بســماللّـهالرّحمـنالرّحيــم
 
ހޯމް މިނިސްޓަރ ޙަސަން ޢަފީފް. އެޑިޔުކޭޝަން މިނިސްޓަރ. އަދި އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަން. ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު. މިރަށުގެ އެންމެހާ ކުދިބޮޑު ހުރިހާ ރައްޔިތުން.
 
 السّـلام عليـكم
 
މި ސަރުކާރުން އަބަދުވެސް ދެކެމުން އައީ ޤައުމެއް، ރަށެއް، ރައްޔިތަކު ތަރައްޤީ ކުރުމަށްޓަކައި، ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ވަކި އިރެއްގައި އަޅުގަނޑުމެން އެބަ ކުރާންޖެހެއޭ. އިންސާނީ ތަޖްރިބާ އަޅުގަނޑުމެންނަށް ދައްކައިދީފައި ހުރި ޙަޤީޤަތްތަކެއް އެބަވެޔޭ. އެމަގުން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދިޔައީމާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިއެދޭ ތަރައްޤީ ލިބޭކަން އެއީ، މިހާރު އަޅުގަނޑުމެންގެ ނަޒަރުގައި ބަޙުޘެއް އޮތް ކަމެއް ނޫން.
 
ތަރައްޤީއަކީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ އެންމެންގެވެސް ޢާންމު ޙާލަތު ރަނގަޅުވެގެން ދިޔުން. އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް އިތުރުވެގެން ދިޔުން. އަޅުގަނޑުމެން ކޮންމެ މީހަކީވެސް، މިރަށު ކޮންމެ ރައްޔިތަކީވެސް، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ދިރިއުޅޭ، އަދި އެ ޙަލާލު ފައިސާއިން ތިމަންނާގެ އަމިއްލަ ޢާއިލާއާއި، އަނބިދަރިންނާއި ގާތްތިމާގެ މީހުން ގޮވައިގެން އުޅޭ ފަޚްރުވެރި، ޤަދަރުވެރި، ޢިއްޒަތްތެރި ދިވެއްސެކޭ ބުނާ އޮމަދޫ މީހާ ހޯދުން. އެހެން ބުނާ ދިވެހި މީހާ، އަޅުގަނޑުމެންނަށް އެމީހާއަށް ބާރުވެރިކަމެއް ހޯދުން.
 
ތަރައްޤީ އަޅުގަނޑުމެންނަށް ލިބުމަށް އަޅުގަނޑު މިދެންނެވިހެން ކުރާން ޖެހިފައިހުރި، ވަކި ޚާއްޞަ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުންއައި އެންމެ މުހިންމު އެއް ކަމަކީ، ކޮންމެ ބައެއްގެވެސް، ކޮންމެ ރައްޔިތެއްގެވެސް، އެ ރައްޔިތުންގެ ވިސްނުމާއި، އެ ރައްޔިތުންގެ އެދުމާއި، އެ ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް، އެ ރައްޔިތުންނާ ގާތުން ވެރިކަމުގެ ކަންކަން ނިންމޭނެ، ރަށްވެރިކަން ކުރިއަށް ގެންދެވޭނެ އިންތިޒާމެއް، ނިޒާމެއް އޮތުމަކީ ކޮންމެހެން ތަރައްޤީއަށް ބޭނުންތެރިކަމެކޭ. ހުޅުވާލެވިފައި ތިބުމަކީ ތަރައްޤީގެ ޙަޤީޤީ މަގޭ. ހުޅުވާލެވި، ހަމައެކަނި ތިމަންނާގެ ރަށުގެ ގޮނޑުދޮށާ ހިސާބުގައި ތިމަންނާގެ ވިސްނުން ގެންގުޅެގެން، އަޅުގަނޑުމެން މި އުންމީދުކުރާ ނަރުދަމައެއްވިޔަސް، ބަނދަރެއްވިޔަސް، މަދަރުސާއެއްވިޔަސް އަދި އަޅުގަނޑުމެންގެ އާމްދަނީ މިހާރަށްވުރެ ރަނގަޅުވާންވިޔަސް، ހެލްތް ސެންޓަރަށްވިޔަސް، މިކަންކަން އަޅުގަނޑުމެންނަށް ފުރިހަމަކުރެވެން، އަޅުގަނޑުމެން ރައްޔިތުންނަށް ފުރިހަމަކުރެވެން މިއަންނަނީ، ވަކި ގޮތަކަށް ވެރިކަމުގެ ކަންކަން ބެހެއްޓީމައޭ.
 
އަޅުގަނޑު ދަންނަވާކަށް ނުޖެހޭނެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދުނިޔޭގައި ޤުދުރަތީ ވަސީލަތްތައް ގިނަ މުއްސަނދި ޤައުމުތައް ބައިވަރު. އެމީހުންގެ ރައްޔިތުން ބިކަ ހާލުގައި ޖެހިފައިވާ. މި ޤައުމުތަކުގައި ރައްޔިތުން އެ ހާލުގައި ދިރިއުޅެމުން އެ އަންނަނީ ކިހިނެއްވެގެންތޯ އަޅުގަނޑުމެން ކުޑަކޮށްވެސް ފިކުރު ހިންގާލައިފިނަމަ ވަރަށް ބޮޑަށް ސާފުވާނެ، ވެރިކަން ތަޣައްޔަރުވެފައިވާތީކަން. ޚުދުމުޚުތާރު ކަމުގައި ހައްދުފަހަނަޅައި، ކިތަންމެ ކިތަންމެ ވެރިކަމުގެ ނިޒާމެއްވާތީކަން.
 
އަޅުގަނޑުމެންގެ އެންމެ މުހިންމު އެންމެ ބުރަ، އެންމެ ބޮޑު އެއް މަސައްކަތަކީ، ތަރައްޤީއަށް މަގުފަހިވާނެ ވެރިކަމުގެ ގޮތެއް ހޯދުން. ތަރައްޤީއަކީ އެންމެ މީހަކު ކުރާ ކަމެއް ނޫން. އަޅުގަނޑަކަށެއް ރަށެއް ތަރައްޤީއެއް ކޮށެއްނުދެވޭނެ. އަޅުގަނޑަކަށެއް ޤައުމެއް ތަރައްޤީއެއްކޮށެއް ނުދެވޭނެ. ރައްޔިތުންނަށް އެކަންވާނީ. ރައްޔިތުން އެކަން ކުރުމަށްޓަކައި ރައްޔިތުންނަށް އެންމެ ބޭނުން އެއްކަމަކީ، އަޅުގަނޑުމެން ދެކި މިއުޅެނީ، މިއޮތް ރަށުގެ ރަށްވެހިކަން ނުވަތަ ރަށު ކައުންސިލެއް އުފައްދައި،      އެ ކައުންސިލްގެ ތެރެއިން ރަށާއި، އަތޮޅާ، މިހުރިހާ ތަނެއްގެ މުއްސަނދިކަން، ޤުދްރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރަށާއި، އަތޮޅާއި، ޤައުމު ތަރައްޤީކުރުންކަން. އެމަގަށް އިރާދަކުރެއްވިއްޔާ އޅުގަނޑުމެންނަށް މިދެވެނީ. މި ފެބްރުއަރީމަހު އަޅުގަނޑުމެންނަށް މިދެންނެވި އިންތިޚާބު ކުރިމަތިވާނެ. އެ އިންތިޚާބަށްފަހުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ކައުންސިލް އެކުލަވައިލެވޭނެ.
 
ސަރުކާރަކަށް ނެތް އެ ހިސާބުން އަތްއުރާލެވޭކަށް. ސަރުކާރަކަށެއް ނެތް ހަމައެކަނި ކައުންސިލެއް އިންތިޚާބުކޮށްގެން، މީ އެކަންވީ ކަމަށް ދެކެވޭކަށެއް. އެފަދަ ކައުންސިލެއް، އެފަދަ ނިޒާމެއް ހިންގުމުގައި، ސަރުކާރުން މިރަށްރަށަށް އެހީތެރިވެދޭންޖެހޭ މިންވަރު ވަރަށްބޮޑު. އެހެންވީމާ، މިފަހަރުގެ ބަޖެޓް ސަރުކާރުން އެކުލަވައިލިއިރު، އެ ބަޖެޓް ތަންފީޒު ކުރުމުގައި ޢަމަލުކުރާނީ، ލާމަރްކަޒީ އުޞޫލުން ކަމަށް މިހާރު ކެބިނެޓުންނާއި ސަރުކާރުން މިވަނީ ކަނޑައަޅާފައި. އޭގެ މާނައަކީ ސަރުކާރުގެ ޕްރޮގްރާމްތައް ހިންގުމުގައި، ކަންކަން ހިންގަމުން ގެންދާނީ، ނިސްބަތުން އެރަށަކަށްވާ މިންވަރެއް އެރަށުންނޭ.
 
މިހާރު އަޅުގަނޑު ހިތުން، މިދިޔަ އަހަރު ނުވަތަ މިއަހަރުވިޔަސް، އޭގެ ކުރީ އަހަރުވިޔަސް، މިރަށުގެ ބަޖެޓެއްގެ ގޮތުގައި އޮންނާނީ، ގާތްގަނޑަކަށް ހަތްވަރަކަށް މިލިއަން ރުފިޔާ. ސަރުކާރުން މިދެންނެވި މަގަށް ތަރައްޤީގެ މަޝްރޫޢުތައް ނުވަތަ ރަށް ހިންގުމުގެ ކަންކަން ބަދަލުކުރީމާ، ސަރުކާރުން މިރަށް ހިންގުމަށް، ނުވަތަ މިރަށާ ގުޅޭ ކަންކަން ކުރުމަށް ކަނޑައަޅާ ފައިސާގެ ޢަދަދު ބާރަ މިލިއަނަށް އިތުރުވެގެންދާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މި ފައިސާ ބެލެހެއްޓުމާއި އަދި އެފައިސާ މެދުވެރިކޮށް ސަރުކާރުން ހިންގާން މިއުޅޭ މަޝްރޫޢުތައް ހިންގުމުގައި، މިރަށުގެ ރައްޔިތުން އެކަށީގެންވާ ގޮތުގައި ބައިވެރިވާނެ ކަމަށް.
 
ސަރުކާރަށް ވަރަށް ސާފު، ސަރުކާރަށް ވަރަށް ބޮޑަށް އެނގޭ މިރަށްރަށުގެ ދަތިތައް، މިރަށުގެ ދަތިތައްވެސް. މީކީއެއް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުވެސް އަދި އަޅުގަނޑުމެންގެ ޕާޓީންވެސް މިރަށަށްއައި ފުރަތަމަ ފަހަރެއްނޫން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވީ، ހުރިހާ ރަށަކަށް އަޅުގަނޑުމެން ގޮސް، ހުރިހާ ގެއަކަށް އަޅުގަނޑުމެން ވަދެ، ވަރަށްގިނަ ޢާއިލާތަކާ އަޅުގަނޑުމެން ވާހަކަ ދައްކާފައި. މި ރާއްޖެ ތަރައްޤީ ކުރުމަށް، މި ރާއްޖޭގެ ރައްޔިތުންގެ ޙާލަތު ބަދަލުކުރުމަށް އަޅުގަނޑުމެން ކަންކުރާންވީ ގޮތް ދެނެގަތުމަށްފަހުގައި. މި ސަރުކާރު ދެމި މިއޮންނަނީ އެންމެ ބޭނުމަކަށް. އެއީ މިދެންނެވި ވަޢުދުތައް ފުއްދުމަށް. ރައްޔިތުންނަށް ޚިދްމަތްކޮށްދިނުމަށް. އެނޫން އެހެން އެއްވެސް ބޭނުމެއް އަޅުގަނޑުމެން ވެރިކަމުގައި ތިބުމުގައެއް ނެތް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެން އެންމެންގެ ދަރިންގެ ދަރިންނަށް މިއަދަށްވުރެ ރަނގަޅު ގޮތެއް ހޯދުން.
 
މިދެންނެވިހެން އެކުލަވައިލާފައިވާ ބަޖެޓްގައި، އެންމެ މުހިންމު އެއް އަމާޒަކަށް ހަދާފައިވާނީ، ވަޒީފާގެ ފުރްޞަތު އިތުރުކުރުން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް އެނގޭ، މިރަށު ރައްޔިތުން ބަނދަރުގެ ވާހަކަ އެބަ ފާހަގަކުރޭ. ނަރުދަމާގެ ވާހަކަވެސް އެބަ ފާހަގަކުރޭ. އަޅުގަނޑަށް އެއަށްވުރެ ބޮޑަށް ޔަޤީންވާ އަނެއްކަމަކީ، މިރަށުގެ ޒުވާނުންނަށާއި، މިރަށުގައި މިތިބި މީހުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ޔަޤީންކަމާ އެކީގައި އޮންނަ ވަޒީފާގެ ފުރްޞަތެއް އުފެއްދިއްޖެނަމަ، އެމީހުން އިސާހިތަކު އެމުއްސަނދިކަމުން އަމިއްލައަށް އެހުރިހާ ކަމެއް ކޮށް ނިންމާނެ. މިއަދު އަޅުގަނޑުމެން މިދެކޭ މިންވަރަށް މިރަށްރަށް މިއަންނަނީ، މި ރަށްރަށުގައި ތިންހަތަރު މީހަކު އަމިއްލަ ފައިމައްޗަށް ތެދުވީތީވެ.   މި ރަށަށް، މުޅި އާބާދީއާށް، މުޅި ރައްޔިތަށް ހަރުދަނާ އާމްދަނީއެއް ލިބޭނޭ އިންތިޒާމެއް އުފެއްދޭނީ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ވިސްނުން ހުޅުވާލެވިގެން. ހަމައެހެންމެ، އެކިއެކި ބޭރުގެ ފަރާތްތަކުގެ އިންވެސްޓްމަންޓާއި، އެފަރާތްތަކުގެ ޢިލްމާއި، އެފަރާތްތަކުގެ ޤާބިލްކަމާ، މިހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފް ކުރެވިގެން. އިންވެސްޓްމަންޓަކީ ފައިސާ. އެ ފައިސާ މިރަށް ރަށަށް ފަހިކުރުމަށްޓަކައި ސަރުކާރުން ހިންގަންޖެހޭ ކަންކަން ކަނޑައެޅިގެން ބަލައިގެން ރަނގަޅަށް ހިންގުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިރަށުގެ ތަރައްޤީއަށްވެސް އަދި މި އަތޮޅުގެ ތަރައްޤީއަށްވެސް، މިރާޢްޖޭގެ ތަރައްޤީއަށްވެސް ވަރަށް ބޭނުންތެރި ކަމެއް.
 
 އަޅުގަނޑުމެންނަށް ވިސްނުނީ، އަޅުގަނޑުމެން އަދިވެސް ޤަބޫލުކުރަނީ، ވިޔަފާރި ކުރިއެރުމަށްޓަކައި މުދަލާއި ފަސިންޖަރުން ފަސޭހަކަމާއެކީގައި އެއްތަނުން އަނެއްތަނަށް އެބަ ދާންޖެހެއޭ. އެއްތަނުން އަނެއްތަނަށް އެބަ ބަދަލުވާންޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުން، މި ސަރުކާރުން އެކުލަވައިލި އެންމެ މުހިންމު އެންމެ ފުރަތަމަ އެކުލަވާލި އެއް މަޝްރޫޢަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމެއް. ސަރުކާރުގެ އަމާޒަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، މިދެންނެވި ނިޒާމް ފައްކާކޮށް، ފުރިހަމަ ނިޒާމަކަށް ހެދުން. އެގޮތުން، ފުރަތަމަ ދެ އަހަރު ތެރޭގައި، ސަރުކާރުން ނިންމާފައި އޮތީ، އެ ނިޒާމުގެ ފުރަތަމަ ފިޔަވަހި ފަށައިގަންނަން. އެ ފިޔަވަހީގައި، އެއްރަށުން އަނެއް ރަށަށް މި ދެއަތޮޅު ގުޅުވާލެވި، އެއްރަށުން އަނެއް ރަށަށް މުދަލާއި ފަސިންޖަރުން ގެންދިޔުމުގެ ކޮންމެވެސްކަހަލަ ފަށައިގަތުމެއް ފަށައިގަނެވޭނެ ކަމަށް. އަޅުގަނޑު ވަރަށް އުފާވޭ، މިއަދާ ހަމައަށް އާދެވުނުއިރު، މިރަށުގެ ދެހާސް ނުވަދިހަ ހަތަރު ދަތުރަށް މިރަށު ރައްޔިތުން އަރައިފި.
 
އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރި ތަރައްޤީ ކުރުން. އަދި މިރަށާއި، މި އަތޮޅުގައިމިވާ އެހެން ޚިދްމަތްތަކަށް އަދ މިކައިރީގައިވާ ރަށްރަށުގައިވެސްވާ ޚިދްމަތްތަކަށް، މިރަށުގެ ރައްޔިތުންނަށް އަތްފޯރާނޭ ގޮތެއް، މިރަށުގެ ރައްޔިތުންނަށް ފޯރާނޭ މިންވަރެއް އުފެއްދުން. އެކަމަށްޓަކައި މިދެންނެވި ދަތުރުފަތުރު ކުރުމުގެ ނިޒާމް ހިނގައި، އެ ކުރިއަށް ދަނީ. އަޅުގަނޑުމެން ދެކެނީ، އަޅުގަނޑުމެން އުންމީދު ކުރަނީ، ކުރިއަށް އޮތް ތަނުގައި، އެ ނިޒާމް އަދި މިހާރަށްވުރެ މާފުރިހަމަވެ، މާ ގިނަގިނައިން މިރަށަށް އައިސް އަދި މާގިނަގިނައިން ރަށުން ގޮސް އައިސް އުޅެވޭނޭ ގޮތެއް ހަމަޖެހިގެންދާނެ ކަމަށް.
 
ސަރުކާރުގެ އަބަދުވެސް ވަރަށްބޮޑު އަމާޒެއް އެއީ، އަދި އަބަދުވެސް އަޅުގަނޑުމެންގެ ޕާޓީންވެސް އަދި ސަރުކާރުންވެސް ދެކިފައި އޮތް އެއް އަޞްލަކީ، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ބޭސްފަރުވާގެ އެހީ މި އޮންނަނީ ވަރަށްބޮޑު ދައްޗަކަށްވެފައިކަން. އަޅުގަނޑުމެން އެކީއެކައްޗަކަށް ފުރިހަމައަށް ޤަބޫލުކުރަން، މިރާއްޖޭގެ ހެލްތް ސެންޓަރުތަކާއި، ހެލްތް ޕޯސްޓްތަކާއި، އަތޮޅު ހޮސްޕިޓާތަކާއި، އަދި މާލޭ ހޮސްޕިޓަލްތަކަކީވެސް، އަޅުގަނޑުމެން މިއެދޭ އެކަށީގެންވާ ޚިދްމަތް ލިބިދޭ ތަންތަން ނޫންކަން. އަޅުގަނޑުމެންނަށް އެނގޭ، އެތަންތަނުގެ ޚިދުމަތް ދިނުން މިހާރަށްވުރެ ކިތަންމެ ތަނަކުން ރަނގަޅު ކުރާން ވެއްޖެކަން. އެހެންނަމަވެސް ހަމައެކަން، މި އަޞްލު މިގޮތަށް އޮއްވައި، ދެން އަޅުގަނޑުމެންނަށް ފެންނާން އޮތް އަނެއް ޙަޤީޤަތަކީ މިދަންނަވާ ނުރަނގަޅު، މިދަންނަވާ ކަމުނުދާ ޚިދްމަތަކަށްވެސް އަތްނުފޯރައޭ، މި ރާއްޖޭގެ ކޮންމެ ތިން މީހަކުން އެކަކަށް. ހަމައަށް އެއްލައްކަ މީހުންނަކީ ރާއްޖޭގެ ވަރަށް ފަޤީރު ނިކަމެތީންނޭ. އެމީހުންނަށް އެއްވެސް ބޭހެއް، އެއްވެސް ފަރުވާއެއް ލިބިދެވޭނެ އެއްވެސް ގޮތެއް ނެތޭ. އެހެންވީމާ، ސަރުކާރުން އެކުލަވާލީ މަދަނައިގެ ވިޔުގަ. މިރަށުގެ 108 މީހުން މިހާރު މިވަނީ މި މަދަނައިގެ ޚިދްމަތުގައި ބައިވެރިވެފައި. އަދި ހަމައެހެންމެ މި ރަށުގެ މި 108 މީހުންނަށް ބޭސްކުރުމަށްޓަކައި 10.8 މިލިއަން ރުފިޔާ ސަރުކާރުގައި އެއްކައިރި ކުރެވިފައި މިދިޔަ އަހަރުވެސް ހުންނާނެ. މިއަހަރުވެސް ހުންނާނެ. އަދި މި 108 މީހުންނަށް ކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ، މަދަނައިގެ ދަށުން ލިބެމުންދާނެ. އެއީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބައެއް، މިރަށުގެ ރައްޔިތުންވެސް. އަޅުގަނޑަށް ޔަޤީން މިރަށުގެ ވިޔަފާރިވެރީންނަށް، އަޅުގަނޑާ އެއްވަރަށް މިކަން ސާފުވާނެ. މީގެ ދެއަހަރެއް ކުރީގައި، މިވިޔަފާރިވެރިންނަށް ބޭސް ސިޓީ ހިފައިގެން، މިރަށުގައި ރައްޔިތުން އައި މިންވަރާއި މިދިޔަ މަހު އައި މިންވަރާ ވަޒަންކޮށްލައްވާފައި، ތެދަށް ވިދާޅުވޭ، ކިހާ ބައެއްތޯ. އަޅުގަނޑަށް ޔަޤީން މިހާރު މިކަން ކިތަންމެ ތަނަކުން މަދުވެފައިކަން މިވަނީ. ހަމަގައިމުވެސް އޮމަދޫގެ 108 ރައްޔިތުންނަށް، ބޭސް ސިޓީ ހިފައިގެން އެހެން ތަނަކަށް ހިނގާންޖެހިފައެއް އިރާދަކުރެއްވިއްޔާ ނުއޮންނާނެ. އެހެންވީމާ، އެއީ އަޅުގަނޑުމެން ދެކޭގޮތުގައި ޙަޤީޤީ ތަރައްޤީއަށް މަގުފަހިވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް.
 
އެއްބައެއްގެ ނިކަމެތިކަން އިންތިހާއަށް ހައްދުފަހަނައަޅާފައި އޮއްވާ، އަޅުގަނޑަށްވެސް އެނގޭ، ތިބޭފުޅުން ސުވާލުކުރައްވާނެ، އެ 10 މިލިއަން ރުފިޔާއަށް މިރަށުގައި ބަނދަރެއް ހެދިނަމަ، މާރަނގަޅުވީސް ނޫންހެއްޔޭ. އެސުވާލުގެ ޖަވާބު އަޅުގަނޑަށް އެހާ ސާފެއްނޫން. މިރަށުގެ ބަނދަރެއް ހެދުމާ ގުޅޭގޮތުން އަޅުގަނޑަކަށް ޝައްކެއް ނުއުފެދޭ. އެއީ، ބޭނުންތެރިކަމެއް. ދެން އަޅުގަނޑުމެންނަށް އަހާ މިސުވާލަކީ 108 މީހުން ބިކަހާލުގައި ތިއްބާ، މިވަގުތު އަޅުގަނޑުމެންނަށް އެންމެ މުހިންމީ ކޮންކަމެއްތޯ. މުޅި ރާއްޖެއަށް އެންމެ މުހިންމީ ކޮންކަމެއްތޯ. އަޅުގަނޑުމެންގެ މީހުންތައް، ކޮންމެ ތިން މީހަކުން އެކަކީ ނިކަމެތި ފަޤީރެއް. ރެޔާދުވާލުގެ މައްޗަށް އެމީހުންނަށް 12 ރުފިޔާ ނުލިބޭނެތީ.  އެމީހުންނާ އަޅާނުލެވި އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ސަރުކާރަކުންނެއް، އެހެންތަނަކާ އަޅާލަން ހިނގައިގަތުން އެއީ، ފަހުންއައިސް އަޅުގަނޑުމެން ބެލިއިރުގައި ހަމަ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރު ކަމަކަށް ނުވަތަ ބުއްދިވެރި ކަމަކަށްނުވި. އެހެންވީމާ، އަޅުގަނޑުމެންނަށް މީގެކުރީގައި މިފައިސާއަކީ ހަމަ ރާއްޖޭގެ ރައްޔިތުންގެ ޓެކްސްއިންނާއި، ރާއްޖޭގެ އުފެއްދުމުން ނުކުންނަ ފައިސާ. އެފައިސާ އަޅުގަނޑުމެން ޚަރަދުކުރީ މިދަންނަވާހެން ބޭސް ސިޓީއަށް ސަލާންޖަހާ މީހުންނަށް އަޅުގަނޑުމެން އެހީތެރިވެދިނުމުގެ ގޮތުން.
 
މިސަރުކާރުން ދުށް ވަރަށް ބޮޑު ޙަޤީޤަތެއް އެއީ، މިރާއްޖެ އަޅުގަނޑުމެންނަށް ލިބިފައިމިވާ މިންވަރަށް މިރާއްޖެ ލިބިފައި މިއޮތީ، ހަމަގައިމުވެސް މި ރާއްޖޭގެ ކުރީގެ މީހުން، ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތްތަކެއް ކުރީމައޭ. އެމީހުން މަހަށް ދިޔައިމަ. އެމީހުން ފަރަށް ދިޔައިމަ. އެމީހުން ގެދޮރު އެޅީތީވެ. އެމީހުން ރިޒޯޓްފަހަރު ހެދީތީވެ. އެމީހުން ރުކަށް އެރީތީވެ. އެމީހުން އޮޑި ދޯނިފަހަރު ބަނީތީވެ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް މިރާއްޖޭގައި ކުރީތީވެ. ދެން މިއަދު އަޅުގަނޑުމެން ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ ބަލާއިރުގައި، އެމީހާއަކީ ހަމައެކަނި ސަރުކާރުގެ ވަޒީފާއެއްގައި، ސަރުކާރުގެ މޭޒެއްގެ ދޮށުގައި މަސައްކަތްކުރި މީހާ ކަމަށް އެކަނި ދުށުމަކީ، އަޅުގަނޑުމެންގެ ޕާޓީ އަދި  މި ސަރުކާރުވެސް ހަމަ އެއްގޮތަކަށްވެސް ބަލައިގަތް އަޞްލެއް ނޫން. އަޅުގަނޑުމެން ދުށީ ރާއްޖޭގެ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހަނަކަސް، ޕެންޝަނެއް ޙައްޤޭ. އެހެންވީމާ،       އެ ޕެންޝަންދޭން ފެށުން އެއީ، އަޅުގަޑުމެންނަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެވުނު. އަޅުގަނޑު އުފާވޭ، އޮމަދޫގެ 42 މީހަކަށް 1.7 މިލިއަން ރުފިޔާ، މިދިޔަ އަހަރު ތެރޭގައި ދެވިފައިވާތީވެ. އެއީ ޕެންޝަންގެ ގޮތުގައި.
 
އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި، ޚާއްޞަކޮށް، 2009 ވަނަ  އަހަރުގައި ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްކަން ހޯދައިދިނުމަށް އަޅުގަނޑުމެން އަތުގައިހުރި އާމްދަނީއިން ޚަރަދުކުރާން އޮތް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯއޭ. ތެދެއް އަޅުގަނޑުމެންނަށް ބަނދަރެއް ހެދިދާނެ. ހަދަންވެސް ބޭނުން.  އެ ބަނދަރު ހެދުމަށްދާ ހުރިހާ ފައިސާއެއް މިދަނީ ޗައިނާއަށް ނުވަތަ ޖަޕާނަށް ނުވަތަ ބަންގްލަދޭޝަށް. މިރަށަށް އެ ބަނދަރު ހެދުމުގައި ލިބޭ ހަމަ އެންމެ ލާރިއެއްވެސް ނެތް. އެހެންނަމަވެސް، މިރަށުގެ ތަރައްޤީއަށް ފައިސާއެއް ހިމަނައިގެން، މިރަށަށް ތަރައްޤީ ގެންނަން އެބަޖެހޭ، މިރަށުގައި ބަނދަރެއް ބޭނުންކުރާންވެސް. އެހެންވީމާ، އެތަރައްޤީ މިރަށަށް ގެނައުން، އެ ބަދަލު މިރަށަށް ގެނައުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެކަން އަޅުގަނޑުމެން ކުރަމުންދާއިރުގައި، ހަމަ އަޅުގަނޑުމެން އަނެއް ފަރާތުގައި ބަނދަރެއްގެ މަސައްކަތާ ގުޅޭގޮތުން ވިސްނަމުން ގެންދާން ޖެހޭނެ. އިރާދަކުރެއްވިއްޔާ، މިފަހަރުގެ ބަޖެޓް އެކުލަވާލެވިފައި މިއޮތް ގޮތުން، އަޅުގަނޑުމެންނަށް މިރަށުގެ ވިޔަފާރިއަށް، މިރަށު ރައްޔިތުންނަކީ، މިރަށަކީ ވިޔަފާރިވެރިން ގިނަ ރަށެއް. އަދި އެނގިވަޑައިގަންނަވާނެ، މާލޭގައިވެސް، މުޅި ރާއްޖޭގައިވެސް މަޝްހޫރު ގިނަ ވިޔަފާރިވެރިންތަކެއް އެއީ ހަމަ މިރަށް އުފަން ރައްޔިތުން. މިރަށުގައި ވިޔަފާރީގެ ތަޖްރިބާއަކާއި، ޘަގާފަތެއް އޮތްކަމަކީ ޝައްކެއް ހިނގާ ކަމެއް ނޫން.
 
މިރަށުގެ ވިޔަފާރިވެރިންނަށް ލުއިލޯނާއި، ކުދި ވިޔަފާރި ތަރައްޤީ ކުރުމަށް، މިފަހަރުގެ ބަޖެޓްގައި ފައިސާ އެކުލެވިފައި ހުންނާނެ. އެހެންވީމާ، އަޅުގަނޑު ދެކެނީ، އެ ފުރްޞަތުތައް ބޭނުންކޮށްގެން ތިބޭފުޅުންގެ މަސައްކަތްތައް، ތިބޭފުޅުންގެ ތަރައްޤީގެ މަސައްކަތްތައް އަދި މިހާރަށްވުރެވެސް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ، މި ވިޔަފާރިތައް މެދުވެރިކޮށްގެން، ހަރުދަނާ ރަނގަޅު ވަޒީފާތަކެއް ރަށްރަށުގައި އުފެއްދުން. މި ސަރުކާރުގެ އަމާޒަކަށްވެފައި މިއޮތީ، މި މެދުރާސްތާގެ ތެރޭގައި، ކުރިއަށް މިއޮތް ތިންއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވިހިހާސް ވަޒީފާ އުފެއްދުން.
 
އަޅުގަނޑުމެން އަބަދުވެސް ދެކެމުންއައި އެއްކަމެއް އެއީ، ރާއްޖޭގެ ތަޢްލީމީ ޙާލަތު ރަނގަޅު ކުރުން. އަޅުގަނޑު ދެންމެވެސް ދަންނަވައިފިން. އަޅުނގަޑުމެންނަށް މިކަން ބާރަށް ކުރިއަށް ގެންދިޔުމަށްޓަކައި، ހިންގޭންހުރި މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ، މިހާރު އޮމަދޫގައިވެސް ހިންގަމުން އެބަ ގެންދެވޭ. މަދަރުސާގެ ދޮރުފޮތިތައް އާކުރުމަށާއި، އަދި އަޅުގަނޑަކަށް ނޭނގެ، މަދަރުސާގެ ވަށާފާރުގައި ކުލަލުމަށާއި، އަދި ހެޑްމާސްޓަރ، ޕްރިންސިޕަލް ހުންނަވާ ތަނާއި، މިކަންކަން ރަނގަޅު ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ، މިހާރު މިދަނީ ތިންހަތަރު ލައްކަ ރުފިޔާ އޅުގަނޑުމެންނަށް ޚަރަދު ކުރެވެމުން. އެއީ ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ސަރުކާރުން އެދެނީ، ތިޔަބޭފުޅުންގެ ތަޢްލީމް މިހާރަށްވުރެ ފުރިހަމަވަމުން ގެންދިޔުމަށް. އަދި ހަމަ އަޅުގަނޑު ކުރީގައިވެސް ދެންނެވިފަދައިން، މިރަށުގެ ދަރިވަރުންނަށް ފޮތާއި ފަންސުރު ގަތުމަށް އަދި ތަޢްލީމަށް އެހެނިހެން ގޮތްގޮތުން އެހީތެރިވެދިނުމަށްޓަކައި ފަސްދޮޅަސް އެއްހާސް ރުފިޔާ މިއަހަރު ޚަރަދު ކުރެވިފައި އޮތް ކަމަކީވެސް ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް.     މި ސްކޫލްގެ ދަރިވަރުންނަށް ބޭރުގެ އިމްތިޙާނުތަކުގައި ބައިވެރިވުމަށްޓަކައި ދައްކަންޖެހޭ ފީ ދެއްކުމަށްޓަކައި ސަރުކާރުން ތޭވީސްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބުނީތީވެ، އެވެސް ސަރުކާރު ނިހާޔަތަށް އެކަމާ އުފާވާ ކަމެއް.
 
 އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރެއިން ރަށަށާއި، ރައްޔިތުންނަށާއި، އަތޮޅަށާއި ރާއްޖެއަށް ފައިދާވާނެ ކަންކަމަށް މަގުފަހިކުރަމުން ގެންދިޔުން. އޭގެތެރޭގައި، އަޅުގަނޑުމެން އެބަ ގެންގުޅެންޖެހޭ ބޮޑު ވިސްނުމެއް. އަޅުގަނޑުމެން އެބަ ގެންގުޅެންޖެހޭ އަޅުގަނޑުމެން ކަންކަން ކުރަމުން ގެންދާނެ ގޮތެއް. އަޅުގަނޑު އެއްވެސް ހާލެއްގައި މިދަންނަވަނީކީއެއް، މި ރަށުގެ ބަނދަރު މި ސަރުކާރުން ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ވާހަކައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަކީ ދޮގުހަދާއުޅޭ މީހެއް ނޫން. އަދި ކިތަންމެވަރަކަށް ބަޔަކު އެހެން ބުންޏެއްކަމަކު. އަޅުގަނޑުމެންނަކަށް މިއަހަރުގެ ބަޖެޓަކު މިރަށުގެ ބަނދަރު ހަދާ ގޮތަކަށް ހިމެނިފައެއް ނެތް. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، 2012 ގައި މިރަށުގެ ބަނދަރު ހެދޭނެ ކަމަށް. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، މިއަހަރު ތެރޭގައި، 2011 ވަނަ އަހަރުގެ ތެރޭގައި،      މި ބަނދަރުގެ ކުރެހުމާއި، ބަނދަރުގެ ޑިޒައިނާއި އަދި އެހެންވެސް 2012 ވަނަ އަހަރަށް ބަނދަރުގެ މަސައްކަތް ފެށޭނެ ގޮތެއް ހޯދަން. އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް މިރަށަށް މިއައީ ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ކުރެވެން ނެތް ކަމެއްގެ ވާހަކަ ދައްކައި، އޭގެ އަނދުނެއްގައި ތިޔަބޭފުޅުންގެ ވޯޓް އަޅުގަނޑުމެން ހޯދާކަށެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ ޙަޤީޤީ ތަރައްޤީ.
 
 އަޅުގަނޑުމެން ހަމަ ހައްތަހާވެސް، އަބަދުވެސް އަޅުގަނޑު ދައްކަމުން ގެންދާނީ، އަޅުގަނޑުމެންނަށް އެއިރެއްގައި ވާންހުރި ކަންތައްތަކުގެ ވާހަކަ. އަޅުގަނޑަށް މިރަށުގެ ފެން ތަޣައްޔަރުވަމުންދާކަން މިހާރު އަދި މާބޮޑަށް ސާފުވެއްޖެ. އަދި 2007 ވަނަ އަހަރު އަޅުގަނޑު އައިއިރުގައވެސް އެއީ، ތަޣައްޔަރުވަމުންދާނެ ފެނެއްކަން އަޅުގަނޑުމެންނަށް އޮތީ ވަރަށް ބޮޑަށް ސާފުވެފައި. ފެންގޯސްވެ ދިޔުމަކީ އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ތިބެވޭނެ ކަމެއް ނޫން. އެހެންވީމާ، ޚާއްޞަކޮށް، މިސްކިތުގެ ފެނާއި އަދި އެހެންވެސް ޢާންމުކޮށް ބޭނުންކުރާ މަދަރުސާގެ ފެނާ، މިފެނުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި އަދި މިއަހަރު އަޅުގަނޑުމެންނަށް ސީދާ އެކަމަށް ކަނޑައެޅިފައި އޮތް ބަޖެޓެއް ނެތް ނަމަވެސް، އެއީ އަޅުގަނޑު އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މަސައްކަތް ކުރާނެ ކަމެއް. އަޅުގަނޑު އެކަންވޭތޯ ތިބޭފުޅުންނަށް ވަރަށް ބޮޑަށް ބަލައިދޭނަން.
 
އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިއަންނަނީ، ވަކި ބަޔެއްގެ، ވަކި މީހެއްގެ ބޭނުންތަކަކަށް ކަންކަން ކުރުމަކަށެއް ނޫން. އަދި ވަކިބަޔަކު ވަކި ގޮތަކަށް އަޅުގަނޑުމެންނަށް ބާރުއަޅަމުން ގެންދާތީއެއްވެސް ނޫން. އަޅުގަނޑުމެން ބަލަމުން މިއަންނަނީ މުޅި ރާއްޖެއަށް. އަޅުގަނޑުމެން އަޑުއަހާން މިތިބީ ހުރިހާ ރައްޔިތުންގެ އަޑު. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އަޅުގަނޑުމެންނަށް ލިބިހުރި ތަޖްރިބާއަކާއި، ޢިލްމަކާއި، އަޅުގަނޑުމެންނަށް ތަންދޮރުފިލާފައި، ކަނޑުފަޅު އެނގިފައި އޮތް ގޮތެއްގެ މައްޗަށް ބިނާކޮށް، މިރާއްޖެ ބަދަލުކުރުމަށް. އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑުމެން މިކަމަށް ކުރިމަތިލާ މިތިބީ، އެހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުރީތީވެ. އަޅުގަނޑެއް އިރާދަކުރެއްވިއްޔާ، ފަހަތަކަށް ނުޖެހޭނަން. އަދި އަޅުގަނޑު ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ފައިސާގައި، ތިޔަބޭފުޅުންގެ ލޯލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑެއް ނުޖެހޭނަން. ތިބޭފުޅުންގެ ފައިސާއަކީ ތިޔަބޭފުޅުންގެ ފައިސާ. ދިވެހިރާއްޖޭގެ މުއްސަނދި ކަމަކީ، ތިޔަބޭފުޅުންގެ މުއްސަނދި ކަމަށް ހެދުން އެއީ، އަޅުގަނޑުމެންގެ އަމާޒަކީ.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 
والحمد للّـه. والسّـلام عليـكم
                _____________________