އާދެ، މިއަދު އަޅުގަނޑު ތިބޭފުޅުންނާ މިބައްދަލުކޮށްލަނީ، ދުނިޔޭގެ މޫސުމާބެހޭގޮތުން، ސްޕޭންގެ ބާސެލޯނާގައި ބޭއްވުނު ވާހަކަދެއްކުމުގައި ބައިވެރިވުމަށްފަހު، އެނބުރި ރާއްޖެއައިސް، އެކަމާ ބެހޭގޮތުން ކުޑަކޮށް މަޢްލޫމާތު ދެންނެވުމުގެގޮތުން.

އެނގިވަޑައިގަންނަވާނެ ފަދައިން، ޑިސެމްބަރމަހުގެ ތެރޭގައި، ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ، ދުނިޔޭގެ މޫސުމާބެހޭ ވެރިންގެ ޖަލްސާއަށް ތައްޔާރުވުމުގެގޮތުން، އެކިފަހަރުމަތިން މިހާރު މޫސުމާބެހޭ ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްގަނޑެއް ވެއްޖެ. ނަމަވެސް، މިހާރު އެންމެފަހުން މިދެކެވުނު ވާހަކައިގައިވެސް އަޅުގަނޑުމެން ހީކުރި ފެންވަރަށް އެއްބަސްވުންތަކަށް ނާދެވޭކަން އެއީ. ހިތާމަޔާއެކީ ފާހަގަކުރަންޖެހޭ ކަމެއް.

ހަމައެއާއެކީގައި އަޅުގަނޑު ދަންނަވާނީ، ވަރަށް ގިނަ ކަންކަމުގައި މިހާރުވަނީ، ގިނަ ޤައުމުތަކެއްގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައޭ. އެހެންނަމަވެސް، ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކުން އަދި އެމީހުން އެދޭންޖެހޭ ކޮމިޓްމެންޓް ނުދެވޭތީ، އަޅުގަނޑުމެންނަށް ކޯޕަންހޭގަންގައި ދުނިޔޭގެފެންވަރުގައި އާ މުޢާހަދާއެއްގައި ސޮއިކުރެވޭނެކަމުގެ އުންމީދު މިހާރުވަނީ ކުޑަވެފައި.

އާދެ، މިހާރު ދެކެވެމުންދާ ވާހަކަތަކުގެ ތެރޭގައި ކަން ހިނގަމުންއަންނަ ބޮޑެތި ޤައުމުތައް ވަނީ ދުނިޔޭގެ ޖައްވަށް ދޫކުރަމުންދާ ވިހަގޭސްތައް މަދުކުރުމަށްޓަކައި، އެކިއެކި ލަނޑުދަނޑިތައް ކަނޑައަޅާފައި. އެހެންނަމަވެސް، ބޮޑެތި ބައެއް ޤައުމުތަކުން އަދި ކަނޑައެޅިގެން ވަކި އަދަދުތަކެއް ނުބުނޭ. ޚާއްޞަކޮށް، އެމެރިކާއިން އެކަމާބެހޭގޮތުން އަދި އަދަދުތަކެއް ނުލިބޭތީ، މިކަމުގައި މިހާރު އަންނަންޖެހޭ އެއްބަސްވުމަށް އަދި މިއޮތީ ނާދެވިފައި. ނަމަވެސް، ޔޫރަޕްގެ ޤައުމުތަކުން، ޔޫރަޕްގެ އިއްތިޙާދުގެ ފަރާތުން ވަނީ ވަރަށް އެދެވޭ ނަތީޖާއަކާ ހަމައަށް މިވާހަކަތައް ގެނެސްދީފައި. އެހެންވީމާ، އަޅުގަނޑަށް ކުރުގޮތަކަށް ދަންނަވަންޏާ ދެންނެވޭނީ، ގިނަ ޤައުމުތަކުގެ މެދުގައި އެއްބަސްވުން ތަކަކަށް އާދެވިފައިހުރިކަމުގައިވިނަމަވެސް، އެމެރިކާފަދަ ބައެއް ބޮޑެތި ޤައުމުތަކުން އަދި އަދަދުތަކެއް ކަނޑައަޅާފައި ނުވާތީ، އަޅުގަނޑުމެން ހީކުރި ފެންވަރަށް ވާހަކަތައް ނިމުމަކަށް، މިޖަލްސާއަކުވެސް ނުގެނެވުނޭ.

އެނގިވަޑައިގަންނަވާނެފަދައިން، މީގެ ހަމަ ދުވަސްކޮޅެއް ކުރިން، ބެންކޮކްގައި ބޭއްވި ޖަލްސާތަކުގައިވެސް އޮތީ މިދެންނެވިގޮތަށް. ނަމަވެސް ބެންކޮކުން ކުރެވުނު މަސައްކަތުގެ މައްޗަށް އިތުރު މަސައްކަތްތަކެއް މިހާރުވަނީ ކުރެވިފައި. އަދި ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، އެކިއެކި ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް، އެއީ އެޑަޕްޓޭޝަންގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ، ވަރަށްވެސް ރަނގަޅު އެއްބަސްވުމަކާ ހަމައަށް މިހާރު އާދެވިފައި.

ދެން އެހެންވީމާ، މިއީ މިދަތުރުގެ އެންމެބޮޑު މަޤްޞަދަކީ. ދެން ތިބޭފުޅުންގެ ސުވާލެއް އޮތްކަމަށްވާނަމަ، އަޅުގަނޑު ޖަވާބު ދަންނަވާނަން.

އަލްފާޟިލާ އަޒްދާ އަޙްމަދުދީދީ - ދިވެހިރައްޖޭގެއަޑު

އަޅުގަނޑު ދިވެހިރާއްޖޭގެއަޑުން އިނގޭތޯ، ވިދާޅުވެދެއްވަފާނުތޯ، މިޖަލްސާގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނު ކަންތައްތައް؟


ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު

މިހާރު މަޝްވަރާތައް ބިނާވެފައި މިއޮތީ ތަފާތު ކަންތަކުގެ މައްޗަށް. އެއްކަމަކީ އެއީ، ދުނިޔޭގެ ޖައްވަށް ދޫކުރަމުންދާ ވިހަގޭސްތައް މަދުކުރުމާ ބެހޭގޮތުން. ދެން އެކަމަށް ލަނޑުދަނޑިތަކެއް ކަނޑައެޅުނު. އަޅުގަނޑުމެން ބުނަމުން މިގެންދަނީ، އަޅުގަނޑުމެން ބޭނުންވަނީ، ކުދި ޤައުމުތަކުން ބޭނުންވަނީ، ދުނިޔޭގެ ޖައްވުގައިވާ ކާރބަން ޑައިއޮކްސައިޑްގެ އަދަދު 350 ޕާޓްސް ޕާރ މިލިޔަނަށް ތިރިކުރާށޭ. މިހާރު އެހުރީ، ގާތްގަނޑަކަށް 390 އާގާތްކުރޭ. ދެން ބޮޑެތި ޤައުމުތަކުން އަދިވެސް ވާހަކަދައްކަމުން ގެންދަނީ، 450 ހާ ހަމައިގައި އެ ބެހެއްޓޭތޯ. އެހެންވީމާ، އެއީކީ ކުދި ޤައުމުތަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫން. އެހެންވީމާ، މިއީ އެންމެބޮޑު އެއްމައްސަލަ، އަދިވެސް ހަމަނުޖެހިއޮތް.

ދެން، 1990 ވަނަ އަހަރާ އަޅާބަލާފައި، 2020 ވަނައަހަރާ ހަމައިން، ބައެއް ޤައުމުތަކުން މިހާރު ހުށަހަޅާފައި އެބަހުރި 20 ޕަސެންޓް، ނޫނީވިއްޔާ 30 ޕަސެންޓް ކުޑަކުރަން. އަދި 2050 ވަނައަހަރާ ހަމައަށް 85 ޕަސެންޓުން 95 ޕަސެންޓާ ހަމައަށްވެސް ބައެއް ޤައުމުތަކުން ހުށަހަޅަމުން އެބަގެންދޭ. ދެން މިއަދަދުތަކާ ދޭތެރޭގައި އެއްއްބަސްވުން އެއީ، އެންމެބޮޑު އެއްކަންތައް. އަނެއްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް އަސަރުކޮށްފައިވާ ޤައުމުތަކަށް އެހީދިނުމުގެ ކަންތައް. އެއީ މިހާރު އަޅުގަނޑުމެންނަމަ، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ސަލާމަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ބޯފެން ރައްކާތެރި ކުރުމަށްޓަކައި، މަދިރި މަދުކުރުމަށްޓަކައި މިހެން ކުރަންޖެހޭ އެޑަޕްޓޭޝަން މަސައްކަތްތަކަށް ފައިސާ ހޯދަން. ދެން މިފައިސާ ބޮޑެތިޤައުމުތަކުން ދޭންބުނޭ. އެހެންނަމަވެސް، ބައެއް ޤައުމުތަކުން އަދި އެ ދޭންބުނާ އަދަދުތަކެއް ކަނޑައެއްނޭޅޭ. އެކަމަށްޓަކައި ފަންޑެއް ހުޅުވުމުގެ ވާހަކަ މިހާރުދައްކަވަމުން މިގެންދަނީ. އަދި އެއްބަސްވުމަކަށް ނާދެވޭ. އެފަންޑަކީ އެއީ ވަކިން އޮންނަ ފަންޑެއްކަމެއް، ނޫނީވިއްޔާ މިހާރު އުފެދިފައިވާ އެހެން މުއައްސަސާތަކުގެ މައްޗަށް ދޫކޮށްލެވޭ، މިސާލަކަށް ވާރލްޑް ބޭންކުގައި އޮންނަ ފަންޑެއް ކަމަކަށް. ދެން އެކަންވެސް އެބަޖެހޭ ކޮންމެވެސްގޮތަކަށް ނިންމަން. އެނިންމެން އަންނަނީ، އެފަންޑުގައި ހުންނާނީ، ކިހާ އަދަދެއްގެ ފައިސާއެއްތޯވެސް އެނގިގެން. އެއީ، ފުދޭވަރެއްގެ ބޮޑު އަދަދެއް ކަމަށް ވަންޏާ، މިހާރު ހުރި މުއައްސަސާތަކުގެ ތެރޭގައި އެ ބާއްވައިގެނެއް އެއަކަށް މާބޮޑު ލުއިކަމެއް ނުލިބޭނެ. ކުދި ޤައުމުތަކުން ބޭނުންވަނީ ވީހާވެސް ފަސޭހަކޮށް. އަވަހަށް އެފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން.

ދެން މީގެއިތުރުން އެކިއެކި އާ ޓެކްނޮލޮޖީތައް ލިބުން އެއީވެސް މިކަން ކުރިޔަށް ގެންދިއުމުގައި، މޫސުމަށް އަންނަ ބަދަލުތައް މަދުކުރުމަށްޓަކައި މުހިންމުކަމެއް. އެހެންވީމާ، އެ ޓެކްނޮލޮޖީވެސް މިހުރީ އޭގެ އެންމެ ބޮޑެތި ހޯދުންތައް ހޯދިފައިހުރީ، ތަރައްޤީވެފައިވާ ޤައުމު ތަކުގައި. އެހެންވީމާ، ޓެކްނޮލޮޖީ ބަދަލުކުރެވޭނެ ގޮތަކާ، އެކަމަށް ކުރެވޭނެ އިންތިޒާމަކާ ދޭތެރޭގައިވެސް ވާހަކަދެކެވެމުންދިޔަ.

ދެން މިދެންނެވީ، މައިގަނޑުގޮތެއްގައި މިހާރު ވާހަކަދެކެވެމުންއަންނަ އެކިއެކި ނުކުތާތައް. ދެން މީގެތެރިން އަދިވެސް ކުރިން ދެނެވިހެން، މިއީ އެއްބަސްވުމަކަށް ނާދެވޭތީ، އަޅުގަނޑުމެންނަށް މިވަނީ، މިހާރު ކޮންމެސްވަރެއްގެ ހިތް މަރުވުމެއް މިކަމުގައި ލިބިފައި.

އަލްފާޟިލް އަޒްދާ އަޙްމަދްދީދީ - ދިވެހިރާއްޖޭގެއަޑު

ދެންމެ ތި ވިދާޅުވީ ދެއްތޯ، އެމެރިކާފަދަ ޤައުމުތަކުން ވަކި އަދަދުތަކެއް އަދި ކަނޑަ ނާޅުއްވާތީ، ދަތިތަކެއް ހުރިކަމަށް. ދެން މިބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ ބޭފުޅުން ވިދާޅުވެފައިވޭތޯ، ޑިސެމްބަރުގެ ކުރިން މިއަދަދުތައް ކަނޑައެޅި، އެބޭފުޅުންނަށް އެއްވެސްކަހަލަ ނިންމުކާ ހަމައަށް ދެވޭނެކަމަށް؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙިދު ޙަސަންމަނިކު

ޑިސެމްބަރުގެ ކުރިން އެމެރިކާއަށް ވަކިގޮތެއް ނިންމެވޭނެކަމުގެ އުންމީދެއް އަޅުގަނޑުމެންނަކަށް މާބޮޑަކަށްނެތް. ސަބަބަކީ، އެމެރިކާއިން އެފަދަ އެއްބަސްވުމަކަށް އާދެވޭނީ އެތާނގެ ކޮންގްރެސްއިން އެބިލް ފާސްކޮށްގެން. ދެން މިހާރު އަޅުގަނޑުމެންނަށް އެނގިފައިވާގޮތުގައި، ސެނެޓްގެ ކޮމިޓީން ވަނީ ބިލް މިހާރު ބަލައިގެންފައި. ކޮމިޓީން ފާސްކޮށްފައި. އެބިލް ބުނާގޮތުންވިއްޔާ 2010 ވަނަ އަހަރާ ހަމައަށް 20 ޕަސެންޓް ބޭރުކުރާ ގޭސްތައް މަދުކުރެވޭނެ، 1990 ވަނަ އަހަރާ އަޅާބަލާއިރުގައި. ނަމަވެސް، މިއިން އެއްވެސްކަމަކީ މިއީ ކޮންގްރެސްއިން ބިލް ފާސްކުރުމުގެ ކުރިން މިއީ އެމެރިކާ ސަރުކާރަށް ކަނޑައެޅިގެން މުޢާހަދާއެއްގައި ސޮއިކުރެވޭނެ ވަރަށް ގެންދެވޭނެ ކަމެއް ނޫން. ކިތަންމެ ސަރުކާރުން ބޭނުންވިޔަސް. އެހެންވީމާ، މިއީ ދެން މިހާރު އޮތް އެންމެބޮޑު އެއް މައްސަލަ.

އަލްފާޟިލް އަޒްދާ އަޙްމަދްދީދީ - ދިވެހިރާއްޖޭގެއަޑު

ކިތަށް ޤައުމުން ބައިވެރިވިތޯ މިޖަލްސާގައި؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު

މިޖަލްސާގައި ދެބައެއް އޮތީ. ފުރަތަމަ ބަޔަކީ، އަޅުގަނޑަށް ޚާއްޞަކޮށް ޑެންމާކުގެ ތިމަވެށްޓާބެހޭ ވަޒީރު ދެއްވި ދަޢްވަތަކަށް ފުރަތަމަ ބައިގައި ބައިވެރިވީ. އެއީ، ގްރީންލެންޑް ޑައިލޯގް ގެ ނަމުގައި ވާހަކަ ދެކެވެމުންއައި ވާހަކަތަކެއް، ނުރަސްމީކޮށް. ދުނިޔޭގެ ވަޒީރުންނާ އެއަށްވުރެ މަތީފެންވަރުގެ ބޭފުޅުންގެ މެދުގައި. އެހެންވީމާ، އެޖަލްސާގައި ބައިވެރިވުމަށް ލިބުނު ދަޢްވަތެއްގައި އަޅުގަނޑު މިދިއައީ. ގޮއްސައި. ދެން ނެގޯސިއޭޝަންގެ ކަންތައް ހަމަ އެއާވިދިގެން ކުރިޔަށްދާތީ، އަޅުގަނޑު މަޑުކޮށްލީ. ނެގޯސިއޭޝަންގެ ކަންތައް ދާ ނުދާ ގޮތްވެސް ދެނެގަތުމަށްޓަކައި. ދެން އެހެންވީމާ، އެދެބައި މިއޮތީ. ދެން ފުރަތަމަ ޖަލްސާގައި ބައިވެރިވީ، އެއީ، ގްރީންލެންޑް ޑައިލޯގްގައި ބައިވެރިވަނީ، ގާތްގަނޑަކަށް އަޅުގަނޑަށް ލަފާކުރެވެގޮތުގައި ތިރީހަކަށް ޤައުމު. ނަމަވެސް، ޑައިލޯގުގައި ހަމަ ދުނިޔޭގެ ހުރިހާ، އ.ދ. ގެ ހުރިހާ މެންބަރު ޤައުމުތަކެއް ބައިވެރިވޭ.

އަލްފާޟިލް މުޙަންމަދް ޤާސިމް – ޓީ.ވީ.އެމް

ގްރޫޕް އޮފް ސެވަންޓީ ސެވަން ގައި މަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބޭ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު

އާދެ، ޖީ ސެވަންޓީ ސެވަން އާ، ޗައިނާއަކީ ޢާންމުގޮތެއްގައި ތަރައްޤީވަމުންއަންނަ ޤައުމުތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން ގެންދަވާ ގްރޫޕް. ދެން އެ ގްރޫޕްގެ އެންމެ އިސްކޮށް ހުންނެވި ނެގޯޝިއޭޓަރަކީ އެއީ، ސޫދާނުގެ ބޭފުޅެއް. އެބޭފުޅާއާ އަދި އެ ޖީ ސެވަންޓީ ސެވަން ގެ ފަރާތުން އެކިއެކި ކޮމިޓީތަކުގެ ރިޔާސަތު ބަލަހައްޓާ ހުރިހާ ބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރީމު. ބައްދަލުކޮށް، އެބޭފުޅުންނަށްވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް އިވުނުގޮތުގައި މިހާތަނަށް މި މޫސުމަށްއަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި، ބޮޑެތި ޤައުމުތަކުން އެ ކަނޑައަޅާވަރު އެއީ އަޅުގަނޑުމެން ހިތްހަމަޖެހޭވަރެއް ނޫންކަމަށް. ދެން އަޅުގަނޑުމެން ކުދިޤައުމުތަކުން ބޭނުންވަނީ، މިދެންނެވިހެން، 350 ޕާޓްސް ޕާރ މިލިއަން އަށް، ތްރީ ފިފްޓީ ޕާޓްސް ޕާރ މިލިޔަނަށް ތިރިކުރެވޭތޯ މަސައްކަތްކުރުމޭ. އެހެން ނުވާކަމަށް ވަންޏާ، އަޅުގަނޑުމެންގެ ރާއްޖެއަށާއި އަދި އެހެންވެސް ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާ ފިލައިގެންނެއް ނުދާނެއޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ، އެފަދަ އަދަދަކަށް ވިހަގޭސްތައް މަދުކުރުމަށް އެއްބަސްނުވާ ލިޔުމެއްގައި ސޮއިކުރަންވެސް. އެހެންވީމާ، އަޅުގަނޑު އެކަމަދޭތެރޭގައި ވަރަށް ހިތާމަކުރާ ވާހަކަ އެޖަލްސާގައި އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން. ދެން އެކަމަށްޓަކައި އަދި މިހާރަށްވުރެވެސް ބޮޑަށް މަސައްކަތް ކޮށްދެއްވުމަށާ، މިހިސާބަށްވެސް އެބޭފުޅުން މި ކުރައްވަމުންގެންދެވި މަސައްކަތަށް ތާރީފުކޮށް، އެބޭފުޅުންނަށް ހިތްވަރު ދިނުމުގެގޮތުން އަޅުގަނޑު ވާހަކަދެއްކިން.

އަލްފާޟިލް މުޙަންމަދް ޤާސިމް – ޓީ.ވީ.އެމް

ދެންމެ މަނިކުފާނު ވިދާޅުވި، އާ ޓެކްނޮލޮޖީގެ ވާހަކަ. މޫސުމަށްއަންނަ ބަދަލުތަކާ ގުޅުންހުރި. މިއީ، މޫސުމަށްއަންނަ ބަދަލުތަކާ ކޮން ގުޅުމެއްހުރި، ކޮން ޓެކްނޮލޮޖީއެއްކަން ވިދާޅުވެދެއްވަފާނުތޯ؟

ނައިބު ރައިސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު

އާދެ، މިހާރު މި މޫސުމުން މިވިހަގޭސް މިފެނުމުގެ މައިގަނޑު އެއްސަބަބަކީ، އެއީ، ތެލާ، ތެލާ ގުޅިފައިވާ އެކިއެކި މާއްދާތަކުން ހަކަތަ އުފެއްދުމަށްޓަކައި ކުރެވޭ މަސައްކަތުން. ލިބޭގެއްލުމެއް، މިލިބެނީ. އެހެންވީމާ، އޭގެ ބަދަލުގައި އިއާދަ ކުރަނިވި، އެހެންގޮތްގޮތުން ހަކަތަ އުފެއްދޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަހޯދަންޖެހޭ. ތެޔޮ ބޭނުންކުރުން މަދުކުރަން އެބަޖެހޭ. އެހެންވީމާ، މިދެންނެވިގޮތަށް، މި އިއާދަކުރަނިވި ހަކަތަ، މި ހަކަތައިގެ ޓެކްނޮލޮޖީއަކީ އެއީ، މިހާރު ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން ހޯދަމުންދާ އެއްޗެއް. ދެން އެ ޓެކްނޮލޮޖީ އެހެން ޤައުމުތަކަށްވެސް ލިބިގެން، އެހެންޤައުމުތަކަށްވެސް އޭގެ އެހީ ލިބިގެން، މި ދުނިޔޭގެ ފެންވަރުގައި މިގެންނަން އުޅޭ އިޞްލާޙު ގެނެވޭނީ. މިޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ، މިސާލަކަށް ދަންނަވަނީނަމަ، ވައި ބޭނުންކޮށްގެން، ވިންޑްވިސް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން، ނޫނީވިއްޔާ، އިރުގެ ހޫނުން ހަކަތަ އުފެއްދުން. ދެން މިހެންގޮސް ތަފާތު މިބާވަތުގެ ޓެކްނޮލޮޖީތަކުގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ.

އަލްފާޟިލާ އަޒްދާ އަޙްމަދްދީދީ – ދިވެހިރާއްޖޭގެއަޑު

ދެން މަނިކުފާނު ޤަބޫލުފުޅުކުރައްވަންތޯ، މިބައްދަލުވުމުގައި ރާއްޖެއަށް އެއްވެސް ފައިދާއެއް ކުރެވޭފަދަ މަޝްވަރާތަކެއް ކުރެވުނުކަމަށް؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙިދު ޙަސަންމަނިކު

ރާއްޖެއަށް ފައިދާކުރެވޭ މަޝްވަރާ ތަކަކަށް މިވަނީ، އެހެނިހެން ޤައުމުތަކާވެސް ގުޅިގެން ކުރެވޭ މަޝްވަރާ. ދިވެހިރާއްޖެއަކީ ކުޑަޤައުމެއް. މިހާތަނަށް މޫސުމާބެހޭ ނެގޯޝިއޭޝަންތައް އައިސްފައި މިހިރީ އެކިއެކި ގުރޫޕްތަކުން. ވަކި ޤައުމުތަކަކުންނެއްނޫން. ވަކިފަރުދުން. ޤައުމުތަކެއްގެ ގޮތަކުން ނޫން. އެކި ގުރޫޕްތަކާގުޅިގެން. އެހެންވީމާ، އެގޮތުން ދެންމެ ތި ވިދާޅުވިހެން. ޖީ ސެވެންޓީ ސެވެން އާ، ޗައިނާގެ ގުރޫޕްގެ ތެރޭގައިވެސް އަޅުގަނޑުމެން އެބަހިމެނޭ. ހަމައެހެން، ތަރައްޤީވަމުން އަންނަ ކުދި ޤައުމުތައް، އެއީ އެސޯސިއޭޝަން އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ކަންޓްރީޒް (އެއޯސިސް) މިގްރޫޕް ތަކުގެތެރޭގައިވެސް އަޅުގަނޑުމެން އެބަހިމެނޭ. އެހެންވީމާ، މިގްރޫޕްތަކުގައި ބައިވެރިވެގެން، އެމީހުންނާ އެކީގައި މިކުރެވޭ މަޝްވަރާތަކުން އަޅުގަނޑުމެންނަށްވެސް ފައިދާއެއް ނުކުންނާނީ.

އަލްފާޟިލާ އަޒްދާ އަޙްމަދްދީދީ – ދިވެހިރާއްޖޭގެ އަޑު

ޝުކުރިއްޔާ! އިނގޭތޯ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު

އާދެ، ޝުކުރިއްޔާ.
_______________________