بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى سيدنا محـمَّدٍ، وعلى آلـه وصحبه أجمعين

السّـلام عليـكم

އާދެ، ޣާޒީ ސްކޫލްގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މި ސްކޫލްގެ އެންމެހާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، ޓީޗަރުންނަށާއި، މުވައްޒަފުންނަށް، އަދި ސްކޫލްގެ ވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތަހުނިޔާއާއި މުބާރަކްބާދު ރައްދުކުރަން.

އާދެ، މި ސްކޫލަށް މިރޭ އައުމުގެ ނަޞީބު އަޅުގަނޑަށް ލިބިއްޖެ. އަދި ސްކޫލްގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ސައެންސް މަޢުރަޒު ބަލާލުމުގެ ނަސީބުވެސް ލިބިއްޖެ. ކުރިން ވާހަކަފުޅޫދެއްކެވި ބޭފުޅުންވެސް ވިދާޅުވި ފަދައިން ސްކޫލްގެ މަޢުރަޒުގެ ފެންވަރު ފެނިފައި އަޅުގަނޑުގެ ހިތަށްވެސް ފިނިކަމެއް ލިބިއްޖެ. އެއިން ދައްކައިދޭ ސްކޫލްގެ ކިޔެވުމުގެ ފެންވަރު ރަނގަޅުވަމުން އަންނަކަން.

އާދެ، ސްކޫލެއްގެ ޒިންމާ އަޅުގަނޑު ދެކޭގޮތުގައި ޚާއްޞަގޮތެއްގައި ދެފަރާތަކަށްވޭ. އެންމެ ފުރަތަމަ ސްކޫލްގެ ޒިންމާ އޮތީ ސްކޫލްގެ ދަރިވަރުންނަށް. ސްކޫލްގެ ދަރިވަރުންނަކީ، އަޅުގަނޑުމެން އެދޭ ރަނގަޅު ފެންވަރެއްގެ ތަޢްލީމު ލިބިގެން، ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ނުކުންނަ ކުދިބަޔަކަށްވެގެން. މި ސްކޫލްގެ ވިޝަން ސްޓޭޓްމަންޓް ފާރުގައި ލިޔެފައި ހުއްޓާ ދެންމެ އަޅުގަނޑު ކިޔައިލިން. އެ ވިޝަން ސްޓޭޓްމަންޓްގައި އެބަހުރި ސްކޫލަކުން ކުރަންޖެހޭ ހުރިހާކަމެއް ލިޔެވިފައި. އެކަންކަން ރަނގަޅަށް އަދާކުރެވޭކަމަށްވާނަމަ، ސްކޫލްގެ ވާޖިބު އަދާކުރެވުނީ. ދަރިވަރުންގެ އިތުރަށް، ސްކޫލްގެ ޒިންމާ އެބައޮތް މުޖްތަމަޢުގައި. އެއީ، އަޅުގަނޑުމެން ސްކޫލް ހިންގުމުގެ އެންމެބޮޑު އެއްމަޤްޞަދަކީ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހުރި ރަނގަޅު ސިފަތައް އަޅުގަނޑުމެންގެ ދަރިންނަށް ލިބިދީ، އަޅުގަނޑުމެންގެ މުޖްތަމަޢަކީ، އެއީ، ހަރުދަނާ، ހަމަޖެހޭ އަދި ކުރިއަށް އަރަމުންދާ މުޖްތަމަޢަކަށް ހެދުން.

އެހެންވީމާ، އަޅުގަނޑުމެން މިދޭ ތަޢްލީމަކީ މިއީ، މިހާރުގެ ބަހުރުވައިން ދަންނަވަންޏާ ވަށާޖެހިގެންވާ ތަޢްލީމަކަށް ވާންއެބަޖެހޭ، އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވާ ފަދައިން. ސްކޫލެއްގެ ވާޖިބަކީ، ހަމައެކަނި ތަޢްލީމް ދިނުމެއްނޫން. އަޅުގަނޑުމެން ކުޑައިރު އަޅުގަނޑުމެން އަހަން ދެބަހެއް ބޭނުންކުރާ އަޑު އެއީ، ތަޢްލީމާއި ތަރުބިއްޔަތު. މިއީ އެކައްޗެއްނޫން. ތަޢްލީމަކީ، އެއީ، ތަފާތު ރޮނގުރޮނގުން އެނގެން ހުރި އެއްޗެއް، އެނގެން ހުރި ޢިލްމެއް ކުދިންނަށް ލިބިދިނުން. އެއީ، އުނގަންނައިދިނުން. ތަރުބިއްޔަތަކީ، މުޖްތަމަޢު ގަބޫލުކުރާ ފެންވަރެއްގައި، މުޖްތަމަޢުގައި ހަމަޖެހިގެން އަޅުގަނޑުމެންގެ ދަރިންނަށް އުޅެވޭނެ ހުނަރުތައް އެކުދިންނަށް ދަސްކޮށްދިނުން. މިދެބައި އެކުއެކީގައި އަޅުގަނޑުމެންނަށް ދެވިގެން މެނުވީ، މުޖްތަމަޢަށް މުޅިން ބޭނުންތެރި، މުޖްތަމަޢުގައި ފައިދާހުރި މަގާމެއް އަދާކުރާނެ ދަރިންތަކެއް އަޅުގަނޑުމެންނަށް ނުއުފެއްދޭނެ.

އާދެ، މިހާރު އަޅުގަނޑަށް ފެންނަމުންދާ ތާނގައި ހަމައެކަނި ދިވެހިރާއްޖެއަކުނޫން. ދުނިޔޭގެ އެހެނިހެން ބައެއް ޤައުމުތަކުގައިވެސް އަދި ރާއްޖޭގައިވެސް، ބޮޑަށް އަޅުގަނޑުމެން އަހަންމިއްޔަތުކަންދެނީ ޢިލްމު އުނގެނުމަށް. ހިސާބު ޢިލްމު، އަދި ފިޒިކްސް އަދި ބަޔަލޮޖީ، މިކަހަލަ މާއްދާތައް ކިޔެވުމަށް. އަދި މި މާއްދާތައް ކިޔުވުމަށް އަޅުގަނޑުމެންގެ ސްކޫލްތަކުގެ ކުދިން ވަރަށް ކުޅަދާނަވެސް ވެއްޖެ. އޭގެސަބަބުން އެތަކެއް މާއްދާތަކުން ވަރަށް މަތީ ވަނަތައް ކުދިން އެބަ ހޯދާ. އަޅުގަނޑަށް ހީވަނީ އެއާ އެއްވަރަކަށް އަޅުގަނޑުމެންނަށް ކުދިންގެ ތަރުބިއްޔަތުގެ ބައި ކުރިއަކަށް ނުގެންދެވޭހެން. އެހެންވާންޖެހޭ ސަބަބުތަކެއް އެބަހުރި. އެއްސަބަބަކީ، އެކުދިންނާއެކުގައި މުދައްރިސުންނަށާއި ބެލެނިވެރިންނަށް އެކަށީގެންވާ ވަގުތުތަކެއް، ކޮލިޓީ ޓައިމް ހޭދަނުކުރެވޭތީ.

އާދެ، ސްކޫލްތަކުގައި ދެ ދަންފަޅިއަށް ކިޔަވާންދޭން ޖެހުމުގެ ސަބަބުން ހަމައެކަނި ކްލާސް ރޫމްގައި ކިޔަވައިދޭ އެއްޗެއް ކިޔަވައި ދިނުމުގެ ފަހުގައި އެހެންކަމެއް ކުރާނެ ވަގުތެއް ނުލިބޭ. ހަމައެހެން، ބެލެނިވެރިންވެސް ބެލެނިވެރިންގެ މަސައްކަތުގައި އުޅުއްވަން ޖެހުމުގެ ސަބަބުން ގިނަފަހަރަށް އޮންނަނީ ކުދިންނާއެކީގައި ހޭދަކުރަންޖެހޭ ވަގުތު ފުރިހަމަ ގޮތުގައި ހޭދަނުކުރެވިފައި. އަޅުގަނޑުމެންނަށް އޭގެ ނަތީޖާ ފެންނަނީ، ކަމުގެ މުވާލާތް ކެނޑޭފަހުން. ބައެއްފަހަރަށް ކުއްޖާއާއި ބެލެނިވެރިންނާ ދޭތެރޭގައި މައްސަލަތައް އުފެދެންފެށޭ ހިސާބުން. ވީމާ، އަޅުގަނޑުމެން އެބަޖެހޭ މިކަމާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވިސްނާ ފިކުރު ކުރަން. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކީވެސް އެއީ، އަޅުގަނޑުމެން އެދޭ ރިވެތި އަޚްލާޤަކާއެކީގައި ތަޢްލީމް ހާސިލްކޮށްގެން ނުކުމެ ޤައުމަށް، ޢާއިލާއަށް، މުޖްތަމަޢަށް ޚިދްމަތްކުރާ ކުއްޖަކަށްހެދުން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންގެ ކޮންމެމީހަކުވެސް ވަރަށް ބޮޑު ޒިންމާއެއް މިކަމުގެ ތެރޭގައި އެބައޮތް.

މިއަދު އަޅުގަނޑުމެން ސްކޫލްތަކަށްގޮސް، ތަޢްލީމް ހާސިލްކޮށްގެން ދިވެހިރާއްޖޭގައި ނުކުތް ދުވަސްވަރާ، މިއަދުގެ ދިވެހިރާއްޖެއާ ވަރަށް ތަފާތު. މިއަދު ދިވެހިރާއްޖެއަކީ، ދުނިޔެއަށް ހުޅުވާލެވިފައިވާ ތަނެއް. އޭގެސަބަބުން ތަފާތު އަސަރުތައް ރާއްޖެއަށް ކުރަމުން އެބަދޭ. ރަނގަޅުކަންތަކާ ރަނގަޅު ނޫންކަންތަކާ. ނަތީޖާއެއްގެގޮތުން އަޅުގަނޑުމެންގެ ދަރިންނަށް ލިބިފައިވާ އެކިއެކި ރަނގަޅު ފުރުޞަތުތަކާ އެއްވަރަށް ހަމައެކުދިންނަށް އެބަދިމާވޭ ނުރަނގަޅު ކިތަންމެ ކަންތައްތަކާވެސް. އެކަންކަމުން އެކުދިން ސަލާމަތްކޮށް، އެކުދިންނަށް ރަނގަޅު ޙަޔާތެއް ހޯދައިދިނުމަށް މަސައްކަތްކުރަން ތިބިބަޔަކީ، މި ހޯލުގެ ތެރޭގައި ތިއްބެވި ބޭފުޅުން. އާދެ، ޚާއްޞަ ގޮތެއްގައި، ބެލެނިވެރިންނާ ޓީޗަރުންނާ.

މިއަދު، އަޅުގަނޑުމެންގެ މުޖްތަމަޢަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއްނުރައްކަލަކީ، މަސްތުވާތަކެތީގެ ނުރައްކާ. މިއީ، އަޅުގަނޑުމެންގެ ދަރިންނާ ވަރަށް ކައިރިން ކުރިމަތިވެފައިވާ ނުރައްކަލެއް. އެއްގޮތަކަށްވެސް ހީނުކުރައްވާ، އަޅުގަނޑުގެ އަމިއްލަ ދަރިފުޅަށް އެހީތެރިއަކު ނުވާތީ، މިއީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނޭ. މިއީ، ކުޑަކުޑަ މައްސަލައެކޭ އެއްގޮތަކަށްވެސް ހީފުޅު ނުކުރައްވާތި. އަޅުގަނޑުމެންނަށް ހަމަޔަގީނުން އެނގޭ، މިހާރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުއްޖަކު ނުދަންނަ އެންމެބޭފުޅަކުވެސް މިތާ ނީންނަވާނެކަން އަޅުގަނޑަށް ޔަގީން ކުރެވޭ.

ވީމާ، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ޅަދަރިންނާ ދޭތެރޭގައި ވަރަށްބޮޑަށް ސަމާލުވާން. އާދެ، މިހާރު އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި އުމުރުން 9 އަހަރު ވާއިރުގައި އެކުއްޖާ މިހިރީ މިދެންނެވި ނުރައްކަލާ ކުރިމަތިވެފައި. އަދި، ކުރިއަށް އޮތް ތަނަށް އަޅާ ބަލާއިރުގައި، އަޅުގަނޑުމެންގެ އަންދާޒާ ހިސާބުތަކުން ދައްކާގޮތުން ގްރޭޑް 8 ން ފެށިގެން 10 އާ ދޭތެރޭ އުމުރުގެ ކުދިންވެސް ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މަސްތުވާތަކެތި ބޭނުންކުރުމަކީ އެކަށީގެންވާކަމެއް. މިދަރަޖައަށް މިކަން މިހާރުވަނީ ގޮސްފައި. އެހެންވީމާ، އެކަން ޙައްލުކުރުމަށްޓަކައި ސްކޫލްތަކުން އެކަނި މަސައްކަތްކޮށްގެން ނެތްވާކަށް. ނަމަވެސް އަޅުގަނޑު ދަންނަވާނީ، ސްކޫލްތަކުގެ މަސައްކަތް މިހާރަށްވުރެ ފުޅާދާއިރާއެއްގައި މިކަމާދޭތެރޭގައި އެބަ ރާވައި ހިންގަންޖެހެއޭ.

ތެދެއް. ސްކޫލްތައް ޢިމާރާތް ކޮށްގެން އަޅުގަނޑުމެން މި ހިންގަނީ ކުދިންނަށް ރަނގަޅު ސިފަތައް، ރިވެތި އަޚްލާޤު، ރަނގަޅު ތަޢްލީމް ދިނުމަށްޓަކައި. އެހެންވީމާ، ސްކޫލްތައް ވާންޖެހޭނީ ކުދިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި. ކުދިންނަށް ރައްކާތެރިތަނަކަށް ވެވޭނީ، ސްކޫލްތަކަށް މަސްތުވާތަކެތި ނުވަންނަންޏާ. އަޅުގަނޑުމެން ސްކޫލްތަކުގެ ދޮރުތައް މަސްތުވާތަކެއްޗަށް ޖެހޭނީ ބަންދު ކުރަން. އެއްވެސް ހާލެއްގައި ސްކޫލްގެ ތެރެއަށް އެބާވަތުގެ އެއްޗެއް ވަނަދީގެން އަޅުގަނޑުމެން ނުވާނެ. އެކަމުގެ ކިރިއާވެސް އަސަރެއް އަޅުގަނޑުމެންނަށް ފެނިއްޖިއްޔާ އެކަން ހަމަވަގުތުން އަޅުގަނޑުމެންޖެހޭނީ ހުއްޓުވާލަން.

އާދެ، އޭގެއިތުރުން، ސްކޫލްގެ ބޭރުގައި މަގުމަތީގައިވެސް އަޅުގަނޑުމެން ނުކުމު އެބައުޅެންޖެހޭ. ސްކޫލުން ގެއަށްވެސްދާން އެބަޖެހޭ. އަދި ގެއިން ބޭރަށްވެސް ދާންއެބަޖެހޭ. އެހެންދާ ކޮންމެ ތަނެއްގައިވެސް މިދެންނެވި ބާވަތުގެ ނުރައްކަލާ ކުރިމަތިލާންޖެހޭ ކުދިންނަށް. އެކުދިންނަށް އެކަމުން ސަލާމަތްކުރެއްވޭނީ ޚާއްޞަގޮތެއްގައި ބެލެނިވެރިންނަށް. ބެލެނިވެރިން ކުރައްވަންޖެހޭ އެންމެ މުހިންމު ކަމަކީ ކުދިން ދެނެގަތުން. އެކުއްޖަކު ހަމަ ހެނދުނު ހޭލީއްސުރެގޮސް އެރޭ ނިދަންވަންދެން އެ ކުއްޖާ އުޅޭ ގޮތާ އެކުއްޖާ ކުރާ މަސައްކަތާ އެ ހުރިހާކަމެއް އެކުއްޖާއާ ދޭތެރޭގައި ދެނެގަންނަންޖެހޭ. އެކަން ދެނެގަނެވޭނީ، ޙަޤީޤަތުގައިވެސް، އަޅުގަނޑަށް އެނގޭ ބެލެނިވެރިންނަކަށް ކުދިންނާ އެކީގައި ނޫޅުއްވޭނެކަން. އެހެންނަމަވެސް، ކުދިންނާ ވާހަކަ ދެއްކީމާވެސް އެކުދިންގެ ކަންތައްތައް ހުންނަގޮތް އެނގޭނެ.

އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ މަސައްކަތް ހުންނަގޮތުން ބައެއްފަހަރަށް ހަމަގައިމުވެސް ބައެއް ބެލެނިވެރިންނަށް މިކަމުގައި ކުޑަކޮށް އިހުމާލް ކުރެވޭ. އެއީ، ތިޔަބޭފުޅުންގެ ކުށެއްނޫން. އަޅުގަނޑުމެންގެ ދިރިއުޅުން މިހާރު ރޭވެމުންދާގޮތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އެކުދިންނާއެކީގައި ގިނަވަގުތު ހޭދަކުރަން. އެކުދިންނާ ގިނައިން ވާހަކަދައްކައި މުޢާމަލާތު ކުރަން. ކުދިންނާ ވާހަކަ ނުދެއްކި ގިނަދުވަސްވުމުން، ދެން އެގުޅުން އުފައްދަންވެސް ފަސޭހައެއްނުވާނެ. އެކަމަކީ، އެއީ މިހާރު ހަމައެކަނި ދިމާވެގެންއުޅޭ ކަމެއްނޫން. އަޅުގަނޑުމެން ކުޑައިރުގައިވެސް އަޅުގަނޑުމެންގެ މައިންބަފައިންނާ އަޅުގަނޑުމެންނަށް ވާހަކަ ދެއްކުމުގެ ފުރްސަތު އޮންނަނީ ވަރަށްކުޑަކޮށް. އަދި ޚާއްޞަކޮށް ކުޑަކުދިންނާއި ބޮޑެތިމީހުންތިބޭ ތަންތާނގައި ވާހަކަ ދެއްކުން އޮންނަނީ ކުރަން ނުވާކަމަކަށްވެފައި.

ވީމާ، އަޅުގަނޑުމެން އެކުރާ ކަމެއް ކުޑަކުދިންގެ ގޮތުގައި ކޮށްލާފައި އަޅުގަނޑުމެން އުޅޭތަނެއްގައި އުޅެފައި އެރޭ ކައިލައިގެން ނިދަނީ. ބެލެނިވެރިންވެސް ހަމައެގޮތަށް ބޮޑެތިމީހުންނާ އެކަކު އަނެކަކު ވާހަކަ ދައްކާ އެމީހުންގެ އެހެން ކަހަލަ ޖައްވެއްގައި އެމީހުން އެ އުޅެނީ. ދެން ކުއްޖާ ބޮޑުވަމުންއައިސް އެ ކުއްޖާގެ އުމުރުން ގާތްގަނޑަކަށް ސާދަ ފަނަރަ ވަރަކަށް އަހަރުވާއިރުގައި ދެން މިފާހަގަކޮށްލެވެނީ، މިކުއްޖާ އުޅޭގޮތް، އެއީ އަޅުގަނޑުމެން އެންމެ އެދޭގޮތް ނޫންކަން. އެހެންނަމަވެސް، އެހާހިސާބަށް ދާއިރުގައި މިއޮންނަނީ ތަންކޮޅެއް ލަސްވެފައި. އެހެންކަމުން، އެންމެ ތުއްތުއިރުއްސުރެ އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ވަރަށްބޮޑަށް ސަމާލުކަމެއްދޭން.

އާދެ، އަޅުގަނޑުވެސް ވާހަކަ މާގިނަކުރާކަށްނެތިން. މިރޭ އަޅުގަނޑުމެންނަށް އިވިއްޖެ، މި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޙުސައިން ސަޢީދު ދެއްކެވި ވާހަކަވެސް. އަދި ސްކޫލްގެ އެހެން ވެރިންނާއި މިނިސްޓަރުވެސް ދެއްކެވި ވާހަކަފުޅު. އަޅުގަނޑު އުންމީދުކުރަން، މި ސްކޫލަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން، މި ސްކޫލަށް ކުރިމަތިވެފައިހުރި ގޮންޖެހުންތައް ފިލުވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން މިހާރަށްވުރެވެސް ބޮޑަށް ސްކޫލަށް އެހީތެރިވެވަޑައިގަންނަވައިގެން އެކަންކަން ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް.

އާދެ، އަޅުގަނޑުމެން ބޭނުންވަނީ މި ސްކޫލަކީ މިއީ، ރައްކާތެރި ތަނަކަށްވުން. ސްކޫލަކީ ކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދޭ ތަނަކަށްވުން. ސްކޫލަކީ، ކުދިންނަށް، ރަނގަޅު ކަންތަކާ ނުރަނގަޅު ކަންތައް، ހުއްދަ ކަންތަކާއި މަނާ ކަންތައް، އެކަންތައްތަކގެ ޙުދޫދު ރަނގަޅަށް ދަސްކޮށްދޭ ތަނަކަށްވުން. އަދި، ސްކޫލަކީ ތަފާތު ހުނަރުތައް ދަސްކޮށްދޭ ތަނަކަށްވުން. އޭރުން އަޅުގަނޑުމެންގެ ކުދިންނަށް މުޖްތަމަޢަށް ނުކުމެ ހަރުދަނާ މުވާޠިނުންތަކެއްގެ ގޮތުގައި އެކުދިންނަށް އުޅެވޭނީ. ދެން އަދި އަޅުގަނޑު ހުއްޓާލުމުގެ ކުރިން މިތާ ތިބި ބިދޭސީ ޓީޗަރުންނަށް އަޅުގަނޑު އެއްޗެއް ދަންނަވާލަން.

To the expatriate teachers in the school, I would also like to thank you and the other teachers for the hard work and the contribution that you are making to the education of our children. We fully understand the challenges you face and we realize that it is not the most comfortable place to be at the moment. But at least you are very fortunate that you have a beautiful school, you have good staff, and you have a supportive parent body.

I have been saying that it is important to create a safe school for children, that school should be a place where children learn both the knowledge as well as discipline to be good citizens. School should be a place where they learn skills so that when they come out of school they will be able to function effectively in society.

It is important that we make safe schools because our children today face unique difficulties - unprecedented difficulties and challenges as well. They are exposed to various problems in society, notably the issue of drugs. This is becoming a huge issue for Maldivians, especially for children. We are beginning to notice that children as young as nine years old are beginning to use drugs. We are beginning to see that in some schools children are already using drugs. So I’m asking the educational establishment and the teachers to pay particular attention to this area and also to hold activities in school to raise awareness among the teachers, parents and also students. This is a real danger that we face today. This is not a theoretical one, and unless we do that today, we are going to have enormous problems very soon.

Estimates are that children of grade 8 to 10 ages are particularly vulnerable and it is possible that almost 2/3 of those students and children may be exposed to dugs. So it is a very serious issue and I would like to call upon everybody to do their best to make the schools a safe place for children.

I wish you the very best. I know it is a difficult situation but I can assure you that the government will do all it can to make your work more comfortable and more rewarding.

އާދެ، މިރޭ ދެން އަޅުގަނޑުގެ ވާހަކަކޮޅު ދިގުކުރާކަށް ނެތިން. އެހެންނަމަވެސް އަޅުގަނޑަށް ތިޔަބޭފުޅުން ތިޔަ ދެއްވި ދަޢުވަތަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ޕީ.ޓީ.އޭ.ގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ތައުފީޤަށް. ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސަޢީދަށް. އަދި ބޯޑުގެ މެންބަރުންނަށާއި، ހުރިހާ ބޭފުޅުންނަށް އަޅުގަނޑަށް މި ދަޢުވަތު ދެއްވިކަމަށްޓަކައި ވަރަށް ޝުކުރު ދަންނަވަން.
މިރޭ އަޅުގަނޑުމެން ޚާއްޞަގޮތެއްގައި ފާހަގަކުރަންޖެހޭ، ދިވެހިރާއްޖޭގެ މިނިވަންދުވަސް. ދިވެހިރާއްޖޭގެ މިނިވަންދުވަސް ފުރަތަމަ އަޅުގަނޑުމެން ފާހަގަކުރަން ފެށީ، ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢްޒަމް، ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތުން މިނިވަން ކުރެއްވުމާ ގުޅިގެން. މި ސްކޫލް ނިސްބަތްވަނީ، އެ ރަސްގެފާނަށް. އަދި ހަމައެހެން މިއަދު އަޅުގަނޑުމެން ފާހަގަކުރަންޖެހޭ، ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތުން ސަލާމަތް ކުރުމަށްޓަކައި ކުރެވުނު ހަނގުރާމައިގައި ޝަހީދުވެވަޑައިގަތް އައްސުލްތާން ޢަލި ރަސްގެފާނުގެ ޒިކުރާ.

އާދެ، މިއަދު މިއީ އާންމުގޮތެއްގައި ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަކުރަމުންއައި ދުވަހެއް، މިދެންނެވި ހާދިސާއާ ގުޅިގެން. ކުރިއަށް އޮތީ މިނިވަންދުވަސް. ޚާއްޞަގޮތެއްގައި އަޅުގަނޑުމެން މި މިނިވަންދުވަސް ފާހަގަކުރަން އެބަޖެހޭ، މިދެންނެވި ހުރިހާ ސަބަބުތަކަށްޓަކައި. ދިވެހިރާއްޖޭގެ މިނިވަންދުވަސް ދެވަނަ ފަހަރަށް ބަދަލުވެ، ޖުލައި 26އަށް މިވީ، ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސަލާމަތްވުމާ ގުޅިގެން 1965 ވަނަ އަހަރު. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި. އަޅުގަނޑުމެން ވަރަށް ކުޑައިރު އޭރު، އެހެންނަމަވެސް ރަނގަޅަށް ހަނދާންހުރޭ. އޭރުގެ ހާދިސާތައް. މި މުނާސަބަތެއްނޫން އެވާހަކަ މާދިގުކޮށް ދައްކާކަށް މިރޭ ތަންކޮޅެއް ދަންވުމާއެކީގައި. އެހެންނަމަވެސް މިއިން ކޮންމެ މުނާސަބަތެއް މިފަދަ ޒިކްރާތައް އާކޮށް މިވާހަކަތައް އަޅުގަނޑުމެން ޚާއްޞަގޮތެއްގައި އަޅުގަނޑުމެންގެ ޅަދަރިންނާއެކު ދައްކަންޖެހޭ މުނާސަބަތެއް.

އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން މި މިނިވަންދުވަހުގެ ދުވަސްތަކުގެތެރޭގައި އަދި އޭގެފަހުން، ސްކޫލް ހުޅުވިގެން ކްލާސްތައް ބާއްވަވާއިރުގައި ޚާއްޞަގޮތެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާ ދޭތެރޭގައި ޚިޔާލުފުޅު ކުރައްވާ، އަޅުގަނޑުމެންގެ ދަރިންނަށް އެކަމާބެހޭގޮތުން އެކިއެކި ފިލާވަޅުތައް ދެއްވާނެކަމަށް. އާދެ، ވަރަށްބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.


والســّلام عليــكم ورحمة للّـه