بســم اللّـه الرّحمـن الرّحيــم

السّـلام عليـكم.

އާދެ! މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކުރަނީ، މިހާރު ހިނގަމުންދާ ބައެއް ކަންކަމާމެދު އަޅުގަނޑު ބައެއް ވާހަކަ ދަންނަވާލުމަށްޓަކައި. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީއަކީ ވަރަށްގިނަ ބައެއްގެ މިންނެތް މަސައްކަތުން ލިބިދީފައިވާ އެއްޗެއް. އޭގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އެމީހުންގެ ޙައްޤުތައް ލިބިދިނުމަށް މަގުފަހިކޮށްދިނުން. އެ މަޤްޞަދުގައި ދައުލަތުގެ ތިންބާރު ވަކިކޮށް، ތަފާތު މިނިވަން މުއައްސަސާތައްވަނީ ޤާއިމު ކުރެވިފައި. ތިންބާރު ވަކިކުރެވިފައިވީ ކަމުގައިވިނަމަވެސް، އެ ތިންބާރު ގުޅިގެން މަސައްކަތް ކުރުމަކީ، ޤައުމުގެ ޞުލްޙައާއި ކުރިއެރުމަށް ކޮންމެހެން ބޭނުން ކަމެއް. އަދި އެއްފަރާތަކުން ކުރަންޖެހޭ ކަމެއްގައި އަނެއް ފަރާތެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުމެންގެ ޑިމޮކްރަސީގެ މި ޅަފަތުގައި، ހުރިހާ ފަރާތަކުންވެސް ރައްޔިތުންގެ މަޞްލަޙަތު އިސްކުރައްވައިގެން، އެކުވެރިކަމާއި އެއްބާރުލުމާއެކު މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަން. އެއްވެސް ފަރާތެއްގެ ޙައްޤުތަކާއި ޒާތާއި އިޙްސާސްތަކަށް ބުރޫނާރާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް. މިގޮތުން، ދެކެވޭ ވާހަކަތަކުގައިވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއެކު، ބަހުރުވަ، ވަކި ޙުދޫދެއްގެ ތެރޭގައި ބެހެއްޓުމަކީ މުހިންމު ކަމެއް. އަދި ދެކެވޭ ވާހަކަތަކުގައި، އެކަކު އަނެކަކަށް ބިރު ދެއްކުމާއި، ޖިސްމާނީ ގޮތުން ޙަމަލާ ދެވިދާނެ ކަމަށް ބުނުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން. ޑިމޮކްރެޓިކް ޤައުމެއްގެ އިންތިޚާބުތަކުގައި ބަހުގެ ހޫނު ޙަމަލާތައް ދެވުނު ކަމުގައިވީނަމަވެސް، އިންތިޚާބަށްފަހު، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރުމަކީ، ރައްޔިތުންގެ ޙައްޤުތަކަށްޓަކައި މުހިންމު ކަމެއް.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލު ކުރުމަށް ބާރުއެޅުމަކީ އޮތް ކަމެއް. އަދި އެއްވެސް ފަރާތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ކަންތައްތަކެއް ކުރާކަމަށް ގަބޫލުކުރެވޭނަމަ، އެކަންތައްތައް ތަޙްޤީޤު ކޮށްދެއްވުމަށް ކަމާބެހޭ މުއައްސަސާތަކުގައި ދެންނެވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިޚްތިޔާރެއް.

އާދެ! ބޭންކް އޮފް މޯލްޑިވްސްއަކީ، ދިވެހި ރައްޔިތުންނާ ގުޅުންހުރި، ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ އަދި ޤައުމުގެ އިޤްތިޞާދަށް ވަރަށް މުހިންމު މައްސަލައެއް ކަމަށްވާތީ، ބޭންކް އޮފް މޯލްޑިވްސްގެ 2008 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާ ގުޅިގެން، ފުލުހުން ކުރައްވާ ތަޙްޤީޤަށް ބޭނުންވާ މަޢްލޫމާތު ހޯއްދެވުމަށްޓަކައި، ޤާނޫނުގެ އިމުގެ ތެރެއިން ކޯޓު އަމުރެއް ހޯދުމަށް ޖިނާއީ ކޯޓަށް ފުލުހުން ހުށަހެޅުމުން، ކޯޓު އަމުރެއް ނެރުއްވުމަށް އިންކާރު ކުރައްވައި، ތަޙްޤީޤަށް ހުރަސް އަޅުއްވަމުން ގެންދަވާތީ، މަކަރާއި ޙީލަތް ހަދާފައި ހުރި ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ސާބިތުވާ ކަމެއްގައި، ފުލުހުންގެ ތަޙްޤީޤަށް ޖިނާއީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު ހުރަސް އަޅުއްވާ މައްސަލައަކީ ބެލެންޖެހޭ މައްސަލައެއް.

ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ފުލުހުން ހިންގާ ތަޙްޤީޤުތަކަށް އެއްވެސް ފަރާތަކުން ހުރަސް އަޅާނަމަ، އެކަމެއް އެވީގޮތެއް ބެއްލެވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަންޖެހޭ ކަމެއް. އަދި ހަމަ އެފަދައިން، އެކަންކަން ރަނގަޅު ކުރެއްވުމަށް ފިޔަވަޅު އެޅުއްވުމަކީވެސް އެމަނިކުފާނުގެ ވާޖިބެއް. މިގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ 2008 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާ ގުޅިގެން، ފުލުހުން ކުރައްވާ ތަޙްޤީޤަށް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު ހުރަސް އެޅުއްވުމުގެ އިތުރުން، އެފަރާތާ ބެހޭގޮތުން މީގެކުރިންވެސް ހުށަހެޅިފައިވާ މައްސަލަތަކުގެ މައްޗަށް ބައްލަވައި، ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެ މަތިން، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ މައްސަލަވަނީ މިއަދު އެކޮމިޝަނަށް ހުށަހަޅުއްވާފައި.

އަޅުގަނޑުގެ އުންމީދަކީ، އެކޮމިޝަންގެ ފަރާތުން މިމައްސަލަ ބައްލަވައި، ކުރިއަށް އޮތް ތާނގައި މިބާވަތުގެ ހުރަސްތައް އެޅުނަ ނުދިނުމަށްޓަކައި، ޖުޑީޝަލާއި އެހެނިހެން މުއައްސަސާތަކާ ގުޅުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކޮށްދެއްވުން.

އަޅުގަނޑުގެ އިލްތިމާސަކީ، ހުރިހާ ފަރާތަކުންވެސް ޤައުމުގެ މަޞްލަޙަތު އިސްކުރައްވައި، ކޮންމެ ކަމަކީ ސިޔާސީ ވާދަވެރި ކަމަކަށް ނުހައްދަވައި، އެކުވެރިކަމާއި އެއްބާރުލުން ދެއްވުން.

އަޅުގަނޑުމެންގެ ހިތްތަކުގައި ކެތްތެރިކަން ލައްވައި، ދިމާވާ މައްސަލަތައް ޞުލްޙަވެރި ގޮތުގައި ހަމަޖެއްސުމުގެ ކުޅަދާނަކަން ﷲ މިންވަރު ކުރައްވާށި!

والسّـلام عليـكم.