ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޙުސައިން ޢަފީފަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. އެމަނިކުފާނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެންމެ އިސް އެއް މޭސްތިރިވެސް މެއެވެ. ޙުސައިން ޢަފީފު ޤައުމީ ޚިދުމަތަށް އިސްކަންދެއްވުމުގައި މިހާތަނާ ޖެހެންދެންވެސް ދެމިހުންނެވިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އެ މަނިކުފާނު، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ކޮށްދެއްވި ދެމެހެއްޓެނިވި މަސައްކަތްޕުޅުތަކެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމަށްޓަކައި މަސައްކަތް ފެށްޓެވިއިރު، ރިޒޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއަރ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނޭޖްމަންޓުގެ ދާއިރާގައިވެސް ޢަފީފް މަސައްކަތް ކުރެއްވުން ހާމަކޮށްދެނީ، ދިވެހިރާއްޖޭގައި ހޮސްޕިޓޭލިޓީގެ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓެވުމަށް ޢަފީފް ދެއްވި އިސްކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ތަޢާރުފު ކުރެވިގެންދިޔަ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން، 2014 ވަނަ އަހަރު ފަހުކޮޅު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު، މާލެއަތޮޅު ގަސްފިނޮޅުގައި ތަރައްޤީ ކުރައްވައި ޚިދުމަތް ދެއްވަން ފެށްޓެވުމާއެކު، އެ ބަދަލުވެގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް ޢަފީފް ގެނެސްދެއްވި އިންޤިލާބީ އަދި އުންމީދީ ބަދަލެއްގެ ގޮތުގައެވެ. ޔޫރަޕާއި ބައިނަލްއަގުވާމީ ތަފާތު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމުގައި ޙުސައިން ޢަފީފު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވެއެވެ. ޙުސައިން ޢަފީފަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި، އެ އެސޯސިއޭޝަންގެ ފައުންޑިންގ މެންބަރެކެވެ. އެ މަނިކުފާނުވަނީ މަޓީގެ ވައިސް ޗެއަރމަން ކަމާއި، ޗެއަރމަންގެ މަގާމުފަދަ އެ އެސޯސިއޭޝަންގެ އިސް މަގާމުތައް ފުރުއްވައިފައެވެ. މިހާރުވެސް މަޓީގެ ޗެއަރމަންގެ މަގާމުގައި ޙުސައިން ޢަފީފު ހުންނަވައިގެން، ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.

ފަތުރުވެރިކަމުގެ އިތުރުން، ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގގެ ދާއިރާއިންނާއި، ޞިއްޙީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓަރޕްރިނިއޯ އެއްގެ ހައިސިއްޔަތުން ޙުސައިން ޢަފީފް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި އެ މަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރެވި ޚިދުމަތް ދޭން ފެށުމަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދިޔަ ކަމެކެވެ. 210 އެނދުގެ ޓާޝަރީ ލެވެލްގެ މި ހޮސްޕިޓަލު އިފުތިތާޙުކުރުމާއި ގުޅިގެން، މީގެ ކުރީގައި ރާއްޖެއިން ނުލިބޭފަދަ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެން ފެށިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ފަރޓިލިޓީ ކްލިނިކް ތަޢާރުފުކުރި ހޮސްޕިޓަލްވެސް މެއެވެ.

ޙުސައިން ޢަފީފުގެ ލޮބުވެތި ބައްޕަ ޢަލިފުޅު ތުއްތުގެ ނަމަށް ނިސްބަތްކުރައްވައި "ޢަލިފުޅު ތުއްތު ފައުންޑޭޝަން (އޭ. އެފް. ޓީ އެފް) ގެ ދަށުން ޢަފީފުވަނީ ވަރަށް ގިނަ އަދަދެއްގެ ސީ.އެސް.އާރު. އަދި މުޖުތަމަޢަށް ފައިދާކުރަނިވި މަޝްރޫޢުތަކެއް ރާއްވަވައި ކުރިއަށް ގެންދަވައިފައެވެ. މި ފައުންޑޭޝަންގެ އެހީގައި މިއަދާ ހަމައަށް ތަޢުލީމު ހާސިލުކުރި ވަރަށް ގިނަ އަދަދެއްގެ ކުދިން، މިއަދު ރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުން އެބަ ގެންދެއެވެ. މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު، ޢަފީފުގެ އިސްނެންގެވުމުގެ މަތިން ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގެ ސަބަބުން، ދިވެހި ވިޔަފާރިތަކަށް މާލީގޮތުން ކުރިއެރުން ލިބުމުގެ މަގު ފަހިވެގެންދިޔައެވެ. ޢަފީފަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޗެއަރމަންވެސް މެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފް ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢަފީފަށް ލިބިވަޑައިގަތީ 1989 ވަނަ އަހަރުއެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. 16 ސެޕްޓެމްބަރ 2010 ގައި ޙުސައިން ޢަފީފަށް ވަނީ "ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ"ގެ ލަޤަބުވެސް ސަރުކާރުން އަރުވައިފައެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވީ 26 ޖުލައި 2013 ގައެވެ.