بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 8 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަސް. މާދަމައަކީ ރާއްޖޭގައި އަޅުގަނޑަށް ފެންނަ ފެނުމުގައި، ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުދިރަށްތަކުގެ ރައްޔިތުން، އެބޭފުޅުން ވަރަށް މުހިންމު ކަމަކާ ގުޅޭގޮތުން ދެކޭގޮތް ކަނޑައަޅާ ދުވަސް. އަޅުގަނޑު މިކަމުގައި މިވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާއިރުގައި، އެންމެ ފުރަތަމައިނުންވެސް ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ، މިމަސައްކަތް، މިކަންކަން، މިސާލަކަށް، ރަށްރަށް އެއްކުރުމުގެ ކަންތައް ކޮންމެ ގޮތަކަށްދިޔަނަމަވެސް، އެއްނުކުރި ނަމަވެސް، އޭގެ ސަބަބުން ސަރުކާރަށްވެސް އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީއަށްވެސް އަދި އަޅުގަނޑަށްވެސް، އަޅުގަނޑުމެންގެ ސިޔާސީ ޙަރަކާތްތަކާއި ނުވަތަ ސިޔާސީ ފައިދާއާ މިކަމާވާ ގުޅުމެއް ހަމަ އެއްގޮތަކަށްވެސް ނެތޭ.

އަޅުގަނޑު މިވާހަކަ ތިޔަބޭފުޅުންނާ، ރާއްޖޭގެ ރައްޔިތުންނާ މިއަދު މި ޙިއްޞާ މިކުރަނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިބާވަތުގެ މުހިންމު ނިޒާމީ މައްސަލައެއް ނިންމުމަށް ރާއްޖޭގެ ރައްޔިތުން ވޯޓަށްދާއިރުގައި، އަޅުގަނޑު މިކަމުގައި ދެކޭގޮތް ފާހަގަކުރުމަކީ ރަނގަޅު ކަމެއް. އެއީ އަދި އަޅުގަނޑަށް ކުރަންޖެހޭ ކަމެއް. އަޅުގަނޑުގެ ވާޖިބެއް. އަޅުގަނޑަށް ލިބިފައިހުރި ޢިލްމަކާއި ތަޖްރިބާއިން އަޅުގަނޑަށް ފެންނަނީ، ކުޑަ ޔުނިޓް، ތަރައްޤީ މިކުރެވެނީ ވަކި ދަރަޖައަކަށޭ، ވަކިމިންވަރަކަށޭ. ކުޑަ ޔުނިޓުގެ އެ މިންވަރު ހަމަވުމުން، އެ ޔުނިޓަށް ދެން އިތުރަށް ވެވޭނެ، ހެދޭނެ ގޮތްތައް ވަރަށްކުޑައޭ. އެހެންވީމާ، އަޅުގަނޑުމެންނަށް މީގައި އަޅުގަނޑުމެން ބައެއްފަހަރަށް ކުޅޭއިރުވެސް އެބަ ބޭނުންކުރަން ލެގޯ ސިސްޓަމް ގުޅުވުން. ގުޅުވީމާ، އެބަ ކުޑަ ޔުނިޓް ބޮޑުވެގެންދޭ. އަޅުގަނޑު މީގައި ދެއްކޭނެ ކިތަންމެ މިސާލެއް އެބަހުރި. މިސާލަކަށް، އިނގުރައިދޫ، ކިނޮޅަސް، ފައިނު، މި ތިން ރަށަށް ބައްލަވައިލައްވައިފިއްޔާ، ފައިނަކީ ތިންސަތޭކައެއްހާ މީހުންގެ ރަށެއް. ކިނޮޅަހަކީ ފައްސަތޭކައެއްހާ މީހުންގެ ރަށެއް. އިނގުރައިދުއަކީ ފަނަރަސަތޭކަ، ސޯޅަސަތޭކައެއްހާ މީހުންގެ ރަށެއް. އެހެން ނަމަވެސް، އަޅުގަނޑުމެން މި ތިން ރަށް މިއީ އެއްރަށެއްގެ ގޮތުގައި ކިއީމާ، އެއީ ވަރަށްބޮޑު ރަށެއް. ދެހާސް ފައްސަތޭކަ މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެއް. ސަރުކާރުންވެސް އަދި އެހީދޭ ޖަމާޢަތްތަކުންވެސް، އަޅުގަނޑުމެންނަށް ހެޔޮއެދޭ ފަރާތަކުންވެސް އަޅާލަން ބަލާއިރުގައި، ދެހާސް ފައްސަތޭކަ މީހުން ދިރިއުޅޭ ރަށަކާ އަޅާލުން އައުލާކަންބޮޑު، ގާތް، ވަރަށް ކުޑަކުޑަ ޢަދަދަކަށް މީހުން އުޅޭ ރަށަކާ ހިންގާ ނަޒަރަށްވުރެ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް، ފައިނަށް ނުވަތަ ކުޑަރަށަށް ސަރުކާރުން ބަޖެޓުގެ ގޮތުގައި ފޯރުމިކޮށްދެވެނީ ވަކިޢަދަދެއްގެ ރުފިޔާ. އަނެއް ރަށަކަށް އަނެއް ޢަދަދެއް. ދެން އޮތް ރަށަކަށް އަނެއް ޢަދަދެއް. މި ތިން ރަށް އެއްކޮށްލީމާ، އެބަނުކުމޭ ވަރަށް ރަނގަޅު ޢަދަދެއް. އެކަށީގެންވާ ޢަދަދެއް. އެހެންވީމާ، އެ ތިންރަށް އެއްކޮށްލައިގެން ހިންގާ އިޤްތިޞާދު، ތިންރަށަށްވެސް އޭގައި ފައިދާ ބޮޑޭ. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި ތަރައްޤީ ހޯދަން، މިސާލަކަށް، އެއް އިންޖީނުގެއިން ތިން ރަށަށް ކަރަންޓް ދިނުން. ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް މިއަދުގެ ދުނިޔޭގައި. އޭރުން ތިން ރަށަށްވެސް ކަރަންޓްގެ ޚަރަދު، އެކީ އެކައްޗަކަށް ކުޑަވެގެންދޭ. އަދި ސަރުކާރުން ހިންގާ މަޝްރޫޢެއްވެސް، އެއްރަށެއްގެ އެއް އަވަށުގައި ހިންގާފައި، އެރަށުގެ އަނެއް އަވަށުގައި ނުހިންގައެއް ނުތިބެވޭނެ. ސަރުކާރުގެ ހުރިހާ ލިޔެކިޔުމެއްގައިވެސް، ހުރިހާ ޕްލޭނެއްގައިވެސް، ހުރިހާ ތަޞައްވުރެއްގައިވެސް އެއްވެފައި ހުންނަ ރަށް އޮންނާނީ އެއްވެފައި.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިސާލަކަށް، މާލޭ ހެންވޭރުގައި ނަރުދަމާ އަޅާފައި، ދެން މާފަންނުގައި ނާޅައި، ގަލޮޅުގައި ނާޅައި، އެއީ ތިބެވޭނެ ގޮތެއް ނޫން. އެކަން ކުރެވޭނެ ގޮތެއް ނޫން. އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މުޅި ޖުމްލަ ތަރައްޤީއަށްޓަކައި މިކަން ކުރުން ވަރަށް މުހިންމު. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ، މިބަދަލު، މި ވިސްނުން، އަޅުގަނޑު އަބަދުވެސް ފާހަގަކުރަން އެބަ، އަޅުގަނޑުމެން އެބަޖެހެއޭ އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން އަޅުގަނޑުމެންގެ ވިސްނުން ގެންދަން. އަޅުގަނޑުމެންނަކަށެއް ނެތޭ، އަޅުގަނޑަކީ މިސާލަކަށް، އަޅުގަނޑަކަށެއް ނެތޭ އަޅުގަނޑަކީ ގަލޮޅު މީހެކޭ، މާލޭ މީހެކޭ އެހެން ބުނެ އިނދެވޭކަށް. އެއްރަށާ އަނެއް ރަށް އެބަ ގުޅެންޖެހެއޭ. އެއްއަތޮޅާއި އަނެއް އަތޮޅު އެބަ ގުޅެންޖެހެއޭ. އެއް ޕްރޮވިންސާއި އަނެއް ޕްރޮވިންސް އެބަ ގުޅެންޖެހެއޭ. އެއްޤައުމާއި އަނެއް ޤައުމު އެބަ ގުޅެންޖެހެއޭ. ދުނިޔޭގެ ތަރައްޤީވެސް، ރާއްޖޭގެ ތަރައްޤީވެސް، ރަށްރަށުގެ ތަރައްޤީވެސް އަޅުގަނޑުމެންނަށް ހޯދޭނީ، އިންސާނީ ތަޖްރިބާ އެކަން ދައްކާފައި އޮތްގޮތް، އެފިޔަވަޅުގައި، އެރޮނގުގައި އަޅުގަނޑުމެން ހިނގައިގެން. އަޅުގަނޑުމެންނަކަށް އަލުން ބަލުން އާކަމެއް ކުރެވޭކަށެއް ނެތް. މިދުނިޔެ އެއަށްވުރެ މާދޮށި. މިރާއްޖެވެސް އެއަށްވުރެ މާދޮށި. އަޅުގަނޑު ވަރަށް އުންމީދު ކުރަން، ރާއްޖޭގެ ރައްޔިތުން، ޚާއްޞަކޮށް، ރާއްޖޭގެ ކުދި ރަށްރަށުގެ ރައްޔިތުން، މިކަމާ ގުޅޭގޮތުން ހެޔޮ މަގަށް ވިސްނަވާނެ ކަމަށް. އަދި އަޅުގަނޑު ހަމަ ދަންނަވަން. ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން. މިކަމުގައި ތިޔަބޭފުޅުންގެ ފިކުރު އެހެން އަތަކަށް ހުރެގެން އެއީ ސަރުކާރަކުންވެސް އަޅުގަނޑުވެސް އެކަމަކާއެއް އިންކާރު ކުރާނެ ނުވަތަ ކިރިޔާވެސް ނުރުހުމުގެ ވިސްނުމެއް ގެންގުޅެން ޖާގައޮތް ސަބަބެއް ނޫން. އެހެނެއް އިރާދަކުރެއްވިއްޔަކާ އެކަމެއް ނުވާނެ. އަޅުގަނޑު ހަމަ މިދެކެނީ، އަޅުގަނޑު މިވާހަކަ ތިޔަބޭފުޅުންނަށް މިދަންނަވަނީ، އަޅުގަނޑުގެ ނަޒަރުގައި މިއީ ރަނގަޅު ކަމެކޭ، މިކަން ތިޔަބޭފުޅުން ކުރައްވައިފިއްޔާ، ތިޔަބޭފުޅުންގެ ރަށަށްވެސް، މިރާއްޖެއަށްވެސް ތަރައްޤީ ފަސޭހަވާނޭ. ހެޔޮކަން ބޮޑުވާނޭ.


އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم