بسـم الله الرّحمـن الرّحيـم

الحمـد لله ربّ العالمين ، والصّـلاة والسّـلام على سـيّدنا محـمّد وعلى آله وصحـبه أجمعـين.

ލޮބުވެތި ކިޔަވާ ކުދިން. މި ސްކޫލްގެ ޕްރިންސިޕަލް އަދި ޓީޗަރުން، އަދި ޢިއްޒަތްތެރި އެޑިޔުކޭޝަން މިނިސްޓަރާއި، މިނިސްޓްރީގެ އެކިއެކި އިސްވެރިން.

السّــلام عليــكم ورحمـةلله وبركا تـه.

އާދެ! މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މި ސްކޫލްގެ ދަރިވަރުންނަށާއި، މި ސްކޫލްގެ ޓީޗަރުންނަށާއި، މި ސްކޫލްގެ ބެލެނިވެރިންނަށާއި، ހުރިހާ ބޭފުޅުންނަށް ވަރަށްވެސް ހޫނު މަރްޙަބާއެއް ދެންނެވުން. އެއީ މިއަދަކީ މި ސްކޫލްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރާ ދުވަސްކަމަށްވާތީ. އަދި ހަމައެހެން ދެންމެގައި މި ސްކޫލްގެ ކެޕްޓަންކަމާއި، އެކިއެކި ހައުސްތަކުގެ ކެޕްޓަންކަން ލިބުނު ހުރިހާ ކުދިންނަށްވެސް އަޅުގަނޑު ވަރަށްވެސް ހޫނު މަރްޙަބާއެއް ދަންނަވަން.

މިއަދު އަޅުގަނޑަށް އެނގޭ ތިޔަކުދިން ތިބޭނީ ކުޑަކޮށް ވަރުބަލިވެފައިކަން. އެހެން ނަމަވެސް، ކުދިންގެ މޫނުމަތިން ފެންނަނީ ވަރަށްވެސް އުފާވެރިކަން. ވަރަށްވެސް އުޖާލާކަން. އަދި އަޅުގަނޑު ކުދިންގެ މޫނުތަކަށް ބަލައިލީމާ ވަރަށް ރަނގަޅަށް އެބަ އެނގޭ، ތިޔަ ހުރިހާ ކުދިންނަކީވެސް ވަރަށް ކިޔަވާހިތްވާ ކުދިންކަން. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އާދެ! މިއަދު މި ސްކޫލަށް ވަނުމުން، އަޅުގަނޑުގެ ހިތަށްވެސް ލިބެނީ ވަރަށްވެސް ބޮޑު އުފާވެރިކަމެއް. ސަބަބަކީ މިތަން ބަލައިލުމުންވެސް އަޅުގަނޑަށް އެބަ އެނގޭ، މި ސްކޫލަކީ ތިޔަކުދިންނަށް ވަރަށްވެސް އޯގާތެރި ސްކޫލެއްކަން. އަދި މި ސްކޫލަކީ އުފާވެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި މި ސްކޫލްގެ ވެރިންނާއި، ސްކޫލްގެ އެކިއެކި މުދައްރިސުން މަސައްކަތް ކުރައްވަމުން ގެންދަވާކަން. އެހެންވީމާ، ވަށައިގެން ބަލައިލީމާވެސް އަޅުގަނޑުމެންނަށް ފެންނަނީ، މިތަން ޒީނަތްތެރި ކުރުމަށްޓަކައި ކޮށްފައި ހުރި މަސައްކަތް. ވަރަށް ރީތި ކުލަކުލައިގެ ހަންތައް އެލުވައި، ބޮކިތައް އެލުވައި، މުޅި ތަން މިއޮތީ ވަރަށް ރީތިކޮށްލާފައި. އެހެންވީމާ، މިއިން އެބަދޭހަވޭ، މި ސްކޫލްގެ ހުރިހާ ޓީޗަރުންނަކީވެސް އަދި ވެރިންނަކީވެސް ތިޔަކުދިންގެ ކަންތައްތައް ރަނގަޅު ކުރުމަށް، ތިޔަކުދިންނަށް އުފާވެރި މަދްރަސީ ދައުރެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރާ ބައެއްކަން. އެހެންވީމާ، ތިޔަ ހުރިހާ ކުދިންގެ ނަމުގައިވެސް އަދި އަޅުގަނޑުގެ ނަމުގައިވެސް މި ސްކޫލްގެ މުދައްރިސުންނަށާއި، މި ސްކޫލްގެ ވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިހާ އުފާވެރި ޖަލްސާއަކަށް އަޅުގަނޑުމެން އައިސް ތިބިއިރުގައި، އަޅުގަނޑު ހިތާމަކުރާ އެއްކަމެއް އެބައޮތް. އެއީ، މިހާރު ތިޔަކުދިންނަށް އަޅާލައި، ތިޔަކުދިންގެ ކަންތައްތައް ބަލަހައްޓައި، ކުދިން މަދަރުސާއަށް ފޮނުވުމާއި، ތިޔަކުދިންނަށް ކާންދީ، ހެދުން އަޅުވާ، މިހުރިހާ ކަމެއްކޮށް ހަދާ ބެލެނިވެރިން މިއަދު މިތާނގައި ނެތީމަ. އާދެ! އެހެންވާން މިޖެހުނީ ސަބަބެއް ނެތިއެއް ނޫން. ބެލެނިވެރިންނަށް މިއަދު މިތަނަށް ވަޑައިނުގެންނެވުނީ، ސްކޫލްގައި ޖާގަ ނެތިގެން. އެއީ ވަރަށް ދެރަ ކަމެއް. ސްކޫލެއް ފުރިހަމަވަނީ، އެ ސްކޫލްގައި ކިޔަވާ ކުދިންނާއި އެކުދިންނާއެކުގައި ޓީޗަރުންނާ އެކީގައި ހަމަ ބެލެނިވެރިންވެސް އުޅެގެން. އަޅުގަނޑަށް ޔަޤީން، ބެލެނިވެރިންގެ ވަރަށްބޮޑު އެހީތެރިކަމެއް މިސްކޫލަށް އޮންނަކަން. ތިޔަހުރިހާ ކުދިން ތިހާ ރީތިކޮށް ޔުނިފޯމް އަޅުވައި، ރީތިކޮށް ފެންވަރުވައި، ބޯއޮމާންކޮށް، ފުށްޖަހާ ހަދާފައި މިތަނަށް ފޮނުވާފައި ތިބީ ބެލެނިވެރިން. އެހެންވީމާ، ބެލެނިވެރިން ވަރަށްބޮޑު މަސައްކަތެއް އެބަކުރޭ ތިޔަކުދިންނަށް ކިޔަވައިދިނުމަށްޓަކައި. އަޅުގަނޑު އުންމީދު ކުރަން، މުސްތަޤްބަލުގައި ކުދިންގެ ސްކޫލްގައި ތަން އޮވެގެން ބެލެނިވެރިންނަށްވެސް މިކަހަލަ ޖަލްސާތަކުގައި ބައިވެރިވެވޭނެ ފުރްޞަތު ލިބިވަޑައިގަންނަވާނެ ކަމަށް.
އާދެ! ބެލެނިވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ތިޔަކުދިންގެ ފަރާތުންޖެހޭ ރައްދުކުރަން. އަޅުގަނޑު މިދެންނެވި ސަބަބުތަކަށްޓަކައި އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ކުދިން ވަރަށް ހޫނު އަތްތިލަބަޑިއެއް ތިޔަކުދިންގެ ބެލެނިވެރިންނަށް ދިނުމަށް.

އާދެ! ސްކޫލަކަށް އަޅުގަނޑުމެން މިއަންނަނީ ވަރަށްބޮޑު ބޭނުމެއް ޙާޞިލު ކުރަން. ސްކޫލަށް އަންނަނީ ކިޔަވަން. ސްކޫލަށް އަންނަނީ މޮޅުވާން. ސްކޫލަށް އަންނަނީ ކުޅަދާނަ ކަންތައްތައް ދަސްކުރަން. އެހެންވީމާ، އަޅުގަނޑު ހީކުރަން، ތިޔަ އެންމެހާ ކުދިންވެސް ވަރަށް ސީރިއަސްކަމާ އެކީގައި ތިޔަކުދިންގެ ކިޔެވުމުގެ ކަންތަކާއި ކުޅިވަރުގެ ކަންތަކާ، މިހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމަށް. އާދެ! ސްކޫލެއްގައި އޮންނަންވާނެ، ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ކަންތައްތައްވެސް. ދެންމެ އަޅުގަނޑު މި ސްކޫލަށް ވަންއިރުގައި، ވަރަށް ރީތި ނެށުމެއް އަޅުގަނޑު ދުށިން. އޭގެ ސަބަބުން އަޅުގަނޑުގެ ހިތަށް ވަރަށް އުފާވެރިކަން ލިބުނު. އަދި އަޅުގަނޑަށް ދޭހަވެގެންދިޔަ، މިސްކޫލްގެ ކުދިންނަކީ ނެށުމާއި، ލަވަކިޔުމާއި، މިޔުޒިކާ، މިފަދަ ކަންތައްވެސް ކުރާ ކުދިންތަކެއްކަން. އެއީ ކޮންމެ ސްކޫލެއްގައިވެސް އޮންނަންވާނެ ކަމެއް.

ކުޑަކުދިން ތަރުބިއްޔަތުވެގެން ބޮޑުވަމުން އަންނައިރުގައި ވަރަށްގިނަ ކަންތައްތަކެއް އެބަޖެހޭ ދަސްކުރަން. އޭގެތެރޭގައި، ކިޔެވުމުގެ އިތުރުން، އެކަކު އަނެކަކާ އެކީގައި އުޅޭނެގޮތާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުން، އޯގާތެރިވުން، ލޯބިވުން، މިކަންތަކަކީ މިއީ ހުރިހާ ކުދިންވެސް ދަސްކުރަންޖެހޭ ކަންތައްތައް. އެކަންކަން ދަސްކުރެވޭނީވެސް ގޭގެ އިތުރުން ސްކޫލްގައިވެސް އެކިއެކި ކަންތައްތައް ރޭވިގެން، އެކީގައި އުޅެވޭނެ ފުރްޞަތުތައް ކުދިންނަށް ލިބިގެން. އެހެންވެގެން، މިބާވަތުގެ ކަންތައްތައް އިންތިޒާމު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ވަށާޖެހޭ ތަޢްލީމު ތަޢާރުފު ކުރައްވައިގެން، މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެކަން ކުރެވޭނީ، ކުދިންނަށް ޖާގަ އޮވެގެން. ކުދިންނަށް ފުރްޞަތު އޮވެގެން. އަޅުގަނޑު އުންމީދު ކުރަން، މުސްތަޤްބަލުގައި ކުދިންނަށް އެއްދަންފަޅިއަށް ކިޔެވޭނެ ފުރްޞަތެއް މާލަސްތަކެއްނުވެ ވާނެ. އާދެ! އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނަން.

މިއަދު ތިޔަކުދިންނަށްޓަކައި ސަރުކާރުން ގެންދަވަނީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވަމުން. ތިޔަކުދިންގެ ކިޔެވުމުގެ ކަންތައްތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވަމުން. އަޅުގަނޑުމެން ކުދިންގެ ފަރާތުން އެދޭ ކަމަކީ، ކުދިން ރަނގަޅަށް ކިޔެވުން. ބަސްއެހުން. ގަވާއިދުން ސްކޫލަށް އައުން. އަދި ގޭގައިވެސް ފިލާވަޅު ދަސްކޮށް، އަދި މައިންބަފައިންގެ ބަސްއަހަމުން ގެންދިޔުން. އޭރުން އިރާދަކުރެއްވިއްޔާ، ތިޔައިން ކޮންމެ ކުއްޖަކީވެސް މޮޅު ކުއްޖަކަށް ވެގެންދާނެ.

އާދެ! މިއަދު އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ނެތިން. އެހެން ނަމަވެސް، އަދިވެސް އެއްފަހަރު މި ސްކޫލް މިހާތަނަށް ގެނެސްދެއްވުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް، މި ސްކޫލްގެ ސްޓާފުން، ޓީޗަރުން، މަސައްކަތު މީހުން، ތަން ސާފުކުރާ މީހުން، މިހުރިހާ އެންމެންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، މި ސްކޫލަށް އަދަށްވުރެ ފެހި މާދަމައެއް. މި ސްކޫލަކީ އުފާވެރި، ކުދިން ކިޔަވާހިތްވާ، ކުދިން ކިޔަވާ، ރަނގަޅު ކުދިންތަކެއް ތަރުބިއްޔަތުކޮށް، ތަމްރީނުކޮށް ނެރޭ ސްކޫލަކަށް އަބަދުވެސް ދެމިއޮންނާނެ ކަމަށް.

والحمـد لِلّـه ربّ العـالمـين.
.
_________________