بســم اللّـه الرّحمـن الرّحيــم

السّــلام عليــكم!

އާދެ! މިއަދު އަޅުގަނޑުގެ އެންމެބޮޑު ވާޖިބަކީ އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ވެރިންނަށާއި މިކުންފުނީގެ މުވައްޒަފުންނަށާއި ސްޓާފުންނަށް ވަރަށް ހޫނު މަރްޙަބާއާއި ތަހުނިޔާ ދެންނެވުން. އާދެ! ކުންފުންޏެއްގެ ޢުމުރުން 15 އަހަރުވުމަކީ އެއީ ވަރަށްވެސް ތާރީޚީ ކަމެއް. މިރޭ މިއުފާވެރި މުނާސަބަތުގައި އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަމީ އަޅުގަނޑަށް ދަޢުވަތު ދެއްވީތީ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ކުރަންޖެހޭ ކަމެއް. ޚާޢްޞަ ގޮތެއްގައި އަޅުގަނޑު މިރޭ ވަރަށް އުފާކުރަން ޖެހުނު ކަމަކާ މިދިމާވީ. އެއީ ވަރަށްދިގު މުއްދަތަކަށް މިކުންފުންޏަށް ޚިދްމަތް ކޮށްދެއްވާފައިވާ އަގުހުރި ބޭފުޅަކަށް މިރޭ އިނާމު ދިނުމުގެ އުފާ އަޅުގަނޑަށް ލިބުނީތީވެ. އާދެ! މުޙަންމަދު ރަޝީދަކީ އެއީ އަޅުގަނޑުގެ ވަރަށް ގާތް އަޚެއް. އަޅުގަނޑުމެން ރަޝީދު ދަންނަނީ ސެވަންޓީ ފައިވް މުޙަންމަދު ރަޝީދުގެ ގޮތުގައި. އެއީ، އަޅުގަނޑާ އެކީގައި ސްކޫލް ދައުރުގައި އަޅުގަނޑުގެ ކްލާސް މޭޓެއްގެ ގޮތުގައި އުޅުއްވާފައިވާ ބޭފުޅަކަށްވާތީ. އަޅުގަނޑުގެ އިންޑެކްސް ނަންބަރަކީ އޭރު ސާޅީސް. މުޙަންމަދު ރަޝީދުގެ އިންޑެކްސް ނަންބަރަކީ ސެވަންޓީ ފައިވް. އޭރު ސެވަންޓީ ފައިވް ރަޝީދުގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގިފައިވަނީ. އެހެންވީމާ، އަޅުގަނޑުގެ ވަރަށް ކުޑައިރުގެ ވަރަށް ދުވަސްވީ ރަޙްމަތްތެރިއެއް. އެހެންވީމާ، މިއަދު މިއުފާވެރި ދުވަހުގެ މުނާސަބަތުގައި ރަޝީދަށް އިނާމު ހަވާލުކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނީތީ اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. ރަޝީދު އެކޮށްދެއްވި ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދްމަތަށްޓަކައި ވަރަށްބޮޑަށް އަޅުގަނޑު އުފާކޮށް އެކަމަށް ފަޚުރުވެރިވެ ޝުކުރު ދަންނަވަން. ހަމައެހެންމެ މިރޭ އެކިއެކި އިނާމުތައް އަދި އެކިއެކި ހަނދާނީ ލިޔުންތައް ހޯއދެވި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު މުބާރަކްބާދު ދަންނަވަން.

އާދެ! މިކުންފުންޏަކީ މިއީ ދިވެހިރާއްޖޭގައި ނަމޫނާ ކުންފުންޏެއް. އެހެން އަޅުގަނޑު މިދެންނެވީ މިމުއްދަތުގެ ތެރޭގައި މިކުންފުނި ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވަމުން އައިސް މިހާރު މިކުންފުންނަކީ މިއީ ރާއްޖޭގައި ހިނގާ އެންމެ ރަނގަޅު އެއް ކުންފުނި ކަމަށް އަޅުގަނޑަށް ޚަބަރު ލިބިފައިވާތީ. އާދެ! މިކުންފުނި އުފެދިފައިވަނީ އެނގިވަޑައިގަންނަވާނެ ފަދައިން މީގެ 15 އަހަރު ދުވަސް ކުރިން. މީގެ ކާމިޔާބުގެ މައްޗަށް ބިނާކޮށް މިހާރު މިއީ ނަމޫނާއެއް ކަމަށް ދެކިގެން ސަރުކާރުން ގެންދަވަނީ އިތުރު ކުންފުނިތައް އުފެއްދެވުމަށްޓަކައި މަސައްކަތް ކުރައްވަމުން. އެގޮތުން މިހާރު އިތުރު ޔުޓިލިޓީ ކުންފުނިތަކެއްވެސް ވަނީ އުފެދިފައި. އަޅުގަނޑު އުންމީދު ކުރަން، އެޔުޓިލިޓީ ކުންފުނިތަކުގެ ބޯޑުތަކުން މިކުންފުނި މި އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ތަޖުރިބާއާއި މިކުންފުނީގެ ކާމިޔާބަށް ބައްލަވައިގެން މީގެން ޢިބްރަތްތަކެއް ހާސިލު ކުރައްވައިގެން މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް.

އާދެ! މިއިން ކޮންމެ ކުންފުންޏަކީވެސް އެއީ، ސަރުކާރުގެ އެހީތަކެއް އޮވެގެން އުފެދޭ ކުންފުނިތަކެއް. މިކުންފުންޏަކީވެސް މިއީ ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ރައްޔިތުންނަށް ޚިދްމަތް ދިނުމަށްޓަކައި އުފެދުނު ކުންފުންޏެއް. އަދި މުސްތަޤްބަލްގައިވެސް ސަރުކާރުގެ އެހީ ލިބޭނެ ކުންފުންޏެއް. މިކަން ކުރިއަށް ގެންދިޔުމުގައި ދެންމެވެސް އިވިވަޑައިގެންނެވި ފަދައިން ބިމުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ސަރުކާރުގެ އެހީއަށް ބޭނުންވެފައިވާ ކުންފުންޏެއް. އާދެ! ވަރަށްބޮޑު ކާމިޔާބެއް މުޅި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް މިހާރު މިކުންފުނީގެ ޚިދްމަތް ލިބެމުންދާކަން. އެއީ އަޅުގަނޑުމެން ވަރަށް އުފަލާ އެކީގައި ފާހަގކޮށް މިކުންފުންޏަށް މިވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ޚިދްމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އަދި ޚާއްޞަ ގޮތެއްގައި މިކުންފުނީގައި ގިނަ ދުވަހު ޚިދްމަތް ކުރައްވައި މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށްވެސް އަދި އެހެނިހެން މަގާމުތަކުގައި ގިނަ ދުވަހު ޚިދްމަތް ކުރެއްވުމުގެ ސަބަބުން އިނާމު ލިބުނު ފަރާތްތަކަށްވެސް އަޅުގަނޑުމެން ދިވެހިން މިއަދު ޖެހޭ ވަރަށްބޮޑަށް ޝުކުރުވެރިވަން.

އާދެ! ދެބައިކުޅަ އެއްބައި މީހުންނަށް ޚިދްމަތް ދެވޭއިރުގައި އަދި އެބައޮތް އަނެއް ދެބައިކުޅަ އެއްބައި. އެހެންވީމާ ވަރަށްބޮޑު މަސައްކަތެއް އަދި ކުރިއަށް އެބައޮތް. 15 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ސާފު ބޯފެން ލިބޭނެގޮތް އިންތިޒާމުވެގެންދިޔައިރުގައި، އިތުރު 15 އަހަރަކަށް އަޅުގަނޑުމެންނަކަށް ތިބެވޭކަށް ނެތް. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތް އަވަސްކޮށް، ގިނަ ބަޔަކަށް، މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މި ޚިދްމަތް އަވަހަށް ލިބޭނެގޮތެއް ހެދުމަށްޓަކައި އިތުރު ކުންފުނިތައް، މިފަދަ އިތުރު ކުންފުނިތައް އުފެދިގެން ގޮސްފައި މިވަނީ.

އާދެ! އަޅުގަނޑު އުންމީދު ކުރަން، މިއިން އެއްވެސް ކުންފުންޏެއް، އެކުންފުންޏެއް އުފެދުނު ސަބަބާއި، ކުންފުނީގެ އަޞްލު ހަނދުމަފުޅުނައްތަވައި ނުލައްވާނެ ކަމަށް. ސާފު ބޯފެނާއި، ނަރުދަމާގެ ޚިދްމަތަކީ، އެންމެންނަށް ލިބިދޭންޖެހޭ ޙައްޤެއް. އަޅުގަނޑުމެންގެ މިހާރުގެ ޤާނޫނުއަސާސީގައި އެކަން ވަރަށް ސާފުކޮށް ކަނޑައެޅިފައި އެބައޮތް. އެކަން ފަހިކޮށްދިނުމަކީ ކޮންމެ ދައުލަތެއްގެވެސް ވާޖިބެއް. އާދެ! ދައުލަތެއްގެ ފަރާތުން އެންމެބޮޑު އަހަންމިއްޔަތެއް އަބަދުވެސް ދޭންޖެހޭ ބަޔަކީ، ޤައުމުގައި ތިބޭ ނިކަމެތިން. ސާފު ބޯފެން ނިކަމެތިންނަށް ނުދެވޭ ގޮތަކަށް ކަމެއް އިންތިޒާމު ކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. ރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ފެން އުފައްދާ ކުންފުންޏަކީ މިއީ. އަދި މާލެއާއި މާލެ ކައިރީގައިވާ ރަށްތަކަށް ފެނުގެ ޚިދްމަތް ދެނީ މިކުންފުނިން. އެހެންވީމާ، މި ޚިދްމަތް ޚާއްޞަކޮށް، މި ޤައުމުގައި ތިބި، މިރަށުގައި ތިބި ނިކަމެތިންނަށް ނުލިބޭކަމަށްވާނަމަ، އޭގެ ކޮންމެވެސްވަރެއްގެ ބުރަ ބަހެއް މިކުންފުންޏަކަށް ނުލިބިއެއް ހަމަގައިމުވެސް ނުދާނެ. އާދެ! މިހާރު ކުރިއަރަމުން އަންނަ ހުރިހާ ތަނެއްގައިވެސް، ވަރަށް ޚާއްޞަ ގޮތެއްގައި، އަމިއްލަ ކުންފުނިތަކުންވެސް ސަރުކާރުގެ އެއްވެސް އެހީއެއް ނުލިބި އުފެދިފައި ހުންނަ ކުންފުނިތަކުންވެސް ވިސްނައި އަދި އެކަމަށް ރާވައި ޕްރޮގްރާމްތައް ހިންގާ، އެ ކުންފުނިތަކުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ކަންތައް ކުރިއަށް ގެންދިޔުމަށްޓަކައި. އަޅުގަނޑު އުންމީދު ކުރަން، މިކުންފުނީގެ ފަރާތުންވެސް އެބައި ވަރުގަދަ ކުރައްވަމުން ގެންދަވާނެ ކަމަށް.

އާދެ! ބޯފެނަކީ އެންމެ އަގުހުރި ޤުދްރަތީ ވަސީލަތަށް މިހާރު މިއޮތީ ވެފައި. ފެނުގެ މައްސަލައިގައި ދޭދޭ ޤައުމުތަކާއި މީހުންގެ މެދުގައި ހަމަނުޖެހުން އުފެދިގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތް. މިއަދު ދުނިޔޭގައި އަދިވެސް ސާފު ބޯފެން ނުލިބޭ އެއްބިލިއަނަށްވުރެ ގިނަ މީހުން އެބަތިބި. އަދި ޞިއްޙީ ގޮތުން ބަލާއިރު، ބޭރަށް ހިންގުމުގެ ބަލިތަކުގައި ދެމިލިއަނެއްހާ މީހުން ކޮންމެ އަހަރަކުވެސް މަރުވޭ. ދުނިޔޭގައި ފެނާ ގުޅިފައިވާ ބަލިތަކުގައި، ކޮންމެ ދުވަހަކު ތިންހާސް ނުވަސަތޭކަ ކުޑަކުދިން މަރުވަމުން މިހާރުވެސް އެބަދޭ.

އާދެ! ރާއްޖެއަކީ ވަށައިގެން ފެން އޮތް ތަނެއް. އެހެން ނަމަވެސް، އެ ފެން ސާފު ބޯފެނަށް ބަދަލުކުރެވެނީ، ފުދޭވަރެއްގެ ޚަރަދެއް ކޮށްގެން. ބިމުން ނަގާ ފެނަކަސް، ވާރޭވެހޭ ފެނަކަސް އަދި ކަނޑުގެ ލޮނުން އުފައްދާ ފެނަކަސް، ކުރިންވެސް މެނެޖިންގ ޑިރެކްޓަރގެ ވާހަކަފުޅުގައި އިވިވަޑައިގެންފަދައިން، އެއީ ފުދޭވަރެއްގެ ޚަރަދެއް ކޮށްގެން، އެކަމަށް ހަކަތަ ބޭނުންކޮށްގެން ކުރަންޖެހޭ ކަމެއް. އަޅުގަނޑަކީ ބޯފެނުގެ ޓެކްނޯލޮޖީގެ މީހެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑަށް ދަންނަވަން އެނގޭވަރެއް. އާބާދީއެއް ބޮޑުކޮށް ތަރައްޤީ ކުރަންވާނީ، އެތަނަކުން ލިބެންހުރި ވަސީލަތްތަކެއްގެ މައްޗަށް ބިނާކޮށްގެން. މުސްތަޤްބަލުގައި މާލެއަކީ އަދި މިހާރަށްވުރެވެސް ބޮޑުވެ، މިއަށްވުރެ ގިނަ ޢަދަދެއްގެ ބަޔަކު އުޅޭ ތަނެއް ކަމުގައި އަޅުގަނޑުމެން ބަލަންވެއްޖެނަމަ، އޭގެ ސަބަބުން މުޅި ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑު އަސަރުތަކެއް ކުރަމުންދާނެ. މިއަދު ސަރުކާރުގެ ސިޔާސަތަކީ މާލެ ބޮޑުކުރުމެއް ނޫން. މާލޭގެ ދިރިއުޅުމުގެ ކަންކަން ރައްޔިތުންނަށް ފަހިވާނެގޮތަށް ކަންކަން ހަމަޖައްސައިދޭއިރުގައި، ދިވެހިރާއްޖޭގެ އެހެން ރަށްރަށްވެސް ތަރައްޤީކޮށް، އެތަންތާނގައި އުޅޭ ރައްޔިތުންނަށްވެސް ހަމަޖެހިގެން އުޅެވޭނެ ގޮތްތަކެއް ހޯދައިދިނުން، މިދައުލަތުގެ ސިޔާސަތަކީ.

އާދެ! ބޯފެން، މިގޮތުން ޔުޓިލިޓީގެ ގޮތުގައި އެންމެ މުހިންމު އެއްކަންތައް ކޮށްދޭންޖެހޭ. އެހެންވީމާ، ސާފު ވައި ފަދައިން ދިރިހުރުމަށް ހުރިހާ އެންމެންނަށްވެސް ބޯފެން ލިބޭނެގޮތް ދައުލަތުގެ ފަރާތުން އިންތިޒާމުކޮށްދޭންޖެހޭ. އަދި އެފަދަ އެއްޗެއް އުފައްދައި، އޭގެ ޚިދްމަތްދޭ ބަޔަކު އެކުރަނީ ވަރަށްބޮޑު އިންސާނީ ޚިދްމަތެއް. އެގޮތުން މިކުންފުންޏަކީ ވަރަށްބޮޑު އިންސާނީ، އަޚްލާޤީ، އަދި ދީނީ މަސްއޫލިއްޔަތެއް އުފުލާ ކުންފުންޏެއް. ތިޔަބޭފުޅުން ތިޔަ ދެއްވާ ޚިދްމަތް ދެއްވުމުގައި، ފައިދާ ހޯއްދެވުމުގެ އިތުރުން، ރައްޔިތުންގެ ހެވާއި ލާބައަށް ރިޢާޔަތް ކުރެއްވުމަކީވެސް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި ރާއްޖޭގައި ބޯފެން އުފައްދާ އެންމެބޮޑު ކުންފުންޏަކީ މިއީ ކަމުގައިވީހިނދު، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ކުރިން ދެންނެވިހެން ނިކަމެތިންނާ ދޭތެރޭގައި ވިސްނަވައި، މިކުންފުނީގެ އިޖްތިމާޢީ މަސްއޫލިއްޔަތުގެ ދަށުން ކުރައްވާ ކަންތައްތައް ވަރުގަދަ ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދާދިފަހުން މި ކުންފުނި މިވަނީ އާ މަރްޙަލާއަކަށް ކުރިމަތިލާފައި. އެއީ ޖަޕާނުގެ ހިޓާޗީ ކުންފުންޏާ ގުޅިގެން، މި ކުންފުނީގެ މުސްތަޤްބަލް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ފަށާފައި. އަޅުގަނޑު އުންމީދު ކުރަން، އޭގެ ސަބަބުން މިކުންފުނީގެ ޚިދްމަތުގެ ފެންވަރު އަދި މިހާރަށްވުރެވެސް ރަނގަޅުވެ، ކުންފުނިންދޭ ޚިދްމަތްތައް ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށް.

އާދެ! މެނެޖިންގ ޑިރެކްޓަރގެ ވަރަށް ތަފްޞީލީ ރިޕޯޓުގައި އިވިވަޑައިގެންފައިވާ ފަދައިން، މިއީ ހަމައެކަނި މިހާރު ފެން އުފައްދާ ކުންފުންޏެއް ނޫން. މިކުންފުނީގެ ފަރާތުން ނަރުދަމާގެ ޚިދްމަތްވެސް ވަރަށްގިނަ ބަޔަކަށް ދެމުން އެބަދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފެން ލިބޭ ޢަދަދާ ދާދި ގާތަށް ނުވަތަ އެއަށްވުރެ ގިނަ ޢަދަދެއްގެ މީހުންނަށް ނަރުދަމާގެ ޚިދްމަތްވެސް ރާއްޖޭގައި މިހާރު ލިބެމުން އެބަދޭ.

އާދެ! އަދި މިހާރު އަޅުގަނޑު ވަރަށް އުފާކުރަން. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިކުންފުނީގެ ޚިދްމަތް މިއަހަރު އިތުރު 8 ރަށަކަށް ދެއްވުމަށްޓަކައި ރާއްވަވަމުން ގެންދަވާ ވާހަކަ އަޅުގަނޑަށް އިވިފައިވަނީ. އަދި މީގެއިތުރުން ވަރަށްގިނަ ޢަދަދެއްގެ ރަށްރަށަށް ނަރުދަމާލުމުގެ މަސައްކަތްވެސް މިހާރު ރޭވެމުންދަނީ.

އަޅުގަނޑުގެ ދުޢާއަކީ، މިކުންފުނީގެ ސަބަބުން ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދްމަތް ރަނގަޅު ފެންވަރެއްގައި ލިބެމުންދިޔުން. ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޙައްޤު ލިބި ފުރިހަމަވެގެން ދިއުން. އަދިވެސް އެއްފަހަރު މިކުންފުނީގެ ވެރިންނަށާއި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް މިއުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން. އަޅުގަނޑަށް މިދަޢުވަތު ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والسّــلام عليــكم.