بسـم الله الرّحمـن الرّحيـم

އަޚުންނާ އުޚްތުން،

السّـلام عليـكم

އާދެ، މިއަދު ވަރަށްވެސް އުފާވެރި ނަޞީބެއް އަޅުގަނޑަށް މިލިބުނީ، މިރަށަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް އައުމުގެ. އަޅުގަނޑަށް އާންމުގޮތެއްގައި އާދެވިފައި މިހިރީ، ކޮންމެވެސް އިންތިޚާބަކާ ކުރިމަތިވީމާ، ރަށްރަށަށް ދާގޮތަށް. ގޮސް ކުޑައިރުކޮޅަކު ވާހަކަދައްކާލާފައީ އަނެއްކާވެސް ފުރައިގެން ދާގޮތަށް. އެހެންނަމަވެސް، އަޅުގަނޑުމެން މި ސަރުކާރުގައި މިހާރު އިސްކޮށްތިބި ހުރިހާ އެންމެންވެސް، އަޅުގަނޑުމެން އިންތިޚާބަށް ކުރިމަތިލައިގެން މަސައްކަތްކުރިއިރުގައި ތިބޭފުޅުންނަށް ދަންނަވާފައި އޮންނާނެ، އަޅުގަނޑުމެން ތިބޭފުޅުންގެ މަތިން ހަނދާންނައްތައެއް ނުލާނަމޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމައައިސް، ތިބޭފުޅުގެ ހާލު ބަލައި ތިބޭފުޅުންނާ ބައްދަލުކޮށް ހަދާނަމޭ. އެހެންވީމާ، އަޅުގަނޑު މިރަށަށް މިއައިއައުމަކީ، އެއީ، އެމޭރުމުން ހަމައެކަނި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައި، ރައްޔިތުންގެ ހާލުއަހުވާލު ހުރިނެތްގޮތް ބަލައިލުމަށްޓަކައި އަޅުގަނޑުއައި ދަތުރެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަކީ ވަކިދާއިރާއަކަށް ނިސްބަތްވާ މީހެއްނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާފައިހުރި މި ޤައުމުގެ ނައިބު ރައީސް. އެހެންވީމާ، އެ ހައިސިއްޔަތުން އަޅުގަނޑު އެބަޖެހޭ، މިޤައުމުގެ ހުރިހާ ރައްޔިތުންނާވެސް ބައްދަލުކޮށް، ރައްތިޔުންގެ ހާލުއަހުވާލު ބަލައި، އެކަމުގައި އަޅުގަނޑަށް ކޮށްދެވެންހުރި ހުރިހާ އެހީތެރިކަމެއް ވެދިނުން. އެއީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑުދެކެނީ. އެހެންވީމާ، އެމޭރުމުން މިއަދު އަޅުގަނޑު މިރަށަށް މިއައީ. އަދި އަޅުގަނޑު ބޭނުންވަނީ ތަންކޮޅެއް ބޮޑަށް ރައްޔިތުންނާ ވާހަކަދެކެވޭނޭ ގޮތެއްވުން. ކޮންމެހެން އަޅުގަނޑު ދައްކާ ވާހަކަތަކެއް ތިބޭފުޅުން އެއްސެވުމެއްނޫން، މީގެ އެންމެ މުހިންމުކަމަކީ. އެހެންނަމަވެސް، މިފުރްޞަތު ލިބުނީތީ އަޅުގަނޑުވެސް ދެތިން އެއްޗެއް ދަންނަވާލާނަން.

އާދެ، މި ސަރުކާރު އަދި ވެރިކަމަށް އައިތާ މާކަ ގިނަދުވަސްތަކެއް ނުވޭ. މިދުވަސްވަރު ކަންދިމާވިގޮތުން އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނިކަމެތި ގޮތަކަށް. އެއީ، ސުނާމީއަށްފަހުގައި ރާއްޖެއަށް ވަރަށްބޮޑު އެހީތަކެއްލިބި އެ އެހީތައްވެސް ކެނޑިގެންދިޔަ ވަގުތު. އަދި ހަމައެހެން، ދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑެތި ބަދަލުތަކެއް އައިސް، ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް މަދުވެގެންދިޔަ ދުވަސްވަރެއްގައި އަޅުގަނޑުމެން މިސަރުކާރާ މިހަވާލުވީ. އޭގެ ސަބަބުން، ސަރުކާރުގެ ބަޖެޓަށް ވަރަށްބޮޑެތި ދަތިތަކެއްވެސް ކުރިމަތިވެގެންދިޔަ. ނަމަވެސް ސަރުކާރުން މިހާރު ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައި، އަދި ސަރުކާރުގެ ޚަރަދުތައް ވަރަށްބޮޑަށް ކުޑަކުރެވުމުގެ ނަތީޖާއެއްގެގޮތުން، އިޤްތިޞާދު މިހާރު މިދަނީ ހަމަޔަކަށް އެޅެމުން. އަޅުގަނޑުމެން އުންމީދުކުރާގޮތުގައި މިއަހަރު ނިމޭއިރު އިޤްތިޞާދު ފުރިހަމަ ހަރުދަނާ ބިންގަލެއްގެ މައްޗަށް އޮންނާނީ ކޮޅަށް ނަގާ ބެލެހެއްޓިފައި.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، އަޅުގަނޑުމެން އުންމީދު ކުރަމުންއައި ކަންތައްތައް ބާރު ސްޕީޑެއްގައި ފެށިގެން ހިނގަމުންދާނެ. ދެންމެ ތިޔަ އިވިވަޑައިގަތް ފަދައިން، ދާދިއަވަހަށް މިރަށުގެ ފަޅުގެ މަސައްކަތްވެސް ފެށޭނެ. އެކަން މިހާރުއޮތީ ރޭވިފައި. އެހެންވީމާ، އެ އުންމީދުގައި ތިބޭފުޅުން ތިއްބަވާތާ ވަރަށް ގިނަދުވަސް ވުމަށްފަހުގައި އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އެކަންވެސް ހިނގައިގަންނާނެ.
އާދެ، ދެން ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން އިންތިޚާބުގައި ވަޢުދުތަކެއް ވެފައިހުރީ. އެވަޢުދުތައް ފުއްދުމަށްޓަކައި ސަރުކާރުން ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން މިގެންދަނީ. އެގޮތުން މިހާރު އަޅަންޖެހޭ ބިންގާތައް އެޅުމުގެ މަސައްކަތް އެހެރީ ބޮޑުބައެއް ކުރެވިފައި. އެކިފަރާތްފަރާތްތަކާ އެކިއެކި އެގްރީމެންޓުތަކުގައި ސޮއިކުރެވި މަސައްކަތް ފެށޭހިސާބަށް ގޮސްފައި. ދެން އެ ވަޢުދުތަކުގެ އިތުރުންވެސް ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރޭ. ސަރުކާރެއްގެ ޒިންމާ ރައްޔިތުންގެ ހުރިހާ ކަންކަމުގައިވެސް އެބަ ނަގަންޖެހޭ. އެގޮތުން، މިސާލަކަށް ދަންނަވަނީނަމަ، ތަޢްލީމީ ކަންކަމަކީ އެއީ، ފަސްވަޢުދުގެ ތެރޭގައި ހިމެނޭ ކަމެއްނޫން. އެހެންނަމަވެސް، ސަރުކާރުން ހަމަ ތަޢްލީމަށްވެސް އެބަޖެހޭ، ހަމަ ބޮޑު އަހަންމިއްޔަތެއް ދީގެން އެކަންކުރަން.

އެހެންވީމާ، އެމޭރުމުން ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށްޓަކައި، އެނގިވަޑައިގަންނަވާނެ ފަދައިން، ދާދިފަހުން ކެބިނެޓުން ނިންމާފައި އޮތީ، ޕޮލިޓެކްނިކެއް އުފައްދަވަން. އެއީ، ކުރިން އުފައްދާފައިހުރި ފެކަލްޓީ އޮފް އިންޖިނިއަރިންގ ހިންގި އިމާރާތުގައި. ނަމަވެސް، ފެކަލްޓީއޮފް އިންޖިނިއަރިންއެއްގައި، ޔުނިވަރސިޓީ ލެވެލްގައި ކިޔަވައިދޭނެ މާގިނަ ކޯސްތަކެއް އެތާކު ނުހިނގާ. އަނެއްކާ ރައްޔިތުންގެ ގިނަ އަދަދެއްގެ ޒުވާނުންނަށް ބޭނުންވަނީކީ އެފެންވަރުގެ ކޯސްތަކެއްވެސް ނޫން. އެއަށްވުރެ ޢަމަލީ، އެއަށްވުރެ ކުރު މަސައްކަތާ ސީދާ ގުޅިފައިހުރި ކޯސްތަކެއް މި ބޭނުންވަނީ. އެހެންވީމާ، މި މޭރުމުން ވިސްނައިފިނަމަ، ކެބިނެޓުން ނިންމާފައި އޮތީ، ޕްލިޓެކްނިކް އުފައްދައި، ވަރަށް އަވަހަށް ވޮކޭޝަނަލް ޓެކްނިކަލް ކޯސްތަކެއް ވަރަށް ގިނަބަޔަކަށް ލިބޭގޮތަށް ހިންގަންފަށަން. އެހެންވީމާ، މިއަދު މިދެންނެވީ ހަމައެކަނި ތަޢްލީމީ ދާއިރާއިން އަޅަންޖެހޭ ފިޔަވަޅުތަކެއް. މީގެއިތުރުންވެސް، ކިތަންމެ އެހެނިހެން ދާއިރާތަކަކުންވެސް ސަރުކާރުންޖެހޭ މަސައްކަތްކުރަމުން ގެންދަން.

އެހެންވީމާ، އެގޮތުން އަޅުގަނޑު ދަންނަވާނީ، މިރަށަށް ކުރިމަތިވެފައިވާ ކަންތަކުގެ ތެރެއިން، މިހާރު އެއްކަމަކަށް މިއޮތީ ބިމުގެ ދަތިކަން. މާބޮޑު ބިމެއް މިރަށުގައި ނެތްކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އެހެންނަމަވެސް، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، ގެދޮރުގެ ހިޔާވަހިކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މިރަށަށްވެސް އަހަންމިއްޔަތުކަން ލިބޭނެކަމަށް.

އާދެ، އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށްނޫން، މިރަށަށް އައީކީ. ހަމައެކަނި ރައްޔިތުންނާ ބައްދަލުކޮށްލައި، ތިބޭކަލުންނާ ބޭކަނބަލުން ދައްކަންހުރި ވާހަކަތައް އަޑުއަހާލަން. އަޅުގަނޑަށް އެނގޭ، ބައެއްކަންތައް އެބަހުރި. މިސާލަކަށް ސްކޫލްގެ ދަތިކަން. އަދި ޞިއްޙީ މަރްކަޒަށް ލިބެންޖެހޭ ބައެއް ޚިދްމަތްތައް ލިބުން. އެހެންނީމާ، އެކަންކަމާ ބެހޭގޮތުން އަޅުގަނޑަށް އަދި ކުޑަކޮށް ތިބޭފުޅުންނާ ޚިޔާލު ބަދަލުކޮށްލައި މިހާރުން މިހާރަށްވެސް ކުރެވެންހުރީ ކޮންކަމެއްތޯ އަޅުގަނޑު ބެލުމަށްފަހުގައި އެކަމާބެހޭ ވަޒީރުންނާ އަޅުގަނޑު އެވާހަކަ ދައްކާނަން.

ދެން ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެކަން ނޭނގެ، ސަރުކާރުގައި އަޅުގަނޑު ބަލަހައްޓާ، ސީދާ ބަލަހައްޓާ އެއް ދާއިރާއަކީ، މިއޮންނަނީ މަސްތުވާ ތަކެއްޗާބެހޭ ކަންތައްކަން. އެގޮތުން ޤައުމީފެންވަރެއްގައި އުފެދިފައިވާ ކައުންސިލް، އެއީ މަސްތުވާތަކެތި ކޮންޓްރޯލްކުރުމާބެހޭ ކައުންސިލެއް އެބަ އޮވޭ. އާދެ، މަސްތުވާތަކެއްޗާބެހޭ ކައުންސިލްގެ އެންމެ އިސް މީހެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތްކުރަމުން ގެންދަނީ ދިވެހިރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފުހެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން. މިގޮތުން ޚާއްޞަކޮށް، ޤާނޫނު ތަންފީޒުކުރާ އެކިއެކި ފަރާތްފަރާތް، އެއީ، ފުލުހުންނާއި ސިފައިން، އަދި އަޅުގަނޑުމެންގެ ބަނދަރުތައް ކޮންޓްރޯލް ކުރުމަށްޓަކައި ޕޯޓްސްތަކާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންއާ، މިބައިބައި މީހުންނާ ގުޅިގެން އެމީހުންގެ މެދުގައި މިހާރު ކުރިޔަށްވުރެން ހަރުދަނާ ގޮތެއްގައި ދަނީ މަސައްކަތް ކުރެވެމުން. އޭގެ ނަތީޖާއެއްގެގޮތުން ރާއްޖެއިން ލިބެންހުރި މަސްތުވާތަކެތީގެ އަދަދު ވަރަށްބޮޑުތަންވަނީ ދަށަށް ގޮސްފައި. ނަމަވެސް މިއީ އަދި އެކަމުގެ މުޅިން ޙައްލެއް ނޫން. މީގެއިތުރުން އަދި އެބަޖެހޭ އަޅުގަނޑުމެން މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުން.

އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ވަރަށްގިނަ އަދަދެއްގެ ކުދިން ދަނީ މަސްތުވާތަކެތި ބޭނުންކުރަމުން. އެއީ، ޙަޤީޤަތަކީ. އެކަމަކީ އެއީ މަސްތުވާތަކެތިގެ ޖެހުމަކީ އެއީ، ހަމަ ސިނގިރެޓް ބުއިން ކަހަލަކަމެއް. ސިނގިރެޓް ބޯންފަށާ މީހާ އެއީ ސިނގިރެޓް ބުއިން ހުއްޓާލަން ވަރަށް އުނދަގޫ ވާނެމީހެއް. އެއާޚިލާފަށް، ސިނގިރެޓާ ޚިލާފަށް މަސްތުވާ ތަކެއްޗަކީ ހަށިގަނޑަށް، އަދި އެއަށްވުރެވެސް ބޮޑު ދުންފަތަށް ވުރެންވެސް މާބޮޑު ގެއްލުންދޭ އެއްޗެއް. އެ މަސްތުގައި ޖެހުމުގެ ސަބަބުން މީހާގެ ހަށިގަނޑު ހަލާކުވެ، އަނެއްކާ އެ ނުލިބުމުން ވަރަށްބޮޑު ވޭން އަޅާކަމެއް އެކަމަކީ. އެހެންވީމާ، އެއް ނަޒަރަކުން ބަލާއިރުގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަކީ، އެއީ ވަރަށްބޮޑު ބައްޔެއް އެކުދިންނަށް ޖެހިފައިވާ ބައެއް. އެމީހުންނަށް އެބަޖެހޭ ފަރުވާދޭން. ރާއްޖޭގައި މިވަގުތު އެގޮތަށް ފަރުވާދޭން ހުރީ ހަމަ އެންމެ މަރުކަޒެއް. އެމަރުކަޒަށް ވެއްދެނީ ގިނަވެގެން ގާތްގަނޑަކަށް ދުއިސައްތައެއްހާ ކުދިން.

އެހެންވީމާ، އަޅުގަނޑުމެން މީގެ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި މަސްތުވާތަކެތީގެ ވިހަ ހަށިގަނޑުން ފިލުވާލުމަށްޓަކައި އުފައްދަންޖެހޭ މަރްކަޒުތަކެއް މިހާރުވަނީ ދެމަރުކަޒެއް އުފެއްދިފައި. އޭގެ ފުރަތަމަ މަރުކަޒު އުފެއްދުނީ ވިލިމާލޭގައި. ވިލިމާލޭގެ މަރުކަޒު ހިނގަމުން އެބަދޭ ރަނގަޅަށް. ދެން އޭގެފަހުން އަޅުގަނޑުމެން އައްޑުއަތޮޅު ހުޅުދޫގައި ހަމަ އެފަދަތަނެއް ހުޅުވީމު. އެއީ މިދިޔަ އަހަރުގެ ތެރޭގައި. މުސްތަޤްބަލުގައި މީގެ ގިނަކަންކަން ރާއްޖޭގެ އެހެން ދިމަދިމާލުގައިވެސް ހެދޭނެކަމަށް އަޅުގަނޑު އުންމީދުކުރަން. ވީމާ، އަޅުގަނޑުމެންގެ ޒުވާނުން އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖްތަމަޢަށް ގެނެސް، އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި ކުރަންހުރި ބައިވަރު މަސައްކަތްތައް އެބަހުރި. އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން އެދެނީ، މަންމައިންނާ ބައްޕައިންގެ ހައިސިއްޔަތުން ތިބޭފުޅުންގެ ދަރިން މަސްތުވާތަކެތިން ސަލާމަތް ކުރުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަން. އެގޮތުން އެންމެ ފުރަތަމަ ކަމަކީ، އެކުދިން ރަނގަޅަށް ބެލެހެއްޓެވުން. އެކުދިން ބޮޑެތިވަމުން އަންނައިރުގައި ވިޔާނުދާ މީސްމީހުންނާ އެކީގައި ދިއުމުގެ ފުރްޞަތު ނުދެއްވުން. ގޭގައިވެސް ސްކޫލްގައިވެސް ގިނަ ވަގުތު ބޮޑެތި މީހުންގެ ބެލުމުގެ ދަށުގައި ކުޑަކުދިން ތަރުބިޔަތު ކުރަމުން ގެނައުން. ކުޑަކުދިން އެކަނިމާއެކަނި ދޫކޮށްލާފައި ނުބޭތިއްބުން. މިގޮތަށް ކުދިން ބެލެހެއްޓޭ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ ނުބައި ނުފޫޒުތަކަށް އެކުދިން ނުގޮސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން، ބެލެނިވެރިންގެ ބެލުމުގެ ދަށުން އެކުދިން ބޮޑެތިކޮށް، ރަނގަޅު، ޒުވާން، ޙަރަކާތްތެރި މަސައްކަތްކުރާ ކުދިންތަކަކަށް އަޅުގަނޑުމެންނަށް ހެދޭނެ.

އަދި ހަމައެހެން، އަޅުގަނޑުމެންގެ ކުދިންނަކީ އިސްލާމްދީނަށް ލޯބިކުރާ އިސްލާމް ދީނުގެ އުޞޫލުތަކަށް ތަބަޢަވާ ކުދިންތަކަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ. ރޫޙާނީގޮތުން ކުދިން ތަރައްޤީވުމަކީ އެއީ މަސްތުވާ ތަކެތިންވެސް ކުދިން ދުރުހެލިކުރާ ކަމެއް. އެހެންވީމާ، އެކަމުގައިވެސް މިރަށުގެ ހުރިހާ ރައްޔިތުންވެސް ބާރުލައްވައި، މިރަށުގެ ކުޑަކުޑަ އާބާދީއަކީ އެއީ، މަސްތުވާތަކެތިން ސަލާމަތް ވެފައިތިބި، ދުޅަހެޔޮ ޞިއްޙަތެއްގައި ބޮޑުވަމުންއަންނަ ކުދިންތަކަކަށް ހެއްދެވުމަށްޓަކައި ހުރިހާ ބޭފުޅުންވެސް މަސައްކަތްކުރައްވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ، މާ ވާހަކަ ދިގުކުރާކަށް ނެތިން، ވަރަށް ހޫނުގަދަ ވަގުތުކޮޅެއް މިއީ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ. އެހެންނަމަވެސް އަޅުގަނޑު މިރަށުގައި ކުޑައިރުކޮޅަކު ހޭދަކުރާނަން. އަޅުގަނޑުބޭނުން، ތިބޭފުޅުން ދައްކަންހުރި ވާހަކަތައް އަޅުގަނޑު އަހަން. އަދި އެ އެހުމަށްފަހުގައި އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތް އެކަންކަން ރަނގަޅު ކޮށްދިނުމަށްޓަކައި އަޅުގަނޑު ކުރާނަން. އަޅުގަނޑަށް ކުރެވޭނެ އެއްކަމެއް އެބައޮތް. އަޅުގަނޑަށް މިކަންކަމާބެހޭ ވަޒީރުން ގެނެސްގެން އެމީހުންނާ ވާހަކަދައްކައި، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައި، އެކަކު އަނެކަކުގެ ބޮލުގައި އަޅުވާފައި ނުކުރެވިހުންނަ ކަންތައްތައް ކުރުވައި، މިބާވަތުގެ ކަންތައްތައް މިއީ ނައިބު ރައީސަކަށް ކުރެވޭކަހަލަ ކަންތައްތައް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ކުރާނަން. ދެތިންހަތަރު މިނިސްޓަރުން އެކުވެގެން ކުރަން ޖެހޭކަންކަންވެސް އެބަހުރޭ. އެހެންވީމާ، އެބާވަތުގެ ކަންތަކުގައި އަޅުގަނޑަށް އެހެންމީހުންނަށް ނުވެވޭވަރުގެ ކޮންމެވެސް ބާރެއް އެޅޭނެ އިރާދަކުރެއްވިއްޔާ.

އަދިވެސް އެއްފަހަރު ވަރަށްބޮޑަށް ޝުކުރިއްޔާ! މިއަދު އަޅުގަނޑާއެކީގައި މިރަށަށް އައި ހުރިހާ އެންމެންނަށްވެސް ތިބޭފުޅުން ތިދެއްވި ހޫނު މަރްޙަބާއަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އުންމީދުކުރަން، އަނެއްކާވެސް މާލަސްތަކެއްނުވެ، އަޅުގަނޑަށް ނަޑެއްލާއަށް އައުމުގެ ފުރްޞަތު ލިބޭނެކަމަށް.

والسّـلام عليـكم ورحمة اللّـه وبركاته .