ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތަށް ހިތުގެ އިޚްލާޞްތެރި ހެޔޮ އެދުންތަކާއެކު އަރިސްކުރަމެވެ.
ޒަމާނުއްސުރެ ދިވެހީން ފާހަގަކުރާ ބޮޑު ޢީދަކީ، މާތްކަމާއި ނިޢުމަތުގެ ފޯވައްސެކެވެ. އަޅުގަނޑުގެ ދުޢާއަކީ، ޙައްޖު މަހުގެ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަގޮތުގައި މިންވަރު ކުރައްވައި، ﷲގެ އޯގާވަންތަކަމާއި ރަޙްމަތް، ދިވެހި ޤައުމަށާއި، އެންމެހައި މުސްލިމުންނަށް އިތުރުކޮށްދެއްވުމެވެ.
މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުންމަތަކީ، އިސްލާމީ އުންމަތް ކަމުގައި، ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. މި އުންމަތުގެ ދަރަޖަ ﷲގެ ޙަޟްރަތުގައި މަތިވެރިވީ، މުސްލިމުންނަކީ ހެޔޮ ކަންކަމުގައި ހިފަހައްޓާ، އަނެކުންނަށް ނަސޭހަތްތެރިވެ ނަމޫނާ ދައްކާ ބަޔަކު ކަމުގައި ވާތީއެވެ. އަދި ކޮންމެ ނޭއްގާނީ ކަމަކާ ދުރުހެލިވެ، އަނެކުންވެސް އެފަދަ ކަންކަމާ ދުރުކުރަން މުސްލިމުން ގަދައަޅާތީއެވެ.
ޢީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތަޢުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމެވެ. އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުމެވެ.
އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވައިފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައެވެ. މިފަދަ ކޮންމެ ޢީދަކުމެ، ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތީން އަޅުގަނޑުމެން ހަނދާންކުރަމުއެވެ. ވަކީން ޚާއްޞަކޮށް، ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮދުޢާތަކުންނެވެ. މުސްލިމުންގެ މުޤައްދަސް މިސްކިތުގެ ޙިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަސްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށިއެވެ. ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި ޢާއިލާތަކަށް ދެއްވާށިއެވެ. އާމީން
ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަކީ، މިއަދު އަޅުގަނޑުގެ އެންމެ އިޚްލާޞްތެރި އިލްތިމާސެވެ. ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ޙަޤީޤީ ޒީނަތްތެރިކަމެވެ. އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށެވެ.
ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑުޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލައްވާށިއެވެ. ﷲ ޙަޟްރަތުން ދެއްވާ މިފަދަ ކޮންމެ ނިޢުމަތަކާއި ރަޙްމަތަކަށް ޝުކުރުކުރުން މަތީ އަޅަމެން ލަހައްޓަވާށިއެވެ. ދިވެހި ޤައުމު، ނަޞްރާއި، ނަސީބާއި، ފާގަތިކަންމަތީ ދަމަހައްޓަވާށިއެވެ. އާމީން.