بســم اللّـه الرّحمـن الرّحيــم

السّــلام عليــكم!

އާދެ! މިހާރު މި ވޯޓުލަމުންދާ ދުނިޔޭގެ ޤުދްރަތީގޮތުން އެންމެ ރީތި 7 ޢަޖައިބު ހޮވުމަށްޓަކައި މިކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖެ ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެފައިވާކަން އެއީ، އަޅުގަނޑުމެން ވަރަށް ފަޚްރުވެރިވާންޖެހޭ ކަމެއް. ދެން އަޅުގަނޑަކަށް ހިއެއްނުވޭ، އެއްވެސް ބޭފުޅަކު ޝައްކު ކުރައްވާނެ ކަމަކަށް، ދިވެހިރާއްޖެއަކީ ހަމަ ދުނިޔޭގައި އޮތް ހަމަ އެންމެ ރީތި ތަންކަން. ދެން ކޮންމެހެން އަޅުގަނޑުމެން މިތާ އުޅޭތީކީ ނޫން. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މިދެއްވާފައިވާ ނިޢްމަތަކީ މިއީ. ދުނިޔޭގެ ހުރިހާ އެންމެން އެކަމަށްޓަކައި ޙަސަދަވެރިވާވަރުގެ ރީތި ޤުދްރަތީ ތަނެއްހެން. އެހެންވީމާ، އެކަމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު ޢަމަލީ ފިޔަވަޅެއް އަޅަމުން މިގެންދަނީ. އެއީ، ދުނިޔޭގެ ފެންވަރުގައި އެންމެ ރީތި ޤުދްރަތީ ތަންތަނުގެ ތެރެއިން 7 ތަނުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށްޓަކައި.

ދެން ޤުދްރަތީ ރީތިކަމުގެ ވާހަކަ ދިވެހިރާއްޖޭގައި ދައްކާއިރުގައި، އަޅުގަނޑަށް ހީވަނީ ރާއްޖޭގެ އެންމެރީތި ބައި މިއޮތީ ކަނޑުގެ އަޑީގައިހެން. އަޅުގަނޑުމެންވެސް، އަދި ރާއްޖޭގެ ގިނަމީހުންވެސް އެތަން ބަލައިލާން ނުގޮސް މިއުޅެނީ. އެހެންވީމާ، މިހާރު އަޅުގަނޑުމެން މިފަށާފައިވާ މަސައްކަތާ އެއްގޮތްވާ ގޮތުގެ މަތިން އަވަހަށް ހުރިހާ ބޭފުޅުންވެސް ކަނޑުގެ އަޑި ބައްލަވާލެއްވުމަށް މަސައްކަތް ކުރެއްވުން އެއީ، އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމު ކަމަކަށްވާނެހެން.

ދެން އާދެ! މިހާރު އަޅުގަނޑުމެން މި މުބާރާތުގައި ބައިވެރިވެގެން މަސައްކަތް ކުރުން މިއީ އަޅުގަނޑު ދެކޭގޮތުގައި މުޅި ރާއްޖެ ދެމިއޮތުމާ ގުޅިފައި އޮތް ކަމެއް މިކަމަކީ. މިއީ ހަމައެކަނި އަޅުގަނޑުމެން އެވޯޑެއް ހޯދަން، އިނާމެއް ހޯދުމަށްޓަކައި ކުރާ ކަމެއް ކަމުގައި ދެކެވަޑައިނުގެން، ސަރުކާރުގެ ހުރިހާ މުވައްޒަފުންނާއި އަދި އަމިއްލަ ފަރާތްތަކާއި، މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ، ހުރިހާ ބޭފުޅުންވެސް މި ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދުނިޔޭގެ މޫސުމަށް މިއަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް މިވަނީ ވަރަށްބޮޑު ނުރައްކަލަކާ ކުރިމަތިވެފައި. ރާއްޖޭގެ ރީތި ފަރުތަކާއި ފަޅުތައް އަދި ގޮނޑުދޮށްތައް ހަލާކުވެގެން މިދަނީ. އެހެންވީމާ، އެކަންކަން، އެތަންތަން ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އެހެންވީމާ، މި މުބާރާތުގައި ބައިވެރިވުމަކީ އެއީ ދުނިޔޭގެ ވަރަށްގިނަ ބައެއްގެ ވިސްނުން އަޅުގަނޑުމެންނާ ދޭތެރޭގައި، އަޅުގަނޑުމެންނަށް ސަމާލުކަން ލިބުމަށްޓަކައި ކުރެވޭ މަސައްކަތެއް.

މިއީ ހަމައެކަނި ރާއްޖޭގެ ތިންލައްކަ މީހުން އަދި މިއަށް ވޯޓު ދިނަކަސް މި ނުފުދޭނެ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެން ކޮންމެ މީހަކު ވޯޓު ދިނުމުގެ އިތުރުން އަދި އެހެން އެތައް ބައެއްގެ ވޯޓް ލިބޭތޯ މަސައްކަތް ކުރަން. އެހެންވީމާ، ރާއްޖެއިން އިރާދަކުރެއްވިއްޔާ، މި ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިންނަށްވެސް ހަމަ މިމެސެޖްދީގެން ވީހާވެސް ގިނަ ބަޔަކު މީގައި ވޯޓު ދިނުން އެއީ މުހިންމު ކަމެއް. ގާތްގަނޑަކަށް ބިލިއަނެއްހާ މީހުން މި ވޯޓުގައި ބައިވެރިވާނެ. އެހެންވީމާ، އެ ބިލިއަނުގެ ތެރެއިން އަޅުގަނޑުމެން އެބަޖެހޭ ގިނަ ވޯޓުތަކެއް ހޯދާން. އެހެންވީމާ، މި މެސެޖް، ރާއްޖޭގެ ސަވައިވަލްއާއި ރާއްޖޭގެ ދެމިއޮތުމާ ގުޅިފައި އޮތް ކަމެއްކަން މިކަމަކީ، ވީހާވެސް ގިނަ ބަޔަކަށް ވިސްނައިދިނުމުގެ ގޮތުން ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވުން އެދެން. ދެން މި ވޯޓުލުމުގެ ފުރްޞަތު އެބައޮތް، 2010 ވަނަ އަހަރުގެ ނިމުމާ ހަމައަށް. މީގެ ނަތީޖާ ފާޅުކުރާނީ، 2011 ވަނަ އަހަރު. އެހެންވީމާ، ފުދޭވަރެއްގެ ދިގު މުއްދަތެއް، ފުރްޞަތެއް އެބައޮތް، އަޅުގަނޑުމެންނަށް މިކަން އިޢްލާނުކޮށް، ގިނަބަޔަކަށް އަންގައިދީ، މިކަމުގެ ސަޕޯޓް ހޯދުމަށްޓަކައި މަސައްކަތް ކުރުމަށް. އެހެންވީމާ، ޚާއްޞަކޮށް، އާބާދީ ގިނަ ޤައުމުތަކުގައި، އިންޑިއާ، ޗައިނާފަދަ ތަންތަނުގައި އަޅުގަނޑުމެން އެބަޖެހޭ، ވަރަށް ބޮޑަށް މިމަސައްކަތް ހިންގަން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން މިގޮތުން މި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ހިންގާ އެކިއެކި ކަންކަމުގައި ވަރަށް ބޮޑަށް މި ޕްރޮޖެކްޓް އިޝްތިހާރު ކުރުން އެއީ މުހިންމު ކަމެކޭ.

ދެން އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު އެދެން. ހަމަ ހުރިހާ ބޭފުޅުންވެސް މިވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުން. އަދި ވޯޓުގައި ބައިވެރިވެވަޑައިގެންނެވުމާ އެކީގައި، ހަމަ އިތުރު ގިނަ ބަޔަކު ވޯޓުދޭތޯ ބޮޑު މަސައްކަތްތަކެއް ކޮށްދެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والسّــلام عليــكم.