بســم اللّـه الرّحمـن الرّحيــم

الحمـد للـه ربّ العـالمـين ، والصّـلاة والسّـلام علـى رسو لنِـا محـمّد وعلى آلـه وصحـبه أجمعـين.

Honourable Minister of Health; Excellency the High Commissioner from Pakistan, Mr Akhtar Ali Sulehri; staff of the Pakistan High Commission; doctors; nurses; and, the Staff of Hulhumale’ Hospital:

First of all let me take a few minutes to thank His Excellency Akhtar Ali Sulehri, the High Commissioner of Pakistan and the staff of the High Commission and the government of Pakistan for the generous donation to the hospital to establish an Intensive Care Unit. This is going to make a huge difference in the quality of services provided by the hospital to the population on this island. So thank you very much.

އަދި ހަމަ އެހެން، މިނިސްޓްރީ އޮފް ހެލްތާ އަދި މާލޭ ހެލްތް ކޯޕަރޭޝަންގެ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ޝުކުރުވެރިވަން، މި އައި.ސީ،ޔޫ ޔުނިޓު އުފެއްދުމަށްޓަކައި މަސައްކަތްކުރައްވައި މިކަން މިއަދު ކާމިޔާބު ކުރެއްވީތީ.

އެނގިވަޑައިގަންނަވާނެފަދައިން، ދިވެހިންނަކީ އަބަދުވެސް ހާލުގައި ޖެހިފައިތިބޭ މީހުންނަށް ޚިދްމަތްދިނުމުގައި ފަހަތަށްޖެހޭ ބައެއްނޫން. އަޅުގަނޑުމެންގެ އާދަކާދައާ އަޅުގަނޑުމެންގެ އިސްލާމްދީނާ އަޅުގަނޑުމެންނަށް ލާޒިމުކުރޭ، ހާލުގައިޖެހިފައިވާ މީހުންނަށް އަޅާލައި އަޅުގަނޑުމެންނަށް ވެވެންހުރި ހުރިހާ އެހީއެއްވާން. އެގޮތުން މިހޮސްޕިޓަލުގައި މިހާރު މިއަދު މިއުފެއްދޭ، އައި.ސީ.ޔޫގެ ޔުނިޓު އެއީ، ހާލުބޮޑުވެފައިތިބޭ މީހުންނަށް ޚިދްމަތް ދިނުމަށްޓަކައި އުފެއްދޭ ޚިދްމަތެއް. އެހެންވީމާ، މި ހޮސްޕިޓަލަށް އެ ޚިދްމަތް ބޭނުންވެގެން އަންނަ ހުރިހާ ރައްޔިތުންނަށްވެސް އެ ޚިދްމަތް ވީހާވެސް ފުރިހަމަކޮށް ދެއްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

އާދެ، ހާލުބޮޑުވެފައިވާ މީހުން އައި.ސީ.ޔޫ އަށް ގެނެއުމުގައި މިހާތަނަށް ދިމާވާ އެންމެބޮޑު އެއް ހުރަހަކީ، އައި.ސީ.ޔޫ ޔުނިޓުތައް އުފެދިފައިހުރިލެއް މަދުކަން. އެފަދަ ޔުނިޓެއް އަޅުގަނޑަށް އެނގިފައިވާގޮތުގައި އަދި މިހުންނަނީ ހަމައެކަނި މާލޭގައި. ނޫނީ އައްޑުއަތޮޅުގައި. މިކަހަލަ ދެތިންތަނެއްގައި މިހިރީ. އެހެންވީމާ، މިރަށުގައި މިހާރު ދިރިއުޅޭ 12 ހާހެއްހާ ރައްޔިތުންނަށް ދެވޭ ވަރަށްވެސް މުހިންމު ޚިދްމަތެއް، މިޔުނިޓު މިތާނގައި ހުޅުވުން މިއީ.

އެނގިވަޑައިގަންނަވާނެފަދައިން، މިދޭތެރޭގެ ކަނޑު ބައެއްފަހަރަށް ވަރަށް ގަދަވޭ. އެހެންވީމާ، ހާލުގައި ޖެހިފައިވާ މީހަކު މާލެއަށް ގެންދިއުމަކީ އެއީ، އެއްގޮތަކަށްވެސް ފަސޭހަކަމެއްނޫން. ބައެއްފަހަރު ލިބިފައިވާ ގެއްލުމަށްވުރެބޮޑަށް އިތުރު ނުރައްކަލާ ކުރިމަތިލާން ޖެހުމަކީވެސް އެކަށީގެންވާކަމެއް، ކަނޑުގަދަވުމުގެ ސަބަބުން. އައި.ސީ.ޔޫ އަށް ގެންނަ މީހުންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމަށްޓަކައި މިހާރު އައި.ސީ.ޔޫގައި މިއުފެއްދުނު އިކްވިޕްމެންޓާ މިޤާއިމުކުރެވުނު ޚިދްމަތް ރަނގަޅުކުރުމަށްޓަކައި މިހޮސްޕިޓަލުގެ ސްޓާފުންނަށް ދޭންޖެހޭ ޚިދްމަތްވެސް ދެއްވަމުން ގެންދަވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އަޅުގަނޑު ވަރަށް އުފާކުރަން، މިހާރު މިހޮސްޕިޓަލުގައި ހަމަ މިއަދުން ފެށިގެންވެސް އެނިސްތިއޮލޮޖިސްޓަކު ހުންނަ ގޮތަށް ހަމަޖައްސަވާފައިވާތީ. ދާއިމީގޮތުން އަދި ދާދި އަވަހަށް މިހޮސްޕިޓަލަށް އެފަދަ ޑޮކްޓަރަކުވެސް ގެނެވޭނެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ.

ކޮންމެއަކަސް އައި.ސީ.ޔޫ.އަށް ގެންނަންޖެހޭ މީހުން، ތަފާތު އެކި ސަބަބުތަކަށްޓަކައި މިގެންނަނީ. އެއްކަމަކީ ކޮންމެވެސް ބޮޑު ބައްޔެއްގައި ގެނައުން. އަނެއްކަމަކީ އެކްސިޑެންޓެއް ވެގެން ގެންނަންޖެހޭ ގެނައުން. އަނެއްކަމަކީ ބޮޑުގެއްލުމެއް ލިބިގެން މާރާމާރީއެއްގެ ސަބަބުން ގެންނަންޖެހޭ ގެނައުން. މިކަންކަން މަދުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް އެއީ ވަރަށް މުހިންމުކަމެއް. އެއީ، މީގެ ޑިމާންޑްތަކަކީ އެއީ. ހޮސްޕިޓަލުން މިދެވެނީ އެކަމާބެހޭ ޚިދްމަތް. އޭގެ ސަޕްލައި ސައިޑް. އެހެންވީމާ، ދެކޮޅުންވެސް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ.

އަޅުގަނޑު ވަރަށް ކުރުކުރުކޮށް، މިއަދު ވަގުތުވެސް ނެތުމާއެކީގައި ހަމައެކަނި އެންމެ މައުޟޫޢަކަށް އަޅުގަނޑު އަމާޒު ކޮށްލާނަން. އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކަށް ގެންނަންޖެހޭ ބޮޑެތިގެއްލުން ލިބިފައިވާ، މާރާމާރީގެ ސަބަބުން ގެއްލުން ލިބިފައިވާ މީހުން މަދުކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ، މިއަދު އަޅުގަނޑުމެން އެންމެން ވަރަށްބޮޑަށް މަސައްކަތްކުރަން ޖެހިފައިވާ ކަމެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ ހަފްތާގެ ތެރޭގައިވެސް ވަރަށްގިނަ އަދަދެއްގެ ކުދިން މާލޭ ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު، ބޮޑެތި ޒަޚަމްތައްވެގެން. އޭގެ ގިނަކުދިންނަކީ އެއީ، އައި.ސީ،ޔޫގައި ޚިދްމަތް ދޭންޖެހޭ ކުދިން. އަދި މިހާރު ނިސްބަތުގެގޮތުން އައި.ސީ.ޔޫ.އަށް ގެންނަ ވަރަށްގިނަ ކުދިންނަކީ މިގޮތަށް، މާރާމާރީގެ ސަބަބުން ގެއްލުން ލިބިގެން ޒަޚަމްވެގެން ގެންނަ ކުދިން. އެހެންވީމާ، އެކަން ހުއްޓުވުމަށްޓަކައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން މިއޮތީ ޖެހިފައި. އެކަން ހުއްޓުވޭނީ ޤައުމީ ފެންވަރެއްގައި ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްގެން. އަދި އެކަން ކުރެވޭނީ ޚާއްޞަގޮތެއްގައި ފުލުހުންނާއި، ކޯޓުތަކާއި، އަދި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން ގުޅިގެން އެއްބަޔަކު އަނެއް އަނެއްބަޔަކަށް އެހީތެރިވެދީގެން މަސައްކަތްކޮށްގެން.

އަޅުގަނޑުމެންގެ ރަށްތަކަކީ، އަދި އަވަށްތަކަކީ ރައްކާތެރި އަމާން ތަންތަން ކަމުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ނުކޮށް މިއަދު ވާކަށްނެތް. އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށް، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމު އެޅުވުމުގެ ބަދަލުގައި އެކީގައި މަސައްކަތްކުރަން ހިތްވަރު ކުރަންވެއްޖެ. މިކަމުގައި ނައިބު ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑު މިދަނީ ކުރަމުން. އެގޮތަށް މިހާރު ކުރެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލަން، ކެބިނެޓުގެ ސަބް ކޮމެޓީއެއް މިހާރު އުފެދިފައި އެބައޮތް، ކުށް މަދުކުރުމާބެހޭ. އެކޮމެޓީގެ ބެއްލެވުމުގެ ދަށުން މިހާރު ވަރަށް ބޮޑު މަސައްކަތްތަކެއް އެބަ ކުރެވެމުންދޭ. އޭގެ އެއްކަމަކީ ކުށްވެރިން މާލެތެރޭގައި ގިނަވިޔަނުދިނުމަށްޓަކައި ޖަލުގެ ޙާލަތު މިހާރަށްވުރެ ރަނގަނޅު ކުރުމަށްޓަކައި ކުރެވޭ މަސައްކަތް. އެގޮތުން މިވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެތެރޭގައި ވަރަށްބޮޑު މަސައްކަތްތަކެއްކޮށް، ޖަލުގެ ހަލާކުވެފައިވާ ބައެއް ޢިމާރާތްތައް މަރާމާތުކުރުމާ އަދި އަލަށް އިމާރާތްކުރާ ބައެއްތަންތަން ނިންމުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ގެންގޮސްވަނީ ނިންމިފައި. މިކަމުގައި ޚާއްޞަކޮށް އެމް.އެން.ޑީ.އެފް.ގެ ބޭފުޅުން ދެއްވަމުން ގެންދެވި އެހީތެރިކަމާ މަސައްކަތަށްޓަކައި އަޅުގަނޑު އެފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރުވެރިވަން. އަދި ހަމަ އޭގެއިތުރުން ފުލުހުންނާ ސިފައިންނާ ގުޅިގެން ޖަލުގެ އެކިއެކި އިންތިޒާމުތައް ރަނގަޅު ކުރެއްވުމަށްޓަކައި މިހާރުވެސް ގެންދަވަނީ ޕްރޮގްރާމްތަކެއް ހިންގަވަމުން.

މާރާމާރީގައި ބައިވެރިވާ މީސް މީހުން، މާރާމާރީ ހިންގާމީހުން ބަންދުކޮށްފައި ބޭތިއްބުމަކީ ވަރަށް މުހިންމުކަމެއް. އެކަން އެގޮތަށް ކުރުމަށްޓަކައި، އަޅުގަނޑު ކުރިން ދެންނެވިހެން ހުރިހާފަރާތެއްގެ އެއްބައިވަންތަކަން އެބަބޭނުންވޭ. އަޅުގަނޑު ގޮވާލަން، އެފަރާތްތަކުން ވާހަކަދައްކައި ގުޅުން ބަދަހިކޮށް މިހާރަށްވުރެބޮޑަށް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރަން. އެގޮތުން ﷲ އިރާދަކުރެއްވިއްޔާ ވަރަށްއަވަހަށް އަޅުގަނޑު މަސައްކަތްކުރާނަން، އެފަރާތްތައް އެއްމޭޒެއްގެދޮށަށް ގެނެސް މިހާރަށްވުރެން ބޮޑަށް އެކުވެރިކަމާއެކީގައި އެފަރާތްތަކުން މަސައްކަތްކޮށްގެން މިދެންނެވި ކަންތައްތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ.

އާދެ، މިދެންނެވީ ހަމައެކަނި މިކަމާގުޅިފައިއޮތް އެންމެކަމެއްގެ ވާހަކަ. ޢާންމުގޮތެއްގައި ރައްޔިތުންގެ ޞިއްޙަތު ދުޅަހެޔޮކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް އެއީ މިކަމާގުޅިފައިއޮތް ކަމެއް. އަދި ރަށުތެރޭގައި ޚާއްޞަކޮށް ބާރުބާރަށް ދުއްވާ ތަކެތި ދުއްވުމުގައި، މޮޓޯ ސައިކަލް، ކާރުފަދަ ތަކެތީގެ ޓްރެފިކްގެ ކަންތައްތައް ކޮންޓްރޯލްކޮށް، އެ ދުއްވާ މީހުންވެސް ސަމާލުވުމަކީ އެއީވެސް މިކަމަށް ވަރަށް މުހިންމުކަމެއް. އަދި ޚާއްޞަކޮށް މިކަހަލަ ރީތިކޮށް މަގުތައް ހެދިފައިހުރި ރަށެއްގައި ބައެއް ފަހަރަށް ޒުވާނުން ތަންކޮޅެއް ބާރާށް މޯޓޯ ސައިކަލް އެއްޗެހި ދުއްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެބަފެނޭ ވަރަށްބޮޑެތި އެކްސިޑެންޓްވެ ގެއްލުން ލިބެމުންދާތަން. އެހެންވީމާ، މިކަމަށްޓަކައި ޒުވާނުންނަށްވެސް ޓްރެފިކްގެ ގަވާއިދުތަކާ އޭގެސަބަބުން ލިބިދާނެ ގެއްލުންތަކާ މިކަމާބެހޭގޮތުން ކޮންމެވެސްވަރެއްގެ ހޭލުންތެރިކަމެއް އުފެއްދެވުމަކީވެސް އެއީ އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެއް. އަޅުގަނޑަށް އެނގޭ، އެގޮތުން ޓްރެފިކް އެޑިޔުކޭޝަންގެ ކަންތައްތައް މިހާރުވެސް ފުލުހުންގެ ފަރާތުން ކުރައްވަމުންގެންދަވާކަން. އެކަމަށްޓަކައި އަޅުގަނޑު އެފަރާތަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑު ހީކުރަން، މިއަދު މިއުފެދޭ އައި.ސި.ޔޫގެ ޚިދްމަތުގެ ބޭނުން މިރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ފުރިހަމައަށް ލިބިވަޑައިގަންނަވާނެ ކަމަށް. އަދި ހަމައެއާއެކީގައި، ހޮސްޕިޓަލް ހިންގަވަން ހަވާލުވެވަޑައިގެން ހުންނެވި ޑޮކްޓަރ އަޝްރަފް ދެންމެ ވިދާޅުވިފަދައިން، އަދި މާލޭންވެސް އަދި އެހެން ރަށްރަށުންވެސް މީގެ ޚިދްމަތް ބޭނުންކުރުމަށްޓަކައި މިހޮސްޕިޓަލަށް އަންނަމުން ގެންދާނެކެމަށް. އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފާގަތި ޙަޔާތްޕުޅަކަށް މިހޮސްޕިޓަލުގެ ޚިދްމަތްތައް ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން ދިޔުމަށް.

އަޅުގަނޑަށް މިދަޢުވަތު ދެއްވިކަމަށްޓަކައި ހޮސްޕިޓަލުގެ ވެރިންނަށާއި ޚާއްޞަކޮށް، މިނިސްޓަރަށް ވަރަށްބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން.

والسّــلام عليــكم