بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين. وَالصّـلاة وَالسّلام علـى سيدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

السّـلام عليـكم

ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުންތަކާއި ހެޔޮ ދުޢާ، ދިވެހިރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް ދަންނަވަން. އަދި ހަމައެއާއެކު، ފިޠުރު ޢީދުގެ ތަހުނިޔާ، ތިޔަ އެންމެހާ ބޭފުޅުންނަށް އަރިސް ކުރަން.

އާދެ! މިއަދަކީ 15 ސެޕްޓެމްބަރ ދުވަހަކީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް. މިފަދަ ދުވަހެއް ދިވެހިރާއްޖޭގައި މި ފާހަގަކުރެވެނީ، އަދި ދުނިޔޭގެ ފެންވަރުގައި މި ފާހަގަކުރެވެނީ ދެވަނަ އަހަރު. އާދެ! އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ރައްޔިތުންގެ ވެރިކަމެއް ޤާއިމު ކުރުމަށް، ޑިމޮކްރަސީގެ ވެރިކަމެއް ޤާއިމު ކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި ހުރިހާ ފަރާތްތަކަކަށް މަރްޙަބާ ދެންނެވުމާއެކު ޝުކުރު ދެންނެވުން. މި ޝުކުރުގައި އެންމެ ފުރަތަމަ އަޅުގަނޑު ޝާމިލް ކުރަނީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން. ދިވެހިރާއްޖެއަށް ގެނެވުނު ޑިމޮކްރަސީ ގެނެވިފައި މިވަނީ، ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު އެކަމަށް އެދި ވަރަށްބޮޑު ޤުރްބާނީތަކެއްވެގެން. އަދި ހަމައެއާއެކު، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި މަސައްކަތް ކުރި އެހެން ފަރާތްތައް ހިމެނޭ. އޭގެތެރޭގައި، ޚާއްޞަ ގޮތެއްގައި ދިވެހިރާއްޖޭގެ މިހާރު އުފެދިފައިވާ އެކިއެކި ސިޔާސީ ޕާޓީތައް ހިމެނޭ. އަދި ހަމައެއާއެކު، އެކިއެކި އަމިއްލަ ޖަމާޢަތްތަކާއި އަދި ޚާއްޞަ ގޮތެއްގައި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގެ ރައީސްވެސް ޝާމިލް ކުރަން.

އާދެ! ދުނިޔެ ގަބޫލުކުރާ ފެންވަރެއްގައި ޑިމޮކްރެޓިކް ވެރިކަމެއް ރާއްޖޭގައި ޤާއިމު ކުރެވުނުތާ އަދި މާގިނަ ދުވަސްތަކެއްނުވޭ. ވީމާ، އެބަދަލުތައް ގެނައުމަށްޓަކައި ދިވެހިން ކުރި މަސައްކަތާއި، ވީ ޤުރްބާނީ ހަނދާން ނެތޭހާ ދުވަސްތަކެއް އަދި ނުވޭ. އާދެ! އެގޮތުން، އެމަސައްކަތް ކުރެއްވި ފަރާތްތަކުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި މިއަދު އަޅުގަނޑު ފާހަގަކުރަން، އެކިއެކި ސިޔާސީ ޕާޓީތައް. ކޮންމެއަކަސް ޑިމޮކްރަސީ ވަރުގަދަކޮށް ހަރުދަނާ ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ވާޖިބެއް. އެކަން ކުރެވޭނީ، ސިޔާސީ ޕާޓީތައް ވަރުގަދަވެ ހަރުދަނާވެގެން. އެގޮތުން، މިއަދު ސިޔާސީ ޕާޓީތަކާ ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކާމެދު ވިސްނާލުމަކީ ނެތް ކަމެއް ނޫން.

އާދެ! އެންމެ ފުރަތަމަ ސިޔާސީ ޕާޓީތަކުގެ ސިޔާސީ ފަލްސަފާ ސާފުވުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. މިއަދު އަޅުގަނޑުމެން ގިނަ ޕާޓީތަކުން މިފެންނަނީ، އެ ޕާޓީތައް ހިންގަވަން ތިއްބަވާ ބޭފުޅުންގެ ވަށައިގެން ޕާޓީ އުފެދި، ޕާޓީތައް ކުރިއަރަމުންދާތަން. ޕާޓީ، ކުރިއަށް އޮތް ތާނގައި ތަރައްޤީ ކުރެވޭނީ، ޕާޓީގެ ސިޔާސީ ފަލްސަފާ ކަނޑައެޅި، އެ ފަލްސަފާ ސާފުކޮށް ހުރިހާ އެންމެންނަށް އެނގި އަދި ތަފާތު ޕާޓީތަކުގެ ފަލްސަފާތަކާމެދު ބަޙުޘް ކުރެވި ޚިޔާލު ކުރެވިގެން. ހަމައެއާއެކު، ޕާޓީތަކުގެ އެތެރޭގެ ހިންގުން ޑިމޮކްރެޓިކްވެގެން. ހުރިހާ ޕާޓީތަކެއްގައިވެސް ޑިމޮކްރެޓިކް އުޞޫލުތަކެއް ޤާއިމުކުރެވި، އެ މެންބަރުންގެ ޚިޔާލާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީތައް ޑިމޮކްރެޓިކްކޮށް ހިންގިގެން.

އާދެ! މި އެތެރެވަރީގެ ބައެއް ޤައުމުތަކުން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، ސިޔާސީ ބައެއް ޕާޓީތަކަކީ އެއީ ޚާންދާނީ ޕާޓީތަކަށް ވެގެން ގޮސްފައި ހުންނަތަން. އެހެން ނަމަވެސް، އޭގެ ނަތީޖާ މާ ރަނގަޅެކޭ ނުދެންނެވޭނެ. ވީމާ، ދިވެހިރާއްޖޭގައި އެފަދަ ގޮތަކަށް ޕާޓީތައް ތަރައްޤީވެގެން ނުދިއުމަކީ އެއީ ރައްޔިތުންގެ ލާބައަށްޓަކައި މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ! އެގޮތުން، ޕާޓީގެ މެންބަރުންގެ ޙިއްޞާ ބޮޑުކުރުމަކީ ވަރަށް މުހިންމު ކަމެއް. އެ ޙިއްޞާ ބޮޑުވާނީ، މެންބަރުންނަށް ޕާޓީގެ ސިޔާސަތު، ޕާޓީގެ ފަލްސަފާ ރަނގަޅަށް އެނގިގެން. އާދެ! ސިޔާސީ ޕާޓީތައް ކުރިއެރުވުމުގައި، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން މިއަދު ވިސްނަން ޖެހިފައިވާ ކަމެއް، ޕާޓީތަކުގެ މެދުގައި އެކުވެރިކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރެވޭނެ ގޮތަކަށް މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުން.

އާދެ! ސިޔާސީ ޕާޓީތައް ހަރުދަނާވެ ތަރައްޤީ ނުވެއެއް ޑިމޮކްރަސީ ވަރުގަދައެއް ނުކުރެވޭނެ. އަދި ހަމައެއާއެކު، ޑިމޮކްރަސީ ޤާއިމުކޮށް ފުންކުރުމަށްޓަކައި އެންމެ މުހިންމު އެއް މުއައްސަސާއަކީ ނޫސްވެރިކަން. މިނިވަން ނޫސްވެރިކަމެއްގެ މުހިންމު ކަމުގެ ވާހަކަ ތަކުރާރުކޮށް ދެއްކި ނަމަވެސް، އެކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ފުދޭވަރަކަށް އިޙްސާސެއް ނުކުރެވޭނެ. އެކަން ގުޅިފައި މިއޮތީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ. އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރެޓިކް ވެރިކަމެއް ގެނައުމަށްޓަކައި ނޫސްވެރިންގެ ޙިއްޞާ ވަރަށްބޮޑު. ނޫސްވެރިން ކުރި މަސައްކަތް ވަރަށްބޮޑު. އަޅުގަނޑުގެ އެދުމަކީ، ވީހާވެސް ބޮޑަކަށް ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އަދި އިޖްތިމާޢީ މައްސަލަތަކާމެދު ނޫސްވެރިން ޚިޔާލު ފާޅުކުރައްވަމުން ގެންދެވުން. މިގޮތަށް މިނިވަންކަމާއެކު ގެންދެވޭނީ، ނޫސްވެރިކަމަކީ މާލީގޮތުން މިނިވަން އެއްޗަކަށްވެގެން. ޝައްކެއްނެތް. މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ. ވަކި ޕާޓީއަކަށް ނިސްބަތްވާ ނުވަތަ ވަކި ސިޔާސަތަކަށް ތާއީދުކުރާ ނޫސްތައްވެސް ހުންނާނެކަން. އެހެންނަމަވެސް، ރައްޔިތުންނާ ހަމައަށް ވަކިފަރާތަކަށް ނުޖެހި ޚިޔާލުތައް ގެނެސްދިނުމަށްޓަކައި، ނޫސްވެރިންގެ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާ ވަރަށްވެސް ބޮޑު.

އާދެ! ދިވެހިރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކޮށް ހިންގުމަށްޓަކައި، ޑިމޮކްރެޓިކް ޙައްޤުތައް ޤާނޫނުއަސާސީއިން އަޅުގަނޑުމެންނަށް ލިބިފައިވާއިރު، އެ ޙައްޤުތައް އަޅުގަނޑުމެންނަށް ދެމެހެއްޓޭނީ، ޤާނޫނީ ހަމަ ޤާއިމު ކުރުމުގައި ޢަދުލު އިންޞާފުގެ މުއައްސަސާތައްވެސް މިނިވަންކަމާއެކު ވަކިފަރާތަކަށް ނުޖެހި ރަނގަޅަށް ހިންގިގެން. އަދި ހަމަ އެހެން، ޑިމޮކްރަސީ ފުންކުރުމުގައި އަމިއްލަ ޖަމާޢަތްތަކުގެ ދައުރުވެސް ކުޑައެއް ނޫން. ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުން އެއީ މުހިންމު ކަމެއް. ޑިމޮކްރަސީގެ ހޭލުންތެރިކަން އިތުރުކޮށް، ޑިމޮކްރަސީގެ އުޞޫލުތައް ރައްޔިތުންގެ މެދުގައި އަށަގެންނެވުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ، ޚާއްޞަ ގޮތެއްގައި ނޫސްވެރިންނާއި އަމިއްލަ ޖަމާޢަތްތަކަށްވެސް ވަރަށްބޮޑު ޚިދްމަތެއް ކުރެވިދާނެ ދާއިރާއެއް. އަދި ހަމައެހެން، ސަރުކާރު ހިންގާ ފަރާތްތައް ޒިންމާ ކުރުވައި، އެތެރެ އެނގޭގޮތަށް، ދެފުށް އެނގޭގޮތަށް ކަންކަން ކުރުމަށް ބާރުއެޅުމަކީ އެއީ އަމިއްލަ ޖަމާޢަތްތަކުގެ ފަރާތުން ކުރެވިދާނެ ވަރަށްބޮޑު މަސައްކަތެއް.

އާދެ! ޝައްކެއްނެތް. ޑިމޮކްރަސީ ވަރުގަދަކޮށް ހަރުދަނާ ކުރުމުގައި، އެންމެ މުހިންމު ބައެއް އަދާކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. އާދެ! ހެޔޮވެރިކަމެއް ޤާއިމު ކުރުމަށްޓަކައި ޤާނޫނުއަސާސީއާ އެއްގޮތަށް ގާނޫނުތައް އިޞްލާޙު ކުރުމުގެ މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. އެގޮތުން ކުރަން ޖެހިފައިވާ ކަންތައްތައް ވަރަށްގިނަ. ޤައުމީ މައްސަލަތަކުގައި، ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޕާޓީތަކުގެ ހަނި ބޭނުންތަކަށް ނުބަލައި، ޤާނޫނުތައް ނިންމަވަމުން ގެންދެވުން އެއީ، މިވަގުތު މިޤައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. މިގޮތުން ކުރައްވާ މަސައްކަތަށް ތަޢުރީފާއި ޝުކުރު ދަންނަވަން.

އާދެ! އާ ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ އާ ރައްޔިތުންގެ މަޖިލީހުގައި ވަރަށްގިނަ ޢަދަދެއްގެ އާ މެންބަރުން އެބަތިއްބެވި. އެހެންވީމާ، އެ މެންބަރުންގެ ތަޖުރިބާއާއި ތަމްރީނު އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންވަނީ ޖެހިފައި. އެގޮތުން، އެހެން ޤައުމުތަކުގެ މަޖިލިސްތަކުގެ މެންބަރުންނާ މުޢާމަލާތު ކުރުމުގެ ފުރްޞަތު ހުޅުވާލުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ދާދިފަހުން ކްއީންސްލަންޑަށް ކުރި ދަތުރުގައި، ކްއީންސްލަންޑްގެ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނާ ވާހަކަ ދެއްކިން މިކަމާ ބެހޭގޮތުން. އަޅުގަނޑު އުންމީދު ކުރަން، އެ ފުރްޞަތުތައް އޮސްޓްރޭލިއާއިން ހުޅުވިގެންދާނެ ކަމަށް.

އާދެ! ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވާނެ. އަޅުގަނޑުމެންގެ މި ޑިމޮކްރަސީއަކީ ވަރަށް ޅަ ޑިމޮކްރަސީއެއް. އަޅުގަނޑުމެން މިއުޅެނީ، މި އާ ވެރިކަމުގެ ވަރަށް ކުރީގެ މަރްޙަލާއެއްގައި. އަޅުގަނޑުމެން މިބަދަލު ގެނައީ، ވަރަށްބޮޑު އުންމީދުތަކަކާ އެކީގައި. ވީމާ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޒުވާނުންނާއި، އަޅުގަނޑުމެންގެ ދުވަސްވީ މީހުން ކުރި އުންމީދުތަކާއި މަސައްކަތްތައް ބޭކާރުވިޔަނުދީ، ޑިމޮކްރަސީގެ މޫ ވަރުގަދަކޮށް ފުން ކުރުމަށް މަސައްކަތްތަކެއް މިއަދު ކުރަން ޖެހިފައިވޭ. އާދެ! އަޅުގަނޑުމެންގެ ޒުވާނުން އެދެނީ، އެމީހުން އޮހޮރި ދަލާއި ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ފޮނިގޮތަކަށް ލިބުން. އެމީހުންނަށް މަތީ ތަޢްލީމު ހާޞިލު ކުރެވޭނެ ގޮތެއް ހަމަޖެހުން. ލިބޭ ތަޢްލީމާ އެކަށޭނަ ވަޒީފާތަކާއި މުސާރަތައް ލިބުން. އަދި ހަމަޖެހޭ ދިރިއުޅުމެއް ފެނި، ޢާއިލީ ޙަޔާތެއް ފެށުން. އަދި ހަމައެހެން އަޅުގަނޑުމެންގެ ދުވަސްވީ މީހުން ބޭނުންވަނީ، އެމީހުންގެ ޞިއްޙަތު ސަލާމަތުން ތިބެ، ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެގޮތެއްވުން. އެމީހުން އެތަކެއް އަހަރު ވަންދެން ކުރަމުން އައި އުންމީދު ޙަޤީޤަތަކަށްވީހިނދު، ފަހަތަށްނުގޮސް ހަރުދަނާކަމާއެކު ކުރިއަށްދިއުން. އާދެ! ކުރުކޮށް ދަންނަވަނީނަމަ، ޑިމޮކްރެޓިކް ވެރިކަމެއް ގެނައުމަށް ގިނަބަޔަކު މަސައްކަތްކުރީ އުންމީދުތަކަކާ އެކީގައި. އެ އުންމީދުތަކުގެ ތެރެއިން ވަރަށް މުހިންމު ބައެއް މިއަދު މިވަނީ ޙަޤީޤަތަކަށްވެފައި.

އާދެ! ޑިމޮކްރަސީގެ މޭވާގެ ތެރެއިން އެއްކަމަކީ، އަޅުގަނޑު ދެކޭގޮތުގައި ބިރެއްނެތި ޚިޔާލުފާޅުކޮށް، ސިޔާސީ ކަންކަމުގައި ބައިވެރިވުން. އެކަން މިއަދު މިއޮތީ ފުރިހަމަވެފައި. ނަމަވެސް، މީގެއިތުރުން ފުރިހަމަކުރަންޖެހޭ ކިތަންމެ ކަންތަކެއް އެބަހުރި. އޭގެތެރޭގައި، ދިވެހިރާއްޖެއިން ފަޤީރުކަން ނައްތާލުމަކީ އެއީ ކުރަން ޖެހިފައިވާ ކަމެއް. ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، އެހުރިހާ އުންމީދުތަކެއްވެސް ޙަޤީޤަތަކަށް ހަދައިދިނުމަށް. ﷲގެ ވާގިފުޅާއެކުގައި އެކަންކަން އަޅުގަނޑުމެން ކުރާނަން.

އަޅުގަނޑުމެން ދިވެހިރާއްޖޭގެ ވެރިކަމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޑިމޮކްރަސީ ތަޢާރުފުކުރީ، ވެރިކަން ކުރާ މީހުންގެ ހަމައެކަނި މޫނުތައް ބަދަލުކޮށްލާކަށް ނޫން. އަޅުގަނޑުމެން މިބަދަލުތައް ގެނައީ، ރައްޔިތުންގެ ވެރިކަމެއް އުފައްދައި، ރައްޔިތުންގެ ހުރިހާ އެންމެންނަށް ފައިދާވާނެ ގޮތަކަށް ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ރާވައިގެން ހިންގުމަށް. ވީމާ، މިއަދު ރައްޔިތުންގެ މެދުގައި ބޮޑެތި ތަފާތުތައް އުފައްދާފަދަ ނިޒާމަކަށް ދެން އެނބުރިދާކަށް އަޅުގަނޑުމެން ނޭދޭނަން. އަދި ވެރިކަމުގެ ދާއިރާގައި އެއީ އޮފީހެއް ކަމުގައިވިނަމަވެސް، ކުންފުންޏެއް ކަމުގައިވިނަމަވެސް، ޚުދު މުޚްތާރު ގޮތްގޮތަށް ތަންތަން ހިންގުން އެއީ، އަޅުގަނޑުމެން ގަބޫލުކުރާނެ ގޮތެއް ނޫން. އަދި ހަމައެހެން، ރައްޔިތުން ވެރިކަމުގެ ދާއިރާއިން އެކަހެރި ކުރެވިފައިވާ ގޮތަކަށް އެއްވެސް ރަށެއްގައިވެސް، އެއްވެސް ޖަމްޢިއްޔާއެއްގައިވެސް އަދި ސަރުކާރުގައިވެސް ވެރިކަމެއް ދެން ނުކުރެވޭނެ.

އާދެ! މިއަދުގެ އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންނަށް ﷲ މި މިންވަރު ކުރެއްވި ނިޢުމަތް ހެޔޮގޮތުގައި ބޭނުންކުރުން. ޑިމޮކްރަސީގެ އުޞޫލުތަކަށް ތަބާވެގެން، ޤައުމުގެ ހެވާއި ލާބަ ކުރިއަށް ނެރެގެން، ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރެއްވުން. ޑިމޮކްރަސީއަކީ ކުޅިބަލާ މީހުންގެ ކުޅިވަރެއް ނޫން. އާދެ! ސްޕެކްޓޭޓަރ ސްޕޯޓްސްއެއް ނޫން. ޑިމޮކްރަސީއަކީ ދިގު މުއްދަތެއްގައި ކެތްތެރިކަމާއެކު ހިނގަންޖެހޭ މަގެއް. މި ރާސްތާގައި އަޅުގަނޑުމެންނާއެކު ދަތުރުކުރާ ހުރިހާ ދަތުރުވެރިންނަކީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން. ވީމާ، އެންމެންގެ ހެވާއި ލާބައަށްޓަކައި އިޙްތިރާމާއެކު އެކުވެރިކަން އޮތުމަކީ މުހިންމު ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމުގައި ޑިމޮކްރަސީގެ ފުރިހަމަ އުޞޫލުތައް އަށަގަންނަވައި، ދިވެހިންގެ މެދުގައި އުޚުއްވަތްތެރިކަމާއި އެކުވެރިކަން ބަދަހިކުރެއްވުން. އަދިވެސް އެއްފަހަރު ތިޔަ އެންމެހާ ބޭފުޅުންނަށް ފިޠުރު ޢީދުގެ ތަހުނިޔާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.

______________________