بســم اللّـه الرّحمـن الرّحيــم


މިރޭ ލިސްނިންގ ގެ ޚާއްޞަ ކްލިނިކް "ލިސްން" އިފްތިތާޙު ކުރުމުގެ ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް މޫސާ މުޙަންމަދަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިރެޔަކީ ވަރަށް އުފާވެރި ރެއެއް. މިރެޔަކީ ދިވެހިރާއްޖޭގެ، ޚާއްޞަކޮށް ކުޑަކުދިންނަށް އަދި ޢާންމުކޮށް ހުރިހާއެންމެންނަށް ވަރަށްވެސް އުފާވެރި މަސައްކަތެއް ފެށޭ ރެއެއް. އާދެ، އަޅުގަނޑުގެ އެންމެފުރަތަމަ ވާޖިބަކީ އަލްފާޟިލް މޫސާ މުޙަންމަދު ކުރައްވަމުން ގެންދަވާ މަސައްކަތަށްޓަކައި އެބޭފުޅާއަށް ވަރަށްބޮޑަށް ޝުކުރުވެރިވުން. އާދެ، މީގެ އެތަކެއް އަހަރު ކުރިން، މާލޭ އޮޕްޓިކަލްސްގެ ނަމުގައި ފުރަތަމަ ދިވެހިރާއްޖޭގައި އައިނު ހެދުމުގެ ޚިދްމަތް ފުރިހަމަކުރައްވައި، އެމަސައްކަތް ފަށްޓަވައިގެން ފުރިހަމަކޮށްދެއްވި ކަމަށްޓަކައި، އަޅުގަނޑުމެން އެންމެންވެސް ޝުކުރުވެރިވަމުން މިއަންނަނީ. އެމަސައްކަތް އެހާ ރަނގަޅަށް ކުރެވެމުންގޮސް މިއަދު އަޅުގަނޑުމެން މިދެކެނީ އަނެއްކާވެސް އާ މަރްޙަލާއަކަށް މޫސާ މުޙަންމަދުގެ މަސައްކަތް ގެންދެވިތަން. އެއީ، އަޑުނީވޭ ކުދިންނަށް އަޑުއިވުމުގެ ނަޞީބު ހޯދައިދިނުމަށްޓަކައި އެންމެފުރަތަމަ ރާއްޖޭގައި ހުރިހާ ޚިދްމަތްތަކެއްދެވޭ މަރުކަޒެއް ހުޅުއްވުމުގެ މަސައްކަތް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.


އާދެ، އަޅުގަނޑު މިރޭ ދަންނަވާލަންއޮތީ، ޚާއްޞަކޮށް ތުއްތުކުދިންނާބެހޭގޮތުން. އެއީ، ކުއްޖަކު ދުނިޔެއަށް އުފަންވުމަށްފަހުގައި މިދުނިޔެއާ ބެހޭގޮތުން އެކުއްޖަކު ދަސްކުރާ އެއްޗެއް ބިނާވެފައި އޮންނަނީ، އެކުއްޖެއްގެ އެކިއެކި ޙިއްސުތަކުގެ މައްޗަށް. އަޑުއިވުމާ، ފެނުމާ، ރަހަލުމާ އަތްލުމުން އިޙްސާސްވުމާ އެހެންގޮސް ތަފާތު އިޙްސާސްތަކުގެމައްޗަށް ބިނާވެފައި މިއޮންނަނީ، ދުނިޔެއާ ބެހޭގޮތުން އެކުއްޖަކަށް ދަސްވާއެއްޗެއް. ކުޑަކުދިން ކިޔަވާގޮތާ، ކަންކަން ދަސްކުރާގޮތާ ބެހޭގޮތުން މިހާރު ވަރަށްބޮޑެތި ދިރާސާތައް ކުރެވެމުންދަނީ. ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތާ ބެހޭގޮތުން ކުރިން ނޭނގޭ ކިތަންމެ ކަންތައްތަކެއް މިހާރު އެބަ އެނގެމުންދޭ.


އާދެ، މިދެންނެވި އިޙްސާސްތައް މިހުންނަނީ ސިކުނޑިއާ ގުޅިފައި. ސިކުނޑިއަކީ، މި އިޙްސާސްތަކުން ފޮނުވައިދޭ އެކިއެކި ސެންސްތައް، ސެންސަރުތައް ޕްރޮސެސްކުރާ ކޮމްޕިއުޓަރު. ވީމާ، އެ ސިނކުނޑިއާ ބެހޭގޮތުން މިހާރު ވަރަށްބޮޑެތި ތަޙްލީލުތައް ކުރެވި ވަރަށްގިނަ މަޢްލޫމާތުތައް ލިބެމުންމިދަނީ. ކުއްޖަކު ދުނިޔެއަށް އުފަންވުމާ ގުޅިގެން އެކުއްޖެއްގެ ހުރިހާ ޙިއްސުތައް ރަނގަޅަށް މަސައްކަތްކުރޭތޯ ނުވަތަ ނޫންތޯ ބަލައި، އެކަން އެނގުމަކީ އެއީ ވަރަށް މުހިންމުކަމެއް. ބައެއްފަހަރަށް ބައެއް މުޖްތަމަޢުތަކުގައި، ބައެއް ޤައުމުތަކުގައި މައިންބަފައިންގެ ތަޢްލީމު ގޮއްސާ ހުންނަ ވަރަކީ އެއްގޮތަކަށްވެސް އެމީހުންނަކަށްނޭނގޭ، ކުއްޖާ އުފަންވާއިރުގައި އެކުއްޖާގެ ހުރިހާ އިޙްސާސްތަކެއް ފުރިހަމައަށް ހުންނަންޖެހޭކަމެއް ނުވަތަ ހުންނަކަމެއްވެސް. ބައެއް ތަންތާނގައި މައިންބަފައިން ހީކުރޭ ކުއްޖާއަށް ފުރަތަމަ އުފަންވާއިރަކު ކުއްޖާއަކަށް ނުފެންނާނެއޭ، ނޫނީ ރަނގަޅަކަށް އަޑެއްނީވޭނެއޭ. މިހެންވުމުގެސަބަބުން ކުއްޖާއަށްދެވޭ އަޅާލުން ވަރަށްބޮޑަށް ބަދަލުވެގެންދޭ.

އަޅުގަނޑު މަސައްކަތްކުރި އެފްރިކާގެ އެއްގައުމުގައި މައިންބަފައިން އާންމުގޮތެއްގައި ހީކުރަނީ ޚާއްޞަކޮށް ބައްޕައިން ހީކުރަނީ، ތުއްތުކުއްޖަކަށް އެންމެފުރަތަމަ ފެންނަނީ މިސާލަކަށް އެކުއްޖާގެ އުމުރުން ހަތަރުމަސް ނުވަތަ ހަމަސް ވީމައޭ. އެހެންވީމާ، ގިނަފަހަރަށް ބައްޕައިން ކުއްޖާއާ ވާހަކަދައްކާ ކުއްޖާއަށް އަޅާލާ ނަހަދާ. ގިނަފަހަރަށް ކުއްޖާ އުރާލާވެސް ނަހަދާ. ނަމަވެސް ހަމަ އަޅުގަނޑުމެން އެމަޢްލޫމާތު ސާފުކުރުމަށްޓަކައި ވާހަކަދެއްކި ދެއްކުމުގައި އެކުދިންގެ މަންމައިންނަށް އެކަން ތަޞައްވުރު ކުރެވިފައި، އެނގިފައި އޮތީ މުޅިން ތަފާތުގޮތަކަށް. ގިނަފަހަރަށް މަންމައިންނަށް ހަމަރަނގަޅަށް އެނގޭ، ތުއްތު ކުދިންނަކީ ހަމަ ފުރަތަމަދުވަހުން ފެށިގެންވެސް ރަނގަޅަށް ފެންނަ ކުދިންކަން. އަދި އިވެމުންދާ އަޑުތައްވެސް އިވޭ ކުދިންކަން. އެހެން އެނގުމުގެ ސަބަބުން އެކުދިންނާ ވާހަކަދެކެވި، އެކުދިންނަށް ލަވަކިޔައިދީ، މިހެން އެކުދިންނާ އަޅާލަންޖެހޭ އަޅާލުން ބެހެއްޓެމުން ގެންދޭ. އަދި މިގޮތަށް ކުދިންނަށް އަޅާނުލެވޭކަމަށްވާނަމަ، ވަރަށް ކުރީގެ ވަގުތުތަކުގައި، މަސްތަކުގައި، ދުވަސްތަކުގައި އެއަޅާލުން ނުދެވުނީމާ ކުއްޖާގެ ސިކުނޑި ތަރައްޤީވާންޖެހޭ ފުރިހަމަ މިނުގައި ތަރައްޤީ ނުވުމަކީ އެކަށީގެންވާކަމެއް.

ކުއްޖެއްގެ ސިކުނޑި ތަރައްޤީވާ އެންމެ މުހިންމު ދުވަސްވަރަކީ، އެކުއްޖާގެ އުމުރުން ދެއަހަރުގެކުރި. ފުރަތަމަ ދެއަހަރުގެ ތެރޭގައި އިންސާނެއްގެ ސިކުނޑީގެ 75 ޕަސެންޓް ވަރު އުފެދިގެންދޭ. ސިކުނޑި މިއުފެދެނީ ސިކުނޑީގައި ހުންނަ އެކިއެކި ސެލްސްތައް ގުޅިގެން. އެގުޅެނީ އެކުއްޖާއަށް އިޙްސާސް ކުރެވުނުވަރަކުން. މިސާލަކަށް ދަންނަވަނީނަމަ، ކުއްޖާ އުފަންވާއިރުގައި ކުއްޖާއަށް އިވުމުގެ ހުރަސްތަކެއް ހުރިކަމަށްވާނަމަ، ސިކުނޑީގައި އިވުމާބެހޭގޮތުން އުފެދެންޖެހޭ ގުޅުންތައް އުފެދިގެނެއްނުދާނެ. އެބައި ހުންނާނީ ނުއުފެދި. އެބައި ކުރިޔަށްނުގޮސް. އެހެންވީމާ، އޭގެ ސަބަބުން ކުއްޖާ ބޮޑުވަމުންދިޔަވަރަކަށް އެކަމުގެ އުނދަގޫ ބޮޑުވެގެންދާނެ. ހަމަ މިދެންނެވިގޮތަށް ކޮންމެ ޙިއްސަކުންވެސް ކުއްޖާއަށް އެނގެންވާ އެއްޗެއް ނޭނގި، ސިކުނޑިއަށް ލިބެންވާ ފުރިހަމަކަމެއް ނުލިބި ކުއްޖާ ބޮޑުވެގެން އަންނާނެ.

އެހެންވީމާ، ވަރަށް މުހިންމުކަމެއް އެންމެ ފުރަތަމަ ކުއްޖަކު އުފަންވުމާގުޅިގެން، އެކުއްޖަކު ބަލާ ޕިޑިއޮޓްރިޝަނަކަށް ކުއްޖާގެ ޙިއްސުތައް ރަނގަޅަށް ހުރިތޯ އޮޅުންފިލުވުން. އެހެންވީމާ، ހުރިހާ ޕިޑިއޮޓްރީޝަނުންނަށްވެސް މިދެންނެވި ޓްރޭނިންގ ދޭން އެބަޖެހޭ. އަދި މިހާރު މިއުފެދޭ ޚިދްމަތްފަދަ ޚިދްމަތް ހުރުމުގެ ސަބަބުން ވަރަށް ޅަފަތުގައި އަޅުގަނޑުމެންނަށް ކުއްޖަކަށް އަޑު ނީވޭކަމަށް ފާހަގަކުރެވިއްޖެނަމަ އެކުއްޖާއަށް ދޭންޖެހޭ ފަރުވާދެވިގެން، އެކުއްޖަކު ރަނގަޅުކުރެވޭނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީ އަޅުގަނޑުމެންގެ ކުދިން ތަރުބިޔަތުކޮށް ބޮޑުކުރުމުގައި އަޅުގަނޑުމެންގެ ރާއްޖޭގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކޭ. ތިޔަބޭފުޅުން ތިޔަދެއްވާ ޚިދްމަތަކީ އެއީ އިރާދަކުރެއްވިއްޔާ ވަރަށްގިނަ ކުދިންތަކަކަށް އިތުރަށް ތަރައްޤީ ލިބޭނެ ކަމެކޭ. ވަރަށްގިނަ ކުދިންތަކަކަށް ވަރަށް ޅަފަތުގައި އެ ނަޞީބު ލިބި، ފުރިހަމަޔަށް ހެދިބޮޑުވުމުގެ ފުރްޞަތު ލިބިގެންދާނެ.

އާދެ، މިހާރު ދެންމެ އަޅުގަނޑުމެންނަށް މިއިވުނު ފަދައިން، ގާތްގަނޑަކަށް ހާހަކުން އެއްކުއްޖަކީ އެއީ، އިވުމުގެ ނަޞީބު ލިބިފައި ނުވާކުއްޖެއް. ޢާންމުގޮތެއްގައި ކޮންމެވެސް ވައްތަރެއްގެ ނުކުޅެދުމެއް ހުންނަކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ ކޮންމެ ދިހަކުއްޖަކުން އެއްކުއްޖެއްގެ. ކޮންމެވެސް ސިފައެއްގައި. އެހެންވީމާ، ނުކުޅެދޭ ކުދިންނަށް ދޭންޖެހޭ ޚިދްމަތަކީ އެއީ، ވަރަށް މުހިންމު ޚިދްމަތެއް. އެއީ، ޤައުމީފެންވަރެއްގައި އެކަމަށް ވަރަށްބޮޑު ސަމާލުކަމެއްދީގެން ކުރަންޖެހޭކަމެއް.

މިހާރުވެސް ދިވެހިރާއްޖޭގައި އަޑުއިވުމުގެ ނަޞީބު ނެތި، ވާހަކަނުދެއްކޭ ގިނައަދަދެއްގެ ކުދިންތަކެއް އެބަތިބި. މިކުދިންނަށް ދޭންޖެހޭ ފުރިހަމަ ޚިދްމަތް އަޅުގަނޑު ދަންނަވާނީ އަދި އޮތީ ނުދެވިއޭ. މާލޭގެ ބައެއް ސްކޫލްތަކުގައި މިހާރު މިދެންނެވިފަދަ ކުދިންނަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ހިނގަމުން އެބަދޭ. އެހެންނަމަވެސް ، އެ ޕްރޮގްރާމްތައްވެސް އަޅުގަނޑު ދަންނަވާނީ އަދިހުރީކީ ހުރިހާކުދިންނަށް އެ ޚިދްމަތް ލިބޭކަހަލަ ގޮތަކަށްނޫން. އަޅުގަނޑަށް އެނގިފައިވާގޮތުގައި ވަރަށް މަދު ކުއްޖެއް އަދި ސްކޫލް ނިންމީ. މިދެންނެވިފަދަ ނުކުޅެދޭގޮތަށް ދިމާވެފައިވާ ކުދިންގެ ތެރެއިން ވަރަށް މަދުކުއްޖެއް ސްކޫލްދައުރު ނިމިފައިވަނީ. ސްކޫލްދައުރު ނިމިފައިވާ ކުދިންގެ ތެރެއިންވެސް، އަދި އެއަށްވުރެވެސް މަދުކުއްޖެއް، އަޅުގަނޑަށް އެނގިފައިވާގޮތުގައި ހަމަ އެކެއް ދެކުއްޖަކު އަދި މިހާތަނަށް ވަޒީފާއެއްގައި އުޅެމުން އަންނަނީވެސް.

އެހެންވީމާ، މިއީ ވަރަށް ސީރިއަސް މައްސަލައެއް. އަޅުގަނޑުމެން އެބަޖެހޭ، އަޑު ނީވޭ ކުދިންނަށް، ނުފެންނަ ކުދިންނަށް ދޭންޖެހޭ ޚިދްމަތް ފުރިހަމަކޮށް، ހުރިހާކުދިންނަށްވެސް މި ޚިދްމަތް ލިބޭނެގޮތެއްހަދަން. ވީމާ، އަޅުގަނޑު މިހާރު މިހުރި މަޤާމުގެގޮތުން އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން، އަލްފާޟިލް މޫސާ މުޙަންމަދު ތިޔަ އެޅުއްވި ފިޔަވަޅަށް. އަދި ތިކުރައްވާ މަސައްކަތުގެ ސަބަބުން ވަރަށްގިނަ ކުދިންނަށް، ކިޔަވައިގެން ފުރިހަމައަށް ހެދިބޮޑުވުމުގެ ނަޞީބު ލިބިގެންދާނެ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން، އަޅުގަނޑުދަންނަވަންއޮތީ، ތިޔަކުރައްވާ މަސައްކަތުގައި ސަރުކާރުގެ ފަރާތުން ދެވެންހުރި ހުރިހާ އެއްބާރުލުމަކާ އެހީތެރިކަމެއް އަޅުގަނޑުމެންދޭން މިތިބީ ތައްޔާރަށޭ.

އާދެ، އަދިވެސް އެއްފަހަރު، އަޅުގަނޑަށް މިފުރުޞަތު ދެއްވިކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް، މިރޭ މިކުންފުނި އިފްތިތާޙު ކުރުމުގެ ނަޞީބު ލިބުން. ވަރަށްބޮޑަށް ޝުކުރިއްޔާ!

والسّــلام عليــكم .



__________________