بســم اللّـه الرّحمـن الرّحيــم

الحمد لله ربّ العَـالمين. والصّلاة والسّـلام على محمّد وعلى آله وصحبه أجمعـين.


މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލަމިކް އެފެއާޒް އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ޑިރެކްޓަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިން. މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒާއި، ޤުރްއާނާބެހޭ މަރްކަޒުގެ އިސްވެރިން. ޤުރްއާން މުބާރާތުގެ އެކި ޢުމުރުފުރާތަކުގައި ބައިވެރިވި ހުރިހާ ކުދިންނާއި، އެކުދިންގެ ބެލެނިވެރިން.

السّـلام عليـكم

ޤުރްއާން ކިޔެވުމުގެ އެކިއެކި މުބާރާތްތައް ޝަރަފްވެރި ކޮށްދިނުމަކީ، އަޅުގަނޑަށް އަބަދުވެސް ވަރަށްބޮޑު އުފަލެއް އިޙްސާސް ކުރެވޭ ކަމެއް. މިދިޔަ އަހަރު ބޭއްވެވި ކީރިތި ޤުރްއާން ކިޔެވުމުގެ 24 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދިނުމުގެ އުފާވެސް އަޅުގަނޑަށްވަނީ ލިބިފައި. މިރޭ އަޅުގަނޑަށް އަނެއްކާ މި ލިބޭ އުފަލަކީ، ޤުރްއާން ކިޔެވުމުގެ 25 ވަނަ ޤައުމީ މުބާރާތުގެވެސް ޝަރަފްވެރި މެހްމާނަކަށްވުމުގެ އުފާ. އެހެންކަމުން، އަޅުގަނޑަށް މިފުރްޞަތު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالٰى އަށް ޙަމްދާއި ޝުކުރު ކުރަން.

އަޅުގަނޑަށް ލިބޭ އަނެއް އުފަލަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 25 ވަނަ ޤައުމީ މުބާރާތުގެ އެކި ޢުމުރުފުރާތަކުން ވަނަތައް ޙާޞިލުކުރި ހުރިހާ ކުދިންނަށާއި، އަދި އެކި ވަނަތައް ހޯދި ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރުން. އަދި މިމުބާރާތަށް ސްކޫލް މަދަރުސާތަކުންނާއި ޤުރްއާން ކްލާސްތަކުންނާއި އަދި މައިންބަފައިންނާއި ބެލެނިވެރިން ދެއްވި ޚާއްޞަ ސަމާލުކަން ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރުން.

ޤުރްއާން ކިޔެވުމުގެ މުބާރާތް ބާއްވަމުން ގެންދާތާ 25 އަހަރު ފުރި، ރިހި ޔޫބީލް މުނާސަބާ އަޅުގަނޑުމެން މިރޭ ފާހަގަކުރަމުންދާއިރު، މި މުބާރާތަކީ ސަރުކާރުން ވަރަށް މާތް މަޤްޞަދެއްގައި ފެށްޓެވި މުބާރާތެއްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އުފެދިފައިވާ މަޝްހޫރު ޤާރީން އުފައްދައިދިނުމުގައި، މިމުބާރާތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވޭ. މިފަދަ މުބާރާތްތައް ބޭއްވުމުގެ އެންމެބޮޑު އެއް މަޤްޞަދަކީ، ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ހިތުދަސްކުރުމަށާއި، ޤުރްއާން ރީތިކޮށް ކިޔެވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް އުފެއްދުން.

އަޅުގަނޑުމެންގެ މައިންބަފައިންނާއި ބެލެނިވެރިން، އެބޭފުޅުންގެ ދަރިންނަށް ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް މިއަދު ވަރަށްބޮޑު އަހަންމިއްޔަތު ކަމަކާއި ސަމާލުކަމެއް ދެއްވާކަމީ، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. ވަރަށް ކުޑައިރުއްސުރެ އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމަށް މައިންބަފައިން އެކުރައްވާ މަސައްކަތްތަކަކީ އެކަމުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭ މަސައްކަތްތަކެއް. އަދި އެއީ، ރާއްޖޭގައި މިއޮތް ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ކުދިންގެ ހިތްތަކުގައި އިސްލާމްދީނާމެދު ޝައުޤުވެރިކަން އުފެއްދުމަށް އެބޭފުޅުންގެ ހިތްޕުޅުގައިވެސް އޮތް މުހިންމުކަން ހާމަވެގެންދާ ކަމެއް.

މިފަހަރު މިބޭއްވެވި 25 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ރިޕޯޓް ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. މިއަހަރުގެ މުބާރާތަކީ، ޚާއްޞަކޮށް އަތޮޅުތެރެއިން ބައިވެރިވި ކުދިންގެ ފެންވަރު އެތައް ގުނައެއް ރަނގަޅު ފަހަރެއްކަން މުބާރާތުގެ ފަނޑިޔާރުން ފާހަގަކުރައްވާފައިވާކަމީ، ރާއްޖޭގެ އަތޮޅުތަކުން މިމުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމުގެ އަލިގަދަ ހެތްކެއް. އަދި މިކަމަށް ރަށްރަށުގެ މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަން ފެނިގެންދާ ކަމެއް.

މިދިޔަ އަހަރު ބޭއްވެވި 24 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކައިގައި، ކީރިތި ޤުރްއާނުގެ ރަނގަޅު ދިވެހި ތަރުޖަމާއެއް ޗާޕްކޮށްދެއްވުމަށް މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒަށް އަޅުގަނޑު ޚާއްޞަ އިލްތިމާސެއް ކުރިން. ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ނެރުއްވުމަކީ، ވަރަށްބުރަ އަދި ވަރަށްބޮޑު މަސައްކަތެއްކަން އަޅުގަނޑު ގަބޫލުކުރަން. ކުރީގެ ސަރުކާރުން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ނެރުއްވި ކަމުގައިވީނަމަވެސް، އެ ތަރުޖަމާގައި ނުކުތާގެ މައްސަލަތަކެއް ވަނީ ޖެހިފައި. އެހެންކަމާއެކު، މި މައްސަލައަށް ޙައްލެއް ހޯދައި، ޤުރްއާނުގެ ރަނގަޅު ދިވެހި ތަރުޖަމާއެއް ޢާންމުންނަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކަމަށް ޚާއްޞަ އަހަންމިއްޔަތު ދެއްވައި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލެއްވުން ހޯއްދަވައިގެން، މިމަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދެވުމަށް އަޅުގަނޑު އެދެން.

މުޅި ރާއްޖެއަށް ހުޅުއްވާލައްވައިގެން މިފަދަ ޤައުމީ މުބާރާތެއް ހިންގެވުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން. މި މުބާރާތް ރާއްވަވައި، މިކަމާބެހޭ އިންތިޒާމުތައް ހަމަޖެއްސެވުމަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑު ހަނދާން ކުރަން. އަދި އަތޮޅުތަކުން މިމުބާރާތަށް ކުދިން ހޮއްވެވުމަށް ވަރަށް ރަނގަޅު އުޞޫލުތަކެއް ކަނޑައަޅުއްވައި، އެ އުޞޫލުތަކާ އެއްގޮތްވާ ގޮތަށް ކަންކަން ގެންދެވިކަމީވެސް މުބާރާތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެން. އެހެންކަމުން، މިމުބާރާތް އިންތިޒާމު ކުރެއްވި ހުރިހާ ފަރާތްތަކަށް އަދި ޤުރްއާނާބެހޭ މަރްކަޒުން މިމުބާރާތް މިހާ ފުރިހަމަ ގޮތެއްގައި ގެންދެވި ކަމަށްޓަކައި އެ މަރްކަޒުގެ ޑިރެކްޓަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިނަށާއި، އެމަރްކަޒުގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވެދެއްވި އެއްބާރުލެއްވުމަށްޓަކައި މިނިސްޓަރ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަށާއި، ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަ މިރޭ ނިންމާލާނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމަށާއި، ރީތިކޮށް ޤުރްއާން ކިޔަވާ ކުދިން އުފެއްދުމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، އަމިއްލަ ފަރުދުން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުން. އަދި ކީރިތި ޤުރްއާނަށް ލޯބިކުރުމުގައި އެކަލާނގެ މަދަދާއި ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه