بســماللّـهالرّحمـنالرّحيــم
 
މިނިސްޓަރ އޮފް ހޯމްއެފެއާޒް، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕް، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން. އަދި ތިމަރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު. އަޅުގަނޑުމެންނާއެކީގައި ސަރުކާރުން ވަޑައިގެން ތިއްބެވި ބޭފުޅުންނާއި އަދި ވަކިން ޚާއްޞަކޮށް، ވޭމަންޑޫގެ ލޮބުވެތި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުންދިޔަ ނުކުތާއެއް، އަޅުގަނޑަށް ފެންނަ ފެނުމުގައި ހަމަ އަލުން އަނބުރާ އަނެއްކާވެސް ފާހަގަކުރުމަކީ، މިވަގުތު ވަރަށް މުނާސަބު ކަމެއް. ޤައުމެއް ތަރައްޤީ ކުރުމަށް، ރައްޔިތެއްގެ ޙާލަތު އަނެއް ޙާލަތަށް ބަދަލުވުމަށް، އަޅުގަނޑުމެންގެ އާމްދަނީ އިތުރުވެގެން ދިޔުމަށް، އަޅުގަނޑުމެންގެ ޙާލަތު، އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރިވުމަށް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބުމަށް، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް އެބަކުރާންޖެހޭ. އިންސާނީ ތަޖްރިބާ އަޅުގަނޑުމެންނަށް ދައްކާފައި އޮތީ، މިދެންނެވި ވަކި ޚާއްޞަ ކަންތައްތައް، ވަކިގޮތަކަށް ވަކިއިރެއްގައި ކުރީމާ، މުޖްތަމަޢުތައް، ޤައުމުތައް، އާބާދީތައް، ރައްޔިތުން ފުރޮޅި ދެވޭ ރައްޔިތުންގެ ޙާލަތު ބަދަލުވެގެން އާދެއޭ. އެގޮތުން އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވިފައި އޮތް އެންމެ މުހިންމު އެއްކަމަކީ ރައްޔިތަކު ހުޅުވާލުމޭ. ރައްޔިތަކަށް މިނިވަންކަން ހޯދައިދިނުން. ރައްޔިތެއްގެ ޚިޔާލު ފާޅުކުރުމާއި، އެ ރައްޔިތަކަށް އެއްވެ އުޅުމާއި، ޝުޢޫރު ފާޅުކުރުމާއި، އެ ރައްޔިތަކަށް ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ފުރްޞަތު ހުޅުވާލުން. ތަރައްޤީއަށް އޮތް އެންމެ މުހިންމު އެއް ވަސީލަތަކީ މިދެންނެވީ.
 
ހަމައެއާއެކީގައި ތަރައްޤީ އަޅުގަނޑުމެންނަށް ހޯދުމަށް، ތަރައްޤީ ލިބުމަށް އެ ރައްޔިތަކާ ގާތުން އެރައްޔިތެއްގެ ނިންމުންތައް، އެ ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާއި، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ރައްޔިތެއްގެ ކަންކަން ނިންމަމުން ގެންދިޔުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އިރާދަކުރައްވައިގެން، ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެންނަށް މިއެޅެނީ، މިދެންނެވި މަސައްކަތުގެ ބިންގާ. އެ ބިންގާގެ މަތީގައި އަޅުގަނޑުމެންނަށް ބިނާކުރެވުނީމާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމުގެ ކަންކަން މަގުފަހިވެގެންދާނެ. ސަރުކާރަކަށް ނުވަތަ ސަރުކާރު ހިންގާ ޕާޓީއަކަށް ހަމައެކަނި ކައުންސިލެއް އެކުލަވާލެވި، އިންތިޚާބު ވުމަކުންނެއް އަތްދޫކޮށްދެވޭކަށެއް ނެތް. ސަރުކާރުގެ ޒިންމާއެއް، ސަރުކާރުގެ މަސްއޫލިއްޔަތެއް އެއީ، އެ އުފެދޭ ކައުންސިލްތައް އެއީ، ހެޔޮގޮތުގައި ރަށުގެ ތަރައްޤީއަށް މަގުފަހިކޮށްދޭނޭ މުއައްސަސާތަކަކަށް ހެދުން. އެގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓް ސަރުކާރުން ތަންފީޒު ކުރުމަށް ނިންމާފައިވާ އެއް ނިންމުމަކީ، މިރާއްޖޭގެ ރަށްތަކަށް، އެ ރަށްތަކުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އަދި ޚާއްޞަކޮށް، ސަރުކާރުގެ ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް ބޭނުންވާ ފައިސާ ރަށްރަށަށް ދިނުން.
 
އެނގިވަޑައިގަންނަވާނެ، މީގެކުރީގައި މިރަށުގެ ބަޖެޓަކީ ނުވަތަ މިރަށަށް ސަރުކާރުގެ އެކިއެކި ކަންކަން ހިންގުމަށް ކަނޑައެޅިފައި މިއޮންނަނީ، ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ. އެހެންނަމަވެސް، މިފަހަރު ސަރުކާރުން ކަނޑައަޅާފައިމިވަނީ، ސަރުކާރުގެ ޕްރޮގްރާމްތައް މިރަށުގައި ހިންގުމަށް 31 މިލިއަން އެތައް ރުފިޔާއެއް. އަޅުގަނޑުމެންގެ ބޭނުމަކީ، މިފައިސާ މިރަށުގެ ކައުންސިލުންނާއި އަދި މިއަތޮޅުގެ ކައުންސިލުން ބަލަހައްޓައި، އަތޮޅުގެއާއި ރަށުގެ ރައްޔިތުންނަށް ފަހިވާގޮތަށް ކަންކަން ހިންގުމަށާއި އަދި ރާއްޖޭގެ ތަރައްޤީއަށް، އޭގެ ސަބަބުން ފައިދާ ލިބިގެން ދިޔުން.
 
 އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން ގެންދިޔަ ކަންތައްތަކެއް ހުރި. އަޅުގަނޑުމެންގެ ނަޒަރުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ވިޔަފާރި ތަރައްޤީވެގެން މެނުވީ، އަޅުގަނޑުމެން     މި އެދޭ ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑުމެންނަށް ބައެއްފަހަރަށް ވިސްނޭ ވިސްނުމުގައި، ތަރައްޤީ މިނިފައި މިއޮންނަނީ، ރަށުގައި އަޅާ ބޮޑު ބަނދަރަކުން ނުވަތަ ރަށުގައި ހަދާ ބޮޑު ޢިމާރާތަކުން. ބަނދަރަކީ ވަރަށް ބޭނުންތެރި އެއްޗެއް. އެހެންނަމަވެސް، އެ ބަނދަރެއްގެ ބޭނުން ފުރިހަމައަށް ހިފޭނީ، އެރަށެއްގައި ވިޔަފާރި ތަރައްޤީވެގެން. އެރަށަކުން އެބަނދަރެއްގެ ބޭނުން ހިފޭނެ ގޮތްވީމާ. އަޅުގަނޑު އުފާވޭ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީއިރުގައި، މިރަށުގެ ބަނދަރު ހެދެން އޮތީ ފެށިފައި. އެހެންނަމަވެސް، އޭގެފަހުން އަދި އިތުރަށް ފައިސާ ހިމަނައިގެން 45 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިރާދަކުރައްވައިގެން، މިރަށުގެ ބަނދަރު މިއޮތީ ނިންމިފައި. މިބަނދަރު ނިމުމާއެކީގައި އަދި ބަނދަރެއް އަޅުގަނޑުމެންނަކަށެއް ނިންމުނީ ކަމަކަށް އަޅުގަނޑުމެންނެއް ނުދެކެން. މިހާރު ސަރުކާރުން ވިސްނާފައި އޮތީ އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، މިދަރަޖައިގެ ބަނދަރެއްގައި ވެއްޖިއްޔާ، ބާޒާރު މައްޗެއް ބަނދަރާ ގުޅޭގޮތުން އުފެދިފައި އޮންނަންޖެހޭނެ. އޭގެތެރޭގައި، ގުދަންވެސް، ފިހާރަވެސް، މާރުކޭޓުވެސް، އަދި ފެރީ ޓަރމިނަލްތައްވެސް، މިބަނދަރުގެ ތެރޭގައި ހިމެނިފައި ހުންނަންޖެހޭނޭ. އެހެންވީމާ، މިއަހަރުގެ ސަރުކާރުގެ ބަނދަރު ބާޒާރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ވޭމަންޑޫ ހިމެނި އިރާދަކުރެއްވިއްޔާ، އެމަސައްކަތް މިއަހަރުގެ ތެރޭގައި މިރަށުގައި ފެށިގެންދާނެ.
 
ބަނދަރެއްގެ މިދަންނަވާހެން އެންމެބޮޑު އެއްބޭނުމަކީ، ދަތުރުފަތުރުކުރުމުގެ ނިޒާމުގެ ތެރޭގައި، އެބަނދަރު ބޭނުންކުރުން. ސަރުކާރުގެ އެންމެބޮޑު އަމާޒަކަށްއެވީ ދަތުރުފަތުރު ކުރުން. އެއްތަނުން އަނެއް ތަނަށް މުދަލާއި ފަސިންޖަރުން އުފުލޭނެ ގޮތެއް ހޯދުން. އެކަން ހޯދުމަށްޓަކައި ސަރުކާރު ހިންގުމާ މިޕާޓީން އަޅުގަނޑުމެން ޙަވާލުވުމުގެ ކުރީގައި ނިމިފައި އޮތް ނިންމުމަކީ، 7 އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ރަނގަޅު ނިޒާމެއް، މިރާއްޖޭގައި ޤާއިމުކުރުން. އެގޮތުން، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި ކަނޑައެޅިފައި އޮތީ، އަސާސީ ޚިދްމަތްތަކެއް ދޭން ފެށުން. އަޅުގަނޑު އުފާވޭ، މިރަށުގައި މިނިޒާމު ޤާއިމު ކުރެވުނު ފަހުން މިރަށުގެ އެގާރަހާސް މީހުން، އެގާރަހާސް ދަތުރަށް މިރަށު މީހުން އަރައިފި. އެގާރަހާސް ހަތްސަތޭކަ މީހުން އެދަތުރަށް އަރައިފި. އަދި މިރަށަށް ތޭރަހާސް މީހުންނަށްވުރެ ގިނަމީހުން ދަތުރުކޮށް، ދަތުރު ނިންމައިފި. އަޅުގަނޑު ދެކެނީ، އެއީ އަޅުގަނޑުމެން އެންމެންނަށް، ވޭމަންޑޫ ރައްޔިތުންނަށާއި، މިއަތޮޅަށާއި އަދި މިރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއް ކަމަށް. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، ކުރިއަށް އޮތްތަނުގައި މިނިޒާމު އަދި މިއަށްވުރެ ފުރިހަމަކޮށް، މިއަށްވުރެ ރަނގަޅު ކުރުމަށް.
 
ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، ރާއްޖޭގެ ގިނަގުނަ ރައްޔިތުންތައް ބޭސްފަރުވާއަށް ސަލާން ޖަހަން ޖެހުނަ ނުދިނުން. އަޅުގަނޑުމެން އަބަދުވެސް ގަބޫލު ކުރަމުން އައި އެއް ޙަޤީޤަތަކީ، އަޅުގަނޑުމެން މިހާރުވެސް ޤަބޫލުކުރާ އެއް ޙަޤީޤަތަކީ ރާއްޖޭގެ ހޮސްޕިޓާތައްވެސް، ހެލްތް ސެންޓަރުތައްވެސް، ހެލްތް ޕޯސްޓްތައްވެސް، އަދި މާލޭގައިވާ ހޮސްޕިޓާވެސް، އެތަންތަނުން ގެންދަމުންދާ ޚިދްމަތްތަކަކީ އަޅުގަނޑުމެން އެންމެން އެދޭ މިންވަރަށް، އެދޭ ފެންވަރަށް ދެވޭ ޚިދްމަތްތަކެއް ނޫންކަން. އެހެންނަމަވެސް، ސަރުކާރަށް ފާހަގަކުރެވިފައި އޮތް އަނެއްކަމަކީ، މިދެންނެވި ކަމުނުދާ މިންވަރަށް ލިބޭ ޚިދްމަތްތަކަށްވެސް، ރާއްޖޭގެ ކޮންމެ ތިން ރައްޔިތަކުން އެކަކަށް އަތްނުފޯރާކަން. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ވަރަށް ފަޤީރު މީހުންކަން، ދުވާލަކަށް ބާރަ ރުފިޔާވެސް އެއްލައްކަ މީހުންނަށް ނުލިބޭކަން. ސަރުކާރުގެ އަމާޒަކަށްވީ މިކަމުން ރައްޔިތުން މިންޖު ކުރުމަށް. އެހެންވީމާ، މަދަނައިގެ ވިއުގަ މިރަށުގައި ޤާއިމުވެގެންދިޔަ. މުޅި ރާއްޖޭގައި ޤާއިމުވެގެންދިޔުމާ އެކީގައި، އެވިއުގައިގެ ތެރޭގައި މިރަށުގެ 235 މީހުން މިހާރުވަނީ މަދަނައިގެ ޚިދްމަތުގައި ބައިވެރިކުރެވިފައި. އަދި އެޚިދްމަތަށްޓަކައި މިއަހަރުވެސް، މިއަންނަ އަހަރުވެސް 23.5 މިލިއަން ރުފިޔާ މިރައްޔިތުންނަށް އެއްކައިރި ކުރެވިފައި ހުންނާނެ، އެބޭފުޅުންނަށް ބޭސްފަރުވާ ހޯދައިދިނުމަށްޓަކައި.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ނިކަމެތި ފަޤީރުންނަށް އަޅާލެވޭނެ އިޖްތިމާޢީ ރައްކާތެރިކަމުގެ އޮނިގަނޑެއް ޤާއިމުކުރުން. އެ އޮނިގަނޑު ޤާއިމު ކުރުމަށްޓަކައި ސަރުކާރުން ދެން އަޅާންފެށި ފިޔަވަޅަކީ، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އަންހެނަކަސް، ފިރިހެނަކަސް، ކޮންމެ މީހަކަށްވެސް ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޕެންޝަނެއް ފޯރުކޮށްދިނުން. އަޅުގަނޑު އުފާވޭ، މިރަށުގެ 42 މީހަކަށް، މިޕެންޝަން މިހާރު ލިބެމުން އަންނަތާ ދެއަހަރުވެއްޖެ. އަދި އަޅުގަނޑު އެންމެ އުފާވާ ކަމަކީ، މިދިޔަ އަހަރުގެ ތެރޭގައި މިރަށަށް 1.5 މިލިއަން ރުފިޔާ، އެ 65 އަހަރުން މަތީގެ ރައްޔިތުންނަށް ދެވިފައިވާކަން. މަންމައާއި ބައްޕަ ނުވަތަ ކާފައާއި މާމަ، ހެޔޮގޮތުގައި ފުރިހަމަ ޞިއްޙަތުގައި ދިރިއުޅެމުން އަންނައިރުގައި، އޭގެން މަންފާ ލިބެނީ، އޭގެން ފައިދާކުރަނީ ހަމައެކަނި އެދޮށީ އުމުރުގެ މީހާއަކަށެއް ނޫން. މުޅިޢާއިލާއަށް، ޒުވާން ކުދިންނަށް، ދަރިންނަށް، އިތުބާރާއެކީގައި ވީއްލިގެންގޮސް އެކުދިންނަށް ހަމަޖެހިގެން މަސައްކަތް ކުރެވެން އަންނާނީ، އެކުދިންގެ މައިންބަފައިންވެސް އެކުދިންގެ ޢާއިލާގެ ދޮށީ ޢުމުރުގެ މީހުންވެސް ހެޔޮހާލުގައި ތިބޭއިރުގައި. އަޅުގަނޑުމެން ދެކެނީ، މިފައިސާ އެބޭފުޅުންނަށް ރައްދުކޮށްދެވުނީމާ، މިރަށްރަށުގެ ޒުވާނުންނަށް ތަރައްޤީގެ މަގުގައި މަސައްކަތް ކުރުމުގެ ބާރު، މަސައްކަތް ކުރުމުގެ ހިތްވަރު، އަދި އެތައް ތަނަކުން ފުޅާވެގެންދާނެ ކަމަށް.
 
 އޭގެ އިތުރުންވެސް އެނގިވަޑައިގަންނަވާނެ، މިރާއްޖެއަށް ލިބިފައިމިވާ ތަރައްޤީއެއް މިއަދު އަޅުގަނޑުމެންނަށް ހޯދިފައިމިވާ ކާމިޔާބީއެއް ހޯދިފައިމިވަނީ، މިރާއްޖޭގެ މިއަދުގެ ދޮށީ ޢުމުރުގެ ރައްޔިތުން އިއްޔެގައި ވަރަށް ގިނަގުނަ މަސައްކަތް ކުރީތީވެ، އެމީހުން މަހަށް ދިޔައީތީވެ، އެމީހުން ފަރަށް ދިޔައީތީވެ، އެމީހުން ވެއްޔަށް ދިޔައީތީވެ، އެމީހުން ރުކަށް އެރީތީވެ، އެމީހުން އޮޑިފޯނި ފަހަރު ބަނީތީވެ، އެމީހުން ރިޒޯޓު ފަހަރު ހެދީތީވެ. މިއަދު އަޅުގަނޑުމެން ކޮން ބަޔަކަށްތޯ ޕެންޝަނެއް ދޭނީ ވިސްނާއިރުގައި،     އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި މަސައްކަތްކުރި މީހުންކަމަށް ދެކޭ ދެކުމަކީ، އެއްވެސް އިރެއްގައި އަޅުގަނޑުމެންގެ ޕާޓީއަކުންވެސް އަދި މިސަރުކާރެއްވެސް ބަލައިގަތް ވިސްނުމެއްނޫން.
 
 ސަރުކާރުގެ އަމާޒަކީ، އަޅުގަނޑުމެންގެ ތެރެއިން ނިކަމެތިންނަށް އަޅާލެވޭނެ އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައެއް ޤާއިމު ކުރުން. އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް މިއަންނަނީ މިކަންކަން ކުރެވެމުން. މިއަދާ ހަމައަށް އައއިރުގައި، ވޭމަންޑޫގައިވެސް ދިރިއުޅޭ އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް މިދަނީ އަޅާލެވެމުން. އަޅުގަނޑުމެންނަށް، ސަރުކާރަށް އުފާލިބޭ ކަމެއް އެއީ، މިވޭތުވެދިޔަ ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައިވެސް، ވޭމަންޑޫގެ އެކަނިވެރި ކުދިންނާއި ޔަތީމު ކުދިންނަށް ސާޅިސް ހާސް ރުފިޔާ ޚަރަދު ކުރެވިފައިވާކަން.
 
ސަރުކާރުން ހިންގާ އަނެއް މުހިންމު މަޝްރޫޢަކީ، ވަށާޖެހޭ ތަޢްލީމެއް ނުވަތަ ރަނގަޅު ތަޢްލީމެއް، މިރާއްޖޭގެ ދަރިވަރުންނަށް ހޯދައދިނުމަށްޓަކައި ހިންގޭ މަސައްކަތް. ތަޢްލީމު ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވާ އެއް ނިންމުމަކީ، ރާއްޖޭގެ މަދަރުސާތައް އެއްދަންފަޅިއަށް ހެދުން. އެގޮތުން އެނގިވަޑައިގަންނަވާނެ، މިއަހަރުގެ ތެރޭގައި ވޭމަންޑޫގައިވަނީ ދެކްލާސްރޫމް އިތުރުކުރެވި، މިހާރު ވޭމަންޑޫ، ދެން މިއަންނަ އަހަރު ފެށޭއިރުގައި އިރާދަކުރެއްވިއްޔާ އެއީ، އެއްދަންފަޅިއަށް މަސައްކަތްކުރާ ފުރިހަމަ ސްކޫލަކަށް ވެގެންދާނެ. ސަރުކާރަށް، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް އެއީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް އެއީ، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ޓެކްސްޓް ފޮތް ހޯދައި ދިނުމަށްޓަކައި ވޭމަންޑޫ ދަރިވަރުންނަށް އެއްލައްކަ ފަންސާސް ހަތްހާސް ރުފިޔާ ޚަރަދު ކުރެވިފައިވާކަން. އެއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ހަމަ އޭގެއިތުރުން ވޭމަންޑޫ ދަރިވަރުން، ވޭމަންޑޫގެ 32 ދަރިވަރަކު ތަޢްލީމު ޙާޞިލު ކުރުމަށްޓަކައި އަދި އެމީހުންގެ، އެކުދިންގެ، އެދަރިވަރުންގެ ސްކޫލްގައި ބޭނުންވާ އެކިއެކި އިމްތިޙާނުތަކުގެ ފީ ދެއްކުމަށްޓަކައި، ސަރުކާރުން ސާޅީސް ހަތްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަ ޖެހުމެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ވޭމަންޑޫ ރައްޔިތުންނާއެކުގައި މަސައްކަތް ކޮށްގެން، މިރައްޔިތުންގެ ތަރައްޤީ ހޯދޭނެ ގޮތްތައް އަޅުގަނޑުމެން ހޯދުން.
 
މިފަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ކޮށްފައިވާ އެންމެބޮޑު އެއް އަމާޒަކީ، އެންމެބޮޑު އެއް ބޭނުމަކީ، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން، އެފުރުޞަތުތައް ހޯދުން. އެގޮތުން، ސަރުކާރުން ކަނޑައަޅާފައިމިވަނީ، ކުރިއަށް މިއޮތް 3 އަހަރު ދުވަހުގެ ތެރޭގައި، މުޅި ޖުމްލަ ވިހިހާސް ވަޒީފާ އިތުރުކުރުން. އޭގެތެރޭގައި، ވަޒީފާ އިތުރު ކުރުމަށްޓަކައި ލުއިލޯނު ދިނުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަކީ، ސަރުކާރަށް ފެންނަ ފެނުމުގައި ވަރަށް މުހިންމު ކަމެއް. މިވިޔަފާރިތައް ތަރައްޤީ ކުރުމަށްޓަކައި ޚާއްޞަކޮށް، އަދި ހަމަ ވަކިވަކި ރަށްރަށަށް އަމާޒު ކޮށްގެން. އޭގެތެރޭގައި ވޭމަންޑުއަށްވެސް އަމާޒު ކޮށްގެން، ލުއިލޯނާއި، ބޭންކް ގަރަންޓީ ދިނުމުގެ މަޝްރޫޢެއް މިބަޖެޓާ އެކީގައި، މިކުރިއަށް ފެށޭ 2011 ވަނަ އަހަރު ފެށިގެންދާނެ.
 
އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް މިދެންނެވި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވުން. މިދެންނެވި ކަންކަމުގައި ޙިއްޞާވެވަޑައިގެންނެވުން. އެއަށްފަހު، އަޅުގަނޑުމެންނަށް ބާރަށް ތަރައްޤީގެ މަގުގައި ކުރިއަށް ގެންދެވޭނެ ގޮތެއް، ކުރިއަށް ދެވޭނޭ ގޮތްތައް ތިޔަބޭފުޅުންގެ ޚިޔާލާއި، ތިޔަބޭފުޅުންގެ ބައިވެރިވުމާއި، ތިޔަބޭފުޅުން އެކުލަވައިލާ ކައުންސިލާއެކީގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނޭގޮތް ހޯދުން. ކުރިއަށް ދެވޭނޭ މަގު ފަހިވެފައި އޮތުން. ސަރުކާރަށް ތިޔަބޭފުޅުންގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލުންނަކީ، ސަރުކާރާ ވާހަކަދެކެވޭ، ސަރުކާރާ މަޝްވަރާ ކުރަން ތައްޔާރަށް ތިބޭ ބަޔަކަށްވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ ފަރާތުން، އަޅުގަނޑުމެންގެ ރަށްރަށުންގެ ފަރާތުން ވަކާލާތު ކުރަން ތިއްބަވާ ބޭފުޅުންގެ ހަމައެކަނި އަމާޒަކީ، ހަމައެކަނި ބޭނުމަކީ، ސަރުކާރަށް ހުރަސްއެޅުން ކަމަށްވަނީވިއްޔާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ ހޯދަން އަޅުގަނޑުމެންނަށް ދަތިވާނެ. އަޅުގަނޑަށް ޔަޤީން، ވޭމަންޑޫ ރައްޔިތުންނާއެކީގައި ސަރުކާރަށް މަސައްކަތް ކުރެވޭނެ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް އެކުގައި ގުޅިގެން، އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ހޯދޭނެ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ވަކިން ފަހި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
واَلحمْـدُ لِلّـهِ ، ވަރަށްބޮޑަށް ޝުކުރިއްޔާ!
                _______________________