بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى محمّد وعلى آلـه وصحبه أجمعـين.

ޢިއްޒަތްތެރި ވަޒީރުން، ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ، މި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ނާހިދު، މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި މުދައްރިސުންނާއި، ހުރިހާ ލޮބުވެތި ކިޔަވާކުދިން:

السّــلام عليــكم ورحمـةلله وبركا تـه.

އާދެ! މިރޭ މިއުފާވެރި ޙަފްލާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި އަޅުގަނޑު މި ސްކޫލްގެ ޕްރިންސިޕަލަށާއި އަދި ޕްރޮވިންސްގެ ހުރިހާ ވެރިންނަށާއި، ސްކޫލްގެ އެހެން ހުރިހާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމްވެސް އަޅުގަނޑާ ގުޅުއްވާ މިތަނަށް އައުމަށް ބާރު އެޅުއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން.

އާދެ! ކުރިން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިހެން މިރެއަކީ ވަރަށް އުފާވެރި ރެއެއް. އަޅުގަނޑަށްވެސް މިސްކޫލްގެ މިފަދަ ޙަފްލާއަކަށް އާދެވޭ މިއީ ފުރަތަމަ ފަހަރު. މި ސްކޫލްގެ ބިންގާ އެޅިފައި މިހާރު 30 އަހަރު މިވީ. 1980ވަނަ އަހަރު އޭރު މި މަޝްރޫޢު ހިންގުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައި ހުރި އޮފީހުގައި އިސްމީހެއްގެ ގޮތުގައި ހުރީ އަޅުގަނޑު. އެހެންވީމާ، މި ސްކޫލް އެޅުމުގެ ބިން ނެގުމަށްޓަކައި އެފަހަރު އަޅުގަނޑު މިރަށަށް އައިން. 30 އަހަރު ފަހުން މިސްކޫލްގެ މިފަދަ ޙަފްލާއެއްގައި އަޅުގަނޑަށް ބައިވެރި މިވެވެނީ. އެހެންވީމާ، މިއީ، އަޅުގަނޑަށްވެސް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް މިއަދު.

އާދެ! 27 އަހަރު ދުވަހުގެ ތެރޭގައި، މިސްކޫލް ހިނގަމުން އަންނަތާ މިދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބުތަކެއް ސްކޫލް ހޯދައިފި. އަދި މި ސްކޫލަކީ މިއަތޮޅުގައި އެންމެ ކުރިއަށް އެންމެ ގިނަދުވަހު ޚިދްމަތް ކޮށްދީފައިވާ ސްކޫލް ކަމުގައި ހިމެނިގެން ހިނގައްޖެ. އެކަމަށްޓަކައި މި ސްކޫލްގައި މިހާތަނަށް މަސައްކަތް ކުރަމުން އައި ހުރިހާ ޓީޗަރުންނަށާއި އަދި ޕްރިންސިޕަލުންނަށާއި އަދި މި ސްކޫލް ހިންގެވުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ތަޢްލީމީ ގޮތުން ރާއްޖެވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. އަޅުގަނޑު މީގެ ދެދުވަހެއް ކުރިން މިއައީ، ދިވެހިރާއްޖޭގެ ފަރާތުން ރާއްޖެ ތަމްސީލު ކުރުމަށްޓަކައި އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެފައި. ޖެނެރަލް އެސެމްބްލީގެ ޖަލްސާތައް ފެށުމުގެ ކުރިން، މިއަހަރު ބޭއްވުނު ދުނިޔޭގެ ތަރައްޤީ ނިމުމަށްޓަކައި ހެދިފައިވާ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް ސާސްކަފްގެ ތަރައްޤީގެ މިންގަނޑުތައް ގޮސްފައިވާ މިންވަރު ބެލުމަށްޓަކައި ބޭއްވުނު މަތީ ފެންވަރުގެ ޖަލްސާއެއްގައި އަޅުގަނޑު ބައިވެރިވިން. އެ ލަނޑުދަނޑިތައް ކަނޑައެޅުނީ މީގެ 10އަހަރު ކުރިން، 2000ވަނަ އަހަރު. މިހާރު 10 އަހަރު މިވީ. އެ ހާސިލު ކުރަން މިޖެހެނީ 2015ވަނަ އަހަރުގެ ކުރިން. އެ 7 ލަނޑުދަނޑީގެ ތެރެއިން ދިވެހިރާއްޖެ މިވަނީ ފަސް ކަންތައް ހާސިލުކޮށް ނިންމާފައި. އޭގެ ތެރޭގައި ހިމެނޭ ތަޢްލީމު، އެއީ ޚާއްޞަކޮށް ފަށާ ތަޢްލީމުގެ ފެންވަރުގައި ވަކި އަދަދަކަށް ކުދިން ބައިވެރިކުރުން. އަދި އެ ބައިވެރިކުރާ ކުދިންގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ދޭތެރޭގައި އޮންނަ ހަމަހަމަކަން ވަކިގޮތަކަށް ހިފެހެއްޓުން. މިގޮތަށް ތަޢްލީމާބެހޭ ލަނޑުދަނޑިތައް ކަނޑައެޅިފައި ހުރީ. އެކަން މިވަނީ ދިވެހިރާއްޖެ ހާސިލުކޮށްފައި. ނަމަވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑު މިވާހަކަ ދުނިޔޭގެ ހުރިހާ ލީޑަރުންގެ ކުރިމަތީގައި، ހުރިހާ ޤައުމުގެ ވެރިންގެ ކުރިމަތީގައި ވަރަށް ފަޚުރުވެރިކަމާއެކީގައި ދައްކާފައި މިއައީ. ނަމަވެސް އަޅުގަނޑުމެން ޖެހޭނެ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ވަރަށް އިޚްލާޞްތެރިކަމާއެކީގައި ދެނެގަނެގެން އެކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން.

ދެންމެ ތިޔައިވިވަޑައިގެންނެވި ފަދައިން ތަޢްލީމީ ކަންތައް ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މިހާރު ރާވާފައިވާ އެއްކަމެއް އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކޮށް، ސްކޫލްތަކުގެ ތަޢްލީމު އެއީ، ވަށާޖެހޭ ތަޢްލީމެއް ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރެއްވުން. މީގެ ބޭނުމަކީ، ސްކޫލްތަކުން ނިމިގެން ނުކުންނަ ކުދިންނަކީ، ރަނގަޅު ފެންވަރެއްގެ ތަޢްލީމެއް ލިބިފައިވާ މުޖުތަމަޢަށް ބޭނުން ހިފޭ ހަރުދަނާ، އަޚްލާޤް ރަނގަޅު ކުދިން ތަކަކަށް ހެދުން. އެހެންވީމާ، އެގޮތުން އަދިވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި، ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްކޫލްތަކުން ނުކުންނަ ކުދިންނަށް މިދެންނެވި ނަތީޖާތައް ހޯދައިދިނުމަށްޓަކައި. އެއީ، ސްކޫލްތަކުގެ މަސްއޫލިއްޔަތެއް އަދި އޭގެ އިތުރުން، ބެލެނިވެރިންނާ ރަށުގެ ވެރިންނާއި ރައްޔިތުންގެވެސް މަސްއޫލިއްޔަތެއް.

އެފްރިކާ މީހުންގެ ހަރުބަހެއްގައި އޮވޭ، ކުއްޖަކަށް ކިޔަވައިދިނުމަށްޓަކައި މުޅިރަށުގެ އެންމެންގެ އެހީތެރިކަން ބޭނުންވެއޭ. އެއީ، ކުއްޖަކު ކިޔަވައި، އެކުއްޖަކު ރަނގަޅު އަޚްލާޤެއްގެވެރި ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް ނެރެ މުޖުތަމަޢާ ހަމައަށް ގެނެވޭ އިރުގައި އެކަމުގައި ޝާމިލުވާ ކިތަންމެ ބަޔަކު އުޅޭ. ކިތަންމެ ބައެއްގެ މަސްއޫލިއްޔަތުތަކެއް އޮވޭ. އޭގެ ތެރެއިން ބެލެނިވެރިން އެއީ، އެންމެ ފުރަތަމަ އެ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭ ފަރާތް. ބެލެނިވެރިންގެ އިތުރުން ސްކޫލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކެއް އެބަހުރޭ. ސްކޫލްގެ ތެރެއިން ޚާއްޞަކޮށް ޓީޗަރުން ކުރަންޖެހޭ ކަންތަކެއް އެބަހުރޭ. ރަށުގެ ރައްޔިތުންނާއި ރަށުގެ ވެރިން ސްކޫލްތައް ހިންގުމަށްޓަކައި އެކަން ފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރޭ. އަދި ހަމައެހެން ސަރުކާރުންވެސް ކުރަންޖެހޭ ކަންތަކެއް އެބަހުރި. ކޮންމެ ބަޔަކުވެސް އެބަޔަކު ކުރަންޖެހޭ ކަންތައްތައް، އެބައެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ އަޅުގަނޑުމެން މި ބުނާ ނަތީޖާ އަޅުގަނޑުމެންނަކަށް ނުނެރެވޭނެ.

އަޅުގަނޑުމެންގެ ގިނަ ސްކޫލްތަކަކީ ހަމަ ރަނގަޅު ސްކޫލްތައް. އަޅުގަނޑުމެންގެ ސްކޫލްތަކުން ކިޔަވައިގެން ނުކުންނަ ކުދިންނަކީވެސް ހަމަ ރަނގަޅަށް ކިޔަވާ، އަޚްލާޤުވެސް ރަނގަޅު ކުދިން. އެހެންނަމަވެސް، ހިތާމައަކީ މީގެތެރެއިން އެބަ ނުކުމޭ، ރަނގަޅަށް ނުކިޔަވާ ކުދިންވެސް އަދި އަޚްލާޤު ރަނގަޅު ނޫން ކުދިންވެސް އަދި މުޖުތަމަޢުގައި ރަނގަޅަށް ނޫޅެވޭ ކުދިންވެސް. އެއީ، ޙަޤީޤަތަކީ. އެކަން އެހެން ދިމާވަނީ ކޮންމެވެސް ބައެއްގެ އިހުމާލު އޭގައި އޮވެގެން. އެއީ، ހަމައެކަނި ކުދިންގެ ޒިންމާއެއް ކަމުގައި އަޅުގަނޑުމެން ބަލައިގެން މިއަދު ނެތް ވާކަށް.

މިއަދު އަޅުގަނޑުމެންނަށް އިވެމުން މިދަނީ އަޅުގަނޑުމެންގެ ރަށްރަށުގައި އެކިބާވަތް ބާވަތުގެ ކުށްތައް ގިނަވަމުންދާ ވާހަކަ. އަދި އެކަމުގެ ޒިންމާ އަޅުގަނޑުމެން ގިނަފަހަރަށް މިއަޅުވަނީ ޒުވާނުންގެ ބޮލުގައި. އެއީ، ސްކޫލްތައް ނިމިގެން ނޫނީ ސްކޫލްތައް ނުނިންމާ ނުކުންނަ ކުދިންގެ ބޮލުގައި. އަޅުގަނޑުމެންނަށް މިހާރު އިވެމުން އެބަދޭ، އެހެން އެވާންޖެހެނީ އަޅުގަނޑުމެންގެ ތަޢްލީމު ފުރިހަމަ ނުވެގެންނޭ. އެއީ، މުޅިއަކުން އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫން. އެހެންނަމަވެސް، އެއީ ވިސްނާލަންޖެހޭ ކަމެއް. އެންމެ ކުޑައިރުއްސުރެ ފަށައިގެން ކުއްޖަކަށް ބޭނުންވާ އެހީތެރިކަން ފުރިހަމަ ގޮތުގައި ދެވިއްޖެނަމަ އެކުއްޖަކު ރަނގަޅަށް ތަރުބިއްޔަތުވެގެން އަންނާނެ. އެ ދޭންޖެހޭ އެހީތެރިކަން ބައެއްފަހަރު ނުދެވޭކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް. ބައެއް ބެލެނިވެރިންނަށް އެ ބަހައްޓަންޖެހޭ ފަރުވާތެރިކަން ނުބެހެއްޓި، އެ ދޭންޖެހޭ އެހީތެރިކަން ނުދެވި، އަޅާނުލެވުމުގެ ސަބަބުން ކުދިން އެ ވާންޖެހޭ ތަރުބިއްޔަތު ނުލިބި ބޮޑުވެގެން މުޖުތަމަޢުގެ ތެރެއަށް ނުކުމެގެން އެބަދޭ.

އާދެ! ކުރިން ދެންނެވިހެން އެއީ، ހަމައެކަނި ބެލެނިވެރިންގެ ޒިންމާއެއްވެސް ނޫން. ބެލެނިވެރިންނާއެކީގައި ބެލެނިވެރިންނާ ގުޅިގެން ސްކޫލްތަކުން ސްކޫލްްތަކުގެ މުވައްޒަފުން، ޚާއްޞަކޮށް ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިން އެކަމުގައި އެބަ މަސައްކަތް ކުރަންޖެހޭ. އަދި ކުދިން އަބަދު އުޅެނީ ސްކޫލަކުވެސް ނޫން. ސްކޫލްގެ ބޭރުގައި އުޅޭ ވަގުތުވެސް އާދޭ. އެހެންކަމަށްވާނަމަ އެވަގުތުތަކު ރަށްރަށުގެ ވެރިންނާއި އަވަށްތަކުގެ ވެރިންނާއި ރަށްރަށުގެ އިސްކޮށް ތިއްބެވި ބޭފުޅުންވެސް އެކަމުގައި ޒިންމާ އުފުލަން އެބަޖެހޭ. އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކީވެސް އަޅުގަނޑުމެން އެންމެންގެ ކުދިން. އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް އެބައޮތް. އެއްގޮތަކަށްވެސް ތިމަންނަގެ ޒިންމާއެއް ނޫނޭ މިއީ، އެހެންމީހެއްގެ ޒިންމާއެކޭ ބުނެ އެހެން މީހުންގެ ބޮލުގައި ބަދުނާމު އެޅުވުން އެއީ، އަޅުގަނޑުމެންގެ އާދައެއް ކަމުގައި ހަދައިގެން މިއަދަކު ނެތް ވާކަށް. އަޅުގަނޑުމެންނަށް ބައެއްފަހަރު އެބަފެނޭ އެގޮތް. ޙަޤީޤަތުގައި ކަމެއް ހަވާލުވެފައި އޮތް މީހާވެސް އެމީހާ ކުރަންޖެހޭ މަސައްކަތް ނުކޮށް، އެމީހެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާނުކޮށް ކޮންމެވެސް އެހެން ބައެއްގެ ބޮލުގައި އެ ޒިންމާ އަޅުވަން ބައެއް ފަހަރު މަސައްކަތް ކުރަމުން ގެންދޭ. އަޅުގަނޑުމެންނަށް މިދިމާވަމުންދާ ކަންތައްތަކެއް އެހެނެއް ޙައްލެއް ނުކުރެވޭނެ.

އާދެ! އެހެންވީމާ އަޅުގަނޑު ކުޑަކުޑަކޮށް އެވާހަކަ މިދެއްކީ، މިހާރު ޚާއްޞަކޮށް މުޖުތަމަޢުގައި އަޅުގަނޑުމެންނަށް ޒުވާނުންނާ ބެހޭގޮތުން މި އިވެމުންދާ އަޑުތަކާއި، ކުށްތައް ގިނަވަމުންދާ ދިޔުމާއި މިކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ފުން ނަޒަރަކުން ވިސްނާ، އަޅުގަނޑުމެން އެންމެންވެސް އަޅުގަނޑުމެންނާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށް އަޅުގަނޑަށް ފެންނާތީ. އަދި އެކަން އެހެން ކުރުމަށްޓަކައި އެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އެހީތެރިވާންޖެހޭ ފަރާތްތަކުން އެހީތެރިވާންވެސް އެބަޖެހޭ. މިސާލެއްގެ ގޮތުން ދަންނަވަނީނަމަ މުދައްރިސުންގެ މަސްއޫލިއްޔަތު އަދާކުރެވޭނީ މުދައްރިސުންނަށް ދޭންޖެހޭ އެހީތެރިކަންވެސް ދީގެން، މުދައްރިސުންނަށް ދޭންޖެހޭ ތަމްރީނުދީގެން، މުދައްރިސުންނަށް ކިޔަވައި ދިނުމަށްޓަކައި ބޭނުންވާ އެހެނިހެން އެހީތައްވެސް ހޯދައިދީގެން. ހަމައެހެން، ބެލެނިވެރިންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ދޭންޖެހޭ ތަރުބިއްޔަތު ދިނުމުގައި ބެލެނިވެރިން ދެނެގަންނަންޖެހޭ ކަންތައްތަކެއްވެސް އެބަހުރޭ. އެހެންވީމާ، ބެލެނިވެރިންނަށްވެސް އެހީތެރިކަމެއް އެބަދޭންޖެހޭ. އަދި އަޅުގަނޑުމެންގެ ތެރޭގައި ޕޭރެންޓަލް އެޑިޔުކޭޝަންގެ ގޮތުން ބެލެނިވެރިންނަށް، ކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި ދޭންޖެހޭ އެހީތެރިކަން އެކަމަށް ބޭނުންވާ މަޢްލޫމާތާއި ތަޢްލީމު ދިނުމުގެ ގޮތްތަކެއް ރޭވިފައެއް ނުހުރޭ. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް ބެލެނިވެރިންނަށް ޚާއްޞަކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު ލިބިގެން ބޮޑުކުރަން އުޅޭ ދެމަފިރިއަކަށް ބޭނުންވާ މަޢްލޫމާތު ނެތި ދިއުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ މިރޮނގުން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް އެބަޖެހޭހެން މަސައްކަތްތަކެއް ކުރަން.

އާދެ! މިއަދު މިރަށަށް އަޅުގަނޑު އައިސް ކުޑަކޮށް ރަށުތެރޭގައި ދަތުރުކޮށްލީމު. އަޅުގަނޑަށް ފެނިގެން މިދަނީ މުޅިން އާ މަންޒަރެއް. ކުރިއާ އަޅާ ބަލާފައި އަޅުގަނޑަށް މިފެންނަނީ ތަންކޮޅެއް ޙަރަކާތްތެރިކަން އިތުރުވެގެން ގޮސްފައިވާކަން. ޢުމްރާނީ ގޮތުންވެސް އާބާދީގޮތުންވެސް މަސައްކަތްތެރިކަމުގެ ގޮތުންވެސް އަޅުގަނޑަށް އެބަފެނޭ، މިތަނަށް އާ ދިރުންތަކެއް އަންނަތަން. އަޅުގަނޑަށް އުންމީދު ކުރެވޭ، މިގުޅިފައިވާ ހައްދުންމަތީގެ ރަށްތައް މިއީ ދިވެހިރާއްޖޭގައި ތަރައްޤީގެ ގޮތުން އެންމެ ކުރިއަށްދާނެ އެއްތަންކަމުގައި. އަޅުގަނޑަށް އެތަން އެބަ ފެނޭ މިހާރު. އެ އުންމީދު މިހާރު މިފެންނަނީ ސަބަބުތަކަކާހުރެ. އެއީ، ކުރިން މިތާނގައި ކުރެވިފައި ހުރި ކަންތައްތަކެއްގެ ސަބަބުން. އިތުރު ސްކޫލްތައް އެޅި، އިތުރު އާބާދީތަކަށް ގެދޮރު އެޅި، މަގުތައް ހެދި، ބަނދަރުތައް ހެދެމުންދާތީ. އެހެންވެގެން އެދިރުން އެ ފެންނަނީ. އަޅުގަނޑަށް މިގޮތަށް އަބަދުވެސް ވިސްނޭ، ހައްދުންމައްޗަކީ ވަރަށްބޮޑަށް ރާއްޖޭގައި ކުރިއަށް ދިއުމުގެ ވަސީލަތްތައް އޮތް ތަނެއްކަން. އެހެންވީމާ އެގޮތުން އަޅުގަނޑަށް ވީވަރަކުން އަޅުގަނޑުވެސް، އަޅުގަނޑުގެ މަގާމުގެ ގޮތުން އެބަ މަސައްކަތް ކުރަން، މިތަނަށް ރަނގަޅު ގޮތްތަކެއް މެދުވެރި ކުރެވޭތޯ. އެގޮތުން ޚާއްޞަކޮށް މިރަށުގެ މައިމަގު ހެދުމުގެ މަޝްރޫޢުގައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް މިހާރު ކުރަމުން އެބަދަން. ﷲ އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެމަސައްކަތްވެސް ފެށޭނެ.

އާދެ! މިރޭގެ މިޖަލްސާގެ މަޤްޞަދަކީ މިދިޔަ އަހަރު މިސްކޫލުން ތަޢްލީމު ހާސިލުކުރި ކުދިންގެ ތެރެއިން ޚާއްޞަ ވަނަތައް ހޯދި ކުދިންނަށް އިނާމު ދިނުން. އެހެންވީމާ، މިއީ ތިޔަ ކުދިންގެ ވަރަށްވެސް އުފާވެރި ރެއެއް. މިރޭ މިތަނުން އެކިއެކި ވަނަތައް ހޯދައިގެން އިނާމުތައް ގެންދާ ހުރިހާ ކުދިންނަށްވެސް އަޅުގަނޑު ވަރަށް ހޫނު މަރްޙަބާއާއި މުބާރަކްބާދީ ރައްދުކުރަން. އަދި ހަމަ އެފަދައިން އެކުދިންނަށް އެމަސައްކަތް އެކާމިޔާބުތައް ހާސިލު ކުރުމަށްޓަކައި އެކަމުގައި އެހީވެދިން މުދައްރިސުންނަށާއި ޚާއްޞަކޮށް އެކުދިންގެ ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އިރާދަކުރެއްވިއްޔާ މިސްކޫލަށް އަދަށްވުރެ ފަހި މާދަމައެއް ﷲ ސުބްޙާނަޙޫ ވަޠަޢާލާ ދައްކަވާށި! އަޅުގަނޑުގެ ދުޢާއަކީ މި ރަށާއި، މި ސްކޫލާއި، މި އަތޮޅާ، ޕްރޮވިންސަށް އިތުރު ފާގަތިކަމާ ތަނަވަސްކަން ލިބުން. އަދި ހަމައެފަދައިން މިސްކޫލުން ނިމޭ ކުދިންނަކީ އެއީ، ޚާއްޞަކޮށް އެކިއެކި މުޅި ރާއްޖެއިންވެސް މަތީ ވަނަތަކެއް ހޯދާނެ ކުދިން ތަކަކަށްވުން. އަޅުގަނޑަށް މިފުރުސަތު ދެއްވިކަމަށްޓަކައި، އަޅުގަނޑަށް މިދަޢުވަތު ދެއްވިކަމަށްޓަކައި އަދިވެސް އެއްފަހަރު ސްކޫލްގެ އެންމެހާ ޢިއްޒަތްތެރި ވެރިންނަށް ޝުކުރު ދަންނަވަން.


والسّـلام عليـكم ورحمة اللّـه وبركاته .