بســم اللّـه الرّحمـن الرّحيــم

ދިވެހި ޤައުމު މިނިވަންކަންމަތީ މި ހިސާބަށް ގެނެސްދެއްވިކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް، ޙަމްދާއި ޝުކުރުކުރަން. އަދި ހަމައެހެން، މުޅި އިސްލާމީ އުންމަތުން ޖާހިލުކަމާއި ޣާފިލުކަން ނައްތާލުމަށްޓަކައި اللّـه سبحـانـه وتعـالى ފޮނުއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. ޚާއްޞަކޮށް ހޯރަފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން. އަދި މި ތިލަދުންމަތިން މި ރަށަށް، މުނާސަބަތަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّـلام عليـكم ورحمة اللّـه وبركاته

އާދެ، މިވަގުތަކީ މިއީ، މާގިނަ ވާހަކަތަކެއް ދައްކާކަހަލަ ވަގުތެއްނޫން. އެހެންނަމަވެސް، ވަރަށް ކުރުކޮށް އަޅުގަނޑު ދެތިން އެއްޗެއް ދަންނަވާލާން. އާދެ، އެންމެފުރަތަމަ އަޅުގަނޑުގެ ވާޖިބަކީ، މި މުނާސަބަތު ރާއްވަވައި މިކަން އިންތިޒާމް ކުރެއްވި ކަމަށްޓަކައި ހޯރަފުށީގެ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް މިރަށުގެ ވެރިންނަށް ޝުކުރާއި މުބާރަކްބާދު އަދާކުރުން. އާދެ، އަޅުގަނޑުމެންނަށް ހޯރަފުށީގެ ޗާލޫ ނަޔާ ފެންނަން ފަށައިފި. އެކަމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކަށް ލިބިގެންދަނީ ވަރަށްވެސް ހިތްފަސޭހަކަމެއް.

މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 44 އަހަރު ފުރުން. އެކަމުގެ އުފާ. އާދެ، ދިވެހިރާއްޖެ، މީގެ 44 އަހަރުކުރިން، 1965 ވަނަ އަހަރު އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވެ، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުތާ މިވީ އެތަކެއް ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަންވެފައިވާގޮތާ ދޭތެރޭގައި ކުޑަކޮށްނަމަވެސް ޚިޔާލުކޮށްލުމަކީ، މިއަދު ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫން.

އާދެ، އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަން ހޯދުމަށްޓަކައި މަސައްކަތް ފެށުނީ، ދެވަނަ ބޮޑުހަނގުރާމައިގެފަހުން އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި ހުރި ކިތަންމެ ޤައުމުތަކެއް، އެފްރިކާއާއި އޭޝިޔާގައި، މިނިވަންކަން ލިބުނުތާ އެތަކެއް ދުވަސްތަކެއްވީ ފަހުން. އެތަކެއް އަހަރުތަކެއް ވީފަހުން. ދިވެހިރާއްޖޭގެ ވެރިކަމުގައި 1960 ގެ ކުރީގެ އަހަރުތަކުގައި ތިއްބެވި ވިސްނުންތެރި ވެރިން ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދެވުމަށްޓަކައި ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އާދެ، ފުރަތަމަ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދެވުމަށްޓަކައި އެވާހަކަ ފެށްޓެވުމުން އިނގިރޭސިވިލާތުން ދިވެހިންނަށްކުރީ މަލާމާތް. ދިވެހިންނަކީ ފުރިހަމަ ސިޔާދަތާއި މިނިވަންކަން، އިސްތިޤްލާލް، ލިބިދިނުމަށް އެކަށީގެންވާ ވަރަށްވުރެ މާކުޑަކުޑަ ޤައުމެއްކަމަށްދެކި، ދިވެހިންނަށް އެކިބާވަތުގެ ދުއްތުރާތައް ކުރަމުން ގެންދިޔަ. އަޅުގަނޑުމެން 1965 ވަނަ އަހަރު ވަރަށް ކުޑަކުޑަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި، މާލޭގެ ބޭރަށް އިނގިރޭސިންގެ މަނަވަރުތައް ގެނައި ހަނދާން. އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި އޭގެ ރައްދުގައި، ދިވެހިން ހާޑުބޯޑުން މަނަވަރު ހަދާފައި ކުރިމަތީގައި ބެހެއްޓި ހަނދާން.

އެހެންވީމާ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބިފައިވަނީކީ ދިވެހިންގެ ގިނަބަޔަކު އެކަމަށްޓަކައި މަސައްކަތްތަކެއް ނުކޮށެއްނޫން. ދިވެހިންނަށް ލިބިފައިވާ މިނިވަންކަމަކީ، އެއީ ދިވެހިންގެ ގިނަބަޔަކު ޤުރްބާންތަކެއްވެގެން ލިބިފައިވާ މިނިވަންކަމެއް. އެއީ، އިނގިރޭސިވިލާތުން ރަންތަބަކެއްގައި ދިވެހިންނަށް ދިން ހަދިޔާއެއްނޫން. އާދެ، މުސްތަޤްބަލުގައިވެސް ދިވެހިންގެ މިނިވަންކަން ދެމެހެއްޓޭނީ، ދިވެހިން ކުރި މަސައްކަތަކުން. މިއަދު ދުނިޔޭގެ ޤައުމުތަކަށް އިސްތިޢުމާރީ، ސިޔާސީ ބާރެއް ނުފޯރުވޭނެ، ކުރީގެ ޒަމާނުގައި ފޯރުވާގޮތަކަށް. އެހެންނަމަވެސް، މިހާރުވެސް ޤައުމުތަކުގެ ސިޔާދަތަށާއި އިސްތިޤްލާލަށް ކުރިމަތިވެފައިވާ ނުރައްކާތައް ވަކި ކުޑައެއްނޫން. ޚާއްޞަގޮތެއްގައި މިއަދު ދުނިޔޭގެ އެކިއެކި ޤައުމުތަކަށް ޓެރަރިޒަމްގެ ނުރައްކާތެރިކަންވަނީ ކުރިމަތިވެފައި. ދިވެހިރާއްޖޭގެ މިވޭތުވެދިޔަ 44 އެތައް އަހަރު ދުވަހުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް އެފަދަ ނުރައްކަލެއްވަނީ ކުރިމަތިވެފައި.

އާދެ، ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގައި އަޅުގަނޑު ދަންނަވާނީ، ޖެހުނު އެންމެ ކުލަގަދަ ލައްގަނޑަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް އައި ހަމަލާއޭ. އެ ހަމަލާ ދިވެހިރާއްޖެއަށް އަންނަންޖެހުނީ، އެވަގުތު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާއި، އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ދިފާޢީ ސިޔާސަތާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ އިހްމާލުންނޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ. އާދެ، އެފަދަ ދުވަހެއް اللّـه އަޅުގަނޑުމެންނަށް ދެން ނުދައްކަވާށި. އެދުވަހު ދިވެހި ރައްޔިތުންގެ އެތައްބަޔަކު ޝަހީދުވެގެން ދިޔަކަން އަޅުގަނޑުމެން މިއަދު އެބޭފުޅުންގެ ޒިކްރާ އާކޮށް، އެ ހަނދާން އަޅުގަނޑުމެން އާކޮށް. އެފަރާތްތަކަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން.

އާދެ، ދިވެހިރާއްޖޭގެ 44 އަހަރުވީ މިނިވަންކަމަކީ، މުޅިއަކުން އުފަލުން ފުރިގެންވާ ދުވަސްތަކެއްނޫން. ދިވެހިރާއްޖޭގައި އަބަދުވެސް ރާއްޖޭގެ ވެރިން، ރައްޔިތުންނާ ދޭތެރޭގައި ދެކެމުން އަންނަނީކީ، ދިވެހި ރައްޔިތުންނަކީ އެއީ، ފުރިހަމަ މިނިވަންކަމެއް ލިބެންޖެހޭ ބައެއްގެ ގޮތަކަށް ނޫން. މިއަދު އަޅުގަނޑުމެން ދިވެހިރާއްޖެއަށް މިގެނައި ޑިމޮކްރެޓިކް ބަދަލަކީ، އޭގެސަބަބުން ގެންނަން ޖެހުނު ބަދަލެއް. ދިވެހިރާއްޖޭގެ ވެރިން ރައްޔިތުންނާ ދޭތެރޭ ދެކެމުންއައީ، ކުޑަކުދިންކޮޅެއްގެ ގޮތުގައި. ރައްޔިތުންނާބެހޭ ކަންކަމުގައި ރައްޔިތުންގެ ލަފައެއް ނުހޯދާ. ވެރިންނަށް ފެންނަގޮތަކަށް ކަންކަން ނިންމަމުން ގެންދިޔައީ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ސިޔާސީގޮތުންނާއި، އިޤްތިޞާދީގޮތުން ތަޞައްރުފު ނުފުރޭ ބަޔަކު ކަމުގައި ބަލައި، އެކަންކަމުގައި ރައްޔިތުން ބައިވެރިނުކޮށް ވެރިކަންކޮށްފައިވަނީ.

އާދެ، އަޅުގަނޑުމެން މިދިޔަ އޮކްޓޯބަރުމަހު މި ގެނައި ބަދަލު، މިދިޔަ ނޮވެމްބަރުމަހު ދިވެހިރާއްޖެއަށް މިއައި ވެރިކަމުގެ ބަދަލު އައުމާއެކީގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް މިއަދު މިއޮތީ އާ އިރެއްގެ ދޯދިތަކެއް އަރާފައި. އޭގެ ސަބަބުން މިއަދު މިއޮތީ ދިވެހިރައްޔިތުންގެ ވެރިކަމެއް. ދިވެހި ރައްޔިތުންގެ އާރާއި ބާރު ފެންނަންގޮތަކަށް ވެރިކަމުގެ ކަންކަން އިންތިޒާމްވެފައި. އަދި ހަމައެހެން، ޤައުމުގެ އިޤްތިޞާދީ ކަންކަމުގައި ރައްޔިތުންގެ ގިނަބަޔަކަށް ބައިވެރިވެވޭނެގޮތަށް މަޝްރޫޢުތައް ރޭވެމުން މިދަނީ. ދެންމެ އިވިވަޑައިގެން ފަދައިން ޕްރޮވިންސްތަކެއްގެ ނިޒާމް ތަޢާރުފް ކުރައްވައި، ލާ މަރްކަޒީ އުސޫލުން ޤައުމު ހިންގުމުގެ ކަންތައް ރާއްވަވަމުން މިގެންދަވަނީ، ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބިދިނުމަށްޓަކައި. މިކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަން އެބަޖެހޭ. އެގޮތަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ނުދާކަމަށްވާނަމަ، އަޅުގަނޑުމެންނަށް އަނެއްކާވެސް ޖެހޭނީ ކުރިން އަޅުގަނޑުމެން ތަޖުރިބާކުރި ކަހަލަ ހިތި ތަޖުރިބާތަކެއް ވެރިކަމުގެ ތެރޭގައި ތަޖުރިބާ ކުރަން.

އާދެ، މިއައި ބޮޑުބަދަލު އަޅުގަނޑުމެން ހިއްސާކުރަނީ އުފަލާއެކީގައި. އަޅުގަނޑަށް އެބަފެނޭ، މިރަށުގައި މިރަށުގެ ރައްޔިތުން ތިޔަ ދެއްވި ފުރިހަމަ ތަރުޙީބަކީ، އޭގެ ލާމަސީލު މިސާލެއްކަން. ވަކިޕާޓީއަކަށް ބެއްލެވުމެއްނެތި، އެވަގުތަކު އޮންނަ ސަރުކާރަކަށް ތާއީދު ކުރައްވައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރު ދެއްވާތަން ފެނުމަކީ، އެއީ އަޅުގަނޑު ދެކޭނީ، ދިވެހި މިނިވަންކަމަށްޓަކައި އުފެދޭ އާ އުންމީދުތަކާ އާ ރޫޙެއް ކަމަށް.

އާދެ، ޝައްކެއްނެތް. މިއަދު އަޅުގަނޑުމެން މި ހިއްސާކުރާ، އަޅުގަނޑުމެން މި ތަޖުރިބާކުރާ މިނިވަންކަމަކީ މިއީ، ތަފާތު ޚިޔާލުގެ މީހުން ސަރުކާރު އުފައްދައިގެން އެކީގައި މަސައްކަތްކުރާ ތަޖުރިބާއެއް. އެގޮތުން، ދިވެހިރާއްޖޭގައި ފުރަތަމަ ތަފާތު ޕާޓީތައް އެކުލެވިގެން ވެރިކަމެއް ޤާއިމް ކުރެވުނު މިއީ ފުރަތަމަ ފަހަރު. މިކަން މިގޮތަށް މި ހިނގަނީ މިވަގުތު ރާއްޖޭގެ ސަރުކާރު ހިންގުމުގައި އެންމެބޮޑު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އެމް.ޑީ.ޕީ.ގެ ޒަޢާމަތުން. އަދި ޚާއްޞަކޮށް އެ ޕާޓީގެ ޒަޢީމް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދުގެ ދުރުވިސްނުމާއި، ކެތްތެރިކަމާއި އެބޭފުޅާގެ ހިތްޕުޅު ހެޔޮކަމުގެ ސަބަބުން، މިގޮތަށް ގިނަބައެއް ބައިވެރިވެގެން މި ވެރިކަން މިގޮތަށް ޤާއިމްވެގެން ހިނގަމުންމިދަނީ.

އާދެ، މި ޑިމޮކްރަސީ އުފެދިފައިމިވަނީ، ރައްޔިތުންގެ އިޙްސާސްތަކާއެކީގައި. ރައްޔިތުންގެ ތެރެއިން އުފެދިގެންއައި ޝުޢޫރުތަކެއްގެ މައްޗަށް. އެގޮތުން ގިނަބަޔަކު ބައިވެރިވެގެން ވެރިކަން ހިންގުމަކީ އެއީ، ޑިމޮކްރަސީގެ ފުރިހަމަގޮތް. އަޅުގަނޑުމެންނަށް މި މަސައްކަތް ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެން އެންމެންނަކީ، ހުރިހާ ޕާޓީތަކެއްގެ މީހުންނަކީ، ހުރިހާ ޖަމާޢަތްތަކެއްގެ މީހުންނަކީ، ސިކުނޑި ހުޅުވި، ދުރުވިސްނުންތެރި އަދި ކެތްތެރި ބަޔަކަށްވެގެން. އާދެ، މިއަދު އަޅުގަނޑުމެން އަޅުގަނޑުމެންގެ އުންމީދު، އަޅުގަނޑުމެންގެ ޢަޒުމް، އަޅުގަނޑުމެން ކަނޑައަޅަންވީ، މިދެންނެވި ކެތްތެރިކަމާއެކީގައި، ޤައުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ރައްޔިތުންނާއި ސަރުކާރާ އަތުގުޅައިލައިގެން މަސައްކަތް ކުރަމުން ގެންދިޔުމަށްޓަކައި. އަޅުގަނޑު މިއަދު اللّـه سبحانه وتعالى އަށް ދުޢާކުރަން، ދިވެހިރާއްޖޭގެ ވެރިންނަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވިސްނުމާއި ކެތްތެރިކަމާ ހިތްވަރު ދެއްވުމަށް. އަދި ހަމައެހެން ދިވެހިރާއްޖޭގެ މިނިވަންކަން އަބަދުގެ އަބަދަށް ލެހެއްޓެވުމަށް.

والسّـلام عليـكم ورحمة اللّـه وبركاته .