއްވިއްޔާ ހިންގާނެ. އަދި ހަމަ އެފަދައިން، ހުޅުދުއާއި މީދޫގެ ފެނާއި ނަރުދަމާ، މިމަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ.

ހެޔޮވެރިކަމާއި އޯގާތެރި ސަރުކާރު

ރާއްޖޭގައި މުޅިން އަލަށް އިވެމުންދާ ވަރަށްގިނަ ބަސްތަކަކީ، ރާއްޖޭގެ ރައްޔިތުން ގެނެސްފައިމިވާ ސިޔާސީ ބޮޑު ބަދަލާ ގުޅިފައިވާ ބަސްތަކެއް. ހެޔޮވެރިކަމާއި އޯގާތެރި ސަރުކާރުފަދަ ބަސްތަކަކީ، މީގެކުރިން އަޑުއިވުނު ބަސްތަކެއް ނޫން. ހެޔޮވެރިކަމުގެ ސިޔާސަތުގެ ދަށުން މީގެކުރިން ހަމައެކަނި މާލޭގެ ވުޒާރާތަކާއި އޮފީސްތަކުން ދިން ގިނަ ޚިދްމަތްތަކެއް ޕްރޮވިންސް އޮފީސްތަކަށް މިވަނީ ބަދަލުކުރެވިފައި.

އައި.ޑީ. ކާޑާއި، ވަރކްޕަރމިޓާއި ތަފާތު ލައިސަންސްތަކާއި، އިމްޕޯޓް އެކްސްޕޯޓް ހުއްދައާ ގުޅޭ ކަންކަން އެތައް ގުނައެއް މިވަނީ ރައްޔިތުންނާ ނުހަނު ގާތް ކުރެވިފައި. 2011 ވަނަ އަހަރު ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އާ ޢިމާރާތާއި، ހިތަދޫ ފަޔަރ ސްޓޭޝަން ޤާއިމް ކުރުމަށްވަނީ ހަމަޖެހިފައި. އަދި ހިތަދޫގައި ކަސްޓަމްސް އޮފީހާއި ޓްރޭނިންގ ސެންޓަރަކާއި އެކޮމަޑޭޝަން ޢިމާރާތެއް އިރާދަކުރެއްވިއްޔާ، މިއަހަރު ޤާއިމް ކުރެވޭނެ. އަދި ޤައުމީ ދިފާޢީ ބާރުގެ ސަރަޙައްދީ ހެޑްކްއޯޓަރޒަށް އިތުރު ތަރައްޤީ ލިބުން 2011 ގައި އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެން އެކަށައަޅާފައިވާ ހެޔޮވެރިކަމުގެ ސިޔާސަތުގައި ހިމެނޭ ކަމެއް. އެގޮތުން ހުޅުދޫ، މީދޫ އަދި ހިތަދޫގައި 3 މިސްކިތް އިމާރާތް ކުރުމަކީ 2011ގެ ބަޖެޓްގައި ޕްރޮގްރާމް ކުރެވިފައިވާ ކަމެއް.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހެޔޮ އަސަރު، ދާޚިލީ ކަންކަމަށް ފޯރުވައިދިނުމަކީ ހެޔޮވެރިކަމެއް ހިންގާއިރު ކުރަންޖެހޭނެ ކަމެއް. އައްޑޫސިޓީގެ ތަފާތު މަޝްރޫޢުތަކަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ 2011 ގައި ޕްރޮގްރާމް ކުރެވިފައިވާއިރު، މި ޕްރޮވިންސްގައި މިއަހަރު ބޭއްވޭ ސާކްސަމިޓްގެ ކޮންވެންޝަން ސެންޓަރަށް އެކަނިވެސް 110 މިލިއަން ރުފިޔާވަނީ ކަނޑައެޅިފައި. މިފަދަ ބައިނަލްއަޤްވާމީ ސަމިޓްތަކާއި، ތަފާތު ބޮޑެތި ބައްދަލުވުންތައް ރާއްޖޭގެ ކަންކޮޅުތަކުގައި އިންތިޒާމް ކުރެވި، އޭގެ ފައިދާއާއި ރީތިނަމާއި ޝަރަފް ދިވެހިންނަށް ލިބިދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން އަބަދުވެސް ދާނީ ކުރަމުން. ކުރިން ހިނގާދިޔަ ގޮތައް ކަންކަން ބަދަލުވެ، ރައްޔިތުންގެ މިނިވަންކަމާ ބާރު ކުރުގަޅުވާލުމުގެ ވިސްނުމަކީ، މިހާ އަވަހަށް މުޅިން ނެތިދާނެ ވިސްނުމެއްނޫން.

ނަގައިގަތް ވެރިކަމުގެ އާރާއި ބާރާއި ޖާހު، ގެއްލިދިޔަ ހިތި ވިސްނުން އެހާ އަވަހަށް ފިލާނުދާނެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ.

9 އަހަރުގެ ދަރިފުޅު އިދިފުށަށް ހިލިހިލާޖެހި ޒަމާން އެނބުރި އަތުވެދާނެތީ ކޮންމެ މަޔަކާ ބަފަޔަކު ކަންބޮޑުވާނެ. ދީނީ ނަޞޭޙަތާއި އިރުޝާދުދީގެން ދަންނަ ބޭކަލުން ގޮޅިއަށްލާ، ޗިލީ ސޯސްޖަހާ އިދިކޮޅަށް ތުނބުޅި ބޭލި ދުވަސް އިޢާދަވުމަކީ، ދީނަށް ލޯބިކުރާ މީހުން ރުހޭނެ ކަމެއްނޫން. ސާކް ސަމިޓަކަސް، ޕެނަޑޯލް ގުޅަޔަކަސް މާލޭން ނޫނީ ނުލިބޭނެގޮތް ހަދާ ވިސްނުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާނެ. އައްޑުއަތޮޅަކީ ވަރުގަދަ އިޤްތިޞާދެއްގެ ވެރި ގުޅިފައިވާ ރަށްތަކަކާ، އެކުވި ރައްޔިތެއްގެވެރި ސިޓީއަކަށްވުމަށް ހިތްނުރުހޭ ފިކުރާމެދު އައްޑޫ ރައްޔިތުން ފިކުރާ ނުވާނެކަން އަޅުގަނޑަށްވެސް ގަބޫލު ކުރެވޭ. އެކަހެރި ވަކި ކުދި އާބާދީތަކަށް ފޮތިކޮށްލެވިފައިވާ ބައެއްގެ މައްޗަށް އަތްގަދަ ކުރަން ފަސޭހަވާނެކަން އެނގެނީ އެކަން އެދި ފަލިޖަހާ މަދުމީސްކޮޅަކަށް އެކަންޏެއްނޫން. އަޅުގަނޑަށް އަދި މާބޮޑަށް އެކަން އެނގޭ. އެހެންވިޔަ ނުދިނުމަށްޓަކައި އައްޑޫސިޓީއަށް ސިޓީއެއްގެ ފުރިހަމަ އާރާއި ބާރާއި ސިފަ ލިބިދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް މިދަނީ ވަރުގަދަ ކުރަމުން.

ހަމަކަށަވަރުންވެސް ޤައުމެއް ތަރައްޤީވެ މިދަނީ، އެޤައުމެއްގެ ރައްޔިތުން ކުރިއަރައިދިޔުމަށް ދޫކޮށްލީމާ. އެބަޔަކު އޮބަހައްޓާ ހިފެހެއްޓުމުގެ ސިޔާސަތާ ސަރުކާރުން ދުރުހެލިވީމާ. އެބަޔެއްގެ ޙައްޤުތަކަށް ވެރިކަމުގެ ފަރާތުން އަރައިނުގަތީމާ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ރައްޔިތަކަށް ލިބިދީގެން މެނުވީ، އެ ރައްޔިތަކު ތަރައްޤީވެ ގޮސްފައެއްނުވޭ. އަޅުގަނޑުމެންގެ ބޮޑު މަޝްރޫޢަކީ، އެ މިނިވަންކަން މިރައްޔިތުންނަށް ހޯދައިދިނުން. އައްޑޫސިޓީގެ ތިޔަ ރައްޔިތުން، އެމިނިވަންކަން ހޯދުމުގައި އަޅުގަނޑުމެންނާއެކީ ކުރި މަސައްކަތް މިއަދު ދައްކުވައިދެނީ، މުޅި މި ރާއްޖޭގެ ކާމިޔާބުގެ ގޮތުގައި. މާލޭގެ ތަނަވަސްކަމާއި، އެތަނުގެ ވެށީގެ ފަހިކަން ގުޅިފައިވަނީ އައްޑުއާއި މުލަކާއި ހުވަދުއާއި ބޮޑު ތިލަދުންމައްޗާމެދު ރާއްޖެތެރޭގެވެސް ތަރައްޤީއާ. މިރާއްޖޭގެ ތަރައްޤީއާ. އައްޑޫ ރައްޔިތުންނަށް މިއަދު މިވަނީ އެމީހުންގެ ވެރިކަމުގެ، ހިންގުމުގެ ގިނަގުނަ ކަންކަން، އެމީހުންގެ އަތްމައްޗަށް ފުރޮޅިފައި. މިތަނުގެ އެއަރޕޯޓް، މިތަނުގެ ބަނދަރު، މިތަނުގެ ޔުޓިލިޓީސް، މިތަނުގެ ހޮސްޕިޓާތައް ހިންގަނީ މިތާނގެ ކުންފުނިތަކާ މުއައްސަސާތަކުން. އިރާދަކުރެއްވިއްޔާ، ފެބްރުއަރީ 5ގެ ފަހުން މިތަނުގެ ސިޓީ ކައުންސިލް ހިނގާނީވެސް މިތަނުގެ ރައްޔިތުން އެދޭގޮތަށް. އަޅުގަނޑުމެން ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފަށައިގަތް މަސައްކަތް، ކިތަންމެ ގޮތަކުން ދެކެނީނަމަ، އައްޑުއަތޮޅުގައި މިއޮއް ނިމުމަކަށް އަންނަނީ. އަޅުގަނޑުމެންގެ އައްޑޫ ޕްރޮގްރާމް މިވަނީ އެހެން އެއްވެސް ތަނެއްގައި ކާމިޔާބުނުވާ މިންވަރަށް ކާމިޔާބުވެފައި. ކުރިމަތިވަމުން މިއަންނަނީ ޙަޤީޤަތުގައިވެސް އުފާވާ ޒަމާނާ.

ޑިމޮކްރަސީގެ ނިޒާމަށް ރާއްޖެ ބަދަލުވި ދަނޑިވަޅަކީ، ރާއްޖޭގެ ސިޔާސީ ޙަޔާތުގެ ވިންދު ވަރަށްބޮޑުތަނުން އަވަސްވެގެންދިޔަ ދަނޑިވަޅެއް. ހިތް ނުރުހިތިބި އެތައް ބައެއްގެ އިޙްސާސްތަކާމެދު ދީލަތި ހިތަކައިގެން ސަރުކާރުން ކުރިމަތިލާން ޖެހުނު ދަނޑިވަޅެއް. އެދުވަސްވަރު ވަރަށްގިނަ ރަށްރަށުގެ ރަށު އޮފީހާއި، އަތޮޅު އޮފީހާއި، ސަރުކާރުގެ އެހެން މުއައްސަސާތަކުގައި ތަޅު އެޅުވިތަން ފެނިގެންދިޔަ. މިދެންނެވި ނާޒުކު ދަނޑިވަޅުގައި، ކެތްތެރިކަމާއެކު ރައްޔިތުންނާ މުޢާމަލާތު ކުރެއްވި ވަރަށްގިނަ ބޭފުޅުން ތިއްބެވި. އޭރުގެ ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުން މިކަމުގައި އަދާކުރެއްވި ކެތްތެރި، ޙިކުމަތްތެރި ރޯލަށްޓަކައި އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. މިދެންނެވި ދަނޑިވަޅުގައި، އައްޑޫގެ ޙާލަތު ދިޔައީ ކޮންގޮތަކަށްތޯ ސުވާލުކޮށްފިނަމަ، އޭގެ ޖަވާބުގައި ބުނެވޭނީ، އައްޑޫ އޮތީ ވަރަށް ހަމަހިމޭންކޮށް ކަމަށް. އަނެއް ސުވާލަކީ، އެދަނޑިވަޅުގައި އައްޑޫގައި ހުންނެވި އެންމެ އިސް ސިޔާސީ ބޭފުޅަކީ ކާކުތޯ؟ ޖަވާބަކީ އަޅުގަނޑުގެ އެކުވެރި 0މުޙަންމަދު ނަޞީރު ކަމަށް. އެހެންކަމުން، މުޙަންމަދު ނަޞީރު ކޮށްދެއްވި ފުރިހަމަ އިޚްލާޞްތެރި ޚިދްމަތަށްޓަކައި އެބޭފުޅާއަށާއި، އަދި އައްޑޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް މިއަދު އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

واَلحمْـدُ لِلّـهِ ، ވަރަށްބޮޑަށް ޝުކުރިއްޔާ!

                  _____________________