بســم اللّـه الرّحمـن الرّحيــم

ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم!

އާދެ! ދުނިޔޭގެ ފެންވަރުގައި ވަކި ދުވަހެއް، ކުޑަކުދިންނަށް އަނިޔާކުރުން ހުއްޓުވުމުގެ ގޮތުން ފާހަގަކުރާއިރުގައި އެދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރައްވާ ކަމަށްޓަކައި ޚާއްޞަ ގޮތެއްގައި މި މުނާސަބަތުގައި، މިޖަލްސާ ރާވައިދެއްވި ކަމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މި މަސައްކަތުގައި ކޯލިޝަނެއް އުފެދި އެ ކޯލިޝަންގެ ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާކަން އެއީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްވެސް ބޮޑު އުންމީދެއް.

އާދެ! އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް، ޗައިލްޑް ހެލްޕް ލައިނެއް މިއަދު އިފްތިތާޙް ކުރެއްވިކަން. އޭގެ ސަބަބުން ކުދިންނަށާއި އެކުދިންނަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑު އެހީތެރިކަމަކަށް ވެގެންދާނެ. އާދެ! ޗައިލްޑް ހެލްޕް ލައިން 1412 މި ނަންބަރު މިއީ ހުރިހާ އެންމެންވެސް ދަންނަ ނަންބަރަކަށް ވާން އެބަޖެހޭ. ކަމެއް ދިމާވާނީކީ ބުނެފައެއްނޫން. އެހެންވީމާ، ކުއްލިއަކަށް ބޭނުންކުރަންޖެހޭ ހިނދެއްގައި އިމަރޖެންސީ ނަންބަރެއް ފަދައިން ބޭނުންކުރަންޖެހޭ ނަންބަރެއް މިނަންބަރަކީވެސް. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް ނަންބަރު ދަސްކުރައްވައި އަލަށް މިހުޅުވޭ ހެލްޕްލައިންގެ ބޭނުން ހުރިހާ ބޭފުޅުންވެސް ކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް.

އާދެ! މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ގިނަ ބޭފުޅުންނަކީ، އަޅުގަނޑަށް ހީވާ ގޮތުގައި ޢަމަލީގޮތުން ކުޑަކުދިންގެ ޙިމާޔަތަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތައް. އެހެންވީމާ، ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ކޮންމެހެން ކުޑަކުދިން ޙިމާޔަތް ކުރުމުގެ މުހިންމުކަމާ ދޭތެރޭގައި މާދިގުކޮށް ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން. ކޮންމެއަކަސް ދެންމެ ތިޔައިވިވަޑައިގެން ފަދައިން މިއަހަރަކީ މިއީ، ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއެއް އުފެދިގެން އެ މުޢާހަދާއަށް 20 އަހަރު ފުރޭ އަހަރު. " ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ގެ ނަމުގައި މި މުޢާހަދާ އުފެދި މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދުނިޔޭގެ ހަމައެކަނި އެންމެ ޤައުމެއް ފިޔަވައި ދުނިޔޭގައި އޮތް ހުރިހާ ޤައުމުތައްވަނީ މިމުޢާހަދާގައި މިހާރު ސޮއިކޮށްފައި. ދިވެހިރާއްޖެއަކީ އެ މުޢާހަދާގެ މެންބަރެއް. އަދި މިވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި ސިޔާސީ ކުރިއެރުވުމަށްޓަކައި ތަފާތު ފެންވަރުގައި މަސައްކަތް ކުރެވިފައިވޭ. އަޅުގަނޑު ދެކޭގޮތުގައި މިއަދު އަޅުގަނޑުމެން މިހާ ގިނަ ޖަމާޢަތްތަކުގެ ފަރާތުން މިކަމުގައި ބައިވެރިވެގެން މިމަސައްކަތް މިގޮތަށް މި ކުރާކަންވެސް މިއީ، ސިޔާސީ ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ކުރެވެމުންދާ މަސައްކަތުގެ އަޅުގަނޑު ދަންނަވާނީ އޭގެ ނަތީޖާއެކޭ.

އާދެ! ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ކުޑަކުދިން ޙިމާޔަތް ކުރުމަކީ އެއީ، ކުޑަކުދިންގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަމެއް. ތުއްތު ކުއްޖަކު އުފަންވުމަކީ އެއީ، ކޮންމެ ޖަމާޢަތަކަށްވެސް ކޮންމެ މުޖުތަމަޢަކަށްވެސް ކޮންމެ ކޮމިއުނިޓީއަކަށްވެސް ކޮންމެ ޢާއިލާއަކަށްވެސް ލިބޭ ވަރަށްބޮޑު އުފަލެއް. އެއީ، އަޅުގަނޑުމެންގެ ދަރިފަސްކޮޅު އާވުން އަޅުގަނޑުމެންނަށް ކުއްޖަކު ލިބޭ ކޮންމެ ފަހަރަކު. އަޅުގަނޑު އަހާ ބުއްދިވެރި ބަހެއްގައި އޮވޭ "ކުއްޖަކު އުފަންވުމަކީ އަޅުގަނޑުމެންނާ ދޭތެރޭގައި، އިންސާނިއްޔަތާ ދޭތެރޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ފޫހިވެވޮޑިގެންނުވާ ކަމުގެ ދަލީލެކެވެ."

އަޅުގަނޑުމެންގެ ޢަމަލުތައް މިދުނިޔެ މަތީގައި ކޮންމެ ގޮތަކަށް ހުރި ކަމުގައިވީ ނަމަވެސް، އާވުމުގެ، އަލުން އުފެއްދުމުގެ، އަޅުގަނޑުމެންގެ މުޖުތަމަޢުތައް އާލާކުރުމުގެ އުންމީދުތައް އާވެގެންދޭ، ކުއްޖަކު އުފަންވާ ކޮންމެ ފަހަރަކު. އެކުއްޖަކު އުފަންވުމުން އަޅުގަނޑުމެންނަށް އެ ލިބޭ ފުރުސަތަކީ، އެއީ އަޅުގަނޑުމެންގެ މުޖުތަމަޢު އަލުން އާބާދު ކުރުމުގެ، އަލުން އާލާކުރުމުގެ ފުރުސަތު. އެ ފުރުސަތުގެ ބޭނުން ހިފޭނީ އެކުއްޖާއަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދީގެން ކުއްޖާ ތަރައްޤީ ކުރުމުން.

ކުއްޖަކު އުފަންވުމާ ގުޅިގެން ލިބިދޭންޖެހޭ ޞިއްޙީ ފަރުވާއާއި އެހީތެރިކަން އެއީ، އެންމެ ފުރަތަމަ ދޭންޖެހޭ އެހީތެރިކަން. އެހެންނަމަވެސް އެންމެ ޅަފަތުގައިވެސް އަޅުގަނޑުމެންނަށް އެބަފެނޭ، ކުޑަކުދިންނަށް އެކިއެކި އަނިޔާވެރި ގޮތްތައް ވެގެންދާތަން. ވަރަށް ތުއްތު ކުދިންވެސް އަނިޔާކޮށްފައި ނޫނީވިއްޔާ އެކުދިން ނުބަލައި އެއްލާލެވިފައި ނޫނީ އަދި އެއަށްވުރެވެސް ހިތާމަވެރި ގޮތްތައް ތުއްތު ކުދިންނާ ދޭތެރޭގައި ދިމާވެފައި އެބަހުރި. ބައެއް މުޖުތަމަޢުތަކުގައި ޚާއްޞަކޮށް އަންހެންކުދިން އުފަންވުމުން އެކުދިންގެ ފުރާނަ ދުއްވާލުންވެސް އެއީ، ކުރަމުން އަންނަ ކަމެއް. މިހާރުވެސް ބައެއް ބޮޑެތި ޤައުމުތަކުގައި އެކަން ހިނގާ. އެހެންވީމާ، އެކަމަކީ އެއީ، ކަނޑައެޅިގެން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން މަނާކުރާ ކަމެއް. އަޅުގަނޑުމެންގެ ދީނާ އަޅުގަނޑުމެންގެ ޘަޤާފަތް އަޅުގަނޑުމެންނަށް ބާރުއަޅަނީ ކުޑަކުދިންނަށް އޯގާތެރިވުމަށް. އެކުދިން ފުރިހަމަ ޞިއްޙަތެއްގައި ތަޢްލީމު ދީގެން ބޮޑުކުރުމަށް. ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ޤަބޫލުކުރާ ގޮތުގައި ކުއްޖަކު ތަރައްޤީވުމަށްޓަކައި، ކުއްޖަކު ފުރިހަމަ ޞިއްޙަތެއްގައި ބޮޑުވުމަށްޓަކައި ވަކިމުއްދަތެއް، ވަކި ކަހަލަ ތަރުބިއްޔަތެއް އެބަ ބޭނުންވޭ. އެގޮތުން ކޮންމެ ކުއްޖަކީ ތަޢްލީމެއް ލިބެންޖެހޭ ކުއްޖެއް.

މިއަދު އަޅުގަނޑުމެންގެ ޤައުމުގެވެސް ތަޢްލީމީ އޮނިގަނޑާއި ޞިއްޙީ އޮނިގަނޑާ މިކަންކަން އަޅުގަނޑުމެން ރާވަމުން މިގެންދަނީ ކޮންމެ ކުއްޖަކަށްވެސް އެޚިދްމަތް ދެވޭ ގޮތަށް. އެގޮތުން މިހާރުގެ ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް ލާޒިމުކުރޭ ކޮންމެ ކުއްޖަކަށްވެސް މެދުމަދުރަސީ ތަޢްލީމާ ހަމައަށް ތަޢްލީމުދޭން. އެއީ، މިހާރު ދަންނަވަނީނަމަ ގްރޭޑް 7 އާ ހަމައަށް ކޮންމެ ކުއްޖަކަށްވެސް ދޭންޖެހޭ ތަޢްލީމު. ކުދިންގެ ޙައްޤެއް އެއީ. އަދި ގިނަ ޤައުމުތަކުގައި އަޅުގަނޑުމެންނަށްވެސް އަޅުގަނޑުމެންގެ ފޯރުންތެރިކަން ހުރި ވަރަކުން އަޅުގަނޑުމެންނަށް އެބަޖެހޭ ފުރިހަމަ ޕްރައިމަރީ އަދި ސެކަންޑަރީ ތަޢްލީމެއް ހަމަ ކޮންމެ ކުއްޖަކަށްވެސް ލިބިދޭން. އަދި މިހާރުވެސް ތަޢްލީމުގެ ކަންތައްތައް ކުރިއަށް ގޮސްފައިވާ ގޮތުން އަޅުގަނޑުމެންގެ ރާއްޖޭގެވެސް ވަރަށްގިނަ ރަށްރަށުގައި ސެކަންޑަރީ ތަޢްލީމުވެސް މިހާރު މިދަނީ ދެވެމުން. އެހެންވީމާ، ކުއްޖަކު ފުރިހަމަވެ ތަޢްލީމު ލިބި ބޮޑުވުމަށްޓަކައި އެބަ ނަގާ ތަޢްލީމުގެ މުޅި ދައުރު ފުރިހަމަ ވަންދެން.

ބައިނަލްއަޤްވާމީ ފެންވަރެއްގައި އަޅުގަނޑުމެން ގަބޫލުކޮށްފައި މިވަނީ ކުއްޖާއަށް 18 އަހަރު ވަންދެން އެކުއްޖަކަށް ތަޢްލީމުދީ އެކުއްޖަކު ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ދައުލަތުގެ ފަރާތުންނާއި މައިންބަފައިންގެ ފަރާތުން މަސައްކަތް ކުރަންޖެހޭނެ ކަމަށް. އެއީ، އެކުދިންގެ ވާޖިބެއް ކަމަށް. އަޅުގަނޑުމެން މުޅި ދުނިޔެ އެއްބަސްވެފައިވާ އެއްބަސްވުމެއް މިއޮތީ ދުނިޔޭގެ ގިނަ މީހުންނަށް އެގޮތަށް ފެންނާތީ. އެހެންވީމާ، އޭގެތެރެއިން އަޅުގަނޑުމެންނަށް އެކަން ހާސިލު ކުރެވެން އޮތް އެންމެ އަވަހަކަށް އެކަންކަން ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ވީމާ، ކުއްޖެއްގެ އުމުރުން މަދުރަސީ ދައުރު ނިމެންދެން އެކުއްޖަކު ރައްކާތެރިކަމާއެކީގައި ބަލަހައްޓައި އެކުއްޖަކަށް ދޭންޖެހޭ ފަރުވާއާއި ޙިމާޔަތާ އެހީތެރިކަން ދިނުމަކީ އެއީ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް. މައިންބަފައިންނާ ބޮޑެތި މީހުންގެ މައްޗަށް. ޖަމާޢަތަށާއި ސަރުކާރަށް ލާޒިމުކަމެއް. އެކުދިންގެ ޙައްޤެއް. އެހެންވީމާ، އެކަން ފުރިހަމަ ކުރެވޭނީ އަޅުގަނޑުމެންވެސް އެކަމުގައި ވަރަށް މުހިންމު ބައެއް އަދާކޮށްގެން.

އަޅުގަނޑު ވަރަށް އުފާކުރަން ވަރަށް ގިނަ ފަރާތްތަކެއް މިޖަލްސާގައި ބައިވެރިވެ، އަދި ޢާންމުކޮށް ކުޑަކުދިންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވަމުންދާކަން. އަމިއްލަ ޖަމާޢަތްތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކުންވެސް. އެގޮތުން މިތާނގައި މިޖަލްސާއަށް ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު ވަޑައިގެން އިންނެވިކަން އެއީ، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ކަމެއް. އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލިސްގެ ބައެއް ޢިއްޒަތްތެރި މެންބަރުންނާއި އަދި ސަރުކާރުގެ އެހެން ދާއިރާތައް، ޚާއްޞަކޮށް އެކިއެކި ވުޒާރާތަކުގެ ތަޢްލީމާއި ޞިއްޙަތު، ޚާއްޞަ ގޮތެއްގައި މިނިސްޓަރުން ވަޑައިގެން އެބަތިއްބެވި. އިސްލާމިކް އެފެއާޒް ސްޓޭޓް މިނިސްޓަރު ވަޑައިގެން އެބަ އިންނެވި. އަދި އެޓަރނީ ޖެނެރަލް ވަޑައިގެން އެބަ އިންނެވި. ޕޮލިސް ކޮމިޝަނަރު ވަޑައިގެން އެބަ އިންނެވި. އެހެންވެ، މިބޭފުޅުން މިތަނަށް ވަޑައިގެން ތިއްބެވިކަން އެއީ، ދައުލަތުގެ ހުރިހާ މުއައްސަސާއަކުން މިކަމަށް ޚާއްޞަ އެހީތެރިކަމެއް ބަހައްޓަވާކަމުގެ ދަލީލެއް. އަދި ހިއުމަން ރައިޓްސް ކޮމިޝަނަރާއި އަދި ހިއުމަން ރައިޓްސް ކޮމިޝަން އެމްބެސެޑަރާއި އަދި ދެންވެސް ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް އެހީދެއްވާ، ޚާއްޞަ ގޮތެއްގައި އ.ދ.ގެ ބޭފުޅުން މިތަނަށް ވަޑައިގެން ދެއްވި ކަމަކީ އަޅުގަނޑުމެންނަށް ލިބޭ އިތުރު ހިތްވަރެއް.

އަޅުގަނޑުމެންގެ ހުރިހާ އެންމެންގެވެސް ޒިންމާއެއް ކުޑަކުދިން ޙިމާޔަތްކޮށް ކުޑަކުދިން ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ. އެކި މީހުންގެ މިއޮތީ އެކި މަސްއޫލިއްޔަތު. އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް މި މަސްއޫލިއްޔަތު އަދާކުރުމުގައި ވަރަށް ފަރުވާތެރިކަމާއެކީގައި މަސައްކަތް ކުރަން. ބައެއްފަހަރު އަޅުގަނޑުމެން އެންމެން ހެޔޮ ނިޔަތުގައި ކުރާ ކަމަކުންވެސް ނޭދެވޭ ނަތީޖާއެއް ހަމަ ނުކުތުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން މިހާރުވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބައޮވޭ. އެއީ، ކުޑަކުދިންނަކީވެސް ހަމަ ބޮޑެތި މީހުންނެކޭ އެއްފަދައިން ޤާނޫނުގެ ޙިމާޔަތް ލިބިފައިވާ ޤާނޫނީ ޙައްޤުތައް ލިބިފައިވާ ބައެއް. އެހެންވީމާ، ކުޑަކުއްޖެކޭ ކިޔާފައި އެކުއްޖާޔާ ދޭތެރޭގައި ތަފާތު ގޮތަކަށް ޢަމަލު ކުރުމަކީ އެއީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫން. އެގޮތުން ކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތައް ބަރާބަރަށް ލިބިދިނުން، ކުދިންގެ ޙައްޤުތައް ނިގުޅައި ގަންނައިރު އެކަމާ ދޭތެރޭގައިވެސް ވިސްނުން، އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އާދެ! އަޅުގަނޑުމެންގެ ތެރޭގައި ކުރީގައި އިވިވަޑައިގެންނެވި ފަދައިން ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ހިނގާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ލަދުވެތިވާންޖެހޭ ކަމެކޭ ކުޑަކުދިންނަށް ގޯނާކުރުމަކީ. ޚާއްޞަކޮށް ޖިންސީ ގޯނާ، ކުޑަކުދިންނަށް ކުރުން. މިއީ، ތަހުޒީބީ މުޖުތަމަޢުތަކުގައި މީހުން ކޮށްއުޅޭ ކަންތަކެއް ނޫން. އަޅުގަނޑުމެންނަށް މިކަން ދިވެހިރާއްޖޭގައި މިހާ ޢާންމުވެފައި މިއޮންނަ ސަބަބު އެނގޭ. އެއީ ކީއްވެކަންވެސް އެނގޭ. އޭގައި އެބަހުރި އެކިއެކި އިޖްތިމާޢީ ސަބަބުތައް. އެހެންނަމަވެސް، އެއްވެސް ޢުޒުރެއް މިކަމުގައި ދެއްކޭކަށްނެތް. އަޅުގަނޑުމެންގެ ގެދޮރުގެ ދަތިކަން ހުންނަގޮތުން ވާކަމެކޭ، ނޫނީވިއްޔާ އަޅުގަނޑުމެންގެ ޘަޤާފަތު އޮންނަ ގޮތުންނޭ، ނޫނީ އަޅުގަނޑުމެން ދީނީ ކަންތައްތަކާ ދޭތެރޭގައި ފަރުވާކުޑަ ކުރަނީއޭ، މިކަހަލަ އެއްވެސް ޢުޒުރެއް މިކަމުގައި ދައްކާނެތަނެއް ނެތް. މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް. އެއީ، ޤާނޫނީ ކުށެއް. އެއީ، ކުޑަކުދިންނަށް ލިބެންޖެހޭ ޙައްޤު ނިގުޅައިގަތުން. އެހެންވީމާ، އެފަދަ ކަމެއް ކުރާ މީހަކު ވިސްނަންޖެހޭ މިކަމަކީ މިއީ، އެހެން ރައްޔިތެއްގެ އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ރައްޔތުންގެ ތެރެއިން އެންމެ އެހީތެރިކަމަށް ބޭނުންވާ ކުޑަކުދިންނަށް އެކުދިންގެ ޙައްޤުތައް ނިގުޅައިގަތުމަށް ކުރެވޭ ކަމެއްކަން، ދެވޭ އަނިޔާއެއްކަން. އެހެންވީމާ، މިހާރު އަލަށް މިހެދުނު ޤާނޫނު، އެޤާނޫނުގައި ވަރަށް ހަރުކަށި އަދަބުތައް މިހާރު ކަނޑައެޅިފައި އެބަހުރި. އަޅުގަނޑު އުންމީދު ކުރަން، އޭގެ ސަބަބުން ކުޑަކުދިންނަށް އަނިޔާކޮށް ގޯނާކޮށް ހަދާ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށް. އަދި އެފަދަ ކުށްތައް ކުރާ މީހުންނަށް ޤާނޫނުގައިވާ ގޮތަށް ޢަމަލު ކުރެވެމުންދާނެ ކަމަށް. އާދެ! އެކަމަށްޓަކައި އެޤާނޫނު އެގޮތަށް އުފައްދަވައި ދެއްވިކަމަށްޓަކައި އަޅުގަނޑުމެން ޤާނޫނު ހަދާ މަޖިލިސްއަށް އަދި އެޓަރނީ ޖެނެރަލަށާއި އެކަމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން.

އެ ޤާނޫނުގެ ތެރޭގައި އޮންނަ އިނގިރޭސިބަހުން ދަންނަވަނީނަމަ ލޫޕްހޯލަކީ އޭގެ ބޭނުން ހިފައިގެން، އޭގެ ނާޖާއިޒު ފައިދާ ނަގަން ބަޔަކު މަސައްކަތް ކުރާކަމަށްވާނަމަ އެ އަދި ވާނީ އަޅުގަނޑު ދެކޭ ގޮތުގައި މާބޮޑު ކުށަކަށް. އެހެންވީމާ، މިދެންނެވި ކަންތަކަށް އިޝާރާތް ކުރައްވައި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް އެ ޤާނޫނުގެ 14ވަނަ މާއްދާއަށް ހަވާލާދެއްވި.

އާދެ! މިމުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުންނާއި އަދި ކޯލިޝަންގެ ފަރާތުން ޖަލްސާ ރާއްވަވައި އެކަން އިންތިޒާމު ކޮށްދެއްވި ކަމަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް އަދިވެސް އެއްފަހަރު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ އެދުމަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާ، އަޅުގަނޑުމެން އެންމެންނަށް އަޅުގަނޑުމެންގެ ޅަދަރިން ޙިމާޔަތްކޮށް އެކުދިން ފުރިހަމަ ޞިއްޙަތެއްގައި ރަނގަޅު ތަޢްލީމެއް ލިބިގެން ބޮޑު ކުރުމުގެ ޤާބިލުކަން ދެއްވުން. އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކީވެސް އެކިއެކި ގޯނާތަކުން ސަލާމަތްވެ، އަނިޔާތަކުން ސަލާމަތްވެ، ފުރިހަމަ ޞިއްޙަތެއްގައި ބޮޑުވާ ކުއްޖަކަށްވުން.

والسّــلام عليــكم ورحمـةلله وبركا تـه.