السّـلام عليـكم


މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލަނީ، ދާދިފަހުން އަޅުގަނޑު އެމެރިކާއަށް ކުރި ދަތުރާބެހޭގޮތުން ތިޔަބޭފުޅުންނަށް މަޢުލޫމާތު ދަންނަވާލުމަށްޓަކައި. އޭގެފަހުން، ތިޔަބޭފުޅުން އަޅުގަނޑަށް ސުވާލެއް އޮތްކަމަށްވާނަމަ، އަޅުގަނޑު އެ ސުވާލަކަށްވެސް ޖަވާބު ދަންނަވާނަން.

އާދެ، އަޅުގަނޑުގެ މިދަތުރުގައި އެމެރިކާގެ ސަރުކާރުގެ ބައެއް ފަރާތްތަކާ، ބައެއް ވިޔަފާރިވެރިންނާ، ސައިންޓިސްޓުންނާ އަދި ޔުނިވަރސިޓީގެ ބައެއް ބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރީމު. މިބައްދަލުވުންތަކުގައި ވަރަށްގިނަ މައުޟޫޢުތަކަކަށް އަޅުގަނޑުމެން ވާހަކަދެއްކީމު. އެހެންނަމަވެސް އޭގެތެރެއިން، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ މަސައްކަތާގުޅިގެން، ނައިބު ރައީސަކަށް މިހާރު ޙަވާލުވެފައިވާ މަސައްކަތްތަކުގެތެރެއިން އަޅުގަނޑު ޚާއްޞަ ސަމާލުކަމެއްދެން، ދެމައުޟޫޢަކަށް. ފުރަތަމަކަމަކީ، އެއީ ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފިލުވާލުމަށްޓަކާ ކުރެވޭ މަސައްކަތް. ދެވަނަކަމަކަށް މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން، ރާއްޖެއަށް ކުރާ އަސަރުތައް. މިދެމައުޟޫޢާބެހޭގޮތުން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ވާހަކަދައްކަމުން ގެންދިޔައީ.

ދެން ބައްދަލުކުރެވުނު އެކިއެކި ފަރާތްތަކުގެތެރެއިން، ޚާއްޞަގޮތެއްގައި ތިންބޭފުޅެއް އަޅުގަނޑު ފާހަގަކޮށްލާނަން. އެއީ، ފުރަތަމަ އެމެރިކާގެ ޚާރިޖީ ވަޒީރު މިސިޒް ހިލަރީ ކްލިންޓަން، ދެން އދ.ގެ ސެކްރެޓެރީ ޖެނެރަލް ބަންކީމޫން، ދެން އޭގެއިތުރުން، ކެލިފޯނިޔާގެ ގަވަރނަރ އާނޯލްޑް ސުވަޒްނެގަރ.

އެމެރިކާގެ ޚާރިޖީވަޒީރު މިސިޒް ހިލަރީ ކްލިންޓަނާ އަޅުގަނޑު ބައްދަލުކޮށް، ރާއްޖެއަށް ސިޔާސީގޮތުން އަންނަމުންދާ ބަދަލުތަކާބޭގޮތުން އެކަމަނާއަށް މަޢްކޫމާތު އެރުވިން. އަދި އެބަދަލުތަކާބެހޭގޮތުން އެމެރިކާސަރުކާރުން ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށް އަޅުގަނޑުގެ ކައިރީގައި މިސިޒް ކްލިންޓަން ވިދާޅުވި. އަދި އެމަސައްކަތް ކުރިއަށްކުރިޔަށް ގެންދިއުމަށްޓަކައި، ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެމެރިކާއިން ވެދެވެންއޮތް ހުރިހާވެސް އެހީއެއް ވެދެއްވާނެކަމުގައި އެކަމަނާ އަޅުގަނޑުކައިރީގައި ވިދާޅުވި. އަދި މީގެއިތުރުން، މޫސުމަށްއަންނަ ބަދަލުތަކާބެހޭގޮތުން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ފިލުވައި ދިނުމަށްޓަކައިވެސް އެމެރިކާގެ ސަރުކާރުން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވައިދެއްވާނެކަމަށް އެކަމަނާ އަޅުގަނޑު ކައިރީގައި ވިދާޅުވި.

އާދެ، މިކަންކަން ކުރިއަށްގެންދިއުމަށްޓަކައި، މީގެ އިތުރުން އެމެރިކާގެ ސަރުކާރުގެ ބައެއް އެހެން ބައެއް ފަރާތްތަކާ އަޅުގަނޑު ބައްދަލުކުރީމު. އޭގެތެރޭގައި އެންވައިރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ. ވޮސިންގޓަންގައިވެސް ކެލިފޯނިޔާގައިވެސް އެ އޭޖިންސީގެ ވެރިންނާ އަޅުގަނޑު ބައްދަލުކުރީމު. އަދި ޚާއްޞަގޮތެއްގައި ޕްރެޒިޑެންޓް އޮބާމާގެ ސްޕެޝަލް އެޑްވަރު ކްލައިމެޓްޗޭންޖްން މިސް ނެސްލީ ސަޓްލީއާ އަޅުގަނޑު ބައްދަލުކުރީމު. މިހުރިހާ ފަރާތްތަކުންވެސް ދިވެހިރާއްޖެއަށް ބޭނުންވާ އެހީ، އެންވައިރަންމެންޓާބެހޭގޮތުން، މޫސުމަށްއަންނަ ބަދަލުތަކާބެހޭގޮތުން ދެއްވާނެކަމަށް އަޅުގަނޑަށް ޔަޤިންކަން އެރުވި.

އާދެ. ދެން އަޅުގަނޑުގެ އެންމެމުހިންމު އަނެއް ބައްދަލުވުމަކަށް މިއޮތީ، އ.ދ ގެ ސެކްރެޓެރީޖެނެރަލް ބާންކީމޫން އާ ބައްދަލުވި ބައްދަލުވުން. އެމަނިކުފަނާ އަޅުގަނޑު ބައްދަލުކުރިކުރުމުގައި އެމަނިކުފާނުގެ އޮފީހުގެ ބައެއް އެހެން ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި. ބައްދަލުވުގައި އަދިވެސް އަނެއްކާވެސް ހަމަ ރާއްޖެއަށް ސިޔާސީގޮތުން މިއައި ބޮޑެތި ބަދަލުތަކާބެހޭގޮތުން ވާހަކަދެކެވި، އެކަމުގައި އ.ދ ގެ ފަރާތުން ރާއްޖެއަށް ވެދެއްވި އެހީއަށްޓަކައި އަޅުގަނޑު ޝުކުރު ދެންނެވީމު. މިސްޓަރ ބަންކީމޫން ވިދާޅުވި، ދިވެހިރާއްޖެއަށް ކްލައިމެޓްޗޭންޖާ ބެހޭގޮތުން، މޫސުމަށްއަންނަ ބަދަލުތަކާ ބެހޭގޮތުން، ޚާއްޞަކޮށް، ކުދިޤައުމުތަކަށް އެހީވެވަޑައިގެންދެއްވުމުގެ ގޮތުން، ކުރިޔަށްއޮތް ކޯޕަންހޭގަންގެ ޖަލްސާއަށް ތައްޔާރުވަމުންދާއިރުގައި، ކުދިޤައުމުތަކުގެ ކަންތަކާބެހޭގޮތުން، ޚާއްޞަކޮށް އެމަނިކުފާނު މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި. ދެން އަދި މީގެއިތުރުން މިހާރު އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފުން އަޅުގަނޑުމެން ގްރޭޖްއޭޓްވާން ނިންމާފައިއޮތުމާ ބެހޭގޮތުންވެސް އަޅުގަނޑު ބަންކީމޫނާ މަޝްވަރާކުރީމު. އެގޮތުން ރާއްޖެއަށް އ.ދ ގެ ފަރާތުން އިތުރަށް ބޭނުންވާ ފަންނީއެހީ ވެދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.

އާދެ، ދެން ކެލިފޯނިޔާގެ ގަވަރނަރ އާނޯލްޑް ސްވާޒްނެގަރ އާ ބައްދަލުކުރިކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކުރީގެޚަބަރުތަކުން. އެނގިވަޑައިގަންނަވާނެފަދައިން، ކެލިފޯނިޔާއަކީ މުޅި ދުނިޔޭގެ އިޤްތިޞާދުތަކަށް ބަލާއިރުގައި އެންމެބޮޑު 7 ވަނަ އިޤްތިޞާދު. މިހެން މިދެންނެވީ، އެއީ ބައެއްބޮޑެތި ޤައުމުތަކަށްވުރެންވެސް ބޮޑު އިޤްތިޞާދެއް ކެލިފޯނިޔާގެ އިޤްތިޞާދަކީ. އެހެންވީމާ، ކެލްފޯނިޔާގެ ގަވަރނަރަކީ އެއީ އެ ސްޓޭޓުގެ އެންމެއިސްވެރިޔާ. އެގޮތުން އެމަނިކުފަނާ އަޅުގަނޑު ބައްދަލުކުރީމު. ބައްދަލުކޮށް، ރާއްޖެއާބެހޭގޮތުން މަޢުލޫމާތު އެރުވިން. އަދި ރާއްޖެއަށް ދިމާވާ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާއެކިއެކި ދަތިތައް ވަރަށްބޮޑަށް އެމަނިކުފާނަށް ވިސްނިވަޑައިގަތް. އަދި އޭގެސަބަބުން އަޅުގަނޑުމެންނަށް ކެލިފޯނިޔާގެ އެކިއެކި ކުންފުނިތަކުން، ޓެކްނޮލޮޖީގެ ރޮނގުންނާ އަދި މީހުން ތަމްރީނުކުރުމުގެ ރޮނގުންވެސް އެހީވެވަޑައިގެންދެއްވަނެކަމަށް ވިދާޅުވި. އަދި ކެލިފޯނިޔާގެ ގަވަރނަރ އަންނަ އޮކްޓޯބަރމަހުގެތެރޭގައި ކެލްފޯނިޔާގައި ބާއްވަވާ ވެރިންގެ ޖަލްސާއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާ ނައިބުރައީސަށް ދަޢުވަތު އެރުވި. އެހެންވީމާ އަޅުގަނޑުމެން ދެމީހުންކުރެ ކޮންމެސް އެކަކު އެތަނަށް ވަޑައިގެންދެއްވުމަށް ވަރަށްބޮޑަށް އެދިވަޑައިގެންނެވި. ދެން އަދި އެ އޮކްޓޯބަރ މަހުގައި އޮންނަ ޖަލްސާގައި ދިވެހިރާއްޖެއާ ކެލްފޯނިޔާގެ ސަރުކާރާދޭތެރޭގައި މިކަމާބެހޭގޮތުން ކޮންމެސް އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ ކަމަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވި.

ދެން ގަވަރނަރަކީ އެއީ ކެލްފޯނިޔާގައި ޚާއްޞަކޮށް، ރިނިއުބަލް އެނަރޖީއާ މިބާވަތުގެ ތިމާވެއްޓާބެހޭ ކަންކަމުގައި ވަރަށް އިސްނަންގަވައިގެން މަސައްކަތްކުރައްވާ ބޭފުޅަކަށް ވުމާއެކީގައި އެމަނިކުފާނަށް އަޅުގަނޑު ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ދަޢުވަތުއެރުވިން. އެދަޢުވަތުވަނީ އެބޭފުޅާ ޤަބޫލުކުރައްވާފައި.

އާދެ، މިދެންނެވި ތިންބޭފުޅުންގެ ބައްދަލުވުމުގައިވެސް ދިވެހިރާއްޖޭގެ ފަރާތުން މިހާރު ސަރުކާރުން މިގެންގުޅުއްވާ އާ ސިޔާސަތު އެއީ، ކުރިޔަށްއޮތް 10 އަހަރުދުވަހުގެ ތެރޭގައި ކާރބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެހެދުމަށް ކަނޑައެޅިފައިވާ ސިޔާސަތަށް ވަރަށްބޮޑަށް ތާއީދު ކުރޭ. އެކަމަށް ވަރަށްބޮޑަށް ތަޢްރީފް ކުރެއްވި. އަދި ދިވެހިރާޖެއަކީ ދުނިޔޭގެ ސްޓޭޖުގައި ވަރަށް ޚާއްޞަ ރޯލެއް އަދާކުރެވިދާނެ ބައެއްކަމުގައި އެބޭފުޅުން ދެކެވަޑައިގެންނެވި. އަޅުގަނޑު ބައްދަލުކުރި ހުރިހާ ފަރާތްތަކުގެ ތަފްޞީލުތައް ދަންނަވަން ވެއްޖެއްޔާ ވަރަށް ދިގުވާނެ. އެހެންނަމަވެސް ވަރަށްކުރުގޮތަކަށް އަދި އިތުރު ދެތިންފަރާތެއްގެވާހަކަ ދަންނަވާލާނަން.

ދިވެހިރާއްޖޭގައި ޑްރަގްސް ރިހެބިލިޓޭޝަންގެ ކަންތައްތައް މިހާރު ދާގޮތެއް އަޅުގަނޑުމެން ހިތްހަމައެއްނުޖެހޭ. އެންވީމާ އެކަން އިޞްލާޙު ކުރުމަށްޓަކައި، އެކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު ވަރަށްގިނަފަރާތްތަކާ ވާހަކަދައްކަމުންގެންދިޔައިމު. މިގޮތުން އެމެރިކާގެ އީ.އެމް ގްލޯބަލްކިޔާ ކުންފުންޏަކުން މިހާރު އެމީހުން އެތިބީ ދިވެހިރާއްޖެ އައިސް، ރާއްޖޭގައި ރީހެބިލިޓޭޝަން ސެންޓަރެއް ހިންގައިދިނުމަށް ތައްޔާރަށް ކަމަށް އަޅުގަނޑުކައިރީގައިބުނި. އަދި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެދަށުން މިހާރު ހިނގަމުންދާ ރިހެބިލިޓޭޝަން ސެންޓަރުވެސް ހިންގައިދީފާނެކަމަށް އެމީހުން އަޅުގަނޑަށް ޔަޤީންކަން ދިން. ދެން އެހެންވީމާ އެކަމާބެހޭގޮތުން އަޅުގަނޑުމެން އިތުރު ވާހަކަތައް އެފަރާތްތަކާ ދައްކާނަން.

ދެން ޚާއްޞަގޮތެއްގައި ކަސްޓަމްސް އާ ބޯޑަރޕްރޮޓެކްޝަންއާ ބެހޭގޮތުން އެމެރިކާގެ ހޯމްލެންޑް ސެކިޔުޓީ ޑިޕާރޓްމަންޓާ އަޅުގަނޑުމެން ބައްދަލުކޮށް، ވަހަކަދެއްކީމު. އެގޮތުން ރާއްޖެއަށް ބޭނުންވާ ފަންނީ އެހީ އެފަރާތުން ދެއްވާނެކަމުގެ ޔަޤިންކަންދެއްވި، އެކިގޮތްގޮތުން. އެހެންވީމާ، އަޅުގަނޑު ޚާއްޞަކޮށް، ދިވެހިރާއްޖޭގައި މި ބޭރުންއަންނަ މީހުންނާބެހޭ ޑޭޓާބޭސްއެއް ތައްޔާރުކުރުމާބެހޭގޮތުން އެހީފުޅަކަށް އެދިފައި ވާނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަން ކުރިޔަށްދާނެކަމަށް އަޅުގަނޑަށް އުންމީދުކުރެވޭ.

ދެން މީގެއިތުރުން، ވަރަށް މުހިންމު ދެމަރުކަޒަކަށް އަޅުގަނޑުމެން ޒިޔަރަތްކުރީމު. އެއީ، ސްޓޭންފަރޑް ޔުނިވަރ ސިޓގައި، ސްޓޭންފަރޑް ޔުނިވަރސިޓިގައި އަލަށް އުފެދިފައިވާ ފްރިކޯ ސެންޓަރފޮރ އެނަރޖި އެފިސިންގސީއާ އަދި ވުޑްސް އެން ޝުޑް ފޮރ އެންވަޔަރަން މަންޓް. މި ދެތަނަކީ މިހާރު ދުނިޔޭގެފެންވަރުގައި އެންމެ ކުރިއަރާފައިވާ ރިސާޗް ރިނިއުބަލް އެނަރޖީއާ އަދި އެނަރޖީ އެފިސިންގސީއާ ބެހޭގޮތުން ކުރެވެމުންދާ ދެ މަރުކަޒު. އެހެންވީމާ އެކަންކަމުގެ ސައިންޓިސްޓުންނާ އެތާނގެ ވެރިންނާ އަޅުގަނޑުމެން ބައްދަލުކޮށް ވާހަކަދެއްކީމު. ވީމާ، މުސްތަޤްބަލުގައި ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ މިބާވަތުގެ ޓެކްނޮލޮޖީ ގެނައުމަށް އަޅުގަނޑުމެން ޖެހޭނެ ބައެއްފަރާތްތަކުގެ ފަންނީ ލަފަޔަށް އެދެން. އަޅުގަނޑުމެންނަކީ އެ ތަޖްރިބާޔާ އެ މަޢްލުމާތު އެކަށީގެންވާވަރަށް ލިބިފައި ނެޔްބަޔަކަށް ވުމާއެކީގައި އެކަން އެނގޭ ބަޔެއްކައިރީގައި އަހައިގެން، އެކަން ރަނގަޅަށް ކުރުން އެއީ މުހިންމުކަމެއް. އެހެންވީމާ އެފަރާތުން އެގޮތަށް އަޅުގަނޑުމެންނަށް ބޭނުންވާ އެހީ ވެދެއްވާނެކަމަށް އަޅުގަނޑުމެންނަށް ޔަޤިންކަން ލިބުނު.

މީގެ އިތުރުން، ވޯލްޑް ބޭންކަށް އަޅުގަނޑުމެން ޒިޔާރަތްކުރީމު. ވޯލްޑް ބޭންކްގެ ނައިބުރައިސާ އާ އަދި އިންޓަރނޭޝަނަލް ފިނޭންސް ކޯޕަރޭޝަންގެ ރާއްޖެއާބެހޭ ޑިރެކްޓަރާ، ވޯލްޑް ބޭންކްގެ ދިވެހިރާއްޖެއާބެހޭ އެގްޒެކެޓިވް ޑިރެކްޓަރާ އަޅުގަނޑުމެން ބައްދަލުކުރީމު. ބައްދަލުކޮށް ހަމަ ކުރިން ދެންނެވިހެން، ޑްރަގް ރީހެބިލިޓޭޝަންގެ ކަންތައްތަކާ އަދި ކްލައިމެޓްޗޭންޖާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާކުރީމު. ދެން މިކަމާބެހޭގޮތުން ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އެކަން ފަހިކޮށްދިނުމަށްދިނުމަށްޓަކައި އެކަމަށް ހޯދަންޖެހޭ މަޢްލޫމާތު ހޯދުމަށާ އަދި ކުރިޔަށް އޮތް 10އަހަރު މިކަން، މިމަޝްރޫޢު ކުރިޔަށް ގެންދާނެގޮތެއް ރާވާދިނިމަށްޓަކައި، ވޯލްޑް ބޭންކްގެ ގްރޫޕްގެ ބޭފުޅުންނާ އަދި އދ.ގެ ފަރާތުންނާ ރާއްޖެއަށް ޒިޔާރަތްކޮށް، އެމަސައްކަތުގައި އަޅުގަނޑުމެންނަށް އެހީވެދެއްވާން، ވަރަށްކައިރި މުސްތަޤްބަލެއްގައި އެހީވެދެއްވާނެކަމަށް އަޅުގަނޑުމެންނަށް ޔަޤީންކޮށް އެރުވި. މީގެ އިތުރުން ދަތުރުނިމެން ވަރަށް ގާތްވެފައިއޮއްވައި، ވަރަށް ކައިރިވެފައިވަނިކޮށް، މެދު އިރުމަތީގެ ރަޙްމަތްތެރި ދެޤައުމެއްގެ ބޭފުޅުންނާ އަޅުގަނޑުމެން ބައްދަލުކުރިމު، ނިއުޔޯކުގައި. އެއީ އެއްބޭފުޅަކީ އެއީ އެމިރެޓްސްގެ ބޭރުގެ ވިޔަފާރިޔާބެހޭވަޒީރު، ޝޭޚާ ލުބްނާ އަލްޤާޝިމީ. ދެން އަދި ހަމަ އެހެން، ސަޢޫދީ ޢަރަބިޔާގެ އދ.އަށް ކަނޑައަޅާފައިވާ ސަފީރު. މިދެބޭފުޅުންނާ ބައްދަލުކޮށް، ރާއްޖޭގެ އިޤްޞާދީ ޙާލަތު މިހާރުއޮތްގޮތާ ބެހޭގޮތުން މަޢްލޫމާތު އެރުވީމު.

ދެން އެގޮތުން، ޔޫ.އޭ.އީ އިންވެސް އަދި ސަޢޫދީ ޢަރަބިޔާގެ ބޭފުޅާވެސް އަޅުގަނޑުމެންނަށް ޔަޤީންކަންއެރުވި އަޅުގަނޑުމެންނަށް ބޭނުންވާ އެހީއާބެހޭގޮތުން އެބޭފުޅުން މަސއްކަތްޕުޅު ކޮށްދެއްވާނެ ކަމަށް. ދެން އެކަމާބެހޭ މަސައްކަތް މިހާރު އެބަ ކުރިޔަށް އެބަދޭ. ދެން މީގެ އިތުރުން ހަމަ ދެޤައުމުންވެސް އަޅުގަނޑުމެންނަށް ބައެއް ސްކޯލަރޝިޕްވެސް ލިބޭނެކަމަށް ވިދާޅުވި. އަދި ހަމަ އެހެން ސަޢޫދީ ޢަރަބިޔާގެ ސަރުކާރުން އދ. މެގުވެރިކޮށް، މިހާރު ބައެއް ޤައުމުތަކަށް ތެޔޮ، ތެލުގެ އެހީ ދެއްވަން ހަމަޖެހިފައިވުމާއެކީގައި އެފަންޑުން ދިވެހިރާއްޖެއަށް އެއެހީ، ތެލުގެ އެހީ ހޯއްދަވައިދެއްވަން މަސައްކަތްކޮށްދެއްވާނެކަމަށް ސަޢޫދީ ސަފީރު އަޅުގަނޑުކައިރީގައި ވިދާޅުވި.

އެހެންވީމާ މިއީދެން ކުރުގޮތަކަށް ދަންނަވަނީނަމަ، މިދަތުރުގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތް. ދެން އެންވީމާ މިކަމާބެހޭގޮތުން ތިބޭފުޅުން އިތުރު ސުވާލެއް އޮތްކަމަށްވާނަމަ، އެއްސެވުމުން ދެން އަޅުގަނޑު ޖަވާބު ދަންނަވާނަން. ޝުކްރިއްޔާ!

އަޙްމަދު މުޙުސިން – ޖަޒީރާ ޑެއިލީ

އަޅުގަނޑު މުޙުސިން، ޖަޒީރާއިން. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނުގެ މިދަތުރުގެ އެންމެބޮޑު ކާމިޔާބެއްކަމަށް މަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަކަކީ ކޮބައިތޯ؟ އަދި މިދަތުރުފުޅުން ޙާޞިލްކުރެވުނު ކަންތައްތަކެއްގެ ޙަޤީޤަތް، ނޫނިއްޔާ އޭގެ ޙާޞިލްއެބަ ކުރެވޭކަން، އޭގެ ފައިދާ ކިހާތާކު ރައްޔިތުންނަށް ލިބިގެން ހިނގައިދާނެތޯ؟

ނައިބުރައީސް ޑޮކްޓަރ މުޙަންމަދުވަޙީދު ޙަސަންމަނިކު

ކުރިން ދެންނެވިހެން، އަޅުގަނޑުގެ ދަތުރުގެ މައިގަނޑު މަޤްޞަދުތައް މިއޮތީ ދެ މަޤްޞަދެއް. އެއްކަމަކީ އެއީ، އަޅުގަނޑުމެން ޑްރަގްސްއާ ބެހޭގޮތުން، އަޅުގަނޑުމެން މަސްތުވާތަކެތި ރާއްޖެއިން ފިލުވާލުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެހީތެރިކަން ހޯދުން. ދެވަނަ ކަމަކަށް، މޫސުމާ ބެހޭގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެހީތެރިކަން ހޯދުން. މިދެރޮނގުންވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް ބޭނުންވާ ފަންނީ އެހީ މިހާރު ލިބޭގޮތަށް އެހެރީ ހަމަޖެހިފައި. އަޅުގަނޑުމެން ބޭނުންރޮނގަކުން، އަޅުގަނޑުމެން ދެންނެވުމުން އެފަންނީ އެހީ، އެމެރިކާ ސަރުކާރުންވެސް އަދި އަޅުގަނޑުމެން ބައްދަލުކުރި ބައެއް އަމިއްލަ ފަރާތްތަކުންވެސް ލިބޭގޮތަށް މިހާރު ހަމަޖެހިފައިހުރީ. އެހެންވީމާ، މިއިން ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމުކަމަކީ މިދަތުރުތައް ނިމުމަށްފަހުގައި އެކަން ފޮލޯއަޕް ކުރުން. އެކަންކަން ފަހުން އެމީސްމީހުންނަށް ލިޔެގެން، އެމީސްމީހުންނާ ވާހަކަ ދައްކައިގެން އެކަން ކޮޅެއްގައިޖެހެންދެން އެމަސައްކަތްކުރިޔަށް ގެންދިއުން. އެއީ އެންމެ މުހިންމުކަމަކީ. އެހެންވީމާ އެގޮތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން، މިކަންކަން ނަތީޖާއަކާ ހަމައަށްގެނެވޭތޯ.

ދެން ކުރިން ދެންނެވިހެން، ބައިލެޓްރަލްގޮތުން މެދުއިރުމަތީގެ ދެބޭފުންނަކާ ބައްދަލުކޮށް، އެލިބުނު ޔަޤިންކަމަކީ އެއީ އަޅުގަނޑުމެން ހީ ނުކުރާކަހަލަ ރަނގަޅު ފުރްޞަތަކަށް ވާނެކަމަށް އަޅުގަނޑު އުންމީދުކުރަނީ. އެހެންވީމާ އެގޮތުން އިރާދާކުރެއްވިއްޔާ ކުރިޔަށްއޮތް ވަރަށްކުރު މުއްދަތެއްގެތެރޭގައި އޭގެނަތިޖާ އަޅުގަނޑުމެންނަށް ފެންނާނެކަމަށް.

ޢަބްދުއްލަޠީފް އާދަމް – ރާއްޖެނިއުސް އޮންލައިން

އަޅުގަނޑު މަނިކުފާނަށް ފުރަތަމަ ސުވާލަކަށް ދަންނަވަންއޮތީ މިހާރު، މަނިކުފާނު ވާހަކަފުޅުގައި ވިދާޅުވެއްޖެ، ރާއްޖެއަށް އަންނަމުންދާ ޑިމޮކްރެސީއަށް އެމެރިކާއިންވެސް މިދަތުރުފުޅުގައިވެސް މަރުޙަބާކީވާހަކަ. ދެން މިޚަބަރު މިސަރުކާރު ބަދަލުވުމާގުޅިގެން، އަޅުގަނޑުމެންނަށް މިއަންނަނީ ތަކުރާރުކޮށް އިވެމުން. އިރާދަފުޅުކުރެއްވިއްޔާ ހަމަ ވަޑައިގަންނަވާ ކޮންމެ ޤައުމަކުންވެސް އަދި މިރަށަށް ވަޑައިގަންނަވާ ފަރާތްތަކުންވެސް ސަރުކާރުން ވަރަށްބޮޑަށް، ސަރުކާރުން ޑިމޮކްރަސީ ރާއްޖޭގައި ޤާއިމިކުރުމަށް ކުރާ މަސައްކަތްތަކަށް މަރްޙަބާކިޔާއަޑު އަޅުގަނޑުމެންނަށް އެބައިވޭ. އަދި ޕްރެސް ކޮންފަރެންސް ތަކުގައި ޚޮދު އަޅުގަނޑުމެންގެ ޙާޒިރުގައިވެސް ވަރަށް ފާޅުކޮށް މިކަންކަން ގެންދަވަނީ ހާމަކުރައްވަމުން. ނަމަވެސް، އިއްޔެ އަޅުގަނޑުމެންނަށް ފެނިގެން މިދިޔަމަންޒަރު، ވަރަށް ތަފާތު މަންޒަރެއް. އެއީ ޓީވީމޯލްޑިވްސް އިން ފޮނުވި ޕްރޮގްރާމަކާގުޅިގެން، ކަމާބެހޭ މިނިސްޓަރުންނާ ސްޓޭޓް މިނިސްޓަރުންނާ އިސްކޮށްތިއްބެވި ބޭފުޅުން، ޖިނާޢީ ކޯޓުގެ އަމުރަކަށް، ފުލުސްއޮފީހަށް ޙާޒިރުކޮށް، ތަޙްޤީޤްކުރެވުނުމަންޒަރު. ދެން މިކަން ކުއްވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާވެސް ކަންބޮޑުވެވަޑައިގެން، ކުށްވެރި ކުރައްވައެކޭ ނުދަންނަވަން. އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަން އެބައޮތް ހާމަކުރައްވަފައި. އަދި އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށްވެސް. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް މިކުރިމަތިވި މައްސަލައިގެ ސަބަބުން، ނޫނީ މިބާވަތުގެ މައްސަލަތައް އިތުރަށް ކުރިމަތިވެގެންދާނަމަ، އަޅުގަނޑުމެންގެ މިއޮތް މީޑިޔާ ފްރީޑަމް ނުވަތަ ރައްޔިތުންނަށް ލިބިފައިވާ ފްރީޑަމް އޮފް އެކްސްޕްރެޝަން މިޙައްޤުތައް ގެއްލިގެންދާތަން މިފެންނަނީ. އެހެންކަމަށްވާނަމަ މީގެއިން ބައިނަލްއަޤްވާމީ މާޙައުލެއްގައި ނުވަތަ އަޅުގަނޑުމެންނަށް މިހާރުމިއޮތް ތާއިދު އޮވެދާނެކަމަށް ގަބޫލުކުރައްވަންތޯ ނޫނީ މިކަމުގެ ސަބަބުން ކޮންކަހަލަ އަސަރެއް ކޮށްފާނެކަމަށް ގަބޫލުކުރައްވަންތޯ؟ ތިވިދާޅުވިކަހަލަ ފައްތަރުތަކުގައި.


ނައިބްރައީސް ޑޮކްޓަރ މުޙަންމަދުވަޙީދު ޙަސަންމަނިކު

އާދެ، އަޅުގަނޑުމެންގެ ޑިމޮކްރަސީ ނަމޫނާޔަކަށް ބަލާފައި މިވަނީ، ޚާއްޞަގޮތެއްގައި ހުޅަނގުގެ ތަރައްޤީވެފައިވާ ބައެއް ޤައުމުތައް. އެގޮތުން އެމެރިކާގެ ސިޔާސީ ނިޒާމުވެސް ބަލައިގެން އަޅުގަނޑުމެންގެ އާ ދުސްތޫރު މިހާރު މިއޮތީ ނިންމާފައި. އެހެންވީމާ މިހާރު މިހާތަނަށް އަޅުގަނޑުމެން ބޭއްވި އިންތިޚާބުތަކަކީ އެއީ މިނިވަން އިންތިޚާބުތަކެއްކަމަށް ދުނިޔެ ގަބޫލުކުރޭ. އަދި މިހާރު އަޅުގަނޑުމެންނަށް މިގެނެވުނު ބަދަލުތަކާބެހޭގޮތުން، އެހެންވެގެން ބޭރުގެ އެހެން ސަރުކާރުތަކުން އަޅުގަނޑުމެންނަށް ތަޢްރީފުކުރަމުން އެގެންދަނީ. އަދި މިއަދުގެ ސަރުކާރަކީ އެއީ ޑިމޮކްރެޓިކް ސަރުކާރެއް ކަމަށް ގަބޫލުކުރައްވާ ދުނިޔޭގެ ޤައުމުތަކުން. އެގޮތުން އަޅުގަނޑަށް ލަފާކުރެވޭގޮތުގައި އެމެރިކާގެ ސަރުކާރުން މިހާރު އަޅުގަނޑުމެންނަށް މިދެއްވި ޚާއްޞަ ސަމާލުކަން. އެއީ މިހާތަނަށް އެނގިވަޑައިގަންނަވާނެފަދައިން، ދިވެހިރާއްޖޭގެ ސަރުކާރުގެ އެއްވެސް ވެރިޔަކަށް އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓްގެ ފެންވަރުން އަދި ބައްދަލުވުމެއް ނުބޭއްވޭ. މީގެކުރިޔަކުންނެއް. ވޮޝިންގޓަނަކު. އެހެންވީމާ މީގެއިން މިދޭހަވަނީ، މިއަދު ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ސަރުކާރަށް އެމެރިކާއިން ވަރަށްބޮޑަށް ބައްލަވަމުންގެންދަވާކަން. ވަރަށްބޮޑަށް އިތުބާރުކުރައްވާ އަދި އިޙްތިރާމްކުރައްވާކަން.

ދެން ތިވިދާޅުވިގޮތަށް، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމުގެތެރޭގައިވާ ތަފާތު ބާރުތަކުން އެއްބާރުން އަނެއްބާރުގެ ބާރު ކަނޑުވާލަން، ނޫނީވިއްޔާ ބާރު މަދުކުރުމަށް މަސައްކަތްކުރެވޭގޮތަކަށް ދިމާވެއްޖެއްޔާ އެއީ ޑިމޮކްރަސީއަށް އަންނަ ހީނަރުކަމަކަށްވާނީ. ދެން މިހާރު ބުނެއުޅޭ، މިބާރުތަކުގެ ތެރެއިން ހަތަރުވަނަބާރަކީ އެއީ މީޑިޔާއޭ، އެހެންނޫންތޯ. އެހެންވިމާ މީޑިޔާއިން ވަރަށް މިނިވަންކަމާއެކީގައި ކަންކަމާބެހޭގޮތުން ވާހަކަދެކެވެންޖެހޭނެ.

ޤާނޫނުއަސާސީއޮތީ އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ކިލަނބުކަމެއްނެތި އަޅުގަނޑުމެންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ދެއްވާފައި. އެހެންވީމާ، ސަރުކާރުގެ މަޤާމްތަކުގައި ތިއްބަވާ ވެރިންނެއްކަމަކު ނޫނީ އެހެން އަމިއްލަ ހައިސިއްޔަތެއްގައި ހުންނަ މީހެއްކަމުގައި ވިނަމަވެސް އެމީހަކަށް ފެންނައެއްޗެއް ސާފުކޮށް ބުނުމަކީ އެއީ މިހާރު އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ތަންދޭކަމެއް. އެހެންވީމާ، ސަރުކާރުގެ އެއްބާރަކުން ކުރައްވާ މަސައްކަތް އެކަށީގެންވާގޮތަކަށް ނުކުރެވެޔޭ ބުނުމަކީ އެއި އަޅުގަނޑު ދެކޭގޮތުގައި އެއީކީ ކޮށްގެންނުވާނެ ކަމެއްނޫން. ޙަޤީޤަތުގައި ކުރަންވެސް ވާނެވެސްކަމެއް. ކަންތައް ނުކުރެވޭކަމަށް ވެއްޖިއްޔާ އެކަން ނުކުރެވޭވާހަކަ ޖެހޭނެ ދައްކަން. އެއި އޭރުން ޗެކްސް އެންޑް ބެލެންސްވެސް، އަޅުގަނޑު މިބުނާގޮތަށް އެއްބާރަކުން ކުރާކަންތައް އަނެއްބާރުން ބެލޭނީވެސް. އެވާހަކަ ދައްކައިގެން. ސަރުކާރުންކުރާ ކަންތަކަބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާޑު ވިދާޅުވަންޖެހޭނެ. އަދި ރައްޔިތުންގެ މަޖިލީހުންކުރައްވާ ކަންތަކާ ބެހޭގޮތުންވެސް ސަރުކާރުންވެސް ފާޑުކިޔަންޖެހޭނެ. ހަމަ އެހެން، ޖުޑީޝަރީވެސް. ޖުޑީޝަރީން ކަންތައްތައް ނުކުރެވޭކަމަށްވަންޏާ، މަސްތުވާތަކެތީގެ ބޮޑެތިކުށްތައްކޮށްފައިވާ މީހުން މިސާލަކަށް، ދޫކޮށްލާކަމަށްވާނަމަ، ނޫނީވިއްޔާ ކުޑަކުދިންނަށް ގޯނާކުރާމީހުންނަށް އަދަބުނުދީ އެމީހުން ދޫކޮށްލެވޭ ކަމަށްވާނަމަ، އެކަމާބެހޭގޮތުން ވާހަކަދެކެވެންޖެހޭނެ. އެކަންކަން ޖެހޭނެ ޖުޑީޝަރީގެ ތެރޭގައި އިޞްލާޙުކުރަން. އޭރުން އަޅުގަނޑުމެން މިއެދޭ، ޑިމޮކްރެޓިކް ނިޒާމު ވަރުގަދަކޮށް، މިކުރިޔަށް ގެންދެވޭނީ.

ޢަބްދުއްލަޠީފު އާދަމް – ރާއްޖެ ނިއުސް އޮންލައިން

މިހަމަ ކުޑަކުޑަ ސުވާލެއް އިނގޭތޯ. އެއީ މަސްތުވާތަކެތީގެވާހަކަ ދެންމެ ދެއްކެވިއިރުގައި އަޅުގަނޑުމެން އެވާހަކަ ވަރަށް އަޑުއަހައިފިން، ދެން އަޅުގަނޑު މިހިތަށްއަރަނީ މިސަރުކާރުގެވެސް މިހާރު ގަތްގަނޑަކަށް 8 މަސްދުވަސް ސަރުކާރަށް ވެގެން ދިޔައްޔޭ. އެކަމަކު އެ ހަކުރު ޕީސްގެ އަގު އަދިވެސް ހަމަހުރީ އެއްލެވެލްއެއްގައި ހިފެހެއްޓިފައޭ. އެހެންވީމާ އޭގެމާނައަކީ، އެ ސަޕްލައި ހަމަ ރަށުތެރޭގައި އުޅޭވަރަށް ހަމަ އެބައުޅެއޭ. އެހެންވީމާ މިސަޕްލައި މަދުކުރަން، މިހާރު އައްޑޫގައި ކުއްތާތަކެއްވެސް ގެންގުޅޭވާހަކަ އެބަ އަޑުއިވޭ. ދެން މާލެއަށް ކުއްތާއެއް އެއްޗެއް ގެންނަވައިގެން މިއިންސާނުންނަށް ނުވާކަންތައް ހޯއްދަވައިގެން، ސަޕްލައި މަދުކުރައްވަން އިތުރުފިޔަވަޅެއްއަޅުއްވަން ޚިޔާލެއް ނުކުރައްވަންތޯ؟

ނައިބްރައީސް ޑޮކްޓަރ މުޙަންމަދުވަޙީދު ޙަސަންމަނިކު:

އާދެ، ސަޕްލައި މަދުކުރުމަށްޓަކައި ވަރަށްބޮޑު މަސައްކަތްތަކެއް ކުރެވެމުންދަނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު މި ޕޮލިޝްރިޕޯޓުތަކަށް ބެއްލެވިޔަސް، ފުލުހުން މިހާރު ހިފަހައްޓާ މަސްތުވާތަކެތީގެ އަދަދު ގިނަވާކަން ތިބޭފުޅުންނަށް ޤަބޫލުކުރެއްވޭނެކަމަށް އަޅުގަނޑަށް ހީވަނީ. އަދި ހަމައެހެން، ބަނދުކުރެވޭ މީހުންވެސް ގިނަވަމުންދަނީ. ނަމަވެސް އެ ބަންދުކުރެވޭ މީހުންނަށް ޙުކުމްކޮށް، އެމީހުންނަށް ދޭންޖެހޭ އަދަބު ދިނުމުގައި، ޤާނޫނީގޮތުން އަދި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެ އިޞްލާޙުކޮށްނިމޭނެ. ދެން އެކަން މިހާރުވަނީ ވަރަށް އެކަމަށް ޤާބިލްބޭފުޅަކާ ޙަވާލުކުރެވިގެން، އެމަސައްކަތް ކުރެވެމުންދަނީ.

ދެން ތިވިދާޅުވިހެން، އަޅުގަނޑުމެން މިމަޤާމްތަކާ ޙަވާލުވިފަހުން އަދިވެސް އަޅުގަނޑުމެން އެދޭ ފެންވަރަކަށް މިކަން ކޮންޓްރޯލެއް ނުކުރެވޭ. އަޅުގަނޑުމެން އެކަމަށް އެއްބަސްވަން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެފަދައިން، މިހާރު ރައީސުލްޖުމްހޫރިއްޔާ ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލެއް އުފައްދަވައި އެކައުންސިލްގެ އިސްމީހެއްގެގޮތުގައި އަޅުގަނޑު ވަނީ ހަމަޖައްސަވާފައި. އެގޮތުން އެކައުންސިލްގެ ފަރާތުން މިހާރު ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރެވެމުންދޭ. މިދެންނެވިހެން، ޤާނޫނު އިޞްލާޙުކުރުމާ، އަދި މީގެއިތުރުން ބަންދުކުރަންޖެހޭމީހުންގެ ކަންތައްތައްވެސް އެ އިންވެސްޓިގޭޝަންގެ ކަންތައްވެސް، އެކަންތައްވެސް އޭގެ ސެކިއުރިޓީއާބެހޭ ބައިން، އޭގެ ލޯ އިންފޯސްމެންޓާ ބެހޭބައި. އެބަ މަސައްކަތްކުރަމުން ގެންދޭ.

ދެން ހަމައެހެން، އަޅުގަނޑުމެން މިހާރު އަދި އަޅުގަނޑުމެން ހިތްހަމަޖެހޭވަރަށް ނުކުރެވޭކަމެއް ރީހެބިލިޓޭޝަން ސާރވިސަސް ޓްރީޓްމަންޓްގެ ކަންތައްތައްކުރިޔަށްގެންދިޔުން. މިހާރުވާނީ މިކޮމިޓީން ނިންމާފައި، އެކަން ކުރިޔަށްގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ތެރޭގައި ވަކި ޑިޕާރޓްމަންޓެއް އުފައްދަވައި، އެޑިޕާރޓްމަންޓްގެ ފަރާތުން ރީހެބިލިޓޭޝަންގެ ކަންތައްތައް ކުރިޔަށް ގެންދަވަން. އެހެންނަމަވެސް، އެކަން އަދިވެސް ހަމަނުޖެހި ލަސްވަމުން އެބަދޭ. އެހެންނަމަވެސް، މިހާރު ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލުން ނިންމާފައިއޮތް ނިންމުމެއް އެއީ. އެގޮތަށް ވަކިޑިޕާޓްމަންޓެއް ހަދައިގެން، މިކަމަށްދޭންޖެހޭ ސަމާލުކަން ހުރިހާ ފަރާތަކުންވެސް ދީގެން ކުރަން ފެށުމުން އަޅުގަނޑަށްހިވަނީ މާލަހެއްނުވެ މީގެނަތިޖާތައް ފެންނަން ފަށާނެހެން. އަޅުގަނޑު ހިތްހަމަޖެހޭ ގޮތަކަށް ނޫން، މިރީހެބިލިޓޭޝަން ސެންޓަރ މިހާރު ހިނގަމުންދަނީކީ. އަދި ބަންދުކޮށްފައިތިބި، ޖަލުގައި ބަންދުކޮށްފައިތިބޭ މީހުންނަށްވެސް އަޅުގަނޑުމެން ދޭންޖެހޭ ޚިދްމަތެއް އަދިވެސް ނުދެވޭ. އެހެންނަމަވެސް ތިކަމާބެހޭގޮތުން އަޅުގަނޑު މިދެންނެވީ ވަރަށްގިނަ ފަރާތްތަކާ މިހާރު ވާހަކަދެކެވެމުން، އެކަން ރަނގަޅު ކުރެވޭތޯ މަސައްކަތްތަކެއްކުރެވެމުން އެބަދޭ. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ މިކަމަށް ޙައްލެއްފެންނާނެ.

ދެން ހަމަ އެހެން، ނާކޮޓިކްސް ކޮންޓްރޯލު ކައުންސިލުން ނިންމާފައިއޮތް ނިންމުމެއް، ޑީޓޮކްސިފިކޭޝަން ސެންޓަރެއް ވިލިނގިލީގައި ގާއިމުކުރުން. އެމަސައްކަތްވެސް މިހާރު ހިނގަމުން އެބަދޭ. އެއީ ވާގޮތަކީ، ދަންނަވަންތޯ މިހާރު މީ ސަޕްލައި ސައިޑުން، ބާޒާރުގައި ލިބެންހުންނަ މަސްތުވާތަކެތި މަދުވާންފެށީމާ އޭގެ ސަބަބުން ނުކުންނަ އަސަރުތަކެއްވެސް އެބަހުރޭ. އެއްކަމަކީ ކުށްގިނަވުން. އެއީ، ބޭނުންކުރާކުދިންނަށް އެ ނުލިބޭންފެށީމާ އެމީހުން ކޮންމެގޮތެއްހަދާފައިވެސް އެ ހޯދަން އެބަ ލާރިހޯދަންޖެހޭ. ވައްކަންކުރުމާ މިބާވަތުގެ ކަންތައްތައް ގިނަވެގެންދާނެ. ދެންއެހެންވީމާ، އަދިހަމައެހެން، އަމިއްލައަށް އެކަކު އަނެކަކަށް ހާނިކަކުރުމާ އަމިއްލައަށް މަރުވުން، ނޫނީ، އަދި އެއަށްވުރެވެސް ނުރައްކާތެރިއެއްޗެހި ބޭނުންކުރުމުގެ ސަބަބުން މަރުވުންފަދަ ކަންތައްތައްވެސް ކުރިމަތިވުން އެކަށީގެންވޭ. އެހެންވީމާ، މިކަންކަމާދޭތެރޭގައިވެސް އަޅުގަނޑުމެން އެބަވިސްނަންޖެހޭ. ވިސްނާފައި މިދެދިމާލުން އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ، މިކަންކަން ރަނގަޅުކުރެވޭތޯ.

ދެން ޑީޓޮކްސިފިކޭޝަން ސެންޓަރތަކެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑަ އަޅުއްވައިގެން، އެކަން ފަށްޓަވައިގެން އުޅުއްވަތާ މިހާރު ދުވަސްކޮޅެއްވެއްޖެ. އެހެންނަމަވެސް ހަމަ ކަންތައްތައް އަޅުގަނޑުމެން ހިތްހަމަޖެހޭވަރަށްވުރެ މާލަހުން ކުރިޔަށްމިދަނީ. އެހެންވީމާ، އަޅުގަނޑުމެން އެކަމަށް އިތުރުބާރު އަޅަމުންގެންދާނަން.


މޫސާވަސީމު – ޓީވީ މޯލްޑިވްސް

އަޅުގަނޑު ވަސީމު އިނގޭތޯ، ޓީވީ މޯލްޑިވްސްއިން. އަޅުގަނޑުގެ ސުވާލަކީ، ދެންމެގައި، މަނިކުފާނު ފާހަގަކުރައްވައިފި، ދެރޮނގަކުން ފަންނީ އެހީދެއްވާނެކަމަށް. ވިދާޅުވީމައޭ ދެއްވާނީކަމަށް. އަޅުގަނޑު އުފެދޭ ސުވާލަކީ. ވަޑައިގެންނެވި ދަތުރުފުޅުގައި ކޮންކަހަލަ ޕްރޮޕޯޒަލެއްތޯ ގެންދެވީ؟ ކޮބައިތޯ ހުށަހެޅުނުގޮތަކީ؟ ކިހާވަރަކަށް ވިސްނަވާފައި ކޮންކަހަލަ ރިސާޗްތަކެއް ކުރައްވާފައި، އެންމެ އިސްކަމެއް
ދެއްވާފައިވަނީ ކޮންކޮން ކަންތައްތަކަކަށްތޯ؟ މައިގަނޑު ދެކަމެއްގެ ވާހަކަ ފާހަގަކުރެއްވީމާ، ވިދާޅުވި ވިދާޅުވުވުމެއް އިނގޭތޯ، މިއީ. ހުށަހެޅުއްވީމާ ލިބޭނެއޭ ވިދާޅުވީމާ، އަޅުގަނޑު މިހިތަށްއަރަނީ، ހުށަހަޅުއްވާއިރުގައި، ކޮންގޮތަކަށްތޯ ވިސްނަވާފައިއޮތީ؟ އަދި ތިވިދާޅުވަނީ، ކުރުމުއްދަތެއްގެތެރޭގައި މިކަމުގެ ފައިދާ ފެންނާނެކަމަށް. ކުރުމުއްދަތު ތި މާނަކުރައްވަނީ ކިހާވަރަކަށްތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދުވަޙީދު ޙަސަންމަނިކު

އާދެ، މަސްތުވާތަކެއްޗާބެހޭގޮތުން އަޅުގަނޑު ދަންނަވަންއޮތި، މިހާރުވެސް، މިހާރު މަސްތުވާތަކެތި ކޮންޓްރޯލްކުރުމާ ބެހޭގޮތުން، އޭގެ ލޯ އިންފޯސްމެންޓް ސައިޑް ސަޕްލައި ސައިޑުން އެއީ މިހާރު އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގައި، އެއީ ކަސްޓަމްސް އާ ބޯޑަރ ކޮންޓްރޯލަރ މިކަންކަމާ ބެހޭގޮތުން އަޅުގަނޑުމެން ހޯދަންޖެހޭ އިންޓެލިޖެންސް، މަޢްލޫމާތު ހޯދުމާ އަދި އެކަމުގައި ތަޖްރިބާކާރު މީހުންނާ މަޝްވަރާކުރުމާ މިކަންކަމުގައި އެމެރިކާގެ ބޯޑަރކޮންޓްރޯލް އާ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ފަރާތުން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުން އިރެއްގައި އަޅުގަނޑުމެންނަށް އެމަޝްވަރާދެއްވާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ.

ދެން އޭގެ އިތުރުން، ރާއްޖެއަށް އަންނަ ބިދޭސީންނާ އައިސް ފުރާމީހުންނާބެހޭ މަޢްލޫމާތު މިހާރަށްވުރެ ރަނގަޅަށް ހަމަޖެހިފައި ބެހެއްޓުމަށްޓަކައި އެމަޢްލުމާތުގެ ޑޭޓާބޭސް ވަރުގަދަ ކުރުމަށް އެކަމަށްޓަކައި، އެއާބެހޭ ޕްރޮޕޯޒަލެއް އަޅުގަނޑު ގެންދިޔައިން. އެޕްރޮޕޯޒަލްވަނީ އެމެރިކާ ސަރުކާރަށް ހުށަހެޅިފައި މިހާރު. އެހެންވީމާ އެކަމާބެހޭގޮތުން އެބޭފުޅުން ވިސްނާވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިއޮތީ. އަޅުގަނޑު އުންމީދުކުރަން، އެ ސިސްޓަމް ރާއްޖޭގައި ޤާއިމު ކުރުމަށްޓަކައި އެހީ ލިބޭނެކަމަށް.
ދެން ކުރިންދެންނެވިހެން، މިކަން އަވަސްވުމާ ލަސްވުމާ އޮތީވެސް އަޅުގަނޑުމެންނަށް މީގައި އެންގޭޖުވެގެން. ފްލޯއަޕް ކުރެވުނުހާވެސް އަވަހަކަށް. ދެން އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އެގޮތުން ބޭނުންވާ އެހީ ލިބޭނެ. ދެން ކުރިޔަށްއޮތް ދެމަހެއްހާދުވަހުގެ، ސެޕްޓެމްބަރ ހާތާނގައި ލަސްވެގެންވެސް މި ރީހެބިލިޓޭޝަންގެ ކަންތައްތައް ހިންގައިދިނުމަށްޓަކައި އެކަންކަން ބެލުމަށް އެމެރިކާގެ ކުންފުންޏެއް ރާއްޖެއަށް ޒިޔާރަތްކުރާނެ. ދެން އެކުންފުނީގައި ތިއްބެވި ބޭފުޅުންނަކީ އަޅުގަނޑުދެކޭގޮތުގައި ވަރަށް ތަޖުރިބާކާރުން. އަދި އެމެރިކާގެވެސް މިކަންކަން ކުރުމުގައި ޑްރަގް އެންފޯސްމަންޓް އެޖެންސީގެ އެންމެ އިސްބޭފުޅަކަށް ހުންނެވި ބޭފުޅެއް އޭގައި އެބައުޅުއްވާ. އެހެންވީމާ އެކަހަލަބަޔަކު ރާއްޖޭގައި މިމަސައްކަތްކުރަން ފަށައިފިއްޔާ އޭގެސަބަބުން އަޅުގަނޑުމެގެ ކްރެޑިބިލިޓީއާ އަދި އަޅުގަނޑުމެންނަށް މިކަން ކުރުމުގައި ހަމަ އެންމެ ރަނގަޅު ތަޖުރިބާޔާ މަޢްލޫމާތު އަޅުގަނޑުމެންނަށް ލިބޭނެ.

އިބްރާއީމްވަޙީދު – ހާމަނޫސް

އަޅުގަނޑު ހާމަނޫހުން، ވަޙީދު. އާދެ، މަނިކުފާނު ވިދާޅުވެއްޖެ، ބަންކީމޫން އާ ދެކެވުނު ވާހަކަގައި ރާއްޖެ އެންމެކުޑަކޮށް ތަރައްޤީވެފައިއޮތް ލިސްޓުން އުނިވުމާ، ތަންކޮޅެއް މައްޗަށް ޖެހުމާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް. ދެން ސަރުކާރުގެ ބޭފުޅުން އެބަވިދާޅުވޭ، ޙަޤީޤަތުގައި އަދި ރާއްޖެ ތަރައްޤީވާންޖެހޭ މިންވަރަށް ބޭރުން ލިބުނުފައިސާތަކާ، އެހީތަކާއެއްޗެހި ބޭނުމެއްނުކުރެވެއޭ. އެހެންވީމާ ޙަޤީޤަތުގައި މިއީ އެދަނޑިވަޅެއްނޫނޭ. އެހެންވީމާ މިބޭރުފަރާތްތަކުގެ ވިސްނުންކިހިނެއްތޯއޭ ހުރީ. ރާއްޖެ ހަމަ އެލިސްޓުން އުނިވާންވީ ވަގުތު މިހާރު އައިސްޖެހިއްޖެތޯ؟

ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދުވަޙިދު ޙަސަންމަނިކު

ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކަށް މިއޮތީ މިރިސިޝަންގެ އަސަރު ފޯރާފައި. އަޅުގަނޑު އެވާހަކަދެންނެވީމު. އަޅުގަނޑު ދެންނެވީ މިދަނޑިވަޅަކީ މިއީ ގްރޭޖްއޭޓްވާކަށްވެސް މާރަނގަޅު ވަގުތެއްވެސް ނޫނޭ. އެހެންނަމަވެސް އަދި އަހަރެއްހާ ދުވަސް އެބައޮތް އަޅުގަނޑުމެންނަށް ގްރޭޖްއޭޓްނުވެ، ތައްޔާރުވާން. ދެން މިހާރު މި އަޅުގަނޑަށް ޔަޤީންކޮށް އެރުވީ، މީގެސަބަބުން ރާއްޖެއަށް ގެއްލުމެއް ނުލިބޭނެއޭ. ރާއްޖެއަށް އެތައް އާދޮރުތަކެއް ހުޅުވިގެންދާނެއޭ، އެގޮތުން އަޅުގަނޑުމެންނަށް އެކި ފަރާތް ތަކުން ލިބޭ އިންވެސްޓްމެންޓަށް ބޭނުންވާ އެކިއެކި ލޯންތައް ހޯދުމަށް ފަސޭހަވެގެންދާނެއޭ. އަދި މިހާރު ކުޑަޤައުމަކަށްވާތީ ލިބޭ ހިލޭއެހީ، އެ މިހާރު ކުރިން ލިބޭވަރަކަށް އެއްވެސް ޤައުމަކަށް ނުވެސް ލިބެއޭ. އެބައިދަނީ ކުޑަވަމުންނޭ. އެހެންވީމާ އޭގެސަބަބުން އެގެއްލިގެންދާއެއްޗަކަށްވުރެ މާ ބޮޑުއެއްޗެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ.

ދެން ރާއްޖޭގެ އިޤްތިޞާދުގެ އަސާސް އަދިވެސް ވަރުގަދަކަމަށް ހުރިހާބޭފުޅުންވެސް ދެކެވަޑައިގަންނަވާ. ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަމެއް އައިސްގެން، އިޤްތިޞާދު ހަލާކުވާ ހިސާބެއްގައެއްނޫން އަޅުގަނޑުމެން މިތިބީކީ. ވަގުތީގޮތުން ދުނިޔެއަށް އައިސްފައިވާ ރިސިޝަނެއްގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމުން ރާއްޖެއަށްލިބޭ އާމްދަނީ ކުޑަވެދާނެކަމަށް އަޅުގަނޑުމެންނަށްވެސް އެނގޭ. އަނެއްކާ ދުނިޔޭގެ އެހެން ބޭފުޅުންވެސް ގަބޫލުކުރައްވާ. އެހެންވީމާ، މި ދަތިކަމަކީ މިއީ ވަގުތީ ދަތިކަމެއްކަމަށް ހުރިހާ ބޭފުޅުންވެސް ދެކެވަޑައިގަންނަވަނީ.

އާސިޔަތު މުޙަންމަދު ސަޢީދު – ހަވީރު ނޫސް

ތިޔަދެއްވި ޖަވަބާވެސް ގުޅިގެން ފުރަތަމަ ދަންނަވާލާނަން، ފޮރިންގ މިނިސްޓްރީއިން ދާދިފަހުން ބޭއްވެވި ނިއުސް ކޮންފަރެންސްގައިވެސް ވިދާޅުވި މި އިލް.ޑީ.ސީ ބައެއްޤައުމުތަކުން އެބަ މަސައްކަތްކުރެއޭ، ގްރޭޖްއޭޓްވުން 2015 ވަނަ އަހަރަށް ލަސްކުރަން. ރާއްޖެއިން އެކަމަށް ތާއީދުކުރަން ވިސްނަމުން އެބަގެންދަމޭ ސަރުކާރުން. އެގޮތަށް ވެދާނެތޯ؟ ފުރަތަމަ ސުވާލު. ދެވަނަ ސުވާލަކީ، މަސްތުވާތަކެއްޗާ ގުޅޭ ސުވާލެއް. ސްރިލަންކާގައި 25 އަހަރަށް ޖަލައްލާފައިހުރިމީހަކު ރާއްޖެގެނެސް ދުކޮށްލުމާބެހޭގޮތުން މަނިކުފާނު ކީކޭތޯ ވިދަޅުވާނީ. އެއީ ޖަސްޓިފައި ކުރެވޭކަމަކަށް ވެއްޖެއްޔާ އެއީ ކީއްވެގެންތޯ؟

ނައިބްރައިސް ޑޮކްޓަރ މުހަންމަދުވަޙީދު ޙަސަންމަނިކު

ފުރަތަމަ ސުވާލަށް ޖަވާބު ދަންނަވަނަން. އެއީ މިހާރު ސަރުކާރުން އޮތީ ވަކިގޮތަކަށް ނިންމަވާފައި. އަދި އެނިންމެވި ނިންމެވުން އދ. އަށްވެސް އަންގަވާފައި. އެއީ މިހާރު ހަމަޖެހިފައިވާގޮތުން 2011 ވަނައަހަރުން ފެށިގެން ރާއްޖެ ގްރޭޖްއޭޓްވާގޮތަށް. މިޑްލް އިންކަމް ޤައުމަކަށް ބަދަލުވާގޮތަށް. އެކަން އެއޮތީ ނިމިފައި. މިކަމަކީ މީގެކުރިންވެސް ދެފަހަރެއްގެމަތިން ލަސްކުރެވިފައިއޮތް ކަމެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އެހީދޭ ފަރާތްތަކުންވެސް ދެކެނީ އަޅުގަނޑުމެން މިހާރުދެން އެލަސްކުރަން އުޅުމަށްވުރެ، އެއާއިގެން ކުރިޔަށްދިޔައްޔާ މާރަނގަޅުވާނެކަމަށް. އަޅުގަނޑުމެންނާ އެއްވަރުގެ އެހެންބައެއް ޤައުމުތައްވެސް އެގޮތަށް އެބަތިބި. މިސާލަކަށް ދަންނަވަނީނަމަ، ކޭޕް ވާރޑް އެއީ އެފްރިކާގެ ޤައުމެއް. ހަމަ އަޅުގަނޑުމެންގެ ފަންތީގައި އެގޮތަށް ކުރިޔަށްދާގޮތަށް ނިންމާފައި މިހާރުއޮތީ. އެހެންވީމާ އަޅުގަނޑަށް ހީވަނީ މިހާރު އެއީ ނެގިފައޮތް ޑިޒިޝަނެއްހެން. ދެން ތިވިދާޅުވިހެން، އަޅުގަނޑު ކުރީދުވަހަކުވެސް ދެންނެވިން، މި އައިސްގެންއުޅޭ ރިސެސަންގެ ސަބަބުން ދިމާވާ ވަގުތީ ދަތިތަކެއް އެބަހުރި. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރު އަންނަންވާއިރަށް މިދަތިތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ.

ދެން ތިވިދާޅުވީ، ސިލޯނުގައި ބަންދުކޮށްފައިހުރި ކުއްޖަކު މަސްތުވާތަކެތީގެ ކަންތަކުގައި ބަންދުވެފައިހުރި ކުއްޖަކު ރާއްޖެއަށް ބަދަލުކުރިވާހަކަ. އަޅުގަނޑުމެން ބޭނުންވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބޭރުޤައުމުތަކުގައި އެގޮތަށް ބަންދުކުރެވޭ ހަމަ ހުރިހާއެންމެންނަށްވެސް އަޅުގަނޑުމެންނަށް ހަމަވެވުނުވަރަކުން އެހީވެދީގެން، ރާއްޖެއަށް އެމީހުން ބަދަލުކުރުން. އެއި ދިވެހިރާއްޖޭގެ ރައްޔިތުން ބޭރުގެ ޤައުމުތަކުގެ ޖަލުތަކުގައި ތިބުމަކީ އެއި އަޅުގަނޑު ދެކޭގޮތުގައި މާރަނގަޅުކަމެއްނޫން. އެއަށްވުރެން މިރާއްޖޭގައި އެމީހުން ބޭތިއްބުން މާރަނގަޅު. އެކަމަށްޓަކައި ބެލެނިވެރިން އެދިގެން ސަރުކާރުގެފަރާތުން ކޮށްދެވެންހުރި ހުރިހާ އެހީއެއް އަޅުގަނޑުމެން ކޮށްދޭނަން.

ދެން އެހެން ގެންނަގެނައުމުގައި ގެނެއްސާ ދޫކޮށްލުމަކީއެއީ، އަޅުގަނޑަށްހީވަނީ ރާއްޖޭގައިވެސް އެކަން ކުރަންޖެހޭނީ ރާއްޖޭގެ ޤާނޫނާ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން. އެހެންވީމާ، އެއީ އަޅުގަނޑަކަށް ހިއެއްނުވޭ އަދި އެހެން އެގެނެވޭ މީހަކު ދޫކޮށްލެވޭގޮތަކަށްހެން އޮތީކީ.

އިބްރާހީމްވަޙީދު – ހާމަނޫސް

އަޅުގަނޑުގެ ދެވަނަ ސުވާލެއްގެގޮތުގައި ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު ވިދާޅުވެއްޖެ، މަނިކުފާނުގެ ވިސްނުމުގައިހުރި ދެކަންތައްތަކަށް ފަންނީ އެހީ ދެއްވާނެވާހަކަ. ދެން އަޅުގަނޑުމެންނަށް މިދުނިޔޭގެ މިއޮތް އިޤްތިޞާދީ ހީނަރުކަމާއެއްކޮށް، ރާއްޖެއަށް މިއޮތް ހީނަރުކަމާއެކު، މާލީއެހީއެއް ދެއްވާނެ އެއްވެސްބަޔަކު ހަމަ ތިދަތުރުފުޅުގައި ފެނިވަޑައިނުގަންނަވާތޯ؟ އެއްވެސްވަރެއްގެ މަލީއެހީތަކެއް ދެއްވާނެތޯ؟ ދެން އަނެއްސުވާލަކީ މަސްތުވާތަކެތީގެ މައްސަލާގައި އަޅުގަނޑުމެންނަށް އެންމެބޮޑަށް ފާހަގަކުރެވޭކަމަކަށް މިއޮންނަނީ ބޮޑެތިކުށްތަކުގައި ޙުކުމްކުރެވިފައިތިބި މީހުން ދޫވެގެން އުޅޭމައްސަލަ. ރާއްޖޭގެ ޖަލުތައް އެކަމަށް ތައްޔާރުކޮށް ގިނަ ޖަލުތަކެއްހަދައި، ނޫނީ އެމީހުން ބަންދުގައި ބޭތިއްބޭނެގޮތެއް ހެދުމަށްޓަކައި ކިހާވަރަކަށް ވިސްނުން އެބަ ގެންގުޅުއްވަމުތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު:

އާދެ، ބޭރުގެއެހީ މިދަތުރުގައި އަޅުގަނޑުމެން ވާކަދެއްކި ފަރާތްތަކުން، އަޅުގަނޑުމެންގެ އުންމީދު އެބައޮތް، ފަންނީ އެހީގެ އިތުރުން މާލީ އެހީވެސް ލިބޭނެކަމަށް. ދެން އެގޮތުން ޚާއްޞަ ގޮތެއްގައި އަޅުގަނޑު ދެންނެވިން، މެދުއިރުމަތީގެ ދެޤައުމެއްގެ ބޭފުޅުންނާ އަޅުގަނޑުމެން ވާހަކަދެއްކި ވާހަކަ. އެހެންވިމާ ސަރުކާރުގެ ބަޖެޓަށް މިހާރު މިއައިސްފައިވާ ދަތިކަން ފިލުވައިދެއްވިދާނެތޯ އަޅުގަނޑު ސުވާލުކޮށް، އެކަމަށް އަޅުގަނޑު އެދުނިން. އެކަމާބެހޭގޮތުން އެބޭފުޅުން، އެބޭފުޅުންގެ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެކަމަށް އަޅުގަނޑު ކައިރީގައި ވިދާޅުވި. އެހެންނަމަވެސް ކަނޑައެޅިގެން ކިހާވަރެއް ކަމެއް އަދި ސާފެއްނުވޭ. ދެން އެކަމާބެހޭގޮތުން މިހާރު އަޅުގަނޑުމެންގެ ސަރުކާރާ އެ ސަރުކާރުތަކާ ދޭތެރޭގައި ހިންގަންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް މިހާރު ހިނގަމުން މިދަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހޭނެކަމަށް އަޅުގަނޑު އުންމީދުކުރަން. ދެން ދެންނެވިން އޭގެއިތުރުން، ސަޢޫދީ ސަރުކާރުން އދ. މެދުވެރިކޮށް، ތެޔޮ ރާއްޖެއަށް ލިބޭނެކަމުގެ އުންމީދެއްވެސް އަޅުގަނޑުމެންނަށް ދެއްވިކަމަށް. އެއީ މިހާރު ތެލަށްވެސް، ތެލަކީވެސް އެއީ މިރާއްޖޭގެ ބަޖެޓުން ވަރަށްބޮޑު ޚަރަދެއް ކުރަންޖެހެ އެއްޗެއް. ދިވެހި ރާއްޖޭގައި އަހަރެއްގެ މައްޗަށް އެބަ އިންޕޯޓު ކުރެވޭ ގާތްގަނޑަކަށް 206 މިލިޔަން ޑޮލަރުގެ ޕެޓްރޯލިއަމް ޕްރޮޑަކްޓްސް. އެއީ ވަރަށްބޮޑު އެއްޗެއް. އެހެންވީމާ، އެގޮތުން އެހީއެއް ލިބުނަސް އެއީ ލިބޭ ވަރަށްބޮޑު ލުޔަކަށްވާނެ. ދެން އަދި އޭގެއިތުރުން އަޅުގަނޑު ދެންނެވިން، ސްކޯލަރޝިޕް، ދެފަރާތަކުން އަޅުގަނޑުމެންނަށް ސްކޯލަރޝިޕް ލިބުމުގެ އުންމީދު ވަރަށްބޮޑަށް އެބައޮތްކަމަށް. ޚާޢްޞަކޮށް، ސައިންސް އެންޑް ޓެކްނޮލޮޖީގެ ރޮނގުން.

( ހުއްދަ ދެއްވައިފިއްޔާ އަދި ދެބޭފުޅުން އެބަތިއްބެވި އިނގޭތޯ، )

އާދެ، އެހެންވީމާ ދެން ވިދާޅުވީ އެއީ ޖަލުގެ ވާހަކަތޯ؟ އާދެ، ތެދެއް ތިވިދާޅުވީ. މިހާރު ރައްޖޭގައި އަޅުގަނޑުމެން އެބަޖެހޭ ޖަލުގެނިޒާމު ވަރުގަދަކުރަން. އެކަމާ ބެހޭގޮތުން އަޅުގަނޑު މެންނަށް ދިމާވާ ދަތިތަކެއް އަޅުގަނޑުމެންނަށް މިހާރު ފެނިފައި މިއޮތީ. އެހެންވީމާ ރާއްޖޭގެ ޖަލުތައް ވަރުގަދަކުރުމަށްޓަކައި ކުރިންވެސް އަދި މިހާރުވެސް އަޅުގަނޑުމެން ޚިޔާލުކުރަމުން މިގެންދަނީ، އާ ޖަލެއްވެސް، މިޒަމާނުގެ އާ ޖަލެއް ޢިމާރާތްކުރުމުގެ ކަންތައް ކުރެވޭތޯ. އެހެންވީމާ އެކަމާބެހޭގޮތުންވެސް އަޅުގަނޑުމެން ކުޑަކޮށް ވާހަކަދެއްކީމު. އެހެންނަމަވެސް މިދަތުރަކު އަދި ޖަލެއް ޢިމާރާތްކުރުމާބެހޭގޮތުން އެހީއެއް ލިބޭގޮތެއްނުވޭ. ދެން އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، އެކަމާބެހޭގޮތުންވެސް އަޅުގަނޑުމެންނަށް އަދި އެހެން ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރާނަން. ދެން މިދަނޑިވަޅަކީ މިއީ ބަޖެޓުން އެވަރުގެ ބޮޑު ޚަރަދެއް ކުރެވޭވަރުގެ ދަނޑިވަޅެއްނޫން. އެހެންނަމަވެސް މިހާރުހުރި ޖަލުގެތެރޭގައި ޢިމާރާތް ކުރެވެމުންދާ ތަންތަން، "ޕެންޓަރގަން"ގެ ނަމުގައި އަޅުގަނޑުމެންނަށް މިއިވެމުންދާ ޢިމާރާތް، އެ ޢިމާރާތް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ނިމޭނެ. އެމަސައްކަތް މިހާރު ކުރެވެމުންދަނީ. ދެން އެ ޢިމާރާތް ނިމުމާގުޅިގެން، ޖަލުގެތެރެއަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ޖަލުގެ ކަންތައް ދަތިކަމުން މާ ލުއި އަދަބުތަކުގައި އެތަނަށްވައްދާ މީހުންވެސް ހަމަ މިބައިތިއްބަން ޖެހެނީ ބޮޑެތި އަދަބުތަކުގައި ޙުކުމްކުރެވިފައިވާ މީހުންނާ ހަމަ އެއްގޮޅިތަކެއްގައި. އެހެންވީމާ، އެކަމަށް ލުޔެއް ލިބޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން.

ދެން ތިވިދާޅުވިހެން، ބައެއް ކުށްތައް ކުރާމީހުން ދޫވުމުގެ މައްސަލަ އިނގޭތޯ. އެމައްސަލައަކީ އެއީ އަޅުގަނޑު ކުރިންދެންނެވިހެން، ޤާނޫނަށްވެސް ބަދަލުތަކެއް އައިސްގެން ޙައްލުކުރެވެންއޮތް ކަމެއް. އަދިހަމަ އެހެން، ޖުޑީޝަރީގެ، ޖުޑީޝަރީގެ ޖަޖުންނަށާ އަދި މިކަމަށް އެޑްވޮކޭޓް ކުރާ އެޑްވޮކޭޓުން ނަށްވެސް މިހާރަށްވުރެ ރަނގަޅު ތަމްރީނުތަކެއްވެސް ދެވިގެން އެކަންކަން އަޅުގަނޑުމެންނަށް އިޞްލާޙުކުރެވޭނީ. އޭގައި ވަރަށްބޮޑެތި ކަންތަކެއް އެބަޖެހޭ އަޅުގަނޑުމެން ކުރަން.



ދި ޓީވީ – ޢަބްދުﷲ

ދިޓީވީއިން އަޅުގަނޑު ޢަބްދުﷲ. ، އެހެން ޤައުމުތަކުންވެސް އަޅުގަނޑުގެ ސުވާލަކީ، ދިވެހިރާއްޖެ މަސައްކަތްކުރަމުން މިދަނީ، ކާބަން ނިއުޓްރަލް ފުރަތަމަ ޤައުމަށްވުމަށް. ދެން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިކަމަށް މަސައްކަތްކުރަމުންދާކަމަށް އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައިވޭ. ދެން މިކަމަށް ކޮންކޮން އެހީތަކެއްތޯލިބުނީ؟ ދެން މިކަމަކީ ވެސް ބޮޑު ޚަރަދެއްވެސް ހިނގާނެ ކަމެއް. އިނީޝިއަލް ސްޓޭޖުގައި. މާލީ އެހީތަކެއް މިކަމަށް ލިބޭނެކަހަލަގޮތެއް ވޭތޯ؟ އެބަ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު:

އާދެ، ތިއީ އަޅުގަނޑުމެންނަށް މިހާރު، ތިވާހަކަދެއްކީމާ އިނގޭތޯ، ބައެއްފަރާތްތަކުން އެކަމާ ޝައްކު ކުރެވޭކަހަލަ ގޮތަކަށް ވާހަކަ ހުންނަނީ. އަނެއްބައިފަރާތުން ބުނަނީ ތިއީ މާ ލަސްވެފައި އޮތް ކަމެކޭ އިނގޭތޯ. ތިތައީ ތިޔަށްވުރެ މާއަވަހަށްވެސް ކުރެވިދާނެ ކަމެކޭ. މިދަތުރުގައި އަޅުގަނޑުމެންނަށް ދިމާވި ސައިންޓިސްޓެއް އަޅުގަނޑުމެންގެ ކައިރިގައި ބުނީ، މާއަވަހަށް ތިކަން ކުރެވިދާނެއޭ. ތިހާ ލަސްކުރަން ނޫޅޭށޭ. 10 އަހަރު ދުވަސް ވުމަށްވުރެ މާކުރިން ތިކަން ކުރެވޭނެއޭ. ދެން އެކަން ކުރެވޭނީ ކިހިނެއްތޯ ބެލުމަށްޓަކައި ވަރަށްގިނަ ފަރާތްތަކާ އަޅުގަނޑުމެން ވާހަކަދެއްކީމު. ވާހަކަދެއްކިއިރުގައި އަޅުގަނޑު ހަމައެކަނި މިސާލެއްގެގޮތުން ދަންނަވާލާނަން، އަޅުގަނޑުމެންނާ ދިމާލަށް ޕްރޮޕޯޒަލެއް ހިފައިގެންއައި އެއްކުންފުންޏެއް، އެމިހުން މިބުނަނީ، ތިމަންނަމެންގެ ޚަރަދުގައި ތިމަންނަމެން މިތާނގައި ކަނޑުގެ ތާރމަލް އެނަރޖީ ބޭނުންކޮށްގެން އަޅުގަނޑުމެން އިލެކްޓްރިސިޓީ އުފައްދައިދީފާނަމޭ. ދެން ކަލޭމެން ގަންނަގޮތަކަށް އޭރުން ތިމަންނާމެން ހަމަޖައްސަފާނަމޭ. ދެން ވަކިމުއްދަތަކަށްފަހުގައި ސަރުކާރުން ނޫނީވިއްޔާ ރާއްޖޭގެ ކުންފުންޏަކުން ތިމަންނަމެންގެ ކުންފުނި ގަންނަން ބޭނުންކަމަށްވަންޏާ އެކަންވެސް އެގޮތަށް ކުރެވިދާނެއޭ. އެހންވީމާ މިކަހަލަ ތަފާތު ޕްރޮޕޯޒަލްތައް އެބައާދޭ، އަޅުގަނޑުމެންނާ ދިމާއަށް.

ދެން ހަމަ އެހެން، ވައި ބޭނުންކޮށްގެން ވިންޑް އެނަރޖީ ބޭނުންކުރުމާ، ސޯލާ އެނރޖީ ބޭނުންކުރުމާ، މިކަހަލަ ތަފާތު ޕްރޮޕޯޒަލްތައް އާދޭ، އަޅުގަނޑުމެންނާ ދިމާލަށް. އެހެންވިމާ، މިޕްރޮޕޯޒަލްތައް ކުރިން ދެންނެވިހެން، އަޅުގަނޑުމެންނަކީ މީގެ މާހިރުންނެއްނޫން. އެހެންވީމާ އެ ޖެހޭނެ އަޅުގަނޑުމެން ވަރަށްރަނގަޅަށް ބަލަން. އެހެންވެގެން އަޅުގަނޑު ކުރިންދެންނެވިހެން، ސްޓޭންފަޑްޔުނިވަރ ސިޓީގެ މިދެންނެވި ޕްރިކޯ އެނަރޖީ އެފިސެންސީ ސެންޓަރ ކަހަލަތަންތަނާ އަޅުގަނޑުމެން މިވާހަކަ ދައްކަނީ. އޭރުން އެތާނގައިތިބި ސައިންޓިސްޓުންނަށް އަޅުގަނޑުމެން މިއެއްޗެހި ދައްކައިގެން، އެމިހުންގެ ލަފަޔާއެކީގައި އަޅުގަނޑުމެން ނަގާ ޑިޒިޝަނެއް ނަގަންޖެހޭނީ. އަޅުގަނޑަށް ހީވަނީ، މިހާރު މިވާގޮތަކީ ދުނިޔޭގެބައެއް ޤައުމަކުގައި އެއްކަލަ ބޮޑެތި އެނަރޖީ އުފައްދާ ކުންފުނިތައް، އެލެކްޓްރިސިޓީ ކުންފުނިތަކާ އެއްޗެހި ބޭނުމެއްނުވޭ، މިއާ ޓެކްނޮލޮޖީތައް ބޭނުންކުރާކަށް. އޭރުން އެމިހުންގެ ވިޔަފާރިއަށް ގެއްލުން ލިބިދާނެތީ. އެހެންވީމާ، އެފުރްޞަތުވެސް އެމީހުންނަށް ނޯންނަނީ އެތަންތާނގައި. އެހެންވީމާ އަޅުގަނޑުމެން ކައިރީގައި ބައެއްމީހުން އެބަބުނޭ، ތިމަންނަމެންނަށް ފުރްޞަތު ދީފިއްޔާ ތިމަންނަމެން މިތިބީ ރާއްޖޭގައި މިކަންކުރާށޭ. އެހެންވީމާ، އަޅުގަނޑުމެންގެ އުންމީދު ވަރަށްރަނގަޅު. އަޅުގަނޑަށް ހަމަވަރަށްބޮޑަށް މިހާރުޔަޤީން އެބަކުރެވޭ. އަޅުގަނޑުމެން ސީރިޔަސްކަމާއެކީގައި މިކަން ކުރިޔަށްގެންދާ ކަމަށް ވަންޏާ، މިއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވިދާނެކަމެކޭ.

އަބްދުއްލަޠީފް އާދަމް – ރާއްޖެނިއުސް އޮން ލައިން

އަޅުގަނޑު އެއްކަމެއް. އެކަމަކު ދެފޭސް އަކަށް ބަހާލަން އެބަޖެހޭ، އިނގޭތޯ. ދެއްވި ފުރްޞަތައް ޝުކުރުވެރިވަން. މިހާރު އަޅުގަނޑަށް އެނގިފައިއޮތްގޮތުން ކުށްވެރިންނަށް މަޢާފުދެއްވުމާ އަދަބު ލުއިކޮށްދިނުމުގެ ބިލެއް ޑްރާފްޓް ކުރެވިގެން މަޖިލީހަށްދިއުމުގެ މަގުމަތީގައި މިއުޅެނީ. ދެން މިބިލެއްގެ މައްސަލައިގައި ނޫނީ މިކަމަށް ގޮތެއްހަމަނުޖެހިގެން، އިންޑިޔާއަށް މިހާރު ލިބިވަޑައިގެންފައިވާ 240 ޖާގައަށްވެސް ކުދިން ނުފޮނުވިފައި މިވަނީ. އެހެންވީމާ ޖަލުން މީހަކު ބޭރުކުރެވޭނެ ގޮތެއްނެތް، ދެއްވާފައިއޮތް ޤާނޫނީލަފައެއްގެ ސަބަބުން. ދެން ޤާނޫނީ ލަފާ މުގުރާލާކަށްނޫން. އެހެންނަމަވެސް މިމަޖިލީހަށް ލިސްޓެއް ފޮނުވައިގެން އާދޭސްކޮށްގެންނަމަވެސް މިދެންނެވުނު 240 މީހުންނާ ދެންވެސް އެތަނުން މަޢާފުކޮށްފައި، ނޫނީ އެހެންގޮތަކުން ލުއިކޮށްގެން ނެރެވެންތިބި ބަޔަކު ނެރެގެން އެތަނުން ޖާގައެއް ހުސްކުރުމަށް މަނިކުފާނެއް ނުވިސްނަވާނަންތޯއޭ؟ ސަރުކާރަކުން ނުވިސްނާނެތޯއޭ؟ އެއީ އެހެން މިދެންނެވީ، މިހާރުވެސް ފުރިގެން ހައްތާވެސް މި ކުށްވެރިން ބަންދުނުކުރެވެނީ ޖަލުގައި ޖަގަނެތިގެން. ދެން އެފަދަ ނިކަމެތި ޙާލުގައި އަޅުގަނޑުމެން ތިބިއިރުގައި، އެޖަލަށް ލާންވީ މި 240 މީހުން މަޖިލިސް ގަބޫލުކުރާ މީހުންނަށް ވޭތޯބަލަން، ލިސްޓެއް ފޮނުއްވައިގެން ނަމަވެސް ނޫނީ، އެހެންގޮތަކުން ނަމަވެސް މިކަން ކުރައްވައިގެން ތަންކޮޅެއް އަވަސްވާނެ މަރްހަލާއަކަށް ނުދެވުނިއްޔާ، އިންޑިޔާއިން ދީފައިއޮތް ފުރްޞަތުވެސް ގެއްލިގެންހިނގައިދާނެކަމުގެބިރު އަނެއްކާވެސްއެބައޮތް. މިއިހަމައެކަނި ޔަޤީން ކަމާއެއްކޮށް، އަޅުގަނޑަށް ލިބިފައިއޮތް މަޢްލޫމާތުގެމައްޗަށް މިކަމުގައިއޮތް ފުރްޞަތަކީ. ދެން މިސުވަލާއެއްކޮށް ދެވަނަ ފޭސްއަކަށް އަޅުގަނޑު ދާނަން. އެއީ މިހާރު ކަލްކިލޭޝަންތައް ހުރިގޮތުން، މަނިކުފާނު އިއްޔެ ވަޑައިގަތުމާއެއްކޮށް، އަދި ނޭނގެ ހުރިހާނޫސްތަކެއް ބެއްލެވުނުކަމެއް އަޅުގަނޑަކަށް. އެންމެފަހުން ލިބިފައިވާ މަޢްލޫމާތުގެމައްޗަށް ބަލާއިރުގައި މިހާރުން މިހާރަށް ކުށްވެރިންނަށް އަދި މަޢާފުކޮށްފައި މި ޖަލުގައިތިބިމީހުންގެ ދެބައިކުޅައެއްބައި ނެރުނުކަމަސްވިޔަސް، އަޅުގަނޑުމެން މިހާރު ޙުކުމް ކުރެވިފައިތިބި މީހުންނާ ބަންދު ނުކުރެވިފައިތިބި މީހުންނާ ޖަލުގައިތިބި މީހުންނާ، ޖިނާޢީކޯޓުގައިހުރި ޙުކުމްކުރަންޖެހިފައިހުރި މައްސަލަތަކަށް ބަލާއިރު 3000 ޖާގަ އެބަބޭނުންވޭ. މިކަންކުރެވޭނެ އެއްވެސް ގޮތެއްނެތް މިތާކު. އެހެންވީމާ އަޅުގަނޑުމެންނަށް، ފައިސާއެއްނެތް ބަޖެޓަކުއެއް އެހެންވީމާ އަޅުގަނޑުމެން މިއެކަށީގެންވާ ފެންވަރުގެ 3000 މީހުންގެ ޖާގައޮތް ޖަލެއް ހަދާދޭން އެއްބަސްވާ ބަޔަކަށް، ރިޒޯޓެއް ހަދާނެ ކުޑަރަށެއް ދީގެންނަމަވެސް ކޮންމެސްގޮތަކުން މިކަން ޙައްލުކޮށްފައި މިކަން ޤައުމީ މިހާބޮޑު އިޝޫޢަކަށްވެފައި ވާއިރު މިކަން ޙައްލުކުރަން ސަރުކާރުން ނުވިސްނަވަނީ ކީއްވެގެންތޯ؟

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދުވަޙީދު ޙަސަންމަނިކު

ވަރަށް މުހިންމު ދެސުވާލު ތީ އިނގޭތޯ. ތިކަމުގައި އަޅުގަނޑުމެން މިހާރު އިންޑިޔާއަށް ކުދިން ފޮނުވުމަށްޓަކައި ސަރުކާރުން ވަފުދެއްގޮސް، އެކަންކަން ބަލާފައި މިހާރު އޮތީ. ދެން ތިވިދާޅުވިހެން، ޤާނޫނީގޮތުންހުރި ބައެއްކަންތައްތައް، އެއީ މިހާރު ކުށެއްގެ ޙުކުމުގައި ވަގުތުހޭދަކުރަމުންދާ ކުއްޖަކު މެޑްރާސްއަށް، ނޫނީ ޗެނާއީއަށް، ނޫނީ ބެންގަލޯރަށް ފޮނުވިޔަސް، އެމީހަކު އެއީ ފުލުހުންގެވެސް ކޮންމެސްވަރެއްގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ މީހަކަށްވެސް އެބަ ވާންޖެހޭ. އަދި އަމްދުން ގިނައަދަދެއްގެ ކުދިބަޔަކު ފޮނުވާކަމަށްވަންޏާ އެ ގަބޫލުކުރާފަރާތުންވެސް އެކަމާދޭތެރޭގައިހުރި ބަލަންޖެހޭ ކަންތައްތަކެއް އެބަހުރި. އެހެންވީމާ އެކަންކަން އަދި ހަމަނުޖެހި ލަސްވަމުން އެދަނީ. އެހެންވީމާ، އަޅުގަނޑުމެން ތިކަން، އަޅުގަނޑުމެންގެ ކައުންސިލްގެފަރާތުން ތިކަން ބަލައި، ތިކަން އަވަސްކުރެވޭތޯ މަސައްކަތްކުރަމުން ގެންދާނަން.

ޖަލުގެ ވާހަކައިގާ ހަމަ ވަރަށްރަނގަޅުވާހަކައެއް ތީ. އަޅުގަނޑުމެންގެ ޚިޔާލުހުރީކީ މިހާރު ބައެއްބޭފުޅުން ވިދާޅުވާގޮތުގައި ވަރުގަދަ ބޮޑު އެއްޖަލު ހަދަންވީ، 3000 މީހުން ލެވޭވަރުގެ. އަނެއްބައި ބޭފުޅުން ވިދާޅުވާގޮތުގައި ރާއްޖޭގެ އެކި ދިމަދިމާލުގައި ތަންކޮޅެއް ކުދި ޖަލުތަކެއް ހަދައިގެން، ތަންކޮޅެއް ބޮޑަށް މީހުން ބެލެހެއްޓޭނެކަހަލަ ގޮތަކަށް އެކަން ގެންދަންވީ. އެހެންވީމާ، މި ދެޚިޔާލު އެބައުޅޭ މިހާރު. އަޅުގަނޑުމެންޖެހޭ އެބަ އެތަނުން ކޮންމެސް އެއްގޮތެއް ނިންމައިގެން، ކުދި ޖަލުތަކެއް ހަދާކަމަށްވަންޏާ އެކަން ކޮންމެވެސް ދިމާލެއްގައި ފަށަން.

ދެން ބައެއްރަށްތައް މިހާރު އަޅުގަނޑުމެންނަށް ބެލިފައި ހުރީވެސް. އެގޮތުން މިހާރުހުރި ބައެއް ފެސިލިޓީސް ތަކަށްވެސް މީހުން ބަދަލުކުރެވޭތޯވެސް އަޅުގަނޑުމެންވާނެ ބަލާފައި. އެހެންނަމަވެސް އެތަންތާނގައި އެހެން ޑިވެލޮޕިންގ މަޝްރޫޢުތައް ހުރުމާއެކީގައި އެކަން އަދި އެގޮތަށް ކުރެވޭވަރު ނުވެފައިހުރީ. ދެން ތިވިދާޅުވިހެން، ތީ އަވަހަށް ކުރަންޖެހޭކަމެއް ހަމަ. އަޅުގަނޑުމެން މި ފުރަތަމަ މަސައްކަތްކުރަމުން މިގެންދަނީ މިހާރު ޖަލުތެރޭގައި މިހާރު ހަދަމުންދާ ޢިމާރާތްތައް މިދޭތެރެއިން، އެނގިވަޑައިގަންނަވާނެފަދައިން، ޖަލުގެތެރޭގައިހިނގި ހަމަނުޖެހުމަކާގުޅިގެން އެތަން އަންދާލާފައި. އެކަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި މަސައްކަތްކުރާތާ ދުވަސްކޮޅެއްވެއްޖެ މިހާރު. އެހެންވީމާ، އަޅުގަނޑުމެން ކުރަމުންއައި މަސައްކަތްވެސް ތަންކޮޅެއްބޮޑަށް ފަހަތަށްޖެހުނީ. އަދި ޖެހިފައި އަނެއްކާ މިހާރު އެ ކެޗަޕްކުރެވެނީ. ކެޗަޕްކުރެވޭތޯ އަބަދު މިމަސައްކަތްކުރެވެނި. އެހެންވީމާ އެކަމުން އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ޖަލުތެރެ ހަމަޔަކަށް އެޅުވޭނެ. ދެން އަދި މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ އާ ޖަލެއް ނުވަތަ ޖަލުތަކެއްވެސް އެޅުމުގެ މަސައްކަތް ފެށޭނެ. ތި ވިދާޅުވިހެން ހަމަ އަޅުގަނޑުމެނަށް ދެވެންހުރިއެއްޗެއް ދީގެންނަމަވެސް އެކަން އެއީ ކުރަންޖެހިފައިއޮތް ކަމެއް.

މޫސާ ވަސީމު – ޓީވީ މޯލްޑިވްސް

އާދެ، އަޅުގަނޑުގެ ސުވާލު ވަރަށް ކުރުކޮށްލެވޭތޯ ބަލާނަން. މިގްރޭޖްއޭޓްވާ ވާހަކަ ވިދާޅުވި އިރުގައި ވިދާޅުވިވެއްޖެ، މިއީ އެންމެ ރަނގަޅު ދަނޑިވަޅުނޫންކަމަށް، ވިދާޅުވިކަމަށް، އަދި ބަންކީމޫން އަރިހުގައި. ހަމައެއާއެކީގައި ބައެއްބޭފުޅުން އެބަވިދާޅޫވެއޭ. އެހެންނަމަވެސް މި ސްޓޭޖުގައި ރަނގަޅީ ބަދަލުވުންކަމަށް. އިޤްތިޞާދީ މާހިރުން އެބަވިދާޅުވޭ، ޔޫރަޕްގައި މިޑިޒީޝަން ކޮންމެގޮތަކަށް އޮތްކަމުގައިވީނަމަވެސް ރާއްޖެއާ ހަމައަށް އަންނައިރުގައި އެ ތަފާތު ގޮތްތަކަށް އައުމަކީ އެއީ އެކަށީގެންވާ ކަމެކޭ. އަދި އަންނައިރުގައި ލަސްވުންވެސް އެކަށީގެންވެއޭ. ދެން ގްރޭޖްއޭޓްވާން ނިންމެވިއިރުގައި ޑިޒީޝަން ނެންގެވީ ކޮންގޮތަކަށް ވިސްނަވާފައިތޯ؟ ކޮންބައެއްގެ ލަފަޔާއެކީގައިތޯ؟ ދެން ކިހާވަރެއްގެ ޔަޤީންކަމެއްތޯ އެބޭފުން އެދެއްވަނީ، އެވިދާޅުވާ ވިދާޅުވުމަކީ ކޮންގޮތަކަށް ބައްލަވާފައިތޯ، އެޔަޤީންކަން އެދެއްވަނީ. ގްރޭޖްއޭޓްވެގެން ދެން އަދި އަޅުގަނޑުމެން ރަނގަޅަށް ހިންދަމާލެވޭނެއޭ ގާތްގަނޑަކަށް ހައެއްކަ އަށެއްކަ މަސްދުވަހުގެ ތެރޭގައި. ކިހިނެއްކިހިނެއް ދެއްވާ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދުވަޙީދު ޙަސަންމަނިކު:

މިހާރު، ރާއްޖެއަށް މިހާރު ލިބެމުންދާ އެހީތަކާދޭތެރޭގައި ވިސްނާފައި ދެން ކުރިޔަށް ލިބެންހުރީ ކޮންކޮން އެހީތަކެއްތޯވެސް ބަލައި، މިދޭތި ކޮމްޕެއަރ ކުރާއިރުގައި އަޅުގަނޑުމެން ގްރޭޖްއޭޓް ވުމަކުންނެއް މާބޮޑު އެއްޗެއް ގެއްލިގެންނެއް ދާނެކަމަކަށް ނުވިސްނެއޭ. ދެން އެއާ ޚިލާފަށް އަޅުގަނޑުމެންނަށް ލިބެންހުރި އެހެނިހެން ދޮރުތައް، ހުޅުވެންހުރި ދޮރުތައް، މާލީގޮތުން ހުޅުވެންހުރި ދޮރުތައް މާބޮޑޭ. އެހެންވީމާ އެގޮތަށް ވިސްނާފައި އަޅުގަނޑުމެންނަށް އެކިފަރާތްފަރާތުން ލިބިފައިހުރި ލަފާގެމައްޗަށްބިނާކޮށްގެން އަޅުގަނޑުމެން އެޑިޒިޝަން މިހާރު ނަގާފައިއެވަނީ.

ދެން އަޅުގަނޑުމެން އެކަންޏެއްނޫން މިދަތުރުގައި މިއުޅެނީކީ. ބައެއްއެހެން ކުދިޤައުމުތައް ވެސް އެބައުޅޭ. އެހެންއެއްވެސް ޤައުމަކުން އެގޮތަކަށް މިހާރަކުއެއް ދެން ލަސްކުރާކަށް ނުހިފާ. މިހާރު މިތިބީ ކުރިޔަށްދާގޮތަށް. އެހެންވީމާ، ގޮސްގެން ދެން އެކަންކުރާގޮތަށް. އެކަންކުރެވޭނެ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންނަށް އެކަންޏެއްނޫން، މި ގްރޭޖްއޭޝަންގައި މިހާތަނަށް ކުރިޔަށްގޮސްސާ އޮތީކީވެސް. އެހެންވީމާ، ބައެއް އެހެން ކުދިޤައުމުތައް އެދަތުރު މިހާރު ކޮށްފި. އެހެންވީމާ އަޅުގަނޑުމެންނަށް އެބަ ޔަޤީންކުރެވޭ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މީގައި ހީނަރުކަމެއްނައިސް އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނެކަމަށް.
ވަރަށްބޮޑަށް ޝުކުރިއްޔާ، ހުރިހާބޭފުޅުންނަށް.
_______________________