އާދެ، ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި، މަންފާގެ ފަރާތުން މިޙަފްލާ ރާއްވަވައިގެން، މިކަން ކުރިޔަށްގެންދަވާ ކަމަށްޓަކައި މަންފާގެ ވެރިންނަށް އަދި މަންފާގެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ޝުކުރު ދަންނަވައި، މަރުޙަބާ ދަންނަވަން.

އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބަކީ، މިއަދުގެ މުނާސަބަތުގައި ދުވަސްވީ އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދެންނެވުން. އަދި ހަމައެއާއެކީގައި އަޅުގަނޑުމެން، އާދެ، އަޅުގަނޑު މިއަދު ހުރި މަގާމުގެގޮތުން، ސަރުކާރު ނިސްބަތްވާގޮތަށް، ތިޔަ ހުރިހާ ބޭފުޅުންގެ ކަންތައްތައް މުސްތަޤްބަލުގައި ބެލެހެއްޓުމުގައި ޚާއްޞަ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ވާހަކަ ދެންނެވުން. އާދެ، އެގޮތުން ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ވެރިކަމާ ޙަވާލުވުމާ ގުޅިގެން، އެންމެފުރަތަމަ ކުރި އެއްކަމަކީ، ޢުމުރުން 65 އަހަރުވީ ބޭފުޅުންނަށް ޢިނާޔަތެއް ދެއްވުން. އަދި ހަމައެއާއެކީގައި ބޭސްފަރުވާގެ ކަންތައްވެސް، 65 އަހަރުން މަތީގެ ބޭފުޅުންނަށް ވަރަށްކުޑަކުޑަ ޚަރަދަކުން ކުރެވޭގޮތަށް އިންތިޒާމު ކުރުން. އެހެންވިމާ، މިއީ ސަރުކާރުން ދުވަސްވީ މީހުންނާ ދޭތެރޭގައި ބަހައްޓާ އޯގާތެރިކަމުގެ ކުޑަކުޑަ ދަލީލެއް.
އާދެ، މިއަދު އަޅުގަނޑުމެން މި ދުވަސްވީ މީހުންގެ ދުވަސް މިފާހަގަކުރަނީ ދުނިޔޭގެ ފެންވަރުގައި ދުވަސްވީ މިހުންގެ އަހަރު ފާހަގަކުރިތާ 10 އަހަރުފަހުން. މި 10 އަހަރުގެ މުއްދަތުގެ ތެރޭގައި، ތަފާތު ކަންތައްތައް ރޭވި، ހިންގިފައި އެބަހުރި އާދެ، ދުނިޔޭގެ ފެންވަރުގައި. އޭގެތެރެއިން އެއްކަމަކީ، ދުވަސްވީ މީހުންގެ ކަންތައްތައް ރާވައި ހިންގުމުގައި އަސާސީ މިންގަނޑުތަކެއް ޤާއިމުކޮށް، ޢަމަލީ ޕްލޭންތަކެއް އުފެއްދުން. މިކަހަލަ ޕްލޭންތައް މިހާރު ވަރަށް ގިނަ ޤައުމުތަކުގައި އުފެދިފައި އެބަހުރި. ދިވެހިރާއްޖޭގައި އަދި ސަރުކާރުގެ ފަރާތުން އެފަދަ ޕްލޭނެއް ތައްޔާރުކޮށްފައި އޮތްކަމަކަށް އަޅުގަނޑަކަށް އެނގިފައެއްނެތް. އަޅުގަނޑު އުންމީދުކުރަން، ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެފަދަ ޕްލޭނަކާ ދިމާއަށް އަޅުގަނޑުމެންނަށް ދަތުރުކުރެވޭނެކަމަށް.

އާދެ، މިދެންނެވި އަސާސްތަކުގެ ތެރޭގައި ވަރަށް މުހިންމު ކަންތައްތަކެއް ހިމެނޭ. އޭގެ އެއްކަމަކީ، މިނިވަންކަމާއެކީގައި އުޅެވޭނެގޮތް އެންމެންނަށްވެސް ޤާއިމުވެފައިއޮތުން. އެއީ، މުޖްތަމަޢަކީ ހުރިހާ ޢުމުރެއްގެ މީހުންގެ މުޖްތަމަޢަކަށް ހެދުމަށްޓަކައި ކަނޑައެޅިފައިވާ އަސާސީ މިންގަނޑުތަކެއް. އާދެ، ދުވަސްވީ މީހުންނަށް ޚާއްޞަގޮތެއްގައި ލިބިދޭންޖެހޭ އެހީތައް އެބަހުރޭ، މި މިނިވަންކަމާއެކީގައި އުޅުމަށްޓަކައި. އެހެންވީމާ، އެފަދަ އެހީތައް އިންތިޒާމުކުރުމަކީ އެއީވެސް ދައުލަތުގެ ފަރާތުންނާއި އަދި ސިވިލް ސޮސައިޓީގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކެއް. ހަމައެހެން، ދޭންޖެހޭ ޚާއްޞަ ފަރުވާތެރިކަން، އެކަމަށްޓަކައި ކަންތައްތަކެއް ކަނޑައެޅިފައި އެބަ ހުންނަންޖެހޭ. މިހާރު އަޅުގަނޑުމެން އެކި ރަށްރަށަށް މި ދަތުރުކުރާއިރުގައި އެބަފެނޭ، ބައެއްރަށްރަށުން ގިނައިން ތިބެނީ ޒުވާނުންނާ މުސްކުޅިން. އެދޭތެރޭ މެދުގެ މީހުންއުޅެނީ ޢާންމުގޮތެއްގައި ރަށުންބޭރުގައި. އޭގެސަބަބުން، ރަށުގައި މިތިބޭ މީހުންނަށް ވަރަށްބޮޑު އުނިކަމެއް ލިބޭކަމަށް އަޅުގަނޑަށް ވިސްނޭ.

އަޅުގަނޑުގެ ރަޙްމަތްތެރިއަކާ އެއްރަށުން ދިމާވި. ދިމާވީމާ އޭނާބުނި، އަޅުގަނޑުގެ ކައިރީގައި ތިމަންނައަށް މިހިރީ އެއްވެސްތަނަކަށް ނުދެވިފައޭ. އެއީ ތިމަންނަގެ މުސްކުޅި މަންމައާ ބައްޕަ ބެލޭނެގޮތެއް ނެތޭ، ތިމަންނަ އެހެންތަނަކަށް ގޮސްފިއްޔާ. އެހެންވީމާ، މިޙާލަތުގައި ވަރަށް ގިނަ ރަށްރަށުގައި ދުވަސްވީ މީހުން އެބަތިބި. އަދި އޭގެސަބަބުން އެ މީސްމީހުންގެ ދަރިންނަށް މަސައްކަތް ކުރަންޖެހޭ ތަންތަނަށް ދިއުމަށާއި، އެހެން ކަންކަމުގައި ހުރަސް އެޅެމުންވެސް އެބަދޭ. އެހެންވީމާ، މިކަމަށްޓަކައިވެސް އެބަޖެހޭ އަޅުގަނޑުމެން ވިސްނައި ފިޔަވަޅުތަކެއް އަޅަން.

ދެން އާދެ، ދުވަސްވުމަކީ އެއީ ކަންކަމުން ބަރީޢަ ކުރުމެއްނޫން. ޤައުމު ހިންގުމުގައިވެސް އަދި އެކިއެކި ކަންކަން އިންތިޒާމު ކުރުމުގައިވެސް ދުވަސްވީމީހުންގެ ބައިވެރިވުން އޮތުމަކީ އެއީ މުހިންމުކަމެއް. އަޅުގަނޑު ދެކޭގޮތުގައި ދުވަސްވުމުން ނުކުންނަ އެންމެ އަގުހުރި ނަތީޖާއަކީ. ވިސްނުމަށް އަންނަ ބަދަލެއް. އަޅުގަނޑު ދެކޭގޮތުގައި އެވިސްނުން ބެލިދާނެ ތަފާތު ގޮތްގޮތަށް. ތޫނުފިލިވުމަކީ، ތޫނުވުމަކީވެސް އެއީ ވިސްނުމެއް. އަދި ކަންކަމާދޭތެރޭގައި ރާވައިގެން ވިސްނުންތެރިކަމާއެކީ ކަންތައް ކުރުމަކީވެސް އެއީ ވިސްނުމުގެ ސިފައެއް. އަދި އޭގެތެރޭގައި އެބަ ހިމެނޭ، ބުއްދި ކިޔާއެއްޗެއް. ވިސްނުންހުރި ކޮންމެމީހަކީ އެއީ ބުއްދި ހުރި މީހެއްނޫން. ވިސްނުންތޫނު ޒުވާނުން، ހަމަ ތޫނު އެއްޗެއްފަދައިން. ބުނާއެއްޗަކުން ކެނޑިގެންދާގޮތަށްވެސް އެއްޗެއް ބުނެވިދާނެ. އެހެންވީމާ، އަދި ތޫނުވުމަކީވެސް އެއީ ބުއްދިއެއްނޫން. އަދި ކަމެއް ރަނގަޅަށް ރާވައިގެން ހިންގާލުމަކީވެސް އެއީ ބުއްދިއެއް ނޫން. ބުއްދި މިބަސް މިއީ، އިންޑިއާއިން އައިސްފައި އޮތް ބަހެއް މިބަހަކީ ޙަޤީޤަތުގައިވެސް. ސަންސްކިރްތް ބަހެއް މިބަހަކީ. އޭގެ މާނައަކީ، ވަރަށް ފުޅާދާއިރާއެއްގައި ޙަޔާތުގެ ބޮޑު ތަޞައްވުރެއްގެ ތެރެއިން، ޙަޤީޤަތް ހޯދުމަށްޓަކައި މަސައްކަތްކުރުން. ބުއްދި އެއީ އަޅުގަނޑުމެން އާންމުގޮތެއްގައި ކިޔާއުޅޭއެއްޗެއް. ދެން އާންމުގޮތެއްގައި އަޅުގަނޑުމެން ދެކެނީ، ދުވަސްވީ މީހުންނަކީ ބުއްދިވެރިންކަމަށް. ނަމަވެސް، ކޮންމެމީހަކީ އަދި ބުއްދިވެރިއަކަށް ނުވެ ހިނގައިދާނެ.

އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އެކިކަންކަން ރާވައި ހިންގުމުގައި މުޖްތަމަޢުގައި ކުރާކަންކަމުގައި ދުވަސްވީ ބުއްދިވެރިން ބައިވެރިކުރުމަކީ އެއީ، ކޮންމެހެން ބޭނުންތެރިކަމެއް. އަދި ހަމަ އެހެން، ދުވަސްވީ މީހުންނާ ދެތެރޭގައި ކަންކަން ރާވައި ހިންގުމުގައި ވިސްނަންޖެހޭ އަނެއްކަމަކީ، އެމީހުންނަށް ކުރިޔަށްދެވޭނެ މަގު އޮތުން. ވަކިއުމުރަކަށް މީހާދިއުމުން، އެމީހާގެ ކުރިއެރުން ހުއްޓޭކަށް ނުޖެހޭ. އުމުރުން 50އަހަރުވުމުން ނޫނީ 65 އަހަރުވުމުން ދެން އެމީހާއަށް ހުންނަ ފުރްޞަތުތައް ބަންދުވެ، އެމީހާއަކީ އެއީ ގޭގައި އިންނަ މީހަކަށް ވާކަށް ނުޖެހޭ. މުޖްތަމަޢުގައި ތަފާތުކަންކަން ރޭވި، އެމީހުންނަށް ޚިދްމަތްކުރެވޭނެ، މުޖްތަމަޢުގެ ކަންކަމުގައި އެމީހުންނަށް މަސްއޫލުވެގެން އުޅެވޭނެގޮތްގޮތް އަޅުގަނޑުމެން އެބަ ރާވަންޖެހޭ. އަދި ހަމައެހެން، އެމީހުންގެ ޢިއްޒަތް ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި. ދުވަސްވެފައި ތިބޭމީހުންގެ ޢިއްޒަތް ހިފެހެއްޓުމަށްޓަކައި އެމީހުންނަށް ދޭންޖެހޭ ޚިދްމަތްތައް ދައުލަތުގެ ފަރާތުންނާ އެހެނިހެން ޖަމްޢިއްޔާތަކުގެ ފަރާތުން ރާވައި ހިންގުމަކީ އެއީ މުހިންމުކަމެއް. އަޅުގަނޑުމެންގެ ޤައުމަށް ނުލާހިކު ބޮޑެތި ޚިދްމަތްކޮށްދެއްވާފައި ތިއްބެވި ބޭފުޅުން ބައެއްފަހަރު ވަރަށްދެރަ ޙާލުގައި އުޅުއްވާތަން ފެނުމަކީ އެއީ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެކަމަށްޓަކައި ލަދުވެތިވާން ޖެހޭނެ ކަމެއްހެން.

އެހެންވީމާ، މިދެންނެވީ ދުވަސްވީ ބޭފުޅުންގެ ޢިއްޒަތް ދެމެހެއްޓުމަށްޓަކައިވެސް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކެއް އެބައޮވޭ. އާދެ، ދެންމެ ވަރަށްދިގުކޮށް ޢަބްދުލްމަޖީދު ވާހަކަފުޅު ދައްކަވައިފި. އެދެއްކެވި އަގުހުރި ވާހަކަފުޅަށްޓަކައި އެބޭފުޅާއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އެ ފެނިވަޑައިގަތީ، ބުއްދިވެރިއެއްގެ ވާހަކަފުޅުގައި ހުރި މުއްސަނދިކަން. އެހެންވީމާ، އަޅުގަނޑު ކުރިން ދެންނެވި އެއްޗެއްގެ ދަލީލެއް އެއީ.

އާދެ، މިހާރު ބޭސްފަރުވާކުރުމުގެ ރޮނގުން ވަރަށް ބޮޑެތި ތަރައްޤީ އަންނަމުން އެބަދޭ. އެހެންވީމާ އޭގެ ސަބަބުން ޢުމުރަށްވުރެ ބޮޑަށް އެމީހާގެ ޞިއްޙީ ޙާލަތަށް އަޅުގަނޑުމެން ވިސްނަންވީ. މިދިޔަ ޤަރުނުގެ ފަހުކޮޅުގައި އެވްރެޖްގޮތެއްގައި ދުނިޔޭގެ ޢުމުރުން، ދުނިޔޭގައި 25 އަހަރު އިތުރުވެގެން ހިނގައްޖެ. ކުރިޔަށްއޮތް ތާނގައި އަދި ޢުމުރު މާބޮޑަށް ދިގުވެގެންދާނެ. އެއީ ޞިއްޙީ ފަރުވާއަށް އަންނަ ވަރަށްބޮޑެތި ތަރައްޤީތަކަކާ ގުޅިގެން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މީގެ 25 ހަކަށް އަހަރުގެފަހުން ލިބެން ހުންނާނެ ޞިއްޙީ ފަރުވާގެ ސަބަބުން ޢުމުރު ވަރަށްބޮޑަށް ދެމިގެންދާނެ. އެއީ މިހާރު ޖެނެޓިކްސްގެ ރޮނގުން އަލަށް ހޯދޭ ހޯދުންތަކާ މިބާވަތުގެ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިއަޑުއިވެނީ، ﷲ އިރާދަކުރެއްވިއްޔާ މީގެ ވިއްސަކަށް ފަންސަވީސް އަހަރުގެ ފަހުން ވަރަށްބޮޑު ކުރިއެރުމެއް އަންނާނެކަމަށް.

އެހެންވީމާ، އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ މި ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެން ދުވަސްވީ މީހުންނާ ދޭތެރޭގައި ދެވޭ ޚިދްމަތްތަކާ، ކަންކަންކުރަން ރޭވިފައިވާ ގޮތުގެ ސިސްޓަމްތައް ރަނގަނޅުކޮށް، އެކަންކަން ވަރުގަދަކުރެވޭތޯ މަސައްކަތްކުރުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން ޢަޒުމު ކަނޑައަޅައިގެން، މަންފާފަދަ ޖަމްޢިއްޔާތަކުގެ އެހީއާއެކީގައި ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދުވަސްވީ މީހުންނަށްދޭ ޚިދްމަތްތައް ފުރިހަމަކުރެވޭތޯ މަސައްކަތްކުރަމުން ގެންދާނަން. އަދި ހަމައެއާއެކީގައި އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަން، މިފަދަ ޕްރޮގްރާމްތަކަށް އެހީވެވަޑައިގެންދެއްވާ އެކިއެކި ބޭބޭފުޅުން، އެ ފޮތިގަނޑުން އެބަފެނޭ، ވަރަށްގިނަ ލޯގޯތަކާ، ނަންތައް އަޅުގަނޑަށް ވިސްނޭގޮތުގައި އެއީ، މިކަމުގައި އެހީތެރިވެދެއްވާ އެކިއެކި ފަރާތް. އަދި އޭގެ އިތުރުން، މިތާނގައިވެސް އެބަތިއްބެވި މިކަމުގައި ވަރަށްގިނަދުވަސްވަންދެން އެކިގޮތްގޮތުން އެހީވެވަޑައިގެންދެއްވާ ބޭފުޅުން. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އަދިވެސް އެއްފަހަރު މިއަދުގެ މުނާސަބަތުގައި ދުވަސްވީ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށްވެސް އުފަލާއެކީގައި މަރްޙަބާ ދަންނަވަން.

والسّــلام عليــكم ورحمـةللـه.
________________