بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى سـيدنا محمّد وعلى آلـه وصحبه أجمعـين.

މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، އަދި މިރަށުގެ ކައުންސެލަރ، މިތަނަށް ހާޒިރުވެވަޑައިގެންތިއްބެވި މިއަތޮޅުގެ އެންމެހާ ޢިއްޒަތްތެރިން، އަދި މިރަށުގެ ލޮބުވެތި އަޚުންނާ އުޚުތުން،

السّـلام عليـكم ورحمة اللّـه وبركاته

އާދެ، މިއަދު އަޅުގަނޑަށާ އަޅުގަނޑާ އެކީގައި މިރަށަށް ޒިޔާރަތްކުރާ ހުރިހާ ބޭފުޅުންނަށްވެސް މިރަށުގެ ތިޔަ ރައްޔިތުން ތި ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ފަށްފަށުން ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވަން. އާދެ، މިދަތުރަކީ މިއީ، އަޅުގަނޑަށް ހަނދާންވާގޮތުގައި އެންމެފުރަތަމަ އަޅުގަނޑަށް މިރަށަށް އާދެވޭ ދަތުރު. ވީމާ، އަޅުގަނޑާ އަޅުގަނޑުގެ އަންހެނުން މިރަށަށް އައުމުގެ ނަސީބު ލިބުނުކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް، ޙަމްދާ ޝުކުރު ކުރަން.

އާދެ، އަޅުގަނޑުގެ ވަރަށްވެސްބޮޑު އުފަލެއް، މިއަދު މިރަށުގައި ގޯ ހޯނޑެއްދޫ ޔޫތު ކޭމްޕް އިފްތިތާޙުކޮށްދިނުން. މިފަދަ ޔޫތު ކޭމްޕެއް ޒުވާނުންނަށްޓަކައި ޚާއްޞަކޮށްގެން ބާއްވާކަން އެއީ، އަޅުގަނޑު ދެކޭގޮތުގައި މިރަށުގެ ޒުވާނުންގެ ޙަރަކާތްތެރިކަމުގެ ވަރަށްވެސްބޮޑު ދަލީލެއް. އެހެންކަމުން، މިރަށުގެ ޒުވާނުންގެ ކަންކަމުގައި އިސްނަންގަވައިގެން އުޅުއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށްވެސް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، ޒުވާނުންގެ ކަންކަން ކުރިއެރުވުމަކީ، މިއަދު ރާއްޖޭގައި ވަރަށް މުހިންމުކަމެއް. ސަބަބަކީ، ރާއްޖޭގެ އާބާދީގެ ގިނަބަޔަކީ ޒުވާނުންކަމަށްވާތީ. މިހާރު ތަޢުލީމީގޮތުން ގިނަ ޒުވާނުންނަކީ އެއީ، ގްރޭޑް 7 އާ ހަމައަށް، ނޫނީވިއްޔާ އަދި އޯލެވެލްއާ ހަމައަށްވެސް ކިޔެވޭކުދިން. ނަމަވެސް އެކުދިން ސްކޫލް ނިމުމަށްފަހުގައި ކުރާނެ މާގިނަ ކަންތައްތަކެއް ނުހުރޭ. އޭގެސަބަބުން ގިނަކުދިން މިތިބެނީ ކަމެއްނެތި ބޭކާރުވާގޮތް ވެފައި. މިއީ ވަރަށް ދެރަކަމެއް. ރާއްޖޭގެ އާބާދީގެ މިހާބޮޑުބައެއް، ޒުވާނުންކަމަށްވާއިރުގައި ޒުވާނުންނަށް ކުރާނެކަންތައްތައް އެހާމަދުކަން. މިއަދު އަޅުގަނޑާ އެކުގައި މިތަނަށްވަޑައިގެން އެބައިންނެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ އާމިނަތު ޢަލީ. އެހެންވީމާ، އާމިނަތު ޢަލީ މިތާ އިންނަވާ ހިނދު އަޅުގަނޑު އިލްތިމާސް ކުރަން، ޔޫތު މިނިސްޓްރީގެ ފަރާތުން މިހާރަށްވުރެ ވަރުގަދަ ޕްރޮގްރާމްތަކެއް ޒުވާނުންނަށް އަމާޒުކޮށްގެން ހިންގަން ފަށްޓަވަން.

އާދެ، ޒުވާނުންނަށްޓަކައި، ޒުވާނުން އުފެއްދުމަށްޓަކައި މިއަދު މި ގެންދަނީ ސަރުކާރުން ވަރަށްވެސް ބޮޑެތި މަޝްރޫޢުތަކެއް ފަށްޓައިގެން ހިންގަމުން. މިވަގުތު ކަންދިމާވެފައިވާ ގޮތުން ކުރިން ހިނގަމުން އައި ބައެއް ކަންތައްތައްވަނީ ބަޖެޓްގެ ތާށިކަމާހެދި ކުޑަކޮށް ދަތިއަރާފައި. އެގޮތުން ސްޕޯޓްސްގެ އެކިއެކި ކަންކަން، ކުޅިވަރުގެ ކަންކަން، މިވަގުތު އަޅުގަނޑުމެން ގެންދަން ބޭނުންވާ ބާރުމިނެއްގައި އަދިނުދޭ. އެހެންވުމުގެ ސަބަބުން އުންމީދުކުރަން، މާލަސްތަކެއްނުވެ، ޒުވާނުންގެ ޕްރޮގްރާމްތައް އަނެއްކާވެސް ވަރަށްބާރަށް ހިންގަން ފަށާނެކަމަށް. ވަރަށްގިނަ ރަށްރަށުގައި މިހާރު ޒުވާނުންގެ މަރްކަޒުތައް އެބަހެދޭ. އެހެންނަމަވެސް އެތަންތަން އެކަށީގެންވާ ގޮތެއްގައި ނުހިނގާ. އެހެންވީމާ، ސަރުކަރުގެފަރާތުން މިހާރު ގަސްތުކުރައްވާފައިވަނީ، އެތަންތަން ހިންގަވަން ބޭނުންވާ ފަރާތްތަކަށް އެތަންތަން ދޫކޮށްލައްވަން. ދޫކޮށްލައްވައިގެން އަމިއްލަ ފަރާތްތަކުގެ އެހީގައި އެތަންތަނުގައި ޒުވާނުންނަށް އެކިއެކި ޙަރަކާތްތައް ރާވައިގެން ހިންގަން. އަޅުގަނޑު އުންމީދުކުރަން، އެހެންވީމާ، މާލަސްތަކެއްނުވެ، އެ މަރްކަޒުތައްވެސް އަލުން ހަރަކާތްތެރިވެގެން ހިނގަން ފަށާނެކަމަށް.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވަރަށްގިނައިން އެބަ ދައްކަމު، ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތި ކަންތައްތަކުގެ ވާހަކަ. ނަމަވެސް، މިވޭތުވެދިޔަ މަސްދުވަހުގެތެރޭގައި އެނގިވަޑައިގަންނަވާނެފަދައިން، އަޅުގަނޑުމެންވަނީ ބޭރުގެއެހީދޭ ފަރާތްތަކުގެ ވަރަށް ބޮޑު ޖަލްސާއެއް ރާއްޖޭގައި ބާއްވާފައި. އޭގެސަބަބުން އަޅުގަނޑުމެންނަށް ބޭރުގެ ވަރަށްބޮޑު އެހީތަކެއް ލިބެމުންދާނެކަމުގެ ޔަޤީން މިހާރު އަޅުގަނޑުމެންނަށް މިއޮތީ ލިބިފައި. އަދި އޭގެތެރޭގައި ޚާއްޞަކޮށް ޒުވާނުންގެ މަރްކަޒު ކުރިއަރުވައި، ޒުވާނުންނަށް ތަމްރީނުދީ، ޒުވާނުންނަށް މަސައްކަތް ފެށޭނެގޮތްތައް ހަދާދިނުމަށްޓަކައި އެކަމުގެ ޝައުޤުވެރިކަންހުރި ފަރާތްތައް އެބަތިބި. އެފަރާތްތަކުން އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެން ކައިރީގައި އެދިފައިވަނީ ސަރުކާރުގެ ފަރާތުން އޭގެ މަޝްރޫޢުތައް ތައްޔާރުކޮށް އެފަރާތްތަކަށް ހުށަހަޅަން. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، އެފަދަ ޕްރޮގްރާމްތަކެއް ފެށްޓުމަށްޓަކައި ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާނެ. އަދި އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، އެކަހަލަ ޕްރޮގްރާމްތަކެއް އަޅުގަނޑުމެންނަށް ފެށްޓޭނެ.

އާދެ، މިރަށަށް އަޅުގަނޑު އައިއިރުގައި އަޅުގަނޑަށް ރައީސް އޮފީހުން ލިބިފައިހުރި މަޢުލޫމާތު އަޅުގަނޑު ބަލައިލިން، ބަލައިލިއިރުގައި މިރަށަކީ މިއީ، ވަރަށް ބިން ބޮޑު، މީސްކޮޅު މަދު ރަށެއް. ދެންމެ އަޅުގަނޑުމެންނަށް އެނގުނު ފަދައިން، މިރަށުގައި ދަތިވެފައިވާ އެއްކަމަކީ ގޯތިގެދޮރުގެ މައްސަލަ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލަސްތަކެއްނުވެ، މިރަށުގައި އަލުން ގޯތި ދޫކުރަން ފަށާނެ. އިރާދަކުރެއްވިއްޔާ ގޯއްޗަށް ހޮވޭ ހުރިހާ ފަރާތްތަކަށް ގޯތި ލިބުމުގެ ތަނަވަސްކަން ހަމަޖެހިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އޭރުން އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ރަށުގެ ދިރިއުޅުމުގެ ކަންތައްތައްވެސް ތަންކޮޅެއް ތަނަވަސްވެ، ރަށުގެ އިޤްތިޞާދަށްވެސް ބަދަލުތަކެއް އައިސްގެންދާނެ. މިރަށުގެ ރައްޔިތުންނަކީ އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ވަރަށްބޮޑަށް އަމިއްލަ މަސައްކަތުން އަމިއްލަ ހިތްވަރުން މުޅިރަށް އާބާދުކޮށް ރަށުގެކަންކަން ކުރިޔަށްގެންދާ ބައެއް. އަޅުގަނޑު ބެލިބެލުމުން، މިރަށަކީ ސަރުކާރުގެ މާބޮޑެތި އެހީތަކެއް ލިބިފައިއޮތް ރަށެއްނޫން. އަދި ތިޔަބޭފުޅުން، މިރަށުގެ ރައްޔިތުން ސަރުކާރުގެ ފަރާތުން އެކިއެކިކަންކަމަށް އެދެމުންދާތާވެސް ކިތަންމެ ދުވަހެއް. އެގޮތުން އެދިފައިހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ފަރާތުން މާލަސްތަކެއްނުވެ މިރަށުގެ ނަރުދަމާޔާ ބޯފެނުގެ ކަންތައް ފެށްޓުމުގެ މަސައްކަތް ހިންގަންފަށާނެ.

މިކަމާ ބެހޭގޮތުން މިހާރުދަނީ އިންޑިޔާގެ ކުންފުންޏަކާ ވާހަކަދެކެވެމުން. އެމީހުން އެއްފަހަރު ރާއްޖެއަތުވެއްޖެ. އަދި މިމަހުގެ ތެރޭގައި އަނެއްކާވެސް އެމީހުން އައިސް މި މަޝްރޫޢާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ހަމަޖެހިފައިއޮތްކަން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވޭ. ވީމާ، އަޅުގަނޑު މިދަންނަވަނީ ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުން ހަނދާންނައްތައެއްނުލައޭ. ތިޔަބޭފުޅުން އެދިވަޑައިގެންފައިއޮތް އެންމެބޮޑުއެއްކަމަކީ ނަރުދަމާގެ ކަންތައް. އެއީ ރަށުގެފެން ކޮންމެވެސްވަރަކަށް ތަޣައްޔަރުވަމުންދާތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންވާނެ. އަޅުގަނޑުމެން އެކަމަށްޓަކައި ތިބޭފުޅުންނަށް މަސައްކަތް ކޮށްދޭނަން.

ދެން އާދެ، ގެދޮރުގެ ކަންތަކުގައިވެސް ސަރުކަރުން ދަނީ، އަދި މީގެ އިތުރުން އެކިއެކި ގެދޮރުގެ މަޝްރޫޢުތައް ހިންގަވާއިރުގައި އޭގެތެރޭގައި މިރަށުގައިވެސް ކޮންމެވެސް އިތުރު މަސައްކަތެއް ކުރައްވަން ރާއްވަވާފައި އޮތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިޔަށްދާނެ. ގޯތި ދޫކުރުމުގެ އިތުރުން މި ހައުސިންގ ޕްރޮޖެކްޓްގެ ދަށުންވެސް ކޮންމެވެސްވަރަކަށް މިރަށުގެވެސް މަސައްކަތްތަކެއް ކުރެވޭނެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ.

އަޅުގަނޑު ވަރަށްއުފާވި މިރީތިކޮށް ހެދުންއަޅާފައިތިބި ސްކޫލް ކުދިންތައް އަޅުގަނޑަށް ފެނުނީމާ. އެއީ، ރަށެއްގެ މުސްތަޤްބަލަކީ ރަށެއްގެ ޒުވާނުން. އެރަށެއްގެ ކުޑަކުދިން. އެހެންވީމާ، މިރަށުގެ މައިންބަފައިން އެހާ ލޯބިން އެހާ ފަރުވާތެރިކަމާއެކީގައި އެކުދިން ބޮޑެތިކޮށް، އެކުދިން ސްކޫލަށް ފޮނުވާނެ. އެކުދިންނަށް ހޯދަންޖެހޭ ހެދުމާއި އެހެނިހެންވެސް އެއްޗެހި ފޮތް ފަންސުރާ އެއްޗެހި ހޯދައިދީގެން ކިޔަވައިދެމުންގެންދާކަން އެއީ، އިރާދަކުރެއްވިއްޔާ މިރަށަށް އޮތް ރަނގަޅު ފާލެއް. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިރަށުގައި ތިބޭނީ ވަރަށް ތަޢްލީމީ، ވަރަށް ހީވާގި، ވަރަށް ރަނގަޅު ކުދިންތަކެއް. ދެން އެކަން އެގޮތަށް ގެންދިޔުމަށްޓަކައި ހަމައެކަނި އަދި ތަޢުލީމެއް ދިނުމަކުންނެއް ނުފުދޭ. އަޅުގަނޑުމެން މައިންބަފައިން އެކަމަށް އެބަހައްޓާ ފަރުވާ އެބަ ބަހައްޓަން ޖެހޭ ކުދިން ބޮޑެތިވަމުން އައިސް ކުދިން ބޮޑެތިވާއިރުގައިވެސް. އަޅުގަނޑަކީވެސް ތިންކުދިންގެ ބައްޕައެއް. މިހާރު ވަރަށް ބޮޑެތިވެފައިތިބީ. އެހެންނަމަވެސް ކުދިން ބޮޑުވުމަކުން އެކުދިންގެ އަޅާލުމެއް އެއީކީ ކުޑަވާކަމެއްނޫން، މައިންބަފައިންނަކަށް. އަޅުގަނޑަށް ހީވަނީ، އެކުދިން ބޮޑެތިވިޔަސް އެކުދިން އެބަ ބަލަހައްޓަންޖެހޭހެން، އެކުދިން އެބަ ބަލަންޖެހޭހެން.

އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، ހުރިހާ މައިންބަފައިންވެސް މިކަން އެގޮތަށް ބަހައްޓަވާނެކަމަށް. ކުދިން ބޮޑެތިވިޔަސް އެކުދިން އެއްގޮތަކަށްވެސް ދޫކޮށްނުލައްވާ އެކުދިންގެ ކަންކަން ރަނގަޅަށް ބަލހައްޓަވަމުން ގެންދަވާނެކަމަށް. މިއަދު ނަސީބުހުރިގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައި ޒުވާނުންނަށް ވަރަށް ނުރައްކާތެރި ކަންތައްތައް އެބަ ހިނގަމުންދޭ. މިކަންކަމަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވާންޖެހޭނެ. މިރަށަކީ އަދި ކުޑަ ރަށެއް. މީސްކޮޅުގެގޮތުން. އެހެންވީމާ، އެކަކު އަނެކަކަށް ދަނެ، ފަރިތަވެ، އެއްގޭގައި ހިނގާ ކަންކަން އަނެއް ގެއަށް އެނގި ރަށުތެރޭގައިވާ ކަންކަންތައްތައް ރަނގަޅަށް އެނގޭނެ. އެހެންވީމާ، ރަށުގެ ޚާއްޞަކޮށް، ރަށުގެ އިސްކޮށްތިއްބެވި ބޭފުޅުން، ހަރު ބޭފުޅުން މިކަމަށް ސަމާލުކަން ދެއްވަން އެބަޖެހޭ. އަޅުގަނޑު މިދައްކާވާހަކައަކީ، މިއަދު މިޖަމްޢިއްޔާގެ އެކިއެކި ލިޔުންތައް މިތާ ހުރިއިރުގައިވެސް އަޅުގަނޑަށް އެބަފެނޭ، މަސްތުވާތަކެތީގެ ވާހަކަ ލިޔެފައި އޮއްވާ.

މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ، ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއްކަމަކީ މަސްތުވާތަކެތި. އެ އެކި ސިފަސިފާގައި އެބަ ބޭނުންކުރޭ. އެންމެ ކުޑަމިނުން، ފިހާރަފިހާރައިގައި ވިއްކަން ހުންނަ ތެރެސްފުޅިވެސް އެބަ ބޭނުންކުރޭ، މަސްތުވާއެއްޗެއްގެ ގޮތުގައި. ބޮޑުވެގެންގޮސް ދުނިޔޭގައި ބޭނުންކުރާ އެންމެ ނުރައްކާތެރި މަސްތުވާތަކެތިވެސް ރާއްޖޭގައި އެބަ ބޭނުންކުރޭ. އެކަން އެގޮތަށް އަޅުގަނޑުމެންގެ ދަރިންނާ ހަމައަށް އަންނަނީ އެފަދަ މީހުންގެ ފަރާތުން. އަންނަ މީސްމީހުންގެ ފަރާތުން، އަދި ކުދިން އެހެން ތަންތަނަށް ގޮސްއުޅޭއިރު ދިމާވާ މީހުންގެ ފަރާތުން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ވީހާވެސްބޮޑަށް ރަށުގެ އިސް ބޭފުޅުންނާ ޢާއިލާތަކާ ގުޅިވަޑައިގަންނަވައިގެން މިހާރުވެސް ހައްދަވާފައި މިއޮތް ޖަމްޢިއްޔާ ފަދަ ތަންތަނުން އިސްނަންގަވައިގެން މިރަށުގެ ޒުވާނުން އެކަމުން ޙިމާޔަތް ކުރެވޭތޯ، މަސްތުވާތަކެތިން ޙިމާޔަތްކުރެވޭތޯ ވަރަށްބޮޑު މަސައްކަތެއް ކުރައްވަންވާނެއޭ. ކިރިޔާވެސް އެކަހަލަ އިޝާރާތެއް ފެނިއްޖެއްޔާ އެކަމަށް ފިޔަވަޅުއަޅައި، އެކަމުން ސަލާމަތްވުމަށްޓަކައި ކުރެވޭނެ ކަންކަން އެބަ ކުރަންޖެހެއޭ. ކުޑަކޮށްވެސް ދޫކޮށްލައިފިއްޔާ އެކަމުން އަޅުގަނޑުމެން ސަލާމަތެއްނުވާނެ.

އަޅުގަނޑު ޤައުމީ ފެންވަރެއްގައި މަސްތުވާތަކެތީގެ ކަންތައް ބަލަހައްޓަމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑަށް މިކަމުގެ ނުރައްކާ ވަރަށްބޮޑަށް އިޙްސާސް ކުރެވޭ. އަޅުގަނޑު މިއަދު މިވާހަކަ މިދައްކަނީ، ރާއްޖެތެރޭގައިވެސް އަތޮޅުތަކުގެ ތެރޭގައިވެސް މިހާރު ވަރަށްބޮޑަށް މިކަމުގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާތީ. ފުލުހުންދަނީ ވަރަށް ހީވާގިކަމާއެކީގައި މަސައްކަތްކުރަމުން. އެހެންވީމާ، ކިރިޔާވެސް މިރަށުގައި އެބާވަތުގެކަމެއް ހިނގާކަމަށް ތިޔަބޭފުޅުންނަށް ލަފާކުރެއްވޭ ކަމަށް ވަންޏާ އެކަން ފުލުހުންނަށް އަންގަވަންވާނެ. އަންގަވައިގެން ފުލުހުންނާ އެކީގައި އެކަންހުއްޓުވޭތޯ މަސައްކަތް ކުރައްވަންވާނެ. މަސްތުވާތަކެއްޗަކީ އެއީ، އޭގައި ޖެހުމުގެ ސަބަބުން ކުދިންގެ މުޅި ޙަޔާތް ގެއްލިގެންދާކަމެއް. އަދި ދިވެހިރާއްޖޭގައި އެކަށީގެންވާ ފެންވަރެއްގައި އެކަމުން ކުދިން ސަލާމަތް ކުރުމަށްޓަކައިދޭ ފަރުވާ ދެވޭނެގޮތެއް ނެތް. އަޅުގަނޑުމެން މިމަސައްކަތްކުރަނީ އެކަމަށް ފަރުވާވެސް ދެވޭނެގޮތެއް ހޯދަން. މިކަމަކީ މިއީ، އެންމެ ފުރަތަމަ ބަލާއިރުގައި ވަރަށްބޮޑު ބައްޔެއް. މިކަމުގައި ޖެހިއްޖެ ކުއްޖަކު ސަލާމަތްކުރުމަކީ އެއީ، ވަރަށް އުނދަގޫކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށްބޮޑަށް އާދޭހާއެކުގައި ތިޔަ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މިރަށަކީ މަސްތުވާތަކެތިން ސަލާމަތްވެފައިއޮތް، މިރަށަކީ މަސްތުވާތަކެތިން ޙިމާޔަތްވެފައިއޮތް ސަތޭކައަކުން ސަތޭކަ ސަލާމަތް ރަށަކަށް ހެއްދެވުމަށްޓަކައި މިރަށުގެ ޖަމްޢިއްޔާތަކުންނާއި، މިރަށުގެ ވެރިންނާ، މިރަށުގެ މައިންބަފައިންނާ އަދި ސްކޫލްކުދިން، ހުރިހާ އެންމެން މަސައްކަތްކުރަން އަޅުގަނޑު ވަރަށްބޮޑަށް އިލްތިމާސްކުރަން.

އާދެ، އަޅުގަނޑު ކުރިން ދެންނެވިހެން، މިރަށަކަށް މީގެކުރިއަކުން ނާންނަން. އެހެންވީމާ، އަޅުގަނޑުވޭ މިރަށް ރަށުތެރެ ބަލާލާހިތްވެސް. އަދި ތަންކޮޅެއް ބޮޑެތި ބޭފުޅުންނާ ވާހަކަ ދައްކާލާހިތްވެސް އަދި ރަށުގެ ޙާލަތު ތަންކޮޅެއްބޮޑަށް ދެނެގަންނަންވެސް. އަޅުގަނޑުމެންނަކީ ތިޔަބޭފުޅުން ހޮވާފައިތިބި މީހުން. ތިޔަބޭފުޅުން އިންތިޚާބު ކޮށްފައިތިބިމީހުން. އަޅުގަނޑުމެންގެ ވާޖިބެއް، ތިޔަބޭފުޅުންގެ ކައިރިއަށް ދޭތެރެ ދޭތެރެއިން އައުން. އައިސް ތިޔަބޭފުޅުން ދައްކަންހުރި ވާހަކަ އެހުން. ދެން ވިދާޅުވާ ހުރިހާކަމެއް ކުއްލިއަކަށް ނުވާނެ. އެއީ އެކަކަށްވެސް ވާނެކަމެއްނޫން. އަދި އެއްވެސް ސަރުކާރަކަށްވެސް ވާނެކަމެއްނޫން. ނަމަވެސް އިރާދަކުރެއްވިއްޔާ މި ސަރުކާރަކީ މިއީ ރައްޔިތުން އިންތިޚާބުކޮށްފައިއޮތް ޑިމޮކްރެޓިކް ސަރުކާރަކަށްވާތީ، ސަރުކާރުގެ ހުރިހާވެސް މަސައްކަތެއް އޮތީ ރައްޔތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރުމަށް.

އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތީމު. އެހެންނަމަވެސް ދަންނަވާލަންޖެހޭ ވާހަކައެއްވެސް އެބައޮތް، މިވަގުތު ކުރިން ދެންނެވިހެން، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ދެރަ ހާލެއްގައި. އެކަން ރަނގަޅުކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެކަމަކީ ރައްޔިތުންނަށްވެސް އޭގެ ދަތިކަން ކޮންމެވެސް ވަރަކަށް ފޯރާނެ ކަންތައްތަކެއް. ނަމަވެސް މާގިނަ ދުވަހަކު އެ ދަތިކަމެއް ނޯންނާނެކަމަށް އަޅުގަނޑަށް ޔަޤީން ކުރެވެނީ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް މިޤައުމުގެ އިޤްތިޞާދު އޮންނާނީ ރަނގަޅު ބިންގަލެއްގެ މައްޗަށް ނެގެވިފައި. އަޅުގަނޑު ހަނދާންވާ ގޮތުން 2004 ވަނައަހަރުގެ ސުނާމީ އައުމާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ހީނަރުކަމެއް ލިބުނު. އޭގެސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށްބޮޑަށް ދަށަށްދިޔަ. ނަމަވެސް ބޭރުގެ އެހީތަކެއް، ބައިވަރު އެހީތަކެއް ރާއްޖެއަށް ގެނެސް އަޅާލި. އޭގެސަބަބުން ބައިވަރު ކަންތައްތަކެއްވި. ނަމަވެސް އެ އެހީ މިހާރުވަނީ ލިބިފައި، ގޮއްސާ. 2007 ވަނަ އަހަރާ ހަމައަށް އައިއިރުގައި އެބައި ހިނގައްޖެ. ދެން މިއޮތީ އެއްކަލަ އިޤްތިޞާދު އަދި ރަނގަޅަށް އަރައި ނުގަނެވިގެން އުޅެނިކޮށް، މުޅިދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑެތިބަދަލުތަކެއް އައިސްފައި. އެމެރިކާގެ މީހުން، ޒިންމާ ނުވާގޮތަކަށް އެމީހުން ކަންތައްތަކެއް ކުރުމުގެސަބަބުން އިޤްތިޞާދަށްއައި ބަދަލުތަކެއް. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެކަން އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ.

ދެން އަޅުގަނޑުގެ ވާހަކަ މިވަގުތަކު ދިގުކުރާކަށް ނެތް. ޢަޞުރު ނަމާދު ވަގުތުޖެހުމާ ގުޅިގެން. ވަރަށްބޮޑަށް ޝުކުރިއްޔާ! ހުރިހާބޭފުޅުން ވަޑައިގެންދެއްވިކަމަށްޓަކައި. އަޅުގަނޑުމެންނަށް ތިޔަދެއްވި ހޫނު މަރްޙަބާއަށް އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

والسّـلام عليـكم ورحمة اللّـه وبركاته .

_______________________