بسـم الله الرّحمـن الرّحيـم

الحمـد لله ربّ العالمين ، والصّـلاة والسّـلام على سـيّدنا محـمّد وعلى آله وصحـبه أجمعـين.

މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީގެ ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، އަދި އިންޑިޔާގެ ޑައިބެޓީސް ފެޑެރޭޝަންގެ ރައީސް ޑޮކްޓަރ ޝައުކަތު، އަދި މި ސޮސައިޓީގެ ނައިބު ރައީސް ޑޮކްޓަރ އަޙްމަދު ރާޒީ، އަދި ހަމައެހެން ސޮސައިޓީގެ ހުރިހާ މެންބަރުން.

السّــلام عليــكم ورحمـةلله وبركا تـه.


އާދެ! މިރޭ އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބަކީ، މި ސޮސައިޓީގެ ވެރިންނަށާއި ސޮސައިޓީގެ މެންބަރުންނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވުން. އަދި ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދެންނެވުން. މިފަދަ ޖަމާޢަތެއް 10 އަހަރު ދުވަސް ވަންދެން މެދުނުކެނޑި ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވައި އަދި އެތަކެއް ކާމިޔާބުތަކެއް ހޯއްދެވުމަކީ އެއީ، އެއްވެސް ފަސޭހަ ކަމެއްނޫން. ވަރަށްބޮޑު ހިތްވަރަކާއެކީގައި، ވަރަށް ސާބިތުކަމާއެކީގައި މަސައްކަތް ކުރައްވައިގެން މިހާތަނަށް ވަޑައިގެންނެވިކަން މިރޭ އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ ވީޑިޔޯއިން ވަރަށް ރަނގަޅަށް ސާބިތުވޭ.

އާދެ! އޭގެ ދަލީލެއްގެ ގޮތުން އެތަކެއް ހާސް މީހުންނަށް މިހާރު ރާއްޖޭގައި ޑައިބެޓީސްއާބެހޭ މަޢްލޫމާތު މި ސޮސައިޓީގެ ފަރާތުން ދެވިފައިވާކަން ފާހަގަކުރެވޭ. އަދި ހަމައެހެން މިހާރުވެސް މި ޖަމްޢިއްޔާގެ އެހީ، 900އަށްވުރެ ގިނަ ބަލިމީހުންނަށް ލިބެމުންދާކަން އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން. އާދެ! ތަފާތު ގޮތްގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި މި ސޮސައިޓީގެ ފަރާތުން އެކިއެކި ވާރކްޝޮޕްތަކާއި އެކިއެކި ބައްދަލުވުންތައް އެކިއެކި ހިނގާލުންތައް ބާއްވަވާފައިވާކަން އެބަ ފާހަގަކުރެވޭ، ދެންމެ މިފެނިގެންދިޔަ ފިލްމުން. އަދި ހަމައެހެން ޓްރެއިން ކުރުމަށްޓަކައި ޑައިބެޓީސް އެޑިޔުކޭޓަރުންނަށް ތަމްރީނު ދިނުމަށްޓަކައި ތަފާތު ވަރކްޝޮޕްތައް ބާއްވައި، ބޭރުގެ މާހިރުން ރާއްޖެއަށް ގެންނަވައިގެން އެ ތަމްރީނުތައް ދެއްވަމުން ގެންދަވާކަންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ.

އާދެ! ކުރިން ދެންނެވިހެން މިކަންކަމަކީ މިއީ ފަސޭހަ ކަންތަކެއްނޫން. ޚާއްޞަކޮށް އަމިއްލަ ޖަމްޢިއްޔާއަކަށް މިހާ ގިނަދުވަސް ވަންދެން ކުރަމުންގެންދާކަށް. ވީމާ، މިކަމަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިހާރު އުފެދިފައި ހުރި އެކިއެކި މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތަށް ބަލާއިރުގައިވެސް އަޅުގަނޑު ދަންނަވާނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ މަސައްކަތަކީ ވަރަށްވެސް ފުރިހަމަ ނަމޫނާ މިސާލެކޭ. އަޅުގަނޑު އުންމީދު ކުރަން، މިގޮތަށް މަސައްކަތް ކުރައްވާ އެހެން ޖަމްޢިއްޔާތައްވެސް މިއީ ރަނގަޅު ނަމޫނާއެއް ކަމުގައި ދެކެވަޑައިގެން މި މޭރުމުން ތަފާތު ޙަރަކާތްތައް ރާއްވަވައިގެން ހިންގަވަމުން ގެންދަވާނެ ކަމަށް.

އާދެ! ޑޮކްޓަރ އަޙްމަދު ރާޒީގެ ވާހަކަފުޅުގައި ވަރަށް ތަފްޞީލުކޮށް ޑައިބެޓީސްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފި. އަޅުގަނޑުގެ ނަސީބު، މިރޭ އަޅުގަނޑަށްވެސް މިތަނަށް އާދެވުނުކަން. އަޅުގަނޑަށް ތިޔަބޭފުޅުން ދަޢުވަތު ދެއްވިކަން. އަޅުގަނޑަށްވެސް އެއީ، ވަރަށް ކުރު ވާހަކަފުޅުންވެސް ވަރަށް އާ ކަންތައްތަކެއް ދަސްވެގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަދި އަޅުގަނޑަށް އަދި އާ ކަންތައްތަކެއް މިރޭގެ މި ކުރު ވާހަކަކޮޅުން އެނގުނުއިރުގައި ރާއްޖޭގައި ތިބޭނެހެން މިކަމާބެހޭ މަޢްލޫމާތު ލިބެން ބޭނުންވާ ވަރަށްގިނަ މީސްމީހުން. އަޅުގަނޑަށް ހީވަނީ މިހާރު މިބާވަތުގެ ބަލިތަކަކީ މިއީ، އެ ވިދާޅުވިހެން ވަރަށް ގިނަބަޔަކަށް ކުރިމަތިވާ ކަމަކަށް ވުމާ އެކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މި މަޢްލޫމާތު ވަރަށް ޅަފަތުގައި އެބަ ލިބެންޖެހޭ. ވީމާ، އަޅުގަނޑު ދަންނަ ގޮތުން އެންމެ ފުރަތަމަ މި މަޢްލޫމާތު ދޭން މަސައްކަތް ކުރަންޖެހެނީ ޚާއްޞަކޮށް ޢާއިލާތަކަށް. ކޮންމެ ޢާއިލާއެއްގައިވެސް މިމަޢްލޫމާތު ލިބެން ހުރުން އެއީ، ވަރަށް މުހިންމު ކަމެއް. އަދި ހަމައެހެން ސްކޫލްތަކުގައި، ސްކޫލްތަކުގެ ދަރިވަރުންނަށްވެސް މިކަމާބެހޭ އިންފޮމޭޝަން އެބަލިބެންޖެހޭ.

އާދެ! އަޅުގަނޑުމެންގެ ރައްޔިތުންގެ ޞިއްޙަތު ދުޅަހެޔޮކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މުހިންމު މަޢްލޫމާތުތަކަކީ އެއީ، ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ އެއްޗެއް. އެއީ ޑައިބެޓީސް ކަމުގައިވީނަމަވެސް، ނޫނީވިއްޔާ ހިތުގެ ބަލިތައް ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުން ބަދަލުވެގެން ދިޔަދިޔަހެން އެހެންނާ ޢާންމުނުވާ ކިތަންމެ އާ ބަލިތަކެއް އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިދަނީ ޢާންމުވަމުން. އެހެންވީމާ، އެކަމާ ބެހޭގޮތުން ހުރިހާ ދަރިވަރުންނަށްވެސް ލިބޭ ލައިފް ސްކިލް ތަކެއްގެ ތެރޭގައި އެބަ ހިމެނެންޖެހޭ، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިހުރުމަށްޓަކައި ބޭނުންވާނެ މަޢްލޫމާތު. ދެން އަޅުގަނޑަށް ލިބިފައިވާ ކުޑަ މަޢްލޫމާތު ކުށަކަށްނުވަނީނަމަ، ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުންވެސް ޑައިބެޓީސް އަށްވެސް އަދި އެހެން ކްރޮނިކް ޑިޒީސްތަކަށްވެސް ވަރަށްބޮޑަށް އަސަރުކުރޭ.

އެހެންވީމާ، ރަނގަޅު ޞިއްޙަތެއްގައި ހުރިހާ އެންމެންވެސް، ހުރިހާ ރައްޔިތުންވެސް ތިބުމަށްޓަކައި ރައްޔިތުންނަށް މިދެންނެވި ކަހަލަ މަޢްލޫމާތު އެބަ ހިމަނަންޖެހޭ ސްކޫލުގެ މުޤައްރަރުގައިވެސް. އަދި އޭގެއިތުރުން، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިތިބުމަށްޓަކައި އަޅުގަނޑުމެންގެ މާޙައުލު އަޅުގަނޑުމެންގެ ތިމާވެށިވެސް ވަކި ގޮތަކަށް އަޅުގަނޑުމެން އެބަ ބައްޓަންކުރަންޖެހޭ. މިގޮތުން ހުރިހާ އެންމެންނަށްވެސް ކަސްރަތު ކުރެވޭނެ ގޮތްތަކާއި ތަންކޮޅެއް ޙަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ގޮތްތައް ކޮންމެ މުޖުތަމަޢެއްގައިވެސް ހަމަޖެހިފައި އެބަ ހުންނަންޖެހޭ. ބޭރަށް ނުކުމެ އެކްސަސައިޒްކޮށް ހިނގާލާ، އަމާންކަމާއެކީގައި އުފަލާއެކީގައި މިކަންކަން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ މާޙައުލު ބައްޓަން ކުރުމަކީ، އެއީ މުސްތަޤްބަލްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންގެވެސް އުފަލާއި، އެމީހުންގެ ޞިއްޙަތާ ލާމެހިފައިވާ ކަމެއް. އެހެންވީމާ، އެކަމަށްޓަކައި ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ރަށްތައް ބައްޓަންކޮށް، އަޅުގަނޑުމެންގެ އަވަށްތައް ބައްޓަންކޮށް، އެކަންކަން ރާވާ މީސްމީހުން ވަރަށްބޮޑަށް ފިކުރު ކުރަން އެބަޖެހޭ.

އަޅުގަނޑުމެންގެ ވަރަށްގިނަ ބަޔަކު މިހާރު ދިރިއުޅެނީ މާލޭގައި. މާލޭގެ ހާލަތު އޮތްގޮތް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިދެންނެވި ނަޒަރަކުން ބަލާލާއިރުގައި، އެއްގޮތަކަށްވެސް މާލެއަކީ، ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅުމަށްޓަކައި ބޭނުންވާ ކަހަލަ މާޙައުލެއް ނޫން. އެހެންވީމާ، މާލޭގެވެސް ކަންތައްތައް އިޞްލާޙް ކުރާއިރުގައި އެބަޖެހޭ، މިދެންނެވި ކަހަލަ ކަންކަމަށް ވަރަށްބޮޑަށް ވިސްނައިގެން މާލެ ބަދަލުކުރަން.

އާދެ! މިސޮސައިޓީގެ ފަރާތުން މިގެންދަވާ މަސައްކަތް، މި ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ވަރަށް އުފަލާއެކީގައި ފާހަގަކުރަން. އަދި ސަރުކާރުގެ މީހަކަށްވާތީ ސަރުކާރަކީ އެއީ، ރައްޔިތުންގެ ފަރާތުން ހޮވާފައިވާ ސަރުކާރަކަށްވާތީ، ރައްޔިތުން އިންތޚާބު ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިއަދު ތިޔަ ހުރިހާ ބޭފުޚުންނަށްވެސް ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށްވެސް އިޚްލާޞްތެރިކަމާއެކީގައި ތިޔަ ކުރައްވާ މަސައްކަތަށްޓަކައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، ސަރުކާރާ މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން މިބާވަތުގެ ކަންކަމުގައި މިހާރަށްވުރެ ފޯރިއާއެކީގައި، މިހާރަށްވުރެ ވަރުގަދަ ޕްރޮގްރާމްތަކެއް ހިންގަވައި، އަޅުގަނޑު މިދެންނެވި އުޞޫލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާ ކުރާނެ ގޮތަކަށް ކަންކަން ރޭވިގެން ހިނގުން. އަޅުގަނޑު ހީކުރަން، މިދެންނެވި ގޮތަށް ކަންތައް ކުރިއަށްދާނެ ކަމަށް. މިތާ އެބަ ތިއްބެވި ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންވެސް. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށްވެސް ވީވަރަކުން އެކަމުގައި ބާރުއަޅާ ތިޔަ އިޝާރަތް ކުރެއްވި ފަދައިން އަޅުގަނޑަށްވެސް ވެވެންހުރި މަސައްކަތެއް ކޮށްދެވޭތޯ ބަލާނަން.

އަޅުގަނޑު އެދެނީ މި ޖަމްޢިއްޔާއަށް އަދި ކުރިއަށްވުރެވެސް ކާމިޔާބު މުސްތަޤްބަލެއް. އަޅުގަނޑު ދެކޭހިތްވަނީ މިޖަމްޢިއްޔާގެ މަސައްކަތް ދުވަހަކަށްވުރެ ދުވަހެއް ކުރިއަށްދާތަން. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މިރޭ ވަރަށްބޮޑަށް ޝުކުރުވެރިކަމާއެކީ ހިތްވަރުދެން. އަދި އަދިވެސް އެއްފަހަރު މި ޖަމްޢިއްޔާ، މިހާހިސާބަށް ގެންނެވުމަށްޓަކައި ތިޔަ ކުރައްވާ ބުރަމަސައްކަތަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދެންނެވުމާއެކު އަދި ޚާއްޞަ ގޮތެއްގައި ޖަމްޢިއްޔާގެ ރައީސަށް އަޅުގަނޑު ވަރަށްވެސް ހޫނު މަރްޙަބާއާއި ވަރަށްވެސް އިޚްލާޞްތެރި ޝުކުރެއް ހުރިހާ ބޭފުޅުންގެ ފަރާތުންވެސް ދަންނަވަން.

والسّـلام عليـكم ورحمة اللّـه وبركاته .

_________________