بســم اللّـه الرّحمـن الرّحيــم

الحمد لله ربّ العَـالمين. وا لصّلاة والسّـلام على محمّد وعلى آله وصحبه أجمعـين.

އަމީނިއްޔާ ސްކޫލްގެ ލޮބުވެތި ދަރިވަރުން. އަދި އެކުދިންގެ ބެލެނިވެރިން. ސްކޫލްގެ ޕްރިންސިޕަލް. ސްކޫލްގެ ޓީޗަރުން. އަދި ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުންނާއި، މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! މިރެއަކީ ވަރަށްވެސް އުފާވެރި ރެއެއް. މިރެއަކީ ވަރަށް ތާރީޚީ ރެއެއް. އަމީނިއްޔާ ސްކޫލަކީ އަޅުގަނޑުމެން އެންމެންގެ ހިތުގައިވެސް ވަރަށްބޮޑު ލޯތްބެއް އުފެދިފައިވާ ސްކޫލެއް. އަމީނިއްޔާ ސްކޫލްގެ ތަޞައްވުރު ކަމުގައި ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެ ތަޞައްވުރަކީ މިސްކޫލްގެ ދަރިވަރުންނަކީ އިސްލާމްދީނާއި ދިވެހި ޤައުމަށް ލޯބިވާ، ވަފާތެރި އަންހެން ދަރިންތަކެއް ކަމުގައި ހެދުން. އަދި ކޮންމެ ކުއްޖަކުވެސް، އެކުއްޖަކަށް ލިބފައިވާ ޤުދްރަތީ ވަސީލަތްތަކާއި ސިފަތައް ފުރިހަމަކޮށް، މުޖްތަމަޢަށް ފައިދާހުރި ޒިންމާދާރު ބަޔަކަށް ހެދުން. އެގޮތުން، ދަރިވަރުންގެ ޖިސްމާނީ، ނަފްސާނީ، އިޖްތިމާޢީ އަދި އަޚްލާޤީ ސިފަތައް ފުރިހަމަކުރުން އެއީ، މި ސްކޫލްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތެއް.

އާދެ! ފުރިހަމަ މީހަކަށްވުމަށްޓަކައި މިއިން ކޮންމެ ސިފައަކީ ބޭނުންތެރި ސިފައެއް. ކޮންމެ ކުއްޖަކީ މި ސިފަތައް ލިބި، މި ސިފަތަކުން ޒީނަތްތެރިވެފައިވާ ކުއްޖަކަށްވާންޖެހޭނެ. އެގޮތުން، ސްކޫލްގެ ފަރާތުން ކުދިންނަށް އުނގަންނައިދޭ ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ހުރިހާ ސިފަތައް އެކުލެވެންޖެހޭ. މިރޭގެ ޖަލްސާގައި، ތަފާތު ރޮނގުން މޮޅު ކުދިން ފާހަގަކުރުމުގެ ބޭނުމަކީ، މިދެންނެވި ސިފަތައް އެކުލެވުމުގައި، ސްކޫލް އަދި ކުދިންގެ ބެލެނިވެރިން އަދި ޚާއްޞަކޮށް އެކުދިން ކުރި މަސައްކަތް ދެނެގެން، ލިބުނު ކާމިޔާބާމެދު އުފާފާޅުކުރުން.

ޝައްކެއްނެތް، މިރެއަކީ މި ސްކޫލްގެ ވެރިންނާއި، މުދައްރިސުންނާއި ޓީޗަރުން އަދި ޚާއްޞަކޮށް، ދަރިވަރުން ވަރަށް ފަޚްރުވެރިވާންޖެހޭ ރެއެއް. އެކިއެކި މާއްދާތަކުން މަތީ މާކްސްތައް ހޯދާފައިވާ ކުދިން އުފާކުރަންޖެހޭ ރެއެއް. އެ އުފަލުގައި ބައިވެރިވުމުގެ ނަޞީބު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

މިރޭ އަޅުގަނޑުމެންނަށް ރިޕޯޓުން އިވިގެންދިޔަގޮތުން، ވަރަށްބޮޑު ކާމިޔާބެއް މި ސްކޫލްގެ ފަރާތުން ޙާޞިލުކޮށްފި. އަޅުގަނޑު ބެލި ބެލުމުން، ވޭތުވެދިޔަ ތިންއަހަރަށް ބަލާއިރުގައި، ކޮންމެ އަހަރަކުވެސް ސްކޫލްގެ ފެންވަރު އޮތީ ރަނގަޅުވަމުން އައިސްފައި. މިރޭ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާ ހިތްވޭ، ދެންމެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިފަދައިން، ދުނިޔޭގެ ފެންވަރުގައި ވަރަށް މަތިވެރި ކާމިޔާބީއެއް ހޯއްދެވި އަޅުގަނޑުމެންގެ ދަރިވަރެއް. އާދެ! ޓްރެވަލް އެންޑް ޓޫރިޒަމް ސްޓަޑީޒްއިން މުޅި ދުނިޔެއިން 1 ވަނަ ހޯދައި، އަދި އިކޮނޮމިކްސްގެ ރޮނގުން މުޅި ދުނިޔެއިން 2 ވަނަ ހޯދައި، ކޮމާރސްގެ ރޮނގުން މުޅި ދުނިޔެއިން 4 ވަނަ ހޯދި ޢާއިޝަތު ޒާރާ ފަތުޙުﷲ އަށް އަދި ޒާރާގެ ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރަކާއި މުބާރަކްބާދު ރައްދު ކުރަން.

އާދެ! މިފަދަ ފުރިހަމަ އެވޯޑެއް، ކެމްބްރިޖް ބްރިލިއަންސް އެވޯޑް، މިހާ ގިނަ ޢަދަދެއްގެ އެވޯޑްތަކެއް އެއްކުއްޖަކު ޙާޞިލުކުރިކަމީ، އެއީ އަޅުގަނޑުމެން އެންމެން އެކަމަށްޓަކައި ފަޚުރުވެރިވާ ކަމެއް. އަދި ހަމައެހެން، ޒާރާގެ އިތުރުން ކިތަންމެ އެހެން ކުދިންނެއްވެސް މިސްކޫލްގެ ފަރާތުން މިދެންނެވި ބްރިލިއަންސް އެވޯޑްތައް މިއަހަރު ހޯދާފައިވޭ. އެހެންވީމާ، އެހުރިހާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށްވެސް އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި ވަރަށް ހޫނު މަރްޙަބާއަކާއި ޝުކުރު ދަންނަވަން.

އާދެ! އަމީނިއްޔާ ސްކޫލްގެ ގިނަ ދަރިވަރުންތަކަކަށް މިހާ ރަނގަޅު ނަތީޖާތަކެއް ލިބުނު ކަމަށްޓަކައި އަދި ކުރީ އަހަރުތަކާ އަޅާބަލާއިރުގައި، މިއަހަރުގެ ނަތީޖާ މިހާ ބޮޑަށް ރަނގަޅުވެފައިވާ ކަމަށްޓަކައި، ސްކޫލްގެ ޕްރިންސިޕަލަށާއި، ސްކޫލްގެ ޓީޗަރުންނަށާއި، ޕީ.ޓީ.އޭ.ގެ މެންބަރުންނަށާއި އަދި ސްކޫލް ބޯޑަށް، ބެލެނިވެރިންނަށާއި ކުދިންނަށް އަޅުގަނޑު ވަރަށްވެސް ހޫނު މަރްޙަބާއެއް ދަންނަވަން.

ސްކޫލެއްގެ އެންމެބޮޑު އެއް މަޤްޞަދަކީ، ދަރިވަރުންނަށް އެކިއެކި މާއްދާތަކުން މަތީ ވަނަތައް ހޯދައިދީ، މަތީ މާކްސް ހޯދައިދީ، އަދި ކޮންމެ ކުއްޖަކީވެސް މަތީ ތަޢްލީމުގެ ހަރުފަތްތަކަށް އެރުމަށްޓަކައި ބޭނުންވާ ޢިލްމާއި ހުނަރުތައް ދަސްކޮށްދެވޭ ކުއްޖަކަށް ހެދުން. ރާއްޖޭގެ ގިނަ ސްކޫލްތަކުގައި، އެމަސައްކަތް ފުދޭވަރަކަށް ރަނގަޅަށް ކުރެވެމުން އެބަދޭ. ނަމަވެސް، ގިނަ ޢަދަދެއްގެ ކުދިންނަކީ، މިރޭ މިފެނިގެންދާވަރުގެ ރަނގަޅު ނަތީޖާތަކެއް ހޯދޭ ކުދިންނެއް ނޫން. އެފަދަ ކުދިންނަށް ތަފާތު ރޮނގުރޮނގުން ކުރިއަށް ދެވޭނެ މަގުތައް ހުޅުވިފައި ހުންނަންޖެހޭ. އެގޮތުން، ދާދިފަހުން ސަރުކާރުގެ ފަރާތުންވަނީ ޕޮލިޓެކްނިކެއް އުފައްދަވާފައި. އަދި މަސައްކަތުގެ ރޮނގުން އެކިއެކި ކޯސްތައް ލިބޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުން. މަތީ ތައްލީމަށް ދެވޭވަރުގެ ފާސް ނުލިބޭ ކުދިން، ތަފާތު މަސައްކަތްތައް ދަސްކުރުމަށްޓަކައި ތަފާތު ދޮރުތައް ހުޅުވުމަށްޓަކައި ދައުލަތުން ގެންދަވަނީ މަސައްކަތް ކުރައްވަމުން.

އާދެ! ކޮންމެ ރޮނގަކުން ކޮންމެ ފެންވަރެއްގައި ކިޔެވި ނަމަވެސް، ކިޔެވުމުގެ އެންމެބޮޑު މަޤްޞަދަކީ، ތިމާއާއި ތިމާގެ ޢާއިލާއާއި މުޖްތަމަޢަށް ފައިދާކުރާ މީހަކަށްވުން. ކިތަންމެ މޮޅަށް ކިޔެވި ނަމަވެސް، ތިމާގެ ގައިގައި ރަނގަޅު އަޚްލާޤީ ސިފަތަކެއްނުވާނަމަ، ތިމާ ކިޔެވި އެއްޗެއްގެ މާބޮޑު ބޭނުމެއް ނުހިފޭނެ. އަދި ކީއްތޯ، އޭގެ ސަބަބުން އެހެން މީހުންނަށް ނުރައްކަލަކަށްވެސް ވެދާނެ.

މިރޭ ތިޔަބޭފުޅުންނަށް އިވިވަޑައިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނައިންވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މުސްލިމް ދަރިވަރުންގެ ހުންނަންޖެހޭ ސިފަތަކެއް އެބަހުރި. އަދި ކޮންމެ ކުއްޖަކީވެސް ރިވެތި އަޚްލާޤީ ކުއްޖަކަށް އެބަވާންޖެހޭ. އެކަމަށްޓަކައި ސްކޫލްތަކުންނާއި ކުދިންގެ ބެލެނިވެރިން ވަރަށްބުރަ މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭ.

އަޅުގަނޑު ވަރަށް އުފާކޮށްފިން، މިރޭ ޕްރިންސިޕަލްގެ ރިޕޯޓްގައި، ޚާއްޞަކޮށް، އަޚްލާޤީ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވީތީ. ރަނގަޅު އަޚްލާޤުގެ ތެރޭގައި ހިމެނޭ، ތިމާގެ ނަފްސާމެދު ބެހެއްޓޭ އަޚްލާޤު. އަދި އެހެނިހެން މީހުންނާ ދޭތެރޭގައިވެސް ބެހެއްޓޭ އަޚްލާޤު. ތިމާގެ ނަފްސާ ދޭތެރޭގައި އޯގާތެރިކަމާއެކު ވިސްނައި، ތިމާގެ ހަށިގަނޑާއި ސިކުނޑި އަބަދުވެސް ސާފުކޮށް އެލަރޓްކޮށް ހުރުމަކީ މުހިންމު ކަމެއް. ތިމާގެ ހަށިގަނޑާއި ހެދުމާއި، އުޅޭ ތަނާއި، ގެންގުޅޭ ތަކެއްޗާ ސާފުތާހިރުކޮށް ބެހެއްޓުމުގެ އިތުރުން، ތިމާގެ ވަގުތުތައް ބޭނުންތެރިކޮށް، ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި، ހެޔޮކަންތައް ކުރުމާއި، ނުބައި ކަންތައްތަކުން ދުރުހެލިވުމަކީ ނަފްސުގެ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަންތައްތައް. މިގޮތުން، ދީނީ ވާޖިބުތައް އަދާކުރުމުގައިވެސް، ނަމާދު ކުރުމާއި، ރޯދަހިފުން މިއީ، އަޅުގަނޑު ދެކޭގޮތުގައި ނަފްސުގެ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަންތައްތައް.

ނަމަވެސް، މިއަދު އަޅުގަނޑުމެން ބަލައިލާއިރުގައި، އަޅުގަނޑުމެންގެ ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ކަޅި ހިންގާލާއިރުގައި، އަޅުގަނޑުމެންނަށް އެބަފެނޭ، މުޅިން އަޅުގަނޑުމެން ދެކޭހިތްނުވާކަހަލަ ކިތަންމެ މަންޒަރުތަކެއް. ވަރަށްގިނަ ޒުވާނުންނަކީ އަޅުގަނޑު ދެކޭގޮތުގައި އަޚްލާޤު ރަނގަޅު ކުދިން. އެހެން ނަމަވެސް، ވަރަށްގިނަ އޭގެތެރެއިން ވަރަށްގިނަ ކުދިބަޔަކު މިހާރު އަޅުގަނޑަށް މިފެންނަނީ ޚާއްޞަކޮށް، ސްކޫލް ނިމުމަށްފަހުގައި، ވަޒީފާއަކަށް ނުގޮސް ތިބޭކަމަށްވާނަމަ، ދުވާލުގެ ގިނަ ވަގުތު ނިދާފައި، ރޭގަނޑު ހޭލާ އުޅޭތަން. މިއީ، ކުއްޖާގެ ދިރިއުޅުމާއި ދިރިއުޅުމުގެ އަޚްލާޤާ، މިކަންކަމަށް ވަރަށްބޮޑު އަސަރެއް ކުރުވާނެ ކަމެއް. އަދި އޭގެތެރެއިން މަދު ނަމަވެސް، ބައެއް ކުދިން ސިކުނޑިއަށް ގެއްލުންވާފަދަ ޢަމަލުތައް ކުރަމުން ގެންދަނީ. އަޅުގަނޑު މިދަންނަވަނީ ސިނގިރެޓް ބުއިމާއި، މަސްތުވާ ތަކެތި ބޭނުންކުރާ ވާހަކަ. މިއީ އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އަޅުގަނޑުމެންގެ ދަރިވަރުން ގްރޭޑް 10 ނިމޭއިރުގައި އަދި ތިބެނީ ވަރަށް ޅަޢުމުރެއްގައި. 16، 17 އަހަރުގައި. މި ޢުމުރަކީ ވަޒީފާއަކަށް އަދި ދެވޭވަރުގެ ޢުމުރެއް ނޫން. އެހެންވީމާ، ވަޒީފާއެއް ނެތި ސްކޫލް ނިމިފައި ތިބޭ ވަރަށްގިނަ ކުދިން، މާލެއިންވެސް އަދި އަތޮޅުތެރެއިންވެސް އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ، އެ ހުރިހާ ކުދިންނަށްވެސް އެކިއެކި ތަމްރީނުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރްޞަތު ލިބުން. އެހެން ނަމަވެސް، އެ ފުރްޞަތު ނެތި ތިބޭ ވަރަށްގިނަ ކުދިންތަކެއްވެސް މިހާރު އެބަތިބޭ. އެހެންވީމާ، އެކުދިންނަށް ކޮންމެވެސް ފައިދާހުރި މަސައްކަތެއްގެ ތެރޭގައި އުޅެވޭނެ ގޮތެއް ހެދުމަކީ އެއީ ވަރަށް މުހިންމު ކަމެއް. ކަމެއްނެތި ބޭކާރުވެފައި ގިނަ ވަގުތު ތިބުމަކީ އެއީ، ކުދިންނަށް ވަރަށްބޮޑު ގެއްލުން ދައްކާ ކަންކަން. އެހެންވީމާ، ބެލެނިވެރިން މިކަމުގައި ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ! އަމިއްލަ ނަފްސާ ބެހޭގޮތުން ގެންގުޅެންޖެހޭ އަޚްލާޤީ މިންގަނޑުތަކުގެ އިތުރުން، ދޭދޭ މީހުންނާ ދޭތެރޭގައިވެސް ބަހައްޓަންޖެހޭ އަޚްލާޤު އެއީ، އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. އޭގެތެރޭގައި ހިމެނޭ އެކަކު އަނެކަކަށް އިޙްތިރާމް ކުރުން. މައިންބަފައިންގެ އަދި ދުވަސްވީ މީހުންގެ ބަސްއެހުން. އެކަކު އަނެކަކާ ދޭތެރޭގައި، މުޢާމަލާތު ކުރާއިރުގައި ރުޅި އިސްނުކުރުން. ވިސްނުންތެރިކަމާއި މަޑުމައިތިރިކަމާއެކު މީހާގެ ޢަމަލުތައް ބެހެއްޓުން. ތިމާގެ ރައްކަލަށްޓަކައި ބައެއްފަހަރު ނޫނެކޭ ބުނަންޖެހޭ ތަންތާނގައި ނޫނެކޭވެސް ބުނުމުގެ ހިތްވަރު ހުރުން. އަދި މީހަކު ހެޔޮކަމެއް ކޮށްދީފިނަމަ، އެކަމަކަށް ޝުކުރު އަދާކުރުން. މިއީ ދޭދޭ މީހުންނާ ދޭތެރޭގައި ބަހައްޓާ އަޚްލާޤުގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް. އާދެ! މިދެންނެވިފަދަ އެތައް ސިފަތަކެއް އެބަހުރޭ. އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް ދަސްކުރަންޖެހެނީ. މިކަންކަމަކީ، ސްކޫލްތަކުގަޔާއި ގޭގައި ދަސްކުރަންޖެހޭ ކަންކަން. މުޖްތަމަޢުގައި ކާމިޔާބު މީހަކަށްވެވޭނީ މިފަދަ ސިފަތަކެއް ހުރެގެން.

އާދެ! މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރެއްވުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް މިހާރު ކުރައްވަމުން އެބަގެންދަވާ. އޭގެ މަޤްޞަދަކީވެސް ސްކޫލްގައި ކުދިންނަށް ތަމްރީނު ދިނުމަށްޓަކައި ގިނަ ވަގުތުތަކެއް ސްކޫލްގައި ހޭދަކުރެވޭނެ ގޮތަކަށް ސްކޫލް ދައުރު އިންތިޒާމު ކުރުން. އަޅުގަނޑު މީގެކުރިން ދެންނެވިފަދަ އަޚްލާޤީ ސިފަތައް ނެތިއްޖެނަމަ، ކިތަންމެ ރަނގަޅަށް ކިޔެވިޔަސް، އެމީހަކީ މުޖްތަމަޢަށް ފައިދާހުރި މީހަކަށްނުވެ ހިނގައިދާނެ. ދެންމެ ޕްރިންސިޕަލްވެސް، އެ އިޝާރާތް ކުރެއްވި ފަދައިން، އަޅުގަނޑުމެންގެ ޅަދަރިންނަށް ނަމޫނާ ދައްކަން ތިބި އެންމެ މުހިންމު ބަޔަކީ އަޅުގަނޑުމެން ބޮޑެތި މީހުން، ބެލެނިވެރިން، ތިމާގެ މީހުން އަދި ކުޑަކުދިން މިސާލެއްގެ ގޮތުގައި ބަލަންތިބި މީސްމީހުން. ވީމާ، ކުޑަކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށްޓަކައި، ރަނގަޅު އަޚްލާޤެއް އަށަގެންނެވުމަށްޓަކައި، ރަނގަޅު މިސާލުތަކެއް ދެއްކުމަކީ ބޮޑެތި މީހުންގެ ކޮނޑުގައި އެޅިފައިވާ ވަރަށްވެސް ބޮޑު ޤައުމީ ވާޖިބެއް.

އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ގޮތް އެއީ ހަމައެކަނި ބޮޑެތި މީހުން އެކަކު އަނެކަކާ ދޭތެރޭގައި އެހިސާބުން ނިންމާލެވޭ ކަންތަކެއް ނޫން. އަޅުގަނޑުމެންގެ ޤައުމުގައި ހިނގާ ކަންތައްތައް، އަޅުގަނޑުމެންގެ ޤައުމުގެ ބޮޑެތި މީހުން އެކިއެކި ގޮތްގޮތުން ލީޑަރޝިޕްގައި ތިބި މީސްމީހުން، އެކިއެކި ދާއިރާގައި ކުރިއަށް ތިބި މީސްމީހުން ކަންތައްތައް ކުރާގޮތް، އުޅޭގޮތް އަޅުގަނޑުމެންގެ ޅަދަރިންނަށް ފެންނަމުންދޭ. ޓީ.ވީ.ގެ ޒަރީޢާއިންނާއި މަގުމަތިންނާއި އަދި އެނޫންވެސް ގޮތްގޮތުން. އަޅުގަނޑުމެން ދައްކާ ނަމޫނާ އެއީ ފަހުން އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން އޭގެ އަސަރު ކުރުވާނެ ނަމޫނާއެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން، މިކަމަށްޓަކައި އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއްދޭން. އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް، އަޅުގަނޑުމެންގެ ޅަދަރިންނަކީ. އެހެންވީމާ، އެކުދިންނަށް ރަނގަޅު އަޚްލާޤެއް ދަސްކޮށްދިނުމަކީ އެއީ، އަޅުގަނޑުމެން އެންމެން ކުރަންޖެހޭ ކަމެއް. އަދި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ގޮތް އެއީ އެކުދިން ދަސްކުރާނެ ގޮތްވެސްމެ.

އަޅުގަނޑުގެވެސް ދުޢާއަކީ، އަޅުގަނޑުމެންގެ ހުރިހާ ދަރިވަރުންނަކީ ރިވެތި އަޚްލާޤެއްގެ ތޫނުފިލި އަދި މި ޤައުމަށް ފައިދާހުރި ޚިދްމަތްތަކެއް ކޮށްދޭނެ، އެކުދިންގެ ޢާއިލާތަކަށް ލޯތްބާއެކު އޯގާތެރިކަން ބަހައްޓާނެ ކުދިންތަކަކަށްވުން. އަޅުގަނޑު އެދެނީ، އަމީނިއްޔާ ސްކޫލަށް އަދިވެސް އިތުރު ކުރިއެރުން. އަޅުގަނޑު ނިންމާލާނީ އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށްވެސް ޚާއްޞަ ޝުކުރަކާއި މުބާރަކްބާދީއެއް ދަންނަވަމުން. ތިޔަ ހުރިހާ ބޭފުޅުން ތިޔަކުރެއްވި މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާއާއި މުބާރަކްބާދީ.

والسّــلام عليــكم ورحمـةلله وبركا تـه.

_________________