بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى سـيّدنا محمّد وعلى آلـه وصحبه أجمعـين.

ޖައިކާ ރެޕްރެޒެންޓެޓިވް މިސްޓަރ އަކިއަ ޝިމްވާ، މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯރޓް އެނޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް، ސްޓޭޓް މިނިސްޓަރ މުޙަންމަދު ޙުނައިފް، ރައްޔިތުންގެ މަޖިލިސްގެ މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލި ރިޒާ، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން،

السّـلام عليـكم ورحمة اللّـه وبركاته.

އާދެ، މިއަދު ފުނަދޫގެ ރައްޔިތުންނާ މުޚާޠަބުކުރުމަށް މިލިބޭ ފުރްޞަތަކީ މިއީ ވަރަށްވެސް އުފާވެރި ފުރްޞަތެއް. މިއުފަލުގައި ބައިވެރިވުމުގެ ނަޞީބު އަޅުގަނޑަށް ލިބުނުކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް، ޙަމްދާއި ޝުކުރުކުރަން. އާދެ، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، މިއަދަކީ މިއީ މިރަށުގެ ތަރައްޤީގެ ޙަޔާތުގައި ވަރަށްވެސް ކުލަގަދަ، ވަރަށްވެސް ފާހަގަކުރަން މަޖުބޫރު ދުވަހެއް. މިއީ، މިރަށުގެ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނެ ދުވަހެއް. އާދެ، ވަރަށް މުހިންމު ދެމަޝްރޫޢު އެއްފަހަރާފެށުން އަޅުގަނޑުމެން މިއަދު މިފާހަގަކުރަނީ. މިރަށުގެ ނަރުދަމާ ޤާއިމުކުރުމާއި އަދި މިރަށުގެ ބަނދަރު މިހާރު ހެދެންހުރި އެންމެ ރަނގަޅުފެންވަރަކަށް، ދިވެހިރާއްޖޭގައި އަދި މިހާތަނަށް ހެދިފައިހުރި އެންމެ ރަނގަޅު ފެންވަރަކަށްވެސް މިރަށުގައި ބަނދަރު ހެދުމުގެ މަޝްރޫޢު. މި ނަޞީބު އަޅުގަނޑުމެންނަށް ލިބުނުކަމަށްޓަކައި އެންމެފުރަތަމަ އަޅުގަނޑުމެން އެންމެން ޖެހެނީ، اللّـه سبحـانـه وتعـالىއަށް ޙަމްދާ ޝުކުރުކުރަން. އާދެ، މިއީކީ، ފަސޭހަފަސޭހައިންވާނެ ކަންތައްތަކެއްނޫން. އަވަސް އަވަހަކަށްވާ ކަންތައްތަކެއްނޫން. އެހެންވީމާ އަޅުގަނޑުމެންނަށް މިއަދު މި ނަޞީބު ލިބުނުކަމަށްޓަކައި އަޅުގަނޑުމެން ހުރިހާ އެންމެންވެސް ޝުކުރުވެރިވާންޖެހޭ.

އާދެ، މިރަށަކީ މިއީ ވަރަށް ޚާއްޞަ ރަށެއް. ފުނަދުއަކީ ވަރަށްވެސް ޚާއްޞަ ރަށެއް. މިރަށަކީ ރާއްޖޭގައި ހުރި ރަށްތަކުގެ ތެރެއިން އެންމެރީތި އެއްރަށް. އަދި މިރަށުގެ ރައްޔިތުންނަކީވެސް ކަންކަމުގައި ހީވާގި މަސައްކަތްތެރި މުރާލި ބައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ނަޞީބު ކުރިމަތިވެގެން މިދަނީ. އަޅުގަނޑުމެން އުންމީދުކުރާގޮތުގައި މިރަށްވާނީ މުސްތަޤްބަލުގައި އަދި މިއަށްވުރެވެސް ތަރައްޤީވެފައިވާ، މިރާއްޖޭގެ ހުރިހާ ރަށްތަކުގެ ތެރެއިންވެސް ހޮވާލެވޭ، ރާއްޖޭގެ ގިނަބަޔަކު އާދެ، މިރަށުގެ ރައްޔިތުންނާ އަދި މިއަތޮޅުގެ ރައްޔިތުންނާ އަދި ޤައުމުގެ ގިނަބަޔަކު އުޅޭހިތްވާ ހިފްސޭހަ ރަށަކަށް. އާދެ، އެކަން އެގޮތަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ މިއީ. ސަރުކާރާ ރައްޔިތުންނާ ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ. މިކަންކަން ރަނގަޅަށް ގެންދިއުމަށްޓަކައި، ރައްޔިތުންގެ އެއބާރުލުން އަބަދުވެސް ލިބުމަކީ އެއީ ވަރަށް މުހިންމުކަމެއް.

ދެންމެ ސްޓޭޓް މިނިސްޓަރ އެވިދާޅުވި ފަދައިން، މިއީ ފުދޭވަރެއްގެ ބޮޑު ޚަރަދެއް ކޮށްގެން ކުރެވޭ މަސައްކަތްތަކެއް. ވަރަށްމަދު ރަށަކަށް ނޫނީވިއްޔާ މިނަޞީބު އަދި ލިބިފައެއްނެތް. އަޅުގަނޑުމެންގެ އުންމީދަކީ، މިގޮތަށް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫޢުތައް ރާއްވަވައި، ފެށިގެން ހިނގަމުންދިޔުން. އާދެ، ރަށެއް ތަރައްޤީވާނީ، އެރަށުގެ ވަރަށްގިނަ ކަންތައްތައް ކުރިޔަށް ގެންގޮސްގެން. ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދްމަތްތައް ރަނގަޅު ކުރެވިގެން. ރަށުގެ ޢުމްރާނީ ކަންތައްތައް ހަމަޖެހިގެން. އެގޮތުން މިއަދު މިފޭށޭ ދެމަސައްކަތަކީ މިއީ މިރަށުގެ ޢުމްރާނިއްޔަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ދެކަންތައް.

އާދެ، ރަށެއްގެ ނަރުދަމާ، މިޒަމާނުގެ އުޞޫލުން އެކަމަށް ޤާބިލު ބަޔަކު ޤާއިމު ކުރުމަކީ އެއީ އެރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެކަމެއް. އޭގެ ސަބަބުން، ރައްޔިތުންގެ ޞިއްޙަތަށް ވަރަށް އެދެވޭ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް. ރަށުގައި ބަލިމަޑުކަން ކުޑަވުމާއި ރަށުގައި ބޯފެން، އާދެ، ފެނުގެ ކޮލިޓީ ރަނގަޅުވުމާއި، މިހެންގޮސް ކިތަންމެ ކަންތައްތަކެއް މި މަޝްރޫޢުގެ ސަބަބުން ފުރިހަމަވެގެންދާނެ. އަދި ހަމަ މިއާއެކުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކިތަންމެ އެހެން ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ތަރައްޤީއަށް މިކަހަލަ ފުރިހަމަކަމެއް މިންވަރުކުރެއްވި ދުވަހެއްގައި އަޅުގަނޑުމެން ޖެހޭނެ، އަޅުގަނޑުމެންގެ ތަރައްޤީއާ ދޭތެރޭގައި ތަންކޮޅެއް ފުޅާކޮށް ވިސްނާލަން. ބައެއްގެ ތަރައްޤީ ހަމައެކަނި ބިނާވެފައިވަނީ ޢުމްރާނީ ކަންތައްތަކުގެ މައްޗަކަށްނޫން. އަޅުގަނޑުމެން ވިސްނަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުރި. ރަށުގެ ތަޢްލީމާއި ޞިއްޙަތާ ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހޭ ދެކަންތައް. އަދި ހަމައެހެން، އަޅުގަނޑުމެން ދިވެހިންނަކީ، މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެންތިބި ބައެއްކަންދަނެ، އަޅުގަނޑުމެންގެ ދީނާ، އަޅުގަނޑުމެންގެ ދިވެހިވަންތަކަން ދިރުވައި ދެމެހެއްޓުމަކީ، އެއީ، ޤައުމަށް އަޅުގަނޑުމެންގެ ރަށަށް އަޅުގަނޑުމެންގެ އަތޮޅަށް، ސަރަޙައްދަށް ކުރިއެރުން ލިބޭނެގޮތަކީ. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ހަނދާންބަހައްޓައިގެން، އަޅުގަނޑުމެން އެބައިވެސް ރަނގަޅުކުރެވޭތޯ އަޅުގަނޑުމެން ހިއްވަރާއެކު މަސައްކަތްކުރަމުން ގެންދަންޖެހޭނެ.

އާދެ، އަޅުގަނޑުމެންގެ ޅަދަރީން ބޮޑެތިވަމުން އަންނައިރުގައި އެމީހުންނަށް އެކަށީގެންވާ ރަނގަޅު ތަޢްލީމެއް ދިނުމަށްޓަކައި ޢާއިލާތަކުން ބަހައްޓަންޖެހޭ އެހީތެރިކަން ބަހައްޓައި، އަދި ރަށުގެ ރައްޔިތުން އެއްބައިވެގެން ކުރަންޖެހެ ކަންތައްތައްކޮށް، އެކަންކަން ފަހިކޮށްދިނުން. ހަމައެހެން، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާއެކީގައި ރައްޔިތުންވެސް އެކަމުގައި އެހީވެވަޑައިގެންދެއްވައިގެން ކުރައްވަންޖެހޭ ކަންތައް ކުރައްވަމުން ގެންދެވުމަކީ އެއީ ވަރަށް މުހިންމު ކަމެކޭ އަޅުގަނޑު ދަންނަވާނީ.

އާދެ، މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކެއް. އަޅުގަނޑުމެންގެ ދިރިއުޅުމާއި އަޅުގަނޑުމެންގެ ތަރައްޤީ ބިނާކުރަންވާނީ އަޅުގަނޑުމެންގެ ތިމާވެށްޓާ ގުޅޭގޮތަކަށް. އަޅުގަނޑުމެންނަކީ ކުދި ޖަޒީރާތަކެއްގައި ދިރިއުޅެމުންދާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޖަޒީރާތައް ތަރައްޤީކުރަމުން ގެންދާއިރުގައިވެސް އަޅުގަނޑުމެންޖެހޭނެ، އަޅުގަނޑުމެންގެ ރަށުގެ ފަރުތަކާއި ގޮނޑުދޮށްތަކާއި ގަސްގަހާގެހި ރައްކާތެރިކޮށް، ޙިމާޔަތްތެރިކޮށް، ރަށަކީ ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ޚާއްޞަގޮތެއްގައި ވިސްނައިގެން މަސައްކަތްކުރަމުން ގެންދަން. އޭރުން އަޅުގަނޑުމެންގެ ރަށަކީ، ހިތްފަސޭހަ ތަނަކަށްވާނީ. އަޅުގަނޑުމެން އެންމެން އުޅޭހިތްވާ ތަނަކަށްވާނީ. އެހެންވީމާ، މިދެންނެވި ރޮނގުންވެސް އަޅުގަނޑުމެންގެ ވިސްނުން ބެހެއްޓުމަކީ އެއީ ވަރަށް މުހިންމު ކަމެއް.

އާދެ، ދެންމެ ސްޓޭޓް މިނިސްޓަރ އެ ވިދަޅުވިފަދައިން، މިފަދަ ބޮޑެތި މަޝްރޫޢުތައް ރާވައިގެން ހިންގާއިރުގައި ދިމާވާ ބައެއްދަތިވެސް ހުންނާނެ. އަޅުގަނޑަށް ޔަޤީން، މަގުމަތި އަދި ކޮނެލުމަކުންނެއް، ގެއަށްވަންނަން ދަތިވުމަކުންނެއް ތިޔައިން އެއްވެސް ބޭފުޅަކު ޝަކުވާއެއް ނުކުރައްވާނެ. ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ، މިކަމަކީ މިއީ ތިޔަ ހުރިހާ ބޭފުޅުންގެ މަންފާއަށްޓަކައި ކުރެވޭ ވަރަށްވެސް ޚާއްޞަ ވަރަށްބޮޑު މަސައްކަތެއްކަން. އެހެންވީމާ، އަޅުގަނޑުގެ އެއްވެސްޝައްކެއްނެތް. އެކަމާހެދި އެއްވެސް މައްސަލައެއް ނުކުންނާނެ ކަމަކަށް. އެހެންނަމަވެސް، ބައެއްފަހަރު ބޮޑެތި މަސައްކަތްތައް ކުރަމުންގެންދާއިރުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާކަމެއް. އަޅުގަނޑަށް ކެރިހުރެގެން ދަންނަވަން ކެރިދާނެ، މިކަމުގައި ތިޔަބޭފުޅުންނަށް އެހީވެވަޑައިގެންދެއްވަމުން ވަޑައިގެން ތިއްބެވީ ދުނިޔޭގައި މިކަމަށް ހަމައެންމެ ރަނގަޅު ކުންފުނިކަން. ފައިސާގެގޮތުން ޖަޕާނުގެ ސަރުކާރުގެ ލޯނުގެ އެހީގެ ދަށުން މިމަސައްކަތް ކުރެވެމުން މިދަނީ. އަޅުގަނޑުގެ ހިތަކަށް ނުވަދޭ، އެއްގޮތަކަށްވެސް އެފައިސާއަކުން އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ ކަމަކަށް. ދެން މަސައްކަތްކުރަން މަސައްކަތާ ޙަވާލުވެތިބި ފަރާތްތަކަކީވެސް އެއީ ދުނިޔޭގެ ފެންވަރުގައި އެކަމަށް އިޢްލާނު ކުރެވިގެން، އެކަމަށް ހޮވިފައިތިބި އެންމެ ރަނގަޅު މީސްމީހުން. އެހެންވީމާ، އެބޭފުޅުން އެކުރައްވާ މަސައްކަތަކަށް އަޅުގަނޑަކަށް ހިތަކަށް ނާރާ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަކަށް. އެހެންވީމާ، އެވަރު އަޅުގަނޑުމެން އެންމެން ދަނެގެން، އެބޭފުޅުންނަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވުމަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން. އޭރުން އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތް ދިހަވަރަކަށް މަސްދުވަސް، ނޫނީ އެއްއަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ މިމަޝްރޫޢުތައް ފުރިހަމަވެ، އަޅުގަނޑުމެންނަށް އޭގެ ފައިދާ ލިބެންފަށާނެ.

އާދެ، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މުބާރަކްބާދީއާ ތަހުނިޔާ ދަންނަވަން. މިއަދު ﷲ އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް މިލިބެނީ ވަރަށްވެސްބޮޑު ނިޢްމަތެއް. ދެން އަޅުގަނޑު އިނގިރޭސި ބަހުން ކުޑައެއްޗެއް ދަންނަވާލާނަން. މިތަނަށް ވަޑައިގެންތިއްބެވި ބޭރުގެ މެހްމާނުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން.

Mr Akira Shimura and our distinguished guests from Japan, from Denmark;

I want to thank you for being here at this inauguration. I was just telling that we have full confidence that these projects will proceed smoothly. I have also requested my fellow citizens here to provide all the support that you need in order to make smooth progress in these projects. I am sure they will not feel inconvenienced because they understand how important a contribution you are making.

To Japan, I would like to say, a special thank you. We have had a very long history of cooperation between the government of Japan and the government of Maldives. Some of the most important infrastructure projects in the country have been carried out with Japanese assistance - in all fields; in public administration, in education, in health and so on. So far we have had very positive experience and we have highly appreciated your support. I don’t think words are enough to show our gratitude to the government and the people of Japan for your continued assistance.

I would also like to, at this point, thank especially the role that JaICA has played and also various Japanese companies who had played in this long history of cooperation.

I used to be in the Ministry of Education in the 70s, and that’s when we started building the community schools. We built a Japanese government supported school in every atoll. The result of high literacy and some quality of education in the Maldives is the result of your assistance that you have provided, among others.

I would also like to take this opportunity to thank JOCV, I think we have had JOCV volunteers here for many years now and they continue to work here in the most difficult circumstances. So please convey our best wishes and gratitude to JOCV headquarters and also to the colleagues who are working here.

So thank you once again. It is a pleasure to work with you and we look forward to continued cooperation. Welcome Mr Shimura – we look forward to seeing you more here. And please also convey our gratitude to His Excellency the Ambassador in Sri Lanka.

السّـلام عليـكم ورحمة اللّـه وبركاته