بسـم الله الرّحمـن الرّحيـم

الحمـد لله ربّ العالمين ، والصّـلاة والسّـلام على سـيّدنا محـمّد وعلى آله وصحـبه أجمعـين .

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފު. ޔޫ.އެން.ޑީ.ޕީ.ގެ ރެޕްރެޒެންޓެޓިވް މިސްޓަރ އަރޫން ކަޝަރ. ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި މި ވާރކްޝޮޕްގެ ބައިވެރިން. السّــلام عليــكم ورحمـة الله وبركاته .

އާދެ، މެނެޖްމަންޓް އޮޑިޓް ވާރކްޝޮޕެއް، ސިވިލް ސަރވިސް ކޮމިޝަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެން ބާއްވަވައިދެއްވާކަމީ، އަޅުގަނޑު ދަންނަވާނީ ރާއްޖޭގައި ސަރުކާރު ހިންގުމުގެ މެނެޖްމަންޓަށް އިޞްލާޙު ގެންނެވުމަށްޓަކައި އަޅުއްވާ ވަރަށް މުހިންމު ފިޔަވަޅެކޭ. އަދި އެކަމަށްޓަކައި މި ވާރކްޝޮޕް ރޭއްވެވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ކަމާއެކީގައި ޝުކުރު ދަންނަވަން.
އާދެ، މިއަދު އަޅުގަނޑުމެން މިވަނީ، ޑިމޮކްރެޓިކް ވެރިކަމެއް ދިވެހިރާއްޖެއަށް ގެނެސްފައި. ޑިމޮކްރެޓިކް ވެރިކަމަކީ ހަމައެކަނި އިންތިޚާބަކުން ނިމޭ ކަމެއް ނޫން. އިންތިޚާބުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ގިނަ ބަޔަކު އެދޭ ބަޔަކު ސަރުކާރު ހިންގުމާ މި ޙަވާލުވަނީ. ޙަވާލުވުމަށް ފަހުގައި ސަރުކާރުގެ ކަންކަން ހިންގަންޖެހޭނީވެސް ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން. އަޅުގަނޑު ނުދަންނަވާނަން، މިވޭތުވެދިޔަ އެތަކެއް އަހަރު ވަންދެން ސަރުކާރުގެ ކަންކަން ހިނގާފައިވަނީ މުޅިއަކުން ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތަކަށޭ. އެހެންވީމާ، މިއަދު މިސަރުކާރުގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެއް، އަޅުގަނޑުމެން ޤަބޫލުކުރާ ދިމުޤްރާޠީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސަރުކާރުގެ ހިންގުމުގެ ކަންކަންވެސް އިޞްލާޙުކޮށް، ސަރުކާރުގެ ހިންގުމަކީ އެއީ ރައްޔިތުން އެދޭ، އަބަދުވެސް ރައްޔިތުންގެ ވިންދާ ގުޅިފައިވާ، ރައްޔިތުން ބޭނުންގޮތަށް ރައްޔިތުންނަށް ފައިދާހުރި ގޮތަށް ހިންގޭ އޮފީސްތަކެއް ކަމުގައި ހެދުން. އާދެ، މިގޮތުން، މެނެޖްމަންޓް އޮޑިޓްގެ އެއް މަޤްޞަދަކަށް ވާންޖެހޭނެ، ސަރުކާރުގެ އޮފީސްތައް ހިންގުމުގައި ގެންގުޅޭ އުސޫލުތައް މުރާޖަޢާ ކުރުން. ސަރުކާރުގެ އޮފީސްއޮފީހުގައި، މެނެޖްމަންޓުގެ ކަންކަން ރޭވިގެން ހިނގާނުހިނގާގޮތް ބެލުން. އެއްވެސް އޮފީހެއްގައި، އަޅުގަނޑުމެން އެދޭގޮތެއް ނޫން، އެތަނެއް ހިންގަން ހުންނަ އެންމެ އިސްކޮށް ހުންނަ މީހަކު، ނުވަތަ އިސްކޮށް ތިބޭ ދެތިން މީހަކަށް ހަމަ ފެންނަހާ ގޮތަކަށް އޮފީހުގެ ކަންކަން ހިންގަމުން ގެންދިއުން.

ސަރުކާރުގެ އޮފީސްތަކަށް މިވަނީ، ވަކި ކަންތައްތަކެއް ކުރުމަށް ޙަވާލު ކުރެވިފައި. އެކަންކަން ޙަވާލު ކުރެވިފައިވަނީ، ސަރުކާރުން ކަނޑައަޅާ އުޞޫލުތަކެއްގެ މަތިންކަން، ސަރުކާރުން ޙާޞިލު ކުރަން ގަސްތުކުރާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލިސްގެ އިޒުނައާ އެކީގައި ވަކި ކަންތައްތަކެއް ކަނޑައެޅިގެން ލިޔެވިގެން، އެކަންކަން އޮފީސްއޮފީހާ ޙަވާލު ކުރެވިފައިވަނީ. އެހެންވީމާ، އެކަންކަން ކުރުމުގައި އަޅުގަނޑުމެން ޖެހޭނެ، ވަކި ކަހަލަ ނަތީޖާތަކެއް ނެރުމަށްޓަކައި ވަރަށް ސާފުކޮށް ލިޔެވިފައި ހުންނަން. ކޮންމެ އޮފީހަކުންވެސް ޙާޞިލުކުރަން ގަސްތުކުރަނީ ކޮން ކަންތައްތަކެއްކަން. އެހެންވީމާ، އެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން، ނަތީޖާ ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑުމެން އޮފީސްތަކެއް ހަދައިގެން މިއުޅެނީ. ކޮންމެހެން ކުރީގެ ސަރުކާރެއްގައި، ނޫނީވިއްޔާ ކުރީގެ ޒަމާނެއްގައި ވަކި އޮނިގަނޑަކަށް، ވަކި ގޮތަކަށް ސަރުކާރު ރޭވިފައި އޮތީމާ، އެގޮތަކަށް އެކަން ކުރާކަށްނޫން. މިސަރުކާރުން އަޅުގަނޑުމެން ޙާޞިލުކުރަން ގަސްތުކުރާ، ކަނޑައެޅިފައިވާ ނަތީޖާތަކެއް ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑުމެން އޮފީސްތައް ހަދައި، އެ އޮފީސްއޮފީހަށް މުވައްޒަފުން ލައްވައި، އެ އޮފީސްއޮފީހަށް ބަޖެޓް ދީ، އޮފީސްއޮފީހުގެ ވަގުތު ކަނޑައަޅައި، މިކަންކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ، މެނެޖްމަންޓް އޮޑިޓްގެ އެންމެ ފުރަތަމަ މަޤްޞަދަކަށް ވާންޖެހޭނީ، ކަނޑައެޅިފައިވާ ނަތީޖާތައް، ކޮންމެ އޮފީހަކުންވެސް ޙާޞިލު ކުރޭތޯ ނުކުރޭތޯ ބެލުން. އެ ނަތީޖާތައް ޙާޞިލު ކުރުމަށްޓަކައި އޮފީހާ ޙަވާލުވެފައިވާ އެކިއެކި ވަސީލަތްތައް، އެ ރާވައިގެން އެ މެނެޖް ކުރެވެނީ އެކަން ކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތަށްތޯ ބެލުން. އާދެ، މެނެޖް ކުރާނެ އެއްޗެއް ނެތިއެއް، މެނެޖްމަންޓެއް ނޯންނާނެ. މެނެޖްކުރަން އަޅުގަނޑުމެންނަށް މި ޙަވާލުކުރެވެނީ، މުވައްޒަފުންނާއި ފައިސާއާއި ވަގުތާއި ތަނާ، މިހެންގޮސް ކިތަންމެ ވަސީލަތްތަކެއް. އެހެންވީމާ، އެ ވަސީލަތްތައް ރާވައިގެން އެ ހިންގަނީ އެ ހިންގެންއޮތް އެންމެ އެފިޝެންޓްކޮށްތޯ އަޅުގަނޑުމެން އެބަ ބަލަންޖެހޭ.

ދެން، އޮޑިޓްގެ ވާހަކަ ދައްކާއިރުގައި ބައެއް ބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގެންފާނެ، ކީއްވެގެންބާއޭ ސަރުކާރުން މެނެޖްމަންޓް އޮޑިޓް މި ރާވަން ގަސްތުކުރަނީ. އޮޑިޓް އޮފީހެއްވެސް އެބަހުރި. އޮޑިޓަރ ޖެނެރަލެއްވެސް އެބަހުރި. އަޅުގަނޑުމެން މި ކުރަންއުޅޭ ކަމަކީ، އަޅުގަނޑުމެންގެ އޮފީސްއޮފީހުގައިވެސް އަޅުގަނޑުމެން އެ ކުރާ މަސައްކަތަކީ އެއީ ރަނގަޅަށް ކުރެވޭ މަސައްކަތެއްތޯ ބަލަމުން އަބަދުވެސް ގެންދިއުން. ކޮންމެހެން އޮޑިޓްއޮފީހުން ކުރަންޖެހޭ މަސައްކަތެއް އަޅުގަނޑުމެން އަމިއްލައަށް ކުރަން އުޅެނީކީ ނޫން. ކޮންމެ އޮފީހެއްގައިވެސް އެ އޮފީހެއްގެ މުވައްޒަފުން އަބަދުވެސް ޖެހޭނެ، އޮފީހުގެ މަސައްކަތުގެ، މަސައްކަތް ކުރެވޭގޮތުގެ ވިންދު އަބަދުވެސް ބަލަން. އެހެންވީމާ، އެގޮތުން ދޭތެރެ ދޭތެރެއިން އަމިއްލައަށް މެނެޖްމަންޓް އޮޑިޓާއި، މެނެޖްމަންޓަށް ދިމާވާ އެ އޮފީހުގެ މަޤްޞަދުތައް ޙާޞިލު ކުރުމަށް ދިމާވާ އުނދަގޫތައް ދެނެގަތުމަށްޓަކައި، ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ދޭތެރެ ދޭތެރެއިން އެބަޖެހޭ އެ އޮފީހުގެ ކަންތައްތައް ހިނގާނުހިނގާގޮތް މުރާޖަޢާ ކޮށްލަން. އެ މަޤްޞަދުގައި މެނެޖްމަންޓް އޮޑިޓް މިހިންގަނީ. ދެން އެކަމަކީވެސް ހަމަ ހިތަށްއަރާހާ ގޮތަކަށް ކުރާކަމެއް ނޫން. މި މެނެޖްމަންޓް ފައިނޭންސަކީ މިހާރު ނުލާހިކު ތަރައްޤީ ވެފައިވާ ރޮނގެއް. އެހެންވީމާ، ހަމަ އަޅުގަނޑުމެންނަށް ފެންނަހާ ގޮތަކަށް އަދި ހަމަ އެކަން ކޮށްލިއަކަސް ކަމަކު ނުދާނެ. އެހެންވީމާ، އެކަމަށްވެސް ކަނޑައެޅިފައި އޮންނަ އުޞޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން، ދުނިޔޭގައި އެކަންކުރާ އެންމެ ރަނގަޅު ގޮތްގޮތް ބަލައިގެން، އެ އުސޫލުތަކަށް އަޅުގަނޑުމެން މެނެޖްމަންޓް އޮޑިޓް ހިންގަންވާނީ. އެހެންވީމާ، މި ވާރކްޝޮޕުގެ ބޭނުމަކީ، މިދެންނެވި ކަހަލަ ދުނިޔެ ޤަބޫލުކުރާ ފެންވަރެއްގައި އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން ތައްޔާރުވުން. މިކަމަކީ މިއީ އަޅުގަނޑުމެން އަމިއްލައަށް އޮފީސްއޮފީހުގައި ކުރަންޖެހޭ ކަމެއް. ދެން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ވާރކްޝޮޕުގެ މަޤްޞަދަކީ މިދެންނެވި ގޮތަށް އެ މެނެޖްމަންޓް އޮޑިޓް ހިންގުމަށްޓަކައި ފުރަތަމަ އެކަމަށް ޓްރޭންކުރާނެ ޓްރޭނަރުންތަކެއް ތައްޔާރު ކުރުން. އަދި އެކަން ޓީމުތަކެއްގެ ސިފައިގައި އެކިއެކި އޮފީހުގައި އެކަން ކުރެވޭނެ ޤާބިލިއްޔަތެއް އުފެއްދުން.

އާދެ، މެނެޖްމަންޓް އޮޑިޓްގެ މަސައްކަތް ކުރައްވާއިރުގައި، އަޅުގަނޑު ކުރިން ދެންނެވިހެން ތަފާތު ކަންތައްތަކެއް އެބަ ބަލަންޖެހޭ. އެންމެ ފުރަތަމަ އަޅުގަނޑު ދެންނެވިން، އޮފީހުގެ ހިންގުމުގެ ތެރޭގައި އޮންނަ ހަމަހަމަކަމާއި ޑިމޮކްރެސީގެ އުސޫލުތައް އެތަނެއްގައި ހިނގާނުހިނގާތޯ ބެލުން. ކޮންކަހަލަ މެނެޖްމަންޓެއްތޯ އޮންނަނީ. މަތިން ތިރިއަށް ހަމައެކަނި އޯޑަރު އަންނަ މެނެޖްމަންޓެއްތޯ އޮންނަނީ. ނޫނީ އޮފީހުގެ އެހެން މުވައްޒަފުންނާ މަޝްވަރާކޮށްގެން، އެމީހުން ބައިވެރިކޮށްގެން ހިންގާ އޮފީހެއްތޯ، މެނެޖްމަންޓެއްތޯ އޮންނަނީ. މިއިން ކޮންމެ އޮފީހެއްގައިވެސް މިއޮންނަނީ ކުރަންވާ ކަންތައްތަކެއް ކަނޑައެޅީފައޭ، އެދުވަހަކު ހެނދުނު ހޭލައިގެން ދެން ހިތަށް އަރާހާ ކަމެއް ކުރާކަށް އޮންނަ ތަނެއް ނޫން އޮފީހަކީ. އޮފީހުން ޙާޞިލު ކުރަންޖެހޭ ލަނޑުދަނޑިތަކަކާއި ނަތީޖާތަކެއް ކަނޑައެޅި ލިޔެވިފައި ކޮންމެ އޮފީހެއްގައިވެސް އެބަހުރޭ. އެކަންކަން މި ކުރަންޖެހެނީ. ހަމަ އޮފީހަށް އައިސްފައި، އެދުވަހަކު ފެންނަ ކަމެއް ކޮށްލާ ގޮތަކަށް ނޫން. އެހެންވީމާ، މިދެންނެވި ކަންކަން، އެ ލިޔެވިފައިހުރި ކަންކަން ރަނގަޅަށް އުސޫލުތަކެއްގެ މަތިން ގަވާއިދުން ހިނގާނުހިނގާތޯ ބެލުމަށްޓަކައި، އެކަންކަން ހިންގުމަށް ތިބޭ ބައެއް ވެރިންނަކީ. އެހެންވީމާ، ވެރިން އެކަންކަން ކުރައްވަންވީ ހަމައެކަނި އެދުވަހަކު ފެންނަހާ ކަމެއް ކުރާގޮތަކަށް ނޫން. ވެރިންވެސް ސަރުކާރުގެ އޮފީސްއޮފީސް ހިންގަވަންވާނީ، އެ ކަނޑައެޅިފައިވާ ނަތީޖާތައް ނެރުމަށްޓަކައި އެބޭފުޅުންނާ ޙަވާލު ކުރެވިފައިވާ ވަސީލަތްތައް، އެއީ މުވައްޒަފުންނާއި، ފައިސާއާއި، ތަނާ، މިހުރިހާ އެއްޗެއް އެކަމުގައި އެންމެ ރަނގަޅު ގޮތަކަށް ބޭނުން ކުރައްވައިގެން. މުވައްޒަފުން އަޅުގަނޑުމެން އޮފީސްއޮފީހަށް ލައްވަނީ ހަމަ ބުނާހާ ކަމެއް ކުރާކަށްވެސް ނޫން.

ސިވިލް ސަރވިސް ކޮމިޝަނުން ދެންމެ ރައީސް އެވިދާޅުވި ފަދައިން، ވަކި ސްޓޭންޑަޑް ތަކަކަށް، ވަކި އަޚްލާޤީ މިންގަނޑުތަކަކަށް، ވަކި މެނެޖްމަންޓް އުސޫލުތަކަކަށް ތަބާވެގެން އެކަންކުރާގޮތަށް. އަޅުގަނޑުމެންގެ އެންމެ އަގުބޮޑު، އެންމެ އަގުހުރި ވަސީލަތަކީ، އަޅުގަނޑުމެންގެ މުވައްޒަފުން. އެހެންވީމާ، މުވައްޒަފުންގެ ޚިޔާލާ އެއްގޮތްވާ ގޮތުގެމަތިން، އެމީހުންނަށް ލިބިފައިވާ ތަމްރީނަކާ އެއްގޮތްވާ ގޮތުގެމަތިން، އޭގެ ބޭނުން ހިފައިގެން، އަޅުގަނޑުމެން އޮފީސްއޮފީސް ހިންގަންވީ.

ދިވެހި ސަރުކާރުގައި ވަރަށްބޮޑު އިންވެސްޓްމެންޓެއް މިވަނީ ކުރެވިފައި، އެތަކެއް ޒަމާން ވަންދެން. ދެންމެ ވިދާޅުވިހެން، ޓްރޭނިންގ ދިނުމުގެ މަޤްޞަދަކީ، މުވައްޒަފުންނަށް އިންވެސްޓްކުރުން. މުވައްޒަފުން މުއްސަނދިކުރުން. އެހެންވީމާ، އެތަކެއް ޒަމާންވަންދެން ދެވިފައިވާ ޓްރޭނިންގ، އެއީ ޔުނިވަރސިޓީ ޓްރޭނިންގ ކަމުގައިވިޔަސް، އަދި ވަޒީފާއާ ގުޅިގެން ދެވޭ ޚާއްޞަ ޓްރޭނިންގ ކަމުގައިވިޔަސް، އެ ޓްރޭނިންގއަކީ އެއީ ފައިސާ ޚަރަދުކޮށްގެން އަމިއްލަ ޖީބުން ނަމަވެސް، ނޫނީވިއްޔާ ދައުލަތުން ނަމަވެސް، ފައިސާތަކެއް ޚަރަދުކޮށްގެން ކުރެވިފައިވާ އިންވެސްޓްމަންޓެއް. އެހެންވީމާ، ކޮންމެ މުވައްޒަފަކީވެސް އެ މުވައްޒަފަކަށް އެނގޭ މަޢުލޫމާތާއި ތަޖުރިބާގެ މުއްސަނދިކަން އޮފީހަށް ގެނެސްދޭ މުވައްޒަފެއް. އެހެންވީމާ، އެ މުއްސަނދިކަން އަޅުގަނޑުމެން ޖެހޭނެ ފުރިހަމަ ގޮތުގައި ބޭނުންކުރަން. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މުވައްޒަފުންނަކީ އެއީ ހަމަ އަޅުގަނޑުމެން އަދި ބުނާހާ ކަމެއް ކޮށްލާކަށް ތިބޭ ބައެއް ނޫން. އެ މުވައްޒަފުންގެ ޚިޔާލާއި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެއްޗެއް އަޅުގަނޑުމެން އޮފީސް ހިންގުމުގައި ފުރިހަމަ ގޮތުގައި ބޭނުންކުރުން އެއީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލައަށް ޤާބިލުކުރަން ޖެހޭ ކަމެއް. އެހެން ނުވާކަމަށްވާނަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަކަށް އަދި އޮފީސްތަކެއް މެނެޖެއް ނުކުރެވޭނެ.

ދެން ހަމަ އެހެން، މިހާރު ތަފާތު ބާވަތްބާވަތުގެ އޮޑިޓްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އެބަހުރޭ ޕްރޮގްރާމް އޮޑިޓް މިސާލަކަށް، އެ އޮޑިޓް ބޮޑަށް މިބަލަނީ، ކަނޑައެޅިފައިވާ ޕްރޮގްރާމް ހިންގޭތޯ، ކިހިނެއްތޯ ހިނގަނީ. މެނެޖްމަންޓް އޮޑިޓެއްގެ ވާހަކަ ދައްކާއިރުގައި އެ ޕްރޮގްރާމް މެނެޖް ކުރާ ގޮތުގެ ވާހަކަވެސް ދައްކަން ޖެހޭނެ. އެހެންވީމާ، އެ މެނެޖްކުރަން ތިބޭ ބައެއްގެ ކަންތައްތައް ހުންނަ ގޮތާއި، އެބައިމީހުން، ދޭދޭމީހުންގެ މެދުގައި ހުންނަ ގުޅުމާއި، އެކަންކަން ރޭވިފައިވާ ގޮތާ، މިކަންކަމަށްވެސް އަޅުގަނޑުމެން ޖެހޭ އެބަ ރަނގަޅަށް ބަލަން. އެގޮތުން، އޮފީސްއޮފީހުގައި ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޕްރޮގްރާމް ރޭވުމަށްޓަކައި ތަފާތު ޖަލްސާތައް ބާއްވާ، މުވައްޒަފުންގެ ޚިޔާލު ހޯދާތޯ ނުވަތަ ނުހޯދާތޯވެސް އަޅުގަނޑުމެން ބަލަންޖެހޭ. އަދި އަހަރުގެ އެކި ދޭތެރެއިން، އެއީ 3 މަހުން 1 މަހު ނަމަވެސް، 6 މަހުން 1 މަހު ނަމަވެސް، އެ ޕްރޮގްރާމް މުރާޖަޢާ ކުރުމަށްޓަކައި އޮފީހުގެ ގިނަބަޔަކު އެއްވެ ބައްދަލުކޮށް އެކަން ކުރޭތޯވެސް އަޅުގަނޑުމެން ބަލަން އެބަޖެހޭ. އަދި ހަމަ އެހެން، އޮފީހާ ޙަވާލު ކުރެވިފައިވާ ފައިސާ ޚަރަދު ކުރުމުގައިވެސް ދެން ފައިނޭންޝަލް އޮޑިޓްގެ ދަށުން ފައިނޭންޝަލް ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޭތި ހިނގާތޯ ނުހިނގާތޯ ބަލަންޖެހޭ. އެހެންނަމަވެސް، އޭގެ އިތުރުން އެފައިސާ ޚަރަދުކުރަން ދީފައިހުރި ކަންކަމަށްތޯ އެފައިސާ ޚަރަދު ކުރެވެނީ. އަނެއްކާ އެފައިސާ ޚަރަދު ކުރުމުގައި އަޅުގަނޑުމެން އެބަޖެހޭ، މެނެޖްމަންޓް އިންޑިކޭޓަރސްތަކެއްވެސް ހަމަ ކަނޑައެޅިފައި އޮންނަން. މިސާލަކަށް، ބަޖެޓްގެ ބޮޑުބައި މި ޚަރަދުކޮށްލަނީ އަހަރު ނިމޭތާނގައިތޯ. އަހަރުގެ ކުރީކޮޅާއި މެދުތެރެއާ ވަރަށް މަޑުމަޑުން މަސައްކަތް ގޮސް، ބަޖެޓް ޚަރަދު ނުކުރެވި އޮވެފައި، އެންމެ ފަހު 3 މަސްދުވަހުގެ ތެރޭގައި އެއްކަލަ ބަޖެޓް ކުއްލިއަކަށް ޚަރަދުކޮށްލަން އުޅުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް އޮފީސްއޮފީހަށް ލިބޭނެ. އެހެންވީމާ، މިދެންނެވި ހުރިހާ ކަމަކަށް އަޅުގަނޑުމެން އަދި އެބަޖެހޭ ސަމާލުވާން. ހަމަ އެހެން، މުވައްޒަފުންގެ ކަންތަކުގައިވެސް. މުވައްޒަފުންގެ ބޭނުން ކުރެވެނީ އެމީހުން އެތަނަށް ވައްދާފައިތިބި ބޭނުމަކުތޯ. މިސާލަކަށް ދަންނަވަންޏާ، ޕްރޮގްރާމް ސްޕެޝަލިސްޓެއްގެ ގޮތަށް ވައްދާފައި ހުން މީހަކު ލައްވާ އެތާނގެ ފޮޅާ ސާފު ކުރުމުގެ މަސައްކަތް ކުރުވަން ވެއްޖިއްޔާ އެ އަދި އެކުރެވެނީކީ އެކަން ކުރަންވާ ގޮތަކަށްނޫން. އެ މެނެޖް ކުރެވެނީކީ، އެ ދީފައިއޮތް ރިސޯސް އެންމެ ރަނގަޅަކަށް ނޫން. އަދި ހަމަ އެހެން، އޮފީސްތެރޭގައި، ދޭދޭ މީހުންގެ މުވައްޒަފުންގެ ތެރޭގައި އޮންނަންވާ ގުޅުންވެސް އެއީ ވަރަށް މުހިންމު އެއްޗެއް. އޮފީހަކީ އެއީ ހަމަޖެހޭ އޮފީހަކަށް ވެގެން ނޫނީ، އޮފީހުގެ މުވައްޒަފުން ހިތްހަމަ ޖެހިގެން ނޫނީ، އޮފީހުގެ ނަތީޖާ ރަނގަޅެއް ނުކުރެވޭނެ. އެހެންވީމާ، މެނެޖްމަންޓް އޮޑިޓްގެ ތެރޭގައި އެބަ ހިމަނަންޖެހޭ، މުވައްޒަފުންގެ ކަންކަން ހުންނަނީ ކިހިނެއްތޯވެސް، މުވައްޒަފުންގެ ކަންކަން އަޅުގަނޑުމެން މެނެޖް ކުރަނީ ކިހިނެއްތޯވެސް. އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި، ބައެއް ތަންތާނގައި މީހުންގެ ހިތްހަމަޖެހުން ހުންނަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި، މުވައްޒަފުންގެ ހިތްހަމަޖެހުން ހިމެނެނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި އެކިއެކި ސާރވޭތައް ގަވާއިދުން ހަދާ ތަންތަންވެސް. ދެން ހިތްހަމަނުޖެހޭ ކަންކަން ދެނެގަނެގެން އެކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާ ތަންތަންވެސް.

އަޅުގަނޑުމެން ކޮށްލަންޖެހޭ ސުވާލެއް، އަޅުގަނޑުމެންގެ އޮފީސްއޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރަނީ ހިތްހަމަޖެހިގެން އުފަލާ އެކީގައިތޯ. އެ ހިތްހަމަޖެހުމާއި އުފާ ނެތްކަމަށް ވާނަމަ، އޮފީސްތަކަކީ އެއީ ވަރަށް ހާސްކަން ބޮޑު ނުތަނަވަސް ތަންތަނަށް ވެގެންދާނީ. އަދި އަޅުގަނޑުމެން މި ޙާޞިލުކުރަން ގަސްތުކުރާ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުނެރެވޭނެ. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން. ތިޔަބޭފުޅުންގެ މި ވާރކްޝޮޕުގެ ތެރޭގައި މިދެންނެވި ބަޔަށްވެސް ތިޔަބޭފުޅުން ސަމާލުކަން ދެއްވާނެކަމަށް.

އާދެ، ދެން ނިންމާލުމުގެ ކުރިން،

I want to thank UN for the support you have provided continuously for upgrading management skills, public administration and many other areas that affect performance in government.

What I have been saying in a very long winded way is that we need to reorient management to be consistent with the principles of a democracy that we have worked so hard for. And that is not very simple because we have come from a very long history of not necessarily a democratic work place. Therefore, this workshop comes at a very important time as we begin to mark the first anniversary of the government. This is a good time for us to reflect on how the change we have brought about is affecting our lives in government. Are we practicing what we preached? Are we implementing democratic values, principles and procedures in the work place? I think it is important to reflect on these issues and I think it is a good time to do that.

Thank you for providing the forum for doing some of those reflections. And also thank you Dr Karitini Doganis for being here. I know that you have experienced in many countries in conducting such workshops and specialized in this area. So we look forward to benefit from that expertise. And once again thanks to the Civil Service Commission’s President and its staff as well as to the governance unit of the President’s Office for organizing this important workshop.

Good luck and thank you very much.