بســماللّـهالرّحمـنالرّحيــم

 
السّـلام عليـكم
މިނިސްޓަރ އޮފް އެޑިޔުކޭޝަން. އެމް.ޑީ.ޕީ.ގެ ޗެއަރޕާސަން. ތިމަރަފުށީ ދާއިރާގެ މެންބަރު. ސަރުކާރުގެ އެހެންވެސް ވެރިން. އަދި މިރަށުގެ އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން.
 
 އާދެ! އަޅުގަނޑު، ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިފަހުން މިއީ، މިރަށަށް އަންނަ ދެވަނަފަހަރު. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިއީ ފަހުފަހަރަކަށް ހަމަކަށަވަރުންވެސް ނުވާނެ. އިރުއިރުކޮޅާ އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިރަށަށް އާދެވޭތޯ ބަލާނަން.
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން ގެންދިޔަ އެންމެ މުހިންމު އެއް ޙަޤީޤަތަކީ، އިންސާނީ ތަޖްރިބާ ދުނިޔޭގައި ދައްކާފައި ހުރި ކަންތައްތަކެއް އެބަހުއްޓޭ. ޤައުމެއް ތަރައްޤީވެ ދިޔުމަށް އިންސާނީ ޙާލަތު، ތިމާގެ އަމިއްލަ ޙާލު މިހާރު މިއޮތްގޮތުން އެހެން ގޮތަކަށް ބަދަލުވެ ދިޔުމަށް، އަޅުގަނޑުމެންގެ އާމްދަނީ އިތުރުވެދިޔުމަށް، އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާ ދުވަހެއް ދުވަހަކަށް އިތުރުވުމަށް، އަޅުގަނޑުމެންގެ ރަށް، އަޅުގަނޑުމެންގެ އަތޮޅު، އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ ރައްޔިތު، ތަރައްޤީވެދިޔުމަށް، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް އެބަ ކުރާންޖެހެއޭ.
 
އަޅުގަނޑުމެން މިދެންނެވި ކަންތައްތަކުގެ ތެރޭގައި، އަބަދުވެސް ފާހަގަކުރި އެއްކަމެއް، އަދި އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ތަރައްޤީގެ އެންމެ މުހިންމު އެއް ތަރަޙައަކީ، ރަށްރަށުގެ ރައްޔިތުންނަށް އެމީހުންނާ ގުޅޭ ކަންކަން، ސީދާ ނިންމުމުގައި އެމީހުންނަށްބައިވެރިވުމުގެ ފުރްޞަތު ފަހިވެފައި އޮތުން. ރައްޔިތުންގެ ގާތުން، ރައްޔިތުންނާ އެކުގައި ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް، އެބައެއްގެ ކަންތައް ނިންމޭނޭ އިންތިޒާމެއް، ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެކޭ. ރައްޔިތުމީހާ، އެބަ އޭނާއަކީ ބާރުވެރި، އޭނާއަކީ އަމިއްލަ ޝަޚްޞަކަށްވެ، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާއާއި ތިމަންނަގެ ދަރިން ބަލަހައްޓައި، ތިމަންނާ ޢާއިލާއެއް ގޮވައިން އުޅޭ މީހެކޭ ބުނެވޭނެ ފަޚުރްވެރި ދިވެހި މީހާ ނުކުމެގެން ނޫނީ، އަޅުގަނޑުމެން ނުދެކެން ޙަޤީޤަތުގައި ދިވެހިރާއްޖެ ތަރައްޤީވެދާނެ ކަމަކަށް. އެ ހިރިލަންދޫ މީހާ އެހެރީ ރާއްޖޭގެ އެހެން ރަށްރަށާ އަޅާބަލާއިރު މާ ބޭރަށް ނުކުމެ. އެމީހާ އެހުރީ އެމީހާގެ އަމިއްލަ މަސައްކަތް ރާއްޖޭގެ ކިތަންމެ ރަށަކާ އަޅާބަލާއިރު މާ ބާރަށް ކޮށްކޮށް. އެހެންވީމާ، ހިރިލަންދޫ މީހާ ކައިރިއަށް އަޅުގަނޑު އަބަދުވެސް އަންނާނަން. އަޅުގަނޑު ދެކޭހިތްވާ ނަމޫނާއަކީ ޙަޤީޤަތުގައި ހަމަ ވަރަށްގިނަފަހަރަށްވެސް މިރަށް. އަޅުގަނޑު އަރާހާ ރަށަކުން ދައްކާ ވާހަކައެއް ނޫން މީކީއެއް.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެނގެމުން އައި ޙަޤީޤަތަކީ، ލޯކަލް ގަވަރންމަންޓް ނުވަތަ ރަށްވެރިކަން އެއީ، ތަރައްޤީއަށް ފަހިކުރާ މަގެކޭ. ރަށްވެރިކަމުގެ އިންތިޒާމެއް، ލޯކަލް އިންތިޚާބު، ރަށު ކައުންސިލްގެ ވެރިކަން އަދި ރަށު ކައުންސިލް މެދުވެރިކޮށްގެން، އަޅުގަނޑުމެންނަށް މިރާއްޖޭގެ މިރަށުގެ ކަންކަން ހިންގަމުން ގެންދިޔައީމާ، އޭރުންނޭ މިރަށް ތަރައްޤީވެވޭނޭ މަގު ފަހިވެގެންދާނީ. އަޅުގަނޑުމެން މަސައްކަތް މިކުރަންވީ ލޯކަލް އިންތިޚާބު މެދުވެރިކޮށްގެން، ލޯކަލް ކައުންސިލް މެދުވެރިކޮށްގެން، އަޅުގަނޑުމެންގެ ރައްޔިތުން ބާރުވެރިކުރުމަށް.
 
އަޅުގަނޑުމެންގެ ރައްޔިތުންނަށް އިޤްތިޞާދީ ފުރްޞަތުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ ރަށްތައް، އެ ރަށްތަކަށް ބޭނުންވާ އިޖްތިމާޢީ އަދި އެހެންވެސް ޢުމްރާނީ ބަދަލުތަކާއި ބޭނުންތައް ފުރިހަމަކުރުމަށް. މިކަންކަން މިހެން ކުރުމަށް އަޅުގަނޑުމެން އަބަދުވެސް ނިންމާފައި އޮތް އެއް ނިންމުމަކީ ނުވަތަ ދެކެފައި އޮތް އެއް ޙަޤީޤަތަކީ، އަޅުގަނޑުމެން މިދަންނަވާ އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބޭނީ ލޯކަލް އިންތިޚާބު ބާއްވައިގެންނޭ.
 
އަޅުގަނޑުމެން ޤާނޫނުއަސާސީ އިޞްލާޙު ކުރަމުން އައިއިރުގައިވެސް އަދި އޭގެ ކުރީގައިވެސް އޭގެފަހުންވެސް، އަޅުގަނޑުމެން ހުށަހަޅަމުން އައީ، އަޅުގަނޑުމެން އެންމެ ފުރަތަމަ އެދެނީ ރަށްވެރިކަމުގެ އިންތިޚާބޭ، ދެން ރައްޔިތުންގެ މަޖިލީހޭ ދެން ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބޭ. އެހެންނަމަވެސް، ކަންވެ ދިޔައީކީ އެހެންނެއް ނޫން. އަޅުގަނޑުމެން މިހާރު ކަމަރު ބަނދެ މިތިބީ، ކަންވެ ގޮސްފައި އޮތްގޮތަށް، މިކަން އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތެއް ހޯދައިގެން، އެކަން އަޅުގަނޑުމެން ކުރަން.
 
ސަރުކާރަށް އަބަދުވެސް ވިސްނޭ ވިސްނުމެއް. އަދި އަޅުގަނޑު އުފާވޭ، އަޅުގަނޑުމެންގެ ޕާޓީ އަބަދުވެސް ޤަބޫލުކުރާ ޙަޤީޤަތެއް. ލޯކަލް އިންތިޚާބު ނުވަތަ ރަށު ކައުންސިލްގެ އިންތިޚާބު ނިމުމުން، އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނުވޭ. އަޅުގަނޑުމެންގެ ވާޖިބެއް، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ، އެ އިންތިޚާބުން އުފައްދާ ކައުންސިލްތައް އެއީ، ރަށާއި، އަތޮޅާއި، ރާއްޖޭގެ ތަރައްޤީގެ އިންޖީނުގެ ގޮތުގައި ހެދުން. އެކައުންސިލްތައް މަސައްކަތް ކުރާނެ ގޮތާއި، އެ ކައުންސިލްތަކުގެ ސިޔާސަތުތަކާއި، ތަންފީޒު ކުރާނޭ ކަންކަން ސަރުކާރުން އެބަޖެހޭ ފާހަގަކުރަން. އެކަންކަން އެބަޖެހޭ އެ ކައުންސިލްތަކަށް އެނގެން. އަދި އެކައުންސިލްތަކުގެ މެންބަރުން އެކަންކަމައިގެން ކުރިއަށްދާން.
 
އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ހިރިލަންދުއަށްވެސް އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ބަޖެޓްގެ ގޮތުގައި ރަށެއް ހިންގަން މިލިބެނީ ވަރަށްކުޑަ ޢަދަދެއްގެ ފައިސާ. މިދިޔަ އަހަރު، މިސާލަކަށް، މިރަށަށް، މުޅި ޖުމްލަ ރަށުގެ އެންމެހާ ޚަރަދުތައް ހިންގާން ކަނޑައެޅިފައިއޮތީ، 10 މިލިއަން ރުފިޔާ. އޭގެކުރީގައި އެއަށްވުރެ ކުޑަތަންކޮޅެއް މަދުވާނެ. އެ ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދު ކުރެވިފައި ހުންނަނީ، ހުންނަ ގޮތްތަކަށް އަޅުގަނޑުމެން ބަލައިލާއިރުގައި، އޮފީސް ހިންގުމުގެ ޚަރަދަށް ނުވަތަ އޮފީސްތައް ހިންގުމުގެ ޚަރަދަށްދާ ޚަރަދަކާ، ޚާއްޞަ ގޮތެއްގައި ބޮޑު ފައިސާ، ބޮޑު ޢަދަދު މިދަނީ މުވައްޒަފުންގެ ޚަރަދަށް. މިރަށުގައި 7.9 މިލިޔަން ރުފިޔާ ޚަރަދުކުރެވޭ، މުވައްޒަފުންގެ ޚަރަދަށް.
 
އަޅުގަނޑުމެންނަށް ވިސްނުނު އެއް ވިސްނުމަކީ، ރަށްތައް ތަރައްޤީ ކުރުމަށް ކައުންސިލްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ޕްރޮގްރާމްތައް، ސަރުކާރުގެ ޕްރޮގްރާމްތައް ހިންގެންޖެހޭނެއޭ، ހިންގޭނޭ ނިޒާމެއް އަޅުގަނޑުމެން ހޯދާން ޖެހޭނެއޭ. އެހެންވީމާ، ސަރުކާރުން މިފަހަރުގެ ބަޖެޓް އެކުލަވައިލާފައިވާނީ، ވަރަށް ތަފާތު ބަޖެޓެއްގެ ގޮތުގައި. އަދި އެބަޖެޓް ތަންފީޒު ކުރުމުގައި، ޢަމަލު ކުރާން ނިންމާފައި މިއޮތީވެސް ވަރަށް ތަފާތު ގޮތަކަށް. މިރަށުގެ މިއަހަރުގެ ބަޖެޓް އެއީ 30 މިލިޔަން ރުފިޔާ. 30 މިލިޔަން ރުފިޔާ މިރަށަށް ޚަރަދު ކުރާން ނިންމާފައި މިވަނީ، ހަމަ ސަރުކާރުން އަދި އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. އޭގެތެރޭގައި ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުން. ދަތުރުފަތުރުކުރުމުގެ ނިޒާމު ހަރުދަނާ ކުރުން. ވަށާޖެހޭ ރަނގަޅު ތަޢްލީމެއް ދިނުން. ބޯފެނާއި ކަރަންޓާއި އަދި ނަރުދަމާގެ ޚިދްމަތް ފުރިހަމަގޮތުގައި ފޯރުކޮށްދިނުން. މާރުކޭޓާއި އަދި ސިނާޢީ އެކިއެކި މަސައްކަތް އަދި ކުދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރެވޭނޭ މަގުތައް ހޯދުން. އަޅުގަނޑު ދެކެނީ ހަމަގައިމުވެސް، މިފަހަރުގެ މިއަހަރުގެ ހިރިލަންދޫ ބަޖެޓުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކަނޑައަޅާފައިވާ އަމާޒުތަކަކީ މިދެންނެވީ. އެއަމާޒުތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެނަށް ވާސިލުވެވޭނެ.
 
އަޅުގަނޑަށް ހިރިލަންދޫ ބަނދަރު ހެދުމުގައި ވަރަށް ބޮޑަށް ލަސްވެއްޖެ. އެލަސްވީ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް މަޢާފާއެކު ދަންނަވާނަން. އެންމެބޮޑު އެއް ސަބަބަކީ އަޅުގަނޑޭ. އަޅުގަނޑަށް އެބަނދަރު ފުރަތަމަ ކުރަހާފައި އޮތްގޮތް އަޅުގަނޑު އެހާބޮޑަށް ހިތްހަމައެއް ނުޖެހުނު. އަޅުގަނޑަށް މިރަށާ ދިމާއަށް ބެލީމާ އަދި މިރަށަށްއައިސް އަޅުގަނޑަށް އެނގުނު އެއްޗަކީ، މިރަށަކީ ވަރަށް ބާރަށް ތަރައްޤީވަމުން އަންނަ ރަށެކޭ. ދެންމެ އަޅުގަނޑުމެންނަށް ސާފުކޮށްދެއްވައިފި، މިރަށުން މަހެއްގެ މައްޗަށް 50 ޓަނު، ދެން އަޅުގަނޑަށް އެ ޢަދަދު މާބޮޑަށް ހަމަ ޤަބޫލު ނުކުރެވޭތީ، ނުބުނާންވެގެން މި ހުންނަނީ. މަހެއްގެ މައްޗަށް 50 ޓަނު ހިކިމަސް އެބަ މިރަށުން ބޭރުކުރެއޭ. ދެން ކޮންމެއަކަސް، އާދެ! އަޅުގަނޑަށް ހަމަ ޔަޤީން އެއީ ރަނގަޅު ޢަދަދުކަން. އެއީ ވަރަށް ބޮޑު އުފެއްދުމެއް. އެއުފެއްދުން އުފެއްދުމަށްޓަކައި މިރަށުގައި ހިނގާނެ ޞިނާޢީ ޙަރަކާތް ވަރަށް ބޮޑުވާނެ. އެހެންވީމާ، މިރަށުގެ ބަނދަރުވާންޖެހޭނީ، ކުރިއަށްއޮތް މަދުވެގެން ތިރީހަކަށް އަހަރު ބޭނުން ކުރެވޭ ތަނަކަށް. އެ ކުރީގައި ކުރަހާފައި އޮތް ބަނދަރަކީ، ހަމަ ވަރަށް ކުޑަކުޑަކޮށް އޮތް ބަނދަރެއް. ލަފާފުރުމުގެ ދަތިކަން ފިލުވާލުމަށްޓަކައި، ކުރެހިފައި ޑިޒައިން ކުރެވިފައި އޮތް ބަނދަރެއް.        އެ ބޭނުމަށްޓަކައި އެ ބަނދަރު ގޯސްކަމަށް އަޅުގަނޑު ދަންނަވަނީކީއެއް  ނޫން. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އެދުނިން، އެއަށް ބަދަލު ގެންނަން. މިއީ އަޅުގަނޑަށް އޭރުގައި ހަމަ ބަދަލެއް ގެންނަން، ކަމަކަށް އުޅެއްޖެއްޔާ ދެން ލިބޭ، އަޅުގަނޑު ދަންނަވާނީ ލަނޑު އަޅުގަނޑަށް ލިބުނީއޭ. އެއީ އެ ކުރެހުމަށް ބަދަލެއް ގެންނަން ޖެހިގެން އަސްލަމާ ވާހަކަ ދައްކައި އަދި އެތައް މިތަނަށް، އެންމެފަހުން އައިސް މިހާރު އަޅުގަނޑުމެންނަށް މިވަނީ އެބަނދަރު ޑިޒައިން ކުރެވި އަދި ބަނދަރު ޓެންޑަރ ކުރެވިފައި. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެބަނދަރުގެ ޓެންޑަރއަށް ނުވަތަ އެބަނދަރަށް ބީލަން ހުށަހެޅި، އެ ބީލަމާ ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކަށް އެމަސައްކަތް އިރާދަކުރެއްވިއްޔާ ދެވޭނެ. ދެން އެމަސައްކަތް ހުއްޓޭނެ އޮތް ހަމަ އެންމެ ގޮތަކީ، ދެންމެ އަޅުގަނޑު އަންނަނިކޮށް މިނިސްޓަރު ވިދާޅުވީ، އެބަނދަރު ހުއްޓެން ދެން ހަމައޮތީ އެންމެ ގޮތެކޭ. އެއީ އެހެން ބަޔަކު ކައުންސިލަށް އައިސް، އެބަނދަރު ހުއްޓުވިއްޔާއޭ. ދެން އެނޫންގޮތަކަށް އިރާދަކުރެއްވިއްޔާ، އެބަނދަރު މިހާރު ހުއްޓޭކަށެއް ނެތޭ. އަޅުގަނޑު މިއުންމީދު ކުރަނީ، އަޅުގަނޑުމެންނަށް އެބަނދަރުގެ ޚިދްމަތް ދާދި އަވަހަށް ލިބިގެންދާނެ ކަމަށް. އަދި އަޅުގަނޑަށް ހަމަ އެބަވިސްނޭ، ތިޔަބޭފުޅުން އެބަނދަރާ ގުޅޭގޮތުން ގެންގުޅުއްވާ ތިޔަ ގެންގުޅުއްވާ ވިސްނުންވެސް. އަދި އެއްގަމުތޮށީގެ ދިގުމިން ބޮޑުކޮށްފައި ބަހައްޓަން ބޭނުންވާ ބޭނުންވެސް. އަދި އެކަމާ ގުޅިގެން، ދެން ގެންނަންޖެހޭ ބަދަލުތައްވެސް. އަޅުގަނޑު މިދެކެނީ، އަޅުގަނޑު މި އުންމީދު ކުރަނީ، މިހާރު ބަނދަރު ޓެންޑަރ ކުރެވިފައި އޮންނާނީ، ތިޔަބޭފުޅުން ތިޔަ އެދިލެއްވި ގޮތްތައް އޭގެ ތެރޭގައި ހިމެނިގެންނޭ.
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން އައިން، ޤައުމެއް، ރަށެއް ތަރައްޤީ ކުރުމުގައި، ވިޔަފާރި ކުރިއެރުމުގައި، އެންމެ ބޮޑަށް ބޭނުންވާނޭ އެއް ވަސީލަތަކީ، ރަނގަޅު ހަރުދަނާ ދަތުރުފަތުރު ކުރުމުގެ ނިޒާމެކޭ. އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކީގައި މުދަލާއި ފަސިންޖަރުން ބަދަލުވާގޮތްވީމާ ނޫނިއްޔަކާއެއް، ރަށެއް ތަރައްޤީވެއެއް ނުދާނެ. އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނިފައި އޮތް އެއް ޙަޤީޤަތަކީ، ޤައުމު ތަރައްޤީ ކުރުމަށް އަދި މިރަށްވެސް، މިއަތޮޅުވެސް، މިޕްރޮވިންސްވެސް، މިރާއްޖެވެސް ތަރައްޤީކުރުމަށްޓަކައި ބޭނުންވާނެ އެންމެ މުހިންމު އެއްކަމަކީ، އެންމެ މުހިންމު އެއްނިޒާމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމެކޭ. އެހެންވީމާ، ސަރުކާރުން ނިންމީ އަމިއްލަ ފަރާތްތަކާ ގުޅިގެން މުޅި ޖުމްލަ 7 އަހަރުދުވަހުގެ ތެރޭގައި، ދަތުރުފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރަން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިހިނދު، އެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި، އެފަދަ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ލިޔެފައި ހުރި ރިޕޯޓަށް ހިނގާފައި ހުރި ޚަރަދުން އެކަނިވެސް ދަތުރުފަތުރުކުރުމުގެ ނިޒާމެއް ރަނގަޅަށް ޤާއިމް ކުރެވުނީސް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ރަނގަޅު 18 މިލިއަން ޑޮލަރު ޚަރަދުވެފައި އޮތް، 27 އެކިއެކި ތަފާތު އެސެސްމަންޓް، ރިޕޯޓް، ފީޒިބިލިޓީ ހެދުމަށްޓަކައި، ރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަށް.
 
އަޅުގަނޑުމެން ރާއްޖޭގެ ސަރުކާރު ހިންގުމާ ޙަވާލުވީ، އަޅުގަނޑުމެން ޙަވާލުވާ ދުވަހު ނޫން އަނެއް ދުވަހުވެސް، އެފަދަ ނިޒާމެއް ފަށައިގަތުމުގެ ވިސްނުމެއް ގެންގުޅެމުން. އެގޮތުން އެނގިވަޑައިގަންނަވާނެ، 2009 ވަނަ އަހަރުގެ އޯގަސްޓް، ސެޕްޓެމްބަރު މަހުގެ ތެރޭގައި، މިއަތޮޅުގަޔާއި، ލ.އަތޮޅުގައި މިކަމުގެ ފުރަތަމަ ދަރަޖައިގެ، ފަށައިގަންނަ ދަރަޖައިގެ އިންތިޒާމެއް ފަށައިގަނެވުނު. އެނިޒާމުގެ ތެރެއިން އަޅުގަނޑު އުފާވޭ، މިރަށުން 1931 ދަތުރުކޮށްފައިވާކަން. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އޭގެ ސަބަބުން މިރަށު ރައްޔިތުންނަށް އެމިންވަރަށް، އެދަރަޖައަށް އޮންނާނީ ޚިދްމަތް ލިބިފައޭ. އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި، އެ ނިޒާމުގެ ތެރެއިން ކުރާންހުރި އިތުރު ކަންތައްތަކުގެ ތެރޭގައި، އެބަޖެހޭ މިތަނުގައި ފެރީ ޓަރމިނަލެއް ޤާއިމްކުރަން. އަދި ބަނދަރާ ގުޅިގެން މިހާރު ތިޔަބޭފުޅުން، ބައެއް ބޭފުޅުންނަށް ފެނިވަޑައިގެންފައި އޮވެދާނެ، ބަނދަރުމައްޗެއް އެބަ ތަރައްޤީ ކުރަންޖެހޭ. ބަނދަރެއް އެކަންޏެއް ނޫން. ބަނދަރުމައްޗެއް، ބާޒާރެއް އެބަ ބަނދަރާއެކުގައި އުފައްދާން އެބަޖެހޭ. އޭގައި ގުދަންވެސް އެބަ ހުންނަންޖެހޭ. ފިހާރަވެސް އެބަ ހުންނަންޖެހޭ. ފެރީ ޓަރމިނަލްވެސް އެބަ ހުންނަންޖެހޭ. މާރުކޭޓްވެސް އެބަ ހުންނަންޖެހޭ. ތިޔަބޭފުޅުން ދެންމެ ފާހަގަކުރެއްވި ފަދައިން، އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިހާރުވަނީ މާރުކޭޓެއްގެ ކަންތައް ފުދޭވަރެއްގެ ހިސާބަކަށް ގެންދެވިފައި.
 
ސަރުކާރުގެ އަނެއް ވަރަށްބޮޑު އަމާޒަކަށް، ބޭނުމަކަށް އަބަދުވެސްވެފައި އޮތީ، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން އުޅެނީ، ބޭސްފަރުވާގެ ޚިދްމަތް، އެމީހުންނަށް ނުލިބިގެން، އެކެއް ކައިރިން، އަނެކެއް ކައިރިން، އެފަރުވާއަށް އެދި ސަލާންޖެހުމުގެ ހާލުގައޭ. އަޅުގަނޑުމެންގެ ވަޢުދަކަށްވީ، ރާއްޖޭގައި ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމަށް އަޅުގަނޑުމެން އިންތިޒާމެއް ޤާއިމްކުރާނަމޭ. ހަނދުމަފުޅު ބަހައްޓަވާތި. އަޅުގަނޑުމެންނަށްވެސް ވަރަށް ސާފުކޮށް އޭރުވެސް، މިހާރުވެސް، އަބަދުވެސް އެނގޭ، ރާއްޖޭގެ ހެލްތް ސެންޓަރުތަކުގެ ފެންވަރު ވަރަށް ދަށްކަން. ރާއްޖޭގެ ހޮސްޕިޓާތަކުގައި އެކަށީގެންވާ ޚިދްމަތް ނުދެވޭކަން. އަދި މާލޭގެ ހޮސްޕިޓަލުންވެސް އަޅުގަނޑުމެން ބޭނުންވާ އެކަށީގެންވާ ޚިދްމަތެއް ނުދެވޭކަން. އެއީ އަޅުގަނޑުމެން އެންމެންނަށް އަބަދުވެސް އެނގޭ ޙަޤީޤަތެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެނގިފައި އޮތް އަނެއް ޙަޤީޤަތަކީ، މިދެންނެވި ދެރަ، ދަށް، ކަމުނުދާ ޚިދްމަތަށްވެސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް އަތެއް ނުފޯރައޭ. އެ ޚިދްމަތަށްވެސް އެމީހުންނަކަށެއް، އެޚިދްމަތާ ހިސާބަށްވެސް އެމީހުންނަކަށެއް ނުދެވެއޭ. އެހެންވީމާ، ސަރުކާރުން ކަނޑައެޅި އެއް ސިޔާސަތަކީ، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމުގެ ގޮތުން، މަދަނައިގެ ވިއުގަ ސަރުކާރުން ޤާއިމްކުރީ. ޤާއިމްކޮށް، އަޅުގަނޑު ވަރަށް ބޮޑަށް އުފާވޭ، މިދިޔަ، މިހިނގައިދާ އަހަރުގެ ތެރޭގައި، މިރަށުގެ 135 ރައްޔިތަކަށްވަނީ މަދަނައިގެ ޚިދްމަތް ލިބިފައި. މަދަނައިގައި އެބޭފުޅުން ހިމެނިފައި. އަދި އެއަށްވުރެން އަޅުގަނޑު ހަމަ އުފާވޭ، އެ 135 ރައްޔިތުންނަށް ބޭސް ކުރުމަށްޓަކައި މިއަހަރުގެ ބަޖެޓުގައިވެސް، މިދިޔަ އަހަރުގެ ބަޖެޓުގައިވެސް، މިއަންނަ އަހަރުގެ ބަޖެޓުގައިވެސް 13.5 މިލިއަން ރުފިޔާ އެއްކައިރި ކުރެވިފައިވާކަން.
 
ތިޔަބޭފުޅުން ވިދާޅުވެދާނެ، އެ 13.5 މިލިއަން ރުފިޔާ މިތަނުގެ ހެލްތް ސެންޓަރަށްލީމާ، މާ ރަނގަޅު ނޫންހެއްޔޭ. އޭރުން މިތަނުގައި ތިޔަބޭފުޅުން ތިޔަ ބޭނުންވާ ކަމެއްވެފައި އޮވެދާނެއޭ. އެހެނެއް ނޫން އެކަން ވަނީކީއެއް. އެކަށީގެންވާ ޚިދްމަތެއް ދިނުމަށްޓަކައި ވަރަށްބޮޑު ހޮސްޕިޓަލެއް ހަދާންޖެހޭ. އެހެންވީމާ، މަދަނައިގެ ޚިދްމަތުން ވީހާވެސް ގިނަ ބަޔަކަށް، އެކަށީގެންވާ ޚިދްމަތްތައް ހުރި ތަންތަނުން އެ ޚިދްމަތްތައް ހޯދައިދިނުމުގެ އިންތިޒާމެއް. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެއީ ވަރަށް މުހިންމު އިންތިޒާމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް މިއޮތް ތަނުގައި، މިރަށު ހުރިހާ ރައްޔިތުންވެސް މަދަނައިގައި ރަޖިސްޓްރީ ކޮށްފައި ތިބުން. ހުރިހާ ރައްޔިތުންނަށްވެސް އެކަށީގެންވާ ރަނގަޅު ބޭސް ޚިދްމަތް، ފަރުވާ ލިބެމުން ދިޔުން. އަޅުގަނޑަށް ޔަޤީން، މިރަށުގައި ވަރަށް ގިނަވާނެ ވިޔަފާރިވެރިން. އަދި މިރަށުގައި މަސައްކަތް ކޮށްއުޅޭ މީހުންވެސް ގިނަކަމަށްވާތީވެ، މީގެ ދެއަހަރު ކުރީގައި ތިޔަބޭފުޅުންނާ ހަމައަށް ބޭސް ސިޓީ ހިފައިގެން އައި މީހުން، މިދިޔަ އަހަރު އައިތޯ؟ މިދިޔަ މަހު މީހަކާ ދިމާވިތޯއޭ، ބޭސް ސިޓީއެއް ހިފައިގެން އުޅޭ. އަޅުގަނޑު ފަހަރެއްގައި އަމިއްލައަށް ހިތަށް އަރައިދާނެ، އަޅުގަނޑު މިހާރު ގޭގައި އަބަދު ހުންނާތީވެ، ސައި ހޮޓަލަކަށް ނުނުކުންނާތީ، މަގުމަތީ ނޫޅޭތީވެ، އެ ސިޓީ އަޅުގަނޑާ ހަމައަށް ނާންނަނީއޭ. އެކަމަކު ގާތް ރައްޓެހިން ކައިރީ އަހާލާވެސް އެބައުޅެން. ބައެއް ވިޔަފާރިވެރިން ކައިރީގައިވެސް އެބަ އޮޅުންފިލުވަން، އެ ސިޓީ ލިބޭތޯއޭ. އަޅުގަނޑަށް އެނގެނީ، ލިބުނަސްވެސް ލިބޭ މިންވަރު ވަރަށްބޮޑުތަނުން ކުޑަވާނެއޭ.
 
އަޅުގަނޑުމެންގެ އަނެއް ސިޔާސަތަކަށްވީ، އަޅުގަނޑުމެން ދުށީ ރާއްޖެ ތަރައްޤީވެފައި މިވަނީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ވަރަށް ގިނަގުނަ މަސައްކަތް ކޮށްގެނޭ. އެމީހުން މަހަށް ދިޔައީތީއޭ، އެމީހުން މަސް ކެއްކީތީއޭ، އެމީހުން އޮޑިދޯނިފަހަރު ބަނީތީއޭ، އެމީހުން ރިޒޯޓްފަހަރު އެޅީތީއޭ. މިއަދު ދިވެހި ސަރުކާރުން ބަޔަކަށް ޕެންޝަންދޭން ނިންމައި ބަލާއިރުގައި، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ދުށުމަކީ، އަޅުގަނޑުމެންގެ ޕާޓީ އެއްގޮތަކަށްވެސް ބަލައިގެން ފަލްސަފާއެއް ނޫން. އަޅުގަނޑުމެން ދުށީ ރާއްޖޭގައި ޢުމުރުން 65 އަހަރުވެފައި ހުރި ކޮންމެ މީހަކަށް، އަންހެނަކަށްވެސް، ފިރިހެނަކަށްވެސް ދެހާސް ރުފިޔާގެ ޕެންޝަން ޙައްޤޭ. އަޅުގަނޑު އުފާވޭ، މިއަދު ހިރިލަންދޫގައި، 65 އަހަރުން މަތީގެ 44 ރައްޔިތަކަށް، ކޮންމެ މަހަކު، ކޮންމެ މަހަކު އަޅުގަނޑުމެންނަށް މިދެވެނީ، އެ ޚިދްމަތް، އެ އެހީތެރިކަން ދެވެމުން. މިއަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، 1.8 މިލިއަން ރުފިޔާ، 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ވަނީ ދެވިފައި. އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އެއިން އަންނަ ބަދަލު އަޅުގަނޑަށް އެބަ ފެނޭ. ހަމައެކަނި ދޮށީ ޢުމުރުގެ މީހާއަކަށް ނޫން. އޭނާއަށް ބޭސްފަރުވާ ލިބުމެއް ނޫން. އޭނާގެ ދަރިންނަށްވެސް އޭގެ ސަބަބުން ލިބޭ ލުޔާއި އަދި ޔަޤީންކަމާ އެކީގައި މައިންބަފައިން ނުވަތަ ބައްޕައިންނާއި، މަންމައިންނާއި، ކާފައިންނާއި، މާމައިން ބަލަހައްޓައިދޭނެ އިންތިޒާމެއް ޤާއިމް ކުރުމަކީ، ޒުވާން ޖީލަށް އިތުބާރާ އެކީގައި ނުކުމެ މަސައްކަތް ކުރުމުގެ ފުރްޞަތު ލިބޭނެ ކަމެއްކަން އެއީ އަޅުގަނޑަށް އަބަދުވެސް ޤަބޫލުކުރެވޭ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އަދިވެސް ޒުވާނުންނަށްޓަކައި ދޮށީ ޢުމުރުގެ މީހުނާ އަޅާލުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް.
 
އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އިޖްތިމާޢީ ރައްކާތެރިކަން ހުރިހާ އެންމެންނަށްވެސް ހޯދައިދިނުން. އޭގެތެރޭގައި، އެކަނިވެރި މައިންނާއި، ނުކުޅެދޭ މީހުންނާއި، ޔަތީމު ކުދިންނާއި، މިސްކީން ފަޤީރުން ހިމެނޭ. އެމީސްމީހުންނަށް އަޅުގަނޑުމެންގެ މުއްސަނދިކަމުން، މިދައުލަތަށް ލިބޭ އާމްދަނީއިން އެއްޗެއް ފޯރުކޮށްނުދެވޭނަމަ، އޭގެ ބުރަ އަޅުގަނޑުމެންގެ އެންމެންނަށް އަބަދުވެސް ފޯރާނެ. އެހެންވީމާ، ސަރުކާރުން މިވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ ރަނގަޅު ވިއުގައެއް މިހާރު އެކުލަވައިލާފައި. އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް މިގެންދެވެނީ އެ ވިއުގަ ހިންގަމުން.
 
ވަށާޖެހޭ ތަޢްލީމަކާއި، އެއްދަންފަޅިއަށް މަދަރުސާ ބަދަލުކުރުމަކީ ރަނގަޅު، ތަންދޮރު އެނގޭ، ކަނޑުފަޅު ދަންނަ ޖީލެއް، މި ރާއްޖޭގައި ޞިނާޢީ ތަރައްޤީއަށް މަސައްކަތްތެރި ކަމަށް ނުކުތުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑުމެން ދުށިން. ކުއްޖާ މަދަރުސާއަށް ދަނީ ހަމައެކަނި ކިޔަވާކަށް ނޫންކަމާއި، ތަޢްލީމަކީ، ކިޔެވުމަކީ ހަމައެކަނި ފޮތުންކުރާ ކަމެއް ނޫންކަން އަޅުގަނޑުމެންގެ ތަޢްލީމީ މާހިރުން އަދި އިންސާނީ ތަޖްރިބާ އެހެން ބުނަމުން އަންނަތާ ކިތަންމެ ކިތަންމެ ދުވަހެއްވެއްޖެ. އަޅުގަނޑުމެން ދުށީ، އެއްދަންފަޅިއަށް މަދަރުސާ ހަދައި، މެންދުރުފަހު އެކީގައި ދަރިވަރުންނަށް ކުޅެވޭނެ އިތުރު ޙަރަކާތްތަކުގައި އުޅެވޭނެ އިންތިޒާމެއް، އުޅެވޭނެ ގޮތްތަކެއް މަދަރުސާތަކުގައި އެކުލަވައިލެވިގެނޭ، މަދަރުސާތައް އަދި ތަޢްލީމު، މި ރާއްޖޭގައި ތަރައްޤީވެދާނީ. އިރާދަކުރައްވައިގެން، މިރަށުގައި އަޅުގަނޑުމެންނަށް މިހާރު މިވަނީ ސްކޫލްގައި ލައިބްރަރީއެއް ޢިމާރާތް ކުރެވި، އިރާދަކުރައްވައިގެން، 1,50000ރުފިޔާ ޚަރަދު ކުރެވިފައި. އެއީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި އަޅުގަނޑުމެންނަށް މިވަނީ ސައިންސް ރޫމް ޢިމާރާތް ކުރުމަށް 1,70000 ރުފިޔާ، އިރާދަކުރެއްވިއްޔާ ޚަރަދު ކުރެވިފައި. އަދި ހަތަރު ފާޚާނާ ހިމެނޭ ބްލޮކެއްވެސް މިރަށުގެ މަދަރުސާގައި ޤާއިމް ކުރުމަށް، މުޅި ޖުމްލަ މިއަހަރުގެ ތެރޭގައި މަދަރުސާގެ އެކިއެކި ކަން ރަނގަޅުކޮށް ފުރިހަމަ ކުރުމަށްޓަކައި އިރާދަކުރައްވައިގެން، 5,00000 ޚަރަދުކުރެވިފައި އޮތް ކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ ބޭނުމަކީ ދަރިވަރުންނަށް އެހީތެރިވުން. އެހެންވީމާ، އެގޮތުން މިއަހަރު އަޅުގަނޑުމެންނަށް ސަރުކާރަށް 1,84000 ރުފިޔާގެ ފޮތާއި ފަންސުރާއި، ތަޢްލީމަށް ބޭނުންވާ ތަކެތި ހިރިލަންދޫ ކުދިންނަށް، ދަރިވަރުންނަށް ގަނެދެވިފައިވާކަމީވެސް ޑޮކްޓަރ ލުޠުފީއާއި އަދި އެމިނިސްޓްރީގެ ހުރިހާ ބޭފުޅުންނާއި، އަދި މިއަދުގެ ވަޒީރުވެސް ވަރަށް ބޮޑަށް އެކަމާ ހިތްހަމަޖެހޭ ކަމެއް. އަޅުގަނޑުމެން އުފާވާ ކަމެއް. އަދި މިއަށްވުރެ އެންމެ ބޮޑަށް އަޅުގަނޑު އުފާވާ އަނެއް ކަމަކީ، މިރަށުގެ 38 ކުއްޖަކަށް ތަޢްލީމު، ބޭރުގެ އިމްތިޙާންތަކުގައި ބައިވެރިވުމަށް، އެއިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކުމުގެ ގޮތުގައި ސަރުކާރަށް 63000 ރުފިޔާ ޚަރަދު ކުރެވިފައިވީކަން. އަޅުގަނޑުމެންނަށް ލިބޭހާ ފައިސާއެއް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޚަރަދުކުރާނީ ރައްޔިތުންނަށް. ތިޔަބޭފުޅުން އިތުބާރު ކުރައްވާ، އަޅުގަނޑު ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހެން، އަޅުގަނޑުމެން މިކަމުގައި، އަޅުގަނޑުމެން މި ރާއްޖޭގެ ސަރުކާރުގައި، މި ރާއްޖެ ހިންގުމުގައި މިތިބެނީ ހަމަ އެންމެ ބޭނުމަކަށްޓަކައި. އެއީ، ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނާއި، ދަރީންގެ ދަރީންނަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރާއި، ފޮނި އުންމީދު އަޅުގަނޑުމެންނަށް ލިބިފައި އޮތީތީވެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަޅުގަނޑަށް އެނގޭ ތަންކޮޅެއް ދިގުވެސް ވެއްޖެކަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އެހެން ނަމަވެސް އަދިވެސް އިތުރަށް ދަންނަވާލަން ބޭނުން ވާހަކައެއް އެބައޮތް. މިފަހަރުގެ ބަޖެޓްގެ އެންމެ މުހިންމު އެއް އަމާޒަކީ، ވަޒީފާގެ ފުރްޞަތު ހޯދުން. އެހެންވީމާ، މިފަހަރުގެ ބަޖެޓްގެ އެންމެބޮޑު އެއް އަމާޒަކީ ހިރިލަންދޫ. މި ބަޖެޓްގައި ހުންނާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް، ސަރުކާރުގެ ލޯން ގެރެންޓީދޭނެ ވަކި ތަންތަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި. އެއީ ވިޔަފާރި ރަނގަޅު ތަންތަން. މަސައްކަތް ބާރަށް ހިނގާ ތަންތަން. އެތަންތަނުގައި ވިޔަފާރި ހިންގުމަށްޓަކައި، ވިޔަފާރި ހަރުދަނާ ކުރުމަށްޓަކައި މިދަންނަވާ ކުދި އަދި މެދުފަންތީގެ ލޯނުގެ ފުރްޞަތުތައް، މިރަށުގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް މިފަހަރުގެ ބަޖެޓްގައި އޮންނާނެ. އަޅުގަނޑު ހަނދާންވާ ގޮތުގައި، ހަތް މިލިއަން، އަށް މިލިއަން ރުފިޔާ އެބައޮތް. އެއީ، އަޅުގަނޑު ދެންމެ މިދެންނެވި ތިރީސް މިލިއަން ރުފިޔާގެ އިތުރުން.
 
އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުން ރާއްޖެއިން ބޭރަށް މިހާރުވެސް ތިޔަ މަސް ބޭރުކުރަނީ ބޭރަށް ގެންދިޔުމަށް. ސަރުކާރުން ވެދެވެންހުރި އެހީތެރިކަމަކީ، ކޮށްދެވެންހުރި ކަންކަމަކީ ކޮބައިތޯ ދެނެގަނެ، އެކަންކަން އަޅުގަނޑުމެންނަށް ހަމަ މަގަށް ގެންދިޔުން. ތިޔަބޭފުޅުންގެ އަތޮޅު ދަރިއެއް ޑޮކްޓަރ ޙުސައިން ރަޝީދު މިކަމުގައި އިސްނަގާ ހުންނަވަނީ. ކުރީގައި ޢާންމުކޮށް މަސް ގަނެ ބޭރުކުރުމުގެ ހުއްދަ މިއޮތީ ހަމައެކަނި ދެތިން މީހަކަށް ދެވިފައި. މިއަދު މިދިޔަ މަސްވެރިންގެ ދުވަހު އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ފަރާތަކަށްވެސް، ކޮންމެ ބޭފުޅަކަށްވެސް ރޯމަސް ގަނެ، އެކްސްޕޯޓް ކުރުމުގެ ފުރްޞަތާއި ގޮތްތައް މިހާރު މިވަނީ ހުޅުވާލެވިފައި. އެހެންވީމާ، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިހާރުވެސް 8 ފަރާތަކުން ވަނީ އެ ހުއްދައަށް އެދި، އެ ހުއްދަ ހޯއްދަވާފައި. އަދި އަޅުގަނޑުމެން މިހާރު މިދެކެނީ، މިފަރާތްތަކުގެ ވާދަވެރިކަމުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުން ބާނާ މަހުގެ ހަމަ އަގު އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ލިބޭނޭ.
 
 އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، މަސްކިލޯއެއް ރާއްޖޭގެ ރައްޔިތުން އަތުން ސަރުކާރުން ގަންނަމުން ގެންދިޔައީ ދެރުފިޔާ ބަޔަށް. ދެން އެހެން ނޫނިއްޔާ، އެއްރުފިޔާ ފަންސަވީސް ލާރިއަށް. އަޅުގަނޑުމެން ބުނަމުން ގެންދިޔައިން، ވިޔަފާރި ހުޅުވާލައި، ޢާންމު ވިޔަފާރި ހުޅުވާލައި، ވާދަވެރި ވިޔަފާރީގެ ތެރެއަށް، ވާދަވެރިކަމުގެ ތެރެއަށް ވިޔަފާރި ނެރުނީމާ،    އެ ވާދަވެރިކަމުގައި ފައިދާވާނީ، ތަކެތި އުފައްދާ މީހުންނަށޭ. ފައިދާވާނީ ތަކެތި ބޭނުންކުރާ މީހުންނަށޭ. ފައިދާވާނީ ވިޔަފާރިއަށޭ. ރާއްޖޭގެ މަހުގެ ހަމަ އަގު އަޅުގަނޑުމެން އޭރު އަންދާޒާ ކުރީ އިރާދަކުރެއްވިއްޔާ، ހަތްރުފިޔާ، އަށްރުފިޔާއަށް އަރާނެއޭ. މިއަދު ރާއްޖޭގައި މަސް ކިލޯއެއްގެ އަގަކީ ބާރަ ރުފިޔާ. އެއީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ގަންނަމުން އަންނަ އަގު. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ވާދަވެރިކަމުގެ ތެރޭގައި، އަމިއްލަ ފަރާތްތައް މަސް ގަންނަމުން މިއަންނަނީ ތޭރަ ރުފިޔާއަށް ކިލޯއެއް. ސީދާ މިރަށުން މި މަސް މިހާރު ޕްރޮސެސްކޮށްގެން، ރާއްޖެއިން ބޭރަށް އެބަ ބޭރުކުރެވޭ. އެވިޔަފާރި، އެ ޞިނާޢަތް ރަނގަޅު ކުރުމަކީ، އެއީ އަޅުގަނޑުމެންގެ ތަރައްޤީގެ އަމާޒަކީ. އެއީ، އަޅުގަނޑުމެންގެ ބަޖެޓުގެވެސް އަމާޒަކީ. އެއީ، އަޅުގަނޑުމެންގެ ސަރުކާރުގެވެސް އަމާޒަކީ. އަޅުގަނޑުމެންގެ ޙާލަތު މިއަދު މިއޮތް މިންވަރުން، އެހެން ޙާލަތަކަށް ބަދަލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން.
އަޅުގަނޑު މިރަށަށް ހަމަ މިދެންނެވިހެން އަބަދުވެސް އަންނާނަން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާއެކީގައި، ތިޔަބޭފުޅުންގެ ތަރައްޤީގެ މަސައްކަތްތަކުގައި އުޅެވޭނެ. މަސައްކަތެއް ނުކުރެވޭނެ ކުޅިވަރު ނުކުޅެއެއް. އެހެންވީމާ، ޒުވާނުންގެ ކުޅިވަރުގެ ކަންކަން ފުރިހަމަވާން އެބަޖެހޭ. އަޅުގަނޑު އަދި އިތުރަށް ބަލައިދޭނަން، ބޯޅަދަނޑަށް އަދިވެސް އަޅުގަނޑުމެންނަށް ކޮށްދެވެންހުރި އިތުރު ކަންކަން. އަޅުގަނޑަށް ހީވަނީ ހުންނާނެހެން، ހަމަގައިމުވެސް ބޯޅަކޮޅަކާއި ގޯލްޕޯސްޓަކާ، މިބާވަތުގެ ކަންކަން އަޅުގަނޑަށް ހީވަނީ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ތެރެއިން ބަލައިގެން އެއީ ނުކޮށްދެވޭވަރު ކަމަކަށް ނުވާނެހެން. އެހެންވީމާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ތިއެދޭ ހަމަ ހުރިހާ ކަމެއްވެސް، އެކުރެވެން އޮތް ގޮތަކަށް ކުރުމުގައި އަޅުގަނޑު ކުރިއަށްދާނަން.
 
އަޅުގަނޑަށް އެނގޭ، އަޅުގަނޑު ހަމަ މިރަށުން ފައިބާތަނުން ތިޔަބޭފުޅުންގެ ތެރޭގައި ބަޙުޘް ހިނގާނެ. މިދިޔަ ދުވަހު އައިސް ދެއްކި ވާހަކަ ކޮބައިހެއްޔޭ؟ އެދުވަހު ބުނި އެއްވެސް ކަމެއް ނުވޭނޫންހެއްޔޭ. ދެން ނަޞީބަކުން މިރަށުގައި ހުރީ ގިނަ ކަންތައް ވެފައި. އެހެންވީމާ، އެ ބަޙުޘްގައި އެހާ އާރުނުލާދާނެ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނަން ވާހަކައެއް، އަޅުގަނޑު ބޭނުމެއް ނޫން އެބަޙުޘްގައި ބައިވެރިވާކަށް. ތަރައްޤީއަކީ ހަމައެކަނި ވަށާ ފާރެއް ނޫން. ތަރައްޤީއަކީ ހަމައެކަނި އެއްގަމު ތޮށްޓެއް ނޫން. ތަރައްޤީއަކީ ހަމައެކަނި ބޭރު ތޮށްޓެއްވެސް ނޫން. ތަރައްޤީއަކީ އަޅުގަނޑުމެންގެ ޖީބަށް ވަންނަ ފައިސާގެ ޢަދަދު އިތުރުވުން. ތަރައްޤީއަކީ އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުން. 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު މި ރާއްޖެ ދުށް ތަދުން ރާއްޖެ ސަލާމަތް ކުރެވުނީ، އަޅުގަނޑު ދެކޭގޮތުގައި، 65 އަހަރުން މަތީގެ މީހުންނަށް، އެ ދެވުނު ޕެންޝަންގެ 450 މިލިއަން ރުފިޔާ، ސީދާ ރަށްރަށަށް ލިބުނީތީވެ. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ ރައްޔިތުންގެ ޙާލަތު ވަރަށް ގޯސްވެގެން ދިޔައީސް. އަޅުގަނޑުމެންނަށް މިކަންކަން އިރާދަކުރެއްވިއްޔާ، މިއަދު މިދަނީ ސާފުވަމުން. އަދި އަޅުގަނޑު ހިރިލަންދުއަށް އައީ ދަމާކަނޑާކަށެއް ނޫން. އަޅުގަނޑު ހިރިލަންދުއަށް ތިޔަބޭފުޅުންގެ ވޯޓެއް މިއަދު ދެއްވައިފިއްޔާ، މާދަން އަޅުގަނޑު އެވެނި ކަމެއް، މިވެނި ކަމެއް ކުރާނަމޭ، ތިޔަބޭފުޅުން އަރިހު ދަންނަވާކަށެއް ނޫން.
 
އަޅުގަނޑުމެން ހިރިލަންދުއަށް ކުރަން ބޭނުންވާ ކަންތައް އަދި އަޅުގަނޑުމެންގެ ނަޒަރުގައި ހިރިލަންދުއަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ، މިރާއްޖެއަށް ބޭނުންވާ ކަންކަން. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަން. އެހެންވީމާ، ހިރިލަންދޫގެ ރައްޔިތުންނާ ނުލައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑު އަދި        މި ސަރުކާރުން، ސަރުކާރުގެ ޕްރޮގްރާމްތައް، އިރާދަކުރެއްވިއްޔާ މި ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ހިރިލަންދޫގައި ހިންގާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކާމިޔާބުވާނެ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް ކާމިޔާބުގެ މަގުގައި ކުރިއަށް ދެވޭނެކަން. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތު ކުރައްވާ ބޭބޭފުޅުން، އެއީ ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސަރުކާރާ އެކީގައި ކުޑަ މިންވަރަކަށް އުޅުއްވާ ނަމަވެސް، އަޅުގަނޑަށް، އަޅުގަނޑުމެންނަށް، މި ސަރުކާރަށް ތިޔަބޭފުޅުންނަށް ކޮށްދެވެންހުރި ކަންތައްތައް ވަރަށްގިނަވީސް. އަޅުގަނޑު އެދުނީމާވެސް ތިޔަބޭފުޅުންގެ މެންބަރާ އޮންނަނީ ބައްދަލުނުވެފައި. އެހެންވީމާ، އަޅުގަނޑަށް ދެން ތިޔަބޭފުޅުންނާއެކުގައި ކުރާންހުރި ކަމެއް ކޮށްދެވެން އޮތީ، ތިޔަބޭފުޅުންގެ ކައުންސިލް މެދުވެރިކޮށްގެން. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންނަށް ވާހަކަ ދައްކާލެވޭ، މަޝްވަރާކޮށް އުޅެވޭ، ރަށުގެ ތަރައްޤީއާ ގުޅޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވޭނޭ ބަޔަކު ތިޔަބޭފުޅުން ޚިޔާރު ކުރައްވާނެ ކަމަށް.
އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންނަށް ހަމަ ތަރައްޤީ ބާރަށް އަޅުގަނޑުމެން ގެންދަން އުޅޭ ރަށްރަށް އަޅުގަނޑުމެންނަށް ވަނީ ފާހަގަޖެހެމުން. އެރަށްރަށް މެދުވެރިކޮށްގެން، އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީގެ އިންޖީނު ހިންގެން އޮތީ. އެހެންވީމާ، މިއީ އިންޖީނުގެ ބައެއް. މިބައި ނުލާ އަޅުގަނޑުމެންނަށް މިމަސައްކަތް ކުރަން ދަތި. ތިޔަބޭފުޅުންގެ އެހީތެރިކަން އަޅުގަނޑަށް އެހެންވީމާ، ވަރަށް ބޮޑަށް ބޭނުން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمد للّـه. والسّـلام عليـكم. 
                _______________________