بســم اللّـه الرّحمـن الرّحيــم

ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ. ދައުލަތުގެ ޢިއްޒަތްތެރި ވަޒީރުންނާއި ވެރިން. އަދި މިތަނަށް ހާޒިރުވެވަޑައިގެންނެވި ތިއްބެވި އެންމެހާ ބޭފުޅުން. السّـلام عليـكم.

އާދެ، މިއަދަކީ، އަޅުގަނޑުމެން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ދޮރުތައް ބަންދުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ވަރަށް މުހިންމު މަރްޙަލާއެއް ފާހަގަކުރާ ދުވަހެއް. އާދެ، މި ވިލިމާލޭ ޑިޓޮކްސް ސެންޓަރ ހުޅުވޭކަމީ، ސަރުކާރުގެ ފަރާތުން އެ ވަޢުދު ފުއްދުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ވަރަށްވެސް ފުރިހަމަ ދަލީލެއް.

މިއަދު އަޅުގަނޑު ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ޝުކުރު ދަންނަވަން. އެއީ، މި މަރްކަޒު މި ހުޅުވެނީ އެ މަނިކުފާނު ޚާއްޞަގޮތެއްގައި މިކަމަށް ބާރުއަޅުއްވައިގެން ނުކުންނަވައި މަސައްކަތް ކުރައްވައިގެން. އެންމެ ޑިޓޮކްސް ސެންޓަރެއްނޫން، ރާއްޖޭގެ ތަފާތު ދިމަދިމާގައި ޑިޓޮކްސް ސެންޓަރ ހެދުމަށް ވަނީ އަންގަވާފައި. މިގޮތުން އެ އެންގެވި އެންގެވުމާ އެއްގޮތްވާ ގޮތުގެމަތިން އަޅުގަނޑުމެން މަސައްކަތް ފަށައިގެން މިއީ ފުރަތަމަ ހުޅުވޭ ފުރަތަމަ މަރްކަޒް.

އާދެ، މިތާނގެ މަސައްކަތަކީ، އެއީ ހީފުޅު ނުކުރައްވާތި މަސްތުވާތަކެތީގައި ޖެހިފައިތިބި އެކަމަށް ދެވިހިފާފައި ތިބި ކުދިންނަށް ފުރިހަމަ ފަރުވާއެއް ދެވޭނެ ތަނެކޭ. މިއީކީ، އަޅުގަނޑުމެން މިކިޔާ ރިހިބެލިޓޭޝަން ތަނެއްނޫން. އަދި ރިހެބިލިޓޭޝަން ކުރެވޭ ތަނެއްނޫން. އެހެންނަމަވެސް، ފަރުވާއަށް ބޭނުންވާ ކުދިންނަށް ފުރަތަމަ ކަމެއްގެ ގޮތުގައި، ފުރަތަމަ ފަރުވާއެއްގެ ގޮތުގައި ފަރުވާދޭ ތަނެއް.

އެހެންވީމާ، އަޅުގަނޑުމެން އުންމީދުކުރަނީ މިގޮތުން ކުއްލި ފަރުވާއަށް ބޭނުންވާ ކުދިންނަށް މިތަނުން ވަރަށް އަވަހަށް ފަރުވާ ދޭން ފަށާނެކަމަށް. އަދި އެގޮތުން މި ފަރުވާ ބޭނުންވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެހެން ކުދިންނަށްވެސް މި ފަރުވާ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ދާދި އަވަހަށް ހަމަޖައްސައިދެވޭނެކަމަށް.
އާދެ، ކުރިން ދެންނެވިހެން މިއީކީ ފަރުވާގެ ނިމުމެއްނޫން. މިއީ ހަމައެކަނި ފަރުވާގެ ފެށުން. ގިނަފަހަރަށް މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ ފަރުވާއަކީ، އެއީ ދިގުމުއްދަތަކަށް ދެމިގެންދާ އެއްޗެއް. އެ ފަރުވާގެ ދަތުރަކީ އެއީ، ބައެއް ފަހަރަށް ދިގު ދަތުރެއް. އަޅުގަނޑުމެންޖެހޭ އެކަމުގައި ކެތްތެރިކަމާއެކީގައި އެކުދިންނަށް ދޭންޖެހޭ ފަރުވާ ދެމުން ގެންދަން. އަނބުރާ އެކުދިން މުޖްތަމަޢަށް ގެނެވެންދެން އެ މަސައްކަތް ކުރަން. އެންމެ ފުރަތަމަ އަޅުގަނޑުމެން ޖެހެނީ ކުއްލި ފަރުވާއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭން. އެގޮތުން އެންމެ ފުރަތަމަ ފަރުވާދޭންޖެހޭ ފަރާތަކީ، އެއީ، އަޅުގަނޑު ދަންނަވާނީ ހަމަ ޞިއްޙީ މަރްކަޒްތަކޭ އަދި ހޮސްޕިޓަލްތަކޭ. އެގޮތުން ކުއްޖަކަށް އެހީއެއް ބޭނުންވެގެން ފަރުވާއެއް ބޭނުންވެގެން ހިނގައްޖެނަމަ، އެ ކުއްޖެއްގެ މާޒީއަށް ނުބަލައި އެ ކުއްޖެއްގެ މޫނަށް ނުބަލައި ހަމައެކަނި ފަރުވާއަށް ބަލާފައި ފަރުވާދޭންޖެހޭނެ ހަމަ ކޮންމެ ޞިއްހީ މަރްކަޒަކުން. އެ ފަރުވާ ދިނުމަކީ އެއީ ވަރަށް މުހިންމުކަމެއް. އެއީ، މަސްތުވާތަކެތި ޖެހިފައިތިބި ކުދިންނަކީ، އެއީ ވަރަށް ނާޒުކް ޞިއްޙީ ހާލަތެއްގައި ތިބޭ ކުދިބައެއް. އެ ކުދިންނަށް ދިމާވާ ހާދިސާއެއްގެ ގޮތުން އެކުދިންގެ ފުރާނައަށް ގެއްލުން ލިބުމަކީވެސް އެކަށީގެންވާކަމެއް. އެހެންވީމާ، ކުއްލިއަކަށް ދޭންޖެހޭ ފަރުވާ އެ ހުރިހާ ތަނަކުންވެސް ދޭންޖެހޭނެ.

މި މަރްކަޒުން އެއަށްވުރެ ދިގުމުއްދަތަކަށް ދޭންޖެހޭ ފަރުވާ ދޭންފަށާނެ. މަހެއްހާ ދުވަހުގެ ފަރުވާ މިތަނުން ދެވޭނީ. މިތަނުން ދޭ ފަރުވާގެ މަޤްޞަދަކީ، ކުއްޖާގެ ހަށިގަނޑުގައިވާ މަސްތުވާތަކެތީގެ ވިހަ ފިލުވާލުން. މިކަމަކުން އެ ކުއްޖާ އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ކުރަންޖެހޭ ބޮޑު މަސައްކަތްތަކެއް ނުކުރެވޭނެ. ފުރަތަމަ ކަމެއްގެގޮތުން އެ ވިހަ ފިލުވާލައި އެ ކުއްޖާގެ ހަށިގަނޑު ސާފުކޮށްލުމަށްޓަކައި މިތަނުން ކުރެވޭ މަސައްކަތެއް މި ކުރެވެނީ. ދެން މިތަނުން އެކުއްޖާ ފޮނުވަފާނެ ރިހެބިލިޓޭޝަން ސެންޓަރަށް. ޑީ.އާރު.ސީ.އަށް. އެނގިވަޑައިގަންނަވާނެ ފަދައިން ޑީ.އާރު.ސީ. މިހާރު ހިނގާތާ ގާތްގަނޑަކަށް ބާރަވަރަކަށް އަހަރުވެއްޖެ. އެތާނގެ ޚިދްމަތް ވަރަށް ގިނަބަޔަކަށް މިހާރުވަނީ ލިބިފައި. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައިވާ މައްސަލައިގެ ބޮޑުކަމުން އަޅުގަނޑުމެންނަށް ރިހެބިލިޓޭޝަންގެ ފަރުވާވެސް އެބަޖެހޭ ފުޅާކުރަން.

އެގޮތުން މާލެއާ ކައިރީގައިވެސް މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރާ އަދި އިތުރު ރިހެބިލިޓޭޝަން ސެންޓަރުތައް ހުޅުވަންޖެހޭ. ހަމައެހެން، މިހާރު އައްޑުއަތޮޅުގައި ހުރި ތަންވެސް އަޅުގަނޑުމެންނަށް އެބަޖެހޭ މިހާރަށްވުރެ ރަނގަޅުކުރަން. އަޅުގަނޑަށް ޚަބަރުލިބޭ ގޮތުގައި މިހާރު ކުރިއަށްވުރެ ގިނައަދަދެއްގެ ކުދިންނަށް ފަރުވާ ހޯދަން އެތަނަށްވެސް އަންނަމުން އެބަދޭ. އެހެންވީމާ، އެ ފަރުވާވެސް އަޅުގަނޑުމެން އެބަ ރަނގަޅު ކުރަންޖެހޭ. މިކަން ކުރުމަށްޓަކައި މިހާރުމިދަނީ މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން އެކަމަށްޓަކާ އިތުރު ރޭވުންތަކެއް ރާވަމުން. އަޅުގަނޑު މިނިސްޓަރ އޮފް ހެލްތަށާއި އަދި އެބޭފުޅާގެ ޓީމަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. މިތަން އުފެއްދެވިކަމަށްޓަކައި އަދި ޚާއްޞަގޮތެއްގައި މި ޕްރޮގްރާމް ވަރުގަދަ ކުރައްވައި ރާއްޖޭގައި ރިހެބިލިޓޭޝަންގެ މަސައްކަތް، ފަރުވާގެ މަސައްކަތް، ވަރުގަދަ ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާތީ.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން މި ރިހެބިލިޓޭޝަންގެ މަސައްކަތް ރާއްޖެއިން ބޭރުގައިވެސް ކުދިންނަށް ފުރްސަތު ދެވޭތޯ މަސައްކަތްތަކެއް ކުރެވެމުންދޭ. އަޅުގަނޑު އުންމީދުކުރަން މާލަހެއްނުވެ އެ ފުރްސަތުތައްވެސް ހުޅުވިގެން ދާނެކަމަށް.

އާދެ، ދެން އަޅުގަނޑުމެން ބަލަންވީ ހަމަ މިފުރުސަތުގައިވެސް އަޅުގަނޑުމެން ހަނދާން ނައްތަލައިގެން ނުވާނެ މިކަން ހުއްޓުވުމަށްޓަކައި ދެން ކުރަންހުރި މަސައްކަތްތައް. މިއީ މި މަސައްކަތުގެ ބޭނުންވާ އެންމެ ބޮޅެއް. މިއަށްވުރެ ކުރިން ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ހުރޭ. އެގޮތުން ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލްގައި ވަރަށްގިނަ ބަޙުޘްތަކެއް ކުރެވި މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިކަމުން ސަލާމަތްކުރުމަށްޓަކާ މަސްތުވާތަކެތީގެ ވަބާގައި ޖެހުނަ ނުދިނުމަށްޓަކައި ވަރަށް ޅަފަތުގައިވެސް ކުދިންނަށާއި ކުދިންގެ އާއިލާތަކަށް މަޢްލޫމާތު ދީ މިކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައިާ މަސައްކަތްތަކެއް ފަށަން.

އެގޮތުން މިހާތަނަށް މީގެކުރިން ހިނގާފައިހުރި ވޭކަޕް ކެމްޕޭންވެސް އަލުން މުރާޖަޢާކޮށް، އެ ޕްރޮގްރާމް ތަންކޮޅެއް ވަރުގަދަކޮށްގެން ފެށޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަގެންދަން. އަދި އޭގެއިތުރުން، ސްކޫލްތަކުގައިވެސް މި ހޭލުންތެރިކަން އިތުރުކުރެވޭތޯ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އެހީފުޅާއެކީގައި އެ މަސައްކަތް ކުރުމަށްޓަކައި މިހާރުވަނީ ބައްދަލުވުންތަކެއް ބޭއްވިފައި. އަދި އެހެންވީމާ، މި ކުރަންހުރި މަސައްކަތް ވަރަށްގިނަ. މިކަމަކީ، އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އަދި ހަމަ ވަރަށް ކުޑަކުޑަ ބޮޅެއް. މިކަން އަޅުގަނޑުމެން ވަރުގަދަ ކުރުމަށްޓަކައި ކުރަންހުރި މަސައްކަތް ބައިވަރު.

އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެވެސް އެއްބާރުލުމާއި އެހީތެރިކަން ކުރިއަށް ކުރަންހުރި މަސައްކަތްތަކުގައިވެސް ލިބޭނެކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި މިއަދު މިތަން އުފައްދަވައި މިތަން މިއަދު ހުޅުވޭވަރު ކޮށްދެއްވި ކަމަށްޓަކައި، މިކަމުގައި އެހީވެވަޑައިގެން ދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ ޚާއްޞަ ފަރުވާތެރިކަމާއި ބައްލަވަމުން ގެންދަވާ ބެއްލެވުންތަކަށް އެމަނިކުފާނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވަރަށްވެސް ބޮޑު އުފަލެއް މިއަދު ވިލިމާލޭގެ ޑިޓޮކްސް ސެންޓަރ ހުޅުވުން. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން މިތަނުން ގިނަކުދިންތަކަކަށް ފަރުވާ ލިބެމުންދާނެކަމަށް. އަޅުގަނޑުގެ ދުޢާއަކީ، اللـه سبحانه وتعالى އަޅުގަނޑުމެން މިކުރާ މަސައްކަތަށް ތައުފީޤު ދެއްވުން.

والســّلام عليــكم


______________________