ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑުއަތޮޅުގެ ބައެއް ރަށްރަށަށާއި، ފުވައްމުލަކަށާއި، ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަވީރު ފަށްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އައްޑުއަތޮޅު ހިތަދޫގައި ބަޖެޓާބެހޭ މަސައްކަތު ބައްދަލުވުމެއް މިރޭ ފަށްޓަވައިދެއްވާނެއެވެ. އަދި ހުޅުމީދޫގެ ބަނދަރާއި ނަރުދަމާގެ މަޝްރޫޢު މާދަމާ އިފްތިތާޙު ކޮށްދެއްވާނެއެވެ. މީގެއިތުރުން، މަރަދޫފޭދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫޢުވެސް އެމަނިކުފާނު މާދަމާ އިފްތިތާޙުކޮށްދެއްވާނެއެވެ. އަދި އައްޑޫ ކޮންވެންޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވައި، ސާކް ޔުނިޓް ހުޅުއްވައިދެއްވާނެއެވެ. ހިތަދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙުކޮށްދެއްވައި، ހިތަދޫ ބޮޑުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުވެސް، ރައީސުލްޖުމްހޫރިއްޔާ މާދަމާ ފަށްޓަވައިދެއްވާނެއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޙާލު ބައްލަވާލައްވައި، ރައްޔިތުންނާ މުޚާޠަބު ކުރައްވާނެއެވެ. އަދި އެއަތޮޅުތަކުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.