بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 22 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނެ، ޕްރޮމޯޝަން ޓެސްޓްގެ ދުވަސްވަރު، މިދިޔަ ހަފްތާގައިވެސް އަޅުގަނޑު ފާހަގަކުރިން. ޕްރޮމޯޝަން ޓެސްޓް، އެ ހަފްތާގެ ތެރޭގައި ބައެއް ސްކޫލްތަކަށް ފެށޭނެ ވާހަކަ. އަތޮޅުތަކުގެ ވަރަށްގިނަ ސްކޫލްތަކުގެ ޕްރޮމޯޝަން ޓެސްޓް މިހާރު ހިންގަމުންދަނީ ނުވަތަ ހިނގާ ނިމިފައިވަނީ. މިއަންނަ ހަފްތާގެ ތެރޭގައި، މާލޭގައި އެންމެ ގިނަ ދަރިވަރުންތައް އުޅޭ މިރަށުގައި، ޕްރޮމޯޝަން ޓެސްޓް ފެށިގެންދާނެ.

ކުދިންގެ ތަޢްލީމީ ދިގު އަހަރަށްފަހު، އެކުދިންގެ އިމްތިޙާނާ އެކުދިން ކުރިމަތިލައި، ދެން އަންނަ އަހަރަށް އެކުދިން ބަދަލުވުމުގެ މަސައްކަތްތައް އެންމެ ބުރަވެގެންދާ ވަގުތަކީ، މިދެންނެވިހެން މި ޕްރޮމޯޝަން ޓެސްޓްގެ އިމްތިޙާނުގެ ވަގުތު. ކުދިން މިހާރު ގެންދަނީ ވަރަށް ބޮޑަށް ފިލާވަޅު ދަސްކުރަމުން ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އަޅުގަނޑު ވަރަށް ބޮޑަށް ދެކެން، މައިންބަފައިންވެސް ކުދިންނަށް ވީމިންވަރަކުން ވަގުތު ހުސްކުރައްވައިގެން، ފިލާވަޅު ދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް. އަދި އަޅުގަނޑު ހަމަ އިތުރަށް މައިންބަފައިންނަށް ދަންނަވާލަން ބޭނުން، ރުޅި އިސްނުކުރައްވައްޗޭ، ކެތްތެރިވާށޭ. ކުދިން ފިލާވަޅު ދަސްނުކޮށް ފޮތް ހިފައިގެން އިނދެ، ގިނައިރު ކޮށްކޮށް، ހަމަ އޭގެ ރަނގަޅު ނަތީޖާއެއް ނުނުކުންނާނެ ކަމަށް ދެކެވޭއިރުގައިވެސް ރުޅި އިސްނުކުރައްވާށޭ. ކެތްތެރިވާށޭ، މަޑުމައިތިރިކަމާ އެކީގައި އެކަމުގައި އުޅުއްވާށޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެގޮތް އެއީ މާ ކާމިޔާބު ގޮތެއް. އަޅުގަނޑުގެވެސް އެނގިވަޑައިގަންނަވާނެ، ހަމަ އިމްތިޙާނަށް ކުރިމަތިލާ ކުދިން އެބަތިބި. ދެން އަޅުގަނޑަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ މާހިރެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ހަމަ މިދަންނަވަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ރުޅި އައިސްގެން، ރުޅި އިސްކޮށްގެން އުޅުއްވައިގެން ވަކި ނުކުންނަ މާރަނގަޅު ނަތީޖާއެއް ނޯވެއޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ދަރިވަރުންނާ އެކީގައި، ދަރިންނާ އެކީގައި މައިންބަފައިންނަށް މަސައްކަތް ކޮށްގެން، މި އިމްތިޙާނުން ދަރިވަރުންނަށް ފުރިހަމަ ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމަށް. ހަމައެޔާއެކީގައި، ކެމްބްރިޖް އޯ ލެވެލް އިމްތިޙާނާއި އަދި އެއަށްފަހު އަންނަ އެހެން އިމްތިޙާނުތައްވެސް، ޑިސެމްބަރު މަހުގެ ތެރޭގައި ހުންނަ ނުވަތަ ވިންޓަރގައި ހުންނަ އެހެން އިމްތިޙާނުތަކަށްވެސް ދަރިވަރުން މިހާރުދާނީ ފަރިތަކުރަމުން، ފިލާވަޅު ދަސްކުރަމުން. ހަމަ މީގައި ދެންނެވެން އޮތީ އެންމެ ވާހަކައެއް. ފަރިތަކުރުން، ދަސްކުރުން، ގިނަގިނައިން ފަރިތަކުރުން. އެއީ މޮޅުވުމުގެ ސިއްރަކީ. އަބަދު އަބަދު ތަކުރާރުކޮށް، އެކަމެއްގެ ފޯކަސް ނުގެއްލި، އެކަމެއް ކުރުން. އެއީ ކާމިޔާބުގެ ސިއްރަކީ. އަޅުގަނޑު އުންމީދު ކުރާނީ، ހުރިހާ ކުދިންވެސް މިރޫޙުގައި، މިޓެސްޓާ ދިމާއަށް މިޞްރާބު ޖަހާނެ ކަމަށް.

މިދިޔަ ހަފްތާގެ ތެރޭގައި، ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމާ ގުޅޭ ޖުމްލަ ބޮޑު ދެމަޝްރޫޢެއް ފަށައިގަނެވުނު. އެއްކަމަކީ ތިމަރަފުށީގައި ހަދަން ފެށުނު އެއަރޕޯޓްގެ މަސައްކަތް ފެށުން. އެނގިވަޑައިގަންނަވާނެ، ތ. އަތޮޅާއި މި ސަރަޙައްދަށް ޓުއަރިޒަމްގެ ވިޔަފާރި ފަހިވެގެން ދެވެން އޮތީ، އެތަނުގައިވެސް އައިސް ގޮސް، ލަފާ ފުރޭނެ ގޮތެއް ހަމަޖެހުނީމަ. ރޭގަނޑުވެސް ދަތުރުވެރިންނަށް ޖެއްސޭނެފަދަ އެއަރޕޯޓެއް ނުވަތަ ރަންވޭއެއް އޮވެގެން ނޫނިއްޔާ ފުރިހަމަ ގޮތުގައި މިޞިނާޢަތު ކުރިއަށް ގެންދަން ދަތިކަމަށް، ކަމާބެހޭ މާހިރުން އަބަދުވެސް އެގެންދަވަނީ ފާހަގަކުރައްވަމުން. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، ތިމަރަފުށީގެ އެއަރޕޯޓުގެ ސަބަބުން އަދި ދުވަސްކޮޅެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެތަން ނިމުނީމާ، މުޅި އެ ސަރަޙައްދަށް ވަރަށްބޮޑު ތަރައްޤީގެ ކުލަވަރެއް ފެނިގެންދާނެ ކަމަށް. ހަމައެޔާއެކީގައި، މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރަށް މިވަނީ މާލެ، ހުޅުލެ، ހުޅުމާލެ، މި ލިންކް ތަންކޮޅެއް ބާރު ސްޕީޑެއްގައި ގެންދެވޭ ގޮތަށް ހުޅުވާލެވިފައި. އެއީ، މާލެއާއި ހުޅުލެއާ ދެމެދު ސްޕީޑް ލޯންޗާއި އަދި ހުޅުލެއިން ހުޅުމާލެއަށް ވަކި ޚާއްޞަ މަގެއް މިހާރު އެވަނީ ނިމިފައި. އެއީ ވަރަށް ދިގު މަގެއް. އެމަގު މިހާރު މިވަނީ އެކީއެކައްޗަކަށް ނިމި، އެމަގުގެ ޚިދްމަތް މިހާރު މިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ލިބެން ފަށާފައި. އަޅުގަނޑަށްވެސް އެނގޭ، މިދަތުރުތައް ތަންކޮޅެއް އަގުބޮޑުކަން. އެހެންނަމަވެސް، މިމަގަކީ އަމިއްލަ ވެހިކަލްގައިވެސް ހުޅުމާލެއިން ހުޅުލެއަށް ބޭނުންކުރެވެން އޮތް މަގެއް. އަދި ހުޅުލެއާއި މާލެއާ ދޭތެރޭގެ ކަނޑުދަތުރު، އެހެންވީމާ ވަރަށްބޮޑުތަނުން، ހަމަގައިމުވެސް ހުޅުމާލެއިން މާލެއަށް އައުމަށްވުރެ ކުޑަވެގެންދާނެ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، ސަރުކާރުން ދެކޭގޮތުގައި މިލިންކް ހުޅުވުނީމާ، ހުޅުމާލެއާއި މާލޭގެ ދެމެދުގައި ކުރަންޖެހޭ ދަތުރުގެ ދިގުމިން ދެބައިކުޅަ އެއްބަޔަށް ކުރުވެގެން ހިނގައްޖެއޭ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި ހަމަ ވަރަށް އުފަލާ އެކީގައި މަރްޙަބާ ދަންނަވަން ބޭނުން، އެމް.ޑީ.ޕީ.ގެ ޗެއަރޕަރސަނަށާއި، ޕާޓީގެ ރައީސަށާއި އަދި ޕާޓީގެ އެންމެހާ މެންބަރުންނަށް. އެނގިވަޑައިގަންނަވާނެ، ޕާޓީގެ ކޮންގްރެސްއާ އެޕާޓީ އެކުރިމަތިލަނީ. ލާއިރުގައި އެޕާޓީ މިހާރު އެވަނީ ޕާޓީގެ ބައެއް މަގާމުތަކަށްވެސް އަލުން އަނބުރާ ހަމަ ސީދާ ވޯޓަށްގޮސް، އިންތިޚާބުތައް ބާއްވައި، މެންބަރުން އިންތިޚާބުކޮށްފައި. އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ޕާޓީއަކުންވެސް މިހާރު ވިސްނަމުން މަސައްކަތް ކުރައްވަމުން ގެންދަވާނީ، ލޯކަލް އިންތިޚާބުގައި، އެ ޕާޓީތަކުން ވާދަކުރުމުގެ ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތާއި އަދި އެވާދަ ކުރުމަށްޓަކައި ކެމްޕެއިންތައް އިންތިޒާމްކޮށް، ރާވައި ހިންގާނެ އުޞޫލުތައް ކަނޑައަޅައި، މިމަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް. ސިޔާސީ ޕާޓީއެއްގެ އެންމެބޮޑު އެއްވަޒީފާއަކީ، އެންމެބޮޑު އެއްބޭނުމަކީ، އެޤައުމެއްގެ ސިޔާސީ މަގާމުތަކަށް އިސްވާނެ ބޭފުޅުން، ޤާބިލް ބޭފުޅުން އެކިތަންތަނުން ހޯދައި، އަދި އެބޭފުޅުންނަށް މަގާމުތަކަށް އައުމަށް، އިންތިޚާބުތައް މެދުވެރިކޮށް މަގާމުތަކަށް އައުމަށް މަގުފަހިވާނެ ގޮތްތައް ފުރިހަމަކޮށްދިނުން. ސިޔާސީ ޕާޓީއެއްގެ ކިތަންމެ ބޭނުމެއް އެބަހުރޭ. ހުންނައިރުގައި އެންމެ މުހިންމު އެއްބޭނުމަކީ، އިންތިޚާބުތަކަށް ކެންޑިޑޭޓުން ބިލްޑް ކުރުން. އެކުރާ ކެންޑިޑޭޓުންނަކީ ވަކި ފިކުރެއްގައި، ވަކި ކަމެއްގައި، ވަކި ވިސްނުމެއްގައި ތިބޭ ކެންޑިޑޭޓުންނަށް އެބަވާންޖެހޭ. ޕާޓީގެ ވިސްނުން، އެ ކެންޑިޑޭޓުން އެބަ ގެންގުޅެންޖެހޭ. އެވިސްނުމައިގެން ރައްޔިތުންނަށް މަސައްކަތް ކޮށްދިނުމަށް ޕާޓީތަކުން ނުކުންނަނީ. ވަކިވަކި ފަރުދުންގެ ގޮތުގައި ސިޔާސީ މަސައްކަތް ކުރުން އެއީ ވަރަށް އުނދަގޫ ކަމެއް. އެއީ ނުވާނެ ކަމެއް. އިންތިޒާމުވެގެން، ރޭވިގެން، އެކުވެގެން ޖަމާޢަތެއްގެ ގޮތުގައި ޕާޓީއެއްގެ ގޮތުގައި ނޫނީ ފުރިހަމަ ސިޔާސީ ޙަރަކާތް ރަނގަޅަށް ހިންގިފައި ހުރި ތަނެއް އިންސާނީ ތަޖްރިބާ ދައްކާފައެއްނެތް. އެހެންވީމާ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް މިއީ، މި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އުފެދި، މި ފައްކާވަމުން އަންނަ އައުން. އަދި އެ އަންނަ އައުމުގައި ހުރިހާ ޕާޓީތަކުންވެސް އަޅުގަނޑު އުންމީދު ކުރަން، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރައްވާނެ ކަމަށް. ވަރުގަދަ ކުރައްވާނެ ކަމަށް. އެތެރޭގެ އިންތިޚާބުތައް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް. ހުރިހާ ޕާޓީއެއްގައި އިންތިޚާބުތައް ބޭއްވުމުގެ އުޞޫލުތައް އެއްގޮތްވާކަށްނުޖެހޭ. އެއްޕާޓީއެއްގައި އޮންނަ އިންތިޚާބުގެ އުޞޫލުތަކާއި އަނެއް ޕާޓީއެއްގެ އިންތިޚާބީ އުޞޫލުތައް ތަފާތުވެދާނެ. އެއީ އެޕާޓީއެއްގެ މެންބަރުން ނިންމާ ނިންމުމެއް. ކޮބައިތޯ އެ ޕާޓީއެއްގެ އިންތިޚާބީ އުޞޫލު ބާއްވާނީ. އެހެން ނަމަވެސް، ޕާޓީތައް މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް މި ސިޔާސީ މަސައްކަތްތަކަށް، މަގާމުތަކަށް ކަމަށް އެކަށީގެންވާ ޤާބިލް، ރައްޔިތުންގެ ރުހުން އޮތް ބޭބޭފުޅުން ނެރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم