ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އައްޑުއަތޮޅު ފޭދުއާއި، މަރަދޫފޭދޫއާއި މަރަދުއަށް މިއަދު ވަޑައިގެންފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާ، މަރަދޫފޭދުއަށް ކުރެއްވި ދަތުރުފުޅުގައި، މަރަދުއާއި މަރަދޫފޭދޫގައި ޤާއިމް ކުރެވޭ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު މިއަދު ހެނދުނު ފަށްޓަވައިދެއްވިއެވެ.  މި މަޝްރޫޢުގެ ދަށުން މަރަދުއާއި މަރަދޫފޭދޫގައި ފެނުގެ ނެޓްވަރކާއި، ނަރުދަމާގެ ނިޒާމާއި އަދި ޑީސެލިނޭޝަން ޕްލާންޓް ޤާއިމް ކުރެވޭނެއެވެ. އައްޑުއަތޮޅުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުވައިދިނުން ހަވާލުކުރައްވާފައިވަނީ ސަދަން ޔޫޓިލިޓީޒް ލިމިޓެޑާއެވެ.
 
ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޭދޫއަށް ވަޑައިގެން، ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން       އެ ރަށުގައި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލެއްވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ މި ތިން ރަށަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ޢާންމު ޙާލަތު ބައްލަވާލެއްވިއެވެ.
 
އެމަނިކުފާނު މިހާރު އައްޑުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫގައި އައްޑޫ ކޮންވެންޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާނެއެވެ. އަދި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓް އައްޑޫގައި ބޭއްވުމުގެ މަސައްކަތް ހިންގަވައި ވިލަރެސް ކުރެއްވުމަށް އައްޑޫގައި ޤާއިމް ކުރެވޭ ސާކް ޔުނިޓް ހުޅުއްވައިދެއްވާނެއެވެ.