بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 24 ސެޕްޓެމްބަރ 2010 ވީ ހުކުރު ދުވަސް. ނިމިދިޔަ ހަފްތާއަކީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ވިއްސާރަ ކުރި ހަފްތާއެއް. ޚާއްޞަކޮށް އައްޑުއަތޮޅަށް. ވަރަށް ބޯކޮށް ވާރޭވެހި، ގޭގޭގައި ފެންބޮޑުވެ، ވަރަށް ގިނަ ގެއްލުންތައްވަނީ ލިބިފައި. އައްޑުއަތޮޅުގެ ބައެއް އޮޅުތައްފުރި ބަންޑުންވާގޮތް މެދުވެރިވުމާއެކު، އޮޅުތަކުންނާއި މަގުތަކުން ފެންބޭރުކުރުމުގެ މަސައްކަތްތައް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރުވެސްދަނީ ކުރެވެމުން. އަދި ހަމަ އެހެންމެ ތިނަދޫގައި ވާރޭވެހިގެން، ތިނަދޫގެ ޙާލަތުވެސް އަޅުގަނޑު މިދެންނެވިހެން ފޭދޫގައި ކަންތައްދިޔަ ހިސާބަށްވަނީ ގޮސްފައި. އެހެން ނަމަވެސް، މިދެކަންތަކުގައިވެސް ފެންބޮޑުވުމުން މެދުވެރިވެފައިވާ ތަކުލީފުތައް ލުއިކޮށްދެއްވުމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ސަދަން ޔޫޓިލިޓީޒާއި އަދި ވަކިން ޚާއްޞަކޮށް، އެމް.އެން.ޑީ.އެފްއިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ވަރަށް ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރަން. އިރާދަކުރެއްވިއްޔާ މިމަސައްކަތުގެ ހެޔޮނަތީޖާތައް އަޅުގަނޑުމެންނަށް ޙާޞިލު ކުރެވޭނެ. މިކަންކަން ވިލަރެސް ކުރެއްވުމުގައި އަދާކުރައްވަމުންދާ ބުރަ މަސައްކަތްޕުޅުތަކަށްޓަކައި، ދެކުނު ޕްރޮވިންސް އޮފީހުގެ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު މިދެރަށާ ގުޅޭގޮތުންވެސް އިތުރަށް ދަންނަވަން ހުރި ވާހަކައަކީ، ފޭދޫވެސް، ތިނަދޫވެސް، ދެރަށުގައިވެސް ފެން ހިންދުމުގެ ނިޒާމާއި ޑްރެނޭޖް ސިސްޓަމާއި، ކާނުތަކާ، މިކަންކަން އަޅުގަނޑުމެން ދިގު މުއްދަތަށް ރާވައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ކޮށްނިންމާ ނުލެވިއްޖެނަމަ، އަބަދުވެސް ކޮންމެ ވިއްސާރަ މޫސުމެއްގައި ފެންބޮޑުވާތަނާ، މިބާވަތުގެ އަޅުގަނޑުމެން ދެކެން ބޭނުންނުވާ ސިފަތައް، ކަންކަން އަޅުގަނޑުމެންގެ ތެރެއިން ފެނިގެން މިދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އަމާޒަކީ، މިކަންކަމަށް ދާއިމީ ޙައްލެއް ހޯދުން. އަޅުގަނޑުމެން މިއަންނަ އަހަރުގެ ބަޖެޓްގައި، މިފަދަ ރަށްރަށް ޚާއްޞަކޮށް ފާހަގަކޮށްގެން، މިސާލަކަށް، ފަރެސްމާތޮޑާއަކީވެސް ގިނަގިނައިން ފެންބޮޑުވާ ރަށެއް. އައްޑުއަތޮޅު ހިތަދޫގައިވެސް ކުޅި ހިއްކުމާ ގުޅިގެން ފެންބޮޑުވުމުގެ ކަންތައް ހަމަ ދޭތެރެދޭތެރެއިން އެބައާދޭ. އެހެންވީމާ، މިރަށްރަށް ބަލައިގެން އަޅުގަނޑުމެންނަށް މިކަމުގައި ޖުމްލަ ޙައްލެއް ހޯދޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެޙައްލު ހޯދާނަން.

ސިވިލް ސަރވިސްއާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާ ކުރުމަށްޓަކައި ސަރުކާރުގެ ބައެއް ބޭފުޅުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ހިމެނޭ ކޮމިޓީއެއް މިދިޔަ ހަފްތާގައި އަޅުގަނޑު ވާނީ އުފައްދާފައި. އެކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވުނު. ކުރިއަށް އޮތްތަނުގައި މަހަކު އެއްފަހަރު މިކޮމިޓީ އިރާދަކުރެއްވިއްޔާ ބައްދަލުވާނެ. މިކޮމިޓީ ބައްދަލުވަމުން އަންނައިރުގައި، ކޮމިޓީގެ އެއްފަރާތް، ސިވިލް ސަރވިސް ކޮމިޝަން، އެފަރާތް ފާހަގަކުރައްވާނެ، ސިވިލް ސަރވަންޓުންގެ މުސާރަ އުފުލުމާ ގުޅޭގޮތުން. އަޅުގަނޑަށް ފާހަގަވި، ފިނޭންސް މިނިސްޓަރ، މާލީ ވަޒީރު ފާހަގަކުރައްވަމުން ގެންދެވި، 7 ބިލިއަނަށް އާމްދަނީ އެރީމާ މުސާރަ ބޮޑުވާނެ ކަމަށް. އަދި އަޅުގަނޑުމެން އުންމީދު ކުރާ ކަމަށް، އެއީ މިއަހަރުގެ ތެރޭގައި ހިނގާފާނެ ކަމެއްގެ ގޮތުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކަންކަން މިފެންނަނީ އުޖާލާކޮށް. އިރާދަކުރެއްވިއްޔާ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންނަށް ފެންނާނެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________