بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 29 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، މީގެ ދެއަހަރު ކުރީގައި މިދުވަހަށް ރާއްޖެ އިރުއަރައިގެން އައިއިރުގައި، ރާއްޖޭގެ ރައްޔިތުން ވަނީ މިރާއްޖެ ބަދަލުކޮށްފައި. ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި ވެރިކަން ހިނގަމުންއައި ގޮތާއި އަދި އެދިގު ޒަމާނުގައި މިރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން، މިރާއްޖޭގެ ރައްޔިތުން މިނިވަންކަމާ އެކީގައިލީ ފުރަތަމަ ވޯޓުގައި މިއޮތީ ނަތީޖާއެއް ނެރި، ރާއްޖޭގެ ވެރިކަން، މިރާއްޖޭގެ ކަންކަން ބަދަލުކުރަން ބޭނުން ކަމަށް ވަރަށް ސާފުކޮށް ސާބިތުކަމާ އެކީގައި ފާހަގަކޮށްފައި. އެއާ ވިދިގެން މި ސަރުކާރު އެނގިވަޑައިގަންނަވާނެ އުފެދުނީ. މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންގެ ވަޢުދުތަކާ ގުޅޭގޮތުން، އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތް ކުޑައެއްނޫން. އަޅުގަނޑުމެންގެ މައިގަނޑު ފަސް ވަޢުދެއްވޭ. އަދި އޭގެއިތުރުން، އެހެން ވަޢުދުތަކެއްވެސްވޭ.

އަޅުގަނޑުމެންނަށް ހަމަ ފުރަތަމަ އަހަރުއްސުރެ ފެށިގެން ޢުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށްދޭ ޕެންޝަން ދެވެން ފެށުނު. މިއަދާ ހަމައަށް އަޅުގަނޑުމެން އައިއިރުގައި، ޢުމުރުން ދޮށީގެ ސާދަހާސް ރައްޔިތުންނަށް އެފައިސާ ގަވާއިދުން މިދަނީ ދެމުން. އެފައިސާ އަޅުގަނޑުމެން އެ ރައްޔިތުންނަށް ދޭން ނިންމީ ވަރަށް ފުން ވިސްނުމަކަށްފަހު. އަޅުގަނޑުމެން އެދުވަހު ބުނިން، މިރާއްޖެއަށް ލިބިފައިވާ ޙަޤީޤީ ތަރައްޤީ ހޯދައިދިނުމުގައި، އެންމެބޮޑު ޙިއްޞާއެއް އަދާކުރި އެއްބަޔަކީ މި ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުނޭ. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މޭޒުތައްދޮށުގައި ތިއްބެވި ބޭފުޅުން ކަމަށް ދެކިއްޖިއްޔާ، އަޅުގަނޑުމެންގެ ޕާޓީއަށް ފެނުނީ އެއީ ވަރަށްބޮޑު ބޭއިންޞާފަކަށްވާނެ ކަމަށް. މާތްރަސްކަލާނގެ އިރާދަފުޅު ކުރައްވައިގެން، އަޅުގަނޑުމެންނަށް ދޮށީ ޢުމުރުގެ ރައްޔިތުންނަށް މިހާރު އެޕެންޝަން ގަވާއިދުން މިދަނީ ދެވެމުން. އަދި މިހާރު އެކަން އެވަނީ ޤާނޫނެއްގެ ތެރެއަށްވެސްލާ ހިމުންކުރެވިފައި.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަށް އިވޭ އިވުމުގައި އަދި އަޅުގަނޑަށް އެހެންވެސް ހިސާބުތައް ފެނިފައި ހުރި ގޮތުން، އަޅުގަނޑުމެންގެ އެމަޝްރޫޢު ކާމިޔާބުވެ ނިމިއްޖެ. ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނެއް މިހާރު ދިރިއުޅެމުން އަންނަނީ ކުރީގައި އެމީހުން އުޅުނު ހާސްކަންމައްޗަކު ނޫން. އެއަށްވުރެ އަދި މާ އުފަލުގައި. އަދި އެހެންވެސް ކަންކަން ފުރިހަމަވާ ގޮތުގައި.

ދޮށީ ޢުމުރުގެ މީހުންގެ އިތުރުންވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ވަޢުދުތަކެއް އެބަހުރި. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުން މިނުއްވާފައި، ކިރުއްވާފައި ބައްލަވައިފިއްޔާ، މި ސަރުކާރުން މިދަނީ މި ސަރުކާރުން އެ ވަޢުދުތައް ފުއްދާންހުރި ތާރީޚުތަކަށް، ކަނޑައަޅާފައި އޮތް މިންގަނޑަށް މައިގަނޑު ގޮތެއްގައި ކަންކަން ކުރެވެމުންނޭ. އާދެ! ބައެއްފަހަރަށް ދެތިން ހަތަރުމަސްވެސް އަމާޒުން ކައްސާލައިދޭ. އަދި ގިނަފަހަރަށް އެހެންދާއިރުގައި، އެކަން އެހެންވެފައި ހުންނަނީ އަޅުގަނޑުމެން އެއިރުގައި މިނި މިނުމުގައި ދިމާނުވި އެތައް ކަމެއް މިއަދު ދިމާވަމުން އަންނަކަން. ޚާއްޞަ ގޮތެއްގައި، ކޮރަޕްޝަން ބޯޑަށް އެދިގެން މައްސަލަތައް ހުއްޓާލާފައި ހުންނަން ޖެހުން. ރައްޔިތުންގެ މަޖިލީހުގެ ކޮންމެވެސް ކޮމިޓީއަކަށް ކަންތައްތަކެއް ބޭނުންވެގެން، އެ މަޖިލީހުން އެދިގެން ކަންކަން ހުއްޓާލާފައި ހުރުން. ނުވަތަ ޝަރީޢަތަށް ހުށަހަޅާފައި އޮތް މައްސަލައަކާ ގުޅިގެން، އެކަމެއް ހުއްޓާލާފައި އޮތުން. އަޅުގަނޑު އެއްވެސް ހާލެއްގައި، މިއިން އެއްވެސް ކަމަކާ ޝަކުވާއެއްގެ ގޮތުގައި ފާހަގަކުރަނީކީއެއް ނޫން. ޑިމޮކްރަސީއެއް ހިނގާއިރުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިނގާއިރުގައި، ހުރިހާ ބާވަތެއްގެ ޝަކުވާ ބެލެވެންޖެހޭނެ. ކޮރަޕްޝަން ބޯޑުގެ ކަންތައްތައް ފުރިހަމައަށް ހިނގަންޖެހޭނެ. ޝަރީޢަތް ރަނގަޅަށް ކުރެވެންޖެހޭނެ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ކުރެވެންޖެހޭނެ.

އަޅުގަނޑު މިމައްސަލަތަކުގައި، މިކަންކަމުގައި ދެކޭގޮތަކީ، އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީއަށް ގިނަ ކަންކަން މިހާރު މިހުރީ މަގުފަހިވެފައޭ. އަޅުގަނޑުމެން މިދަނީ ރަނގަޅު މަގުގައޭ. އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިގެންދާނެއޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިވާހަކަތައް ދައްކާއިރުގައި، ރޭގައި ހުޅުވިގެންދިޔައީ، އެމް.ޑީ.ޕީ.ގެ 2 ވަނަ ކޮންގްރެސް. އަޅުގަނޑު ކުރީގައިވެސް އަބަދުވެސް ދަންނަވަން އައި ވާހަކައެއް. ސިޔާސީ ޕާޓީގެ މުހިންމުކަމާއި، އަދި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީގެ މުހިންމުކަން. އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ދަރި ރީތިވެސްވާނެ، މޮޅުވެސްވާނެ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަނީ، އެހެން ޕާޓީތައްވެސް ހަމަ އެމް.ޑީ.ޕީ.ގެ މިސާލުން އަދި ދުނިޔޭގައި އެކަންކަން ކޮށްފައި އޮތް ގޮތުގެ މިސާލުން މިސާލު ނަގައި، އެ ޕާޓީތަކުގެ ކަންކަންވެސް ހަރުދަނާކޮށް ފުރިހަމަ ކުރަމުން ގެންދަވާނެ ކަމަށް.

އަޅުގަނޑު މިއަދު އިތުރަށް ފާހަގަކޮށްލަން ބޭނުންވާ ވާހަކައަކީ، މިދިޔަ ހަފްތާގެ ތެރޭގައި، ވަރަށްދެރަ ކަމެއް ރާއްޖޭގެ ރިޒޯޓެއްގައި ހިނގައިފި. ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާ، އަޅުގަނޑުމެންނަށް ކާންބޯން ލިބެނީ ޓުއަރިޒަމްގެ ޛަރީޢާއިން ލިބޭ ފައިސާއިން. އަޅުގަނޑުމެން އެ ޞިނާޢަތާ ދޭތެރޭގައި ކަމޭނުހިތައިފިނަމަ، އަޅުގަނޑުމެންނަށް މިނަގާލެވެނީ އަޅުގަނޑުމެންގެ މުސްތަޤްބަލް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ މިއަދު ހަމަ ސީދާ މިޒަމާން. އަޅުގަނޑުމެން ޓުއަރިޒަމާ ގުޅޭގޮތުން ކަންކަން ހިންގާއިރުގައި އަދި އެ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ކަންކަން ކުރައްވާއިރުގައި، ރަނގަޅު ވިސްނުމާއި، ފުރިހަމަ ގޮތުގައި ކަންކަން ނުކުރައްވައިފިނަމަ ލިބޭ ގެއްލުން ވަރަށްބޮޑު. އެނގިވަޑައިގަންނަވާނެ، ބޭރުން އައި ބަޔެއް، އަޅުގަނޑުމެންގެ ޤައުމަށް ޒިޔާރަތް ކުރި ފަތުރުވެރިން. އެމީހުން ބޭނުންވީ، އެމީހުންގެ ކައިވެނި އަޅުގަނޑުމެންގެ ރާއްޖޭގައި ކުރުމަށް. އެހެން ބޭނުންވީމާ، އޭނާއަށް ދިވެހިބަސް ނޭނގޭތީވެ، އޭނާއަށް އެކަމުގެ ވާހަކަތައް އޮޅުވާލައިހެދުމަކީ، އަދި އެކަމުގައި ހަޖޫއެއް ހަދައި، އެކަމަކީ ފުރައްސާރަވާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ހެދުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ދަށު ދަރަޖައިގެ ކަމެއް. އަޅުގަނޑު އުންމީދު ކުރަން، މިއީ އަޅުގަނޑުމެންގެ ވިސްނުން ނޫންކަން. އަޅުގަނޑު ޔަޤީން ކުރަން، މިއީ އަޅުގަނޑުމެންގެ ވިސްނުން ނޫންކަން.

އަޅުގަނޑު މިނިސްޓްރީ އޮފް ޓުއަރިޒަމްގައި އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވާނަން، ރާއްޖޭގައި ބިދޭސީން ކައިވެނިކުރާއިރުގައި، ކަންކަން ހިންގާންޖެހޭ ރިވެތި އުޞޫލުތަކެއް ކަނޑައަޅަން އެބަޖެހެއޭ. ކައިވެންޏެއް ރާއްޖޭގައި ހިންގާއިރުގައި، އެކަން ކުރަންޖެހޭ ގޮތަކީ އެވެނި ގޮތެއް ކަމަށް، މިވެނި ގޮތެއް ކަމަށް ސާފުކޮށް ބަޔާންކުރެވި، ސަރުކާރުގެ އުޞޫލެއްގެ ގޮތުގައި ހުރިހާ ރިޒޯޓުތަކަކަށް އިރާދަކުރެއްވިއްޔާ އެންގޭނެ. މީގެކުރީގައި ވަރަށްގިނައިން ބޭރު މީހުންނަށް ރާއްޖޭގައި ކައިވެނި ކުރުމުގެ ފުރްޞަތު ދިނުމާއި ނުވަތަ އެ ފުރްޞަތާ ގުޅޭގޮތުން އެކިގޮތްގޮތަށް ވާހަކަ ދެކެވިފައި އެބަހުރި. އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑަށް ޤާނޫނީ ލަފާ ލިބިފައި އޮތް ގޮތުގައިވެސް، މިކަމަކީ ގަވާއިދެއްގެ ތެރެއިން ދިވެހި ސަރުކާރަށް މިހާރު ކުރާން މަޖްބޫރުވެފައި އޮތް ކަމެއް. އަދި ހަމައެޔާއެކު، މިކަން ރިވެތި ގޮތުގައި އަޅުގަނޑުމެންނަށް ކުރެވުނީމާ، ރާއްޖެއަށް ވަންނަމުން އަންނަ އާމްދަނީވެސް އެތައް ތަނަކުން މަތިވެގެންދާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު މިދެކެނީ، ބިދޭސީ ކައިވެނީގެ ކަންކަން ފުރިހަމަ އުޞޫލެއްގެ ތެރެއިން ރާއްޖޭގައި ހިންގޭނެ ނިޒާމެއް ދާދި އަވަހަށް ޤާއިމް ކުރެވޭނެއޭ.

އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ ނަޞޭޙަތަކީ، ރިޒޯޓުތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް އަދި އަޅުގަނޑަށް އެނގޭ، އަޅުގަނޑު ގަބޫލުވެސް ކުރަން، ރިޒޯޓުތަކުގައި މަސައްކަތްކުރާ ގިނަ ދިވެހިންނަކީ، އަޅުގަނޑު ދަންނަ، އަޅުގަނޑުމެންގެ ސަރުކާރަށް ތާއީދުކުރާ، އަޅުގަނޑުމެންނަށް ވޯޓު ދެއްވާފައި ތިބި ހަމަ އަޅުގަނޑުމެންގެ މީހުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، ވިސްނުންތެރިކަމާ އެކީގައި ނޫނިއްޔާ މިހާރު ދެން އެއްވެސް ކަމެއް ކުރުމަކީ ބުއްދިވެރި ކަމެއް ނޫނޭ. ޚާއްޞަކޮށް، މިހާ ބޮޑަށް ރާއްޖެ ހުޅުވާލެވިފައިވާއިރުގައި، އަޅުގަނޑުމެން ކޮންމެ މީހަކީވެސް ވަރަށް ޒިންމާދާރު މީހެއް. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ފަރުވާކުޑަކަމާއެކު ކަމެއް ކޮށްފިނަމަވެސް އަދި ކަމެއް ކުރާން އޮތް ގޮތް ނޫން އެހެން ގޮތަކަށް ކޮށްފިނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ބަޔަކަށް އެބަ އޭގެ ނުރަނގަޅު އަސަރު ފޯރާ އެބަދޭ.

މި ޓުއަރިޒަމްގެ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް އަދި އެ އިންޑަސްޓްރީގެ މެނޭޖްމަންޓްވެސް، ބިދޭސީ ކައިވެނިތަކާއި އަދި އެނޫންވެސް ރިޒޯޓުތަކުގައި ހިންގާ އެންމެހާ ކަންކަން ހިންގާނެ ގޮތުގެ އުޞޫލުތަކެއް ކަނޑައެޅިފައި ހުންނަންޖެހޭނެ. އެ އުޞޫލުތަކާ އެއްގޮތަށް ނޫނިއްޔާ ކަންކަން ހިނގައިގެން ނުވާނޭ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ރަނގަޅު މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.


والحمد للّـه. والسّـلام عليـكم

______________________