بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 31 ޑިސެމްބަރ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މިއީ މިއަހަރު އަޅުގަނޑާ ތިޔަބޭފުޅުންނާ ރޭޑިޔޯގެ ޒަރީޢާއިން ބައްދަލުވާނެ އެންމެފަހު ހުކުރު ދުވަސް. މާދަމާ އަޅުގަނޑުމެން މިފަށަނީ މީލާދީ އާ އަހަރެއް. އަޅުގަނޑު އެންމެ ފުރަތަމައިނުންވެސް އެންމެ ބޭފުޅުންނަށް އާ އަހަރުގެ ހެޔޮއެދުންތައް ރައްދުކުރަން.

އަޅުގަނޑުމެންނަށް މިދިޔަ ހަފްތާ ނިމިގެންދިޔައިރު، ޚާއްޞަކޮށް، ބުދަ ދުވަހު ފެނިގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓް ފާސްވެގެންދިޔަތަން. މި ބަޖެޓަކީ މިއަހަރު ވަރަށް ތަފާތު ބަޖެޓެއް، އެހެން އަހަރުތަކާ އަޅާބަލާއިރު. ބަޖެޓް ތައްޔާރުވަމުން އައިއިރުގައިވެސް، އެކުލަވައިލަމުން ގެންދެވުނުއިރުވެސް، ވަރަށް ފުޅާ ދާއިރާއެއްގައި ސަރުކާރުގެ އެކިއެކި މުއައްސަސާސާތަކާއި އަދިވެސް އެހެން ހުރިހާ ފަރާތްތަކާ އެކީގައި މަޝްވަރާ ކުރެވުނު. އަދި ވަކިން ޚާއްޞަކޮށް، މަޖިލީހަށް މިއަހަރު ބަޖެޓް ހުށަހެޅުމަށްފަހު، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި، ވަރަށް އެކަށީގެންވާ ދަރަޖައަކަށް، އެކޮމިޓީގެ މެންބަރުންނާއި އަދި ސަރުކާރާ އެކުގައި މަސައްކަތް ކުރެވި، ބަޖެޓްގެ އެންމެހާ ތަފްޞީލުތައް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.

މިފަހަރުގެ ބަޖެޓް ތަންފީޒު ކުރެވޭއިރުގައި، އެ ތަންފީޒު ކުރެވޭގޮތް ބަޔާންކޮށްދޭނީ، ބަޖެޓް ކާމިޔާބުވާނެ މިންވަރާއި އަދި ނުވަތަ ނާކާމިޔާބުވާނެ މިންވަރު. ބަޖެޓްގައި އެވަނީ ޕްރޮގްރާމްތަކެއް. އެ ޕްރޮގްރާމްތަކަކީ ސަރުކާރުގެ ވަޢުދުތައް. އެ ވަޢުދުތައް ފުއްދުމަށްޓަކައި މިބަޖެޓް އެކުލަވައިލެވިފައި މިއޮތީ. ބަޖެޓް ފުރިހަމައަށް ތަންފީޒު އަޅުގަނޑުމެންނަށް ކުރެވުނީމާ، އިރާދަކުރެއްވިއްޔާ، ސަރުކާރުން ރައްޔިތުންނަށް ކޮށްދިނުމަށް އެދި ބޭނުންވެ އަދި ކޮށްދޭނެ ކަމަށް ކުރިއްސުރެ ފަށައިގެން ބުނަމުން އައި ކަންކަން ކުރެވެމުންދާނެ. މިދިޔަ ދެއަހަރުވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވުނުއިރުގައި، މިދެންނެވި ގޮތަށް، ސީދާ ވަޢުދުތަކަށް އަމާޒު ހިފިގެނެއް މަސައްކަތް ކުރެވިފައެއް ނެތް. ކުރިއްސުރެ ފަށައިގެން ކަންކަން ކުރެވެމުން އައި ގޮތެއްގެ ތެރެއިން މި ސަރުކާރުގެވެސް ސިޔާސަތުތަކެއް ތަންފީޒު ކުރެވި، އެހެން ނަމަވެސް، ވަރަށް ބޮޑަށް މަސްހުނި ގޮތެއްގައި ކަންހިނގާ ދިޔައީ. އިރާދަކުރެއްވިއްޔާ، މިފަހަރު އަޅުގަނޑުމެންނަށް މިއޮތީ ވަރަށްބޮޑު ކާމިޔާބެއް ލިބިފައި. އަޅުގަނޑުމެންނަށް މިއޮތީ އަޅުގަނޑުމެންގެ ސީދާ އަމާޒަށް ވާސިލުވުމަށް ފުރްޞަތު ލިބިފައި.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ، މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް އަޅުގަނޑުމެން ދަތުރުކޮށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވަރަށްގިނަ ގޭގެއަށް ޒިޔާރަތްކޮށް، ވަރަށްގިނަ ބަޔަކާ ބައްދަލުކޮށް، އެކި ބާވަތް ބާވަތުގެ ވަރކްޝޮޕާއި އަދި މަހާސިންތާތައް ބޭއްވުމަށްފަހު، އެކުލަވައިލެވުނު މެނިފެސްޓޯއެއް. އެއީ ސަރުކާރުން ރައްޔިތުންނަށްވީ ވަޢުދުތައް. އެ މެނިފެސްޓޯގައި އެކުލެވިގެން އެވަނީ، ޤައުމެއް ތަރައްޤީ ކުރުމަށް ކޮންމެހެން ކުރަންޖެހޭނެ ކަންކަން. އެކަންކަން އެއީ ރައްޔިތުންނަށް ސަރުކާރުންވާ ވަޢުދުތައް. 2009 ވަނަ އަހަރު ހިންގުނު މަސައްކަތަކީ، މިދެންނެވި މެނިފެސްޓޯ ހިންގުމަށްޓަކައި ޤައުމީ ތަރައްޤީގެ އޮނިގަނޑު، އެ މައްޗަށް ބިނާކޮށް އެކުލަވައިލެވުނީ. ޤައުމީ ތަރައްޤީގެ އޮނިގަނޑަށް ޙަޤީޤަތުގައި މިއަހަރު މި ބަޖެޓް މިކުރެވުނީ، ޤައުމީ ތަރައްޤީގެ މަސައްކަތް. އެހެންވީމާ، މި ބަޖެޓް ތަންފީޒުވަމުންދާއިރު، އަޅުގަނޑުމެން މިދެކެނީ ފުރިހަމައަށް ހިނގަމުންދާނެ ކަމަށް.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އަސާސީ ވަޢުދުތަކެއް އެބަވޭ. އެހެން ގޮތަކަށް ދަންނަވަނީނަމަ، ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ ބަސްތަކުންނަމަ، ސަރުކާރުގެ އަސާސީ އަމާޒުތައް، އެއީ ބޭސްފަރުވާއަށް އެހީތެރިވެވޭނެ ގޮތެއް އިންތިޒާމް ކުރުން. އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުން. ޑްރަގްގެ ސުންޕާ ވަބާއިން އަޅުގަނޑުމެންގެ ޒުވާން ޖީލު ސަލާމަތް ކުރުން. ބޯހިޔާވަހިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން. އަދި ތަކެތީގެ އަގު މައްޗަށް އުފުލުނަނުދީ އަޅުގަނޑުމެންނަށް ހިފެހެއްޓޭނެ ސިޔާސަތެއް ހޯދުން.

އަޅުގަނޑުމެން ދެކެނީ، މިދެންނެވި މައިގަނޑު ކަންކަން ޙާޞިލްވުމުން، އަޅުގަނޑުމެންގެ ރާއްޖެ އެނބުރޭނެ ކަމަށް. އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގުގައި ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނެ ކަމަށް. އަޅުގަނޑުމެންނަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް، މިމަސައްކަތް އަޅުގަނޑުމެންނަށް ހިންގޭނެ ކަމަށް. ޚާއްޞަ ގޮތެއްގައި، މިފަހަރުގެ ރައްޔިތުންގެ މަޖިލީހުން ބަޖެޓް އަޅުގަނޑުމެންނަށް މިގޮތަށް ފާސްވުމާ އެކުގައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް އިރާދަކުރެއްވިއްޔާ ހިނގައިގަންނާނެ. ޖަނަވަރީ މަހުވެސް، ފެބްރުއަރީ މަހުވެސް އަދި މާޗް މަހުވެސް މަސައްކަތްތަކުގެ ޢަމަލީ މަސައްކަތް ފަށައިގަނެވޭނެ. އަދި އިރާދަކުރެއްވިއްޔާ، އަހަރު ނިމެންވާއިރަށް، މިއަހަރުގެ ބަޖެޓުން އަންދާޒާ ކޮށްފައި މިއޮތް މިންވަރަށް، އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެން އެންމެންގެވެސް ޢާންމު ޙާލަތު މިހާރަށްވުރެ ރަނގަޅުވުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަށްވުރެ އަދި ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم