بســم اللّـه الرّحمـن الرّحيــم

الحمـد للـه ربّ العـالمـين ، والصّـلاة والسّـلام علـى رسو لنِـا محـمّد وعلى آلـه وصحـبه أجمعـين.

މަދްރަސަތުލް އަޙްމަދިއްޔާގެ ޕްރިންސިޕަލް އަލްފާޟިލް މުޙަންމަދު ރަޝީދު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޗީފް އޮފް ޑިފެންސް ފޯސަސް، ސްކޫލް ބޯޑުގެ ޢިއްޒަތްތެރި މެންބަރުން، ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުން.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! މިރެއަކީ ވަރަށް އުފާވެރި ރެއެއް. މިރޭ މިތަނުން މި އިވިގެންދިޔަ އަޑުތަކާއި ފެނިގެންދިޔަ މަންޒަރުތަކަކީ، އަޅުގަނޑަށް ޔަޤީން ކުރެވޭ ގޮތުގައި ކޮންމެ ދިވެހި ދަރިއެއްވެސް އެކަމަށް އުފާކޮށް ފަޚުރުވެރިވާނެ ކަމެއް. އާދެ! އަޅުގަނޑުގެ ފުރަތމަ ވާޖިބަކީ، މިރޭ އެކިއެކި އިނާމުތައް ހާސިލު ކުރެއްވި ހުރިހާ ކުދިންނަށްވެސް އަދި ހުރިހާ ޓީޗަރުންނަށްވެސް ވަރަށް ހޫނު މަރުހަބާއެއް ދެންނެވުން. ކޮންގްރެޖުލޭޝަންސް.

އާދެ! އަޅުގަނޑަށް އެނގޭ މިހާހިސާބަށް އައިސް މިހާ ފުރިހަމަ ކާމިޔާބީއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އެއީ، ވަރަށް ދިގު މުއްދަތެއްގައި މަސައްކަތް ކޮށްގެން، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން މިނަތީޖާ ތިޔަކުދިންނަށް މިރޭ މިނެރެވުނީ. އެކަމަށްޓަކައި ތިޔަކުދިން ކުރި ހިތްވަރަށް ފަށްފަށުން ސާބަސް. އަދި ހަމައެއާއެކީގައި ތިޔަކުދިންނަށް އެހީތެރިވެ، ތިޔަކުދިންނަށް ކިޔަވާދިނުމުގައާއި ތިޔަކުދިންނަށް އެހީތެރިވެދިނުމުގައި މަސައްކަތްކުރި ހުރިހާ ޓީޗަރުންނަށާއި ބެލެނިވެރިންނަށް އަދި ސްކޫލްގެ އެކިއެކި ވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ސްކޫލް އަހަރަކަށްފަހު އަހަރެއް މިދަނީ ވަރަށް މަތީ ވަނަތައް ހޯދަމުން. ވަރަށްދިގު ރާސްތާއެއްގައި މިވޭތުވެދިޔަ އަށާވީސް އަހަރު ދުވަހުގެ ތެރޭގައި ހަމަ އަހަރަކަށްފަހު އަހަރެއް ރަނގަޅުވަމުން ނަތީޖާ ކުލަގަދަ ކުރަމުން، ރަނގަޅު ކުރަމުން އައިސް މިއަދު އަޅުގަނޑުމެންނަށް މިވަނީ މި ސްކޫލްގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދިފައި. ޝައްކެއްނެތް! މިރޭ މި އިވިގެންދިޔަ ނަތީޖާތަކަކީ އެއީ، އަޅުގަނޑުމެން އެންމެން ފަޚްރުވެރިވާންޖެހޭ ކަމެއް. އެއީ ވަރަށްބޮޑަށް މިސްކޫލުން ކުރެވިފައިވާ މަސައްކަތުގެ ބުރަކަން، މަސައްކަތުގެ ކާމިޔާބު ދައްކުވައިދޭ ނަތީޖާތަކެއް.

އާދެ! މިސްކޫލްގެ ފެށުން ދެންމެ އަޅުގަނޑުމެންނަށް ވީޑިޔޯއިން ފެނުނު ފަދައިން ވަރަށް ކުޑަގޮތަކަށް ފެށިގެން އައި ސްކޫލެއް މިއީ. ނަމަވެސް، މި އަށާވީސް އަހަރު ދުވަހުގެ ތެރޭގައި މިހޯދާފައިވަނީ ވަރަށްވެސް ބޮޑު ކާމިޔާބީއެއް. އަޅުގަނޑުވެސް މި ސްކޫލް ފެށިގެން އައިއިރުގައި މަދްރަސަތުލް އަޙްމަދިއްޔާގެ އެތެރެއަށް ކުޑަކޮށް އައިސް އޭރު އަވަށު ކޮމިޓީގެ ތެރޭގަޔާ އެކީގައި އުޅުނީމު. އެހެންވީމާ، އަޅުގަނޑަށް ވަރަށް ރީތިކޮށް ފެނިފައި މިއޮތީ މިސްކޫލަށް އައިސްފައިމިވާ ބަދަލު. އެއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް. ފޮތުގައި އިން ފޮޓޯއަކުންވެސް ފެނިވަޑައިގެންނެވި ފަދައިން މި ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާއެއް ޝަރަފުވެރި ކުރުމަށް މީގެކުރިންވެސް އަޅުގަނޑު އައިން. އެއީ، މީގެ ބާވީސް އަހަރު ދުވަސް ކުރިން. އެހެންވީމާ، އަނެއްކާވެސް އެފުރުސަތު ލިބުނުކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

އާދެ! އަޅުގަނޑުގެ މިރޭގެ ވާހަކައިގައިވެސް އަޅުގަނޑު ވޭ ފާހަގަކޮށްލާ ހިތް، މިސްކޫލަށް ޚާއްޞަ ގޮތެއްގައި ޚިދްމަތް ކުރެއްވި ބައެއް ބޭފުޅުން. އެގޮތުން ހަމަ އެންމެ ފުރަތަމަވެސް އަޅުގަނޑު ފާހަގަކުރާނީ، މިސްކޫލްގެ ބާނީ އަލްފާޟިލް ޑީ. އަޙްމަދު ދީދީ. އެބޭފުޅާ ވަރަށް ހިތްވަރާއެކުގައި، ވަރަށް ގިނަ ވަގުތު ސްކޫލްގައި އުޅުއްވައިގެން، ސްކޫލް ބިނާކުރެއްވުމުގައި، ސްކޫލް ޤާއިމުކުރެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި. އަދި ހަމައެހެން، އަޅުގަނޑު ދެވަނަ ބޭފުޅެއްގެ ނަންވެސް މިރޭ ފާހަގަކުރާނަން. އެއީ، އަލްފާޟިލް ސަރަނގު މުޙަންމަދު ކަލޭފާނު. މުޙަންމަދު ކަލޭފާނުވެސް ހަމައެފަދައިން، މި ސްކޫލް ބިނާކޮށް ސްކޫލް ވަރުގަދަ ކުރެއްވުމަށްޓަކައި ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވޭ. އެހެންވީމާ، އެ ދެ މަރްޙޫމަށް އަޅުގަނޑު ﷲ ސުބްޙާނަހޫ ވަތަޢާލާ، އެދެބޭފުޅުންގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން.

އާދެ! ކިތަންމެ ބޭފުޅުންނެއް މި ސްކޫލްގެ ކާމިޔާބަށްޓަކައި މަސައްކަތް ކުރައްވާފައިވޭ. އެގޮތުން މައްޗަންގޮޅި އަވަށް ކުރިއަރުވާ ކޮމިޓީގައި މަސައްކަތް ކުރެއްވި އެކިއެކި ބޭފުޅުންނާއި، އަވަށު ވެރިންނާއި އަދި ޚާއްޞަކޮށް މިސްކޫލްގެ ވެރިންގެ ގޮތުގައި ޚާއްޞަކޮށް ސްކޫލްގެ ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން އަޅުގަނޑު ޚާއްޞަކޮށް މިރޭ ފާހަގަކުރަން. އެނގިވަޑައިގަންނަވާނެ ފަދައިން އެއިން ކޮންމެ ބޭފުޅަކީވެސް ދިގުމުއްދަތަކަށް މި ސްކޫލަށް ޚިދްމަތް ކުރެއްވި ބޭފުޅުން. މިސްކޫލްގައި ކުޑަދުވަސްކޮޅަކު އުޅުއްވާފައި ވަޑައިގެންނެވި ބޭފުޅެއް ނޫން. ކޮންމެ ބޭފުޅަކީވެސް، ވަރަށް ދިގު މުއްދަތެއްގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކެނޑިނޭޅި މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ބޭފުޅުން. އެހެންވީމާ، އެގޮތުން އެހުރިހާ ބޭފުޅުން އަޅުގަނޑު މިރޭ ފާހަގަކޮށް އެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ! މި ސްކޫލްގެ ޚާއްޞަ ކަމަކީ އަޅުގަނޑަކަށް ހިއެއްނުވޭ އެހެން ސްކޫލެއް އޮތް ހެނެއް، މިހާ ގިނަ އަދަދެއްގެ ކުދިންނަށް ނާސަރީ ކްލާހުން ފެށިގެންގޮސް އޭ.ލެވެލްއާ ހަމައަށް ކިޔަވާދެމުންގެންދާ ސްކޫލެއް. އެއީ، ވަރަށް ޚާއްޞަ ސިފައެއް. އަދި މި ސްކޫލަކީ މިއީ، އަމިއްލަ ގޮތެއްގައި މުޖުތަމަޢުގެ ފަރާތުން އަޅުގަނޑުމެން ކުރިން ކިޔާއި އުޅެނީ ކޮމިއުނިޓީ ސްކޫލެކޭ. ކޮމިއުނިޓީ ސްކޫލެއްގެ ގޮތުގައި އަވަށު މަދަރުސާއެއްގެ ގޮތުގައި ފެށިގެން މިހާތަނަށް ހިނގަމުން އަންނަ ސްކޫލެއް. އެވެސް ވަރަށް ޚާއްޞަ ސިފައެއް. ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން އަމިއްލަ ބަޔަކަށް މިވަރުގެ ސްކޫލެއް ހިންގޭނީ. އެއީ، މިކަމަކީ ވަރަށްބޮޑު ކަމެއް. ވަރަށްގިނަ ޚަރަދުތަކެއް ހިނގާ ކަމެއް. ވަރަށްގިނަ ބައެއްގެ އެހީ ބޭނުންވާ ކަމެއް. އާދެ! އެހެންވީމާ އަޅުގަނޑު ދެކޭހިތްވަނީ މި ސްކޫލް މި ލީ ހިތްވަރަށް އަޅުގަނޑުމެން ރިޢާޔަތްކޮށް މިސްކޫލް މިއަށްވުރެވެސް އަދި ރަނގަޅު ކުރެވޭނެ ގޮތްގޮތަށް ޚިޔާލުކޮށް މިކަމަށްޓަކައި ވެދެވެންހުރި ހުރިހާ އެހީއެއް ވެދިނުން. އެހެންވީމާ އަޅުގަނޑު އެދެން އެޑިޔުކޭޝަން މިނިސްޓަރުގެ އަރިހުންވެސް ޚާއްޞަ ގޮތެއްގައި މިހެންހުރި ސްކޫލްތަކަށް އެހީވެވަޑައިގެންދެއްވުމަށްޓަކައި މަސއްކަތް ކޮށްދެއްވުން.

އާދެ! ވަރަށްގިނަ އަދަދެއްގެ ކުދިންތަކެއް ސްކޫލް ނިމުނީ. އަޅުގަނޑު ވަރަށް އުފާވި މިރޭ އަޅުގަނޑަށް އެނގުނު މިސްކޫލުން އޯލެވެލް ހެދި ކުދިންގެ ތިންބައިކުޅަ ދެބައިކުދިން އޭ.ލެވެލްއަށް ކޮލިފައިޑްވާކަން. އެއީވެސް ވަރަށް ޚާއްޞަ ކަމެއް. އެއީވެސް ވަރަށް އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެއް. އެހެންވީމާ ގިނަ ކުދިންތަކެއް މަތީތަޢްލީމަށް ދިޔުމަށްޓަކައި އޭ.ލެވެލް ހެދުމަށް އަދި އޭ.ލެވެލް ހެދުމަށްފަހުގައި މަތީ ތަޢްލީމަށް ދިޔުމަށް ތައްޔާރުވަމުންދާކަމީ އެއީ، ވަރަށްވެސް އުފާކުރަންޖެހޭ ކަމެއް. އާދެ! އެގޮތުން އޭލެވެލަށް ނުދެވި ދެން ތިބޭ ކުދިންނާ ދޭތެރޭގައިވެސް އަޅުގަނޑުމެން ޖެހޭނެ ވިސްނަން. ދަށް ކްލާސް ތަކުގައި ތިބި ކުދިންނަށް އޮތީ ވަރަށްވެސް ބޮޑު ޗެލެންޖެއް. އެއީ، މިހާތަނަށް މިސްކޫލް ހޯދާފައިވާ މަތިވެރި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކެނޑިނޭޅި އެކުދިންވެސް މަސައްކަތް ކުރަމުން ގެންދިޔުން.

އާދެ! ސްކޫލުން ނިމިގެން ނުކުންނަ ކުދިންނަށް ވާނުވާ ގޮތް ބެލުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ސްކޫލެއްގެ އެންމެބޮޑު ވާޖިބަކީވެސް، ސްކޫލްގައި އުޅޭ ކުދިންނަށް ކިޔަވައިދީގެން އެކުދިންނަށް ރަނގަޅު ދިރިއުޅުމެއް ދަސްކޮށްދީ، އެކުދިން ކާމިޔާބު ކުދިންތަކަކަށް ހެދުން. އެހެންނަމަވެސް، އެ ކާމިޔާބު ގިނަފަހަރަށް ފެންނަނީ ކުދިން ސްކޫލް ނިމިގެން މުޖުތަމަޢަށް ނުކުތުމަށްފަހުގައި. އެހެންވީމާ، މުޖުތަމަޢަށް ކުދިން ނުކުތުމަށްފަހުގައި ސްކޫލުން ނިމޭ ކުދިންނަށް ވާނުވާގޮތް ބެލުން އެއީ، ވަރަށް މުހިންމު ކަމެއް. ކޮންމެ ސްކޫލަކުން އެމަސައްކަތް ކުރުން އެއީ، އަޅުގަނޑު ދެކޭ ގޮތުގައި ކުރަންޖެހޭ ކަމެއް. ސްކޫލްތަކުން ނިމޭ ކުދިންނަށް ވަނީ ކިހިނެއްތޯ؟ ކިހާ ކުދިންނެއްތޯ މަތީ ތަޢްލީމަށް ދަނީ؟ ކޮން ކުދިންނެއްތޯ މަސައްކަތަށް ނުކުންނަނީ؟ އެކިއެކި ވަޒީފާތަކަށް ދަނީ. ކިތައް ކުދިންތޯ ވަޒީފާއެއް ނުލިބި ތިބެނީ؟ ކިތައް ކުދިންތޯ އެކި ގޮތްގޮތުން ވިޔާނުދާ ކަންތަކުގެ ތެރެއަށް ގޮސް ގެއްލިގެންދަނީ؟ މި ތަފާސް ހިސާބު، އަޅުގަނޑުމެން އެބަޖެހޭ ސްކޫލްތަކުން ކޮންމެވެސް ވަރަކަށް ބަލަމުން ގެންދަން. އެއްގޮތަކަށްވެސް އަޅުގަނޑުމެން ކުދިންނަށް ކިޔަވާދީފައި އިމްތިޙާނުން ފާސްވުމަށްފަހުގައި އެކަމުން އަޅުގަނޑުމެންގެ ޒިންމާ މުޅިން ނެތިގެން ދިޔައީ ކަމަށް ބަލައިގެނެއް ނުވާނެ. ސްކޫލް ބައްޓަން ކުރަން މިޖެހެނީ މުޖުމަތަޢު ބޭނުންވާގޮތަށް. އަޅުގަނޑުމެންގެ ސްކޫލް ވާންޖެހޭނީ އަޅުގަނޑުމެން ދެކޭހިތްވާ މުޖުތަމަޢު ދައްކުވައިދޭ ތަނަކަށް. އެ އަޅުގަނޑުމެން ދެކޭ ހިތްވާ މުޖުތަމަޢުއަށް ތަމްރީނުކުރާ ތަނަކަށް. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް ކަމޭހިތާ މުޖުތަމަޢެއްކަމަށް އަޅުގަނޑުމެން ވާން ބޭނުންވާނަމަ އަޅުގަނޑުމެންގެ ސްކޫލްތަކުގައި ޖެހޭނެ، އަޅުގަނޑުމެން ކުދިންނަށް އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެކަކު އަނެކަކަށް އެހީތެރިވާން ދަސްކޮށްދޭން. އަދި ހަމައެފަދައިން، އަޅުގަނޑުމެންގެ މުޖުތަމަޢަކީ، ޑިމޮކްރަސީގެ ވަރުގަދަ އުސޫލުތަކާ އެއްގޮތަށް ޤާއިމުވެފައިވާ ޑިމޮކްރެޓިކް މުޖުތަމަޢެއް ކަމުގައި ވާން އަޅުގަނޑުމެން އެދޭނަމަ، އަޅުގަނޑުމެންގެ ސްކޫލްތަކުގައި އަޅުގަނޑުމެން ޖެހޭނެ މި ޑިމޮކްރެޓިކް އުސޫލުތައް ޢަމަލީ ގޮތުން ޕްރެކްޓިސް ކުރަން. އަޅުގަނޑަށް ފާހަގކުރެވޭ، މި ސްކޫލްގައިވެސް ތަފާތު ޖަމްޢިއްޔާތަކާއި ކްލަބްތައް އެބަހުރި. އެހެންވީމާ، އެޖަމްޢިއްޔާތަކުގެ މަގާމުތަކަށް ކުދިން ހޮވުމުގަޔާއި ސްކޫލްގެ ތެރޭގައި އެކިއެކި ކަންކަމުގައި ކުދިން ބައިވެރިކުރުމުގައި ޑިމޮކްރެޓިކް އުސޫލުތައް ބޭނުންކޮށް އެކުދިންނަށް އެތަމްރީނު ދިނުމަކީ، އެއީ ސްކޫލްތަކުގައި ކުރަންވާނެ ކަމެއް. އަދި ހަމައެހެން އަޅުގަނޑުމެންގެ ސްކޫލްތަކުގައި ތައްޔާރުކުރާ ކުދިންނަކީ، ތަމްރީނުކުރާ ކުދިންނަކީ މުޖުތަމަޢަށް ނުކުމެ އަޅުގަނޑުމެންގެ ދިވެހި އާދަކާދަތަކާއި، ދިވެހި ޘަޤާފަތާ، އަޅުގަނޑުމެންގެ ދީން ފުރިހަމައަށް ހިފަހައްޓާ ބަޔަކަށްވާން އެބަޖެހޭ. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ސްކޫލްތަކުގައި މިދެންނެވި ކަންތައްތަކަށް ވަރަށްބޮޑަށް އަހަންމިއްޔަތުކަން ދޭންޖެހޭ. އަޅުގަނޑަށް އެނގޭ ކުރިއާ އަޅާބަލާއިރުގައި މިހާރު ގިނަސްކޫލްތަކުގައި މިދެންނެވި ކަންތައްތައް ވަރުގަދަވަމުންދާކަން. ޚާއްޞަކޮށް ސަޤާފީ އެކިއެކި ކަންކަން.

އާދެ! މިރޭ އަޅުގަނޑުމެންނަށް މިފެނުނު ގޮތުން އަޅުގަނޑުމެންގެ ކުދިންނަކީ ތޫނުފިލި ވިސްނުންތެރި ވަރަށް ކުޅަދާނަ ކުދިންތަކެއް. އެހެންވީމާ، އެކުދިންނަށް ނަގަންޖެހޭ އިމްތިޙާނުތައް ވަރަށް ކާމިޔާބު އެކުރަނީ. އިށީންނަ ހުރިހާ މާއްދާތަކުން ޑިސްޓިންކްޝަން ހޯދަނީ. ދުނިޔޭގެ އެކިއެކި އިމްތިޙާނުތަކުގައި އެއްވަނަ، ދެވަނަ، ތިންވަނަ ހޯދަނީ އަޅުގަނޑުމެންގެ ކުދިންތައް. އެހެންވީމާ، ފޮތުން ދަސްކުރަންޖެހޭ ދަސްކުރުންތައް އެއީ، އަޅުގަނޑުމެން ކުދިންނަށް ވަރަށް ފަސޭހައިން ކުރެވޭ ކަމަކަށް މިއޮތީ ވެފައި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާ ހިތް އޮތީ، ފޮތުން ކިޔަވާ ކިޔެވުމުގެ އިތުރުން އަދި ދަސްކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ހުންނާނެއޭ. އެހެންވީމާ، މިއަދު ދިވެހިރާއްޖޭގައި ތަޢްލީމީ ސިޔާސަތުގެ ތެރެއިން ކުދިންނަށް ގިނަ ތަޖުރިބާތައް ކުރެވޭނެ ގޮތަކަށް ވަށާޖެހޭ ތަޢްލީމެއް ބައްޓަން ކުރައްވައި، އެތަޢްލީމު ހުރިހާ ސްކޫލްތަކެއްގައިވެސް ދެވޭނެ ގޮތަކަށް އިންތިޒާމު ކުރައްވަމުން ގެންދަވަނީ.

އާދެ! އަޅުގަނޑުމެން ކިޔަވާދީފައި މުޖުތަމަޢަށް ނެރޭ ކުދިންނަކީ، ބޭނުންހިފޭ ކުދިންތަކަކަށް ވާންޖެހޭނެ. އަޅުގަނޑުމެންގެ މައިންބަފައިން ވަރަށްބުރަ މަސައްކަތެއް ކޮށްގެން ކުދިން ސްކޫލަށް މިފޮނުވަނީ. އަދި ހަމައެހެން މިސްކޫލްގައި ޚާއްޞަކޮށް ބައްލަވާއިރުގައި މިސްކޫލްގެ ގިނަކުދިންނަކީ، އެކުދިންގެ އަމިއްލަ ގެދޮރު، އެކުދިންގެ ރަށް ދޫކޮށް، އައިސް ތަޢްލީމު ހާސިލު ކުރުމަށްޓަކައި ވަރަށްވެސް ބުރަ މަސައްކަތްތަކެއް ކުރަމުންގެންދާ ކުދިންތަކެއް. ވަރަށްގިނަ ކުދިންނަކީ، ވަރަށްދަތި ހާލުގައި ކިޔެވުމަށްޓަކައި މާލޭގައި ތިބެ މަސައްކަތް ކުރަމުންގެންދާ ކުދިން. އެހެންވީމާ، އެފަދަ ބޮޑު ހިތްވަރެއްކޮށް މިހިސާބަށް އައުމަށްފަހުގައި ދެން މުޖުތަމަޢަށް ނުކުމެ އެކުދިންނަށް އުޅެވޭނެ ގޮތެއް ވާންޖެހޭނެ. އިތުރަށް ކިޔަވަން ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހުންނަން ޖެހޭނެ. މަސައްކަތަށް ނުކުންނަން ބޭނުންވާ ކުދިންނަށް މަސައްކަތް ލިބެންޖެހޭނެ. މިވަރު ބޮޑު ހިތްވަރެއް ކުރުމަށްފަހުގައި ދެން ބާކީވެފައި ތިބެން ޖެހުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ޚިޔާނާތަކަށޭވާނީ.

އާދެ! އެހެންވީމާ އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި އެބަ މަސައްކަތް ކުރަންޖެހޭ، ސްކޫލްތަކުން ނިމޭ ކުދިންނަށް ކެރިއަރ ކައުންސެލިންގދީ، އެކިއެކި މަސައްކަތްތަކަށް އެކުދިން ގާތް ކުރެވޭތޯ ބަލަން. އެގޮތުން އަޅުގަނޑު ދަންނަވާނީ ސަރުކާރުން ކުރެވެން ހުރި މަސައްކަތްތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކުންވެސް ވަރަށްބޮޑު މަސައްކަތެއް ކުރެވިދާނެއޭ. ސްކޫލްގައި އުޅޭއިރުގައިވެސް، ސްކޫލްގެ މަތީ ކްލާސްތަކުގައި ކުދިން އުޅޭއިރުގައިވެސް މަސައްކަތުގެ ދުނިޔެއަށް އެކުދިން ތަޢާރަފް ކުރުމަށްޓަކައި ކުރެވިދާނެ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެގޮތުން ޚާއްޞަކޮށް ޕްރައިވެޓް ސެކްޓަރުގެ އެކިއެކި ކުންފުނިތަކާއި، އޮފީސްތަކާ ގުޅިގެން އެކުދިންގެ ޗުއްޓީގެ ދުވަސްވަރުގައި، ނޫނީ ސްކޫލްގެ ދުވަސްވަރުގައިވެސް އެތަންތަނުގައި މަސައްކަތް ކުރުމުގެ ކޮންމެވެސް ކަހަލަ ފުރުސަތެއް ހޯދުމަކީ އެއީ، އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމު ކަމެއްހެން. ބައްލަވާ، ދުނިޔޭގެ ތަރައްޤީވެފައިވާ ވަރަށްގިނަ ޤައުމުތަކުގައި ނަންގަވާ ޖަރމަނީ. ޖަރުމަނުވިލާތުގައި ސްކޫލް ހުރިހާ ކުދިންނަށްވެސް ޖެހޭ މަސައްކަތް ކުރަން. އަދި ހަމައެހެން ސްވިޓްޒަރލޭންޑް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، މިތަންތާނގައިވެސް ސްކޫލްގައ އުޅޭ ކުދިންނަށް އެބަޖެހޭ މުޖުތަމަޢުގެ ތެރެއަށް ނުކުމެ މަސައްކަތްތަކެއް ކުރަން. ބައެއް ކުދިންނަށް ސްކޫލްގެ މާއްދާއެއްގެ ގޮތުގައި ކޮމިއުނިޓީ ސަރވިސްގެ ގޮތުން މާއްދާ ނަގަންޖެހޭ. އަދި އެއަށް ކްރެޑިޓުވެސް ހޯދަންޖެހޭ. އޭރުން އެކުދިންނަށް ސްކޫލުން ސެޓްފިކެޓް ލިބޭނީ. ސްކޫލް ނިމުނު ކަމުގެ ސެޓްފިކެޓް ލިބޭނީ.

މިދެންނެވި ކަންކަމަކީ، މިއީ ކުރިއަރާފައިވާ މުޖުތަމަޢު ތަކުގައި ވަރަށް ބޮޑަށް ވިސްނުމަށްފަހުގައި، ކުދިން މަސައްކަތުގެ ދުނިޔެއަށް އާލާކުރުމަށްޓަކައި އެކަމަށްޓަކައި ވިސްނާފައި ހުރި ކަންކަން. އެހެންވީމާ، އެގޮތުން އަޅުގަނޑު އުންމީދު ކުރަން، މިސްކޫލްގެ ފަރާތުންވެސް އަދި އެހެން ސްކޫލްތަކުންވެސް އެކިއެކި އަމިއްލަ ފަރާތްތަކާ ގުޅުއްވައިގެން ސްކޫލާއި ކުންފުނިތަކާއި އަމިއްލަ ޖަމާޢަތްތަކާ ގާތް ގުޅުމެއް އުފެއްދެވުމަށް. އަދި އެގުޅުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ އެހީ ދެމިހުންނަނިވި ގޮތެއްގައި ސްކޫލަށް ލިބޭނެ ގޮތެއް ހޯއްދަވަން.

އާދެ! މިކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުދިންގެ މުސްތަޤްބަލް ބައްޓަން ކުރުމަށްޓަކައި، ކުދިންނަށް ފުރުސަތުތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެކުދިންނަށް ހަމައެކަނި ކިޔަވާ ދިނުމުގެ އިތުރުން. އަޅުގަނޑު އުންމީދު ކުރަން، މިދެންނެވި ކަމަށް ޚާއްސަ ސަމާލުކަމެއް، ތަޢްލީމީ ދާއިރާގައި އުޅުއްވާ ހުރިހާ ބޭފުޅުންވެސް އަދި ސްކޫލްތަކުގެ ވެރިންވެސް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވެސް ދެއްވަމުން ގެންދަވާނެ ކަމަށް.

އާދެ! ކުރިންވެސް ދެންނެވި ފަދައިން ތިޔަކުދިންނަކީ ތިއީ ވަރަށްބޮޑު ހިތްވަރެއް ކޮށްގެން މިހިސާބަށް އައި ކުދިން. ވަރަށްބޮޑު ކާމިޔާބެއް މިރޭ ތިޔަކުދިންނަށް މި ލިބުނީ. މި ލިބުނު އިނާމުތައް އެރަމްޒު ކޮށްދެނީ. އެހެންނަމަވެސް، ތިޔަކުދިންގެ ހަޔާތުގެ ބޮޑުބައި އަދި އޮތީ ކުރިއަށް. ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިވެސް އަދި އޮތީ ކުރިއަށް. އެހެންވީމާ، މިހާރު މި ސްކޫލްގެ ދައުރު ވަކި ހިސާބަކުން ނިމޭ ކުދިންނަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ނަސޭހަތްތެރިވަން، ދިމާވާ ކުޑަކުޑަ ހިތްހަމަނުޖެހުމަކުން އެއްގޮތަކަށްވެސް މާޔޫސްނުވާށޭ. މިއޮތް ހުރިހާ ދުވަހުވެސް ތިޔަކުރި ހިތްވަރު ހަނދާން ބަހައްޓައިގެން އަދިވެސް އިތުރު ހިތްވަރެއް ލައިގެން އުމުރުގެ ދެން އޮތް މަރުހަލާތަކަށް ކުރިމަތިލުމަށްޓަކައި މަސައްކަތް ކުރާށޭ.

I was very pleased tonight when the teachers received prizes. I think this is the first school where the schools have given prizes to their excellent teachers. I think this is a wonderful idea and I really applaud this practice.

Obviously the achievement that you have obtained is a collective effort. It is the work of students, yes. But students are able to do that because you have teachers to help you and you have parents to help you. So its very much a collective effort and it is wonderful that the school has recognized the excellent contribution made by the teachers. Some of you, I can see that, you are very dedicated and you have put all your effort to make your students successful. For that I really congratulate you and I thank you very much.

Thank you.

އާދެ! އަޅުގަނޑު ނިންމާލުމުގެ ކުރިން، މަދްރަސަތުލް އަޙްމަދިއްޔާއަށް އަޅުގަނޑު އެދެނީ ފާގަތި މުސްތަޤްބަލެއް. އަހަރަކަށްފަހު އަހަރެއް އިތުރު ކާމިޔާބުތައް ހޯއްދެވުން. އަދި ނިންމާލުމުގެ ކުރިން ތިޔަ ހުރިހާ ބޭފުޅުންނަށާއި ތިޔަ ހުރިހާ ބޭފުޅުންގެ ޢާއިލާތަކަށް، މިބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮދުޢާއާއި ބަރަކާތް ލެއްވުމަށް އެދި އަޅުގަނޑު ދުޢާ ކުރަން.

والسّــلام عليــكم ورحمـةلله وبركا تـه.
________________