بســم اللّـه الرّحمـن الرّحيــم

الحمد لله ربّ العَـالمين. والصّلاة والسّـلام على محمّد وعلى آله وصحبه أجمعـين.


ޢިއްޒަތްތެރި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް މުޙަންމަދު ޝިހާބު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙު، މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމްމަނިކު، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ފުލުހުންގެ އެންމެހާ ބޭފުޅުން،

السّـلام عليـكم ورحـمــة اللّـه وبركاته

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މިނިވަންދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ތިޔަ އެންމެހާ ފަރާތްތަކަށް ރައްދުކުރުން. ޢާންމުގޮތެއްގައި އަޅުގަނޑުމެންގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް މިއަދު ދިވެހި ފުލުހުންނަށް، ފުލުހުންގެ ބޭފުޅުންނާ އެބޭފުޅުންގެ ޢާއިލާތަކަށް. މިދަނޑިވަޅުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚިދްމަތް ކުރަމުންދާ ފުލުހުން އަޅުގަނޑު ފާހަގަކުރަން. އަދި އެ ހުރިހާ ބޭފުޅުން އެ ކުރައްވާ ޚިދްމަތަށް ޝުކުރުވެރިވެ، އެހުރިހާ ބޭފުޅުންނަށްވެސް މިއަދުގެ ތަހުނިޔާ ރައްދުކުރަން.

އާދެ! މިއަދަކީ އުފާވެރި ދުވަހެއް. އެއީ، ފުލުހުންގެ ޚިދްމަތްތައް ފުރިހަމަ ކުރުމަށްޓަކައި މިފަދަ ފުރިހަމަ ޢިމާރާތެއް ހައްދަވައި ނިމި، އެ ޚިދްމަތް އަޅުގަނޑުމެންނަށް ލިބެން ފަށާ ދުވަސް. ވީމާ، އެކަމުގެ އެކިއެކި ޒިންމާތައް އުފުއްލެވި ހުރިހާ ފަރާތްތަކަކަށް ޚާއްޞަކޮށް ޕޮލިސް ކޮމިޝަނަރާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ފުލުހުންގެ އެކިވަރުވަރުގެ ވެރިންނަށް އަޅުގަނޑު ޝުކުރާއި މުބާރަކްބާދު ދަންނަވަން.

އާދެ! އަޅުގަނޑު ނުދެންނެވި ނަމަވެސް އެނގިވަޑައިގަންނަވާނެ ފަދައިން ފުލުހުންގެ ޚިދްމަތަކީ އެއީ، މިޤައުމުގައި ރައްޔިތުންނަށް ދެވޭ އެންމެ މުހިންމު އެންމެ ވަރުގަދަ އެއް ޚިދްމަތް. އެ ޚިދްމަތުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގައި ޤާނޫނުގެ ބާރު ދެމެހެއްޓުން. ޤާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައިވާ ތަފާތު ޙައްޤުތައް ކަށަވަރުކޮށްދިނުން. ރައްޔިތުންގެ ފުރާނައާއި އެބައިމީހުންގެ ތަކެތި ޙިމާޔަތް ކޮށްދިނުން. މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ޑިމޮކްރެޓިކް މިނިވަންކަމުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް، އެކެއްގެ ޙައްޤުތަކަށް އަނެކަކު އަރައިގަތުންފަދަ ކަންތައްތައް ވިޔަނުދީ، ޤާނޫނުގެ ހުދޫދުގެ ތެރެއިން މުޖުތަމަޢުުގެ ކަންކަން ރޭވި އިންތިޒާމު ކުރުމުގައި ފުލުހުން ކުޅެންޖެހޭ ރޯލު ވަރަށްވެސް މުހިންމު. އަބަދުވެސް ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ނުލެބުމަކީ ސިފައިންނަށް ވަރަށް މުހިންމު ކަމެއް. ފުލުހުންނަށް ވަރަށް މުހިންމު ކަމެއް. ފުލުހުންގެ މަސައްކަތަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ކޮރަޕްޝަންވިޔަސް، އަދި ސިޔާސީ ނުފޫޒެއްވިޔަސް، ފޯރަން ފަށައިފިނަމަ، ޤައުމުގެ ހަމަޖެހުން ގެއްލި، ޢަދުލު އިންސާފުގެ ވެރިކަން މުޖުތަމަޢުން އެއްކިބައިވެގެން ހިނގައިދާނެ. އަޅުގަނޑަށް އެނގޭ ކޮންމެ ޤައުމެއްގައިވެސް ފުލުހުންގެ ބޭނުން ނަހަމަގޮތުގައި ހިފަން ބޭނުންވާ މީހުން އަބަދުވެސް ތިބޭނެ. ނަމަވެސް، ރައްޔިތުންގެ ހިތްހަމަޖެހުމާ އުފާ ބިނާވެފައިވަނީ އިންޞާފުގެ ޔަޤީންކަން އޮތުމުން. އެ ޔަޤީންކަން ދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ ބަޔަކީ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ ފުލުހުން.

ފުލުހުންގެ އިންޓެގްރިޓީ، އިތުބާރު ހިފެހެއްޓެނީ ފުލުހުންނަކީ އިންސާފުވެރި، ޤާނޫނުގެ ބާރު ހިފަހައްޓާ ބައެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ފުރިހަމައަށް ލިބިގެން. ޙައްޤު ނޫން ގޮތަކަށް އެއްވެސް މީހެއްގެ ހަށިގަނޑަށް ނުވަތަ މުދަލަކަށް އުނދަގުލެއް ނުވާނެކަން ޔަޤީންކޮށް ދެއްވައިގެން. އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، ފުލުހުންނަކީ ވަރަށް އުނދަގޫ ޕްރެޝަރުތައް އަންނަ ބައެއްކަން. ނަމަވެސް، އެންމެ ބޮޑަށް ސަމާލުވާންޖެހޭ ވަގުތަކީ، އެފަދަ ޕްރެޝަރުތައް އަންނަ ވަގުތު އިންސާފާ ކެތްތެރިކަމާ އިސްކުރެއްވުމަކީ ޕޮލިސް އިންޓެގްރިޓީ ބެލެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް.

އާދެ! ޢާންމު ރައްޔިތުން ފުލުހުންނާ ދޭތެރޭ ދެކޭގޮތްވެސް އެއީ، ވަރަށް މުހިންމު ކަމެއް. ޕަަބްލިކް ޕަރސެޕްޝަން ހުންނަ ގޮތް އެއީ، ވަރަށް މުހިންމު ކަމެއް. ފުލުހުންގެ ޢަމަލުތައް ކިތަންމެ ފުރިހަމަކޮށް ހުރި ކަމުގައިވިޔަސް ރައްޔިތުންގެ ޕަރސެޕްޝަން ގޯސްވެއްޖެ ކަމުގައިވާނަމަ ފުލުހުންނަށް ދެވޭ އިތުބާރު ކުޑަވެގެންދާނެ. އެހެންކަމުން، އެ ޕަރސެޕްޝަން އެ ދެކޭގޮތް އެއީ، ފުލުހުންނަކީ އިންސާފުވެރި ބައެއް ކަމަށް، ޚިދްމަތްތެރި ބައެއް ކަމަށް އަދި ޕްރޮފެޝަނަލް ބައެއް ކަމަށް ދެއްކުމަކީ އެއީ، ވަރަށް މުހިންމު ކަމެއް.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަކީ ފުލުހުންގެ ބައެއް ސީނިއަރ ބޭފުޅުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ މީހެއް. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނަކީ ވަރަށް ޕްރޮފެޝަނަލް، ވަރަށް ޤާބިލު، ވަރަށް ކަމަށް ކަމޭހިއްތަވާ ބޭފުޅުންތަކެއް ކަމަށް. ނަމަވެސް ބައެއް ފުލުހުންގެ ކިބައިން ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ފުލުހުންގެ ހުރިހާ އެންމެންނަށް ދެރަވާގޮތް ބައެއް ފަހަރަށް އެބަ ދިމާވޭ. ވީމާ، އެހެންވިޔަނުދެއްވުމަށް އަޅުގަނޑު ނަސޭހަތްތެރިވަން.

ފުލުހުންގެ މަސައްކަތް މިއަދު މިވަނީ، ވަރަށް ރަނގަޅު ޕްރޮފެޝަނަލް ފެންވަރަކަށް ގެންދެވިފައި. މިޒަމާނުގެ ޓެކްނޯލޮޖީއާ އޭގެ ބޭނުން ހިފައިގެން އެކިއެކި ތަޙުޤީޤުތައް ކުރުމާއި ހެކި ސާބިތު ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރެވެމުން. އަދި އެކަންތައް ރަނގަޅު ކުރުމަށްޓަކައި އިތުރު މަސައްކަތްތައް ކުރެވެމުންދާކަން އަޅުގަނޑަށް އެނގޭ. މިއަދު މި އިފްތިތާޙް ކުރެވުނު އިސްކަންދަރު ބިލްޑިންގގައި ފުލުހުންގެ މަސައްކަތަށް ބޭނުންވާ ތަފާތު ލެބޯޓްރީތައް އެކުލެވިފައިވާކަމީ މިކަމުގެ ހެއްކެއް. އަދި މިޤައުމުން މަސްތުވާތަކެއްޗާއި މާރާމާރީއާއި ކޮރަޕްޝަން ނައްތާލުމަށްޓަކައި ފުލުހުން ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކޮށް އަދި އެމަސައްކަތް މިހާރަށްވުރެވެސް ބޮޑަށް ތަރައްޤީ ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރަން. އަދި ހަމައެހެން، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްވެސް ކުރިއަރުވައި މެނެޖްމަންޓާއި ފުލުހުންގެ ތަމްރީނުތައް ވަރުގަދަ ކުރެއްވުމަށްޓަކައި މިޢިމާރާތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕަވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން. ދިވެހިރާއްޖޭގެ ކޮންމެ ރަށަކީވެސް، އަމަންއަމާންކަން އޮތް ހިތްފަސޭހަ ރަށަކަށް ހެއްދެވުމަށްޓަކައި ފުލުހުންގެ ޚިދްމަތް ވަރުގަދަ ކުރައްވައި މަސައްކަތް ކޮށްދެއްވުން އަޅުގަނޑު އެދެން. ފުލުހުންނަކީ އިންސާފު ޤާއިމު ކުރުމުގައި އަދި ޤާނޫނުގެ ބާރު ދެމެހެއްޓުމުގައި ގުޑުމެއްނެތި، ހިތްވަރާއެކު ސާބިތުވެތިބި ޒުވާން ބަޔަކު ކަމުގައި ލެއްވުމަށް އެދި އަޅުގަނޑު ދުޢާކުރަން.

والســّلام عليــكم ورحـمــة اللّـه وبركاته

______________________